Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހޯދަން ކަލާ 1

Fihaaraeh Thereyn Level 110 Stories
May 22, 2026 7 Mins Read
4 Comments

ނޯޓް: މީ ކުރިން 3ންވަނަ ބަޔާ ހިސާބައް އަޕްލޯޑު ކުރެވިފައިވާ ސީރީސް އެއް، އެކައުންޓްގެ މައްސަލައަކާއި ގުޅިގެން އަލުން މިވަނީ އަޕްލޯޑް ކުރެވިފަ. ކޮމެންޓް ކޮށްލުން އެދެން…

(ނަވީން)

“ދުއްޕާން ބޮޑުނުކޮށް ތިޔަ ދެންވެސް ކާން އާދެބަލަ!” މިއީ އަހަރެންގެ ކޮންމެ ދުވަހެއްގެ ހެނދުނުގެ ފެށުމެވެ. އެ އިވެނީ ލޫނާ ދައްތަގެ އަޑެވެ. އާންމުގޮތެއްގައި އަހަރެންގެ އުމުރުގެ ކުދިން ހޭލާނީ މަންމައެއް ނުވަތަ ބައްޕައެއްގެ ގޮވައިލުމުގެ އަޑަށެވެ. ނަމަވެސް އަހަރެން ހޭލާ ގޮތް ތަފާތެވެ. އަހަންނަށް އެ ގޮވަނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ މަންމައެވެ. ލައިރާގެ މަންމައެވެ. ލައިރާ އަކީ އަހަރެންގެ އުމުރުން އެންމެ ހަ އަހަރުގައި ބައްޕަ އާއިލާ ދޫކޮށް ގޮސް، މަންމަ ނިޔާވުމުން އަހަންނަށް ލިބުނު އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް ހަމައެކަނި “އެކުވެރިޔާ” އޭ ބުނެ ނިންމާލައިފިނަމަ އެއީ އިތުރުފުޅަކަށް ވާނެއެވެ. ހަގީގަތަކީ ލައިރާ ވަނީ އަހަރެންގެ މުޅި ހިތް މިލްކުކޮށްފައިެވެ.

*ޓަކި..ޓަކި..* “ނަވީން… އަދިވެސް ނުހޭލެވޭތަ؟” އެ ގޮވައިލީ ލައިރާއެވެ. ދޮރުގެ ފަހަތުން އިވުނު ކަމުގައި ވިޔަސް، އެ މަޑުމައިތިރި އަޑު އިވުމާއެކު ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. “މި ތެދުވީ، ދެން މާ ގިނަ އިރެއް ނުވާނެއެވެ.” އަހަންނަށް މިހެން ބުނެވުނީ ފުން ހިނިތުންވުމަކާއެކުގައެވެ.

(ލައިރާ)

“ލަސްނުކުރާތި، ލައިގެ މަންމަ އިތުރަށް ހިތްހަމަނުޖެހިދާނެ،” މިހެން ބުނެ އަހަރެން ނަވީންގެ ކޮޓަރީގެ ދޮރުމަތިން ދުރަށް ޖެހިލީމެވެ. ނަވީން މިގޭގައި އުޅޭތާ މިހާރު ދިހަ އަހަރު ވާން ކައިރިވަނީއެވެ. އެހެންނަމަވެސް، ނަވީން މިގެއަށް އައި ފުރަތަމަ ދުވަހުގެ ހަނދާންތައް އަދިވެސް އަހަރެންގެ ސިކުނޑީގައި ބިންވަޅު ނެގިފައިވެއެވެ. އެދުވަހު އަހަންނަށް ހޭލެވުނީ ނަވީންގެ ރުއިމުގެ އަޑަށެވެ. “މ-މަންމަ.. ވެއްޓިއްޖެ… މަންމަ ވެއްޓިއްޖެ..” މިހެން ބުނެ އޭނާ ބާރުބާރަށް ރޮމުން ދިޔަ އަޑެވެ. އަހަރެންގެ މަންމަ ވަގުތުން ނަވީންމެންގެ ގެއަށް ދާން އަވަސްވެގަތެވެ. އެދުވަހު މަންމަގެ މޫނުމަތިން ފެނުނު ހާސްކަން، އިއްޔެވީ ކަމެއް ފަދައިން އަދިވެސް އަހަރެންގެ ހަނދާނުގައި އެބަހުއްޓެވެ. އަހަރެންގެ މަންމަގެ އެންމެ ގާތް އެކުވެރިއަކީ ނަވީންގެ މަންމައެވެ. މާޒީގައި ހިނގައިދިޔަ ހިތްދަތި ހާދިސާތަކުގެ ހަގީގަތް އޭރު ރަނގަޅަށް ފަހުމްނުވި ކަމުގައި ވިޔަސް، މިއަދު އެ ހުރިހާ ކަމެއް އަހަންނަށް ވަރަށް ބޮޑަށް ސާފުވެއްޖެއެވެ. ނަވީންގެ ބައްޕަ ވަކިވެދިއުމުން ލިބުނު ފުން ހިތާމައަށް ކެތްނުކުރެވިގެން، މިންވަރަށްވުރެ ގިނައިން ބޭސް ބޭނުންކުރެވުމުގެ ސަބަބުން ނަވިީންގެ މަންމަ މިދުނިޔެއާ ވަކިވީއެވެ.

