މަލަކުލް މޯތް
ވައިގަދަ ވިއްސާރަ ރެޔެކެވެ. ކުއްލިކުއްލިއަށް ވިދާލާ ވިދުވަރުން އަނދިރިކޮއް އޮތް ހޮސްޕިޓަލް ވޯޑް ތެރެ ދިއްލާލައެވެ. އަހަރެން މޯޅިއަކަށް ދެމިލާފައި ފާރުގަ އިން ގަޑިއަށް ބަލާލީމެވެ. މެންދަމުން 1:30 ވީއެވެ. އެނދުގައި އޮތް އަހަރެންގެ މެއިޑް އަށް ބަލާލިއިރު އޭނަ އޮތީ ނިދާފައެވެ. އަހަރެން އިން ގޮނޑިން ތެދުވެ ވޯޑް ތެރޭ ކުޑަކޮށް ހިނގާލީމެވެ. އެހާ ގިނައިރު ވަންދެން ޕްލާސްޓިކް ގޮނޑިގަނޑުގަ އިށީންދެގެން އިންނަން ޖެހުނީމަ މުޅި ގައިގަ ރިއްސައެވެ. ހޮސްޕިޓަލް އަށް އައި އިރު ފިރިމީހާ، ސާމިރު، ދިން ކުޝަން ހިފައިގެން އާދެވުނު ނަމައޭ ހިތައް އެރިއެވެ. އެކަމު އެވަގުތު އޭނެ ދެކެ ރުޅިއައިއްސަ ހުރިވަރުން ނިކުމެގެން އައީއެވެ.
ވޯޑްގަ އެވަގުތު ތިބި މީހުންނަށް އަހަރެން ނަޒަރު ހިންގާލީމެވެ. ވޯޑް ގެ ދޮރާ އެންމެ ގާތުގަ ކަނާތް ފަރާތުގަ އެނދުމަތި ކުރެވިފައި އޮތީ ވަރަށް މުސްކުޅި ފިރިހެނެކެވެ. އޭނާ ގަޔަށް އެކި މެޝިންތައް ގުޅާފަ ހުއްޓެވެ. އެވަގުތު އޭނަ ކައިރީ އެއްވެސް މީހެއް ނެތެވެ. އެ އެނދާ ޖެހިގެން ދެން އޮތް އެނދުގަ އޮތީ ޅަފުރައިގެ އަންހެން ކުއްޖެކެވެ. އޭނަގެވެސް ހަމަ އެވަރަށް މެޝިންތައް ގުޅާފަ އޮތެވެ. އޭނަ އެނދުކައިރީ ގޮނޑީގައި އަންހެނަކު ނިދާފަ އިނެވެ. ބަލާބެލުމުން ހީވަނީ އޭނަގެ މަންމަ ހެންނެވެ.
އަހަރެންގެ މެއިޑް އާއި މި ދެމީހުން ފިޔަވާ ދެން އިތުރު މީހެއް އެވޯޑްގަ އެޑްމިޓް ކޮށްފައެއް ނުވެއެވެ. އަހަރެން އަނެއްކާވެސް ގޮސް ގޮނޑީގަ އިށީނީމެވެ. 6 ޖަހަން ދެން ވަގުތު ހޭދަ ކުރާނެ ގޮތަކާއި މެދު ވިސްނީމެވެ.
“މެޑަމް”
ކުއްލިއަކަށް އާޝާ ގޮވާލި އަޑަށް އަހަރެން ސިހުނެވެ. އަވަހަށް ތެދުވެ އޭނަ ކައިރިއަށް ޖެހިލީމެވެ.
“ކީކޭ އާޝާ” އާޝާ އާއި ދިމާލަށް ގުދުވެލާފަ އަހަރެން މަޑުމަޑުން އަހާލީމެވެ.
އާޝާ ކުޑަކޮށް ބޯހިއްލާލާފައި ވޯޑް ދޮރާ ދިމާލަށް އިޝާރާތް ކުރިއެވެ.
