ހިމޭން 17
“މިންހާ… ކޮންމެސް އެއްޗެއް ބުނެބަލަ.. އޯކޭ ދޯ އަހަރެން އަންނަން ދެން މަޑު ކުރަން.” ޝަރާ ބުނީ ވަރަށް އުންމީދާއި އެކުގާއެވެ.
އެއްފަހަރު ޝަރާއަށް ބަލައިލުމަށް ފަހު އަނެއް ފަހަރު އިނާޔާއަށް ބަލައިލަމުން މިންހާ އިސްޖަހާލިއެވެ. އެއަށް ދޭނެ އެއްވެސް ޖަވާބެއް ނެތް މިންހާގެ ދޫ ޚަރަކާތް ކުރާނީ ކިހިނެއްހެއްޔެވެ؟… މިންހާއަކީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ބާރު ނެތް އަންހެނެއްކަން ޝަރާއަށް ބުނެދޭން މިންހާ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ޝަރާގެ އެ ނިންމުމަށް މިންހާ އާނއެކޭ ބުނެ ބޯ ޖަހާލައިފި ނަމަ އަމީލުގެ ބާރު ދައްކާލާނެ ކަން މިންހާ އާއި އިނާޔާއަށް އެންމެ ރަނގަޅަށް އިނގެއެވެ. އެއީ އިނާޔާ ވެސް މިފަހަރު ޝަރާއަށް އިންކާރު ކުރާ އެންމެ ބޮޑު އެއް ސަބަބެވެ.
“އޭތް… ވާހަކަ ދައްކަބަލަ.. އޯކޭތަ އިނާއާ ދެމީހުން މަޑު ކޮށްލަންވީނު؟” މިންހާގެ އަތުގައި ހިފާ ތަޅުވާލަމުން ޝަރާ ބުނެލިއެވެ.
މިފަހަރުވެސް ކަންތައްވީ ޝަރާ ހީކުރި ގޮތަކަށް ނޫނެވެ. މިންހާއަކީ ބޮޑު އަންހެނެކެވެ. އިނާޔާ އާއި ޝަރާގެ ކުރިމަތީގައި މިންހާ ވާހަކަ ނުދައްކާ ހިމޭނުން އިނުން ވެގެން ދިޔައީ ޝަރާއަށް މުޅިން އާ ކަމަށެވެ. މީގެ ކުރިން ޝަރާއަށް ފެނުނީ ނަޝާޔާގެ އެ މައިތިރި މިޒާޖެވެ. އެހެނަސް ޝަރާގެ ވިސްނުމުގައި ނަޝާޔާއަށް އެހެން ވަނީ އޭނާއަކީ އެއްޗެއް ނުވިސްނޭ ކުޑަކުއްޖަކަށް ވާތީއެވެ. މިންހާގެ މި ހިމޭން މިޒާޖު ފެނި ޝަރާގެ ދެ ބުމަ ކައިރި ކޮށްލަމުން ކޮޓަރިން ނުކުމެގެން ދިޔައެވެ.
މެންދުރުގެ ވަގުތެވެ. ދެކުދިން ގޮވައިން ގޮސް އަތިރިމަތީ ޖޯލީގައި އޮތް ރީމް ވިސްނަމުން ދިޔައީ ހިނގަމުންދާ ހަޔާތަށް އަންނަން އުޅޭ ތޫފާނާއި މެދުގައެވެ. ޖެހެމުންދާ ފިނިފިނި ވައިގެ ތެރޭގައި އޮތްކަމުގައި ވިޔަސް ރީމްގެ ހަށިގަނޑުގައި ހިނގަމުން ދަނީ ހޫނު ލެއެވެ. އަމީލުގެ ކައިރިން ސަލާމަތް ވާން ވިސްނުން ނޫން އެހެން ކަމެއް މިހާރު ރީމްގެ ސިކުނޑިއަކު ނުވެއެވެ.