ލޯތްބަކީ ހިތްދަތިކަމާއި ވޭނުން ފުރިގެންވާ ކަމަކަށް ވާނަމަ، ދުވަހަކުވެސް މީހަކުދެކެ ލޯބިނުވާނެކަމަށް އެދުވަހު އަހަރެން އަޒުމް ކަނޑައެޅީމެވެ. ނަމަވެސް، އެއީ ކުށްހީއެއްކަން މިއަދު އަހަންނަށް ވަނީ ވިސްނިފައެވެ. އަހަރެންގެ ހިތުގައިވެސް މިއަދު ވަނީ ލޯބީގެ ކުލަތައް ޖެހިފައެވެ. މިފަދަ ފުން ޚިޔާލުތަކެއްގެ ތެރޭގައި އިނދެ، އަހަރެން ކާ މޭޒުދޮށުގައި އިންތިޒާރު ކުރަމުން މިދަނީ ނަވީން އަށެވެ.

(ނަވީން)

ބަދިގޭގެ ދޮރު ރަނގަޅަށް ލެއްޕި ފިތިވެސް ނުވަނީސް، ލޫނާ ދައްތަ އަހަންނާ ދިމާލަށް ހިތްހަމަނުޖެހިފައި ހުރެ އެއްޗެހި ގޮވަން ފަށައިފިއެވެ. “އަދި ކިރިޔާ ތަ ތިޔަ އާދެވުނީ؟ މީނާއަށް މިހާ ބޮޑު ހޭދައެއް ކުރާއިރު، ރަނގަޅަށް ކަމެއްވެސް ކުރެވެނީކީ ނޫން. ތިޔަ ފާޑުފާޑުގެ ގޮތްގޮތަށް ނުހުރެ، ސައިބޯން އިށީނދެވޭތޯ ބަލާބަލަ،” ރޫޅިފައިވާ ރާގަކަށް އޭނާ ބުންޏެވެ.

އަހަރެން އެއްވެސް ޖަވާބެއް ނުދީ، ގޮނޑީގައި އިށީނީމެވެ. އިށީނީ ލައިރާގެ ގާތުގައެވެ. “މަންމަ ދައްކާ ވާހަކައާ މެދު މާ ބޮޑަށް ނުވިސްނާ، މަންމަ އެ ހުންނަނީ އެކި ކަންކަމާ ހާސްވެފައި،” ލައިރާ މަޑުމަޑުން އަހަރެން ގާތު ބުންޏެވެ. އަހަރެން ލައިރާއާ ދިމާލަށް ބަލާލުމަށްފަހު ހީނލީމެވެ. އަދި ސައިބޯން ފެށީމެވެ. އަހަންނެކޭ އެއްފަދައިން ލައިރާވެސް އިނީ ސައިބޯން ފެޝިއެވެ.

“މިދަނީ މެންދުރަށް ކާނެ އެއްޗެއް ލިބޭތޯ ފިހާރައަށް. ދެމީހުން އެކަނި ގޭގައި ތިބޭއިރު، ނަވީނު ލައިރާއަށް ނޭދެވޭ ކަމެއް ކޮށްގެން ނުވާނެ” ލޫނާ ދައްތަ އަހަންނާ ދިމާލަށް ރުޅިވެރިކަމާއެކު ބަލާލަމުން ބުންޏެވެ. އެ އަޑު އިވުމުން ލައިރާ ވަގުވަގުން އަހަންނާ ދިމާލަށް ބަލާލިއެވެ.

