Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ޖަވާހިރުގެ ބާރު 2 – 12

leafy Level 210 Stories100 Login
May 30, 2026 7 Mins Read
1 Comment

ބާބު 7 – ޖަވާހިރު

ޚަލޫފް ހުރިހާ އެންމެންނަށް މުޚާތަބުކޮށް ވާހަކަ ދައްކަންފެށިއެވެ. “މި ޖާދޫތައް ދަސްކުރުމަށް ޔަޥާޒްގެ އެހީތެރިކަން ލިބޭނެ. އަދި ކިޔެވުމަށްފަހު ތަމުރީނު ކުރެވޭނެ.” އުޔީން ހުރީ ޚަލޫފް ވާހަކަ ދައްކާ ނިމޭނެ އިރަކަށެވެ. ސުވާލު ގޯންޏެއް މުޅި އެތަނަށް އޮއްސާލިއެވެ. “މި ބާރުތައް ނެތިގެން ދިޔައީ ކީއްވެ؟”

ޔަޥާޒް މޭޒުދޮށުން ތެދުވަމުން ބުންޏެވެ. “އަހަރެން ތިޔަ ހުރިހާ ކުދީންނަށް ވާހަކައެއް ކިޔައިދެންތަ؟ އޭރުން ތިޔަ ސުވާލުތަކަށް ޖަވާބެއް ލިބޭނެ.” ލައްބައޭ ބުނުމަށްފަހު ހުރިހާ އެންމެންވެސް ގޮނޑި ހިފައިގެން އައިސް މޭޒުދޮށުގައި އިށީނެވެ. ދިގޯޑިއެއްގެ ބައްޓަމަށް އޮތް ބޮޑު ލޯގަނޑެއް ފަހަތުގައިވާ މޭޒުން ޔަޥާޒް ނެގިއެވެ. އަދި އޭގެން މާޒީގެ މަންޒަރުތަކެއް ދައްކަން ފެށިއެވެ.

~~~~~~~~~~~~~~~~(އެއްހާސް އަހަރު ކުރި)

އަޒްޓިޝްގައި ހަމަހިމޭންކަން ވެރިވެފައިވެއެވެ. ފަނޑުވަމުން ދިޔަ އިރުގެ އަލިކަމަށް ބަލަން ހުރި ޕަޘީން ހުރީ ގަހެއްގެ މަތީއެވެ. ހުދު ކުލައިގެ އިސްތަށިގަނޑާއި އަޅިކުލައިގެ ލޮލެއްގެ ވެރި ކުއްޖެކެވެ. އޭނާ އާންމުކޮށް ލައި އުޅުނު ހުދު ހެދުމުގައި ފަނޑު ހުދު ކުލައިގެ އަލިކަމެއްވެއެވެ. އޭނާގެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފުހެލުމަށްފަހު، ގަހުން ތިރިއަށް ފޭބިއެވެ. އުޑަށް ވެރިވެފައިވާ ފިޔާތޮށިކުލައިގެ އަލި ފަނޑުވިހެން އަނދިރިކަމެއް ވެރިވާން ފެށިއެވެ. މަޑު ހިނގުމެއްގައި ޕަޘީން އެނބުރި އޭނާގެ އަވަށަށް ދިޔައެވެ.

