ހިމޭން 19
“އަނެއްކާވެސް ބޮޑު ކަމެއް ވުމުގެ ކުރިން ތިކަން ހުއްޓާލާ… ކޮން އިރަކު ކަމެއް ނޭނގެ ކަލޭ އަމިއްލަ ހާލައިގެން ނޫޅެވޭނީ…. މާދަން ވެސް މިންހާ ވަރި ވިއްޔާ ކަލެއަށް ނުބައި ވާނީ އޭނަ…” އާމިރުގެ ވާހަކަ ހުއްޓާލަން މަޖުބޫރުވީ އަމީލު ވާހަކަ ދައްކަން ފެށުމުންނެވެ.
“އެހެންވީމަ މީ ކަލެއަށް އެނގިގެން ވާ ކަމެއް ދޯ؟” އަމީލު ދެ ފަތްޕިލާ ބާރުކޮށްލަމުން ބުނެލިއެވެ.
“ކޮން ކަމެއް؟” ދެބުމަ ކައިރި ކޮށްލަމުން އާމިރު ބުނެލީ ހައިރާން ވެފައި ހުރެއެވެ.
“މިންހާ ވަރި ވާން ފޯމު ލައިފި…” ލަދުން ހުރެ އިސް ޖަހާލައިން ލުއިލުއި އަޑަކުން އަމީލު ބުނެލިއެވެ.
*************
“ތިއެެއް މަށަކަށް ނޭނގެ… ތިރަށަށް ގޮސް އުޅުނަސް މަމީ ތިރަށު މީހެއް ވެސް ނޫން. އެކަމު، މަ ތިގެއަށް ސައި ބޯން ދިޔައީ އެންމެ ދުވަހަކު. އެދުވަހު މަށަށް ކޮންމެސް ވަރަކަށް ތަސައްވަރު ކޮށްލެވުނު މިންހާއާ ދޭތެރޭ ކަލޭގެ ކަންކަން ހުންނާނެ ގޮތް. މަށަކީ މިންހާއާ ވާހަކަ ދައްކާ އުޅޭ މީހެއް ވެސް ނޫން. މިންހާ ވަރި ވާން ވީމަ އިނގޭނީ މިންހާއަށް.. މަށަކަށް ނޫން.” އެހެން ބުނުމަށް ފަހު އަތުގައިވާ ކޮފީ ތަށި ހިފައިން އާމިރު ހިނގައިގަތެވެ.
ކޮޓަރިއަށް ވަނުމަށް ފަހު މިންހާ އަޅާފައިވާ ހޭންޑް ބޭގް އެނދުގައި ބާއްވާލަމުން އިށީނެވެ. އޭރު ފަހަތުން އައިސް ވައިން އިނާޔާ ވެސް މިންހާގެ ފައިލާއި ބޭސް ކޮތަޅު އެނދުމަތީ ބާއްވާ ލަމުން އިށީނެވެ.
“މިންހާ! ވަރަށް ވަރުބަލި ދޯ؟ ނަސީބެއްނު މިއަދު ނިމުނުކަން. ހަވީރު ހިނގާ ރަށަށް ދާން؟” އިނާޔާ ބުނެލީ ބޮލުގައި އަޅާފައިވާ ބުރުގާ ބާލަމުންނެވެ.
“ނޫން. ނުދާނަން…” ވަރަށް އަވަހަށް މިންހާ އިންކާރު ކުރިއެވެ.
“ނޫނެކޭ؟.. ދެން ނިމުނީމަ ނިމުނީނު؟ ކީއްކުރަން މިތާ މަޑުކުރަނީ؟ ތިވެގެން އުޅޭގޮތް މިންހާ އަދި ވެސް އަހަރެން ގާތު ނުބުނަމެއްނު.” އިނާޔާ ދެ ބުމަ ކައިރި ކޮށްލަމުން ބުނެލިއެވެ.
“އިނާ…! އަހަރެން ބުނީމެއްނު…… ރަށުން މި އައީ ވަރަށް ބޮޑު ކުށެއް ކޮށްފައޭ… އަހަންނަށް… ހީވަނީ އަހަރެންގެ ދުވަސް ދެން މި ދަނީހެން..” ދެލޮލަށް ޖަމާވަމުން ދިޔަ ފެންތިކި ތަކާއެކު މިންހާ ބުނެލީ ތެޅެމުން ދިޔަ ބާރު ހިތުގެ ވިންދާ އެކުގައެވެ.
