ޖަވާހިރުގެ ބާރު 2 – 13
މިނާލް ކިޒަންގެ އަތުގައި ހިފައިގެން ކޮޅަށް ތެދުވިއެވެ. އަދި ހަނގުރާމަ ކުރުމަށް އެއްބަސްވިއެވެ. ކޮންމެ މީހަކުވެސް ހަނގުރާމައިގައި ބައިވެރިވާން ނިންމިއެވެ. ހުރިހާ އެންމެންވެސް ޔަޥާޒްއާއެކު ޖަދޫތައް ދަސްކުރަން ފެށިއެވެ. އެކި އެކި ގޮތްގޮތަށް ޔަޥާޒް ޖާދޫތަކާއި އަދި އޭގެ ބާރުތައް ކިޔައިދެމުން ދިޔައެވެ. ދުވަހަކަށްފަހު ދުވަހެއް ޖާދޫގެ މައުލޫމާތު ދަސްކުރަމުން ދިޔައެވެ. ތަމުރީނުވުމަށް ޚަލޫފްގެ އެހީތެރިކަމާއެކު ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)އަށް ހުރިހާ އެންމެން ފާޅުވިއެވެ. ޖާދޫގެ އާ ވައްތަރުތައް ތަހުލީލުކުރުމާއި ޖާދޫތައް ބޭނުންކުރުމަށް ދަސްކުރިއެވެ. ހުރިހާ އެންމެން ހާސްވަމުން ދިޔައީ އުޑުގައިވާ ބޮޑު ތުތިމަސްވެސް ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން ދިޔަކަމެވެ. އޭގެ ވަށައިގެން ކަޅު ވިލާތައްވެސް އެނބުރެމުން ދިޔައެވެ. ޔަޥާޒްއާއި ޜަވީނާ ނިޕިފިޓިންގެ ދުނިޔެއިން މިނާލްމެން ޖާދޫތައް ހަދާތަން ބަލަމުން ދިޔައެވެ. އަދި ޚަލޫފް ބޭނުންކޮށް ފުރިހަމަ ކުރަންވާ ބައިތައް ކިޔައިދެމުން ދިޔައެވެ.
ދެތިން ހަފްތާއެއްގެތެރޭގައި ޖާދޫތަކަށް ކުރިއެރުން ލިބި ހުރިހާ އެންމެންވެސް ޖާދޫގެ ބާރުތައް ބާރުގަދަވިއެވެ. ކިޒަން، މިނާލް، ޒަނީން، ލަވީން އަދި އުޔީންވެސް ހުރިހާ ޖާދޫއެއް ފުރިހަމަ ކުރިއެވެ. ތަޒުމީރާ، އެޒާރާ، ޝަޥްތާ، ޝާރާވެސް، ނިޕިފިޓިންގެ ދުނިޔޭގައި އެންމެފަހު ދުވަހު މަޑުކޮށް ހަނގުރާމައަށް ރޭވިއެވެ. ޠިލްޒާ މިފަހަރު ފާޅުކުރާނީ ކޮން މަޚުލޫޤެއްކަމެއް ނޭނގޭތީވެ ހުރިހާ ގޮތަކަށްވެސް ތައްޔާރުވަމުން ދިޔައެވެ. ޚަލޫފްއާއި އޭނާގެ އެކުވެރިން ބޭނުންކޮށް ހުރިހާ އެންމެން ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)އަށް ފާޅުކުރިއެވެ. އޭރު އުޑުގައިވާ ތުތިމަސް ފެންނާކަށް ނެތެވެ. އިރުކޮޅުކޮޅާ ބިމަށް ގުޑުން އަރާތީވެ، ހުރިހާ އެންމެން ފަރާތް ފަރާތަށް ލޯ ހިންގާލިއެވެ. ކަމަކުދާކަށް ނެތެވެ. އަޒްޓިޝްއާ ދިމާއަށް ހިނގަމުން ދާ ބިޔަ ދެޔޯ ފެނުނީ ދެނެވެ. ކަޅު ކުލައިން މުޅި ހަށިގަނޑުވާއިރު އޭގެ ވަށައިގެން ކަޅު ވިލާތައް އެނބުރެމުން ދިޔައެވެ. އޭތީގެ ފައި ބިމުގައި ޖެހުމާއެކު ބިމަށް ގުޑުން އަރައިގެން ދެއެވެ. ހަށިގަނޑު އެހާމެ ބިޔައެވެ.
ހުރިހާ އެންމެންވެސް މިސްރާބު ޖެހީ އަޒްޓިޝްއާ ދިމާއަށެވެ. ކިޒަންގެ އަލްޓެފް (ބަދަލުގެނައުމުގެ ޖާދޫ)ގެ ބާރުތައް ބޭނުންކޮށް ހުރިހާ އެންމެންވެސް އުދުހެމުން ދިޔައެވެ. ބަނަފިނިގަނޑުގެ މަތިން އުދުހެމުން ދިޔައިރު އަޒްޓިޝްގެ ބޮޑުބައި ކަޅު ދިޔަތަކުން ފުރިފައިވާތަން ފެންނަމުން ދިޔައެވެ. މެއަމް އޮޝެއަރް (މަރުގެ ކަނޑު)ތެރެއަށްވެސް ކަޅު ދިޔަތައް އެޅިފައިވެއެވެ. އުދަރެހުގައިވެސް ވަނީ ކަޅުކުލައެވެ. އުސް ވާދީއެއްގެ ޖަންގަލިތެރެއަށް ފޭބިއެވެ. ކަޅު ދިޔަތައް ނުޖެހި ހުރީ އުސް ގަސްތަކުގެ މަތީބައިގައި އެކަންޏެވެ. ކަޅު ވިލާތައް ނެތް އެޝްލިޕްނިއާގެ ބިން ބަލަމުން ދިޔައެވެ. ޠިލްޒާގެ އެއްވެސް ނިޝާނެއް ފެނޭތޯއެވެ.
