Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހޯދަން ކަލާ 3

Fihaaraeh Thereyn Level 110 Stories
May 23, 2026 8 Mins Read
4 Comments

ނޯޓް: ކިޔުންތެރިންގެ ހިޔާލުތައް ކޮމެންޓްކޮށްދެއްވުމަށް އެދެން

“ލޯންޗު ބުކްކޮށްފިން. އެކަމަކު އެންމެ އަވަހަށްވެސް ދެން އޮތީ މާދަމާ ހެނދުނު. އެހެންވީމާ، ތި ރަށުން ގެސްޓްހައުސްއެއް ހިފައިގެން މަޑުކުރޭ” ފޯނުގެ އަނެއްކޮޅުން ރައިހާން ބުންޏެވެ.

“އާނ، މާދަމާ މާލެ ލަފާ ގަޑިއަށް އަންނަށްޗޭ” މިހެން ބުނެ ނަވީން ފޯނު ބޭއްވިއެވެ.

“ދެނޯ؟” ކުރާނެ އިތުރުކަމެއް ނެތުމުން ލިވާން ސުވާލުކުރިއެވެ.

“މިރޭ ތިބޭނެ ކޮޓަރިއެއް ހޯދަންވީ” ނަވީން ޖަވާބުދިނެވެ.

“އަޖައިބެކޭ، މިރަށުން ހަވީރު ފުރާނެ ބޯއްޓެއްވެސް ނުވި؟” ޖަވާބަކަށް އުންމީދުކޮށްގެން ނޫން ނަމަވެސް ލިވާން އެހިއެވެ.

މެންދުރުގެ ގަދަ އަވީގައި ދެމީހުންވެސް ރަށުތެރޭގައި ހިނގަމުން ދިޔައީ ގެސްޓްހައުސްއެއް ފެނޭތޯއެވެ. “މިރަށުގައި ގެސްޓްހައުސްއެއް އަނެއްކާ ހުރޭތަ؟” ލިވާން ޖެއްސުމަށް ސުވާލުކުރަން ފެށިއެވެ. “މިހާރު ހިނގާތާ ކިހާ އިރެއްވެއްޖެ، ނުވާނެ މިކަމެއް.”

ލިވާން ކުދިކިޔަމުން ދަނިކޮށް، ނަވީން އަށް ގެސްޓްހައުސްއެއްގެ ކުރިމައްޗަށް ލަނބާލެވުނެވެ. “ބަލާބަލަ، މިހުރީނު، މަ އޭރު ވެސް ބުނިން މިމަގުގަ ހުންނާނޭ” ލިވާން ނަވީނަށް ބަލަމުން ހެމުން ބުންޏެވެ.

“ދެން އަވީގައި ނުހުރެ އެތެރެއަށް ވަދެބަލަ،” ނަވީން މިހެން ބުނެ ގެސްޓްހައުސްގެ އެތެރެއަށް ވަނެވެ.

“މަރުޙަބާ! ކިހިނެއްތޯ އެހީތެރިވެދޭންވީ؟” ރިސެޕްޝަނުގައި ހުރި މީހާ ހިނިތުންވުމަކާއެކު އަހައިލިއެވެ.

ލިވާން ވަގުތުން ބުންޏެވެ. “ގެސްޓް ހައުސް ތެރޭ ކޮޓަރި އެއް ހުރިއްޔާ ވެސް ވާނީ އެހީވެވުން ކަމަށް.”

ލިވާން ވާހަކަދެއްކި ގޮތުން ނަވީން އޭނާގެ ކޮނޑުގައި ހިފައި އެއްފަރާތް ކޮށްލިއެވެ. “އެއް ރެއަށް މަޑުކޮށްލަން ކޮޓަރިއެއް ބުކްކޮށްލެވިދާނެތޯ؟” ނަވީން އަހައިލިއެވެ. ރިސެޕްޝަނިސްޓް ހިނިތުންވެލާފައި ނަވީންގެ އެދުމުގެ މަތިން ކޮޓަރިއެއް ބުކްކޮށްދިނެވެ. “އާދެ ލައްބަ ކޮށްލެވޭނެ ދެއްތޯ”

ރިސެޕްޝަނިސްޓުގެ އިރުޝާދާއެކު ދެމީހުން ކޮޓަރިއާ ހަމައަށް ދިޔައެވެ. ތަޅުދަނޑި ދިއްކޮށްލުމުން ނަވީން އޭގައި ހިފައި، ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ.

“ލާ އިލާހަ އިއްލަﷲ! މިއީ ކޮން ކަހަލަ ތަނެއް؟ މިތަން ކިހާ ވަރަކަށްބާ ކުއްޔަށް މިދެނީ؟” ކޮޓަރީގެ ހާލަތު ފެނުމުން ލިވާން ހިތްހަމަނުޖެހިފައި ސުވާލުކުރިއެވެ.

ނަވީން މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ. “ތިންސަތޭކަ ރުފިޔާއަށް. ތިޔަ ޝަކުވާ ނުކޮށްބަލަ. މަގުމަތީގައި ނިދުމަށްވުރެ މިތަން މާ ރަނގަޅެއްނު؟” ނަވީން އެހެން ބުނުމުން ލިވާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އެނދުމައްޗަށް އަމިއްލަ ހަށިގަނޑު ދޫކޮށްލިއެވެ.