ލޫނާ ދައްތަ ދިޔަ ފަހުން ކޮންމެވެސް ވަގުތުތަކެއް ފާއިތުވެގެން ދިޔައެވެ. އަހަރެމެން ދެމީހުން އަދިވެސް ތިބީ މޭޒު ދޮށުގައެވެ. “ކޮބާ، މާދަމާ ސްކޫލް ހުޅުވެނީ ނޫންތަ؟” ވާހަކައެއް ފެށުމުގެ ނިޔަތުގައި އަހަރެން އެހީމެވެ. ލައިރާ އޭނާގެ މަޑުމައިތިރި އަޑުން ޖަވާބު ދިނެވެ. “ދުވަސްތައް ފާއިތުވަމުންދާ ނަމަ ސްކޫލްވެސް ހުޅުވޭނެ އެއްނު؟” ސަމާސާ ރާގަކަށް އޭނާ ބުންޏެވެ. އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ހީނލީމެވެ. ވަގުތުތައް ފާއިތުވަމުން ދިޔައީ މިފަދަ މަޖާ މާހައުލެއްގައެވެ. ވާހަކަ މެދުކެނޑުމަށް މެދުވެރިވީ ކުއްލިއަކަށް ވާރޭ ވެހެން ފެށުމުންނެވެ. ވާރޭގެ ތިކިތައް ފައިބަން ފެށުމާއެކު، ލައިރާ ބޭރަށް ބަލައިލީ ފުން ނަޒަރަކުންނެވެ. ލައިރާއަކީ އަބަދުވެސް ވާރެޔަށް ނުހަނު ލޯބިކުރާ، ވާރޭގެ ހިތްގައިމުކަމަށް އާޝިގުވެފައިވާ ކުއްޖެކެވެ. އޭގެ ސަބަބު ޔަގީންކަމާއެކު ބުނަން ނޭނގުނަސް، އަހަންނަށް އަބަދުވެސް ސިފަކުރެވެނީ ލައިރާއާއި ވާރެޔާ ދެމެދު އޮތް ފުން ގުޅުމާއި އެއްގޮތްކަމެވެ. އެއީ އެ އަޑުތަކަށް ސަމާލުކަންދީގެން ތިބޭއިރު، ހިތަށް ގެނުވައިދޭ އަމާންކަމާއި ހަމަޖެހުމުގެ ސަބަބުންނެވެ.

(ލައިރާ)

ވާރޭ ވެހެން ފެށުމާއެކު އަހަރެން ގޭގެ ކުޑަދޮރު ކައިރިއަށް ޖެހިލީމެވެ. ފަހަތަށް އެނބުރި ބަލާނުލި ކަމުގައި ވިޔަސް، ނަވީން އަހަރެންގެ ފަހަތުން މަޑުމަޑުން އަންނަކަން އިހުސާސް ކުރެވުނެވެ. އަހަރެން ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުރީ ވެހެމުންދިޔަ ފޮޮނި ވާރޭގެ ތެރެއަށް ގެއްލިފައެވެ. އަހަރެން އަބަދުވެސް ވާރެޔާ ނުހަނު ލޯބިކުރަމެވެ. އޭގެ ސަބަބަކީ އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ނަވީން އައީވެސް ހަމަ މިފަދަ ބޯ ވާރޭގަނޑެއްގެ ތެރެއިން ކަމަށް ވީތީއެވެ.

ނަވީންވެސް އަހަރެންނާ ދާދި ގާތަށް ޖެހިލައި، ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި ހުރީ ވަރަށް ކުޑަ ހުސްތަންކޮޅެކެވެ. އެވަގުތު އަހަރެންގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ދުރަށް ޖެހިލުމުގެ ފުރުސަތެއް ލިބުމުގެ ކުރިން ނަވީން އަހަރެންނާ ސުވާލުކުރިއެވެ. “ލައިރާ، ވާރެޔާ ތެމިލަން ދާނަންތަ؟”

އެ ސުވާލާއެކު އަހަރެން ނަވީންގެ ލޮލާ ލޯ ސީދާކޮށްލީމެވެ. މަންމައަށް އަހަރެމެން މިހާ ގާތުގައި ތިއްބާ ފެނިއްޖެނަމަ ކޯފާވާނެކަން ޔަގީނެވެ. އަދި ނަވީންއާ އެކު ވާރެޔާ ތެމެން ދިޔަކަން އެނގިއްޖެނަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ. އެހެންނަމަވެސް، ނަވީންގެ އެދުމަށް “ނޫނެކޭ” ބުނުމަކީ އަހަރެންނަށް ކުރަން ނުހަނު އުނދަގޫ ކަމެކެވެ. އެއީ އަހަރެންގެ ހިތުގައި އޭނާއަށްޓަކައި އުފެދިފައިވާ މަތިވެރި ލޯތްބެއްގެ ބޮޑުކަމުންނެވެ.