“ކީއްކުރީ؟ އޭރު މަގުމަތީގަ ތި ވާހަކަ ކިޔާ ނުދެވުނަސް މިހާރު ބުނެބަލަ. ކީއް ކޮށްފަތަ އަސްލު ތިއައީ؟” މިންހާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން އިނާޔާ އެހިއެވެ.
“މި.. މި އައީ.. ވަ… ވަރިވާން ފޯމު ލާފަ.. އަމީލު އެވަރަކަށް އެ ގުޅަނީ ކޯޓ…. ކޯޓަށްކީމަ. އަހަރެން މިތަނުން… ރަށަށް ދާކަށް ބޭނުމެއް ނޫން.” މިންހާ ވަރަށް ހިއްވަރު ކޮށްފައި ވެސް ވާހަކަ ދެއްކީ ރޮމުންނެވެ.
“ކޮން އިރަކު ފޯމު ލީ؟..” ހައިރާން ވެފައި އިނދެ އިނާޔާ އަހާލިއެވެ.
“އަމީލު އެރަށަށް ފުރުމުގެ ކުރިން.. އެކަމު ބޭބީއަށް މިހެން ވުމުގެ ކުރިން.. މި ބުނީ… ރީމްއާ އަމީލުގެ ގުޅުން އެނގުނީމަ….” ވެއްޓެމުން ދިޔަ ކަރުނަ ތިކި ފުހެލަމުން މިންހާ ކޮންމެސް ވަރަކަށް ކިޔައިދިނެވެ.
“އެހެން ވީމަ މިންހާ ހިތަށް ކެތްނުވީ އަމީލު އެހެން އަންހެނެއް ގެންގުޅޭތީ ދޯ؟. އަހަރެން މި ހީކުރީ އަނިޔާތަކަށް ކެތް ނުވެގެން ކަމަށް.” އޯގާތެރި އަޑަކުން ވާހަކަ ދައްކަމުން އިނާޔާ ބެލީ މިންހާގެ އަނގައިން ވާހަކަ ހޯދޭތޯއެވެ.
“އިނާ….! އަހަރެން ނޫނަސް ކޮންމެ އަންހެނަކަށް ވެސް އެކަންކަން ލޯ ކުރިމަތިން ފެނުމަކީ ފަސޭހަ ކަމަކަށް ނުވާނެ… އެއީ ސިކުނޑިއަށް ހާދަ ބުރަވާ ކަމެކޭ.. އެހެން ފެނުނީމަ ހިތަށް ކުރާ އަސަރޯ؟…. މި ގުޅުމުގަ އަމީލު ދެކެ ބޮޑަށް ލޯބި ވަނީ އަހަރެންކަން އަހަންނަށް އިނގޭ އިރު…. ކިހިނެއް އެކަން މަށަށް ފަސޭހަ ވާނީ؟” ސައިޑް ކަބަޑު މަތީ ބައިންދާފައިވާ ފޮށިން ޓިޝޫއެއް ނަގާ މިންހާ ނޭފަތުގައި ހާކާލިއެވެ.
“ދެން ތި ދައްކަނީ އަނިޔާގެ ވާހަކަ… އިނގޭތަ؟ އެ ލިބޭ ކޮންމެ އަނިޔާއަކީ… އަހަންނަށް އަދި މާ އުނދަގޫ ކަމެކޭ… މަގޭ ގައިގަ ކޮންމެ ދުވަހަކު ކިހާ…. ކިހާ ވޭނެއް އަޅާނެ. ތަންތަނުގަ ރިއްސާތީ ބޮނޑިތާން ކޮށްގެން ދެން ނޫނީ ބޭސް އުނގުޅައިން މި އުޅުނީ… ދަރިންގެ ކުރިމަތީގަ ވެސް ހެވިލާފަ…. ހެވިފަ ހުންނަން ކުރާ މަސައްކަތް މަށަށް މިހާރު ކާމިޔާބެއް ނުވެއޭ…” ގިސްލެެވެމުން ދިޔަ މިންހާގެ އަޑު އަހަން ކައިރީގައި އިނާޔާ އިނީ ވަރަށް ދެރަވެފައެވެ.