އަޒްޓިޝްއަށް އަރައިގެން އައި ބޮޑު ދެޔޯ އެޝްލިޕްނިއާގެ އަނދިރި ގަނޑުވަރު ކައިރިއަށް ދިޔައެވެ. އޭރު އޭތީގެ ފައިބުޑުގައި ޠިލްޒާ ހުރިތަން ފެނި ޖަންގަލި ތެރޭގައި ތިބެ ކިޒަންއާއި މިނާލް ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) އުކަން ފެށިއެވެ. ގަނޑުވަރުން ނިކުން ޛާނިޝް ޖަންގައްޔާ ދިމާއަށް އައެވެ. ހުރިހާ އެންމެންވެސް އެޝްލިޕްނިއާގެ ވަށައިގެންވާ ޖަންގަލީގެ އެކި ދިމަދިމާލުގައި ތިއްބެވެ. ޖަންގަލިތެރެއިން އެ މީހަކަށް ދޫކުރެވުނު ޖާދޫއެއް ދޫކުރަމުން ދިޔައެވެ. ވާނުވާ ނޭނގި އެކި ކޮޅުކޮޅުން ޖާދޫތައް އަންނާތީވެ، ޛާނިޝް އަފީނާ ގޮވައިގެން ނިކުތެވެ. ޓިސެ (ވަގުތުގެ ޖާދޫ) ބޭނުންކޮށް ވަގުތު ލަސްކުރަން ފެށިއެވެ. ޠިލްޒާ، އަފީނާ، ޛާނިޝް އަދި އިކްޒާރް ފިޔަވާ އެހެނިހެން މީހުންގެ ހަރަކާތްތައް ލަސްވިއެވެ. މިނާލްގެ އަތް ހުޅުވުނީ އެހާ ލަހުންނެވެ. ޝިފެއަޓް (އުފެއްދުމުގެ ޖާދޫ) ފުއްތައް އުފެދުނުހެން ދެޔޯއާ ދިމާއަށް ދާން ފެށިއެވެ.
ޖާދޫގެ ފުއްތައް އައި ދިމާއަށް ޛާނިޝްމެން ފާޅުވިއެވެ. ގަހުގެ އޮފިގަނޑުގައި ހަރަކާތްތައް ލަސްވެފައި ހުރި ކިޒަންއާއި މިނާލްއަށް ބަލައިލިއެވެ. އަފީނާއާއި ޛާނިޝް މިނާލްއާއި ކިޒަންގެ ވަށައިގެން ކަޅުކުލައިގެ ވިލާތައް ފާޅުވިއެވެ. އެއާއެކު ހަތަރު މީހުންވެސް އަނދިރި ގަނޑުވަރުތެރެއަށް ފާޅުވިއެވެ. ދެން ތިބި މީހުން ހޯދުމަށް އަފީނާއާއި ޛާނިޝް ދިޔައެވެ. މިނާލް އޭނާގެ އަތް ގުޑުވާލެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ އިނގިއްޔެއްވެސް ހިއްލާލެވުނީ އެހާ ބާރުންނެވެ. ގަނޑުވަރުގެ ބޭރުން ޠިލްޒާ އެ މަޚްލޫޤާ ވާހަކަދައްކަމުން ދިޔަ މަންޒަރު ބެލުމަށް ކިޒަންއާއި މިނާލް ހުރިގޮތައް ހުންނަން މަޖުބޫރުވިއެވެ.
ޖަންގަލިތެރޭގައި ގަނޑުވެފައިވާ ޝަވްތާއާއި ޝާރާވެސް ޛާނިޝް އަނދިރި ގަނޑުވަރަށް ގެނައެވެ. އަފީނާ ޒަނީންއާއި އުޔީންވެސް ގެނައެވެ. ހުރިހާ އެންމެންވެސް ބިރުންތިބެ ޠިލްޒާ ކިޔަވަމުން ދިޔަ ކިޔެވެލި އަޑުއަހަމުން ދިޔައެވެ. އޭނާ އެ ކީވަރަކުން އެ މަޚުލޫޤު ޠިލްޒާއަށް ތަބާވާން ފެށިއެވެ. އަދި މަޑުމަޑުން ޠިލްޒާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. އެ ދެޔޯގެ ގަޔަށް އެރުމަށްފަހު، ޠިލްޒާ އެޝްލިޕްނިއާގެ ބިމުގެ މެދާ ހިސާބަކަށް ދިޔައެވެ. ދުރުގައި ހުރި ޖަންގައްޔާ ދިމާއިން ޝަވީޚް ޠިލްޒާގެ ހަރަކާތްތައް ބަލަމުން ދިޔައެވެ. އެ މަޚުލޫޤުގެ ފައިން ބިންގަނޑު ކަހާލިއެވެ. ބިންގަނޑު ކޮންނަމުން ބޮޑު ވަޅުގަނޑެއް ހެދިއެވެ. އެތާގެ ތެރެއިން ދަޅައެއް ފެނުނުހެން ޠިލްޒާ ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. “އަހަރެންގެ ވެރިޔާ، މި ދުނިޔެއަށް ގެންނާނީ. ހަހަހަ.ޝުކުރިއްޔާ ރިޒުއާނާ!”
ކުއްލިއަކަށް މިނާލްގެ ހެޔަށް ގޮތްވާން ފެށިއެވެ. ގައިގެ އެތައް މިތަނުގައި އަލިފާން ކަނިބުރައިގެން ދިޔައެވެ. މިތަންފެނި ކިޒަންއާއި ޒަނީން ހާސްވިއެވެ. ނަމަވެސް އެތަނުން އެކަކަށްވެސް ހަށިގަނޑު ގުޑުވައިވެސް ނުލެވުނެވެ. ހަވަނަ މިނުގެ ތެރޭގައި މިނާލްއަށް ފެނުނީ އެހެން މަންޒަރެކެވެ. ހަވަނަ މިނުގެ ތެރޭގައި އާންމުކޮށް ދިއްލިފައި ހުރި ރަތްކުލަ މިފަހަރު ދިއްލިފައިވަނީ، ފާޑެއްގެ ފިޔާތޮށި ދަނބުކުލައަކުންނެވެ. ފަހަތުން މީހަކު އަތްލާހެން ހީވެ މިނާލް ފަހަތް ބަލާލިއެވެ. ކުރިމަތީގައި ހުރި މީހެއްފެނި ކަރުނަތައް އޮހެން ފެށިއެވެ. ވާހަކަވެސް ނުދެއްކި އަނގަވެސް ބަންދުވެފައި ހުރެ ބާރަށް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. “އެކަމު ކިހިނެތް؟” މިނާލް ސުވާލު ކުރިއެވެ. “މިއައީ ނިޕިފިޓިންއަކާއެކު. މާ ގިނަ ވަގުތެއް ނެތް. ދަރިފުޅާ ހިތް ބޭނުންކުރޭ! އެއީ އަސްލު ޖަވާހިރަކީ. އެއީ ތިޔަ ސަބިޝް ރެރިޑެންތައްވެސް ގުޅިފައިވާ ތަނަކީ. އޭތި ނެތިއްޔާ…” ޖުމުލަ ފުރިހަމަ ނުކުރެވެނީސް ރައިފާނާ ގެއްލިގެން ދިޔައެވެ. ކޯތާފަތްމަތީގައިވާ ކަރުނަތައް ފުހެލުމަށްފަހު، މިނާލް ކުރިއަށް ހިނގައިގަތެވެ.