“އެހެރީ…..އަހަރެން…..ދަރިފުޅު…..އަހަރެން….ކައިރި…..ގެނެސްދީ……މެޑަމް.” ވަރަށް އުނދަގުލުން ވާހަކަ ދައްކަމުން އޭނަ ބުނަންބޭނުންވާ އެއްޗެއް ބުނެފަ ރޯން ފަށައިފިއެވެ. އަހަރެން އޭނަގައިގަ މަޑުމަޑުން ފިރުމާލާފައި އޭނަ މަސަލަސް ކުރެވޭތޯ އުޅުނީމެވެ. އާޝާއަށް ދިމާވި ކަންތައް ހިތަށް އަރާފަ އަހަންނަށްވެސް ރޮވޭގޮތް ވިއެވެ.
އާޝާ އަކީ އަހަރެންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިން އިރު އަހަންނަށް އެހީވާން ސަމީރު ގެނެސްދިން މެއިޑްއެކެވެ. ލަންކާ މީހެކެވެ. އޭނަގެވެސް ދަރިއަކާ ފިރިއެއް ހުރެއެވެ. އާޝާ އަހަންނާ އެކީ އުޅޭތާ މިވީ 5 އަހަރެވެ. މި 5 އަހަރު ތެރޭ އޭނަގެ ފަރާތުން އަހަންނަށް ވަރަށް ފަސޭހަވެގެން ދިޔައެވެ. އަހަރެންގެ ދަރިފުޅުވެސް އޭނަ ދެކެ ވަރަށް ލޯބިވެއެވެ. އެހާ ދުވަސް އަހަރުންނާއި އެކީ އުޅުނީމަ އަހަންނަށް އޭނަޔާ ދޭތެރޭ ދެކެވެނީ ކޮއްކޮ އެއްގެ ނަޒަރުންނެވެ.
އެހެންކަމުން އާޝާ އަށް މިހާރު ދިމާވެގެން އުޅޭ ކަންތައްތަކުން އަހަރެންގެ ހިތް ކުދިކުދިވެއެވެ. މީގެ ދެތިން ދުވަސް ކުރިން އަހަރެން ސިޓިންގ ރޫމްގަ ޓީވީ ބަލަން އިންދާ އާޝާ ފޯން އެއްގަ ހުރެގެން ގެއަށް ވަނެވެ. އޭނަ އައީ އަހަރެންގެ ހަގު ދަރިފުޅަށް ބޭނުންވާ އެއްޗެހި ގަނެގެންނެވެ.
އޭނަ ވަރަށް ބާރަށް އެއްޗެކޭ ބުނުމުން އަހަރެން ސިހިފަ އޭނައާ ދިމާލަށް ބަލާލީމެވެ. އޭނަ މޫނުމަތިން ރުޅިވެރިކަން ފާޅު ވޭވޭ ހުއްޓެވެ. އަހަރެން އެއްޗެކޭ ނާހާ އޭނަ ދައްކާ ވާހަކަ އަޑުއެހީމެވެ.
“ޕްރޮމޯދް އޮބަޓަ މެޔަ ކަލަ ނޮހަކަ (ޕްރޮމޯދް، ކަލެއަކަށް ތިހެން ނެހެދޭނެ). މަމަ މަގޭ ދިޔަނަޔެން ވިމަޓަ ކައެމައްތަކް ނައެހަ (އަހަރެންގެ ދަރިފުޅާ އަހަރެން ދުރުކުރަން ނޫޅޭ).”
އެހަހިސާބަށް ވާހަކަ ދިޔަތަނުން އާޝާ އަށް ރޮވެން ފެށިއްޖެއެވެ. އަދި އޭނަ އޭނަގެ ފިރިމީހާ ކައިރީ އާދޭސް ކުރަމުން އޭނަގެ ކޮޓަރިއަށް ވަނެވެ. އަހަންނަށް އެއިން ގޮތަށް އިނދެވުނީއެވެ. އާޝާ އާއި އޭނަގެ ފިރިމީހާ އާއި ދެމީހުން މައްސަލަ ޖެހިގެން އުޅޭކަން އަހަންނަށް އިނގެއެވެ. ޖެހޭނީ ލާރީގެ މައްސަލައެވެ. އަޝާ އަށް ފޮނުވޭ ވަރު އޭނަގެ ފިރިމީހާ އަށް މަދުވަނީއެވެ. އެކަން އަހަންނަށް އިނގުނީމަ އިތުރަށް އާޝާ އަށް ލާރިދޭން ހެދީމަ އޭނަ އެކަމަށް އިންކާރު ކުރީއެވެ. އޭނަ ބުނާ ގޮތުގައި އިތުރަށް ފޮނުވާ ލާރި ޚަރަދު ވާނީ އޭނަގެ ދަރިއަކަށް ނޫނެވެ. ޕްރޮމޯދް ރާބޯންށެވެ. ބޮޑަށް މައްސަލަ ޖެހެނީވެސް އެކަމާ ހެދިކަމަށް އާޝާ ބުންޏެވެ.
