Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 1 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 2, 2016 11 Mins Read
4 Comments

ޖައްވުގައި ވާ ފިނިކަން ކަނޑުވަމުން އުދަރެހަށް ރަންކުލަ ގެނުވަމުންދާ އިރު، އުދަރެހުން އަރަމުން އަންނަ އިރަށް ބަލަން ޒައިދާން ހުއްޓެވެ. މަލަމަތި ހިތްގައިމު ދުވަހެކެވެ. ގޮނޑުދޮށަށް އިރުކޮޅަކާ ބީއްސާލާ ރާޅުގެ އަޑުން މުޅި ހިސާބަށް ވަނީ ދިރުން ގެނުވާފަ އެވެ. ކާޅުތަކާއި ދޫނިތައް ގޮވާ އަޑާއި އެކު، ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިން މުޅި މާހައުލުގައި ވަނީ ރާގެއް އުފައްދައި ލައިފަ އެވެ.

ޒައިދާން ޒަރީރް މުރަކަގޭ ބެލްކަނީގައި ހުރެ ސިނގިރޭޓް ބޮމުން ދިޔަ އެވެ. އެއީ ޒައިދާންގެ އަންހެނުން ވަރުދާއަށް ލިބުނު ގޯއްޗެވެ. ވަރުދާގެ ބައްޕަގެ އެހީއާއި އެކު ޒައިދާން އެގެ ހެދީ އަމިއްލަ މަސައްކަތުންނެވެ. މިޒަމާނުގެ ފެންވަރަށް ހަދާފައިވާ ގޭދޮށް ކުނި ކަހަން މެދު އުމުރުގެ އަންހެނަކު އޮތެވެ. އެއީ ކޮންމެ ދުވަހަކު އެގޭދޮށް ކުނި ކަހައިދޭން އަންނަ މޫނިސާ އެވެ. އެވަގުތު ނުކުމެ އުޅޭ ދެތިން މީހަކު ފިޔަވާ މަގެއްގެ މަތިން މީހެއްގެ ހިލަމެއް ނެތެވެ.

މަހަށް ފުރަން އުޅޭ ޖައުހަރީ ދޯނީގެ ފަޅުވެރިން އެމަގުން ދާތަން ފެނުމުން ޒައިދާން އެމީހުނަށް ހަނާއަޅާލީ ސަލާންކޮށްލުމުގެ ގޮތުންނެވެ.

ޒައިދާން އަކީ ރަށުގެ މީހުންގެ ގަދަރު ލިބިފައިވާ ޒުވާނެކެވެ. މުއްސަނދި ވިޔަފާރި ވެރި އެކެވެ. އެރަށުގެ އެންމެ ބޮޑު ގެސްޓް ހައުސްގެ ވެރިޔާ އެވެ. ހަ އަހަރުގެ ފިރިހެން ކުއްޖެއްގެ ބައްޕަ އެވެ. ޅަ އުމުރުގައި މައިންބަފައިން ދުނިޔެ ދޫކުރުމުން އެކަނި ހާލާއިގެން މަސައްކަތުގެ މައިދާނަށް ނުކުތީ ނިކަން ހިތްވަރު ކޮށްފަ އެވެ. މިހާހިސާބަށް އާދެވޭނެ ކަމަށް އޭރު ވިސްނާފައިވެސް ނެތެވެ. މިހާރު އެއީ ރަށުގެ އެންމެ މުއްސަނދި އަދި އެންމެ ޒުވާން ވިޔަފާރި ވެރިޔާ އެވެ. ގިނަމީހުން ގަދަރުކުރާ ހައިބަތަކާއި މަޑުމައިތިރި ކަމެއް ލިބިފައިވާއިރު އަންހެނުންގެ ހިތް ދަމައިގަންނަ ފަދަ ސިފަ ތަކެއްވެސް ޒައިދާންއަށް ވަނީ ލިބިފަ އެވެ. އެތަކެއް އަންހެނުން ޒައިދާންއާއި ކައިވެނި ކުރަން ހުށައަޅަމުން ދާއިރު ޒައިދާން ހުންނަނީ އެ ހުރިހާ ކަމަކަށް ބީރު ކަންފަތެއް ދީގެނެވެ. ބައެއް ފަހަރު ޒުވާން އަންހެން ކުދިން ޒައިދާންގެ ފޯނަށް ގުޅައިގެން ވެސް ވާހަކަ ދެއްކޭތޯ އުޅެ އެވެ. ނަމަވެސް ޒައިދާންއަށް އަދިއެއް ވަރުދާގެ ހަދާން ތަކާއި ދުރަކަށް ނުދެވެ އެވެ. އެހެންކަމުން އެހެން ގުޅާ އަންހެނުންނަށް ޖަވާބަކަށް ޒައިދާން ދެނީ މީހަކާ އިންނަން ބޭނުން ނުވާ ވާހަކަ އެވެ.

ޒައިދާން ބޮމުންދިޔަ ސިނގިރޭޓު ހުލި ވުމުން އެތެރެއަށް ވަންނަން ހިތައްއެރި ވަގުތު މޫދުގެ ރާޅު ޖަހާފަށުގައި ތެލި ދޮންނަން އޮތް އަންހެން ކުއްޖާ ޒައިދާންގެ ލޮލުގައި އަޅައި ގަތެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރި އެ އަންހެން ކުއްޖާގެ ހަރުވާޅުގެ ދެފައިކުރި ވަނީ ދެވަރަށް އޮޅައި ލައިފަ އެވެ. ހުޅިއެއް އިސްތަށި ގަނޑަށް ޖަހާފައި ވާއިރު މޫނުމައްޗަށް އިރުކޮޅަކާ ވެއްޓޭ އިސްތަށިކޮޅެއް އަތުގެ ނުފުށުން ރަގަޅު ކޮށްލައެވެ. މެދުމިނެއްގެ ދޮންކަމެއް ލިބިފައިވާ އެ އަންހެން ކުއްޖާގެ އޮމާން ހަންގަޑަށް އިރުގެ އަލިކަން އެޅިފައިވުމުން އިތުރަށް ދޮން ކަމަށް ދައްކަ އެވެ. އެއީ ޖަންނަތު އެވެ. ޒައިދާންގެ އަންހެނުން ވަރުދާ ނިޔާވި ހާދިސާގައި ޖަންނަތުގެ މައިން ބަފައިންވެސް ވަނީ މިފުނިޔެ ދޫކޮށްފަ އެވެ. އެދުވަހު ޖަންނަތު އޭނާގެ ދައްތަ ޒީނަތު ގައިގައި ބައްދާލައިގެން ހުރެ ބާރަށް ރޮމުން ދިޔަ މަންޒަރު ޒައިދާންއަށް ސިފަކުރެވުނެވެ.

