ހިމޭން 21
ވަގުތުން ނަޝާޔާގެ އެ ބެއަރ މިންހާއަށް ދިނެވެ. މިންހާ ވަރަށް ވިސްނުންތެރި ކަމާއެކު އޭގައި ބައްދާލިއެވެ. އެއާއި އެކު މިންހާއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ހިނިތުން ވެފައިވާ އެ މޫނުން ކުއްލިޔަކަށް ފެންނަމުން ދިޔައީ ދެބުމަ ކައިރިވެލި ތަނެވެ. މިންހާގެ ވިސްނުމަށް އުނދަގޫވި ކަންތައް އެއްފަރާތް ކުރަމުން ހިނިތުން ވެލައިން އިނދެ ބެއަރ ނަގާ އެނދުގައި ބައިންދާލިއެވެ.
“މިންހާ ދައްތަ ގައިގަ ދެން ކޮއްކޮ ބައްދާލަން ވީނު…. އޭރުން ދައްތަގެ ކުދިން މަތިން ދައްތަ ވަރަށް ހަނދާން ވާނެ.” މިންހާގެ އެ އަޑަށް އިޖާބަ ދެމުން ނަޝާޔާ ބައްދާލިއެވެ.
ނޫޑްލްސް ކައްކާފައި އިނާޔާ އެންމެ ކުރިން ބެލީ ނަޝާޔާ ކޮބައިތޯއެވެ. ދޮރު ހުޅުވާލުމާ އެކު ފެނުނު މަންޒަރުން އިނާޔާއަށް ހައިރާންކަން ލިބުނެވެ. އަލަށް ފެނުނު މިންހާގެ ގައިގާ ކުލުނުވެރި ކަމާއެކު ނަޝާޔާ ބައްދާލައިން އިނީ ކީއްވެބާއެވެ.؟
***************
ރަށަށް ދާން ބޭނުން ވިޔަސް ހާލަތުގެ ގޮތުން އަމީލު ވަނީ އެކަމަށް ފަސްޖެހިފައެވެ. ރީމްއާ އެކު ވަގުތު ހޭދަ ކުރަން ބޭނުން ވިޔަސް ރީމް ގާތަށް މިވަގުތު ދާން އަމީލު ޖެހިލުންވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރީމް ގާތަށް އަމީލު ގޮސްފި ނަމަ ހަމަ ގައިމު ވެސް އެއިން ކުއްޖަކު “ބައްޕާ” އޭ ކިޔާފައި ގޮވާލަ ފާނެތީ އަމީލު އެކަން ކުރަން ބޭނުން ނުވަނީއެވެ. އޭރުން މިންހާ ވަރި ވާން ތައްޔާރުވާ ވަގުތު ރީމް ގެއްލިދާނެހެން އަމީލަށް ހީވަނީއެވެ. މިއީ ހައްތަހާ ވެސް އަމީލު ޖެހިލުންވާ ކަންކަމެވެ.
ހޮޓަލާ ދިމާލަށް ހިނގާފައި ދިޔަ އަމީލުގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ހަމަ ޖެހުމުގެ އެއްވެސް އަސަރެއް އޭނާގެ މުޅި ހަށިގަނޑުން ވެސް ނުފެނެއެވެ. މޫނު މަތިން ހިއްލާފައިވާ އޮށްދާތައް ފުހެލަމުން ހޮޓާ ތެރެއަށް ވައިން އިރު ތަންކޮޅެއް ދުރުގައި ހުރި މޭޒެއް ކައިރީގައި އާމިރު އިނެވެ.
“އަމީލު..!” އާމިރު އަތުން ހަނާ އަޅާލަމުން ބާރަށް ގޮވާލީ އޭނާ އިން މޭޒަށް އައުމަށް އެދިއެވެ.
މޫނުމަތިން ފާޅުވާން ހުރި ހިތްހަމަ ނުޖެހުމުގެ އަސަރުތައް އަދިވެސް އަމީލުގެ މޫނުން ފިލާ ނުދެއެވެ. އެހެނަސް އާމިރުގެ އެ ހަރަކާތަށް ފަސް ދިނުމަކީ މިވަގުތު އަމީލު ކުރަން ބޭނުން ކަމެއް ނޫނެވެ.