އަހަންނަށް ސިހުންވީ އާޝާ ކޮޓަރި ތެރޭން އާޝާ ވަރަށް ބާރަށް ރޮއެގެން އަޑަށެވެ. އަހަރެން ދުވެފަ ގޮސް ކޮޓަރިއަށް ވަނީމެވެ. އަހަންނަށް ފެނުނު މަންޒަރުން ހިތްހުއްޓުން ކަހަލަ އެވެ. އާޝާ ހުރީ ބްލީޗް ފުޅިއެއްގަ އަނގަ ޖަހައިގެންނެވެ. އަހަރެން ދުވެފަ ގޮސް އޭނަގެ އަތުން އޭތި ފޮޅާލީމެވެ. އެވަގުތު އޭނަ މުޅި ތަނަށް ހޮޑުދުއްވާލިއެވެ. އަހަރެން ވަގުތުން އެމްބިއުލަންސް އަށް ގުޅީމެވެ. އެވަގުތު އޭނަ ކައިރީ ވީގޮތް އެހުން މާމުހިއްމު ކަމަކަށް ނުވިއެވެ. އަހަރެން ބޭނުންވީ އޭނަ އަވަހަށް ހޮސްޕިޓަލް އަށް ގެންދާށެވެ. އެމްބިއުލެންސް އަންނަން ދެން އަހަރެން އޭނަ އެނދުގަ ބޭއްވީމެވެ. އޭރު އޭނަ އޮތީ ހޭނެތިފައެވެ. އަނގައިން ލޭއައިސް ހުއްޓެވެ. އަހަރެން ދެން ގުޅީ ސާމިރުއަށެވެ. ވީގޮތް ކިޔައިދީފަ އައިޖީއެމްއެޗް އަށް ދާށޭ އަހަރެން ބުނީމެވެ. އެއަށް ފަހު އަހަރެންގެ ކޮއްކޮ އަށް ގުޅާފަ ގެއަށް އައިސްދިނުމަށް އެދުނީމެވެ. ވެގެން އުޅޭ ގޮތް ކުޑަކޮށް ކިޔާލަދީފަ ހޮސްޕިޓަލުން އަންނަން ދެން ކުދިން ކައިރީ މަޑުކޮށްލަދިނުމަށް އެދުނީމެވެ.
އެމްބިއުލަންސް އައި އިރު ކޮއްކޮ ހުރީ ގޭގައެވެ. އޭނައަށް ވާންވީ ގޮތް ކިޔައިދީފައި އެމްބިއުލަންސް އަށް އަރައިގެން ހޮސްޕިޓަލް އާއި ދިމާލަށް ދަތުރުފެށީމެވެ. ހޮސްޕިޓަލަށް ދިޔަ ހިސާބުން ހުރިހާ ކަމެއް ވަރަށް އަވަހަށް ހިނގައި ދިޔައެވެ. ސާމިރު ވެސް އޭރު ހޮސްޕިޓަލްގަ ހުރިކަމުން ކުރަން ޖެހުނު ހުރިހާކަމެއް އޭނަ ކުރަމުން ދިޔައެވެ. ޑޮކްޓަރުން ކުރި ސުވާލުތަކަށް ޖަވާބު ދިނީ އަހަންނެވެ. ގާތްގަނޑަކަށް ބައިގަޑިއިރު ވަންދެން އާޝާ ގެ ޓެސްޓްތައް ހަދާ އޭނަ ޗެކްކޮށް ކަންތައް ކުރުމަށްފަހު ޑޮކްޓަރ އަހަންނަށާ ސާމިރަށް އޭނަޔާ އެއްކޮށް އިމަޖެންސީ ރޫމް އިން ބޭރަށް ނިކުތުމަށް އިޝާރާތް ކޮށްލިއެވެ. އާޝާ އާއި ދިމާލަށް އެއްފަހަރު ބަލާލުމަށްފަހު އޭނައަށް ނިދިފަ އޮތް ތަން ފެނުނީމަ އަހަރެން ކުޑަކޮށް ހަމަޖެހިލާފަ ޑޮކްޓަރާއި އެކު ނިކުތީމެވެ.