އެހެންނަމަވެސް، މަންމަގެ ފަރާތުން ނަވީނަށް ކުރިމަތިވެދާނެ އުނދަގުލަކަށް ބިރުން، އެ އެދުމަށް އާބަސް ބުނަން ކިތަންމެ ބޭނުންވި ކަމުގައި ވިޔަސް އަހަރެންނަށް އިސްޖަހާލެވުނީ ފަސްޖެހެވޭ ހާލުގައެވެ. އަހަރެންގެ ފަރާތުން ވަގުތުން ޖަވާބެއް ނުލިބުމުން، އަހަރެންގެ ރުހުން ހޯދުމުގެ ގޮތުން ނަވީން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. “މިއަދަކީ ގްރޭޑް 10 ގެ ދެވަނަ ޓާމް ފެށުމުގެ ކުރިން ލިބޭނެ އެންމެ ފަހު ދުވަސް. މާދަމާއިން ފެށިގެން އަނެއްކާވެސް ކިޔެވުމުގެ ބުރަ ދުވަސްތައް ކުރިމަތިވާނެ. މިކަހަލަ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާނެ ފުރުސަތެއް ދެން ލިބޭނެހެނެއް ހީއެއްނުވޭ.”

ނަވީން އެ ބުނީ ދޮގު ވާހަކައެއް ނޫންކަން ގަބޫލުކުރަމުން އަހަރެން ބުނީމެވެ. “މަންމައަށް އަހަރެމެން ގޭގައި ނެތްކަން އެނގިއްޖެނަމަ ނަވީނަށް ހަދާނެ ގޮތެއްވެސް ނޭނގެ. އަހަރެން ދުވަހަކުވެސް ނަވީނަށް ދެރަގޮތެއް ވާކަށް ނޭދެން.”

ނަވީން މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލަމުން ދޮރާ ދިމާލަށް ހިނގައިގަތެވެ. “ލޫނާ ދައްތަ އަހަރެންނާ ދިމާލަށް ބުނެފާނެ ބަހަކަށްވުރެ، ލައިރާ މާޔޫސްވެފައި ހުންނަތަން ދެކެން އަހަރެންގެ ހިތަކަށް ކެތެއް ނުވާނެއެ.”

ނަވީންގެ އެ ޖަޒުބާތީ ބަސްތައް އިވުމާއެކު، އަހަރެންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން މުޅިން ފިލައިގެން ދިޔައެވެ. މަންމަގެ މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ. އެ ވަގުތު މުޅި ދުނިޔޭގައިވެސް ވާކަމަށް އިހުސާސް ކުރެވުނީ ހަމައެކަނި ނަވީން އާއި އަހަރެންނެވެ.

(ނަވީން)

ލައިރާގެ އަތުގައި ހިފާލައިގެން އަހަރެން ވާރޭގެ ތެރެއަށް ނިކުތީމެވެ. އުޑުން ފައިބަމުންދިޔަ ބޯ ވާރޭގެ ތިކިތަކުން އަހަރެމެން ދެމީހުން މުޅިން ތެންމާލަން ނެގީ މަދު ސިކުންތުކޮޅެކެވެ. ލައިރާ އަހަރެންނާ ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. އެ ފުރިހަމަ ހިނިތުންވުން ފެނުމުން އަހަރެންގެ ހިތް މަޑުވިދާލި ކަހަލައެވެ. ލައިރާގެ ފަން އިސްތަށިގަނޑު އޮތީ މުޅިން ތެމި ފޯވެފައެވެ. ވާރޭގެ ތިކިތައް ލައިރާގެ އުޖާލާ މޫނުމަތިން ފައިބަމުންދިޔަ ރީތި މަންޒަރަށް މުޅި އުމުރަށްވެސް ބަލަން ހުރެވިދާނެއެވެ. އޭނާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތަށް ނުބަލާ ހުރުމަކީ އަހަރެންނަށް ނުހަނު އުނދަގޫ ކަމަކަށް ވިއެވެ.

ލައިރާ އަހަރެންގެ އަތުން ދޫކޮށްލުމަށްފަހު، ވާރޭގެ ތެރޭގައި އެނބުރިގަނެފައި އަހަރެންނާ ދިމާލަށް ބަލާލި ވަގުތު، މުޅި ދުނިޔެ ހުއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ލައިރާ ދެކެ އަހަރެންވާ މަތިވެރި ލޯބީގެ މިންވަރުގެ ކުޑަ މިންވަރެއް ނަމަވެސް ބުނެދެވޭނެ ނަމައެވެ.