އޭނާގެ ސިކުނޑިން ވިސްނަމުން ދިޔަ އެއްޗެއް މޫނުމަތިން ފާޅުނުކުރި ނަމަވެސް އޭނާގެ ހަރަކާތްތަކުން ފޫހިވެފައިވާކަން އެނގެއެވެ. ގެއަށް ވަދެވުމާއެކު، އޭނާގެ މަންމަ ރޭގަނޑުގެ ކެއުމަށް ގޮވިއެވެ. ކެއުމުގެ ތެރޭގައި ބައްޕަ ކޮބައިތޯ ސުވާލުކުރިއެވެ. “ބައްޕަ ވީ ހަނގުރާމައެއް ކުރަން ގޮސް. ދަރިފުޅު ތި ސުވާލު ތިކުރީ ކީއްވެ؟” މަންމަ ތައްޓަށް ކާން އަޅަމުން ބުންޏެވެ. “ކަމެއް ނުވޭ. ބައްޕަ އަންނާނީ ކޮން ދުވަހަކުން؟” ޕަޘީން ސުވާލު ކުރިއެވެ. ނޭނގޭ ކަމަށް ބުނެ މަންމަ ކާން ފެށިއެވެ. ޕަޘީން އަދިވެސް ދަނީ ވިސްނަމުންނެވެ. ނަމަވެސް ކައިގެން އެރޭގެ އަރާމު ނިދި ނިދޭތޯ އެނދުގައި އޮށޯތެވެ.

އާ ދުވަހަކަށް އިރު އޭގެ އެންމެ ފުރަތަމަ ދޯދި އަޒްޓިޝްއަށް ފާޅުވީ އިރު ޕަޘީން އުޅެނީ ދުވުމާއި ކަސްރަތު ކުރުމުގައެވެ. ގިނަފަހަރު ހުއްޓުނު ނަަމަވެސް އަވަށް ވަށައިގެން ދެތިން ބުރު ޖެހުނެވެ. އެނބުރި ގެއަށް ދިޔުމަށްފަހު ތާޒާވެލައިގެން މަދަރުސާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ދިޔަ މަގުމަތީގައި އިކްޒާރް، އަފީނާ، ޛާނިޝް އަދި ޠިލްޒާއާ ދިމާވިއެވެ. އެ ހަތަރު މީހުންވެސް ފާޑު ފާޑުގެ ނަންތައް ޕަޘީންއަށް ގޮވަމުން ދިޔައެވެ. އޭނާގެ ހުދު އިސްތަށިގަނޑާއި ނުބެހޭ ދުވަހެއް ނުދާނެއެވެ. ގިނަފަހަރު އޭނާގެ ބައްޕައާ ބެހޭގޮތުންވެސް ނުބައިކޮށް ވާހަކަ ދައްކައެވެ. ޕަޘީންއަށް މަދަރުސާއަށް ވަދެވުމާއެކު ޔަޥާޒް މަރުހަބާ ކިއެވެ. މިއަދު ދަސްކުރާނެ ޖާދޫގެ ބައިތައް ކިޔައިދިނެވެ. ފަހަތުން އައި ޠިލްޒާމެންނަށްވެސް ހަމަ އެ އިރުޝާދުތައް ދިނެވެ.

ޔަޥާޒް ބުނި ގޮތައް ކިލާހަށް ގޮސް މޭޒުތައް މަތީގައި ހުރި ގަސްތަކަށް ނަޒަރު ހިންގާލިއެވެ. އޭނާގެ މޭޒުގައި ބަހައްޓާފައިވާ ގަހަށް ބަލައިލުމަށްފަހު، ހުދު ކުލައިގެ ޝިފެއަޓް (އުފެއްދުމުގެ ޖާދޫ) ފުއްތަކެއް އެ ގަހައް އަޅާލިއެވެ. އެގަހުގެ ފަތްތައް ބޮޑެތިވެ، ގަހުގެ މައިގަނޑު ފުޅާވެ، އެ ގަސް ދިގުވެގެން ދިޔައެވެ. އަފީނާ އޭނާގެ ޓިސެ (ވަގުތުގެ ޖާދޫ)ބޭނުންކޮށް އެ ގަސް ޒުވާންކޮށްލިއެވެ. ޛާނިޝް އޭނާގެ ޖާދޫ ބޭނުންކުރި ނަމަވެސް އެ ގަހަކަށް ގޮތެއް ނުވިއެވެ. ޠިލްޒާ މަސައްކަތް ކުރުމާއެކު އެ ގަސް އަޅިއަށް ބަދަލުވެ ކުނޑިވެގެން ފޭބިއެވެ. އެކަން ކުރުމަށްފަހު، މަދަރުސާގެ ބޭރުގައިވާ ފެންގަނޑަށް ޔަޥާޒް ހުރިހާ ކުދިން ގޮވައިގެން ދިޔައެވެ. ފެންގަނޑުން ބައްޓަމެއް ފާޅު ކުރުވުމަށް ހުރިހާ އެންމެނަށް ހަވާލުކުރިއެވެ. ޕަޘީން ފިޔަވާ އިތުރު ކުއްޖަކަށް ފެންގަނޑަކަށް ގޮތެއް ނުހެދުނެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ކިޔަވަމުން ދިޔައިރު ޕަޘީންގެ ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) ދިޔައީ ފުރިހަމަވަމުންނެވެ.