ޠިލްޒާ އުފަލުން މޮޔަވަނީއެވެ. އޭނާގެ ރޭވުން އެންމެފަހުން ކާމިޔާބުވީއެވެ. އޭނާގެ ވެރިޔާ މި ދުނިޔެއަށް އަލުން ރުޖޫޢަވަނީއެވެ. ދެޔޯގެ ބޭނުންކޮށް ބިމުގެ އަޑިން ނެގުނު ބިޔަ ވަށްބުރު ކޮޅަށްޖެހިއެވެ. އެ ވަށްބުރު ދެޔޯގެ އިސްކޮޅާ ދާދި އެއްވަރެވެ. ޠިލްޒާ މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ބޭނުންކޮށް ކިލާތައް ފިލުވާލިއެވެ. އެ ވަށްބުރަށް ބަލައިލުމުން އެ އުފެއްދުމަށް ކުރި މަސައްކަތް ހަނދާނަށް ގެނައެވެ. އޭނާ ރިޒުއާނާ ބޭނުން ކުރަމުން ދިޔައީ މި ވަށްބުރު ހަދަމުންނެވެ. މުޅި އަޒްޓިޝްގެ އެންމެ ބާރުގަދަ މީހުންގެ ޖާދޫތައް ދަމައިގެން އެ ސަބިޝަލް ޝިފްޝަލް ހަދަމުން ދިޔައެވެ. މީގެ ވާހަކަ ޒަހީރުއަށް ސިއްރު ކުރިއެއްކަމަކު، ޠިލްޒާ ކަޅު ބުޅަލަށް އަމުރު ކުރަމުން ދިޔައެވެ. އޭނާ ޒަހީރު ބޭނުންކުރަން ހުރީ އޭނާ ނިޕިފިޓިންގެ ދުނިޔެއިން ސަލާމަތްވުމަށެވެ. ނަމަވެސް ބާތިޘްގެ އެހީއާއެކު އޭނާއަށް އެކަން ފުރިހަމަވީއެވެ.
މިނާލްއަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އޭނާގެ ވަށައިގެން ހުރިހާ އެންމެންވެސް ގަނޑުވެފައި ހުއްޓެވެ. ދެންމެ ހަވަނަ މިނުން އޭނާގެ މަންމަ ބުނި ވާހަކައަށް ވިސްނާލިއެވެ. އަދި އޭނާގެ ހިތާ ޖަވާހިރަކާ ގުޅޭނެ އެއްވެސް ކަމެއް އޮތްތޯ ވިސްނަމުން ދިޔައެވެ. ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް) ޚިޔާލަށް އައެވެ. އޭނާ ވިސްނަމުން ދިޔައީ ހިތަށް ނާރުތައް ދާނަމަ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ވެސް ދާނޭ ކަމަށެވެ. ހިތުން ލޭ ދައުރުވާއިރު ޖާދޫގެ ފުއްތައްވެސް ދައުރުވާކަން ވިސްނަމުން ދިޔައެވެ. ޖާދޫގެ ބައިވަރު ފުއްތައް އެކުވެއްޖެނަމަ ޖަވާހިރަކަށް ވާކަން އަކްޒާ ކުރިން ކިޔައިދިން ހަނދާންވިއެވެ. މިހާރު އޭނާގެ މަންމަ ބުނި ބަސް ފަހުމުވިއެވެ.
އޭނާގެ ހިތަށް ޖާދޫގެ ފުއްތައް އެއްކުރުމަށް ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ. އޭނާ ކިޒަންގެ މަތިން ވިސްނަންފެށިއެވެ. ހަނގުރާމައަށްފަހު އޭނައާއެކު ހޭދަކުރެވިދާނޭ ދިރިއުޅުމުގެ މަތިންނެވެ. އިރުކޮޅަކުން ކޯތާފަތްމަތި ރަަތްވާން ފެށިއެވެ. އިސާހިތަކު އޭނާގެ ހިތާ ދިމާލުން ރަތްވިއެވެ. އިސާހިތަކު އޭނާގެ މަތީ ހަށިގަނޑު ގުޑުވައިލެވުނެވެ. ހަމަ އެފަދައިން ފައިކޮޅުވެސް އަފީނާ ހަދާފައިވާ ޖާދޫއިން ސަލާމަތްވެވުނެވެ. ދެން ތިބި ހުރިހާ އެންމެންވެސް ލޯ ބޮޑުކޮށްގެން ބަލަން ތިއްބެވެ. ކިޒަންގެ ގާތަށް ފުރަތަމަ ގޮސް އޭނަގެ ގައިގަ ބައްދާލިއެވެ. ކިޒަންގެ ކޮނޑަށް ބޯ އެޅުމަށްފަހު ކަންފަތް ބުޑުގައި ވައިއަޑުން ބުންޏެވެ. “މިކަމުން ސަލާމަތްވެ، ކުއްޖަކު ހޯދަން ހިނގާ ދޯ؟” އެހެން ބުނިހެން މަޑުމަޑުން ކިޒަންގެ ހިތާ ދިމާލުން އަލިގަނޑެއް ފާޅުވިއެވެ. އަލިފާނުގެ ކަނި ބުރައިގެން ދިޔައެވެ. ދެ މީހުން ސަލާމަތްވުމަށްފަހު، އެހެން ހުރިހާ އެންމެންނަށްވެސް ހިތަކީ ޖަވާހިރެއްކަން ކިޔައިދިނެވެ. އަދި ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ގައިވާ ޖާދޫގެ ފުއްތައް ބޭނުންކުރާނެގޮތްވެސް ކިޔައިދިނެވެ. ނަމަވެސް ލަވީން އުޔީންއާއި އެޒާރާއަކަށް އަފީނާގެ ޖާދޫއަކުން ސަލާމަތެއް ނުވެވުނެވެ.