އެ ދުވަހުގެ ހަވީރުގެ ވަގުތުތައް އެމީހުން ހޭދަކުރީ އަމިއްލަ ކަންކަމުގައެވެ. ލިވާން މެދުނުކެނޑި އެއްނެތި އެ ކޮޓަރީގައި ހުރި އުނިކަންކަމުގެ ވާހަކަ ދައްކައި ޝަކުވާ ކުރަމުން ދިޔައެވެ. ނަވީން އިނީ އެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ، މާދަމާގެ މަސައްކަތަށް ތައްޔާރުވުމަށެވެ. ނަވީން ފުން ޚިޔާލެއްގެ ތެރޭގައި އިންދާ، ކުއްލިއަކަށް ލިވާން ހަޅޭއްލަވައިގަތުމުން އޭނާ ސިހުނެވެ.

“ކަލޯ! އޭ… އެ އަންހެނާގެ ފޯނު ކޮބާ؟ އެ ނެތިގެން އޭނާ ފުލުހަށް ނުދާނެކަމެއްވެސް ނޭނގެއެއްނު!” ލިވާން ދެއަތުން ބޮލުގައި ހިފަހައްޓާލަމުން، ކަންބޮޑުވެފައި ބުންޏެވެ.

ނަމަވެސް ނަވީން އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާ ބުންޏެވެ. “ކަލޭ ތިޔަ ހަމަޖެހިބަލަ، އެ ފޯނު ކެފޭގެ ކައުންޓަރުގައި ހުރި މީހާ އަތަށް އެއީ މިތަނަށް ވެއްޓިފަ އޮތް އެއްޗެކޭ ކިޔާ ދީފިން. އެތަނުގައި ސީ.ސީ.ޓީ.ވީ ކެމެރާއެއް ހުރިތޯވެސް ޗެކް ކުރިން. ހިއެއް ނުވޭ ހޯދަން އުޅުނަސް އަހަރުމެންނަށް ޓްރޭސް ބެކް ކުރެވޭނެހެނެއް.”

ނަވީންގެ ޖަވާބުން ލިވާންގެ މޫނުމަތިން ފެނުނު ކަންބޮޑުވުން ފިލައިދިޔައެވެ. އޭނާ އެނދުގައި އޮށޯންނަމުން ބުންޏެވެ. “އާނ އޯކޭ ބުރޯ، ކަލޭ މޮޅޭ. މަ މިދަނީ ނިދަން، މަ ވާ ސަލާމް” މިހެން ބުނެ ލިވާން މޫނުމައްޗަށް ބާލިހެއް ލައިގެން އޮއްވާ މާ ގިނަ އިރުތަކެއް ނުވެ ނިދިއްޖެ އެވެ.

ލިވާން ނިދި ނަމަވެސް، ނަވީން އެ ރޭގެ ގިނަ ވަގުތު ހޭދަކުރީ ނުނިދާ ހޭލައެވެ. އޭނާގެ ހިތާއި ސިކުނޑީގައި އެނބުރެމުން ދިޔައީ ލައިރާއާ މެދު ކުރެވޭ ފުން ޚިޔާލުތަކެވެ.

އިރު އެރުމާއެކު ނަވީން ލިވާންއަށް ގޮވައި، ދެމީހުން ފުރަން ތައްޔާރުވިއެވެ. ހޮޓަލުން ނުކުންނަމުން ނަވީން ވަނީ އެ ރޭގެ ފައިސާ ރިސެޕްޝަނާ ހަވާލުކޮށްފައެވެ. ލިވާން އާއި ނަވީން އަތިރިމައްޗަށް ދިއުމަށް ގިނަ ވަގުތުތަކެއް ނުނެގިއެވެ. އެ ރަށުގައި ހޭދަކުރި ދުވަސްތަކުގެ ހަނދާނާ އެކު، ދެމީހުންވެސް އެމީހުންގެ ދަބަސްތައް ހިފައިގެން ލޯންޗަށް އެރިއެވެ.

ލޯންޗުގެ ސީޓުގައި ހަމަޖެހިލިތަނާހެން، ލޯންޗުގެ ކައްޕިއަށް ނަވީން އާއި ލިވާން ފެނުމުން ސުވާލުކުރިއެވެ. “ހާދަ އަވަހަކަށް ތިޔަ ފުރަނީ؟ ރަށް ކަމުނުދިޔައީތަ؟”

ކައްޕީގެ ސުވާލަށް ޖަވާބުދެމުން ލިވާން ބުންޏެވެ. “އާނ ކަލޯ، މީ ކަމުދާ ރަށެއް ނޫން.” ލިވާންގެ މިހެން ބުނި އަޑު އިވުމުން، އިތުރު އެއްޗެއް ނުބުނުމަށް ނަވީން އޭނާއަށް އިޝާރާތް ކުރިއެވެ.