ޒައިދާން އިރުކޮޅަކު އެހެން ހުރެފައި ޒައިދާން ލައިގެން ހުރި ހަރުވާޅުގެ ޖީބުން ފޯނުނަގައި ގަޑި ބަލައިލި އެވެ. ޔަޒަންއަށް ގޮވަން އަދި ތަންކޮޅެއް އަވަހެވެ. އެހެން ކަމުން އަލުން ފޯނު ޖީބަށް ލަމުން ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާލައިގެން ކުޑަކޮން ގުދުވެލައިގެން ބޭރު ބަލަން ޒައިދާން އޮތެވެ. އެހިނދު ޒައިދާންގެ ލޮލުގައި އަޅައިގަތީ ޖަންނަތުގެ ހަރަކާތްތަކަށް ބަލަން ދުރުގައި ދެ ޒުވާނުން ތިބިތަނެވެ. އެމީހުން ލައިގެން ތިބި އެއްޗިހިން ބޯޅަ ކުޅެފައި އައިސް ތިބިކަން އިނގެ އެވެ. އެތަނުން ހަށިގަނޑު ވަރުގަދަކޮން ހުރި ޒުވާނާ އަކީ އަބްޔާން އެވެ. އަބްޔާންގެ ތުނިކޮން ކޮށާފައިވާ ތުނބުޅިން ވިދުމެއްހުރީ ދެންމެ ބޯން ހުރި ފެންފުޅި ބޮލަށާއި އެކު އޮއްސާލުމުންނެވެ. ހިނިތުންވެލުމުން ކަނާތުކޮލަށް އެރި އަޑިކޮޅެއް ފާޅުވެގެން ދިޔަ އެވެ. ޖާދުވީ އަސަރުގަދަ ހިމަ ލޮލުން ބަލަމުން ދިޔައީ ދުރުގައި ތެލިދޮންނަން އޮތް ޖަންނަތުއާއި ދިމާއަށެވެ. ކައިރީގައި ހުރި ނޫރު އަކީ އަބްޔާންގެ އެންމެ ގާތް އެކުވެރިޔާ އެވެ. އަބްޔާން ކަހަލަ ކަސްރަތީ ހަށިގަނޑެއް ނޫރުގެ ނެތެއްކަމަކު ނޫރުއަކީ ވެސް ވަކި ދެރަ ސިފަތަކެއް ލިބިފައި ވާ މީހެއްނޫނެވެ. ދެ ޒުވާނުން އިރުކޮޅަކު އެތާ ވާހަކަ ދައްކަން ތިބެފައި ދެން ފެނުނީ އަބްޔާން ގޮނޑުދޮށާއި ދިމާއަށް ދުއްވައި ގަތް ތަނެވެ. ނޫރު ހިނިއައިސްފައި ބަލަން ހުރީ އެވެ.

“ޖަންނާ! ޖަންނާ! އަވަސް…” އަބްޔާން ދުވަމުން ގޮވަމުން ދިޔަ އެވެ. ގޮނޑުދޮށުގައި އޮތް ޖަންނަތުއަށް އަބްޔާން އެހެން ގޮވަމުން ގޮނޑުދޮށާއި ދިމާލަށް ދުވަމުން އަންނާތީ ފެނުނެވެ. ތެލިތައް އެއްކޮށްގެން ހައިރާން ވެފައި ޖަންނަތު ބަލަހައްޓައިގެން ހުއްޓެވެ.

“ޖަންނާ! އަވަސް! އަވަހަށް …. އެއްގަމަށް އަރާ. އެޔޮއްގެން އަންނަނީ ކިނބުލެއް.” އަބްޔާން ނިކަން ހާސްވެފައި ބާރަށް އެހެން ގޮވާލުމުން ޖަންނަތުއަށް ހުރެވުން ތަންވެސް ނޭގުނެވެ. ތެލިތަކާ ތެލިތަކެއް ދޫކޮށްލާފައި ފައިގައި ހުރި ބާރެއް ލާފައި އެއްގަމަށް ދުއްވައި ގަތެވެ. އެއީ ރާއްޖޭގެ އެކި ސަރަހައްދު ތަކުން ކިނބޫ ފެންނަމުން ދިޔަ ދުވަސް ކޮޅެކެވެ. އެހެން ކަމުން ޖަންނަތު ދުވީ ވަރަށްވެސް ބިރުން ހުރެ އެވެ. އަބްޔާން އާއި ހިސާބަށް އާދެވުމުން ހުއްޓިފައި މާނޭވާ ލަމުން ޖަންނަތު ފަހަތަށް ބަލައިލި އެވެ. ޖަންނަތުއަށް ކިނބުލެއް ނުފެނެ އެވެ. ނަމަވެސް މޫދުގެ ރާޅު ޖަހާ ފަށުގައި ހުރީ ޖަންނަތުގެ ތެލި ތަކެވެ. އިތުރު އެއްޗެއް އެދިމާލުން ފެންނާކަށް ނެތެވެ.

“ކޮބާ؟” ކިނބޫ ފެންނަން ނެތުމުން ހައިރާން ވެފައި ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. ލާނެތްކޮން ހިނިއައިސްފައި އަބްޔާން ހުރި އިރު ކަނާތުކޮލުގެ އަޑިކޮޅު ތުނިކޮން ކޮށާފައިވާ ތުނބުޅި ތެރެއިން ވެސް ފާޅުވާން ހުއްޓެވެ. އެއީ އަބްޔާން އެކަހަލަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ.

“އަބީ!” އަޑުގެ ނެތްތަނަށް ޖަންނަތު ހަޅޭއްލަވައި ގަތެވެ. ރުޅިއައިސް ގެނެވެ. “އައި ވިލް ކިލް ޔޫ!” އަބްޔާން ފަހަތުން ޖަންނަތު ދުއްވައި ގަތެވެ. ޖަންނަތްއަށް އަތުނުވާން ވެގެން އަބްޔާން ވެސް ހެމުން ހެމުން ދުވަން ފެށިއެވެ. ދުރުގައި އެތަން ބަލަން ހުރި ނޫރު ހީލަ ހީލާ ހުއްޓެވެ. ޒައިދާން ބޯހޫރާލަމުން ހިނިތުން ވެލި އެވެ. އަބްޔާންގެ ގޮތް ޒައިދާންއަށް އިނގެ އެވެ. އެގޮތަށް އަންހެން ކުދިންނާއި ސަމާސާ ކޮށް ހެދުމަކީ އަބްޔާންގެ އާދަ އެވެ. ނަމަވެސް އަބްޔާން އަކީ ވަރަށް ހިތްހެޔޮ މީހުނަށް އަބަދުވެސް އެހީވާ މީހެކެވެ. އަބްޔާންއާއި މެދު ވިސްނާލަމުން ޒައިދާން އެތެރެއަށް ވަނީ ޔަޒަންއަށް ގޮވާށެވެ. ސްކޫލަށް ގެންދަން ތައްޔާރު ކުރާށެވެ.