ޠިލްޒާގެ ކައިރީގައި އޭނާގެ ތިން ރައްޓެހިން ތިއްބެވެ. “އަހަރުމެންގެ ވެރިޔާ އަންނަނީ. ކަލޭމެން އުފާކުރޭ.” ޠިލްޒާ ބުނަމުން ދިޔައެވެ. “އަހަރެމެން ހުއްޓުވަން އުޅުނު މީހުން ބަންދުކޮށްފިން.” އަފީނާ އޭނާގެ ސިފަ ބަދަލުކުރަމުން ބުންޏެވެ. ޛާނިޝްއާއި އިކްޒާރް ދެ މީހުންވެގެން ސިފަ ބަދަލުވެ ޠިލްޒާގެ ކިޔެވެލިތަކުގައި ބައިވެރިވިއެވެ. ހަތަރު މީހުންވެސް އެކުގައި އެ ވަށްބުރާ ދިމާއަށް އެންބުރި ހުއްޓެވެ. އިރުކޮޅަކުން އެ ސަބިޝަލް ޝިފްޝަލްގެ އެތެރެބައި އަރިމަތިތަކުން ދިއްލެން ފެށިއެވެ. އެ ހިފަހައްޓައިގެން ހުރި ދެޔޯއަށް ބަލަން ގަނޑުވަރުގެ ބޭރުގައި މިނާލްމެން ތިއްބެވެ.
ކިޒަން މިނާލް ގޮވައިގެން އުދުހިފައި އެ ދެޔޯގެ ފަހަތުގައިވާ ގަހެއްގެ ފަހަތަށް ދިޔައެވެ. އޭގެ ގައިގެ ވަށައިގެން އެނބުރެމުން އައި ކަޅު ވިލާތަކުގެ ތެރެއިން ފަނޑު އައްޔަކުން ދިއްލިފައިވާ ތުތިމަހެއް ފެނުނެވެ. ޣިފިމް ރެނިޓް (ދޫނީގެ ހާލިގަނޑު)ގެ އުޑުގައި ހުރި ތުތިމަހާ ވައްތަރުގޮތެއް ހުއްޓެވެ. މާގިނައިރު ބަލަން ނުހުރެ، ކިޒަން އަލްޓެފް (ބަދަލުކުރުމުގެ ޖާދޫ)ބޭނުންކޮށް އެ ތުތިމަސް ހެދިފައިވާ މައުދަނަކީ ކޮބައިތޯ ބަލަމުން ދިޔައެވެ. އެ ތުތިމަހުގެ ބައްޓަމުގެ ތެރޭގައި ބައިވަރު މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ގެ ފުއްތަކެއް އެނބުރެމުން ދިޔަކަން ކިޒަންއަށް ފާހަގަވިއެވެ. އަލްޓެފް (ބަދަލުކުރުމުގެ ޖާދޫ)ބޭނުންކޮށް އެ ތުތިމަސް އެއް އަރިން ފަޅާލިއެވެ. ފެޅުނު ތަންކޮޅުން ކަޅުކުލައިގެ ޖާދޫގެ ފުއްތައް ފައިބަން ފެށިއެވެ. އިރުކޮޅެއްފަހުން އެ ނުބައި ދެޔޯގެ އިސްކޮޅު ކުރުވަމުން ދިޔައެވެ. ބާރު ދަށްވެ ފަނޑުވަމުން ދިޔައެވެ.
ޝަޥްތާ އާއި ޝާރާ ދެމީހުންވެގެން ޠިލްޒާމެން ހުރި ދިމާލަށް މިސްރާބު ޖެހިއެވެ. ޒަނީންއާއި ތަޒުމީރާވެގެން އެ މީހުންގެ ހިތަށް ދިމާވާގޮތަށް ފެހި ކުލައިގެ ޖާދޫ ފުއްތައް ދޫކުރިއެވެ. ދެ މީހުންވެސް ދެ އަތް ބޭނުންކޮށް ކުއްލިއަކަށް ވަރަށް ބާރަށް ޚެއަލް (ރަނގަޅުވުމުގެ ޖާދޫ)ތައް ދޫކުރަމުން ދިޔައެވެ. ޒަނީންއާއި ތަޒުމީރާގެ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ދިއްލިފައި ހުއްޓެވެ. ވަށްބުރު ކުރިމަތީގައިވާ ހަތަރު މީހުންވެސް ހުއްޓުން އަރާފައި ތިއްބެވެ. ހީވަނީ ގަނޑުވެފައިވާހެންނެވެ. ވަރަށް އިރު އެ ފެހި ޖާދޫގެ ފުއްތައް ދޫކުރުމަށްފަހު އެ ހަތަރު މީހުންގެ ތެރެއިން ޠިލްޒާ ފިޔަވާ ހުރިހާ އެންމެން އަޅިއަށް ވިއެވެ. އަދި އެ މީހުންގެ ހިތާ ދިމާލުން ކަޅު ކުލައިގެ ޖަވާހިރެއް ފާޅުވިއެވެ. ފެހި ކުލައިގެ އަލި ނިވުނު އިރު ޠިލްޒާ ޒަނީން ކައިރިއަށް ހިނގާފައި ދެއެވެ. “ކަލޭމެން ތިއީ ކިހާ ބޮޑު އުނދަގުލެއް! އަހަރެންގެ ވެރިޔާ މި ދުނިޔެއަށް ގެނައުމަށް ހުރަސް އަޅަނީ ކީތްވެތަ؟” ޠިލްޒާގެ ދެ ލޯ ރަތްވެފައިވެއެވެ.