ކިނބިދޫއިން މާލެއަށް ދިއުމަށް ގާތްގަނޑަކަށް 5 ގަޑިއިރު ނަގައެވެ. މި ވަގުތުތައް ފާއިތުވެގެން ދިޔައީ ވަރަށް ހިމޭންކޮށެވެ. މެންދުރު 12 ޖަހައި ބޮޑުވިފަހުން ލޯންޗު މާލޭގެ ފާލަމަށް ގާތްކުރިއެވެ. ލޯންޗުން ފޭބި ވަގުތު ނަވީން އަށާއި ލިވާން އަށް ރައިހާން ފެނުނެވެ. އޭނާ ހުރީ އެމީހުންގެ އިންތިޒާރުގައި ބަނދަރުމަތީގައެވެ.

ފެނުމާއެކު ނަވީން އާއި ލިވާން ރައިހާނާ ދިމާއަށް ހިނގައިގަތެވެ. “އައްސަލާމް ޢަލައިކުމް،” ނަވީން އަށް ސަލާމްކުރުމަށް އަތް ދިއްކޮށްލަމުން ރައިހާން ބުންޏެވެ. ނަވީން ސަލާމް ބަލައިގަތެވެ.

“އޭ ދެން މިތާ ކޮޅަށް ނުތިބެ ކޮންމެވެސް އެއްޗެއް ކާން ހިނގާބަލަ. ރޭއްސުރެ މި ހުރީ ހައިބަނޑާއި” ބަނޑުހައިވެފައި ހުރި ލިވާން ބުންޏެވެ.

ރައިހާން އެއަށް ޖަވާބު ދިނެވެ. “ކައިރީގައި ހުރި ރެސްޓޯރަންޓްއަށް ދާން ހިނގާ. ދަބަސްތައް ހިފައިގެން ދިޔަޔަސް ރަނގަޅުވާނެ.” ނަވީން އެއްވެސް އެއްޗެއް ނުބުނެ، ރައިހާން އާއި ލިވާންގެ ފަހަތުން ރެސްޓޯރަންޓާ ދިމާއަށް ހިނގައިގަތެވެ.

ރެސްޓޯރަންޓްއަށް ވަދެ ތިން އެކުވެރިން މޭޒެއްގެ ދޮށުގައި ހަމަޖެހިލިއެވެ. ރައިހާން ވެއިޓަރަށް ގޮވައި، އެންމެންނަށް ބޭނުންވާ ކާތަކެއްޗަށް އޯޑަރު ދިނެވެ. ވެއިޓަރު އޯޑަރު ނަގައިގެން ދިއުމުން، ރަށުގައި ކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ނަވީން ރައިހާން އަށް ކިޔައިދިނެވެ.

“އެހެންވީމާ، އަސްލު ލައިރާއަށް ވީގޮތެއް ނޭނގެ ދޯ؟” ރައިހާން ސުވާލުކުރިއެވެ.

ލިވާން މެދުވެރިވެ ބުންޏެވެ. “މާއި، ނޭނގޭތީ އެއްނު މި އުޅެނީ. މަ ހައި ބަނޑާއި ހުންނައިރު މާ ބޭކާރު ސުވާލު ކުރަން ނުހަދާ”

ދެން ނަވީން އަހާލިއެވެ. “ރައިހާން އަށް ހިވަނީ ކިހިނެއް ހެން ލައިރާ އަށް ވީ؟”

ރައިހާން ފުންކޮށް ވިސްނާލުމަށްފަހު ޖަވާބު ދިނެވެ. “ބޮޑަށް ލަފާކުރެވެނީ އިންސާނީ ވަގުފާރި ކަމަށް”

ރައިހާންގެ ވާހަކައަށް އިންކާރު ކުރާ ފަދަ ރާގަކަށް ލިވާން ބުންޏެވެ. “ރާއްޖޭގަ؟”

ލިވާން އާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ރައިހާން އޭނާގެ ހުއްޖަތްތައް ދައްކަން ފެށިއެވެ. “ކަންކަމާ ވިސްނާމީހުންނަށް މަ މީ ކިޔާ އެއްޗެއް ހަމަޖެހޭނެ. ލައިރާގެ މަންމައަށް މަހަކު ލިބޭ ލާރީގެ ވާހަކަ، މޫސާ ވަލީދު މާލެ މެދުވެރިކޮށް ޔޫރަޕަށް ލައިރާ ފޮނުވިކަމުގެ ވާހަކައިގެ އިތުރުން، ޑޭވިޑް ޝޭންގެ ވިޔަފާރީގެ ވާހަކަތަށް އަޑު އިވުނީމަ ކަލެއަކަށް ހީނުވޭތަ؟.”

ރައިހާންގެ ވާހަކަތަކަށް ތާއީދުކުރާ ފަދަ ގޮތަކަށް ނަވީން ބޯޖަހާލިއެވެ. “އާނ، ބޮޑަށް ބެލެވޭ ތިހެން.” ލިވާންވެސް ދައްކާނެ އިތުރު ވާހަކައެއް ނެތުމުން އެކަމަށް އެއްބަސްވިއެވެ.

އިރުކޮޅެއްގެ ތެރޭގައި ވެއިޓަރު ކާތަކެތި ހިފައިގެން އައުމުން، އެ ތިން އެކުވެރިން ކެއުމައިގެން ކުރިއަށް ދިޔައެވެ.

