ހޯދަން ކަލާ 2
ނޯޓް: ކިޔުންތެރިންގެ ހިޔާލުތައް ކޮމެންޓްކޮށްދެއްވުމަށް އެދެން
ލައިރާގެ މަންމަ، ލައިރާގެ އަތުގައި ގަދަކަމުން ހިފަހައްޓައިގެން ހުރެ، އޭނާ ކުރަމުންދިޔަ އާދޭސްތަކާއި ރުއިމަށް ބެލުމެއްނެތި، ލައިރާ ގޭތެރެއަށް ވައްދައިފިއެވެ. “ކަލެއާއި ނަވީން ދެން ކިތަންމެ ބޭނުންވިޔަސް ބައްދަލެއް ނުކުރެވޭނެ. އޭނާއަށް ކަލޭ ފެންނަ ހިސާބަށްވެސް ނުދެވޭނެވަރު އަހަރެން މިފަހަރު ކުރާނަން،” ފޯނު ނަގަމުން ލޫނާ ހަޅޭއްލަވައިގަތެވެ.
ގިސްލާ ރޮމުން ލައިރާ އޭނާގެ މަންމަގެ ކިބައިން އާދޭސް ކުރަން ފެށިއެވެ. “މަންމާ، ތިހެން ނުހަދާ! ނަވީން އަހަންނަކަށް އެއްވެސް ގެއްލުމެއް ނުދޭ….މަންމާ..!،…އަ-އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ..!” ނަމަވެސް ލޫނާ ހުރީ ލައިރާގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީގެންނެވެ. އޭނާ ފޯނުން ނަންބަރަކަށް ގުޅަން ފެށުމާއެކު، ލައިރާގެ ރުއިން މެދުކެނޑި، މަންމަ އެ ގުޅަނީ ކާކަށް ބާވައޭ ހިތަށް އަރައި ސުވާލު އުފެދުނެވެ.
“އައްސަލާމް އަލައިކުމް. މިއީ ޖެންޑަރ މިނިސްޓްރީ ތޯ؟ އާދެ…،
…އާން.” މި އަޑު އިވުމާއެކު ލައިރާގެ ހިތް ހުއްޓުނު ފަދައެވެ. ލިބުނު ސިހުމާއި ހިތާމައިގެ ބޮޑުކަމުން އޭނާގެ އަނގައިން ބަހެއް ބޭރުކުރަންވެސް ނުކުޅެދުނެވެ. “މި ގުޅީ އަހަރެންގެ ބެލުމުގެ ދަށުގައި ހުރި، މަންމަ ނިޔާވެ ބައްޕަ ދޫކޮށްލާފައިވާ ކުއްޖަކު، އަހަންނަށް އިތުރަށް ނުބެލޭނެތީ އެ ކުއްޖާ ބަލާ އައުމަށް އެދި.”
ލައިރާއަށް އިހުސާސްވީ އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވެގެން ދިޔަ ހެންނެވެ. ހިތުގައި ޖެހިފައިވާ މިންވަރުން ބިންމަތީގައި ގުޅަވެ އޮވެ އޭނާ ރޮމުން ދިޔައެވެ. “ޢަލީ ނަވީން ހުމައިރު. 16 އަހަރު. ތ. ކިިނބިދޫ.” މިހެން ބުނެފައި އިރުކޮޅެއް ފަހުން ފޯނު ކަނޑާލައިފިއެވެ.
އެއާއެކު، ބިންމަތީގައި އޮތް ލައިރާގެ އަތުގައި ހިފައި ކޮޅަށް ނަގައި، އޭނާ ކޮޓަރިއަށް ވައްދައި ބޭރުން ތަޅުލިއެވެ. “އޭނާ ގެންދާ ތަނެއް ބަލާކަށް ކަލެޔަކަށް ލާހިކެއް ނުވާނެ!” ލޫނާ ބުންޏެވެ. ލައިރާ ހުއްޓުމެއްނެތި ރޮމުން ބިންމަތީގައި އިށީނެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން މޫނު ތެމެމުން ދިޔައިރު، އޭނާއަށް ވިސްނެމުން ދިޔައީ ނަވީން އަށް ވާނެ ގޮތަކާ މެދުގައެވެ. މަންމަ ކޮޓަރިއާ ދުރަށް ދިޔަކަން ދޮރުގެ ދަށުން ފެންނަން ހުރި ހިޔަނިން އޭނާއަށް އެނގުނެވެ. ނަމަވެސް ކޮޓަރި ތަޅުލާފައި ހުރުމުން ކަމެއް ނުކުރެވޭނެ ކަން ޔަގީންވިއެވެ .
ޖެންޑަރ މިނިސްޓްރީގެ ޓީމު އެ ރަށަށް އައީ ހަވީރުގެ ވަގުތެއްގައެވެ. އޭރު މުޅި ދުވަހު އޮހެމުންދިޔަ ބޯ ވާރޭވެސް ވަނީ މެދުކެނޑިފައެވެ. ލޯންޗުން ފޭބީ އިސްމާޢީލާއި ޝަޒުނާއެވެ. އެއީ މިފަދަ މައްސަލަތައް ބެލުމަށް ޚާއްޞަވެފައިވާ ޑިޕާޓްމަންޓުގެ ދެ މުވައްޒަފުންނެވެ.
“އިސްމާޢީލް، އެ ނަންބަރަށް ގުޅާބަލަ. މިފަދަ ދުވަހެއްގައި މިއީ ކޮންކަމެއް ދެން ކުރަން ޖެހެން؟” ލޯންޗުން ފައިބަމުން ކަންނެތް ގޮތަކަށް ޝަޒުނާ ބުންޏެވެ. އިސްމާޢީލް ފޯނު ނަގައި، އެ ގުޅި ނަންބަރަށް ގުޅުމާއެކު ފޯނު ނަގައިފިއެވެ.