މިނާލް އޭނާގެ ބައްޕައާ ދިމާއަށް ޠިލްޒާ ދިޔަތަން ފެނި އެ ދިމާއަށް ބާރު ދުވެލީގައި އުދުހިފައި ދިޔައެވެ. ދިޔަ ބާރުމިނުގައި ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) އަތުގެ ބަނޑުފުށުގައި ފާޅުކުރަމުން ދިޔައެވެ. މިނާލްގެ އަތް ޠިލްޒާގެ ބުރަކަށްޓާ ދިމާކުރިއެވެ. ވަރަށް ބާރަށް ޠިލްޒާގެ ބުރަކަށިތެރެއަށް މިނާލްގެ އަތުން ތޮރުފާލިއެވެ. މިނާލްގެ އަތުން ލެވުނުހާ ބާރެއްލައި ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ފުއްތައް އުފައްދަމުން ދިޔައެވެ. ޠިލްޒާގެ ހިތާއި ޖަވާހިރާ ދިމާއަށް އެ ޖާދޫގެ ފުއްތައް ދިޔަ ވަރަކަށް ޠިލްޒާ ބާރަށް ހަޅޭއް ލަވަމުން ދިޔައެވެ. ޒަނީންއާއި ތަޒުމީރާވެގެން ޠިލްޒާގެ އަތާއި ފައި ހިފަހައްޓަމުން ދިޔައެވެ. ޒަނީން އަލްޓެފް (ބަދަލުކުރުމުގެ ޖާދޫ)ބޭނުންކޮށް ޠިލްޒާގެ ހަށިގަނޑަށް ބިމަށްދަމާ ބާރު އިތުރު ކުރިއެވެ. ޠިލްޒާގެ ހަށިގަނޑު ހުރިގޮތަށް ކޮޅަށް ހުއްޓެވެ.
އަޅިތަކުގެ ތެރެއިން ފެނުނު ޖަވާހިރުތަކަށް ކިޒަން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ދޫކުރަން ފެށިއެވެ. އޭގައިވާ ކަޅުކަން ފިލައިގެން ދިޔައެވެ. އެއާއެކު އޭގެން ކަޅު ރޫހުތަކެއް ނިކުތެވެ. ޝަވްތާއާއި ޝާރާވެގެން އެ ރޫހުތަކުގެ ވަށައިގެން ޖޮފިޝެ(ބާރުގަދަކުރުމުގެ ޖާދޫ)ބޭނުންކުރަން ފެށިއެވެ. ދަނބުކުލައިން ދިއްލިފައިވާ އެތެރެ ފެންނަ ވަށް ބޯޅައެއްގެ ތެރޭގައި އެ ރޫހުތައް ބަންދު ކުރިއެވެ. ކިޒަން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)އެ ބޯޅައިގެ އެތެރެއަށް ފޮނުވަމުން ދިޔައެެވެ. އިރުކޮޅަކުން އެތަނަށް ޚަލޫފް ފާޅުވިއެވެ. “ތިޔަ ރޫހުތައް އަހަރެން ނިޕިފިޓިންގެ ދުނިޔެއަށް ގެންގޮސް ބަންދުކުރާނަން.” ޚަލޫފް އެ ތިން ރޫހުގައި ހިފައިގެން ހުރިތަނަށް ގެއްލުނެވެ.
ޠިލްޒާއަށް ބަދަލުތައް އަންނަމުން ދިޔައެވެ. އޭނާގެ ހަށިގަނޑު ވަރުދެރަވެ ދެ ކަކޫ މައްޗަށް ޖެހުނެވެ. މިނާލްގެ އަތް އޭނާގެ ބުރަކަށީގައިވާ މަސްތަކާއި ކަށިތަކުގެ ތެރެއަށް ވައްދާލިއެވެ. ޠިލްޒާގެ ހިތާވީ ދިމާލުގައިވާ ޖަވާހިރު ދަމާފައި ނެގިއެވެ. އަދި ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ގެ ފުއްތައް ދޫކުރުން ހުއްޓާލިއެވެ. ޠިލްޒާގެ ގައިން އަތް ނެގުމަށްފަހު ބިންމައްޗަށް ވެއްޓެން ދޫކޮށްލިއެވެ. އޭރު ޠިލްޒާގެ ހަށިގަނޑު ބާތިޘްއަށް ބަދަލުވަމުން ދިޔައެވެ. މިނާލް އޭނާގެ އަތުގައި އޮތް ކަޅު ކުލައިގެ ޖަވާހިރަށް ބަލައިލިއެވެ. ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) ބޭނުންކޮށް އޭތި ފުނޑުވާލިއެވެ. އެ ޖަވާހިރުގައިވާ ކަޅު ކުލައިގެ ރޫހު ނިކުމެގެން ދިޔައެވެ. އޭގައި މިނާލް ޖޮފިޝެ (ބާރުގަދަކުރުމުގެ ޖާދޫ)ބޭނުންކޮށް ހިފެހެއްޓިއެވެ. އިރުކޮޅަކުން ކިޒަން އައިސް ބާތިޘް ކައިރީ މަޑު ކުރިއެވެ. އޭނާގެ ޙާލަތު ބަލަމުން ދިޔައެވެ. އޭނާގެ އެއްވެސް ވިންދެއް ނެތުމުން ކިޒަން އަލްޓެފް (ބަދަލުކުރުމުގެ ޖާދޫ)ގެ ބާރުތައް ބޭނުންކޮށް ބާތިޘްގެ ފުރާނަ ނެތް ހަށިގަނޑު ބިމުގެ އަޑިއަށް ގަންބާލިއެވެ. ޚަލޫފްއާއި އޭނާގެ އެކުވެރިން ފާޅުވެ މިނާލް ހިފަހައްޓައިގެން ހުރި ރޫޙު ގަދަކަމުން ނިޕިފިޓިންގެ ދުނިޔެއަށް ގެންދިޔައެވެ. ޒަނީން އާއި ތަޒުމީރާ އަނގަ ހާވެފައި ހުރީ ސަބިޝަލް ޝިފްޝަލްއިން އެޅެމުން ދިޔަ އަލިގަނޑާ ދިމާއަށް ބަލައިލާފައެވެ.