“ވަރަށް ސިވިއަ ކޭސް އެއް.” ޑޮކްޓަރ އަތުގައި އޮތް ފައިލް އަށް ބަލާލަމުން ބުންޏެވެ. “ބްލީޗްގެ ސަބަބުން އޭނަގެ އެތެރެހަށީގެ ގުނަވަންތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ. ސަރޖަރީ އެއް ހަދަންޖެހޭނީ. ޔަގީން އެއްޗެއް ނޫން އެއީ. އެހެންވީމަ ތިބޭފުޅުންގެ ކޮންސެންޓް ބޭނުންވާނެ.”
ސާމިރު އާއި ދިމާލަށް އަހަރެން ބަލާލީމެވެ. “އޭނަގެ ފިރިއެއް ހުރި އިރު އަހުރަންނަށް ކޮންސެންޓް ދެވޭނެތަ؟”
“މިވަގުތު އޭނަގެ ބަލަދުވެރިއަކަށް ވާނީ އަހަރުމެން. އަހަރުމެންގެ ބެލުމުގެ ދަށުގަ އޭނަ އެހެރީ.” ސާމިރު ބުނެލިއެވެ. “އަހަރެން ޕްރޮމޯދްއާ ވެސް ވާހަކަ ދައްކާލާނަން. އޭނަ ބުނާ އެއްޗެއްވެސް އިނގިދާނެ އެއްނު” ޑޮކްޓަރާ ދިމާލަށް ބަލާލަމުން އަނެއްކާވެސް ސާމިރު ވާހަކަ ދެއްކިއެވެ. “ސޮއިކުރަންވީ އެއްޗެއް ރެޑީ ކޮށްލާފައި އަޅުގަނޑު ކައިރީ ބުނެލާ. އަޅުގަނޑު ކޮންސެންޓް ދޭނަން”
ޑޮކްޓަރ ބޯޖަހާލިއެވެ. “އަދި އެއްވާހަކަ. އާޝާ އަށް ކޮންމެ ކޮންމެ އެއްޗެއް ނުކެވޭނެ. އަޅުގަނޑު ދޭނަން ޑައެޓް ލިސްޓެއް. އޭގަ ހުރި އެއްޗެހި އޭނައަށް ދޭންވަނީ. އޭނަގެ ސިކުނޑިއަށްވެސް ވަރަށް އަސަރު ކޮއްފަ ހުރީ. އެހެންވީމަ ހެލުސިނޭޓް ވެސް ކުރާނެ”
“ހެލުސިނޭޓް؟” އަހަރެން ސުވާލުކޮށްލީމެވެ.
“މިބުނީ ފެންނަން ނުހުންނަ ކަންކަން އޭނައަށް ފެންނާނެއޭ. ހަމަ ނުޖެހޭ ވާހަކަވެސް ދައްކާނެއޭ. އެއީ މިކަހަލަ ސިޓުއޭޝަން ތަކުގައި ވާނެ ކަންކަން.”
އަހަރެން ބޯ ޖަހާލީމެވެ. އާޝާއަށް ވަރަށް ބޮޑަށް އަޅާލުން ބޭނުންވާނެ ކަން އަހަންނަށް އިނގެއެވެ.
ހިޔާލުތަކުން އަހަންނަށް ނިކުމެވުނީ އާޝާ ގޮވާލި އަޑަށެވެ.
“ކީކޭ އާޝާ؟” މަޑުމަޑުން އަހަރެން އަހާލީމެވެ.