***********
ކުރިމަތީ ހުރި ޖޯލި ހެއްލާލަ ހެއްލާލާ އިން ލިޔަމްގެ މޫނު މަތިން ފެންނަނީ ހިތްހަމަ ޖެހުމާއި މަޖާ ގޮތްގަނޑެވެ. ޝިޔާމް އޭނާގެ އެކަނިވެރި ދުނިޔޭގައި އިނދެ ފަހަރަކު ދޮންވެލި މުށެއް ނަގާ އޮއްސާލައެވެ. ހީވާގޮތުން ޝިޔާމްގެ މުޅި ސިކުނޑި ވެސް އޭނާ ހާސްކުރާތާ ކިތަންމެ ދުވަހެއް ކަންނޭނގެއެވެ.
އަތުގައި އޮތް ފޯނު ރިންގް ވަމުން ދިއުމާއި އެކު ރީމް ބަލައިލިއެވެ. ގުޅަމުން ދަނީ އަމީލެވެ. އަމީލުގެ ނަން ފެނި ފުރަތަމަ ވެސް ރީމަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ވީ ފޫއްސަކުން ފޯނު ނަގަން ބޭނުން ނުވިޔަސް ކައިރީގައި ތިބި އަމީލުގެ ދަރިންގެ ހާލު ބަލަން އޭނާ ގުޅަނީ ކަންނޭނގެއޭ ހިތަށް އެރިއެވެ.
“ހަލޯ.. ލޯބީ.. ކިހިނެއްތަ؟” ނިކަށް ލޯބިން އަމީލު އަހާލިއެވެ.
“ދެން ރަނގަޅު..” ރީމް ދިނީ ޒާތެއްގެ ޖަވާބެކެވެ.
“ކޮބާ މިންހާގެ ދަރިން؟ އެކުދިން ރަނގަޅުތަ؟ ވަރަށް ފޯރި ހުރޭ ދޯ މިންހާ ހޯދަން.” އަމީލު ވާހަކަ ދެއްކީ ވަރަށް ހިނިއައިސްފައި ހުރެއެވެ.
“އައިސް ކޯނު ބޮއެގެން އެބަތިބި ކުޅެން… މި އިނީ އަތިރިމަތީ ޖޯލީގަ..” ރީމް ދިނީ ކުރު ޖަވާބެކެވެ.
“މަބުނީ.. އެކުދިންގެ ބައްޕަ ހޯދާކަށް ނޫޅޭ ދޯ އެއްވަރަކަށް ވެސް…؟ އެހެންނު ވާނީ… ވާހަކަ ނުދެއްކޭ މަންމަނަކަސް މިންހާ ދެކެ އެކުދިން ވަރަށް ލޯބިވާނެ.” އަމީލުގެ ވާހަކަ ހުރީ އޮޅުވާލުމާއި މަކަރުވެރި ގޮތަކަށެވެ.
“އާނ… ބައްޕަގެ ނަން ވެސް ނުކިޔާ.. ހީވަނީ ދުނިޔޭގަ ބައްޕަ ނުވެސް ނެތީހެން… މަންމަން ބީރު މަންމަ އަކަސް… މިންހާ އެ ކުދިންނަށް ލޯބި ދެންޏާ، އެ ކުދިން ލޯބި ވާނީ އެ ނުކުޅެދޭ މަންމަ ދެކެ….. އެކަމު، ބައްޕައަށް ވާހަކަ ދެއްކޭ އިރުވެސް ‘ދަރިފުޅާ’ އޭ ކިޔާ ގޮވާ ނުލެވެންޏާ އަސްލު ބައްޕަ ވެސް، ހަމަ އެއީ މަންމަނެއްނު؟ އަމީލު ބުނާހެން، މިންހާގެ ފިރިމީހާ ދަރިންނަށާ މިންހާއަށް އަޅާނުލަންޏާ އޭނަވެސް އެހުރީ ‘ނުކުޅެދިފަ” އެއްނު؟ އެވަރު ނުވިސްނެނީ މިންހާގެ ފިރިމީހާއަށް.. މިންހާގެ އެހުންނަނީ ވަރަށް ވަރަށް ‘ކަޑަ’ ފިރިއެއް” ރީމް ބުނެލީ ޖެހިލުން ކުޑަކަމާ އެކުގަ ގަސްތުގައި ވެސް އަމީލުގެ އިހްސާސްތަކާ ކުޅެލުމުގެ ބޭނުމުގައެވެ.