އެ ދިމާލުގައި އޭރު ހުރި ޝަޥްތާއާއި ޝާރާ ވާނުވާ ބަލަމުން ދިޔައެވެ. އެ ވަށްބުރު ކައިރީ ހުރި ޝަވީޚް ފެނި ދެ މީހުންވެސް އޭނާއާ ދިމާއަށް ދުއްވައިގަތެވެ. އޭރު މިނާލްމެންވެސް އެ ސަބިޝަލް ޝިފްޝަލްއާ ދިމާއަށް އުދުހިގަތެވެ. ޖޮފިޝެ(ބާރުގަދަކުރުމުގެ ޖާދޫ)ގެ ބާރުތައް ބޭނުންކޮށް ޝަވީޚް ހިފެހެއްޓިއެވެ. އޭނާގެ ގައިގައި ހުރި ޖާދޫތައް ހުސްވުމާއެކު ކަޅު ބުޅަލަކަށް ބަދަލުވިއެވެ. އޭރު ހުރިހާ އެންމެންވެސް އެތަނުގައި ހާޒިރުވެ ތިއްބެވެ. “ކަލޭގެ ސަބަބުން ގިނަ އާއިލާތަކެއް ހަލާކުވީ، އަދި މުޅި މިދުނިޔޭގައިވާހާ ތަކެއްޗެއް ފަނާކުރުމަށް ތިކުރާ މަސައްކަތް މި ހިސާބުން މި ނިމުނީ!” އެހެން ބުނުމަށްފަހު މިނާލްގެ އަލްޓެފް (ބަދަލުކުރުމުގެ ޖާދޫ)ބޭނުންކޮށް އެ ބުޅަލުގެ ހަށިގަނޑު ފިއްތާލިއެވެ. އެއާއެކު މުޅިތަނަށް ކަޅު ކުލައިގެ ދިޔަތައް ބުރައިގެން ދިޔައެވެ.
ސަބިޝަލް ޝިފްޝަލްގެ ބާރުތައް ކެނޑުމާއެކު، އެޝްލިޕްނިއާގެ މަތީގައިވާ އިރުހަނދު ދެފަޅިވިއެވެ. އިރާއި ހަނދު ވަކިވެ ދެ ފަރާތަށް ދިޔައެވެ. ކަޅުވިލާތައް ފަނޑުވެ ގެއްލެން ފެށިއެވެ. ވެހެމުން ދިޔަ ވާރޭ ތުނިވެ އެކުއެކީގައި ހުއްޓާލިއެވެ. ނަމަވެސް އަޒްޓިޝްގެ މުޅި ބަރޫދުގައިވަނީ ފަޅުކަމެކެވެ. އެއްވެސް ދިރުމެއް ޠިލްޒާގެ ނުބައިކަމުން ސަލާމަތެއް ނުވިއެވެ. ހުރިހާ އެންމެން ވެގެން ޓިސެ (ވަގުތުގެ ޖާދޫ) ބޭނުން ކުރަން ފެށިއެވެ. އެޝްލިޕްނިއާގެ ބިން ފިޔަވާ އެހެން ހުރިހާ ތަނަކަށްވާގޮތަށް މީގެ ދެތިން ހަފްތާއެއް ކުރިއަށް ވަގުތު އަނބުރާލިއެވެ. އޭރު އުޅުނު މީހުންނާއި ގެދޮރާއި ހުރިހާތަނެއް އަލުން އިޢާދަވިއެވެ. ކަޅު ދިޔަގަނޑުވެސް ގެއްލިގެން ދިޔައެވެ. އެޝްލިޕްނިއާގެ ވިލާތައްވެސް އިރިގެން ދިޔައެވެ. އެތަނުގައިވާ ކަޅުކަމާއި ފަޅުކަން ގެއްލުވާލުމަށް މިނާލްއާއި ކިޒަން ދެ މީހުންވެގެން ޝިފެއަޓް (އުފެއްދުމުގެ ޖާދޫ)ގެ ފުއްތައް މުޅި އެޝްލިޕްނިއާއަށް ބުރުވާލިއެވެ. އަޅިކުލައިގެ ގަސްތަކާއި އިމާރާތްތައް އޭގެ އަސްލު ކުލައަށް ބަދަލުވެ މާހައުލު ރީތިވިއެވެ. މަޑު ހިނގުމެއްގައި އަނދިރި ގަނޑުވަރުން ނިކުމެގެންއައި ލަވީން އެޒާރާއާއި އުޔީންވެސް ހުރިހާ އެންމެންނާ ބައިވެރިވިއެވެ.
އިރުކޮޅަކުން ޚަލޫފް ފާޅުވިއެވެ. އަދި ޔަޥާޒްއާއި ޜަވީނާގެ ފަރާތުން މަރުހަބާއޭ ބުނެލިއެވެ. ޚަލޫފް ހުރިހާ އެންމެންނަށް ނަޒަރު ހިންގާލަމުން ބުންޏެވެ. “އަސްލު ތިޔަ ހަނގުރާމަ ކުރެވުނީ ޠިލްޒާމެންނަކާ ނޫން. އެއީ އެޑިލްގެ ހަތަރު ރޫހެއް. އެމީހުން މަސައްކަތް ކުރަމުން ދިޔައީ އެ މީހުންގެ ވެރިޔާ މި ދުނިޔެއަށް ގެނައުމަށް. ނަމަވެސް ތިޔަ ހުރިހާ އެންމެންގެ ސަބަބުން މި ދުނިޔެ އަނެއްކާވެސް ސަަލާމަތްވެފައި މިއޮތީ.” މިނާލްއަށް ގޮވާލުމަށްފަހު ސަބިޝަލް ޝިފްޝަލް ހަލާކު ކުރުމަށް އެންގިއެވެ. ގައިން ވަރު ދެރަވެފައިވާ މިނާލް ކިޒަންއާއެކު އެ ވަށްބުރު ހަލާކު ކުރުމަށް މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ބޭނުންކުރިއެވެ. އެތަށް އިރަކުން އެ ހުރިހާ ޖާދޫތަކެއް ފަނޑުވިއެވެ. އަދި އޭގައި ތާށިވެފައިވާ މީހުންގެ ރޫހުތައް ސަލާމަތްވެ، ނިޕިފިޓިންގެ ދުނިޔެއަށް ދަތުރުކުރަން ފެށިއެވެ. ހަނގުރާމައަށް ޖާދޫ ބޭނުންކުރި ހުރިހާ އެންމެން ވަރުބަލިވެފައިވީ ނަމަވެސް އެނބުރި ރަށަށް ދިޔުމަށް ދަތުރު ފެށިއެވެ. ކިޒަން މިނާލް އުރާލައިގެން ޒަނީން ކައިރިއަށް ދިޔައެވެ. އަދި އެޝްލިޕްނިއާ ދޫކޮށް ޖަވާހިތް ގަނޑުވަރަށް އެނބުރި ދިޔައެވެ.