ޔަޥާޒްގެ އަމުރާ ޚިލާފަށް އެއްދުވަހަކު ޠިލްޒާ، އިކްޒާރް އަފީނާ އަދި ޛާނިޝް ކުތުބުޚާނާއަށް ވަނެވެ. “އަހަރެން މިއައީ ޕަޘީންއަށް ދައުވަތު ދީފައި.”ޠިލްޒާ ފޮތް ހަރުގަނޑުން ޖާދޫގެ ތަޅެއް އެޅުވިފައިވާ ފޮތެއް ނެގިއެވެ. އިރުކޮޅަކުން ޕަޘީން ކުތުބުޚާނާއަށް ވަނެވެ. އަދި އޭނާގެ ބޭނުމަކީ ކޮބާތޯ ސުވާލުކުރިއެވެ. “އަހަރެން ބޭނުމީ މި ފޮތް ހުޅުވަން. ކަލޭ މި ފޮތް ނުހުޅުވައިފިއްޔާ ކަލެއަކީ ނުހައްގުން ލިބިފައިވާ ދަރިއެއްކަން މުޅި އެޝްލިޕްނިއާއަށް އަންގާނަން.” ޕަޘީން ބިރުންހުރެ ޖަވާބުގައި ބުންޏެވެ. “ތިޔަ ފޮތް ނުހުޅުވަން މުދައްރިސް ޔަޥާޒް ބުންޏެއްނު؟” ޠިލްޒާ އިންޒާރުން ފުރިފައިވާ މައްލަވަކުރާ ރާގަކަށް ބުންޏެވެ. “އެކަމަކުވެސް ހެވޭ، ނުހުޅުވައިފިއްޔާ ކަލޭގެ މަންމަވެސް ނައްތަލާނަން!”

ސަލާމަތްވާނެ ގޮތެއް ނުވިސްނުމުން އެ ފޮތުގައިވާ ތަޅު ޕަޘީން ޖާދޫ ބޭނުންކޮށް ނައްޓާލިއެވެ. ވަގުތުން ކަޅު ކުލައިގެ ރޫޙެއް ނިކުތެވެ. އޭތި ޕަޘީންގެ ގަޔަށް ވަންނަން އުޅުނު ނަމަވެސް ޠިލްޒާއާ ދިމާއަށް ދިޔައެވެ. ކުއްލިއަކަށް ޠިލްޒާއަށް ގޮތަތަކެއް ވާންފެށިއެވެ. އޭނާގެ ހަށިގަނޑު ބަދަލުވެގެން ދިޔައެވެ. މަސްތައް އެރުމާއެކު އޭނާ ލައިގެން ހުރި ގަމީސް އިރައިގެން ދިޔައެވެ. އަދި އޭނާގެ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ކަޅު ކުލައިން ދިއްލިފައި ހުއްޓެވެ. އޭނާގެ އިސްތަށިގަނޑު ދިގުވެ ތުނބުޅިވެސް ފެޅިއެވެ. ދެ ކަންފަތް ނެއްޓި، މިނިކާވަގުގެ ކަންފަތްތަކެއް ފާޅުވިއެވެ. މޫނުމަތިވެސް ކެހެރި ފަދަ އިސްތަށިތަކެއް ފެޅިއެވެ. ލޮލުގައި ރަތްކަމެއް ހުއްޓެވެ. “އެންމެ ފަހުން އަހަރެން މިނިވަންވީ.” ނުލަފާ ހިނިގަނޑެއް ޖެހުމާއެކު ބަރު އަޑުން ބުނެލިއެވެ. ޕަޘީން އެތަނުން ނިކުމެ ޔަޥާޒް ހޯދަން ދިޔައެވެ. ކުލާސްތަކާއި އެހެނިހެން ތަންތަން ބެލި އިރުވެސް ޔަޥާޒް ފެންނާކަށް ނެތެވެ.