“އަހަރެން ކުރިމަތީ ރީމް ގެންގުޅޭތީ… އެކަމުގެ އަނިޔާ ލިބެނީ މަގޭ ހިތާ ސިކުނޑިއަށް…. އެކަމު މަށަށް ކުރާ ޖިސްމާނީ އަނިޔާއިން މަގޭ މުޅި ހަށިގަނޑު… މުޅި މި ހަށިގަނޑު މިހާރު ބަލިވެއްޖެ.. ދެން އަހަންނާ ދިމާލަށް ކިޔާލާ އެއްޗެއްސޯ؟… މަށަކަށް ނޭނގެ މަށަށް ހީވަނީ… ނޭވާ ނުލެވި ހާސްވެގެން ކަނޑަށް ގަރަގުވާ މީހެއްހެން.” އިނާޔާ ވަރަށް ބާރަށް މިންހާ ގައިގާ ބައްދާލިއެވެ.
“އިނާ….! މަ ވަރި ވާން ފޯމުލީމަ… އަމީލު ހުރީ ރުޅި އައިސްފަ… އެހެންވެ މިހާރު ރަށަށް ދާން މަ ބިރުގަނޭ.. އޭނަ މަށަށް ދެން ހަދާލާނީ ކިހިނެއް ކަމެއް ވެސް ނޭނގެ…” މިންހާ ވާހަކަ ދައްކަމުން ދިޔައެވެ.
“މިންހާ..! މިންހާ ތި ކުރީ ކުށެއް ނޫން.. ކުށް ކުރީ އަމީލު.. ކޯޓުގަ މިންހާއަށް ވާހަކަ ދައްކަން ފުރުސަތު ލިބުނީމަ ތި ހުރިހާ ވާހަކަ ކިޔައިދީ. ތި ސަބަބުތައް ދައްކައިން މިންހާއަށް ވަރަށް ފަސޭހައިން ވަރި ވެވޭނެ… އަހަރެން ވަރަށް އުފާ ކޮށްފިން… އަހަންނަށް ވެސް އަންގާނުލާ މިންހާ ތިވަރު ކަމެއް ކުރީމަ..” އިނާޔާ ދިޔައީ މިންހާއަށް ހިއްވަރު ދެމުންނެވެ.
“އެކަމު މިހާރު އަހަރެން ބިރުގަނެއޭ.” މިންހާ ބުނެލީ ކުރު ނަމަވެސް ވަރަށް ބޮޑު ވާހަކައެކެވެ.
“އަހަރެން ގަބޫލު ކުރަން މިންހާގެ ތި އިހްސާސް. އަހަންނަށް އިނގޭ މިންހާ ޖެހިލުން ވާނެކަން. އެކަމު ވަރަށް ހިއްވަރު ގަދަ ވީމަ ދޯ ފޯމު ފުރާފަ ތިލެވުނީ.. އެހެންވިއްޔާ މިންހާ ވަރަށް ހިއްވަރު ކުރަންވާނެ ކޯޓުގަ އެވާހަކަތައް ދައްކަން. އަމީލުއާ ދޭތެރޭ މިންހާ ނުޖެހޭނެ ހާސް ވާކަށް…. މިންހާއަށް އިނގޭތަ؟ އަސްލު އެވަގުތު ހަގީގަތް އެނގުނީމަ މިންހާއަށް ވުރެ ބޮޑަށް ހާސްވާނީ އަމީލުއޭ..” އިނާޔާ ދިޔައީ ހުއްޓުމެއް ނެތި ހިއްވަރު ދެމުންނެވެ.
“ކޮބާ މިގޭގަ އުޅޭ ކުޑަކުއްޖާ؟ އިނާ ބުނީމެއްނު… މިގޭގަ ކުއްޖެއް އުޅެއޭ. އަހަރެން އަދި ނުވެސް ދެކެން.” ކުއްލިޔަކަށް ކަމެއް ހަނދާން ވެގެން ކަހަލަ ގޮތަކަށް މިންހާ ބުނެލީ ކޯތާފަތުގައި ހުރި ކަރުނައިގެ އަސަރު ފުހެލަމުންނެވެ.