“ލޫނާ ތޯ؟ އާދެ، އަޅުގަނޑުމެން މިހާރު މިތިބީ ރަށަށް އައިސް. ދެން ކަންތައް ކުރަންވީ ކިހިނެއްތޯ؟….އެ ކުއްޖާ ހުރީ ތިޔަބޭފުޅުންގެ ކައިރީގައިތޯ؟… އާދެ… އެންމެ ރަނގަޅު…،” އިސްމާޢީލް ފޯނުން ވާހަކަދައްކަމުން ދިޔައެވެ. ފޯނު ބޭއްވުމަށްފަހު، ޝަޒުނާއާ ދިމާލަށް ބަލާލަމުން އޭނާ ބުންޏެވެ. “އޭނާ ބުނީ އެ ކުއްޖާ ގެއިން ފިލައިގެން ގޮސްފިއޭ. އެންމެ ފަހުން ފެނުނީ އަތިރިމަތީގައި ބިނާކުރަމުންދާ އިމާރާތެއްގެ ކައިރިން ކަމަށް.”
އިސްމާޢީލް މިހެން ބުނެ، ލޯންޗުން ފައިބައިގެން އަތިރިމައްޗަށް އެރިތަނާ، ހަދަމުންދާ ފަޅު އިމާރާތެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. “ހޫނ، އެހެރީ އެތަން ކަންނޭނގެ،” އިސްމާޢީލަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޝަޒުނާ ބުންޏެވެ. ދެމީހުން އެ އިމާރާތާ ދިމާލަށް ހިނގައިގަތްތާ މާގިނަ އިރެއްނުވެ ކައިރިވުމުން، އެތަނުގެ ތެރޭގައި ކުއްޖަކު އިށީނދެ، އަތުގެ ތެރޭގައި ބޯ ފޮރުވައިގެން އިންތަން ފެނުނެވެ.
އެ ކުއްޖާ ފެނުމާއެކު އިސްމާޢީލް، ޝަޒުނާ ގާތު ބުންޏެވެ. “ދެން ކަލޭ ދޭ. ގޮސް އޭނާއަށް ހަމްދަރުދީ ދެރަ ވާ ކަމަށް ހަދައިގެން، އެއީ ހަމަ އެ ކުއްޖާ ތޯ ޔަގީންކުރޭ.”
ޝަޒުނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، “އައި ޑޯންޓް ގެޓް ޕެއިޑް އިނަފް ފޯ ދިސް” ކަމަށް ބުނެ މަޑުމަޑުން ނަވީން އާއި ދިމާލަށް ހިނގައިގަތެވެ.
ޝަޒުނާ، ނަވީން އާއި ގާތްވެލުމަށްފަހު އޭނާގެ އަތުގައި މަޑުމަޑުން ޖަހާލިއެވެ. “ކޮއްކޯ، ހަމަހޭގައިތަ؟” އަނގައަށް ގޮތެއް ހަދާލަމުން ޝަޒުނާ ސުވާލުކުރިއެވެ. މީހެއްގެ އަޑު އިވުމާއެކު ނަވީން، ޝަޒުނާއާ ދިމާލަށް ބަލާލިއެވެ. އޭނާގެ ދެލޯ ވަނީ ރޮއެރޮއެ ރަތްވެފައެވެ. އަދި ކަރުނަ ހިކި ހުސްވެފައެވެ. “މަސްތުވާތަކެތީގެ އަވާގައި ދޯ ތިހުރީ؟” ލޮލުގެ ރަތްކަން ފެނުމުން ޝަޒުނާ އަހާލިއެވެ. ހަމައެއާއެކު އޭނާގެ ނަމަކީ ކޮބައިތޯވެސް ސުވާލުކުރިއެވެ.
އިރުކޮޅެއް ވަންދެން ބަހެއް ނުބުނެ އިނުމަށްފަހު ނަވީން ޖަވާބުދިނެވެ. “ނަވީން.” މިހެން ބުނުމުން ޝަޒުނާ ބުންޏެވެ. “އާން ޔަގީން ބޮއެގެން. މިއެހީ ފުރިހަމަ ނަމުގެ ވާހަކަ ވިއްޔާ.” ނަވީން އެއްވެސް ރުޅިވެރިކަމެއް ނެތި ޖަވާބުދިނެވެ. “ޢަލީ ނަވީން ޙުމައިރު.” އެހެން ބުނުމާއެކު، ޝަޒުނާ ނަވީންގެ އަތުގެ އުޅަނބޮށީގައި ހިފާ ކޮޅަށް ނަގައިގެން އިސްމާޢީލްގެ ގާތަށް ގެންދިޔައެވެ.
“މިހުރީ އޭނާ. ޔަގީނުންވެސް މިހުރީ މަސްތުގެ ދުނިޔެއެއްގައި. ބޯތީ ދުއްތުރާ ވެގެން ކަންނޭ ނުބެލުނީ،” ނަވީން ގޮވައިގެން އިސްމާޢީލްގެ ގާތަށް ދަމުން ޝަޒުނާ ބުންޏެވެ. އިސްމާޢީލްވެސް ނަވީންގެ ލޮލަށް ބަލާލުމަށްފަހު އެކަން އެގޮތަށް ނިންމިއެވެ. ކަންނެތްކަމާއި ފަރުވާކުޑަކަމުން، އޭގެ ހަގީގަތް ހޯދުމަށް އެކަކުވެސް މަސައްކަތެއް ނުކުރެއެވެ.