“ނަވީން! އަހަރެން ވާރެޔާ ތެއްމާލާފާ މިތާ އެކަނި ބެހެއްޓީމާ ވާނީ ކޮންކަހަލަ ކަމަކަށް؟” ލައިރާ ހެމުން ހެމުން ސުވާލުކުރިއެވެ. އަހަރެންނަށް ހަމަހޭވެރިކަންވީ ލައިރާގެ އެ އުފާވެރި އަޑު އިވުމުންނެވެ. އަމިއްލަ ނަފްސަށް ހީލުމަށްފަހު، އަހަރެން ލައިރާގެ ފަހަތުން ދުއްވައިގަތީމެވެ. ބިންމަތީގައި ހެދިފައިވާ ޗަކަ ފެންގަނޑުތަކުގެ މަތިން އަހަރެން ދުވެފައި އަންނަތަން ފެނުމުން ލައިރާވެސް ދުއްވައިގަތެވެ. އޭނާގެ އެ ހަރަކާތްތަކުން ބުނާ ކަހަލައެވެ. “އަހަރެން އަތުލަން ބޭނުމިއްޔާ އަތުލާބަލާށެވެ!”

އަހަރެން ލައިރާގެ ފަހަތުން ދުވަމުންދާތާ ބައިވަރު ވަގުތުތަކެއް ފާއިތުވެގެން ދިޔައެވެ. އަހަރެން އޭނާގެ ފަހަތުން ދުވަމުން ދިޔައީ އޭނާ އަތުނުކުރެވިގެންނެއް ނޫނެވެ. އެހެންނަމަވެސް، ލައިރާއާއެކު ވީހާވެސް ގިނަ ވަގުތެއް ހޭދަކުރަން ބޭނުންވާތީއެވެ. އަހަރެމެންގެ ދުވުމަށް ހުއްޓުމެއް އައީ ވާރޭ އިތުރަށް ބޯކޮށްލުމުންނެވެ. ވަށައިގެންވާ ގޭގޭގެ ފުރާޅުތަކުގައި ވާރޭ ތަޅަމުންދިޔަ އަޑު ގަދަވެ، މުޅި މާހައުލު ފުސްވެގެން ދިޔައެވެ.

އަހަރެމެން ދުވަމުން ގޮސް މިހާރު މި ތިބެވުނީ އަތިރީމަތީގައިކަން ރޭކާލީ ދެނެވެ. ވަށައިގެންވާ މުޅި މާހައުލުން ފެންނަން އޮތް ހަމައެކަނި ދިރުމަކީ އަހަރެމެން ދެމީހުންނެވެ. ލައިރާ އަމިއްލަ ހަށިގަނޑުގައި އަތުން ބައްދާލައިގެން ހުރި ގޮތުން އޭނާއަށް ފިނިވަނީކަން އަހަރެންނަށް ދޭހަވިއެވެ. އަހަރެން މަޑުމަޑުން ހިނގާލާފައި ގޮސް ލައިރާއާ ގާތްވެލީމެވެ. ކިތަންމެ ފަސްޖެހުނު ކަމުގައި ވިޔަސް، އަހަރެން ލައިރާގެ އުނަގަނޑުގައި އަތް އަޅުވާލައި، އަހަރެމެންގެ ދެމެދުގައިވާ ދުރުމިން ކުޑަކޮށްލުމަށްފަހު ބާރަށް ބައްދާލީމެވެ.

“ފިނިވަންޏާ ކައިރީގައި މަރާމާތު ކުރަމުންދާ ފަޅު އިމާރާތަށް ވަންނަންވީ ނޫންތަ؟” ލައިރާގެ މޫނަށް ބަލާލަމުން އަހަރެން އެހީމެވެ. ލައިރާ އަހަރެންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އޭނާގެ ބޯ އަހަރެންގެ މޭމަތީގައި ޖައްސާލިއެވެ.

އަހަރެމެން ދެމީހުން މަޑު ހިނގުމެއްގައި އެ އިމާރާތާ ދިމާލަށް ހިނގައިގަތީމެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު، އަހަރެންގެ ބާރުވެފައިވާ ހިތުގެ ވިންދު ލައިރާއަށް އިވުނުހޭ ހިތަށް އެރިއެވެ. މާ ގިނަ އިރުތަކެއް ނުވެ، އަހަރެމެންނަށް އެ ފަޅު އިމާރާތުގެ ކުރިމައްޗަށް ދެވިއްޖެއެވެ.