“އެބަ އުޅޭ… އަބަދު އުޅޭނީ ކޮޓަރީގަ. ވިޔާމް ބުނި ޝަރާ ހިތްހަމަ ނުޖެހިގެން މިހާރު ސްކޫލަށް ވެސް ނުގެންދެއޯ.. ނަޝާޔާ ވެއްޖެ ކޮޓަރީގަ.” އިނާޔާ ބުނެލީ ވަޅޯ ގޮތަކަށް އިނދެއެވެ.
“އެ ކީއްވެ އަބަދު ކޮޓަރީގަ އިންނަނީ؟” ނަޝާޔާގެ ވާހަކަތަކާއި އެކު މިންހާގެ ޚިޔާލުން ހިނދު ކޮޅަކަށް އަމީލު އެއްފަރާތް ވެލިއެވެ.
“ފަހުން އެ ވާހަކަ ކިޔައިދޭނަން. އަޅެ މިންހާ ދޭބަލަ އެކޮޓަރި ދޮރުގަ ހިފާލަން. ވާހަކަ ނުދެއްކިޔަސް ނަޝާޔާ ކޮބައިތޯ ބަލައި ލެވިދާނެއްނު.” އިނާޔާގެ ވާހަކަތަކުން މިންހާއަށް ތަފާތު ޝައުގުވެރި ކަމެއް އައެވެ.
ކޮޓަރިން ނުކުމެގެން ގޮސް ނަޝާޔާގެ ކޮޓަރި ދޮރު ހުޅުވާލަން ހިފާލި ވަގުތު މިންހާއަށް އިވުނީ ޝަރާގެ އަޑެވެ. އެއަޑު ވަރަށް ސާފުކޮށް މިންހާއަށް އިވެމުން ދިޔައެވެ.
“ކީއްވެހޭ ނެގީ؟… އެނ…؟ ބުނެބަލަ.” އެއީ ހަރުކަށި އަސަރެއް އެކުލެވިގެންވާ ޝަރާގެ އަޑެވެ.
“އޭތް.. ނަޝާޔާ!.. ވާހަކަ ދައްކަބަލަ. ކީއްވެހޭ ނެގީ؟” ނަޝާޔާގެ ޖަވާބެއް ނުލިބުމުން ޝަރާ ތަކުރާރު ކުރިއެވެ.
“ބަނޑުހައި ވެގެން…. ބިސްކޯދު އުރަ ކާލެވުނީ.” އަދަބުވެރި ގޮތަކަށް ނަޝާޔާ ބުނެލި އިރު އެ އަޑުގައި ވަނީ ރުއިމުގެ އަސަރެވެ.
” ނުޖެހޭނެ ދޯ ތަންތާ ބަހައްޓާފަ ހުންނަ އެއްޗިހި ނާހާ ކާކަށް.. ތި ކުރެވުނީ ވަރަށް ވިޔާނުދާ ކަމެއް. ކޮންމެ ފަހަރަކު ކާން އަންނާށޭ ބުނީމަ ވެސް ކާކަށް ނާދެ.. ދެން މާބޮޑަށް ބަނޑުހައި ވީމަ މިތަނުން މީހަކު ކާލެވޭ އިރުވެސް ނަޝާޔާ އަކަށް ނޭނގޭ” ރުޅިގަދަ އަޑަކުން ޝަރާ މުޚާތަބު ކުރީ ކުޑަކުއްޖަކާ ވާހަކަ ދައްކަން ޖެހޭ ވަރަށްވުރެ ހުތުރުކޮށެވެ.
ޝަރާގެ ހަރުކަށި އަޑު އިވި މިންހާ ޖެހިލުން ވިއެވެ. އެ ރުޅިވެރި ކަމުގައި އެކުލެވިގެންވާ އަސަރުތައް މިންހާއަށް ހަނދާން ކޮށްދެނީ އަމީލުގެ އަޑާއި ރާގެެވެ.