“މެޑަމް….އަހަރެން….ދަރި….ޕްރޮމޯދް ނުގެންދަނީ ދޯ…..ލިބޭނެ ދޯ؟” އަހަރެން ފެންކަޅިވިއެވެ. ޕްރޮމޯދް އާއި އާޝާ އާއި ދޭތެރޭ ޖެހުނު މައްސަލަ ސާފުވީ ސާމިރު ޕްރޮމޯދު އަށް ގުޅުމުންނެވެ. އާޝާ އަށްވީ ކަންތައް ބުނުމުން ޕްރޮމޯދް ހާހެއް ނުވެއެވެ. އަހަރުމެން ހަދާނެ އެއްޗެއް ހަދާށޭ ބުންޏެވެ. އޭނަ ރުޅި އައިސްގެން އުޅުނީ އާޝާ ފޮނުވަމުން އައި ފައިސާ އޭނައަށް ފޮނުވުމުގެ ބަދަލުގައި އައިޝާ ގެ ދައްތައަށް ފޮނުވަން ފެށީމައެވެ. ޕްރޮމޯދްއަށް ފޮނުވާ ފައިސާ އޭނާ ރަލަށް ހަރަދު ކުރާތީއެވެ. ފައިސާގެ މައްސަލަ ބޮޑުވާން ފެށީމަ ޕްރޮމޯދް އެންމެ ފަހުގެ ހަތިޔާރު ބޭނުން ކުރީއެވެ. ދަރި ގޮވައިގެން ފިލާނެ ވާހަކަ ބުނީއެވެ. އަދި އާޝާ ވަރިކޮށްފަ އެހެން މީހަކާ އިންނާނީއޭ ކިޔައިގެން ބިރުދެއްކީއެވެ. އާޝާ ބްލީޗް ބުއި ދުވަހަކީ ޕްރޮމޯދް އޭނަ ވަރިކުރަން ވެގެން ޑިވޯސް ފޯމް އޭނައަށް މެއިލް ކުރި ދުވަހެވެ. އޭގަ ވަރިވާން ބޭނުންވާ ސަބަބު ކަމުގައި ބުނެފައިވަނީ އާޝާ ދަރިއަށް އެއްވެސް ވަރަކަށް އަޅާނުލާ ވާހަކައާއި އެހެން ފިރިހެނުންނާއި ގުޅުން ބައްވާ ކަމާއި އަދި ދަރި ބެލުމަށް އޭނަ ފިޓް ނޫންކަމަށެވެ. އަދި އެހެންކަމުން ދަރިފުޅުގެ ފުލް ކަސްޓަޑީ ޕްރޮމޯދް އަށް ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ. އާޝާ ހިތްވަރު އެލޭ ގޮތްވީ ޕްރޮމޯދް އަކީ ލަންކާގެ މަތީ މާޤާމް ތަކުގައި އުޅޭ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމުން އޭނަ ބޭނުންވާ ކަމެއް އޭނައަށް ވާނެކަމުންނެވެ. ބްލީޗް ފުޅި ބޯލީ ގޮތްހުސްވެގެންނެވެ.
“މެޑަމް” އާޝާ އަނެއްކާވެސް ގޮވާލިއެވެ. އަހަރެން އާޝާ އަށް ބަލާލީމެވެ. އޭރު އޭނަގެ ނަޒަރު ހުއްޓިފަ ހުރީ ވޯޑްގެ ދޮރާ ދިމާލަށެވެ.
“އެހެރީ ކާކު؟” ދޮރާ ދިމާލަށް އިޝާރާތް ކުރަމުން އޭނަ އަހާލިއެވެ. އަހަރެން ދޮރާ ދިމާލަށް ބަލާލިއިރު އެތާގެ އެއްވެސް މީހެއް ނެތެވެ.
“އެތާ ނެތް އެއްވެސް މީހެއް އާޝާ” މަޑުމަޑުން އަހަރެން ބުނެލީމެވެ.
“ނޫން. ކަލު ހެމް ޝާޓު އެކަކް އަންޑަޕު ކެނެކް އެކަ (ކަޅު ހެދުމެއްގަ މީހަކު އެބަހުރި)” އަހަރެންގެ ސިންހަލަ ތަންކޮޅެއް ކޮށިވާނެއެވެ. ނަމަވެސް އާޝާ ބުނި އެއްޗެއް އަހަންނަށް ކުޑަކޮށް ފަހުމްވިއެވެ.
“ނެތޭ އާޝާ” އާޝާ ހެލުސިނޭޓް ކުރަނީކަން އަހަންނަށް އިނގިއްޖެއެވެ. ބޭހުގެ ވަގުތު ހަމަވަނީއެވެ. އަހަރެން މަޑުމަޑުން އޭނަގެ ބޮލުގަ ފިރުމަން އިނީމެވެ.