އާމިރު އިން މޭޒު ކައިރި އިށީންދެ އިން އަމީލު އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. ދައްކަންވީ ކޮން ވާހަކައެއް ކަން އެތަނުން އެއްވެސް މީހަކަށް ނޭނގެނީ ކަންނޭނގެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އެންމެ ފަހުން އާމިރާއި އަމީލުގެ ބައްދަލުވުން ނިމުނީ ވެސް ދެކޮޅުވެރި ކަމާއި ހަމަ ނުޖެހުމަކުންނެވެ.
“ކޮފީ އަކަށް ނުބުނަންތަ؟” އާމިރު އަހާލީ އޭނާގެ ތަށިން ކޮފީ ކޮޅެއް ބޮމުންނެވެ.
“މަމި އައީ ކޮފީ ބޯކަށް ނޫނޭ… ދުފާލަން.” އަމީލު ދިނީ ކުރު ޖަވާބެކެވެ.
“ކޮބާ! މަސް ދަތުރެއް ރާވާކަށް ނުވޭތަ؟” އާމިރު ބުނެލީ އަމީލުގެ އާންމު ހާލަތު ރަނގަޅު ކޮށްލުމުގެ ނިޔަތުގައެވެ. އަމީލުގެ ބޭގަރާތުވެފައިވާ ހާލަތު އާންމު ހާލަތަކަށް ބަދަލު ކޮށްލާ ސަކަރާތް ޖަހާލުމުގެ ނިޔަތުގައެވެ.
“ޕިސް… ނެތް ތިކަހަލަ ކަމެއް ކުރާހިތެއް.. ދީބަލަ ސިނގިރޭޓެއް.” ބޮލުގައި އަތް ކާއްތާލުމަށް ފަހު އަމީލު ބުންޏެވެ.
“ކަލޭ މުޅިން ފަނި ވެފަ ދޯ ތިއިނީ… މި ފަހުން ނޫޅެ މަސް ދަތުރެއް ދާކަށް ވެސް.. ދެން މިހާރު ހާދަ ވަރަކަށޭ ތި ސިނގިރޭޓު ބޮނީ ވެސް…” ޖީބުގައި އޮތް ފޮށިން ސިނގިރޭޓެއް ނަގާ ދިއްކޮށްލަމުން އާމިރު ބުންޏެވެ.
“ބޯ ހަމަޖައްސަން ކޮންމެސް ގޮތެއް ހަދަން ޖެހޭނު .. ރަށަށް ވެސް ނުދާން މި ހުންނަނީ… މަށަށް އެނގޭ މަ ދިޔައްޔާ ވާނެ ގޮތް..” ޖީބުގައި އޮތް ލައިޓަރު ނަގާ ސިނގިރޭޓު ރޯކޮށްލަމުން އަމީލު ބުންޏެވެ.
“ކިހިނެއް އަބަދު ތިގޮތަށް މީހާ ހަމަ ޖެހޭނީ..؟ ސިނގިރޭޓް ދޫކޮށްފަ، ތި ދިރިއުޅުމުގަ ހަމަނުޖެހި ހުރި ކަންކަން ހަމަޖެހޭތޯ މަސައްކަތް ކޮށްބަލަ. އޭރުން ދޯ ދިރިއުޅުން ރަނގަޅު ވާނީ. ކަލޭ ކިތަންމެ ވަރަކަށް ބޯ ގޮވިޔަސް، ސިނގިރޭޓަކަށް ކޮން ކަމެއް ކަލެއަށް ކޮށްދެވޭނީ؟ އަތުން ފައިސާ އިސްރާފު ވުން ނޫން ކަމެއް ނުވާނެ. ބޯ ހަމަ ޖެއްސުމުގެ ނިޔަތުގަ ތި ބުޔަސް ދިރިއުޅުން ހަމަ ޖެހޭނީ ދިރިއުޅުމުގަ ހުރި ކަމުނުދާ ކަންކަން ހައްލު ކުރެވިގެން. އެކަންކަން ހައްލު ވަނީ އެކަންކަން ހައްލު ކުރަން މަސައްކަތް ވެސް ކޮށްގެން.” ވަރަށް ޝައުގުވެރި ކަމާއެކު އަމީލަށް ބަލަން އިނދެ އާމިރު ބެލީ އޭނާގެ އެކުވެރިޔާއަށް ވިސްނައި ދެވޭތޯއެވެ.
“ކަލޭ މިހާރުވެސް މަށަށް ލައްކަ ނަސޭހަތް ދީފި.. އެވަރުން މަށަށް ފުދޭނެ..” އަމީލު ހަމަޖެހިލަމުން ބުންޏެވެ.
ނަޝާޔާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލަމުން އިނާޔާ ދޮރު ހުޅުވާލިއެވެ. އޭރު ނަޝާޔާ އާއި މިންހާ ވަރަށް ޖަޒްބާތީ ގޮތަކަށް ބައްދާލައިގެން އެނދުގައި ތިއްބެވެ. ހީވާގޮތުން އިނާޔާއަށް ކުރިން އެމަންޒަރު ފެނުންކަމެއް އެމީހުންނަކަށް ނޭނގޭނެއެވެ.
“އައްދެ… މިންހާ މި ކޮޓަރީގަތަ؟ ހިނގާ އެންމެން ކާން.. ނޫޑްލްސް ކައްކައިފިން.” ފުޅާ ހިނިތުން ވުމެއް ދައްކަމުން އިނާޔާ ބުނެލިއެވެ.
އިނާޔާގެ އަޑަށް މިންހާއާ ނަޝާޔާ ސިއްސައިން ގޮސް ދުރަށް ޖެހިލިއެވެ. އޭރު ނަޝާޔާގެ ހަށިގަނޑުގައި އުތުރި އަރަމުން ދިޔަ ލޯބިލޯބި އިހްސާސްތަކަށް ކުއްލިޔަކަށް ނިމުމެއް އައެވެ.
“ހިނގާ ކޮއްކޯ…! ދާނަން ދޯ ކާން..؟ މީގެ ފަހުން ކޮންމެ ގަޑިއަކު އެންމެން ދޯ ކާނީ.” މަޑުމައިތިރި ގޮތެއް މޫނަށް ވެރިވި ނަމަ ވެސް އާނއެކޭ ބުނުމުގެ ގޮތުން ނަޝާޔާ ބޯ ޖަހައިލިއެވެ.
ލިޔަމް އާއި ޝިޔާމް އިނީ ބަނދަރުގައި ހުރި ބެންޗެއްގައެވެ. ކައިރީގައި ހުރި ކުޑަ ގާޑިޔާ އިން ދެ ޖޫގޯ ނަގައިން އައިސް، ރީމް އެ ދެކުދިންނަށް ދިއްކޮށްލިއެވެ. ކޮންމެސް ވަރަކަށް ހަލަބޮލި އެ ހިސާބުން ތަފާތު އެކި އަޑުތައް އިވެއެވެ. ގާޑިޔާ ގައި ތިބި މީހުން ވާހަކަ ދައްކާ އަޑާއި މަގުމަތިން ދުއްވާފައިދާ ސައިކަލުތަކުގެ އަޑެވެ.
ރީމް އިށީނީ އެކުދިންނާއި ތަންކޮޅެއް ދުރުގައެވެ. ދެކުދިން ދައްކާ ވާހަކަތައް އަޑުއަހާ ލުމުގެ ނިޔަތުގައެވެ. ރީމަށް ވިސްނޭ ކަހަލައެވެ. ރީމް ހުންނާތީ ބައެއް ފަހަރަށް އެކުދިންގެ އަމިއްލަ ވާހަކަތަކަށް ހުރަސް އެޅެނީއެވެ. ދުރުގައި އިނަސް ރީމް އިނީ އެކުދިން ދައްކާ ވާހަކަތަކަށް ކަންފަތް ހުޅުވާލައިންނެވެ.
“ދޮންބެ..! ކީއްވެފަ ތި ހުންނަނީ؟ މިހާރު އެހާ މަޖާ ވެސް ނުކުރެ.” ލިޔަމް އަހާލިއެވެ.
“ބޭނުން ވަނީ މަންމަ.. މަންމަ ނެތީމަ ވަރަށް ދެރަވޭ.” ދުރަށް ނަޒަރު ހިންގާލަމުން ފޫހި ރާގެއްގައި ޝިޔާމް ބުންޏެވެ.
“އަހަރެން ވެސް ދެރަވޭ. އެކަމު މަންމަ އަންނާނެ ޑޮކްޓަރއަށް ދައްކާ ނިމިގެން.” ލިޔަމް ބުނެލީ ހަމަޖެހިލާފައެވެ.
“ދޮންބެއަށް އިނގެއޭ.. ބައްޕަ އަބަދު މަންމައާ ތޮޅެންޏާ މަންމަ އަބަދު ވެސް ޖެހޭނީ ޑޮކްޓަރަށް ދައްކަން.” ލިޔަމްގެ މޫނަށް ބަލައިލަމުން ޝިޔާމް ބުނެލީ ދެރަވެފައި އިނދެއެވެ.