ހަދާނެ ގޮތް ހުސްވެ، ޕަޘީން ޔަޥާޒް ސިފަކުރިއެވެ. އަދި އޭނާ ހުރިތަނަށް ދިޔުމަށް ހިތުލައިގެން ހުއްޓެވެ. އެއާއެކު ޔަޥާޒްގެ ގެއަށް ޕަޘީން ފާޅުވިއެވެ. މުދައްރިސްއަށް ގޮވުމަށްފަހު މަދަރުސާ ތެރޭގައި ވީ ކަންތައްތައް ކިޔައިދިނެވެ. ވީހާވެސް އަވަަހަކަށް ދެ މީހުން މަދަރުސާއަށް ދިޔައެވެ. ނަމަވެސް އޭރު ވާނެ ކަމެއްވެ އޮތީ ނިމިފައެވެ. ކުތުބުޚާނާގައި ވަނީ ހަމަހިމޭންކަމެވެ. ފޮތްހަރުތަކާއި ފޮތްތައް މުޅި ތަނަށް އުކާފައިވެއެވެ. ބިންމަތީގައި ކަޅު ކުލައިގެ ހަތަރު ފޮތެއް އޮތެވެ. އެއީ ޔަޥާޒް އަތްނުލާށޭ ބުނި ހަތަރު ފޮތެވެ. “އަހަރެމެން ނިމުނީ. ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެ މީހުން ދެން އަތެއްވެސް ނުވާނެ.” ލޮލުން ކަރުނަ ފައިބަމުން ދިޔަ ޕަޘީން ބުނަމުން ދިޔައެވެ. “އެ ކީއްވެ؟” ޔަޥާޒު ފުން ނޭވާއެއް ލުމަށްފަހު، ކިޔައިދިނެވެ. “ޠިލްޒާ އެ ދޫކުރީ އެންމެ ނުބައި ހަތަރު ނިޕިފިޓިން. އެއީ ނުބައިކަންބޮޑު ޜަޘީންގެ ދަރިން. އެ ހަތަަރު ރޫޙަކީ މި ދުނިޔެއަށް ނިމުން ގެނުވާނޭ އެއްޗެއް.”

“އަޅުގަނޑަށް ކުރެވޭނެ އެއްވެސް ކަމެއް އެބަ އޮތްތަ؟” ގިސްޖަހަމުން ދިޔަ ޕަޘީން ބުންޏެވެ. “ދެން ހަމަ ކުރެވޭނެ އެންމެ ކަމެއްވެސް ނޯންނާނެ.” އިސްޖަހާލުމަށްފަހު ޔަޥާޒު ބުންޏެވެ. އޭނާއަށް ކުރެވުނު ކަންތަކަށް ވިސްނި ދެރަވެގެން ޕަޘީން ދުވެފައި އޭނާގެ ގެއަށް ދިޔައެވެ. ގެއަށް ދިޔައިރު އޭނާގެ ގެ ވަނީ ބިމާ ހަމަކޮށްފައެވެ. ފުރާޅުގެ ދަށުން ލޭގެ ކޯރެއް ހެދިފައިވުމުން މަންމަ މި ދުނިޔޭގައި ނެތްކަމަށް ނިންމިއެވެ. އެވަގުތު ވެފައިވާ ދެރައިން އެޝްލިޕްނިއާގެ ވަށައިގެންވާ ބޯ ޖަންގައްޔަށް ދުވެފައި ދިޔައެވެ. އަދި އަހުރާމެއްގެ ބައްޓަމަށް ހުރި ތަނަކަށް ޕަޘީން ވަނެވެ. ފެނުނު ކުޑަ ހިޔަޅަކާއި ދިމާއަށް ހުދުކުލައިގެ ޝިފެއަޓް (އުފެއްދުމުގެ ޖާދޫ) ފުއްތަކެއް ބުރުވާލިއެވެ. ވަގުތުން އެ ހިޔަޅު ކުނޑިތަކަކަށްވެ ގެއްލުނެވެ. ނަމަވެސް އެއަށްފަހު ތަފާތު މަޚުލޫޤުންތައް ފާޅުވާން ފެށިއެވެ. ފަހަރަކަށް ވުރެ ފަހަރެއް އެ މަޚުލޫޤުންނާ ކުރިމަތިލާން އުނދަގޫވަމުން ދިޔައެވެ. އޭނާ މި ހުރިހާ ކަމެއް ކުރަމުން ދިޔައިރު ޕަޘީންގެ ޖާދޫތައް ފުރިހަމަވަމުން ދިޔައެވެ.