ކައި ނިމިގެން ފެންބުއިމަށްފަހު ލިވާން ވާހަކަ ދައްކަން ފެށީ ސާރކައިސްޓިކް ރާގަކަށެވެ. “ދެނޯ؟ ޔޫރަޕަށް ދާންވީ؟”

ނަވީން ޖަވާބުގައި ބުންޏެވެ. “ކޮންމެ ގޮތެއް ވިޔަސް ލައިރާ ޖެހޭނެ ހޯދަން، ކީއްތޯ ވީ ބަލަން މަ ބޭނުން. ޔޫރަޕަށް ނުދިޔައަސް، މޫސާ ވަލީދުއާ ދިމާލައް ދެވޭނެ އެއްނު. އޭނަ އާއި ވާހަކަ ދެއްކީމަ އާ އެއްޗެއް އިނގިދާނެ ތާ”

މިހެން ބުނުމުން ލިވާން ރައްދުގައި ބުންޏެވެ. “އާނ، އަހަރެމެން ތިންމީހުން ނޭނގޭ މީހެއްގެ ގެއަށް ގޮސް، އިންސާނީ ވަގުފާރީގެ ތުހުމަތްކޮށް، ސުވާލުކުރީމާ ވަރަށް ރަނގަޅަށް ޖަވާބު ދޭނެ. ކަލޭ އަށް އޭނާ ގޭގައި އުޅެނީ އެކަނި ކަންވެސް ނޭނގެ. ފުލުހުންނަށް ގުޅައިގެން އަހަރުން ތިނެތި ޖަލަށްލީމަ ހުންނާނީ ރާކަޑަމަސް ކެވިފަ.”

ލިވާންގެ އެ ވާހަކައަކީ ހަގީގަތެއްކަން ގަބޫލުކުރެވޭތީ، ނަވީން އެއްވެސް އެއްޗެއް ނުބުނެ އިނެވެ. އެވަގުތު ރައިހާން ވާހަކަ ދައްކަން ފެށިއެވެ. “މިކަމުގައި މަގޭ އެބަ އޮތް ހިޔާލެއް” މިހެން ބުނުމުން ނަވީންއާއި ލިވާންވެސް ޝައުގުވެރިކަމާއެކު ރައިހާން އާއި ދިމާލަށް ބަލާލިއެވެ.

“މިލްޝާ އެހުރީނު؟” ރައިހާން ހިނިތުންވުމަކާއެކު ބުންޏެވެ.

ލިވާން މޫނުމަތީގައި އަތްއަޅަމުން ބުންޏެވެ. “މަށަށް ހީވެސް ވިއޭ ކަލޭ އޭނާގެ ވާހަކަ ނުދައްކާ ނުހުރެވޭނެހެން”

ރައިހާން ރައްދުގައި ބުންޏެވެ. “އޭނާގެ ވާހަކަ ދައްކަން ޖެހުނީމަ މި ދެއްކީ. ކަލެއަށްވެސް އެނގޭނެ އޭނާ އެތެރޭގެ މިހެއްގެގޮތުން އެހީ ނުވިނަމަ ނަވީންގެ ރޭވުން ކާމިޔާބު ނުވިސްކަން.”

އެވަގުތު ނަވީން ސުވާލުކުރިއެވެ. “މިލްޝާ މިކަން ކޮށްދޭނެތަ؟؟ މީ އޭނަ އާއި ވާކަމެއް ނޫނެއްނު”

ރައިހާން ޖަވާބު ދިނެވެ. “ހިނގާބަލަ މިލްޝާގެ ގެއަށް ދާން. ގޮސް އަހާލީމާ އެނގޭނެތާދެން.”

ލިވާން މަޑުމަޑުން ބުންޏެވެ. “ކަލޭއަށް އެނގޭދޯ އޭނަ އުޅޭތަން ވެސް؟”

ރައިހާން ތެދުވުމުން ނަވީންއާއި ލިވާންވެސް އޭނާއާ އެކު ތެދުވިއެވެ. އަދި ރައިހާންގެ ފަހަތުން މިލްޝާމެންގެ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

މިލްޝާއަކީ ޖެންޑަރ މިނިސްޓްރީގެ ސެކިއުރިޓީއެއްގެ ގޮތުގައި ވަޒީފާ އަދާކުރި، އުމުރުން 21 އަހަރުގެ ހީވާގި ކުއްޖެކެވެ. އޭނާއަކީ ހަންގަނޑު އަލި، ރީތި ކުއްޖެކެވެ. ނަވީންގެ ރޭވުން ކާމިޔާބުކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީވެސް އޭނާއެވެ. ފުރަތަމަ ބައްދަލުވީއިރު ޖެންޑަރ ގައި މުވައްޒަފެއް ނަމަވެސް، ރައިހާން އާއި ދެކެވުނު ވާހަކަތަކަކަށްފަހު އެ ގުޅުން ވަނީ ގާތް އެކުވެރިކަމަކަށް ބަދަލުވެފައެވެ.