“އާނ… މަންމަ އަބަދު ހުންނަނީ ދެރަވެފަ… ‘އައި ޑޯންޓް ލައިކް މައި ޑޭޑް.. އެންޑް މައި އެވްރިތިނގް އިޒް މައި މޮމް.” ލިޔަމް ވެސް ޝިޔާމްގެ ވާހަކައަށް އެއްބަސް ވަމުން ބުނެލިއެވެ.
“އަހަރެން ހިތަށް އަރާ އަހަރެން ބޮޑު ވެފަ ހުރިނަމައޭ. އޭރުން ބައްޕައަށް ނުފެންނަ ތާކަށް މަންމަ ގޮވައިން ފިލާނަން.” ޝިޔާމްގެ އުދާސް ބޭރުކޮށްލި އިރު އޭގައި ވަނީ ނަފްރަތާއި ބަދަލު ހިފުމުގެ ރޫހެވެ.
“ދޮންބެ އެހެން ހެދިއްޔާ، އެކަމު ބައްޕަ ކިހާ ދެރަވާނެ.. އޭރުން ދެން ބައްޕަ ބަލާނެ މީހެއް ވެސް ނުހުންނާނެ. އޭރުން ކޮއްކޮ ވަރަށް ދެރަވާނެ. އެކަމު ވެސް ބައްޕަ އަސްލު ރަނގަޅެއް ވެސް ނޫން.” އެ ހިތުގައި ވަނީ ހަމްދަރުދީއެވެ. އެހެނަސް ދެއްކީ ހަގީގީ ވާހަކައެވެ.
ކުޑަކުޑަ ދެ ހިތެއްގެ އުދާސްތަކުގެ އަސަރު ގަދައެވެ. އަޑުއަހާލާ ކަންފަތަކުން ހިތަށް ކުރުވާނީ ބުނަން ނޭނގޭ ފަދަ އިހްސާސެކެވެ. އެ އަޑު އިވި ރީމްގެ ހަށިގަނޑުގައި ހުރި ލޯލިތައް އިރުކޮޅަކަށް ކޮޅަށް ޖެހިލިއެވެ.
ރޭގަނޑުގެ ވަގުތެވެ. އިނާޔާ ފާޚާނާއިން ނުކުތް އިރު މިންހާ އިނީ އެނދުގައެވެ. އެނދުގެ ހެޑް ބޯޑާ ދިމާލުން ބާލީހެއްގައި ލެނގިލައިން އިން މިންހާގެ ބަނޑު މަތީ ބާލީހެއް ބާއްވާލާފައި ވާއިރު ފައި މަތީ ވަނީ ރަޖާ އަޅާ ފޮރުވާލާފައެވެ.
“މިންހާ..! އޭރު ދެން އެއްވެސް ކަމެއް ފާހަގަވިތަ؟” ފާޚާނާއިން ނުކުތް އިރު އަތުގައި އޮތް ތުވާލި ކޮނޑެއްގައި އަޅުވާލަމުން އިނާޔާ ބުނެލިއެވެ.
“އާނ..! ވަރަށް ތަފާތު ކުއްޖެއް އެއީ.. ވަރަށް ވިސްނުން ރަނގަޅުހެން ހީވަނީ..” އެއް ދިމާލަކަށް ބަލަން އިނދެ މިންހާ ބުނެލީ ވިސްނުމެއްގެ ތެރޭންނެވެ.
“ހޫމްމްމް…! މަ ބުނީމެއްނު.. ދެން ބަލަންވީ އިތުރަށް އެ ފޮރުވަނީ ކޯއްޗެއްތޯ؟ ޝަރާއަށް މިކަން އެނގިއްޖިއްޔާ އޭނަ ދެރަވާނެ ބާއޭ މަ ހިތަށް އަރަނީ؟” އެނދުގައި އިށީންނަމުން އިނާޔާ ބުނެލިއެވެ.
“ހޫމްމްމް… ޝަރާ ނެތިސް ތިކަން ބެލޭނީ.. އެކަމު އަސްލު ޝަރާ ހިތަށް ވެސް ނާރާނެ ނަޝާޔާ އެކަހަލަ ކަމެއް ކޮއްފާނެއޭ ވެސް.” މިންހާގެ ހިމޭން ކަމާއެކު ވާހަކަ ދެއްކިއެވެ.