ދުވަސްތަކަކަށްފަހު އެޝްލިޕްނިއާގައި ވެރިކަން ކުރަމުން ދިޔަ ރަސްގެފާނު ކުއްލިގޮތަކަށް އަވަހާރަވިއެވެ. އެއަށްފަހު ޠިލްޒާ އޭނާގެ އެކުވެރިންނާއެކު، އެތަނަށް ވެރިވެގަތެވެ. ރަސްގެފާނުކަމަށް ހޮވުމާއެކު މުޅި އެތަނުގައި ކަޅު ޖާދޫ ފުއްތަކެއް ބޭނުން ކުރިއެވެ. ހުރިހާ ދިރުންތަކެއްވެސް ފަނާކޮށްލިއެވެ. އެޝްލިޕްނިއާގެ ވަށައިގެން ދަނބުކުލައިގެ ވިލާތަކެއްވެސް ފާޅުކުރިއެވެ. އަނދިރި ގަނޑުވަރުގައި އުޅެމުން ދިޔަ ޠިލްޒާ ގަވާއިދުތައް ހަދަމުން ދިޔައެވެ. ގަވާއިދާ ޚިލާފުވާ ކޮންމެ މީހަކު، މަރާލުމަށްފަހު މަޚުލޫޤަކަށް ބަދަލުކުރިއެވެ. ގަވާއިދުގައި އުޅުނަސް އެ މީހަކަށް ފަސޭހައެއް ނުލިބެއެވެ. އެކި ވަރުގެ އަނިޔާތައް ދެމުން ދިޔައެވެ. ދުވަސްކޮޅެއްފަހުން ޠިލްޒާއާއި އޭނާގެ ރައްޓެހިން ފިޔަވާ އިތުރު މީހަކު އެޝްލިޕްނިއާގައި ނުވެއެވެ.