އިސްމާޢީލް، ނަވީންގެ އަނެއް އަތުގެ އުޅަނބޮށީގައި ހިފަހައްޓަމުން ބުންޏެވެ. “މިއީ ޖެންޑަރ މިނިސްޓްރީގައި މަސައްކަތްކުރާ ދެ މީހުން. ތި ފަރާތް ބަލަހައްޓާ ވެރިޔާއަށް އެކަން ނުކުރެވޭނެކަން އެނގުމުން، އަހަރެމެން މިއައީ ކަލޭ ބަލާ.” މިހެން ބުނެ ނަވީންގެ ގައިގައި ހިފާ ހިނގައިގަތެވެ.
ހިތާމައިގެ ބޮޑުކަމުން ނަވީންގެ ދުލުން ބަހެއް ބުނާނެ ހިތްވަރެއް ނެތެވެ. އެނބުރި ލޫނާ ދައްތަމެންގެ ގެއަށް ދިޔަޔަސް، އެއީ އޭނާއަށް ދިރިއުޅެވޭނެ ތަނެއް ނޫންކަން އޭނާއަށް ވިސްނުނެވެ. އެހެންކަމުން ކުރިއަށް އޮތް ތަގުދީރަށް ކިޔަމަންވެ، އިސްމާޢީލާއި ޝަޒުނާއާއެކު ލޯންޗަށް އަރާ އިށީނެވެ. މާގިނަ އިރުތަކެއްނުވެ ލޯންޗު ފުރައިގެން ދިޔައިރު، އެންމެ ފަހު ފަހަރަށް ރަށާ ދިމާލަށް ބަލާލާފައި، ކޮންމެވެސް ދުވަހަކުން އެނބުރި ލައިރާގެ ގާތަށް އަންނާނެކަމަށް އަމިއްލަ ހިތާ ވަޢުދުވިއެވެ.
.……..(3ން އަހަރު ފަސް)………
= ނަވީންގެ އުމުރު: 19 އަހަރު…
= ދުވަސް: އާދިއްތަ…
ތާރީޚް: 28 ޑިސެމްބަރ 2025…
“ކައެ ހަމަ އެނބުރި ދާންޖެހޭތަ؟ ކައެ އަށް ހީވޭތަ އެ ގޮލާ މަޑުކޮށްގެން ހުންނާނެހެން؟” ލޯންޗުގައި އިނދެ ނަވީން އަށް ބަލާލަމުން ލިވާން ސުވާލުކުރިއެވެ. ނަމަވެސް ނަވީން އިނީ ފޯނަށް ގެއްލިފައި، މީހަކަށް މެސެޖުކުރުމުގެ މަސައްކަތުގައެވެ. ނަވީންއަށް ހޭވެރިކަންވީ ލިވާން އޭނާގެ ގައިގައި ކޮއްޓާލުމުންނެވެ. “ބްރޯ، ކައެ ރަނގަޅުތަ؟ ތި އިނީ ވާނުވާގައެއްނު؟” މިހެން ބުނެ ލިވާން މަޑުމަޑުން ހީނލިއެވެ. ނަވީންވެސް ފޯނަށް ބަލަން އިނދެފައި، ލިވާންގެ އެ ސަމާސާގައި ބައިވެރިވުމުގެ ގޮތުން ހިނިތުންވެލިއެވެ.
“ތިއީ ކޮން ބޭފުޅުންނެއްތަ؟ ދުވަހަކުވެސް ނުފެންނަ މޫނުތަކެއް ވީމާ މި އަހާލީ،” ލޯންޗު ދުއްވަން އިން ކައްޕި، ފަހަތް ބަލާލުމެއްނެތި ނަވީން އާއި ލިވާންއާ ސުވާލުކުރިއެވެ. އެ އަޑު އިވުމާއެކު ލިވާން ގޮވާލިއެވެ. “ކަލޯ، މަށަކީ ތި ރަށް ދަންނަވެސް މީހެއް ނޫން. މިއިިންނަ ސޮރު އެ ރަށަށް ދާން ކިޔާވަރުން އަހަރެންވެސް މިއައީ.” ލިވާން މިހެން ބުނުމުން، ކައްޕިގެ ނަޒަރު ފޯނާ ކުޅެން އިން ނަވީން އަށް ހުއްޓުނެވެ.
“ތިއީ ކޮން ބޭފުޅެއްތަ؟” ކައްޕި އަނެއްކާވެސް ސުވާލުކުރިއެވެ. ނަވީން އަށް ޖަވާބެއް ނުދެވި އުޅެނިކޮށް، އޭނާގެ ފޯނަށް މީހަކު ގުޅަން ފަށައިފިއެވެ.
ފޯނުގެ ސްކްރީނަށް އަރާފައިވަނީ “ރައިހާން” ގެ ނަމެވެ. އެ މަންޒަރު ފެނުމާއެކު، ނަވީން ކައްޕިއަށް މަޑުކޮށްލުމަށް އިޝާރާތް ކުރުމަށްފަހު ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ކޮބާ ނަވީން، މިހާރު ދެވިއްޖެތަ؟” ފޯނުގެ އަނެއްކޮޅުން ރައިހާން ސުވާލުކުރިއެވެ.
“އޮހޯން، އަދި މިހުރީ ލޯންޗުގައި. މިހާރު ރަށް ބޭރުން އެބަ ފެނޭ،” ނަވީން ޖަވާބުދިނެވެ.
“އަހަރެން ވަރަށް އުންމީދުކުރަން އޭނާ ހުންނާނެކަމަށް. ނަވީން އަހަރެމެންނަށް ތި ކޮށްދިން ކަންތައްތަކަކީ ކުޑަ ކަމެއް ނޫން. މާތްﷲ ނަވީންއަށްވެސް ހެޔޮގޮތްތައް މިންވަރުކުރައްވާށި. އެ ގޮތުގެ މަތީގައި ސާބިތުވެ ހުރޭ،” ރައިހާން މިހެން ބުނުމުން ނަވީން ބުންޏެވެ. “އާނ، ރަށަށް ގޮސްފައި ގުޅާލާނަން. ޝުކުރިއްޔާ ރައިހާން.”