(ލައިރާ)

ނަވީންގެ އޯގާތެރިކަމާއި ހިތްހެޔޮކަން ފެނި، އޭނާއަށްޓަކައި އަހަރެންގެ ހިތުގައި އުފެދިފައިވާ ލޯބި ކުރިއަށްވުރެ ބޮޑަށް ފުންވެގެން ދިޔައެވެ. ނަވީން އަހަރެންގެ އަތުގައި ހިފާލައިގެން ގޮސް އެ ފަޅު އިމާރާތުގެ ތެރޭގައި އުސްކޮށް ހުރި ބިމެއްގެ މަތީގައި އަހަރެންނާއެކު އިށީނެވެ. އެހެންނަމަވެސް، އަހަރެންގެ ހަށިގަނޑުގައި ވަށާލާފައިވާ އޭނާގެ އަތުގެ ބާރަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާ އަހަރެންގެ ހަށިގަނޑު އޭނާގެ ހަށިގަނޑާ އިތުރަށް ގާތްކޮށްލިއެވެ. އަހަރެން އިނީ ލޯބީގެ މަސްތުގައި ޖެހި، މުޅި ދުނިޔެމަތިން ހަނދާންނެތިފައެވެ. ނަވީންގެ ހިތް އަހަރެންނަށް މިލްކުވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ.

އަހަރެން ނަވީން އާއި ދިމާލަށް ބަލާލި ވަގުތު، އޭނާ މާ ކުރިންސުރެ އަހަރެންނަށް ބަލަހައްޓައިގެން ހުރިކަން އެނގުނެވެ. ނަވީން އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި އަތުގައި އަހަރެންވެސް ބާރަށް ހިފާލީމެވެ. ނަވީންގެ ލޮލާ ލޯ ސީދާވި ވަގުތު، އޭނާގެ އެ މުށިކަންގަދަ ދެލޮލުގެ ތެރެއަށް އަހަރެން ޣަރަގުވެގެން ދިޔަ ކަހަލައެވެ.

އަހަރެންގެ މޫނު ނަވީންގެ މޫނާ ގާތްކޮށްލި ހިނދު، އޭނާވެސް އަހަރެންނާ ދާދި ގާތަށް ޖެހިލިއެވެ. އަހަރެމެން ދެމީހުންގެ ނަޒަރުވެސް ހުއްޓިފައި ހުރީ އެކަކު އަނެކަކުގެ ތުންފަތަށެވެ. ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެ، ބޭ އިޚްތިޔާރުގައި ނަވީންގެ އަތުގައި ބާރަށް ހިފާލެވުނެވެ. ދެމީހުންގެ ތުންފަތް ޖެހިލާނެހާ ކުޑަ ހުސްތަންކޮޅެއްވެސް ނެތް ވަގުތު، އަހަރެންގެ އަނެއް އަތަށް ދިރޭ އެއްޗެއް އެރިކަމުގެ އިހުސާސްވިއެވެ. ސިހިފައި ދުރަށް ޖެހިލެވުމާއެކު ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

ނަވީންވެސް އަހަރެންގެ ކުއްލި ހަޅޭކުގެ އަޑަށް ސިހިގެން ދިޔައެވެ. “ލައިރާ! ކިހިނެއްވީ؟ ކީއްވެ ހަޅޭއްލެވީ؟” އޭނާ ކަންބޮޑުވެފައި އަހަރެންނާ ސުވާލުކުރިއެވެ. އަހަރެން އަވަސްއަވަހަށް އަތަށް އެރީ ކޮން އެއްޗެއްތޯ ބަލަން ފަހަތް ބަލާލީމެވެ. ނަވީންވެސް އަހަރެން ބަލަން ހުރި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. އަހަރެމެން ދެމީހުންގެ ލޮލުގައި އަޅައިގަތީ ބިންމަތީގައި ހަލުވިކަމާއެކު ދުވަމުންދިޔަ ކުރަފިއެކެވެ. އެ މަންޒަރު ފެނުމުން ނަވީންއަށް ކެތްނުވެގެން ބާރަށް ހޭންފެށިއެވެ. އަހަރެންވެސް ލަދުން ހުރެ ނަވީންގެ އެ ހިނިގަނޑުގައި ބައިވެރިވީމެވެ.