ޖަންނަތުގެ ރުޅިގަނޑު އަދިވެސް މައިތިރި ނުވެ އެވެ. އަބްޔާން ޖަންނަތުއަށް ކުރާ އުނދަގޫތަކުން އަބްޔާން ދެކެ ޖަންނަތު ރުޅި އާދެ އެވެ. ކުޑައިރު އެންމެ އެއްކޮން ކުޅެން އުޅުން ރައްޓެހިންގެ ތެރެއިން އެއީ އެކަކެވެ. ކުޑައިރު ޖަންނަތު ރޮއްވާނުލާ ދުވަހެއް ނުދާނެ އެވެ. ކުދި ކިޔަމުން ތެލިތައް ކިހިލި ޖަހައިގެން ޖަންނަތު ގެއަށް ވަނެވެ. އެވަގުތު ޖަންނަތު ގައިގައި ޖެހި ގަނެފައި ދޮރުން ނިކުމެގެން ޒީނަތު ހިގައްޖެ އެވެ. ޖަންނަތު އަރިވެލާފައި ޒީނަތު ދިޔަ ދިމާއަށް ބަލައިލި އެވެ. އަދި ބަދިގެއާއި ވީ ފަޅިއަށް ގޮސް ވަނެވެ. އޭރު އުނދުން ކައިރީ ކޮންމެސް އެއްޗެއް ކައްކަން އާޔަތް ހުއްޓެވެ. ޖަންނަތު ފެނުމުން އާޔަތު ޖަންނަތުއަށް ބަލައިލި އެވެ. އާޔަތުގެ ލޮލުން ކަރުނަ ފައިބަމުންދާތަން ޖަންނަތުއަށް ފެނުމުން އަވަހަށް ތެލިތައް ބަހައްޓާފައި އާޔަތް ކައިރިއަށް އައެވެ.

“އާޔާ، ކީއްވެ ތިރޮނީ؟” ޖަންނަތު ހުރީ އާޔަތު ރޯތީ ކަންތައްބޮޑު ވެފަ އެވެ.

“ދޮންތަ އެދިޔައީ ސައިހަދައި ދިނީމަވެސް ނުބޮއެ މަށާ ދިމާލަށް އެއްޗިސް ކިޔާފަ.” އާޔަތު އަތުން ލޯ ފޮހެލި އެވެ.

“އާޔާ ކައިރީ ކިތައް ފަހަރު ބުނެފިންތަ ދޮންތަ އަށް ކޮފީ ހަދައިދޭށޭ.”

“ކޮފީ ހުސްވެފަ ހުރީމަޔޭ ސައި ހެދީ.”

ޖަންނަތު އާޔަތުއާއި ދިމާއަށް އިރުކޮޅަކު ބަލަން ހުއްޓެވެ.

“އެއީ ދޮންތަގެ ވައްތަރެއްނު، އަޅާނުލާބަލަ، ކޮބާ ދޮންބެ؟ ސައިބޯން އައިތަ؟”

“އަދި ނާދޭ. ތުއްތަ ދޭބަލަ ގޮވާލަން މިހާރު ވަރަށް ލަސްވެއްޖެނު.” އާޔަތު ނޭފަތް ދަމާލި އެވެ.

ޖަންނަތު ގޮސް އާޒަތު ކޮޓަރީގައި ޓަކި ޖަހާލި އެވެ. އާޒަތު ޖަވާބެއް ނުދިނެވެ. އެހެން ކަމުން އަނެއްކާވެސް ޖަންނަތު އުޅުނީ ޓަކި ޖަހާލާށެވެ. އާޒަތު އެވަގުތު ނުކުތެވެ. އޭނާ ހުރީ އެރަށު ސްކޫލް ޔުނީފޯރމް ގައެވެ. ފެންނައިރު ހީވަނީ ޖަންނަތުއަށް ވުރެން ދޮށީ ކުއްޖެއް ހެނެވެ. ހަށިގަނޑު ބިޔަވެފައި ގައިގައި މަސްޖަހާލާފަ ހުރުމުން ފެންނަމީހުން ޖެހިލުން ވާކަހަލަ ގޮތެއް ހުރެ އެވެ.

“ހާދަ ލަސްވެއްޖެޔޭ. ޓެސްޓަށް ދާން އުޅޭ މީހުން ތަންކޮޅެއް އަވަހަށް ދާން ވާނެނު.”

“މިއަދު އާޔަތު ގޮވީމަވެސް އަދި ކުޑަ އިރުކޮޅަކު އޮވެވުނީ. މާ އަރާމު ނިންޖެއްވިއްޔަ އެގަޑީގަ އައީ.” އާޒަތު ބަދިގެއާއި ދިމާއަށް ހިގައި ގަތެވެ. އާޒަތު ފަހަތުން ޖަންނަތުވެސް ހިގައި ގަތެވެ. “އާޔާ، މިއަދު ކޯޗެއް އޮތީ؟ އާޔާ ޓެސްޓަށް ދާން ޖެހެނީ ކިހާރަކު؟” ބަދިގެއަށް ވަދެވުމާއި އެކު އާޒަތު އަހާލި އެވެ.

“މިއަދު އޮތީ އެންމެ ފަހު ޓެސްޓް، އެއީ މެތްސް.” އާޔަތް އަނެއްކާވެސް ނޯއް ދަމާލި އެވެ.

“މެތްސް އޮތީމަތަ ތި ރޮނީ؟ ހާސްނުވޭ، ޕްރެކްޓިސް ކޮށްލާ މިފަހަރު ފާސް ވާނެ.” އާޒަތު ހީކުރީ އަޔަތް ރޮނީ އެހެންވެ ކަމަށެވެ. އެހެންކަމުން އާޔަތަށް ހިތްވަރުދޭން ފެށިއެވެ. ޖަންނަތު ހިނިއައިސްފައި އާޔަތްއަށް ބަލަން ހުއްޓެވެ. އާޔަތް އަނގައިން ނުބުނެ ލޮލުތެރޭ ކަޅި ހިންގާލި އެވެ.

ބަދިގޭ ކަންތައް ނިންމާލާފައި ޖަންނަތު ކޮޓަރިއަށް ވަނީ ތައްޔާރު ވެލާށެވެ. ޖަންނަތު ކޮޓަރިން ނިކުތީ މަޑު ފެހި ކުލައެއްގެ ގަމީހަކާއި ކަޅުކުލައިގެ ލެގިންސް އެއް ލައިގެން ނެވެ. ދާދި ދެންމެ ގޭތެރޭގައި ޖަންނަތު އުޅުން ގޮތާއި މުޅިން ތަފާތެވެ. މޫނުގައި ފަނޑު މޭކަޕެއް ކޮށްލާފައި ވާއިރު އިސްތަށިގަނޑު ވަނީ އޮމާންކޮށް ތަތްކޮށްލާފައި ގެންގޮސް ފަހަތައް ހުޅިއެއް ޖަހާފަ އެވެ. އޭރު އާޔަތު ހިސާބުގެ ނަންބަރު ތަކެއް ހަދަން މޭޒުކައިރީ އިނެވެ. ޖަންނަތު އައިސް އުސް ކައްޓެއް ލާފައި އިން ކަޅުކުލައިގެ ބޫޓަކަށް އެރުމަށްފަހު ސޯފާ މަތީގައި އޮތް ދަބަސް ނަގާ އަޅުވާލަމުން އާޔަތުއާއި ދިމާލަށް ބަލައިލި އެވެ. އޭރު އާޔަތް ވެސް އިނީ ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން ހިނއައިސްފަ އެވެ.