ކުއްލިޔަކަށް އާޝާ ވަރަށް ފުންކޮށް ނޭވާލާން ފަށައިފިއެވެ. އަހަރެން ކުޑަކޮށް ހާސްވިއެވެ. ނަރުސް ކުއްޖާ އަށް ގޮވަން އިން ބަޓަން އަށް ފިއްތާލަން އުޅެނިކޮށް އާޝާ ވަރަށް ބާރަށް އަހަރެންގެ އަތުގަ ހިފާލިއެވެ.
“މެޑަމް….އޭނަ އަންނަނީ….އަހަރެން ދިމާލަށް އަންނަނީ” އަހަރެން ވަށައިގެން ބަލާލީމެވެ. އަހަންނަކަށް އެއްވެސް އެއްޗެއް ނުފެނެއެވެ. އާޝާ މަސަލަސް ކުރާނެގޮތެއް އަހަންނަކަށް ނޭންގުނެވެ. އަހަންނަށް ކުރަން އިނގޭ ކަންތައް އަހަރެން ކުރަން ފެށީމެވެ. މަޑުމަޑުން އާޝާ އަށް އިވޭ ވަރަށް ފާތިހާ ސޫރަތް ކިޔަވަން ފެށީމެވެ. އެއީ ޝިފާ ގެ ސޫރަތެއްކަން އަހަންނަށް އިނގެއެވެ. އެކަމުން ވެސް އާޝާ އަށް ލުޔެއް ލިބޭތޯއެވެ.
މަޑުމަޑުން އާޝާގެ ނޭވާ ހަމަޔަކަށް އެޅުނެވެ. އެކަމުވެސް އޭނާ ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މޫނުމަތީ ބިރިވެރިކަމުގެ އަސަރު ހުއްޓެވެ.
“މެޑަމް…..އޭނަ ދަނީ މުސްކުޅި ބޭބެ ކައިރިއަށް…..މެޑަމް އޭނަ މިހާރު ގުދުވަނީ…..މެޑަމް އޭނަ ކީއްކުރަނީ” ތުރުތުރު އަޅަމުން އާޝާ ދެއްކި ވާހަކަ އަހަންނަށް ރަނގަޅަށް ފަހުމް ނުވިއެވެ. ކުއްލިއަކަށް މުޅި ވޯޑް ތެރެއިން އިވުނީ މެޝިންތައް ގޮވާ އަޑެވެ. އަޑު އައީ މުސްކުޅި ބޭބެ އޮތް އެދުންނެވެ. އަހަރެން އެދިމާލަށް ބަލާލިއިރު ނަރުހުންތައް ދުވެފަ އައިސް އޭނަ ވަށާލިއެވެ. އަދި އެނދު ކައިރި ހުރި ފޮތިގަނޑު ދަމާލާ އެނދު ފޮރުވާލިއެވެ. ފޮތިގަނޑުގެ ފަހަތުގައި ހިނގަމުން ދާކަންތައްތަކެއް ނުފެނެއެވެ. އިވެނީ އަޑެވެ. ކުއްލިއަކަށް ހުރިހާ އަޑުތަކެއް ކެނޑިއްޖެ އެވެ. ދެން އިވުނީ ނަރުސްކުއްޖާގެ އަޑެވެ.
“ޓައިމް އޮފް ޑެތް 2:03 އޭ އެމް.”
އަހަރެން އާޝާ އާއި ދިމާލަށް އަނެއްކާވެސް ބަލާލީމެވެ. އޭނަ އޮތީ މުސްކުޅި ބޭބެ ގެ އެނދާދިމާލަށް ބަލަހައްޓައިގެންނެވެ.
“އެމީހާ އެބަހުރިތަ އަދިވެސް އެތާ؟” އަހަރެން އަހާލީމެވެ.
އާޝާ ބޯހޫރުވާލިއެވެ.