ނަމަވެސް، އަހަރެމެންގެ އެ އުފާވެރި މަޖާ ވަގުތުކޮޅަށް ކުއްލި ހުއްޓުމެއް އައީ، މަންމަ އެ ފަޅު އިމާރާތަށް ވަދެގެން އައި މަންޒަރު ފެނުމުންނެވެ. އަހަރެންނާއި ނަވީން އެކަނިމާއެކަނި އެތަނުގައި ތިއްބާ ފެނުމުން، މަންމަގެ މޫނުމަތިން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ކޯފާވެރިކަމެވެ.

“ކަލޭ ތީ ހާދަ ވިޔާނުދާ ސޮރެކޭ!” ނަވީން އާ ދިމާލަށް ބަލަހައްޓައިގެން ހުރެ، ހަޅޭއްލަވަމުން މަންމަ އަހަރެންގެ ގާތަށް އައުމަށް އަވަސްވެގަތެވެ.

“މަންމާ! މަންމަ ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް މިތާކު ނުހިނގާ،” މަންމައަށް ވިސްނައިދޭން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. އެހެންނަމަވެސް، މަންމަ އަހަރެންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް އެތަނުން ގެންދަން މަސައްކަތް ކުރިއެވެ. “މަންމާ! އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ!” އަހަރެން އާދޭހާއެކު ބާރަށް ބުނަމުން ދިޔައީމެވެ. މަންމަ އަހަރެން ދަމަމުން ދަނިކޮށް، ނަވީން އަހަރެންގެ އަނެއް އަތުގައި ބާރަށް ހިފަހައްޓައި މަންމަ ހުއްޓުވިއެވެ. “ލޫނާ ދައްތާ! އަހަރެންނާ ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް، އަދި ކޮންމެ ގޮތެއް ހެދިޔަސް ހެޔޮ. އެކަމަކު ލައިރާއަށް ދެރަގޮތެއް ވާކަށް އަހަރެން ފުރުސަތެއް ނުދޭނަން،” ނަވީން ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

ނަވީންގެ އެ ބަސްތަކާއެކު އަހަރެންގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. މަންމަ ނަވީން އަށް ދެރަގޮތެއް ހަދާފާނެތީ އަހަރެން އިންތިހާއަށް ބިރުގަތެވެ. ކުއްލިއަކަށް މަންމަ އަހަރެންގެ އަތުން ދޫކޮށްލުމަށްފަހު، ނަވީންގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިއެވެ. ނަމަވެސް، އެފަދަ ހަމަލާއަކުންވެސް ނަވީން އަހަރެންގެ އަތަކުން ދޫނުކުރެއެވެ. “ނަވީން!” އަހަރެން ހާސްވެފައި ބާރަށް ގޮވާލީމެވެ. އަދި މަންމަ ހުއްޓުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ފެށީމެވެ. އެހެންނަމަވެސް، އަނެއްކާވެސް އިވުނީ މަންމަ ނަވީންގެ މޫނުމަތީގައި ޖެހި އަޑެވެ.

އަހަރެންގެ ހިތް ކުދިކުދިވި ކަހަލަ އިހުސާސެއް ކުރެވުނެވެ. ލޮލުން ކަރުނަ އޮހެމުންދިޔަ ހާލު، މަންމަ ގާތު އެކަން ހުއްޓާލުމަށް އެދި ރޮމުން ހަޅޭއްލަވަމުން ދިޔައީމެވެ. އަހަރެން މަޑުމަޑުން ނަވީންގެ އަތުން އަހަރެންގެ އަތް ވަކިކޮށްލީމެވެ. އެއީ މަންމަގެ އަނިޔާތަކުން ނަވީން ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ އަހަރެން މަންމައާއެކު ދިއުންކަން ވިސްނޭތީއެވެ. އަހަރެންގެ އަތުން ދޫވުމާއެކު، މަންމަ އަހަރެންގެ އަތުގައި ހިފައި ވާރޭގެ ތެރެއަށް ދަމާފައި ނެރުނެވެ.

“ކަލޭ ގޭގައި ނެތީމާ މި ބޯ ވާރޭގެ ތެރޭގައި ކަލޭ ހޯދާތާ ކިހާ އިރެއް މިހާރު! ހަޔާތްކުޑަވެގެން މި ވިޔާނުދާ ސޮރާއެކު މިތަނުގަ ދޯ ތި އުޅެނީ؟” މަންމަގެ ރުޅިވެރި ބަސްތައް ހުއްޓުމެއް ނެތި އަހަރެންނަށް އަމާޒުވަމުން ދިޔައެވެ. “މި ސޮރު ކަލޭ މިތަނަށް ވެއްދީ ކަލޭގެ ބޭނުން ހިފަންކަން ކަލެއަށް ނޭނގެނީތަ؟ މިކަހަލަ ނުލަފާ މީހަކު އަހަރެމެން ގޭގައި މި ބަހައްޓަނީ މިކަހަލަ ކަންތައް ކުރާކަށް ނޫން!”