މިހެން ބުނެ ފޯނު ޖީބަށް ލުމަށްފަހު، ނަވީން ކައްޕިއާ ދިމާލަށް ބަލާލިއެވެ. “އަހަރެން މިއީ ކިނބިދޫގައި ކުޑައިރު އުޅުނު ކުއްޖެއް. އަހަރުތަކަކަށްފަހު އަހަރެންވެސް އެނބުރި މިދަނީ.” ނަވީން މިހެން ބުނުމުން ކައްޕި “އެހެން ދޯ ވާނީ” އޭ ބުނެ ބޯ ޖަހާލިއެވެ.
ލޯންޗު ރަށަށް ލަފާކަށް ދެން މާ ގިނަ ވަގުތެއް ނުނެގިއެވެ. ލޯންޗު ކައިރިކުރުމާއެކު، ނަވީންއާއި ލިވާން އެމީހުން ގެނައި ދެ ދަބަސް ހިފައިގެން ލޯންޗުން ފޭބިއެވެ.
ރަށަށް އަރައި އަތިރިމައްޗަށް ހިނގައިގަތުމާއެކު، ނަވީންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އޭނާއާއި ލައިރާ ވަކިވި އިމާރާތެވެ. ނަމަވެސް މިހާރު އެ އިމާރާތް ހުރީ މަރާމާތުކޮށް، މުޅިން އާކޮށް ބިނާކޮށްފައެވެ. އެ ޢިމާރާތުގެ މަތީގައި ބޮޑު އަކުރުން “.ޙޓ ީނތެރނަތިޮނަލ ޝޮ” ޖަހާފައިވާ ބޯޑެއް ހުއްޓެވެ.
“އެޗް ޓީ އިންޓަނޭޝަނަލް މަގޭ ފޯއް!” ލިވާން ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. ލިވާން އެހެން ބުނުމުން ނަވީން އޭނާއާ ދިމާލަށް ބަލާލީ، އެތަނުގައި ހިނގާފައިވާ ކަންތައްތައް އެނގޭނަމަ ތިހެން ނުބުނާނެޔޭ ބުނާ ފަދަ ނަޒަރަކުންނެވެ.
ދެމީހުން ރަށުތެރެ ބަލަމުން ހިނގާފައި ގޮސް، ލައިރާމެންގެ ގެ ހުންނަ ސަރަޙައްދަށް ދާން މާ ގިނަ ވަގުތެއް ނުނެގިއެވެ. ނަމަވެސް އެ ގޭގެ ކުރިމައްޗަށް އެރި ވަގުތު ނަވީން ހައިރާންވެ އަންތަރީސްވިއެވެ. އެ ގެ އޮތީ މުޅިން ބަދަލުވެފައެވެ. ދެބުރިއަށް އުފުލައި، ފާރުތަކުގައި އާ ކުލަލައި، އަގުބޮޑު ދޮރުތަކާއި ކުޑަދޮރުތައް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން ގަރާޖެއް ހަދާފައި ހުރިއިރު، އޭގެ ތެރޭގައި ކާރަކާއި ސައިކަލެއް ހުރިތަންވެސް ނަވީން އަށް ފެނުނެވެ.
“މިހާރު މަށަށް އެނގިއްޖެ ކަލޭ ތި މަންޖެގެ ފަހަތުން ތި އުޅޭ ސަބަބު،” ލިވާން ސަމާސާ ރާގަކަށް ބުންޏެވެ. ނަމަވެސް ނަވީން ހުރީ ޖަވާބެއް ދެވޭ ވަރަށްވުރެ ބޮޑަށް އެ މަންޒަރުން އާޝޯޚުވެފައެވެ.
“ވާހަކަ ގިނަނުކޮށް ވަންނަން ހިނގާ،” ނަވީން މިހެން ބުނީ ކުޑަކޮށް ހަރުކަށި ރާގަކަށެވެ. ނަވީން ސީރިއަސްވެފައިވާ މިންވަރު އެނގުމުން، ލިވާން އޭނާގެ ދަބަސް ކޮނޑަށް މަހާލަމުން “އޯލްރައިޓް މޭން” އޭ ބުނެ ހިނގައިގަތެވެ.
ނަވީން ގޭގެ ދޮރާށި ކުރިމައްޗަށް ދާން ހަދާފައި އޮތް މަގުމަތީގައި ހިނގަމުން ދިޔައީ، އެ ގޭގެ ގޯތިތެރޭގައި ހުރި ރީތި ބަގީޗާއަށް ބަލަމުންނެވެ. ނަވީންގެ ހިތުގެ އަޑީގައި ލައިރާ އޭނާއަށް އިންތިޒާރު ކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް ލޮލަށް ފެންނަމުންދިޔަ ބަދަލުތަކުގެ ސަބަބުން އޭނާގެ ހިތުގެ ތެޅުން އައީ އަވަސްވަމުންނެވެ. ދޮރާށީގެ ކައިރިއަށް ހުއްޓުނުއިރު، ދޮރުގައި ހަރުކޮށްފައިވަނީ ޕިން ކޯޑު ޖަހައިގެން ހުޅުވޭ ޒަމާނީ ތަޅެކެވެ. ނަވީން އެއަށް ބަލާލުމެއްނެތި ދޮރުގައި ބާރުބާރަށް ޓަކިޖަހަން ފެށިއެވެ.