“އޯކޭ! ދެން މާގިނަ ވާހަކަ ނުދައްކާ… ބިޒީވެއްޖެ. އެބަގުޅަން ފަހުން.” ރީމް ދެއްކި ވާހަކަ އަމީލަށް ހަޖަމު ކުރަން އުނދަގޫވީ ކަންނޭނގެއެވެ. މާ އަވަހަކަށް ފޯނު ބޭއްވުމުން މިންހާގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުން ވުމެކެވެ.
ހޮސްޕިޓަލުން ގެއަށް އައިސް ވަނުމާއި އެކު މިންހާ ވަނީ ކޮޓަރިއަށެވެ. އޭރު ސިޓިންގް ރޫމު ސޯފާގައި ގައި ޝަރާ އާއި ވިޔާމް އިނެވެ. އެހެންވެ ކޮޓަރިއަށް ނުގޮސް އިނާޔާ މަޑުކޮށްލީ ސޯފާގައެވެ.
“އަޅެ އެ ކިހިނެއް ވެފަ ހުންނަ މީހެއްތަ؟ ކީއްވެތަ އެހާ މަޑުން އެ ހުންނަނީ..؟ މިގޭގަ އިނާޔާ އެކީ މަޑުކޮށްލަންވީ ނޫންހޭ ބުނީމަ ވެސް އަނގައިން ވެސް ނުބުނި… ވާހަކަ ދައްކަން ވާނެ ދޯ މީހަކު އެއްޗެއް ބުނިއްޔާ.. މިއުޅެނީ އެއް ގޭގަ ވިއްޔަ!” ޝަރާ ފަތިފައްޗަށް ޝަކުވާތައް އަމުނާލީ މިންހާއާ ދޭތެރޭ ހައިރާންވެ ހިތްހަމަ ނުޖެހުނުންނެވެ.
“އެދިޔައީ ނިދާލަން.. ހޮސްޕިޓަލުގަ ހުރެފަ ވެސް ބުނި ބޭނުންވަނީ ނިދަންނޭ. ދެން ނުނިކުންނާނެ އަވަހަކަށް.” އިނާޔާ ވާހަކަ ފަށާލިއެވެ.
“ތި ދިނީ ނުގުޅޭ ޖަވާބެއް.. ތިއެއް ނޫންދޯ މަ ކުރި ސުވާލަކީ؟ މަ ބުނީ އެއީ ކީއްވެފަ ހުންނަ މީހެއްހޭ؟ މިގޭގަ އުޅޭއިރު އަހަރުމެންނާ ވާހަކަ ނުދެއްކޭތީ މި އަހަނީ؟” ހަމަ ޖެހިލައިގެން އިށީންނަމުން ޝަރާ ބުންޏެވެ.
“ޝަރާމެނަށް ނޭނގުނަސް، މިކަހަލަ ވާހަކަތައް ގަބޫލު ނުކުރެވުނަސް…. އޭނައަކީ އަސްލު ވަރަށް ގިނައިން އަނިޔާ ތަހައްމަލް ކުރާ މީހެއް.. އެހެންވެ އޭނަ އެހުންނަނީ އެހާ މަޑުން. ގިނަފަހަރަށް އަމިއްލަ ނަފްސަށް ވެސް އިތުބާރު ނޯންނާނެ.. މިންހާގެ ވާހަކަ އަކީ ވަރަށް ދިގު ވާހަކައެއް.” ސޯފާއިން ތެދުވެ ކާމޭޒު މަތީ ބަހައްޓާފައި ހުރި ފޯއް މަޑިސީލަ ނަގާ އުނގަށް ލަމުން އިނާޔާ ބުންޏެވެ.