މަންމަގެ ރުޅިވެރި ބަސްތައް އިވިފައި، ވާރޭގެ ތިކިތަކާއި އަހަރެންގެ ލޮލުން އޮހެމުންދިޔަ ކަރުނަ ވަކިކުރަންވެސް ނޭނގުނެވެ. “ލައިރާއާ މެދު އަހަރެންގެ ހިތުގައި ތިޔަކަހަލަ އެއްވެސް ނުބައި ނިޔަތެއް ނެތް،” ނަވީން ވަރަށް ސާބިތުކަމާއެކު މަންމައަށް ޖަވާބުދިނެވެ. އަދި އަހަރެންގެ ގާތަށް އައުމަށް ނަވީން ހިނގައިގަތެވެ. ނަމަވެސް، މަންމަ ހުރަސް އަޅައި ނަވީން ފަހަތަށް ކޮއްޕާލިއެވެ.

“ކަލޭ ދެން އަހަރެމެންގެ ގެއަށް ވަދެގެން ނުވާނެ! ކަލޭގެ މަންމަ މި ދުނިޔެ ދޫކޮށް ދިޔަ ފަދައިން، ކަލޭވެސް މިތަނުން ދާންވީ. އަހަރެންގެ ދަރިފުޅާ ބެހުމުގެ އެއްވެސް ހައްގެއް ކަލެއަކަށް ނެތް. ލައިރާގެ ދިރިއުޅުމުން ކަލޭ ތިހިރީ މިއަދު ވަކިކޮށްފައި. މަރުވާ ދުވަހުވެސް އަހަރެމެންނާ ގާތްވާން މަސައްކަތް ނުކުރާތި!” މަންމަ މުޅި ހިސާބަށް އިވޭވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.

މަންމަގެ އެ ހިތްދަތި ބަސްތަކުން ނަވީންގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. މަންމަ އަހަރެންގެ އަތުގައި ހިފައި ބާރަށް ދަމަމުން، އެ ބޯ ވާރޭގެ ތެރޭގައި ނަވީން އާއި އަހަރެން ވަކިކޮށް ބޭޒާރުކުރަމުން ގެންދިޔައެވެ. ނަވީން އެކަނިމާއެކަނި ވާރޭގެ ތެރޭގައި ހުރެ، ގިސްލާ ރޮމުން އަހަރެން ގެންދިޔަ މަންޒަރު ބަލަން ހުއްޓެވެ. އަހަރެންވެސް ރޮމުން، ގިސްލަމުން މަންމަ ގާތު އާދޭސްކުރަމުން ދިޔައީމެވެ. ނަމަވެސް، އަހަރެންގެ ލޯބީގެ ބައިވެރިޔާއާ ފުރަތަމަ ބައްދަލުވި ދުވަހެކޭ އެއްފަދައިން، މިއަދު އޭނާއާ
ވަކިވާން ޖެހުނީވެސް ހަމަ މިފަދަ ބޯ ވާރޭގެ ތެރޭގައެވެ.

*ނުނިމޭ*
ނޯޓު: މި ވާހަކަ ދާނެ ގޮތް އެގިގެން ދާނީ އަދި އިތުރު ޗެޕްޓާރްތައް ކިޔުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fihaaraeh Thereyn

Level 110 Stories

Other Articles

Previous

ހުލްޤުވެރި ހިތަކުން…

Next

ތަޤުދީރު – 1

Next
May 22, 2026

ތަޤުދީރު – 1

Previews
May 21, 2026

ހުލްޤުވެރި ހިތަކުން…

4 Comments!

  1. xxx says:
    May 22, 2026 at 3:48 pm

    Great.

    1. Fihaaraeh Thereyn says:
      May 23, 2026 at 3:00 pm

      thankyouu look forward to the other chapters💗
      it gets more interesting

  2. nymph says:
    May 24, 2026 at 10:18 pm

    ސާބަސް!

    1. Fihaaraeh Thereyn says:
      May 24, 2026 at 10:23 pm

      ޝުކުރިއްޔާ ވަރަށް ބޮޑަށް😽

Comments are closed.

Next Episodeހޯދަން ކަލާ 2←


All Right Reserved!