“ދެން މިރޭ ދަންތަ؟” އިނާޔާ އައިސް މިންހާގެ ފައި ކައިރިން އެނދުގައި އިށީންނަމުން އަހާލިއެވެ.
“އާނ..! މި ވިސްނަނީ ތިހެން… މިރޭ ދާނަން.” އިނާޔާގެ ލޮލަށް ބަލައިލަމުން މައުސޫމީ ގޮތަކަށް މިންހާ ބުންޏެވެ.
ރިންގް ވަމުން ދިޔަ ފޯނުގެ އަޑު އިވުމާއި އެކު އިނާޔާ ތެދުވެގެން ގޮސް ޑްރެސިންގް ޓޭބަލް މަތިން ފޯނު ނެގިއެވެ. ގުޅަމުން ދަނީ ޝަރާއެވެ.
“ހަލޯ..! އޭތް! މަ ބުނީ ކަމެއް ކޮށްދެވިދާނެތަ؟” ޝަރާގެ އަޑުގައި ވަނީ ގޮތް ހުސްވެފައިވާ މީހެއް ކުރާފަދަ އާދޭހެއްގެ އަސަރެވެ.
“ކިހިނެއްވީ؟” ހައިރާން ވެފައި ހުރެ އިނާޔާ ވާހަކަ ދައްކަން ފެށިއެވެ.
“މިއުޅެނީ މަގޭ ފަހާތަނަށް ބޭނުންވާ ބައެއް އެއްޗިހި ހުސްވެގެން. އެކަމު ކޮންމެހެން ވެސް އެބަ ޖެހޭ އެ ހޯދަން. ގޮސް ދެވިދާނެތަ ފިހާރަތަކަށް. އެތަނުން މިހާރު ގުޅައިފި ވިއްސަކަށް ފަހަރު” ޝަރާގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އާދޭހުގެ ރާގެވެ.
“ޝަރާ…! ތިކަހަލަ މަސައްކަތް ކުރާއިރު ރަނގަޅު ދޯ ބޭރުން ސްޓޮކް ގެނެސްފަ ބަހައްޓަން.” އިނާޔާ ބުނެލިއެވެ.
“ގެނެއްސައޭ ހުންނާނީ.. އެކަމު ދެން އެ ހުސްވީމާ މިވަގުތު ބޭނުންވާ އެއްޗެއް ހޯދަން ވާނެއްނު. ތިން ދުވަސް ތެރޭ ނިންމަން ޖެހޭ އެއްޗެކޭ އެއީ.. ޕްލީޒް..” ވެގެން އުޅޭ ގޮތް އޮޅުން ފިލުވައި ދެމުން ޝަރާ ބުންޏެވެ.
“ދެން އެކަމު މަށަށް ކިހިނެއް އިނގޭނީ ތި ބޭނުންވާ ބްރޭންޑާ ކޮލިޓީއާ…؟” އިނާޔާ ބުނެލީ ކަންބޮޑު ވެފައި ހުރެއެވެ.
“އާނ އޯކޭ… ކޮންމެހެން މިކަން ކުރާނެ ކަމެއް ނެތް.. ކަމެއްގެ ވާހަކަ ބުނާ އިރަށް ކަންތައް ބޮޑުވެފަ ތި ހުންނަނީ.” ކުއްލިޔަކަށް ސިނގު ރުޅި އަންނަ ޝަރާ ވަރަށް ހިތްހަމަ ނުޖެހިގެން ބުންޏެވެ.
“ކަންތައް ބޮޑުވާނެ… އެއީ މިކަން ކުރަން ޖެހިގެނެއް ނޫނޭ.. މަ ކުރާ ކަމަކުން އަނެއްކާ ރަނގަޅު ނުވެދާނެތީ… ޝަރާއަށް އިތުރު ގެއްލުމެއް ލިބިދާނެތީ.” އިނާޔާ ބުނެލީ އޭނަ ބުނަން އެންމެ ބޭނުންވާ ވާހަކައެވެ.
“ނޫނެކޭ.. މަ ފޮނުވާނަން މެސެޖަކުން… ދާންވީ ފިހާރަތަކާ.. ގަންނަންވީ ވަރާ… ގަންނަންވާ އެއްޗިހީގެ ފޮޓޯއާ… ދައްކަން ވާ ފައިސާއާ.. އޯކޭ.. މަ އެވަރު ކުރިޔަސް ނުވާނެތަ؟” ޝަރާގެ ރޭވުންތެރި ވިސްނުން ކިޔާލަދިނީ އިނާޔާ ބާރުވެރި ކުރުވުމުގެ ގޮތުންނެވެ.