ބޭރުގައި މަޑުކޮށްގެން ހުންނަތާ ގިނަ އިރުތަކެއް ވީއިރުވެސް، އެތެރެއިން އެއްވެސް މީހެއްގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން ނަވީން ކުރިއަށްވުރެ ބާރަށް ޓަކިޖަހަން ފެށިއެވެ. “ނަވީން، މަ މިދަނީ ގޭގެ ފަހަތުން ވަދެވޭނެ ގޮތެއް އޮތްތޯ ބަލަން،” ލިވާން މިހެން ބުނެ ނަވީންގެ ޖަވާބަކަށް މަޑުކުރުމެއްނެތި ގޭގެ ފަހަތު ފަރާތަށް ހިނގައިގަތެވެ.
ނަވީން އެކަނިމާ އެކަނި ޓަކިޖަހަން ހުއްޓާ އިރުކޮޅަކުން ދޮރު ހުޅުވުނެވެ. ދޮރު ހުޅުވީ ބޭރު ގައުމުތަކުގެ ފެންވަރުގެ ނިދާ ހެދުމެއް ލައިގެން، ބޮލުގައި ތުވާއްޔެއް އޮޅާލައިގެން ހުރި އަންހެނެކެވެ. ނަވީނަށް އޭނާ ފެނުމާއެކު އެއީ ލޫނާކަން އެއްވެސް ޝައްކެއްނެތި ޔަގީންވިއެވެ.
“އަބަދުވެސް ފައިސާ ލާ ތަނަށް ލާށޭ ބުނަމެއްނު؟.” ލޫނާ، ނަވީނަށް ބަލާލަމުން ބުންޏެވެ. އެ ބުނި އެއްޗަކުން ނަވީން ހުރީ އޮޅުންބޮޅުންވެފައެވެ. “ލޫނާ ދައްތާ، ކީކޭ ތި ކިޔަނީ؟” ނަވީން ސުވާލުކުރިއެވެ.
އެއާއެކު ލޫނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. “ނަވީނުގަނޑު ދޯ މީ؟ އެނބުރި މިގެއަށް އަންނަން ކަލޭ ލަދެއް ނުގަނޭތަ..؟ މަގޭ ދަރިއާ ބެހިފައި، މަގޭ ކުރިމައްޗަށް އަންނަން ކަލެއަށް ކެރޭތަ…!؟” ލޫނާ ރުޅިވެރިކަމާއެކު މިފަދަ ބަސްތައް ކިޔަމުން ނަވީން އާއި ދިމާލަށް އައެވެ.
ނަމަވެސް، ނަވީން ލޫނާގެ އެ ރުޅިވެރި ބަސްތަކަށް ސަމާލުކަމެއް ނުދީ، ލައިރާ ކޮބައިތޯ ސުވާލުކުރިއެވެ. އެ ސުވާލާއެކު ލޫނާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.
“ހަހް..، ކަލޭ ހީކުރީ ކަލޭ އެނބުރި އައުމުން އަދިވެސް ލައިރާ ފެންނާނެ ކަމަށްތަ؟…އޭނާ މިހާރު މީހަކާ ކައިވެނިވެސް ކޮށްފި. އެއީވެސް ބޭރު ގައުމެއްގެ ނުފޫޒުގަދަ މުއްސަންޖެއް. ކަލޭ ކަހަލަ ފަގީރެއް ނޫން. އޭނާއާ ގުޅިގެން ކައިވެނީގެ ކޮންޓްރެކްޓެއް އެއްބަސްވުމުގައި ސޮއިކުރިތާވެސް މިހާރު އަހަރެއް ވެއްޖެ. އެނބުރި އައި ތަނަކަށް ދެވޭތޯ ބަލާ،” ލޫނާގެ އެ ވިހަގަދަ ބަސްތައް އިވުމާއެކު، ނަވީންގެ ހިތް ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. ލައިރާ މީހަކާ ކައިވެނި ކުރި އޭ ބުނުމުން އޭނާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ.
ނަމަވެސް ނަވީންގެ ބޭރުފުށުން އޭނާއަށް ކުރި އަސަރެއް ހާމައެއް ނުކުރެއެވެ. އެއްވެސް ހާސްކަމެއް ނެތް ނަޒަރަކުން ލޫނާއާ ދިމާލަށް ބަލަން ހުރުމަށްފަހު، “އެހެން ދޯ ވަނީ،” މިހެން ބުނެ ދާން އެނބުރިގަތެވެ. ނަވީން އެނބުރުމާއެކު، ލޫނާ އޭނާއާ ދިމާލަށް އެއްޗެހި ގޮވަން ފެށިއެވެ. “ހަމަ ދާކަށްނު ޖެހުނީ! ހަޔާތް ކުޑަވެގެން ދެން އަނބުރާ އާދެބަލަ ނިކަން!” މިހެން ބުނެ ލޫނާ ބާރުބާރަށް ދޮރު ލެއްޕިއެވެ.
ނަވީން ފޯނު ނަގައި މެސެޖެއް ކުރަން ފެށިތަނާހެން ލިވާން އެނބުރި އަތުވެއްޖެއެވެ. “ކަލޯ، ކީއްނުވެގެން އުޅުނު މީހެއް؟ ހާދަ ބާރަކަށް ހަޅޭއްލަވާ އަޑު އިވުނޭ..” ލިވާން ހައިރާންވެފައި އެހިއެވެ. ނަވީން ވަގުތުން ސުވާލުކުރިއެވެ. “ވަންނާނެ ތަނެއް ފެނުން؟”
“އާނ، ގޭގެ ފަހަތު ފަރާތު ކުޑަދޮރެއް ހުރީ ހުޅުވާފަ..” ލިވާން ޖަވާބުދިނެވެ. އަދި ވީގޮތާ ބެހޭގޮތުން ސުވާލުކުރުމުން ނަވީން ބުންޏެވެ. “ލައިރާ މީހަކާ ކައިވެނިކޮށްފި ކަމަށް ވަނީ. އެކަމަކު އަހަންނަށް އެކަން ގަބޫލުކުރަން އުނދަގޫ. ލައިރާ އަހަރެން ދޫކޮށްލާފައި އެހެން މީހަކާ ކައިވެނިކުރާނެ ކަމަކަށް ހިތެއް ނުބުނޭ. މަށަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް ޝައްކުކުރެވޭ. ގޭގެ ފެންވަރު މިހާ ބޮޑަށް ބަދަލުވެ، ލޫނާ ފައިސާގެ ވާހަކަ ދައްކާފައި، ކޮންޓްރެކްޓެއްގެ ދަށުން ކައިވެނި ކުރި ވާހަކަ ބުނުމުން ކޮންމެވެސް އޮޅުވާލުމެއް އުޅޭހެން ހީވޭ.”