ޖަވާހިތް ގަނޑުވަރަށް އެނބުރި އައި އިރު ޒަނީން ކިޒަން އަދި މިނާލްވެސް ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ތިން މީހުންވެސް އަރާމުކުރުމަށް އެ މީހެއްގެ ކޮޓަރިއަށް ދިޔައެވެ. އާންމު ޙަޔާތަށް އެނބުރި އާދެވުމުން ހުރިހާ އެންމެންވެސް ހިތްހަމަޖެހިފައިވެއެވެ. އެޝްލިޕްނިއާގެ ބިން ބެލެހެއްޓުމަށް ކިޒަންއާ ހަވާލުކުރަން ލަވީންއާއި ޒަނީން ނިންމިއެވެ. އެގޮތުން މިނާލްއާއި ކިޒަންގެ ކައިވެނި ހަފްލާ ބޭއްވުނީ އަނދިރި ގަނޑުވަރުގައެވެ. ކައިވެނީގެ ހަފްލާތެރެއިން މިނާލްއަށް ލޮލުގައި އަޅައިގަތީ އޭނާއަށް ހަވަނަ މިނުގައި ވާހަކަ ދެއްކި ރޫހެވެ. އޭނާގެ މަންމަގެ ރޫހު ޚަލޫފްއާއެކު ފެނުމުން މިނާލް އުފަލުން ހެވި ދިއްލުނެވެ. “ދަރިފުޅު، މަންމަ ބުނި ބަސް އެހީމަ މި ދުނިޔެ ސަލާމަތްވީ، އެހެން ނޫންނަމަ މުޅި މި ދުނިޔެ ނިމުނީސް.” ރައިފާނާ އޭނާގެ ދަރިފުޅު ގަޔާ ކައިރިވަމުން ދިޔައެވެ. “ދަރިފުޅުދެކެ މަންމަ ވަރަށް ލޯބިވޭ! ހެޔޮގޮތުގައި އުޅުމަށް މަންމަ އެދެން! މިހާރު ދެން ދަނީ” އެހެން ބުނުމަށްފަހު ޚަލޫފްއާއެކު ރައިފާނާ ނިޕިފިޓިން(ރޫހީ)ގެ ދުނިޔެއަށް އެނބުރި ދިޔައެވެ. ގަނޑުވަރުން ބޭރުގައި އޭރު އަކްޒާއާއި ހޫލްވެސް އައިސް ހުއްޓެވެ. ކައިވެންޏަށް މަރުޙަބާ ކިއެވެ. އަދި އެ އުފަލުގައި އަކްޒާ ކިޒަންއާއި މިނާލް ގޮވައިގެން ހަވާގައި އުދުހިލަން ދިޔައެވެ.
ޖާދޫގެ ކުލަވަރުގަދަ ކައިވެނީގެ ހަފްލާއަކަށްފަހު، އަނދިރި ގަނޑުވަރުގައި މިނާލް އާއި ކިޒަން ދިރިއުޅެން ފެށިއެވެ. ޒަވާޖީ ހަޔާތެއް ފެށުމާއެކު ދެ މީހުންގެ ހަޔާތް ލޯބިން ފުރިގެން ދިޔައެވެ. ގިނަ ވަގުތުތައް އެކުގައި ހޭދަކުރަމުން ދިޔައެވެ. ގިނަ ކަންތައްތައް ދެ މީހުންވެސް ދަސްކުރަމުން ދިޔައެވެ. މިނާލް އަރިޝިއެރިޓް ޕޮޥެފިން (ކުރީޒަމާނުގެ ޖާދޫ)ބޭނުންކޮށް އާ އިތުރު ޖާދޫތައް އުފަން ކުރުވިއެވެ. ރާއްޖޭގައިހުރެ އޭނާއަށް ދަސްވި އެތައް ކަމެއް އަޒްޓިޝްއަށް ތަޢާރަފުކުރިއެވެ.
ޝަޥްތާ އާއި ޝާރާ ތަޒުމީރާއާ އެއްބައިވެގެން ސަބިޝަލް މޮޝްޓަފް (ޖާދޫގެ ހަކީމް)ން ތަމުރީނުކުރަން ފެށިއެވެ. އަޒްޓިޝްގެ ގިނަ ބަޔަކު މި ތަމުރީނުގައި ބައިވެރިވެ، ސަބިޝަލް މޮޝްޓަފިން (ޖާދޫގެ ހަކީމުން)ތަކެއް އުފެދިގެން ދިޔައެވެ. އެޝްލިޕްނިއާގެ ދެކުނުގައި މިކަމަށް ޚާއްސަ އިމާރާތެއްވެސް އެޅިގެން ދިޔައެވެ. އަދި އޭގެއިތުރުން އެކި ހިސާބުތަކުން މީހުން އައިސް އެޝްލިޕްނިއާގައި ވަޒަންވެރިވަމުން ދިޔައެވެ.
މިނާލް، ކިޒަން އަދި އުޔީންވެސް ޔަޥާޒްގެ ކައިރިން ދަސްކުރި ޢިލްމު ބޭނުންކޮށް ޖާދޫގެ އާ ތަހުލީލުތައް ދޭތެރެ ދޭތެރެއިން ކުރެއެވެ. އެޝްލިޕްނިއާގައި އަލްޓެފްގެ ނުރް، ސޫރް އަދި ހަތަރު އުންސުރުގެ ބާރުތައް ބޭނުން ނުކުރެވޭ ސަބަބު މިނާލްއާއި އުޔީން ހޯދިއެވެ. ޖޮފިޝެ (ބާރުގަދަކުރުމުގެ ޖާދޫ) އިދިކޮޅަށް ބޭނުން ކުރުމުން އެއްވެސް ބަލިކަށި ބާރެއް ބޭނުން ނުކުރެވޭކަން އެންގިގެން ދިޔައެވެ. މި ޖާދޫތަކާއި ބެހޭ ފޮތްތައް ކިޒަންގެ އެހީތެރިކަން ބޭނުންކޮށް ލިޔެ ޝާއިއު ކުރިއެވެ.