ފަނަރަވަރަކަށް މިނެޓު ހިނގުމަށްފަހު ރައިހާން އަށް މިލްޝާމެންގެ ގެއަށް ދެވުނެވެ. އެއީ ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ދެބުރި އިމާރާތެކެވެ. ރައިހާން ގޮސް ދޮރުގައި ޓަކިޖަހާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަންހެން ކުއްޖަކު ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ރައިހާން ފެނުމާއެކު، އުފަލުން ގޮސް އަނގަމަތީގައި އޭނާއަށް އަތްއަޅައިލެވުނެވެ. އަދި ބޭއިޚްތިޔާރުގައި ރައިހާންގެ ގައިގައި ބައްދާލެވުނުއެވެ. މި މަންޒަރު ފެނުމުން ލިވާން މަޑުމަޑުން ނަވީންގެ ކައިރީގައި “ޖަސްޓް ފްރެންޑްސް” މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

ރައިހާންގެ ފަހަތުގައި ނަވީންއާއި ލިވާން ތިބިކަން މިލްޝާއަށް ފާހަގަވީ ދެނެވެ. އޭނާ އަވަސްއަވަހަށް ރައިހާން އާއި ދުރުވެލައި، ހަމަޖެހިލިއެވެ. “ހަ މަސް ދުވަސް ފަހުން ދޯ އަނެއްކާވެސް މި ފެނުނީ” ރައިހާން ބުންޏެވެ.

“ލައްބަ، ދެން ބޭރުގައި ނުތިބެ ހިނގާ އެތެރެއަށް ވަންނަން” މިލްޝާ އެންމެންނަށް ގެއަށް ވަނުމަށް ދައުވަތު ދެމުން ބުންޏެވެ.

މިލްޝާގެ ދައުވަތު ގަބޫލުކޮށް، ތިން އެކުވެރިން ގޭތެރެއަށް ވަދެ، އޭނާ ދެއްކި ސިިޓިންގ ރޫމުގެ ސޯފާގައި އިށީނދެލިއެވެ. އެއް ސޯފާގައި ލިވާންއާއި ނަވީން އިށީނދެގެން ތިބިއިރު، އަނެއް ސޯފާގައި އިށީނީ ރައިހާން އާއި މިލްޝާއެވެ. މިލްޝާ އިށީނުމާއެކު، ރައިހާނާ ދިމާއަށް އެނބުރިލާފައި އޭނާގެ އުޅަބޮށި ރައިހާން ގެ ފައިމަތީ ބޭއްވިއެވެ. އަދި އެމީހުން އެ އައީ ކޮން ބޭނުމަކުތޯ ސުވާލުކުރިއެވެ.

ދެން ހޭދަވެގެންދިޔަ ވަގުތުތަކުގައި ނަވީންއާއި ރައިހާން ވެގެން، މިހާރު ކަންތައްތައް ހިނގަމުންދާ ގޮތާއި އެމީހުން އުޅޭ މަގުސަދު މިލްޝާއަށް ވަރަށް ތަފްސީލުކޮށް ކިޔައިދިނެވެ. މި ވާހަކަތައް ދިގުލައިގެން ދިއުމުން، ލިވާން އިނީ ފޫހިވެގެން ސިިޓިންގ ރޫމުގެ ފާރުގައި ހުރި ކުރެހުންތަކަށް ބަލާށެވެ. ނަމަވެސް މިލްޝާ ވާހަކަދައްކަން ފެށުމުން އޭނާ އަލުން އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ.

“އެހެންވީމާ، އަޅުގަނޑު ކޮށްދޭންވީ ކަމަކީ މޫސާ ވަލީދުމެންގެ ގެއަށް ގޮސް، އެހެން ކިޔާ މީހަކު އުޅޭތޯ ބަލާ، އުޅެނީ އެކަނި ތޯ ޔަގީންކުރުން ދޯ” މިލްޝާ ސުވާލުކުރިއެވެ.

ރައިހާން ވަގުތުން ޖަވާބު ދިނެވެ. “އާނ. އެކަން ވާނެތަ؟”

ނަވީންވެސް އެދުމަކާއެކު ބުންޏެވެ. “މިލްޝާ ކޮށްދީފިޔާ ތި ކޮށްދިނީ ވަރަށް ބޮޑު ކަމެއް”

ލިވާން ފަހަތަށް އެނބުރިލަމުން، އެގޭގައި ހުރި މަސްޓޭންކެއްގެ ތެރެއަށް ގަލަމަކުން ކޮއްޓަން އިނދެ ބުންޏެވެ. “އަހަރުން އަމިއްލަ އެކަން ކޮށްގެން ތިބޭނީ ޖަލުގަ”

ލިވާންގެ އެ ވާހަކައިން މިލްޝާއަށް ހެވުނެވެ. “ތިޔަ ބުނާހެން ޖަލަށް ދާން އުޅޭ ބައެއް ނަމަ، މިހާރުވެސް ތިބޭނީ ޖަލުގަ.”