“ތުއްތާ، އަހަރެން ކިޔަވާ ނިމިގެން ތުއްތަ ގޮތަށް ވަރަށް ނަލަ ވެލައިގެން ދާކަހަލަ ވަޒީފާއެއް ހޯދާނީ.” ޖަންނަތު ރީތިވެލައިގެން ހުރުމުން އާޔަތުއަށް ވަރަށް ރީތި ވިއެވެ.

“އެންމެ ކުރިން ކިޔަވާ، ތުއްތައަށް ވުރެން މޮޅަށް އާޔަތް ވާނެ ކިޔަވަން، އޭރުން އާޔަ ބޭނުން ވަޒީފާއެއްގަ އުޅެވޭނެ.” ޖަންނަތު ހީލަމުން އެހެން ބުނެލާފައި ދިއުމަށް ނިކުތެވެ.

ޖަންނަތުގެ މަންމައާއި ބައްޕަ ނިޔާވީ މާލެދާން ދިޔަ ދޯނީގައި ރޯވެގެންނެވެ. އެދޯނީގައި ދިޔަ މީހުންގެ ތެރެއިން ސަލާމަތްވީ މަދު ބަޔެކެވެ. އެއީ ހަދާނުން ފޮހެ ނުލެވޭނެ ދުވަހެކެވެ. އެ ހާދިސާއަށް މިހާރު ދެ އަހަރު ވަނީ އެވެ.

ޖަންނަތުގެ ބައްޕަ އިބްރާހިމް މަނިކު ޖަންނަތުގެ މަންމަ ޒާހިރާ ގޮވައިގެން މާލެ ދާން ދިޔައީ ވިޔަފާރި ދަތުރަކު އެވެ. އިބްރާހިމް މަނިކަކީ ފިހާރައެއް އޭރުގައި ހިންގި މީހެކެވެ. ރަށުގައި އެންމެ ތަނަވަސް މީހުންގެ ތެރޭގައި ގުނާލެވޭ މީހެކެވެ.

އިބްރާހިމް މަނިކުގެ ގެ ފިޔާތޮށިގެ ވަނީ ޒަމާނީ ފެންވަރަށް ހަދާފަ އެވެ. ކޮންމެ ކުއްޖަކަށް އުޅެވޭނޭގޮތަށް ކޮޓަރި ހަދާ އެންމެ މިޒަމާނުގެ ފަރުނީޗަރާއި އެކު އެހެނިހެން ތަކެތިވެސް ވަނީ ގެއަށް ހަމަކޮއްފަ އެވެ. އިބްރާހިމް މަނިކާއި ޒާހިރާ ދުނިޔެ ދޫކުރި އިރު ޖަންނަތު ވަނީ އޭ ލެވެލް ނިންމާފަ އެވެ. އަދި ޒީނަތް ވަނީ ބިޒްނަސް ދާއިރާއިން ޑިޕްލޮމާ ހޯދާފަ އެވެ. ހަގަށް ހުރި އާޒަތު އޭރު އުޅެނީ ދިހައެއްގަ އެވެ. އަދި އާޔަތު އުޅެނީ ފަހެއްގަ އެވެ. އިބްރާހިމް މަނިކާއި ޒާހިރާ ދުނިޔެ ދޫކުރުމުން އެކުދިންނާއި ހަވާލުވާން އައި އަލި މަނިކު ވަނީ އިބްރާހިމް މަނިކުގެ ފިހާރައާއި ހުރިހާ މުދަލެއް އޭނަގެ އެއްޗިއްސަށް ހަދާފަ އެވެ. އެއީ އިބްރާހިމް މަނިކުގެ ބޭބެ އެވެ.

އިބްރާހިމް މަނިކު ދުނިޔޭގައިވެސް އަލި މަނިކަށް ވަރަށް ގަދަރު ކުރެ އެވެ. އަލި މަނިކާއި ދެބަސްވެ ބަދުބަސް ބުނެހަދާ ތަނެއް އެއްވެސް ކުއްޖަކަށް ނުފެނެ އެވެ. އެހެންކަމުން ހުރިހާ ކުދިންވެސް އޭރު އަލި މަނިކަށް ގަދަރު ކުރި އެވެ. އެހެން ނަމަވެސް އިބްރާހިމް މަނިކު ދުނިޔެ ދޫކުރުމުން އަލި މަނިކު ކަންތައް ކުރި ގޮތުން ކުދިންގެ ހިތުގައި އަލި މަނިކާއި މެދު ރުޅިވެރިކަން އުފެދިގެން ދިޔަ އެވެ. ނަފުރަތު އިންތިހާއަށް ބޮޑުވެގެން ދިޔަ އެވެ. އެހެން ނަމަވެސް އަލި މަނިކާއި ދިމާއަށް ފާޅުގައި އެއްޗެއް ބުނާކަށް އެއްވެސް ކުއްޖަކަށް ނުކެރުނެވެ. އަލި މަނިކު އިބްރާހިމް މަނިކުގެ މުދަލުން ވިޔަފާރިކޮށް މިހާރު ވަނީ ވަރަށް ކުރިއަރާފަ އެވެ. ނަމަވެސް އެކުދިންނަކަށް މިހާރު އެއްވެސް އެހީއެއް ފޯރުކޮށެއް ނުދެ އެވެ. އެކަމަކާ އެއްވެސް ކުއްޖެއް ޝަކުވާއެއް ނުކުރެ އެވެ. އެންމެ ޒީލަގަދަ ޒީނަތުއަށް ވެސް އަލި މަނިކާއި ދިމާއަށް ސީދާއެއްޗެއް ބުނާކަށް ނުކެރުނެވެ. ނަމަވެސް ކިރިޔާވެސް ފައިސާގެ ދަތިކަމެއް ވާއިރަށް އަލި މަނިކާއި ދިމާލަށް އެއްޗިހި ކިޔާލަނީ ގޭތެރޭ ހުރެގެންނެވެ.

“ދޮންތަ ގޭގަ ހުރެގެން ބޮޑުބެ އާއި ދިމާއަށް އެއްޗިހި ކިޔަސް އަޑެއް ނީވޭނެނު. ބޮޑުބެ ފިހާރަ ދޮރުމަތީ ހުރެގެން ތި ކިޔާއެއްޗެއް ކިޔާބަލަ.” އާޒަތު އެތަކެއް ފަހަރު ބުނެ އެވެ.