ފަންސާހަށްވުރެ ގިނަ ހަރުފަތުގެ އަޑީގައި ޕަޘީން މަޚުލޫޤުންތަކާ ހަނގުރާމަ ކުރަމުން ދިޔައެވެ. އޭނާގެ ޖާދޫ ބާރު ގަދަވަމުން ދިޔައެވެ. އޭނާ މިހާރު ބިމު އަޑީގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަހުރާމުގެ ތެރެއިން ނުކުމެ، ބޭރަށް ދިޔަހެން ލޮލުގައި ރިއްސައިގަތެވެ. ލޮލުގައި އަތް އެޅުމަށްފަހު، އޭނާގެ ގެއާ ދިމާއަށް އުދުހިގަތެވެ. އެޝްލިޕްނިއާ ސަހަރުގެ ވަށައިގެން ހުރި ދަނބުކުލައިގެ ވިލާގަނޑު ފެނުނީ ދެނެވެ. ވައިގެ ތެރޭގައި ގޮސް ވިލާގަނޑު އިރާލުމަށްފަހު، އެތެރެއަށްވަނެވެ. ނަމަވެސް އޭނާގެ އުދުހެމުން ވަދެގެން ދިޔައެއްކަމަކު ޖާދޫގެ ބާރު ދަށްވެ ގަސްތަކުގެ ތެރެއަށް ގުޅައަކަށް ޖެހުނެވެ. އެޝްލިޕްނިއާގައި އުދުހެން ބޭނުން ކުރާ ޖާދޫ މަސައްކަތެއް ނުކުރިއެވެ. ކުއްލިއަކަށް ގަސްތަކުގެ ތެރެއިން މީހެއްގެ އަޑު އިވުމުން ގަހުގެ ފަހަތަށްގޮސް ފިލިއެވެ. އޭރު ޔަޥާޒް އެ ގަސްތަކުން ނިކުތެވެ. ދެ މީހުންވެސް ފެނުމާއެކު ހިތްދަތިވާގޮތްވިއެވެ. އެހާ ދުވަހު ނުފެނި ބައްދަލުވުމުން އެތަކެއް ސުވާލުކުރިއެވެ. އަދި ޠިލްޒާގެ ވާހަކަވެސް ޕަޘީން އެހިއެވެ. ޔަޥާޒް އެޝްލިޕްނިއާގެ ހާލަތު ޕަޘީންއަށް ކިޔައިދިނެވެ.

ދެ މީހުންވެސް އެކު އެކީގައި ޖަންގަލިން ނިކުމެ ކައިރީގައި ހުރި ހަވޭލީއާ ދިމާއަށް ހިނގައިގަތެވެ. އޭރު ފެންޑާގައި ހަމަޖެހިލައިގެން ހުރި އިކްޒާރް ސިއްސައިގެން ދިޔައެވެ. ވަގުތު ބޭކާރުނުކޮށް ޕަޘީން އޭނާގެ ގަޔާ ދިމާއަށް ހުދު ކުލައިގެ ޖާދޫ ގުޅައެއް އެއްލިއެވެ. ވަގުތުން އަލިފާން ރޯވެ ކުނޑިއަށް ވަމުން ދިޔައެވެ. އެތަނުން އިކްޒާރް ދިޔަނުދިނުމަށް ހުދުކުލައިގެ ކޮށްޓެއް ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) ބޭނުންކޮށް ދެ މީހުންވެސް ހެދިއެވެ. އެ ކޮށީގައި ބަންދުވެ، އޭނާގެ ހަށިގަނޑު ކަޅު ކުނޑިފުއްތަކަށްވެ ދިޔައެވެ. ކަޅު ކުލައިގެ ރޫހެއް އޭގެން ނިކުމެގެން ދިޔައެވެ. އެ ދިޔަ ރޫޙެއްގެ ފަހަތުން ޕަޘީން ބާރު ބާރަށް ދުވެފައި ދިޔައެވެ. އޭރު އަނދިރި ގަނޑުވަރު ދުރުގައި ފެންނަން ހުއްޓެވެ.