ޝަރާއަށް ދޮރު ހުޅުވާލެވުނު އިރު ކުރިމަތީ ގައި މިންހާ ހުއްޓެވެ. އޭރު ޝަރާ ހުރީ ޖަރީ ކޮށްފައިވާ އަބާޔާއެއް ލައިންނެވެ. އަޅައިން ހުރި ޝޯލް ވެސް ޗާލު ކަމުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ތުންފަތުގައި އުނގުޅާފައިވާ މަޑު ރަތް ކުލައިން ޝަރާގެ ތުންފަތް އެހާމެ ރީއްޗެވެ. އެ ހުރިހާ ކަމަކާ އެކު ވެސް ޝަރާގެ މޫނުން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
“މިންހާ..! ކަމަކުތަ؟” ހިތްހަމަ ނުޖެހުން ފޮރުވާލަން މަސައްކަތް ކުރަމުން ޝަރާ ބުނެލިއެވެ.
“ނޫން.. މީ… ކޮޓަރިން ނުކުމެލީ ބޯ ހަމަޖައްސާލަން.” އެއްވެސް ހިނިތުން ވުމެއް ނެތް މޫނަކާއި އެކު މިންހާ ޖަވާބު ދިނެވެ.
އެވަގުތު ޖެހިގެން އިން ކޮޓަރިން ވިޔާމް ނުކުތެވެ. އޭނާ ކޮޓަރި ތެރެއިން ދަމާފައި ނެރުނު ދެ ލަގެޖް ފެނި މިންހާއަށް ޔަގީންވިއެވެ. ޝަރާ ބުނި ގޮތަށް ރިޒޯޓަށް ދާން އެމީހުން އެ ތިބީ ތައްޔާރަށެވެ. އެހެން ނަމަވެސް މިވަގުތު ފުރަން އުޅޭކަން އިނާޔާއަށް އިނގޭ ނަމަ އެވާހަކަ މިންހާ ގާތު ބުނީހެވެ.
“އެހެންތަ؟ މާ މަދިއްޔޭ ކޮޓަރިން ނުކުންނަލެއް.. އަހަރުމެން ނުލާހިކު އަނގަތަޅަން. ކޮބާ އިނާ؟” އިނާޔާ އުޅޭ ކޮޓަރިޔާ ދިމާލަށް ދަމުން ޝަރާ ބުނެލިއެވެ.
ޝަރާގެ ފަހަތުން މިންހާ ވެސް އެ ކޮޓަރިއަށް ވަނެވެ. އޭރު އިނާޔާ އޭނާގެ ތުވާލި އަތްމައްޗަށް ލައިން ފާޚާނާއަށް ވަންނަން ތައްޔާރު ވަނީއެވެ.
“އިނާ…! މިދަނީ ރިޒޯޓަށް ދާން އިނގޭ.. ކުއްލިޔަކަށް ވިޔާމަށް ގުޅީ އަވަހަށް ނުކުންނަން. އެހެންވެ ވިޔާމް ދާއިރު އަހަރެން ވެސް ދާންވެގެން. ވަރަށް ބޮޑަށް ސޮރީ މިހާ ކުއްލިޔަކަށް ދާން ޖެހުނީމަ… ނަޝާޔާ ބަލާލަދެއްޗެ. އަންނާނަން ދެ ދުވަސް ވަރު ކޮށްލާފަ. އޯކޭ ދޯ؟ ޕްލީޒްޒޒޒ….” ޝަރާ ބުނަން ބޭނުންވި ހުރިހާ ވާހަކައެއް އެއްފަހަރާ އަމުނާލީ އާދޭހާއި އެކުގައެވެ.
“މިހާރު ފުރަނީ؟… އެކަމު ދެ ދުވަސް އެކަނި އަހަރުންނަށް މަޑުކުރެވޭނީ.. މިންހާ ވެސް މިހާރު އޯކޭ، ދެ ދުވަހަކު މަޑުކޮށްލަން. އެކަމު މިސާލަކަށް… ވާގޮތަކުން މިންހާ ކުއްލިޔަކަށް ރަށަށް ދާން ޖެހުނިއްޔާ… ދެން މަކިހިނެއް ހަދާނީ؟” ދެއަތަށް ބޯ ހޫރާލަމުން އިނާޔާ ބުންޏެވެ.