އާޒަތު މިހާރު އެދަނީ އޭލެވެލް ހަދަމުންނެވެ. އާޒަތު އަކީ އަބަދުވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. ޖަންނަތުއަށް ވުރެން ދެ އަހަރު ހަގު ކަމުގައި ވިޔަސް އާޒަތަކީ އާއިލާގައި ހުރި ހަމަ އެކަނި ފިރިހެން ކުއްޖާކަމުން ކޮންމެ ހާލެއްގައިވެސް އާޒަތުއަށް މޮޅަށް ކިޔައިވައިދޭން ޖަންނަތު ބޭނުމެވެ. އެކަމަށް ޓަކައި ޖަންނަތު މިހާރުދަނީ ފައިސާ އެއްކުރަމުންނެވެ.

ގޭތެރޭ ކަންތަކުގައި ޒީނަތުގެ އެހީތެރިކަން ނުލިބޭ ހިނދު ފައިސާގެ އެހީތެރިކަމެއް ވެސް ޒީނަތުގެ ފަރާތުން އެކުދިންނަކަށް ނުލިބެ އެވެ. މައިން ބަފައިން ދުނިޔޭގައި އުޅުން އިރުވެސް ޒީނަތަކީ އެއްވެސް އިރަކު ގޭތެރޭ ކަން ކަމަށް މާ ސަމާލުކަން ދޭ މީހެއް ނޫނެވެ. ޒީނަތުގެ ކަމަކަށް އޮންނަނީ ޒީނަތު އަމިއްލަ ބޭނުމަށް އެއްޗިހި ގަތުމެވެ. އެހެން މީހުންނަށް ވުރެން އަމިއްލަ އުފަލަށް މާ ސަމާލުކަން ދެއެވެ.

ގްރީން ވިލާއަކީ ޖަންނަތުމެން ކުޑައިރުން ފެށިގެން ވެސް ކުޅެން ގޮސް އުޅުން ގެއެކެވެ. އެގޭ ނަސީރު އަކީ މީހުނަށް ހިތްހެޔޮ މީހެކެވެ. ޖަންނަތުމެނަށް ނަސީރުގެ އެހީތެރިކަން އަބަދުވެސް ލިބެ އެވެ. ކޮންމެ މަހަކު ގެއަށް ބޭނުންވާ ގިނަ ތަކެތި ނަސީރު ފޮނުވަ އެވެ. އަދި އިތުރު އެއްޗަކަށް ބޭނުން ވިޔަސް ބުނުމަށް ނަސީރު އޮންނަނީ ޖަންނަތުމެން ކައިރީ ބުނެފަ އެވެ. ނަމަވެސް ނަސީރުގެ އަންހެނުން ހިދާޔާ ކިޔާ އެއްޗިހިން އެކުދިން ތިބެނީ ޖެހިލުން ވެފަ އެވެ. ހިދާޔާ ނުރުހެނީ ނަސީރު ޖަންނަތުމެނަށް އެހީވާތީ އެވެ. ޖަންނަތުމެނަށް ޓަކައި ނަސީރު އެހާ ގިނަ ހަރަދު ކުރަނީ ކީއްވެކަމެއް ހިދާޔާއަކަށް ނޭގެ އެވެ. ހުދު ޖަންނަތުވެސް ހުންނަނީ އެގޮތް ނޭގިފަ އެވެ. އެހުރިހާ ކަމެއްގެ އަގަކަށް ނަސީރު ބޭނުންވާނީ ކޮންފަދަ ކަމެއް ބާއޭ ބައެއް ފަހަރު ޖަންނަތު ހިތަށް އަރަ އެވެ. ނަމަވެސް ނަސީރުއަކީ އެކަހަލަ މީހެއް ނޫންކަން ވެސް ޖަންނަތުއަށް ވިސްނެ އެވެ.

ޒައިދާން ޔަޒަންއަށް ބިސްގަޑެއް އަޅާލަ ދިނެވެ. އަދި ޕާން ފޮއްޗެއް ޓޯސްޓްކޮށްލައިގެން ގެނެސް ތައްޓަށް ލައިދިނެވެ.

ބައްޕާ، ރޮށި ކާކަށް ނުލިބޭނެތަ؟” ޔަޒަން އިނީ އަބަދު ޕާން ކައި ކައި ފޫހިވެފަ އެވެ.

“ޔަޒަން، ދަރިފުޅާ، މިއަދު ދެން ޕާން ކާލާ އިރާދަ ކުރެއްވިއްޔާ ސަރާ ދައްތަ މެންގެއިން މާދަމާ ރޮށިކޮޅެއް ގެންނާނީ.”

“ކޮންމެ ދުވަހަކު ބައްޕަ ބުނަނީ ތިހިން.”

“ކޮންމެ ދުވަހަކު ޔަޒަން މާލަހުން ވިއްޔަ ހޭލަނީ.”

“ތިހެން ވިއްޔާ ކޮންމެ ދުވަހަކު ބައްޕަ ޔަޒަންއަށް ގޮވަންވީނު އަވަހަށް.”

“ބައްޕަ ބުނަންތަ ރަގަޅު ވާހަކަ އެއް، ޔަޒަން ރޭގަނޑު ބައްޕަ ބުނާ ގަޑީގަ ނިދާނަމަ.”

“އެހާ އަވަހަކަށް ނިންޖެއް ނާދެޔޭ، ނިދި އަންނަނީ ހެދުނު ވީމަ.”

“ދަރިފުޅާ އެއީ ޝައިޠާނީ ކަމެއް، އެއަށް ވުރެން ދަރިފުޅު ޖެހޭނެ ގަދަވާން.”

“ޔަޒަން މާ ބާރުގަދަ ވާނެ… ޔަޒަންގެ ބޮޑީ ވެސް މިހާރު އަބީބެ ގޮތަށް ސްޓްރޯންގްވޭ އެބަ. ބައްޕައަށް އިނގޭތަ ކީއްވެކަން؟” ޒައިދާން ހިނިއައިސްފައި ހުރެ ބޯހޫރާލި އެވެ.

“ޔަޒަން މިހާރު ސާރާ ދައްތަ ކައިރިއަށް ކިޔަވަން އަންނަ ކައިލްއާ އެއްކޮން އަބަދު ފުޓުބޯޅަ ކުޅޭތީ. އަބީބެ ވެސް ފުޓުބޯޅަ ކުޅެއެއްނު.” ޔަޒަންއަށް އަބަދުވެސް އަބްޔާން އަކީ ވަރަށް ކަމުދާ މީހެކެވެ. ޔަޒަންއާއި އަބްޔާން ސަމާސާކޮށް ހަދާތީ އެވެ. ޔަޒަންއާއި އެކު ކުޅެ ހަދާތީ އެވެ. އަދި އަބްޔާންގެ ހަށިގަނޑު ބާރުގަދަ ކަމަށް ޔަޒަން ދެކޭތީ އެވެ.