މިލްޝާ ހިނިތުންވުމަކާއެކު ބުންޏެވެ. “ރައިހާންމެން ކަމަކަށް އެދުމުން، އެކަން ނުކޮށްދީ ހުންނާކަށް ނުކެރޭނެ. ތި ވާހަކަ އަޑު އިވިފަވެސް އަހަރެން ބޭނުން އެހީވެދޭން”

މިލްޝާގެ ވާހަކައިން ހިތްހަމަޖެހިލާފައި، ނަވީން ހީލަމުން ލިވާން އަށް ގޮވައި ކައިރީގައި އިށީނުމަށް ބުންޏެވެ. ލިވާން އައިސް އިށީނުމުން، ނަވީން އޭނާގެ ރޭވުން އެންމެންނަށް ކިޔައިދޭން ފެށިއެވެ. ރައިހާން އާއި، މިލްޝާ އަދި ލިވާން އަށް އިހުސާސްވީ މާޒީގެ ހަނދާންތަކެއް އާވިހެންނެވެ. ނަވީންއަކީ ކަމެއް ރާވައިފިނަމަ، އޭގައި އެއްވެސް އުނިކަމެއް ނުބާއްވައި، ވަރަށް ފުރިހަމައަށް ކަންކަން ނިންމާ ހުޝިޔާރު ވިސްނުމެއްގެ ވެރިއެކެވެ.

***ރޭވުންތައް ނިންމައި، ހަވީރުގެ ވަގުތު***

“އަނެއްކާ މިލްޝާއަށް އެ ވަލީދު ކަމެއް ކުރިއްޔޯ؟” ކާރުގެ ތެރޭގައި ތިބި ލިވާންއާއި ނަވީންއާ ދިމާއަށް ރައިހާން ކަންބޮޑުވުމާއެކު ސުވާލުކުރިއެވެ.

ނަވީންގެ ރޭވުމާ އެއްގޮތަށް، މިހާރު އެ ތިން އެކުވެރިން ތިބީ މޫސާ ވަލީދުމެންގެ ގޭގެ ކައިރީގައި މަޑުކޮށްގެން އޮތް މިލްޝާގެ ކާރުގެ ތެރޭގައެވެ. އިންތިޒާރު ކުރަމުންދަނީ ކުރިއަށް އޮތް ފިޔަވަޅު އަޅާނެ ވަގުތަށެވެ.

“ހާދަ ވަރަކަށް މިލްޝާ މަތިން ވިސްނޭއޭ ދޯ؟” ލިވާން ރައިހާންއާ ދިމާއަށް ބުންޏެވެ. ނަވީން ރައިހާންގެ ކޮނޑުގައި އަތްބާއްވާލަމުން ސަމާސާ ރާގަކަށް ބުންޏެވެ. “ކަލޭގެ ޓު ބީ ވައިފް އަކަށް ނުވާނެ ގޮތެއް.”

ރައިހާން ލަދުން އިނދެ ވާހަކަދައްކަން ފެށިއެވެ. “އާނ، ދެން ނިންމާލަ. އެހެންނޫނަސް ނަވީން ބުނިގޮތަށް މިލްޝާ ގައިގާ އެހުރީ ވަޔާރ ޓޭޕް އާއި އޭއައި އައިނު އަޅުވާފައެއްނު. ކަމެއް ނުބައިކޮށް ގޮއްސިޔާ އިގޭނެއެއްނު”

ލިވާން އަނެއްކާވެސް ރައިހާނާ ދިމާކޮށްލުމުގެ ގޮތުން ބުންޏެވެ. “ވަޔަރޓޭޕް އޭނާގެ ގައިގައި އަޅުވަދިނީވެސް ކަލޭ ދޯ؟” މިހެން ބުނެ ލިވާން ހޭންފެށުމުން ނަވީންވެސް އެކަމުގައި ބައިވެރިވިއެވެ. ރައިހާން އިނީ ލަދުން ގޮސް ބުނާނެ އެއްޗެއް ނޭނގިފައެވެ.

އެމީހުންގެ ސަމާސާ މެދުކެނޑުނީ ރައިހާންގެ ލެޕްޓޮޕުން މިލްޝާގެ އަޑު އިވުމުންނެވެ. “ކޮބާ، އަޑު އިވޭތަ، ފެނޭތަ؟؟” މިލްޝާ ސުވާލުކުރިއެވެ. ރައިހާން ވަގުތުން ޖަވާބު ދިނެވެ. “ލައްބަ އެބަ އަޑު އިވޭ، ބަލައިގެން އުޅޭތި މިލްޝާ”.

ރައިހާން އެހެން ބުނުމުން ލިވާން އަނެއްކާވެސް މަލާމާތުގެ ރާގަކަށް އަޑެއް ލައްވާލިއެވެ. ނަމަވެސް ރައިހާންގެ މުޅި ސަމާލުކަން ހުރީ މިލްޝާގެ އަޑަށެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި މިލްޝާގެ އޭއައި އައިނުން ފޮނުވަމުންދިޔަ ވީޑިއޯ މަންޒަރުތައް ލެޕްޓޮޕުން ފެންނަން ފެށިއެވެ. ނަވީންއާއި ލިވާންވެސް ރައިހާން އާ އެކު ފަރުވާތެރިކަމާއެކު އެ މަންޒަރުތަކަށް ބަލަން ފެށިއެވެ.