ނަވީންގެ ވާހަކަތައް އިވުމުން ލިވާން ސީރިއަސްވެލިއެވެ. “ދެން ކިހިނެއް ހަދަނީ؟” ލިވާންގެ ސުވާލަށް ޖަވާބުދެމުން ނަވީން އޭނާގެ ލޮލަށް ސީދާ ބަލާލިއެވެ. “ލޫނާގެ ފޯނު ވަގަށް ނަގާ. އޭނާ ދެއްކި ވާހަކައިގެ ހަގީގަތް ހޯދަން އެ ފޯނުގެ ކޯލް ލޮގްތައް ބަލަންޖެހޭ. އެއީ ކާކުކަން ރައިހާން މެދުވެރިކޮށް ހޯދޭނެ. ޖެންޑަރ މިނިސްޓްރީގައި އުޅުނުއިރު އަހަރެމެން ހަމަ ކަންކުރި ގޮތަށް.”
މި ވާހަކަ އިވުމުން ލިވާން ހިނިގަނޑެއް ޖަހާލިއެވެ. އެއީ ކުރީގެ ހަނދާންތައް އާވީ ކަހަލަ ހިނިތުންވުމެކެވެ. “އެ ފޯނު މިހާރު އޮތީ ނަގާފައި ކަމަށް ބަލާ،” މިހެން ބުނެ ލިވާން ސިއްރުސިއްރުން ގޭގެ ފަހަތު ފަރާތަށް ހިނގައިގަތެވެ.
ނަވީން ގޭގެ ގޯތިތެރެއިން ނިކުމެ، ވަގުތުން ރައިހާން އަށް ގުޅާލިއެވެ. ފޯނު ރިންގުވިތަނާހެން ރައިހާން ފޯނު ނެގިއެވެ. “ކޮބާ، ދިމާވެ-” ރައިހާން އަށް ވާހަކަ ފުރިހަމަނުކުރެވެނީސް ނަވީން މެދުކަނޑާލާފައި ބުންޏެވެ. “ކޯލެއް ޓްރޭސްކޮށްލަން އެބަޖެހޭ.” ރައިހާން އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު “ފޮނުވާލާ” އޭ ބުނެ ފޯނު ބޭއްވިއެވެ.
ނަވީން ބޭރުގައި ގާތްގަނޑަކަށް ވިހި މިނެޓު މަޑުކޮށްލައިގެން ހުއްޓާ، ލިވާން އެނބުރި އަތުވެއްޖެއެވެ. އޭނާ އައީ ލޫނާގެ ފޯނު އަތަށްލައިގެން އަނބުރަމުން، ވަރަށް ބޮޑަށް ހިނިއައިސްފައި ހުރެގެންނެވެ. އެ މަންޒަރު ފެނުމުން ނަވީން، އެ ގޭގެ ސަރަހައްދާ ދުރަށް ދިއުމަށް އިޝާރާތްކޮށް ހިނގައިގަތެވެ. ލިވާން، ނަވީން އާައި އަރާ ހަމަކުރަމުން ބުންޏެވެ. “މިކަން ކޮށްދިނީމާ ބްރޯ ޖެހޭނެ އެއްނު ސައި ދޭން؟ ހާދަ އުނދަގުލުންނޭ މި ހޯދީ.” ނަވީން ޖަވާބުގައި ” މިހާރު މިދަނީ ކެފޭއަކަށޭ، ތިޔަ ހަމަ ޖެހެބަލަ..” ބުނެ ކުރިއަށް ހިނގައިގަތެވެ.
މާ ގިނަ އިރުތަކެއް ނުވެ، ދެ މީހުން ކެފޭއެއްގެ މޭޒުދޮށުގައި ހަމަޖެހިލިއެވެ. ލޫނާގެ ފޯނު ނަގައި މޭޒުމަތީގައި ލިވާން ބޭއްވުމާއެކު، ނަވީން އޭނާގެ ދަބަހުގައި އޮތް ލެޕްޓޮޕް ނަގައި ހުޅުވާލިއެވެ. އަދި ފޯނުގެ ޔޫ.އެސް.ބީ ކޭބަލް ލެޕްޓޮޕާ ގުޅާލިއެވެ. ލެޕްޓޮޕަށް ފޯނު ފެނުމާއެކު، ސްކްރީން ލޮކް ފަޅާލުމަށްޓަކައި “ބްރޫޓް ފޯސް” ސޮފްޓްވެއާއެއް ބޭނުންކޮށްގެން ކޯޑު ހޯދުމުގެ މަސައްކަތް ފެށިއެވެ.