ޠިލްޒާ ގަނޑުވަރުގެ ތަޚުތު ކޮޓަރީގައި ފޮތެއް ކިޔުމައިގެން އިނެވެ. އޭނާ ހުޅުވާފައިވާ ސަފުހާގައި ޖާދޫގެ ވަށްބުރެއް ކުރެހިފައިވެއެވެ. އެއީ އޭނާ ރާވަމުން ދިޔަ ބޮޑު ރޭވުމެވެ. އެއީ އޭނާގެ މައްޗަށް އިސްވެ އޭނާއަށް ބާރުތައް ދިން މަޚްލޫޤު މި ދުނިޔެއަށް ގެންނާށެެވެ. ގަނޑުތައް އުކާލުމަށްފަހު، ޖާދޫގެ ވަށްބުރާ ދިމާއަށް އޭނާ ހިނގައިގަތެވެ. އޭރު އަފީނާ ޖަވާހިރުތައް އަތުރަމުން ދިޔައެވެ. ޖަވާހިރުތައް އެތުރުމުން ޠިލްޒާ އޭނާގެ މެންޓިފުޝްޓި (ހަލާކުގެ ޖާދޫ) އަޅަމުން ދިޔައެވެ. ފަރާތަކަށް ބަލައިނުލާ އޭނާ ކިޔެވެލިތަކެއް ކިޔަމުން ދިޔައެވެ. ޖާދޫގެ ވަށްބުރު ވައިގެ ތެރޭގައި އުފުލިގެން ދިޔައެވެ. ހަނދާއި އިރު ގާތްވަމުން ދިޔައެވެ. ޖާދޫގެ ވަށްބުރުގެ އަނެއްފަރާތުގައި މަޚްލޫޤެއްވެއެވެ. އޭތީގެ ވަކިތައް އެ ޖާދޫގެ ވަށްބުރުން ބޭރަށް ނިކުންހެން، ޠިލްޒާގެ ބުރަކައްޓަށް ހުދު ކުލައިގެ ޖާދޫ ގުޅައެއް ޖެހި އަނދަން ފެށިއެވެ. ޕަޘީން ދޮރު ހުޅުވާފައިވާތީ އަފީނާ އޭނާގެ ޓިސެ (ވަގުތުގެ ޖާދޫ) ބޭނުންކުރިއެވެ. ފިޔާތޮށި ކުލައިގެ ފުއްތަކެއް މުޅި ތަނަށް ބުރައިގެން ދިޔައެވެ. އެއާއެކު ވެފައިވާ ކަންތައްތައް މީގެ އިރުކޮޅެއް ކުރިއަށް ބަދަލުވިއެވެ. ނަމަވެސް މިފަހަރު ޕަޘީން ވަނުމާއެކު، އޭނާ ހުރި ދިމާއަށް އަފީނާ ޖާދޫ ގުޅައެއް އެއްލިއެވެ. ޕަޘީންގެ ގައިގަ ފިޔާތޮށި ކުލައިގެ ފުއްތައް ޖެހުމާއެކު، އޭނާގެ ހަރަކާތްތައް ލަސްވިއެވެ. އޭނާއަށް ކުރިއަށް ހިނގެނީ ވަރަށް ލަހުންނެވެ. ޕަޘީންއަށް ވަގުތު ލަސްވެފައިވެއެވެ.

ޕަޘީންގެ ހަރަކާތްތައް ލަސްވުމާއެކު ޠިލްޒާ ޖާދޫގެ ވަށްބުރު ފުރިހަމަ ކުރިއެވެ. އެ ވަށްބުރުން ބޭރަށް އެ މަޚްލޫޤަށް ނިކުމެވުނުހެން ޠިލްޒާ އެތެރެއަށް ދަމައިގަތެވެ. ކުރިމަތީގައި ހުރި މަޚްލޫޤު ފެނި ޕަޘީން ބިރުގަތެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ ހަރަކާތްތައް ލަސްވެފައެވެ. އެ މަޚްލޫޤު އަފީނާގެ ގައިގަ ހިފުމަށްފަހު އޭގެ އަނގަތެރެއަށް ލިޔެވެ. ކަށި މުގުރޭ އަޑު އިވުނެވެ. އެވަގުތު ޕަޘީންއަށް ހަރަކާތްތައް އަވަސްވިއެވެ. ވަގުތު އާންމުކޮށް ހިނގާގޮތައް ހިނގަން ފެށިއެވެ. އެއާއެކު، ޕަޘީން ހުރި ދިމާއަށް އެ މަޚްލޫޤު ދިޔައެވެ. ދޮރާ ވީ ދިމާލުގައި ހުރުމުން، އޭނާގެ ގަޔާ ދިމާއަށް އޭތި އައެވެ. އައި ބާރުމިނުގައި ޕަޘީންގެ ގައިގަ ވައިއެޅިލާފައި ދިޔައެވެ. ގަނޑުވަރުގެ ބައިތައް ފަޅައިގެން ދިޔައެވެ. ޕަޘީން ބިރުން ފިތްކަނޑައިގެން ދާވަރުވެފައި ހުއްޓެވެ.