“މަޑުކޮށް… މަޑުކޮށްބަލަ… ތިބުނީ؟… އޭނައަށް ކިހިނެއް އަނިޔާ ލިބެނީ؟…” ޝަރާ ވަރަށް ޝައުގުވެރި ކަމާއެކު ސޯފާގައި ހަމަޖެހިލިއެވެ.
“ދެން ޝަރާ ކީއްކުރަން ބަލާއެއްޗެއްތަ؟ އަނެއްކާ އެމީހާއަށް އަޑު އިވިދާނެ.” ޝަރާ އަތުގައި އުޅަނބޮށިން ޖަހާލަމުން ވިޔާމް ބުނެލިއެވެ.
“މި ބުނީ ދެން… އޭނަ ފިރިމީހާ އަނިޔާ ކުރާ ވާހަކަ… އޮޅުވާލައިން ބިޓެއް ގެންގުޅޭ ވާހަކަ… އެއީ ހަމަ ހުސް އަނިޔާއެއްނު..؟ މިފަހަރު މިންހާ ބަނޑު ބޮޑުވެފަ އިންދަ އޭނަ ކޮއްޕާލީމަ ލިބުނު އަނިޔާގަ ދަރި ވެއްޓުނީ.. އެހެންވެގެން ކޮންމެހެން މިއައީ ބަނޑު ސްކޭން ކޮށްލަން… ވިސްނަބަލަ، ނަފްސާނީ އަނިޔާ… ޖިސްމާނީ އަނިޔާ…. ދެން އެކަހަލަ ކަންކަން.” އިނާޔާ ވަރަށް ސިއްރު އަޑަކުން ކިޔައިދެމުން ދިޔައެވެ.
“ލަ…. ތިހާ ނުބައި ފިރިއެއް ވިއްޔާ، ދެން އެކުއްޖާ ނޫޅޭތަ އެމީހާ ކައިރިން ދުރުވާކަށް؟.. ކިހިނެއް އެހެން އުޅޭނީ؟ އެވައްތަރުގެ ފިރިން ކައިރި ވަރަށް ގަޓު ހުންނަން ވާނެ.” ދެބުމަ ކައިރި ކޮށްލަމުން ޝަރާ ބުނީ ހައިރާން ވެފައި އިނދެއެވެ.
“އަހަރެން ވެސް ވަރަށް ނަސޭހަތް ދީފިން. އެއީ ދެން އުޅެވޭނެ ގޮތެއް ނޫނެއްނު..؟ ހާދަ ހާލުގައޭ މިންހާ އެ އުޅެނީ.. އަދި ގޭތެރޭގަ ދިމާވާ ހުރިހާ ކަމެއް މިންހާ މަށަށް ނުވެސް ކިޔައިދޭނެ. އެކަންކަން ފެނިދާނެތީ އޭނަ ފިރިމީހާ އޮންނަނީ އެގެއަށް ވަނުން ވެސް މަށަށް މަނާކޮށްފަ.” ދުފަމުން އިނާޔާ ކިޔައިދިނެވެ.
“ކަލޯ!…. ހަނގުރާމަ މަތީ ފިރިއެއް ދޯ؟ ދެން އެހާ ރުޅިއަންނަ ކަން އެނގޭއިރު އިނާޔާ އެކުއްޖާއާ އެއްކޮށް މާލެ ތި އައީޔޯ؟” ޝަރާ އެހެން ބުނުމުން ވިޔާމް އިނާޔާއަށް ބަލައިލިއެވެ.
“އޭނަ ފިރިމީހާ އަމިއްލައަށް ބުނީ…. އެހެންނު ވާނީ… މިންހާ މަށާ އެކީ ފޮނުވާފަ އޭނާވީ ކައިރި ރަށެއްގަ. ދެން އެހެން ނޫނަސް އަނިޔާވެރިން ކިހިނެއް ބަލި މީހަކަށް އޯގާތެރިވާނީ؟ އޭނަ ނައިކަން ވެސް ނަސީބެއް.” އިނާޔާ ވާހަކަ ދައްކަމުން ދިޔައެވެ.