“އޯކޭ.. އެކަމު ކަމެއް ސަކަރާތް ވިޔަސް މަށަށް ޒިންމާއެއް ނުނެގޭނެ.” ފޯނު ބޭއްވުމުގެ ކުރިން އިނާޔާ ދިނީ އިންޒާރެކެވެ..
“މަށާ ހެވޭ ޒިންމާ ނުނެގިޔަސް. ކަމެއް ގޯސްވިއްޔާ މަ ޒިންމާ ވެސް ނަގާފާނަން. ހެޔޮނުވާނެ. މަ ތިކަމަށޭ ކިޔާފަ މާލެ އަރަން ނުޖެހޭވަރު ކޮށްލަދީބަލަ.” ޝަރާގެ އާދޭސް ތަކަށް އެއްބަސް ވަމުން އިނާޔާ ފޯނު ބޭއްވިއެވެ.
ދެފަރާތަށް ބޯ ހަލުވާލަމުން އިނާޔާ ރީތިވާން ފެށިއެވެ. ޝަރާގެ ކަންކަން ހުންނަ ގޮތުން އިނާޔާއަށް އެގޮތް ކަމު ނުދަނީއެވެ. ރިޒޯޓަށް ދިޔަފަހުން ނަޝާޔާގެ ހާލު ބަލާލާ އެކުއްޖާއާ ވާހަކަ ދައްކާލަން އަދި ގުޅާނުލައެވެ. ކުރާނީ ކީއްހެއްޔެވެ؟ އެވެސް މަންމައެކެވެ.
“މިންހާ…! ޝަރާ އެބުނި ކަމެއް ކުރަން މަ މިދަނީ.. ދެން ނޭނގެ މިރޭ އަވަހަށް ގެއަށް އާދެވޭނެ ކަމެއް ވެސް.. ނަޝާޔާ ހުރީމަ އޭނަ އެކަނި ކޮށްފަ އަހަރުން ދެ މީހުންނަށް މިކަން ކުރަން ފިހާރައަކަށް ވެސް ނުދެވޭނެއްނު.” އަޅާފައި ހުރީ ޝޯލް ރީތިކޮށް ލަމުން އިނާޔާ ކޮޓަރިން ނުކުތެވެ.
ރޭގަނޑުގެ ލަސް ގަޑިއެކެވެ. ބޭރަށް ދިޔަ ގޮތަށް އިނާޔާ ގެއަކަށް ނާދެއެވެ. ދިރިއުޅުމުގެ ހުރިހާ ގޮންޖެހުމެއް ހަނދާން ނެތިފައި ހުރި މިންހާ ކޮޓަރިން ނުކުމެގެން ހިނގައިގަތެވެ. ދިއްލާފައިވާ ނަޝާޔާގެ ކޮޓަރިއާ ދިމާލަށެވެ. އިރުކޮޅަކު ދޮރު ކައިރި ހުރުމަށް ފަހު މިންހާ އެ ކޮޓަރި ތަޅުގައި ހިފާ އަނބުރާލިއެވެ.
ނުނިމެ
ސަލާމް ކިޔުންތެރިން!!!
މިންހާއަށް އަމީލު ގާތުން ވަރި ވެވޭނެބާ؟ މިންހާގެ އެ ހިތްވަރު ހުންނާނެބާ؟ ރީމަށް އަމީލު ގާތުން ދުރު ވެވޭނެބާ؟ މިންހާއާ ނަޝާޔާއާ ދެމެދު އުފެދެމުން މިދާ ގުޅުމުގެ ހަގީގަތަކީ ކޮބައިބާ؟ އަމީލްއާ މެދު ޝިޔާމްއާ ލިޔަމް ދެން ކަންތައް ކުރާނީ ކިހިނެއްބާ؟ އިނާޔާއާ ޝަރާގެ ރަހުމަތްތެރި ކަމަށް ވާނީ ކިހިނެއްބާ؟؟؟
ކޮމެންޓް ސެކްޝަންގައި ހިޔާލު ފާޅުކޮށް ދިނުމަކީ ޝަލީންގެ ވަރަށް ބޮޑު އެދުމެއް އިނގޭ🤗🤗🤗