“ނާސް ކަހައި އައްޔާ މިޔާ ގިޔަ ކިޔަލަ (ބޭބެ މަރުވިކަމަށް ނަރުސް ކުއްޖާ ބުނުމުން އެމީހާ ގޮއްސި)” އަހަރެން ބޯ ޖަހާލާފައި ގޮނޑީގައި އިށީނީމެވެ. މިވެގެން ދިޔަ ކަންތައް އަހަންނަށް ފަހުމް ކުރަން އުނދަގޫވިއެވެ. އާޝާ އަށް އެފެނުނީ ކާކުބާއެވެ. މަލަކުލް މޯތްގެފާނު ބާއެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ. މަލަކުލް މޯތް ފެންނާނީ ހަމައެކަނި މަރުވާ މީހާއަށް އެކަންޏެވެ. އަދި ފެންނަ ހިސާބުން އެމީހަކަށް ވާހަކަވެސް ނުދެއްކޭނެޔޭ ބުނާ އަޑު އަހަރެން އަހަމެވެ. ދެން އެހެންވިއްޔާ އާޝާ އަށް އެފެނުނީ ކާކުބާއެވެ. އޭނަ ހެލުސިނޭޓް ކުރި ވަގުތާ އެމީހާ މަރުވި ވަގުތާ މީ އިއްތިފާޤް ބާއެވެ.
އަހަންނަށް އެގޮތަށް ވިސްނަން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. މަޑުމަޑުން އެމުސްކުޅި ބޭބެގެ އާއިލާ އަންނަން ފަށައިފިއެވެ. ހޮސްޕިޓަލުން ކުރަން ޖެހޭ ކަންކަން ނިންމަމުން ގެންދިއެވެ. ސާމިރު އައި އިރު އެމީހާ އެތަނުން ގެންގޮސް އެހެން މީހަކަށް އެ އެނދު ތައްޔާރު ކޮށްފިއެވެ.
ސާމިރު އައުމުން ވީގޮތް އަހަރެން ކިޔައިދިނީމެވެ.
“އެއީ ހަމަ މަލަކުލް މައުތް އަށް ވެދާނެތަ؟” ބިރުން ހުރެ އަހަރެން އަހާލީމެވެ.
ސާމިރު ވަރަށް ސީރިއަސް ކަމާއެކީ އަހަންނަށް ބަލާލިއެވެ.
“ހިއެއް ނުވޭ. އަހަންނަށް ބޮޑަށް ހީވަނީ ތީ ސިހުރުގެ ކަމެއް ހެން. އާޝާ ތި ކިޔައިދިން ގޮތުން ހީވަނީ އެމުސްކުޅިބެ މަރަން ހެދި ސިހުރެއްގެ ނިމުންހެން އާޝާ އަށް ތި ފެނުނީ. ދެން ނަތާ އެކަމާ އެހާ ބޮޑަށް ނުވިސްނާ”
އަހަރެން ބޯޖަހާލީމެވެ. ސާމިރު ކިޔައިދިން ގޮތް ގަބޫލް ކުރެވެއެވެ. އެކަމާ ދެން އިތުރަށް ނުވިސްނަން އަހަރެން ނިންމީމެވެ.
2 މަސްވަންދެން އާޝާ ހޮސްޕިޓަލްގަ އޮތެވެ. އޭނަގެ ސާޖަރީ އެހާ ކާމިޔާބެއް ނުވިއެވެ. ޑޮކްޓަރ ވިދާޅުވީ ގިނަ ގުނަވަންތައް ސަލާމަތް ނުކުރެވުނު ކަމަށެވެ. އޭނާ ދުނިޔޭގަ މާ ގިނަ ދުވަހަކު ނޯންނާނެ ކަމެވެ. އަހަރެން ވަރަށް ރުއީމެވެ. ކޮއްކޮ އެއް ކަހަލަ މީހެކެވެ. ވަކިވެގެން ދާން އުޅޭތީއެވެ. އޭނަގެ ދަރިފުޅާ ބައްދަލު ކުރެވޭ ތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އޭނާ މަރުވެގެން ދިޔައީ އެނާގެ ދަރިފުޅުގެ އަޑުން މަންމާ އޭ ކިޔާ ގޮވާލާ އަޑުވެސް ނީވިއެވެ.
ނިމުނީ
4 Comments!
Comments are closed.

V reethi MA
RL story eh tha?
I’m have a lil doubt igey isn’t it malakal mauth not malakul moath?
Hama ahalee curious vegen
Keep it uppp
CW4UR NEW STORY AKAH
TC gurll
It’s a true story….just meehun ge names and than than badhalu kohlaafa. And I know…its supposed to be malakul mauth….thats a mistake
Wow wow wow.
Great. Vrh reethi.
Tc
..
Ty 😊