“ތިހިންވިއްޔާ ތީ ޖަނަވާރެއްނު؟ ތި ބުނާގޮތުން ނެތް ތިޔަ މީހާގެ އެއްވެސް ރަނގަޅު ސިފައެއް” ޝަރާއަށް އަންނަމުން ދިޔަ ފޯނު ސައިލެންޓަށް ލަމުން ޝައުގުވެރިކަމާ އެކު ވާހަކަ ދެއްކިއެވެ.
“އަސްލު އެހެންވެ އިނގޭ ޝަރާ ކައިރި ލިބުނީ މިފަހަރު މަޑު ކުރެވެން ނެތޭ.. މިންހާ އަވަހަށް ނިންމާފަ ރަށަށް ނުދަންޏާ، އޭނަ ފިރިމީހާ ވަރަށް ހިތްހަމަ ނުޖެހޭނެ.” ސޯފާއަށް ގޮސް ހަމަޖެހިލައިން ލެނގިލަމުން އިނާޔާ ބުނެލިއެވެ.
އާނއެކޭ ބުނުމުގެ ގޮތުން ވިޔާމް ބޯޖަހާލިއެވެ. އެހެނަސް ޝަރާ އެކަމަށް އެއްވެސް އެއްޗެއް ނުބުންޏެވެ. ވެދާނެއެވެ. ޝަރާ ބޭނުންވާ ގޮތަށް ކޮންމެ ކަމެއްވެސް ވާން ޖެހެނީއެވެ.
ހަވީރު ސައި ހެދުމަށް ފަހު އިނާޔާ ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ވެސް މިންހާ އޮތީ އެނދުގައެވެ. ބަލާ ބެލުމަށް މިންހާގެ މޫނުމަތިން އެއްވެސް ތާޒާ ކަމެއް ނުފެނެއެވެ. ބަރުދާސްތު ކުރަން ދަތި ހިތާމައެއް ތަހައްމަލް ކުރަން ޖެހޭތީ ކަންނޭނގެއެވެ. މިންހާގެ އެ މައުސޫމު މޫނު ފެނި އިނާޔާއަށް ދެރަވެވުނެވެ.
މިންހާ ގާތުގައި އިށީންދެލައިން އިނދެ އޭނާގެ ބޮލުގައި އިނާޔާ ފިރުމާލިއެވެ. އެފަދަ ކޮންމެ ފިރުމާލުމަކީ މިންހާގެ ހިތަށް ލިބޭ ފިނިކަމެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ފިނިކަން ލިބުމުން މިންހާގެ މަރުވެފައިވާ ރޫހު ހޭލައިގަނެއެވެ.
“ހިނގާ ސައިބޯން. މެންދުރު ނުކާތީ މިހާރު ވަރަށް ބަނޑު ހައިވެފަ ހުންނާނީ.” އޯގާތެރި އަޑަކުން އިނާޔާ ބުންޏެވެ.
“އަހަރެން ކޮބައިތޯ ބަލަން އެއްވެސް މީހެއް ގުޅިތަ؟” އެ އޮތްގޮތަށް އޮވެ މިންހާ ބުނެލިއެވެ.
“ނޫން…. އެވާނީ މާ ބިޒީ ވެގެން ނުގުޅިގެން ކަމަށް. ދެން ހިނގާ ސައި ބޯން.” ވާހަކަ އޮޅުވާލަން މަސައްކަތް ކުރަމުން އިނާޔާ ބުނެލިއެވެ.