“އަހަރެން އައުމުގެ ކުރިން އިނާ ދާން ޖެހުނިއްޔާ… ދެން އޭރުން އޯކޭ ނަޝާޔާ ގޮވައިން ތި ރަށަށް ގޮސްލާ… މަ ދާނަން ތި ރަށަށް ނަޝާޔާ ބަލާ.. އަހަރެން ނަޝާޔާ ގާތު މި ވާހަކަ ބުނާނަން. ތިމީހުން ރަނގަޅަށް ކައިން ތިބެއްޗެ… ބައި” ޝަރާ ބޭނުންވި ގޮތަށް ހުރިހާ ކަމެއް ރާވާލުމަށް ފަހު ވިޔާމްއާ އެކު ނުކުމެގެން ދިޔައެވެ.
ހަވީރުގެ ވަގުތެވެ. ހިތްފަސޭހަ މަންޒިލެކެވެ. ޖެހެމުންދާ ފިނި ވައިގެ ތެރޭގައި ރީމް އިނެވެ. ދެކުދިން ގޮވައިން ޕާކުގައެވެ. އެ އުފާވެރި ހަވީރުގެ ހިތްގައިމުކަން ހޯދަމުން ދިޔަ އެހެން ކުދިންނާ ބަލާއިރު ޝިޔާމްގެ ހަރަކާތްތައް ފެންނަނީ ވަރަށް މަދުންނެވެ. ހަލަބޮލި އެ މާހައުލުގައި ދުވެ ސަކަރާތް ޖަހަމުންދާ އެތައް ކުދިންގެ ތެރެއިން ޝިޔާމްގެ އެ ހިމޭންކަން ފާހަގަ ވާވަރު ވެއެވެ. އެއިން ކޮންމެ ކަމަކަށް ވަރަށް ޝައުގުވެރި ކަމާ އެކު ބަލަން އިން ރީމް ސިއްސައިން ދިޔައީ ޖިންސްގެ ފަހަތު ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުންނެވެ.
“ހަލޯ..! ރަށުގެ އެއްވެސް ވާހަކައެއް ކިޔާތަ؟” ރީމްއަށަ އެއްޗެއް ނުބުނެ ވި އުޅެނިކޮށް އެކޮޅުން ވާހަކަ ދެއްކީ އަމީލެވެ.
“ރަށުގަ؟… ރަށުގަ ދެން އެކި ވާހަކަ ކިޔާ މީހުން އުޅޭނެއްނު… ކޮންކަހަލަ ވާހަކަ އެއް ތިބުނީ؟” ހުރިހާ ޝައުގުވެރި ކަމެއް ފޯނަށް ދެމުން ރީމް ބުނެލިއެވެ.
“މި ބުނީ މިންހާއޭ ކިޔައިން އެއްވެސް އެއްޗެއް ކިޔާހޭ؟… އެހެން ނޫނީ މަށޭ ކިޔައިގެން އެއްޗެއް ކިޔާހޭ؟” އަމީލުގެ ހަރުކަށި ސުވާލު އަމާޒު ކުރީ ސީދާ ރީމަށެވެ.
——–
– ނުނިމެ –
ސަލާމް! ޝަލީން އެބަ ވިސްނަން ޤައުމީ ދުވަހު ( ހުކުރު ދުވަހު) އަނެއްކާ މި ވާހަކައިގެ އިތުރު ބައެއް ބޯނަސް ޕާޓެއްގެ ގޮތުގަ ކިޔާލަން ދޭން. އެހެންވެ ބުރާސްފަތި ދުވަހުގެ ބައި މިއަދު ކިޔާލަން މި ދިނީ އިނގޭ 🤗 ކިޔުންތެރިން އުފާވާނެ ކަމަށް އުންމީދު ކުރަން.
ހުކުރު ދުވަހުގެ ބޯނަސް ޕާޓަށް އިންތިޒާރު ކޮށްލައްޗެ އިނގޭ.. 😊
މިބައި ކަމުދިޔަ ނަމަ، ލައިކް / ކޮމެންޓް / ޝެއަރ ކޮށްލައްޗެ.
6 Comments!
Comments are closed.







❤️
Hi Toy. D 👋
Anekkaaves AA kujjei comment kollee dho 😊
Heart react kolleemaves shaleen varah ufaavejje ingey
Thanks ❤️
Lu
Your welcome 😊
❤️❤️❤️
Ur welcome 😊
❤️❤️❤️