“ކިހާ އިރެއް ނަގާނެ؟ ކޮފީ އަންނަންވާއިރަށް ނިންމާލެވޭނެތަ؟” ލިވާން ސުވާލުކުރިއެވެ. ނަވީން އިނީ އެ ޕްރޮސެސް ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. އިރުކޮޅަކުން އެމީހުން އޯޑަރުކުރި ކޮފީ ލިބުނެވެ.އަދި ކޮފީ ބޮއެ ނިމެންވީއިރު، ފޯނުގެ ލޮކް ހުޅުވިއްޖެއެވެ. ނަވީން ވަގުތުން ރައިހާން އަށް ގުޅުމުގެ ބަދަލުގައި، ލެޕްޓޮޕުން “އެނީ ޑެސްކް” ސޮފްޓްވެއާ ހުޅުވައި، އޭގެ އެޑްރެސް ކޯޑު “1 359 764 233” ރައިހާން އަށް މެސެޖުކުރިއެވެ. އޭނާ އަށް ގުޅި ނަމަ ކުރަން ބުނާނީ ހަމަ އެކަން ކަން އެނގޭތީއެވެ. މެސެޖު ކުރިތަނާހެން ރައިހާން އެ ބަލައިފިއެވެ. އިރުކޮޅެއް ނުވެ، ރައިހާން ވަނީ ދުރުގައި ހުރެގެން ނަވީންގެ ލެޕްޓޮޕާ ގުޅިފައެވެ.
ރައިހާން ނަވީންގެ ލެޕްޓޮޕް މެދުވެރިކޮށް ސީ.އެމް.ޑީ ހުޅުވައި، އެޑްމިންގެ ބާރުގެ ދަށުން ރޫޓް ފޯލްޑަރަށް ވަދެ، ފޯނުގެ އިންޓަރނަލް ޑައިރެކްޓަރީން ކޯލް ލޮގްތައް ނަގަން ފެށިއެވެ. މި ހުރިހާ ކަމެއް ނިމުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ރައިހާނަކީ ނަވީން އާއަ އެއް އުމުރެއްގެ، ޖެންޑަރ މިނިސްޓްރީން ދިމާވި ރަޙުމަތްތެރިއެކެވެ. އައި.ޓީގެ ދާއިރާއިން ރައިހާން އަކީ އާދަޔާޚިލާފު ހުނަރެއް ލިބިފައިވާ، ކޮމްޕިއުޓަރުގެ ކަންކަމަށް ނުހަނު ކުޅަދާނަ ޒުވާނެކެވެ.
ކުރު ބުޅި ބޮލެއް ހުންނަ، ހަށިގަނޑު ވަރުގަދަ، މެދު އިސްކޮޅެއްގެ ޒުވާނެކެވެ. އޭނާގެ ހަންގަނޑު ކުޑަކޮށް އަނދިރި ނަމަވެސް، މޫނުމަތިން ފެންނަނީ ހަރުދަނާކަމެވެ. އަނެއްކޮޅުން ލިވާން އަކީ އުމުރުން 23 އަހަރުގެ، އިސްކޮޅުން ދިގު، ދޮން ހަންގަނޑެއް ލިބިފައިވާ ޒުވާނެކެވެ. އޭނާގެ އިސްތަށިގަނޑު ބޯވެފައި، ކަރާހަމައަށްއަރާ ފަން އިސްތަށިތައް ހުންނަނީ އައްސާފައެވެ. ލިވާން އަކީ ޖެންޑަރ މިނިސްޓްރީގެ ތެރެއިން ނަވީން އާއި ދިމާވި މީހެކެވެ. އުމުރުން 23 އަހަރު ވީއިރުވެސް ޖެންޑާ އިން ނުނިކުންނަން ހުރި މީހާ ނުކުތީ ނަވީން އާއި ބައްދަލުވުމަށްފަހުއެވެ.
އިރުކޮޅެއްގެ ތެރޭގައި ރައިހާން ލިވާންއަށް ގުޅިއެވެ. ހައިރާންވެފައި ހުރެ ލިވާން ފޯނު ނެގިއެވެ. “ކަލެއަށް އަހަރެން ނަވީން އާއި އެކު މި ކެފޭގައި އިންކަން އެނގުނީ ކިހިނެއް؟.. ރައިހާން ހިނިގަނޑެއް ޖަހާލުމަށްފަހު ޖަވާބުދިނެވެ. “ކަލޭ ތިޔަ އިނީ ކެފޭގެ ވައިފައިއަށް ވަދެ.. މިގޮތަށް އާންމު ވައިފައި ބޭނުންކުރާއިރު، ހުޝިޔާރު ނޫންނަމަ ކޮންމެ މީހަކަށްވެސް ކަލޭގެ މަޢުލޫމާތު ބެލިދާނެ. ޕަބްލިކް ވައިފައިއަށް ކަނެކްޓްވުމަކީ މޮޅު ގޮތެއް ނޫން. ކަލޭގެ ބަހުން ބުނާ ނަމަ “ޓަފު” ކަމެއް ނޫން” ރައިހާން އެހެން ބުނުމުން، ލިވާން “މި ދެން ކިހާ ދެރަ ވެއްޖެ ކަމެއް…ކަލޭ އާައި ހެދީ ނެތެއްނު މަށަށް ނޭވާ ލެވެންވެސް” ބުނެ ލިވާން ފޯނު ކަނޑާލިއެވެ.
ކުއްލިއަކަށް ނަވީންގެ ލެޕްޓޮޕަށް ގިނަ އަދަދެއްގެ ވޮއިސް މެސެޖު ފައިލްތަކެއް އަންނަން ފެށިއެވެ. އޭގެ ފަހަތުން ރައިހާން މެސެޖެއް ފޮނުވިއެވެ.
“އަހަރެން ހުރިހާ ވޮއިސް މެސެޖުތަކެއް ޓްރާންސްކްރައިބްކޮށް، އޭއައި ބޭނުންކޮށްގެން ‘ލައިރާ’ ގެ ނަން ހިމެނޭ މެސެޖުތައް ވަކިކޮށްލައިފިން.”