“އަހަރެންގެ ހާލު ބަލަން ވިއްޔާ ކޮންމެ މީހަކު ވެސް ބިޒީ ވާނެ. ހިނގާ ދާން.” މަޑުމަޑުން ތެދުވެ ހިނގައި ގަންނަމުން މިންހާ ފުރަތަަމަ ވަނީ ފާޚާނާއަށެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށް ފަހު ޝަރާ ބަލައިލިއެވެ. އޭރު ނަޝާޔާ އޮތީ ވާހަކަ ފޮތެއް ހިފައިން ކިޔާށެވެ. ފައިކޮޅާ ދިމާލުން އެއް އަރިމަތީގައި ދެތިން ބާލީސް އޮތް އިރު ބޮލާދިމާލުގައި ‘ޑައިރީ’ އިނެވެ. ހީވާގޮތުން އޭތި އިނީ ނަޝާޔާއަށް ބަލާށެވެ. ނުހަނު ޝައުގުވެރިކަމާ އެކުގައެވެ.
“މަންމި ލޯބީ…! މިއަދު ކޯއްޗެއް ކައިގެން ތި ހުރީ؟” ކޮޓަރިއަށް ވަދެ ނަޝާޔާގެ މަގަތުގައި އިށީންނަމުން ޝަރާ އެހިއެވެ.
އެއްވެސް ޖަވާބެއް ނުދީ ނަޝާޔާ ބޯ ހޫރާލީ ނޫނެކޭ ބުނާ ފަދައިންނެވެ. ވެދާނެއެވެ. މާނަައަކީ ނަޝާޔާ އެއްވެސް އެއްޗެއް ކާން ބޭނުން ނުވަނީ ކަންނޭނގެއެވެ. އޭރުވެސް އެކުޑަކުޑަ މޫނު މަތިން ފެންނަނީ ނުފިލާ ހުންނަ މާޔޫސްކަމެވެ.
“ދެން ކޮންމެސް އެއްޗެއް ކާން ވާނެއްނު.. ސްކޫލަށް ނުގެންދާތީ ފޫހިވެފަ ދޯ ތިއިނީ؟ އެކަމު ވެސް ގެންދާނީ ސްކޫލަށް ގޮސްފަ ނުނިދަންޏާ… ހެޔޮ ކިތަންމެ ދުވަހެއް ވިޔަސް..” ގޮތް ދޫނުކުރަން ވެގެން ޝަރާ ހިފާލީ އޭނާގެ ކޮޅު ދެރަ ވެދާނެތީއެވެ. ނޫނީ އެއީ އެކަން ރަނގަޅު ކުރުވަން ޝަރާ ދިން އަދަބެކެވެ.
“ބަލާނަން ދެން ދުވަހަކުން ނުނިދާ އިނދެވޭތޯ” އަތުގައި އޮތް ފޮތް ބަނޑުމަތީ ބާއްވަމުން ނަޝާޔާ ބުނެލީ ލުއިލުއި އަޑަކުންނެވެ.
“ބަލާނީ އެއް ނޫން. ނުނިދާނީ” އަނެއްކާ ވެސް ޝަރާ ބުންޏެވެ.
ޝަރާ އެހެން ބުނުމުން ނަޝާޔާ ދެބުމަ ހިއްލާލީ އާނއެކޭ ބުނުމުގެ ގޮތުން ހިނިތުން ވުމެއް ވެސް ނުދައްކައެވެ.
“މިއަދު ‘ޑައިރީ’ އަށް ވާހަކަ ކިޔާދޭ ދުވަހެއްތަ؟.. ލޯބީ…! މަންމި މި އައީ ވާހަކައެއް ބުނަން. މަންމި މި އުޅެނީ ބައްޕިގެ ރިޒޯޓަށް ގޮސްލަން ޓޫ ޑޭޒްއަށް.. އޭރުން ނަޝާޔާ ވާނެ އިނާޔާ ދައްތަ ގާތު މަޑުކޮށްލަން. މަންމިއަށް ޓްރިޕެއް ދެވޭނީ އެހާގިނަ އެއްޗިހި ފަހަން ނުލިބޭ ދުވަސް ކޮޅެއްގަ.. ޢީދު އަންނަން ވާއިރަށް އަނެއްކާ މަންމި ޖެހޭނެ އެކަމަށް ރެޑީވާން. އޯކޭ..” ނަޝާޔާގެ ކޮލުގައި ލޯބިން ހިފާލަމުން ޝަރާ ބުނެލިއެވެ.