ޔަޒަން ތައްޔާރު ކޮށްގެން ޔަޒަން ގޮވައިގެން ގޭގެ ގޯތިތެރެއަށް ނުކުމެ ސައިކަލު ނެރެން ޒައިދާން އުޅުނެވެ.

“ބައްޕާ، ކާރުގަ ސްކޫލަށް ދާނީ، ޕްލީސް.”

“ޔަޒަން، ދަރިފުޅާ، ވިއްސާރައެއް ނޫނެއްނު.”

“އެކަމުވެސް ޔަޒަން ބޭނުމީ ކާރުގަ ދާން.”

“ޔަޒަން، ސްކޫލު އެހެރީ ނުލާހިކު ކައިރީގަ، އަނެއްކާ ބައްޕައަށް ފަސޭހައީ ސައިކަލު، މިރަށުގަ ކާރު ދުއްވަން ވަރަށް އުނދަގޫ.”

“ދެން ކާރު އެއީ ކީއްކުރަން ބާއްވާ އެއްޗެއް.”

“ވިއްސާރަ ދުވަސްކޮޅު ކާރު ބޭނުންވޭނު.”

“ހޫނު ދުވަސްކޮޅުވެސް ކާރު ބޭނުން ވާނޭ ބައްޕާ.”

“އެކަމު ސައިކަލުގަ މާ އަރާމުވާނެ ދަރިފުޅާ.”

އެވަރުން ވެސް ޔަޒަންގެ އެ ޝަކުވާއެއް ހުއްޓައެއް ނުލި އެވެ. އެންމެ ފަހުން ޒައިދާން ކާރު ނެރިގެން ޔަޒަން ގޮވައިގެން ސްކޫލާއި ދިމާއަށް މިސްރާބު ޖެހި އެވެ. ޔަޒަން އިނީ ވަރަށް ހިނި އައިސްފަ އެވެ. ޒައިދާން ޔަޒަންގެ ކޮލުގައި ލޯބިން ހިފާލަމުން ހިނިތުން ވެލި އެވެ.

އެދުވަހު ސީ ބްރީޒް ގެސްޓް ހައުސް އަށް ޖަންނަތު ގޮސް ވަންއިރު ހޯލްތެރެ ވަރަށް އަޑުމަޑެވެ. އެއީ އޯފް ސީޒަން ކަމުން މާގިނަ ގެސްޓުންނެއް ނެތެވެ. އެހެން ކަމުން ކުރަން ޖެހޭ މަސައްކަތް ވެސް މަދުވުމުން ދެކުއްޖަކު ފިޔަވައި އެހެން ކުދިން ގޯތި ތެރޭގައި އެލުވާފައިވާ އުނދޯލިތަކުގައި ތިއްބެވެ. ޖަންނަތު އައިސް ރިސެޕްޝަންގައި ހުއްޓިލި އެވެ. އޭރު ރިސެޕްޝަންގައި ތިބީ ހައިފާ އާއި ލާމިޔާ އެވެ. އެއީ ޖަންނަތުއާއި އެއް ފުރައިގެ ދެކުދިންނެވެ.

“ކޮބާ ޒައިދާން؟ އައިސްސިތަ؟” ޖަންނަތު ހައިފާއާއި ވާހަކަ ދައްކަން ފެށި އެވެ. ޖަންނަތުއަށް ވުރެން ކުރިން ޒައިދާން އައިސްދާނެތީ ޖަންނަތު ޖެހިލުން ވެއެވެ. ޖަންނަތު ޒައިދާންއަށް ވަރަށް ގަދަރު ކުރެ އެވެ. އެހެން ކަމުން ޒައިދާންގެ ވަޒީފާ އެއްގައި ޖަންނަތު އުޅޭއިރު ޒައިދާން ނުރުހޭ ކަމެއް ކުރަން ޖަންނަތު އަކަށް ނުކެރޭނެ އެވެ. ޒައިދާން ޖަންނަތުއަށް ވަރަށް އިޙުތިރާމު ކުރާކަން ޖަންނަތުއަށް އިހުސާސް ކުރެވެ އެވެ. ޖަންނަތު ވަޒީފާއަށް އަންނަން ވަކި ގަޑިއެއް ކަނޑައަޅާފައެއް ނޯވެ އެވެ. ޒައިދާން އަންނަ އިރަށް ޖަންނަތުވެސް އައުމަށް ޒައިދާން އޮންނަނީ އަންގާފަ އެވެ. ޖަންނަތުއަކީ ޒައިދާންގެ ‘ޕާރސަނަލް ސެކްރެޓަރީ’ އެވެ.

“މިއަދު އަދި ނާދޭ. މިއަދު އެހާ އަވަހަށް އަންނާނެ ހެނެއް ހިޔެއް ނުވޭ. މިހާރު މިތަން ހުސް ވިއްޔަ.” ހައިފާ ބުންޏެވެ.

“ކޮބާ ރޭގަ ތިބި ގެސްޓުން؟ އެމީހުން ފުރަން ހަމަޖެހިފަ އޮތީ މާދަމާނު.”

“އާން، އެމީހުން ހެދުނު ހެދުނާ މާލެ ގޮއްސި ދެން މިކޮޅަށް ނައިސް އެމީހުން ފުރާނީ.” ހައިފާ ބުންޏެވެ.

“ރޭގެ ޑިއުޓީގަ ތި ދެމީހުން ތަ ތިބީ؟”

“ނޫނޭ އަހަރެން މިއައީ އަދި ދެންމެ، ހައި އާއެއްކޮން ޑިއުޓީ ކުރީ ލީނާ.” ލާމިޔާ ބުންޏެވެ. ޖަންނަތު ބޯޖަހާލަމުން ބޭރަށް ބަލައިލި އެވެ. ބޭރު ޖޯލީގައި ލީނާއާއި ސޯބިރާ ވާހަކައެއްގައި ތިއްބެވެ.

“އަދި އިނގޭތަ ރޭގަ އަބީ އައި މިތަނަށް. ބުނި ޒައިދާންއާ މީޓް ކުރާށޭ.” ހައިފާ އިނދެފައި ބުންޏެވެ.

“އަބީޔޭ!” ހައިރާން ވެފައި ޖަންނަތުއަށް އަހާލެ ވުނެވެ. އަބްޔާން އަކީ ނަސީރުގެ އެއްމާބަނޑު ދެބެންގެ ތެރެއިން ހަގު މީހާ އެވެ. އަބްޔާން އަކީ ދުވަހަކު ވެސް އެތަނަށް މީގެ ކުރިން އައި މީހެއް ނޫނެވެ. “އަބީ ކީއްކުރަން މިތަނަށް އައީ؟”

“ނޭގެ، އައިސް ޒައިދާން ހޯދީ.” ހައިފާ ބުންޏެވެ.