************
ރައިފާނާގެ ފަރާތުން ޔަޥާޒުއަށް އިނގިގެން ދިޔައީ ހުރިހާ ބާރެއްގެވެސް އަސްލަކީ ޖަވާހިރެއްކަމުގައެވެ. އަދި އެ ޖަވާހިރަކީ އެ މީހެއްގެ ހިތް ކަމެވެ. އަރިޝިއަރިޓް ޕޮޥެފިންގެ ޖަވާހިރުތައް ހިމެނިގެންވާކަމެވެ. ޕަޘީން ހަމައެކަނި ޖާދޫތައް ބޭނުންކުރީ އެންމެ ފުރިހަމައަށް ނޫންކަން ޔަޥާޒުއަށް ދޭހަވިއެވެ. ނަމަވެސް މިނާލް އޭނާގެ އެންމެ ފުރިހަމައަށް ޖާދޫ ބޭނުންކުރެވުނީ އޭނާގެ ހިތުގައިވާ ޖަވާހިރުތައް ބޭނުންކޮށްގެންކަން ޔަޥާޒުއަށް ދޭހަވިއެވެ. މި ހުރިހާ ޖާދޫއަކީ ހަމަ އެ ޖަވާހިރުގެ ބާރެވެ. ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ވެސް ދައުރު ކުރަނީ އޭގެ ޖާދޫ ފުއްތަކެވެ. ޔަޥާޒު އޭނާގެ ކުރިމަތީގައިވާ ފާރަށް ބަލައިލަމުން ހީލިއެވެ. މަޑު ހިނގުމެއްގައި ފާރުގައި ލިޔަންހުރި ޜަޥީނާ ގާތަށް ދިޔައެވެ. ރައިފާނާގެ ފަރާތުން އިނގުނު އާ މައުލޫމާތު ކިޔައިދިނެވެ.
**********
ރައިފާނާ ގެއަށް ދިޔައިރު ގޭތެރެއިން ފެނުނު މަންޒަރުން ހިތްދަތިވެ ރޮވެން ފެށުނެވެ. ރިޒުއާނާގެ ރޫޙުވަނީ ފޭދެން ފަށާފައެވެ. ފަނޑު ނޫ ކުލައަކުން ދިއްލިފައިވާ ފައިކޮޅާއި އަތްތިލައިން ކަޅު ކުނޑިފުއްތަކެއް ނިކުމެއެވެ. ހިތުގެ ޖަވާހިރުން ނުކުންނަ ކަޅު ރޫހީ ކުނޑިތަކެވެ. އެއާއެކު ރިޒުއާނާ ގައިގަ ފަޅާފައިހުރި ނިގުލާއި ދަޅުތައް ފޭދިގެން ދިޔައެވެ. ރައިފާނާ ވަނުމާއެކު ކުޑަކުއްޖެއް ވާހަކަދައްކާހެން ރިޒުއާނާ ވާހަކަދައްކަން ފެށިއެވެ. “މަންމި. ކިހިނެތް މިވަނީ؟” އަދިވެސް ރިޒުއާނާގެ ސިކުނޑި މަސައްކަތްކުރަމުން ދިޔައީ ކުޑަކުއްޖަކާއި އެއްވަރަށެވެ. ފޭދެމުން ދިޔަ އަތަށް ބަލައިލަމުން ރިޒުއާނާ ބުންޏެވެ. ރައިފާނާއަށް އެއީ އެ ނުބައި ރޫހުގެ ކަންތައްތައްކަން އެނގި ބާރަށް ރޮއެގަނެވުނެވެ. ކުށެއް ނެތް ފުރާނައެއް ގެއްލެމުން ދިޔައީތީއެވެ.
*********
އަމާން ރެއެކެވެ. އެޝްލިޕްނިއާއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ކިޒަންއާއި މިނާލް ގަނޑުވަރުގެ ބޭރުގައިވާ ބަގީޗާގައި ތިއްބެވެ. “ކިޒަންއަށް އިނގޭތަ އަހަރެން އުޅެ ބޮޑުވީ ކޮންތަނެއްގައިކަން؟” މިނާލް މަލެއް ބިނދެލަމުން ބުންޏެވެ. “ނޫން. ކޮންތާކު އުޅުނީ؟” ކިޒަން މިނާލްއަށް ސަމާލުކަންދެމުން ސުވާލު ކުރިއެވެ. “އަހަރެން ވަރަށް ކުޑައިރު ޤަރޫތު އަހަރެންގެ ސަލާމަތްތެރިކަމަށް އެހެން ދުނިޔެއަކަށް ގެންދިޔަ. އަހަރެން އުޅުނީ ދިވެހިރާއްޖެ ކިޔުނު ތަނެއްގައި” މިނާލް މަލުގައި ވަސްގަންނަމުން ބުންޏެވެ. “އެ ދުނިޔެއިން އައިކަން އެއީ އަހަރެންގެ ނަސީބު ކަންނޭނގެ.” ކިޒަން މިނާލްގެ ދަތްދޮޅީގައި ހިފަހައްޓާލަމުން ބުންޏެވެ. “ނަސީބޭ؟” މިނާލް މަލުގެ ތަނޑީގައި ހިފާ ކިޒަންގެ މޭމަތީގައި ޖައްސާލިއެވެ. ކިޒަން ހިންދިރުވާލުމަށްފަހު މިނާލް އުރާލިއެވެ. “އަފީނާގެ ޖާދޫއިން ސަލާމަތްކުރަން އަހަރެން ކައިރި ބުނި ވާހަކަ ހަނދާން އެބަހުރިތަ؟” މިނާލް ސުވާލުވެރި މޫނަކާއެކު ބުންޏެވެ. “ކޯއްޗެއް؟” ކިޒަން މިނާލްގެ ތުންފަތަށް ނަޒަރު ހިންގާލަމުން ބުންޏެވެ. “މި ދުނިޔެއަށް އައު ފުރާނައެއް ގެނައުމަށް ބުނީމެއްނު؟” ދެމީހުންވެސް ކޯތާފަތްމަތި ރަތްވެގެން ދިޔައެވެ. ގަނޑުވަރުގެ ދޮރު ހުޅުވުމަށްފަހު ބޮސްދެމުން ގަނޑުވަރަށްވަދެ ދޮރު ލައްޕާލިއެވެ.
(ނިމުނީ)
މި ވާހަކަ ﷲގެ އިރާދައާއެކު މި ނިމުނީއެވެ. އަދިވެސް މިފަދަ ވާހަކަތައް ކިޔުންތެރިންނާ ހިއްސާ ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. إن شاء الله