އިނާޔާ އިނީ މިންހާ ގޮވައިން ހޮސްޕިޓަލުގައެވެ. ސްކޭން ރިޕޯޓް ދައްކަން ލިބުނު ޓޯކެން ނަންބަރު ނުޖެހޭ ތީއެވެ. އިރު ކޮޅަކުން ރިންގް ވާން ފެށުމުން އިނާޔާގެ އަތުގައި އޮތް ފޯނުގެ ޑިސްޕްލޭއަށް ބަލައިލިއެވެ. ގުޅަމުން ދަނީ އަމީލެވެ.
“މިންހާ!… އަމީލުގެ ފޯނެއް. އަން… ވާހަކަ ދައްކަބަލަ!” މީހުން ގިނަ ތަނެއް ކަމުން އިނާޔާ އެ ފޯނު ހަވާލު ކުރީ ސިއްރު ސިއްރުން މިންހާ ގާތު އެ ވާހަކަ ބުނަމުންނެވެ.
“ހަ… ހަލޯ..!” ޖެހިލުން ވެފައި އިނދެ މިންހާ އަނގަ ހުޅުވާލިއެވެ.
“ކޮން ހަލޯ އެއް ކިޔާކަށް… މަށަށް ކޯޓަށް ދާން ކިޔައިފި… ކަލޭ ވަރިވާން ފޯމުލީމަ.” އަމީލުގެ އަޑުގައި ވަނީ ހަރުކަށި ކަމާއި ރުޅިގަދަ ކަމެވެ.
– ނުނިމެ –
ކުރިޔަށް އިން ބައި (“ހިމޭން 18”) ގައި..
“އިނާ..! ކޮން ތާކަށްހޭ ދާނީ؟….. މަ ބުނާ ތާކަށް ގެންދާނަންތަ؟ އަހަރެން ބޭނުމީ ކަނޑަށް އެރެން.. ކަނޑަށް އެރި މަރު….” ފެންކަޅި ވަމުން ދިޔަ ދެ ލޮލާއި އެކު މިންހާ ހުއްޓުން އެރިއެވެ. މުޅި މީހާގެ ގައިން ޖޯރު އެލުނެވެ. ހަށިގަނޑުގައި އެއްވެސް ބާރެއް ނެތި ވާގި ގޮސްފައިވާ މީހެކޭ މިންހާ އެކޭ ތަފާތެއް ނެތެވެ.
“އަހަރެން ހުންނާނަން ބަލަން. ދޭބަލަ.. ގޮސް އެރިބަަލަ……” އިނާޔާ ބުންޏެވެ.
🙍🙍🙍🌊🌊🌊 🤦🤦🤦
—————
ވާހަކައިގެ ކުރިޔަށް ހުރި ބައިތަކަށް އިންތިޒާރު ކޮށްލައްވާ!… ކުރިޔަށް ހުރީ ވަރަށް ޝައުގުވެރި ބައިތަކެއް. އުންމީދު ކުރަން ވާހަކަ ނިމެންދެން ކިޔާލަން ކަމަށް. ވާހަކަ ކިޔާ ހުރިހާ ކުދިންނަށް ޝަލީންގެ ހިތުގެ ފުން މިނުން ޝުކުރިއްޔާ….
މި ވާހަކަ އެފްބީގަ ޝެއަރ ކުރައްވާ ކިޔުންތެރިންނަށް ހިތުގެ އިޚްލާޞްތެރި ޝުކުރު ދަންނަވަން.
ވާހަކައަށް ކޮމެންޓް ކުރައްވާ ކުދިންދެކެ ޝަލީން ހާދަހާ ލޯބިވޭ.
ވާހަކައަށް ލައިކް ދެއްވާ ކުދިންދެކެ ހަމަ އެވަރަށް ލައިކްވޭ
☺️💯☺️