“އަޅޭ، އަހަރެން ނެތިސްތަ އަބީ ވެސް އަންނަނީ، މިއަދަކު ނާންނާނެތަ؟” ލާމިޔާ ތެދުވަމުން ބުންޏެވެ. ލާމިޔާއަށް އަބްޔާން ވަރަށް ކަމުދެ އެވެ. އަބްޔާންއާއި ހެދި ލާމިޔާ ހުންނަނީ ދީވާނާ ވެފަ އެވެ.

“އަބީ އުޅެނީ ދޮހޮއްކޮބޭގެ ފިރުޝާއާ ރައްޓެހިވެގެން. ކަލެއަކަށް ނޭގޭދޯ އެކަމެއް.” ހައިފާ ލާމިޔާއާއި ދިމާއަށް ބަލައިލަމުން ޖަންނަތުއަށް އެއްލޯ މަރާލި އެވެ.

“ހައި ތިހެން ތިކިޔަނީ ނޭގޭތީ. މިހާރު އަބީ ހުރީ ހުސްކޮން. މިދޭތެރެއިން ފިރުޝާއާ ރައްޓެހިވެގެން އުޅުނެއް ކަމަކު މިހާރު ފިރުޝާއާ ރުޅިވެއްޖެ.” ލާމިޔާ ބުންޏެވެ.

“ނާ ހަމަ ތެދެއްތަ. އެއީ ކޮން އިރަކު؟ ގައިމު އިހަށްރޭ ވެސް އެދެމީހުން ލީކްސް ރެސްޓޯރެންޓް ތެރެއިން ނުކުންނަނިކޮން މަ ދުށިން.” ހައިފާ ގަބޫލު ނުކުރެވިފައި ބުންޏެވެ.

“މަށަށް އިގުނު ގޮތުން އެދެމީހުން ރުޅިވީ ރޭގަ.” ލާމިޔާ ބުންޏެވެ.

“ލަމްއަށް ހާދަ މައުލޫމާތު އިނގެޔޭދޯ.” ހައިފާ ހީލަމުން ބުންޏެވެ.

” މަ އެވަރަށް ހޯދަމޭ. އެހެން ނޫނަސް އިނގެން ވެސް ވާނެތާ ދެން އަބީ އެންމެ އަވަހަށް ރައްޓެހިވާނީ މަށާ.” ލާމިޔާ ފޮނިވެލާފައި ބުންޏެވެ. ޖަންނަތު ބުނާނެ އެއްޗެއް ނޭގިފައި އެދެމީހުންގެ ވާހަކަ އަޑު އަހަން ހުއްޓެވެ.

އެވަގުތު ގެސްޓް ހައުސްގެ ޑައިވިން ސެކްޝަންގައި އުޅޭ ކަލީމް ފަހަތުން އަބްޔާން އަންނަތަން ފެނުނެވެ.

“ހާދަ ވައި ކަމެކޭ ވަޒީފާއަށް އައުމަކީ،” އަބްޔާން ފެނުމުން ލާމިޔާ އަވަހަށް ހެދުން ރީތިކޮށްލުމަށް ފަހު ބޮލުގައި ވެސް އަތް ކާތާލި އެވެ. “ޖަންނާ، އެބަ އުޅެންދޯ.” ޖަންނަތު ފެނުމުން އަބްޔާން ހިނިތުން ވެލަމުން އައިސް ރިސެޕްޝަން ކައުންޓަރު ކައިރީ ހުއްޓުނެވެ.

ޖަންނަތު ހީލަމުން އަބްޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. އަބްޔާން އައިސް ކައުންޓަރުގައި އަތް އަޅުވާލާފައި އެތާހުރި ލާމިޔާއަށް އެއްލޯ މަރާލި އެވެ.

“އަބީ ކީއްކުރަން މިތާ؟” ބުމަ ކައިރިކޮށްލަމުން ޖަންނަތު އަހާލި އެވެ.

“ވަޒީފާއަކަށްނު މިއައީ،” އަބްޔާން ޖަންނަތުއާއި ދިމާއަށް ހީލަމުން ބުންޏެވެ. ޖަންނަތު އަބްޔާން ލައިގެން ހުރި އެއްޗިއްސައް ބަލައިލި އެވެ. އަބްޔާން ހުރީ ކަކުލާއި ހަމައަށް އަރާ ސޯޓަކާއި ޓީޝާރޓެއް ލައިގެނެވެ. ޓީ ޝާރޓްގެ ކަރަށް އަވިއައިނު ޖަހާލާފައި އިނެވެ. “ބައްޕަ ކިއުއްވާވަރުން ބޯހަލާކު ވެގެން މިތަނަށް މި ވަނީ،” އަބްޔާން ލާމިޔާއަށް ބަލައިލި އެވެ. ލާމިޔާ ތުއިވެލައިގެން ހިނިތުން ވެލައިގެން ހުއްޓެވެ. “އަނެއްކާ މިތާ މިތިބަ ރީތި ކުދިން ފެނުނީމަ މިތަނުގެ ވަޒީފާއަށް ހިތް ކިޔައިފި.” އަބްޔާން ލާމިޔާއަށް ހިނިތުން ވެލި އެވެ. އަދި މަޑުމަޑުން ކައުންޓަރު މަތީ އޮތް ލާމިޔާގެ އަތުގައި ފިރުމާލި އެވެ.

ޖަންނަތު އަބަޔާން އުޅޭ ގޮތް ބަލަން ހުރެފައި ޖަންނަތުގެ ބޫޓުން އަބްޔާންގެ ފަޔަށް އަރާ ފިއްތާލި އެވެ. އަބްޔާންއަށް ތަދުވެގެން ހަޅޭއް ލަވައި ގަނެވުނެވެ. އަދި އެ ފައި މައްޗަށް ނަގައިގެން ހިފަހައްޓައިގެން އެނބުރެން ފެށި އެވެ. ލާނެތް ހިންޏެއް އައިސްފައި ހުރެ ޖަންނަތު އެތެރެއަށް ވަދެގެން ހިގައްޖެ އެވެ. ހައިފާ ހައިރާން ވެފައި އަބްޔާންއަށް ބަލަން ހުއްޓެވެ. ލަމްޔާ އަވަހަށް އަބްޔާން ކައިރިއަށް އައީ ވީގޮތް ނޭގި ހުރެ އެވެ. ކައިރީގައި ހުރި ކަލީމް ހިނިއައިސްފައި ހުއްޓެވެ.