ނަވީން “ޝުކުރިއްޔާ” އޭ މެސެޖްކޮށް އެ ފައިލްތައް ލެޕްޓޮޕްގައި ރައްކާކުރިއެވެ.
އޭގެ ފަހުން ނަވީންއާއި ލިވާން ވަގުތު ހޭދަކުރީ އެ ވޮއިސް މެސެޖުތައް އެކި ފަހަރުމަތިން އަޑުއެހުމުގައެވެ. އެ ފޯނުގައި ޖުމްލަ 49 ވޮއިސް މެސެޖު ހުއްޓެވެ. ރައިހާން އެ ފައިލްތައް ތަރުތީބުކޮށް ނުދިންނަމަ، ތިން އަހަރު ދުވަހުގެ ގިނަ މެސެޖުތަކެއްގެ ތެރެއިން ބޭނުންވާ މަޢުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވީސްކަން ޔަގީނެވެ. ހުރިހާ މެސެޖުތަކެއް ކަނުލައި އަޑުއެހުމަށްފަހު، އެމީހުންނަށް ފާހަގަވީ ވަރަށް މުހިންމު ދެ ވޮއިސް މެސެޖެކެވެ.
“އަދި އެއްފަހަރު ޕްލޭކޮށްބަލަ،” ލިވާން ނަވީން ގާތު ބުންޏެވެ.
ވޮއިސް މެސެޖު 27: “މާލޭ… ޖެޓީ ކައިރިން… ހަވާލުވާނެ. *ސާފުނުވާ ބައެއް* 400،000 ރުފިޔާ… މަހަކު.. *ސާފުނުވާ ބައެއް* ސޮއިކުރޭ…”
“ދެން އިން މެސެޖުވެސް ޕްލޭކުރޭ،” ލިވާން ބުންޏެވެ.
ވޮއިސް މެސެޖު 32: ” އައި އޭމް ޑޭވިޑް ޝޭން… *ސާފުނުވާ ބައެއް* ޔޫރަ..*ސާފުނުވާ ބައެއް* ޕްލެޒާރ….ބިޒިނަސް… *ސާފުނުވާ ބައެއް*
އެ މެސެޖުތައް އަޑުއަހާ ނިމުމުން ހައިރާންވެފައި ހުރެ ލިވާން ބުންޏެވެ. “ކަލޯ ގަޔާ މީ ކޮންފަދަ ކަމެއް؟”
ނަވީން މަޑުމައިތިރިކަމާއެކު ރައިހާން އަށް 27 ވަނަ އަދި 32 ވަނަ ވޮއިސް މެސެޖު ފޮނުވުމަށްފަހު، އެ މެސެޖުތައް ފޮނުވި ލޮކޭޝަން ދެނެގަތުމަށް (ތރަޗެ ކުރަން) އެދުނެވެ. ބޭރުފުށުން އޭނާ ހަމަޖެހިލައިގެން ހުރި ނަމަވެސް، ހިތުގެ އަޑީގައި ލައިރާއަށް ވީގޮތަކާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވެއެވެ. އޭނާ ހުރީ ނުރައްކާތެރި ދަލެއްގައި ޖެހިފައިބާވައޭ ހިތަށް އަރަމުން ދިޔައެވެ. ލިވާން އިނީ ބޮލުގައި އަތް އަޅައިގެން، މި ހިނގަމުންދާ ކަންތައްތަކާމެދު ބުނާނެ އެއްޗެއް ނޭނގި އަންތަރީސްވެފައެވެ.
އިރުކޮޅެއް ފަހުން ރައިހާން ނަވީން އަށް ގުޅިއެވެ. ފޯނު ނެގުމާއެކު ރައިހާން ބުންޏެވެ. “އެއް ކޯލު އައިސްފައި އިނީ ރާއްޖެއިން. އަނެއް ކޯލު އައީ ޔޫރަޕްގެ ކޮންމެވެސް ޤައުމަކުން. އެކަމަކު އެ ކޯލު އައި ސީދާ ތަން ދެނެގަނެވޭ ގޮތެއް ނުވި.”
ނަވީން ވަގުތުން ސުވާލުކުރިއެވެ. “ރާއްޖެއިން އެ ކޯލު އައީ ކޮން ތަނަކުން؟”
ރައިހާން ޖަވާބުދިނެވެ. “މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ‘މަރަނަ’ ކިޔާ ގެއަކުން. އެ ނަންބަރު ރަޖިސްޓްރީ ކޮށްފައިވަނީ ‘މޫސާ ވަލީދު’ ކިޔާ މީހެއްގެ ނަމުގަ”
މޫސާ ވަލީދުގެ ނަން ލިބުމުން ނަވީން އަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުނެވެ. ދެން މިސްރާބު ޖަހަންވީ ދިމާ އޭނާއަށް އެނގިއްޖެއެވެ. “ޝުކުރިއްޔާ ރައިހާން. ކިނބިދޫއިން މާލެއަށް ދާން ލޯންޗަކުން ޖާގައެއް ބުކްކޮށްދީ،” ނަވީން ބުންޏެވެ.
ރައިހާން ސުވާލުކުރިއެވެ. “ލޯންޗަށް ފައިސާ ދައްކަންވީ ކޮން އެކައުންޓަކުން؟”
އޭގެ ޖަވާބުގައި ނަވީން ބުންޏެވެ. “އަހަރެމެން ހެކްކުރި ޖެންޑަރ މިނިސްޓްރީގެ ބޭންކް އެކައުންޓުން.”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


V reethi mi part MA
Wow hack Kiran ves salhi baeh
Dhas kuran veedhww
Hehe
WHEN 3 PART?
CW4THENEXTP
TC
THANKYOU SO MUCH🥹🥹
next part uploaded🩷