މިލްޝާ އަމިއްލަ ނަފްސަށް އިތުބާރު ދެމުން “އައި ކޭން ޑޫ ދަސް” އޭ ކިޔަމުން، މޫސާ ވަލީދުމެން ގޭގެ ގޯތިތެރެއަށް ވަދެ، ދޮރާ ހަމަވުމުން ޓަކިޖަހާލިއެވެ. ޓަކިޖެހިތާ މާ ގިނައިރުތަކެއް ނުވެ، މެދުއުމުރުގެ ފިރިހެނަކު ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުމާއެކު މިލްޝާ ވަރަށް ހަމަޖެހިލާފައި ވާހަކަދައްކަން ފެށިއެވެ.

“އައްސަލާމް އަލައިކުމް. އަހަރެން މިއީ ބޯހިޔާވަހިކަމުގެ ދިރާސާއެއްގެ ދަށުން ގޭގޭގައި ދިރިއުޅޭ މީހުންގެ އަދަދު ބެލުމަށް ފޮނުވާފައި ހުރި މުވައްޒަފެއް. އަހަރެންގެ ނަމަކީ އައިޝަތު ލަމްސާ. އަޅުގަނޑު މި ވާހަކަދައްކަނީ ކޮން ބޭފުޅަކާތޯ؟”

މިލްޝާގެ ސުވާލަށް ޖަވާބުދެމުން އެމީހާ ބުންޏެވެ. “މޫސާ ވަލީދު.”

މި އަޑު މިލްޝާގެ ގައިގައި ހަރުކޮށްފައިވާ ވަޔަރޓޭޕުން ކާރުގައި ތިބި ނަވީންމެންނަށް ސާފުކޮށް އިވުނެވެ. “އެ ގޮލާ ދޯ މި” ލިވާން މަޑުމަޑުން އެހިއެވެ.

މިލްޝާ އެއްވެސް ޖެހިލުމެއް ނެތި ސުވާލު ކުރިއަށް ގެންދިޔައެވެ. “މި ގޭގައި މިހާރު ދިރިއުޅެނީ ކިތައް ބޭފުޅުންތޯ؟”

މޫސާ ވަލީދު ކުޑަ ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ. “އާދެ، މިވަގުތު މިގޭގައި އުޅެނީ އަޅުގަނޑު އެކަނި. އާއިލާގެ މީހުން ދިޔައީ ރިސޯޓަކަށް ޗުއްޓީ ހޭދަކޮށްލަން. އެމީހުން އެނބުރި އަޔަސް މިގެއަކަށް ނާންނާނެ.”

މިލްޝާ ރައްދުގައި ބުންޏެވެ. “އެހެންވީމާ، މިގޭގައި އިތުރު ބަޔަކު ނޫޅޭކަމަށް އަޅުގަނޑު ނޯޓުކުރާނަން. ދެން ނިމުމުގެ އިޖުރާއަތެއްގެ ގޮތުން، އައިޑީ ކާޑު ދައްކާލެވިދާނެތޯ؟”

މިލްޝާ އެހެން ބުނުމުން، މޫސާ ވަލީދު އެއްވެސް ޝައްކެއްނެތި އޭނާގެ ޖީބުގައި އޮތް ވޮލެޓުން އައިޑީ ކާޑު ނަގައި މިލްޝާއާ ހަވާލުކުރިއެވެ. މިލްޝާ އެ ކާޑުގައި ހިފާ، އޭގައިވާ މައުލޫމާތު ކިޔާކަމަށް ހެދި ނަމަވެސް، އަސްލު ބޭނުމަކީ އޭނާ އަޅައިގެން ހުރި އޭއައި އައިނު މެދުވެރިކޮށް އެ ކާޑުގެ ސާފު މަންޒަރެއް ލެޕްޓޮޕަށް ފޮނުވައި ރެކޯޑު ކުރުމެވެ.

“އުމުރުން 43 އަހަރު، މަރަނަ، ކާފު މާލެ، މޫސާ ވަލީދު، އޭ087214،” ލެޕްޓޮޕްގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ ނަވީން އެ މައުލޫމާތުތައް ކިޔާލިއެވެ.

ރައިހާންވެސް އެ މަންޒަރު ފެނުމުން ބުންޏެވެ. “ހީކުރި ވަރަށް ވުރެ ބޮޑު މީހެއް ދޯ؟”

މިލްޝާ އައިޑީ ކާޑު އަނބުރާ ދެމުން ވަރަށް އަދަބުވެރިކަމާއެކު ބުންޏެވެ. “އެންމެ ރަނގަޅު. ތިޔަ ދެއްވި ވަގުތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ”

މިހެން ބުނެ މިލްޝާއާއި މޫސާ ވަލީދު ވަކިވިއެވެ. މިލްޝާ ވަގުތުން ނަވީންގެ ރޭވުމާ އެއްގޮތަށް، ކުޑަ ވަގުތުކޮޅަކަށްފަހު އެނބުރި ކާރަށް ވަދެ އިށީނދެލިއެވެ.

“ކޮބާ، ހުރިހާ އެއްޗެއް ފެނުން ދޯ؟” މިލްޝާ ނަވީންއާ ސުވާލުކުރިއެވެ. ނަވީންއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ރައިހާން ބުންޏެވެ. “އާނ، ހުރިހާ މަންޒަރާއި އަޑެއް ސާފުކޮށް އިވުން.”