މޫސަގެ މަލަ ފިހާރައިގައި ޒީނަތު މަސައްކަތް ކުރަމުން ދަނީ އެއްގޮތަކަށް ވެސް ކުރާހިތަކުން ނޫނެވެ. ޒީނަތުއަށް އެއްތާކު މާގިނަ ދުވަހަކު ވަޒީފާ އަކު ނޫޅެ ވެއެވެ. ދެ ގެސްޓް ހައުސް ގައި ޒީނަތު ވަޒީފާ އަދާކޮށްފި އެވެ. އެ ފިހާރައަށް ވަޒީފާއަށް އައީ ބޮޑު މުސާރަ ދޭނަމޭ މޫސަ ބުނުމުންނެވެ. ހަށިގަނޑު ވަރުގަދަ، މުށިކަންގަދަ ހަމުގެ ކުލައެއް ލިބިފައިވާ މޫސަ އަކީ މީހުނާ ގުޅޭ ޒޯރުހުރި ޒުވާނެކެވެ. އެ އުމުރުގެ މީހުންގެ ތެރެއިން އެރަށުގައި ހަރުދަނާކޮން މަސައްކަތް ކުރާ މަދު މީހުންގެ ތެރެއިން ނަގާ ކިޔާލެވޭ އެކަކެވެ. އެހެން މީހުނަށް އަޅާލާ ހިތްހެޔޮ މީހެކެވެ.

މޫސަގެ ބައްޕަވެސް ވަނީ މާލެދާން ދިޔަ ފެރީ ރޯވިދުވަހު ފިހިގެން ނިޔާވެފަ އެވެ. މޫސަގެ މަންމަ ޖުވޭދާ އަކީ ހީވާގި އަންހެނެކެވެ. މޫސައަކީ އެގޭ އެންމެ ދޮށީ ކުއްޖާ އެވެ.

ޒީނަތު އިނީ ފޫހިވެގެން ހަދާނެ ގޮތެއް ނޭގިފަ އެވެ. ފިހާރައަށް އަންނަ މީހުން ވެސް ޒީނަތުގެ މޫނު ފެނިފައި މާވަރަކަށް ވާހަކަ ދައްކާކަށް ނަހަދަ އެވެ. އެމީހަކު ބޭނުންވާ އެއްޗެއް ހިފައިގެން އައިސް ފައިސާ ދައްކާލާފައި އަވަހަށް ދަނީ އެވެ.

ފިހާރައިން ޒީނަތު މަގުމައްޗަށް ނުކުމެލީ އެތާ އިނދެ އިނދެ ފޫހިވެގެން ނެވެ. އޭރު ފިހާރަ ތެރޭގައި މޫސަ ގެންގުޅޭ ބިދޭސީ މީހާ އުޅެ އެވެ. ފިހާރަ ދޮރުކައިރީ ހުންނަ އަށިމަތީ އިށީދެގެން ޒީނަތު އިނެވެ. ދުރުން ބައިސް ކަލެއްގައި އަންނަ އަންހެން ކުއްޖެއް ޒީނަތުއަށް ފެނުނެވެ. ޒީނަތު ބަލަން ހުރީ އެއީ ކާކުކަން އިނގުމުންނެވެ. އެއީ ގްރީން ވިލާ އާލިޔާ އެވެ. އަބްޔާންގެ ކޮއްކޮ އެވެ. އާލިޔާ އައިސް ޒީނަތު އިން ހިސާބަށް ހުއްޓާލި އެވެ. އަދި އަޅައިގެން ހުރި އަވިއައިނު ނަގާ ބޯމަތީ ބައިންދާލި އެވެ.

“އިނގޭތަ ޖަމްޝާދު ފިހާރައަށް ސަޅި ފައިވާން ތަކެއް ގެނެސްގެން އެބައުޅޭ، މަމިދަނީ އެއްކަލަ ހެދުން ވެސް ގަނެލާށާ އެއްކޮން.”

“ލާރިގަނޑެއް ލިބުނީދޯ. އަޅެ އަހަރެން އެ ހެދުން ގަންނަން އުޅެނިކޮން ތި ގަންނަނީ.”

“އެއީ މަށަށް އެންމެ ކުރިން ރީތިވީ ހެދުމެއްނު، ޒީނަތުއަށް ވެސް ރީތިވީ އަހަރެން އެ ހެދުން ދެއްކީމަނު.”

“އާން އާން، ގޮސް ގަނޭ، އަންނަމަހަށް އަހަރެން ލާރިކޮޅު އެއްކޮށްގެން ހުންނާނީ ޖަމްޝާދު ބުނީ ބެންކޮކްއިން ނިކަން ރީތި ފަށްތަކެއް ގެންނަ ވާހަކަ.”

“އެހެންތަ ތިހެން ވިއްޔާ އަންނަމަހަށް ވެސް ތިޔަ ޖެހުނީ ލާރިކޮޅެއް ހޯދާކަށްނު.” އާލިޔާ އައިނު އަޅާލައިގެން ބައިސްކަލަށް އެރީ ފިހާރައަށް ބަޔަކު ވަނުމުން އެމީހުން ފަހަތުން ޒީނަތު ވެސް ވަނުމުންނެވެ.

ޖަންނަތު އައިސް ކެބިންއަށް ވަދެ ފައިލް ތަކާ އެއްޗިހި ތަރުތީބު ކޮށްލި އެވެ. މާގިނަ އިރެއް ނުވެ ޒައިދާން އައިސް ކެބިންއަށް ވަނެވެ. އަދި ޖަންނަތު ފެނުމުން ހިނިތުން ވެލި އެވެ. ޒައިދާން ލައިގެން ހުރީ އަތްދިގު ނޫކުލައިގެ ރޮނގުދެމި ގަމީހެކެވެ. ލައިގެން ހުރި ގަދަ ނޫ ކުލައިގެ ފަޓުލޫނުގެ ކަނާތު ޖީބަށް އަތް ޖަހާލައިގެން ވައަތުން އޮފީސް ސޫޓްކޭސް ހިފައިގެން ހުންނަ އިރު ވަރަށް ހައިބަތު ހުރި މީހެއްކަން އިނގެ އެވެ. އެވަގުތު އަބްޔާން ވެސް އައިސް އެތަނަށް ވަނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 2 ވަނަ ބައި

Next

ހާދަ ލޯބިންނޭ…. (27)

Next
April 2, 2016

ހާދަ ލޯބިންނޭ…. (27)

Previews
April 2, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 2 ވަނަ ބައި

4 Comments!

  1. Aisha says:
    April 2, 2016 at 1:10 am

    Jus wow aasi ?? mi story vx dhivehi vaahaka site in kiyanikohthi esfiya an thi genes dheyn feshi???? hope daily koh kiyaalan libeyne kamah… Love ur stories ❤️❤️❤️

  2. Naval says:
    April 8, 2016 at 10:13 pm

    Nice ?

  3. Yush says:
    April 14, 2016 at 10:22 pm

    Wrh salhi story ey…:-)

  4. me in says:
    August 24, 2016 at 12:09 pm

    nice

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 2 ވަނަ ބައި←


All Right Reserved!