“ދެން އޮތީ؟” މިލްޝާ އަހާލިއެވެ. ލިވާން އޭގެ ޖަވާބުގައި ބުންޏެވެ. “އެގޮލާ ކަން ޔަގީން ވީ އޭ ކިޔާފަ ވަކި ކީއް ކުރެވޭނީ، އޭނާ އެއްވެސް ކަމެއް ކުރި ކަމުގެ ހެއްކެއް ނެތެއްނު، ހަމަ ތިބެން ޖެހޭނީ ދޯ”

ލިވާންގެ އެ ވާހަކަ އަޑުއަހަން ހުރި ނަވީން ކުއްލިއަކަށް ބުންޏެވެ. “ކަމެއް ނުކުރެވޭނޭ ބުނީ ކާކު؟” މިހެން ބުނެ ނަވީން ބާރަށް ކާރުން ނިކުތެވެ. އޭނާ އެ ދިޔަ ބާރުމިނުގައި ދިޔައީ ވަލީދު އަށް ހަމަލާދޭންކަން ކާރުގައި ތިބި ރައިހާން އާއި ލިވާން އަދި މިލްޝާއަށް ކަށަވަރުވިއެވެ.

“ނަވީން، މަޑުކުރޭ!” ލިވާންއާއި ރައިހާން އެކުގައި ގޮވަމުން ކާރުން ފޭބިއެވެ. ނަމަވެސް ނަވީން ހުރީ އެ އަޑުތައް އަހާ ފަދަ ހާލަތެއްގައެއް ނޫނެވެ. އޭނާ ގޮސް އެ ގޭގެ ދޮރުމައްޗަށް އަރައި، މުޅި ބާރުލާފައި ފައިން ޖެހިެއެވެ. ޖެހި ބާރުމިނުގައި ތަޅު ދޮރާ ވަކިވެ ހުޅުވުނެވެ.

މި އަޑު އިވިގެން، ވެގެން އުޅޭގޮތް ބަލަން ވަލީދު ދޮރުމައްޗަށް ނިކުތް ވަގުތު، ނަވީން އޭނާގެ ޓީޝާޓުގައި ހިފައި ކައިރީގައި ހުރި ފާރާ ދިމާއަށް ބާރަށް ހޫރުވާލިއެވެ. ލިބުނު ކުއްލި ސޮކާއި ތަދުގެ ސަބަބުން ވަލީދު “އަލިފާނޯއި” ކިޔައި ހަޅޭއްލަވަމުން ނަވީންގެ ބޮލުގައި ހިފައި ދުރުކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ނަވީންގެ ކަކުލުން ވަލީދުގެ ބަނޑުގެ އަރިމައްޗަށް ބާރުބާރަށް ހަމަލާދޭން ފެށިއެވެ. ވަލީދު ނޭވާ ހާސްވެ، ވަރުދެރަވަންދެން ނަވީން އެ ހަމަލާތައް ހުއްޓައެއް ނުލިއެވެ. އެއަށްފަހު އަތުގެ މުށްކަވާފައި ވަލީދުގެ މޫނުމަތީގައި ޖަހައި ބިންމައްޗަށް ވައްޓާލިއެވެ.

ނަވީންގެ ހިތުގައި އުފެދިފައިވާ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ. އޭނާ ވަލީދުގެ ގަޔަށް އަރައި އިށީނދެ، ވަލީދުގެ މޫނާއި އަނގަމަތިން ލޭ އޮހޮރި، އޭނާ ހޭނެތެންދެން ހުއްޓުމެއްނެތި މޫނުމަތީގައި ޖަހަމުން ދިޔައެވެ. ލިވާންއާއި ރައިހާން އަދި މިލްޝާއަށް އެތެރެއަށް ވަދެވުނުއިރު، ނަވީން ވަނީ ވަލީދު ހޭނައްތާލައި، މުޅި އެ ސަރަހައްދު ވަލީދުގެ ލެއިން ތަޣައްޔަރުކޮށްލާފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fihaaraeh Thereyn

Level 110 Stories

Other Articles

Previous

ތަޤުދީރު – 2

Next

ގޮތް ހުސްވެފައި ހުރީމޭ..17

Next
May 24, 2026

ގޮތް ހުސްވެފައި ހުރީމޭ..17

Previews
May 23, 2026

ތަޤުދީރު – 2

4 Comments!

  1. Sheex says:
    May 24, 2026 at 6:09 am

    V reethi mi part MA
    Alhey haadha sus ey mi parts
    OMG HAADHA ROMANTIC COUPLES EKEY
    WHEN 4TH PART?
    CW4THENEXTP
    TC

    1. Fihaaraeh Thereyn says:
      May 24, 2026 at 6:15 am

      thankyou smm🥹🩷
      4th part is coming out varah avahah

  2. Lulu says:
    May 24, 2026 at 2:47 pm

    Nice.

    1. Fihaaraeh Thereyn says:
      May 24, 2026 at 3:04 pm

      thankyouu🩷
      pls look forward to the other chapters🥹 it gets more interesting

Comments are closed.

Next Episodeހޯދަން ކަލާ 4←


All Right Reserved!