އެ މަޚްލޫޤުގެ ހަށިގަނޑު އެހާމެ ބޮޑެވެ. ޞާރަކާއި(ޑައިނަސޯ) ވައްތަރުވިޔަސް އޭގެ ހަތަރުފައިގައި ވަކިތައް ހުއްޓެވެ. އަދި ހުޅުނބުތަކާއި ބޮޑު ފިޔަގަނޑެއް ހުއްޓެވެ. ބޮލުގެ ބައްޓަން ހަރުފައަކާއި ވައްތަރެވެ. ނަމަވެސް ހިޔަމައެއްހެން ބޮލުގެ އެކި ދިމާލުން ކަށިފަޅާފައި ހުއްޓެވެ. އޭތީގެ މިސްރާބު ހުރި ދިމާ ބަލާ އެ ދިމާއަށް ޕަޘީން ދުއްވައިގަތެވެ.

ޔަޥާޒްވެސް އެ މަޚްލޫޤު ފެނުމުން އޭގެ ފަހަތުން ދިޔައެވެ. ޕަޘީން ވަރަށް އިރު ދުވުމަށްފަހު، އެ މަޚްލޫޤާ އަރާ ހަމަވިއެވެ. މި ދުނިޔެއަށް އައުމުގެ ބޭނުން ސުވާލުކުރަމުން ދިޔައެވެ. ނަމަވެސް ޖަވާބެއް ނައެވެ. ޕަޘީން އޭނާއަށް ލިބިފައިވާ ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) ބޭނުންކުރަމުން ދިޔައެވެ. އެ މަޚްލޫޤުގެ ގައިގަ ޖެހުނުހެން މުޅި ތަނަށް ބުރައިގެން ދިޔައެވެ. އޭރު އެ މަޚްލޫޤު ޛާނިޝް އުޅެމުން ދިޔަ ގެއާ ކައިރިއަށް ޖެއްސިއެެވެ. ޠިލްޒާގެ އަޑު ބޭނުންކޮށް ޛާނިޝްއަށް ގޮވުމަށްފަހު ރޮލާ އޭނާ ހުރިގޮތައް ކާލިއެވެ. ދެން އޭތި މިސްރާބު ހުރީ އިކްޒާރްގެ ހަވޭލީއަށްކަން އެނގި ޕަޘީން ހަޅޭއްލަވައިގަތެވެ. “އިކްޒާރް މަރުވެއްޖެ!”

އިރުކޮޅަކުން ކަޅުކުލައިގެ ދުންގަނޑެއް އުދުހިފައި އައެވެ. އެ މަޚްލޫޤުގެ އަނގަތެރެއަށް އެ ދުންގަނޑު ވަނެވެ. އެއާއެކު އެ މަޚްލޫޤު އެއަށްވުރެ އިތުރަށް ބިޔަވިއެވެ. އެޝްލިޕްނިއާގެ މައްޗަށް އުދުހިފައި ދިޔައެވެ. ޕަޘީން އޭގެ ނިގުލުކޮޅުގައި ހިފިއެވެ. އެ މަޚްލޫޤާއެކު އެޝްލިޕްނިއާގެ ވިލާތަކުން ބޭރަށް ނިކުމެވުނުހެން އޭނާ ޖިފެ (އަލިފާން ޖާދޫ) ބޭނުންކުރިއެވެ. ނާރިނގު ކުލައިގެ ފުއްތައް އޭގެ ހަށިގަނޑުގައި ޖެހުމުން އަލިފާން ރޯވާން ފެށިއެވެ. ޖިފެ (އަލިފާން ޖާދޫ)ގެ އިތުރުން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ)ވެސް ބޭނުންކުރަން ފެށިއެވެ. ނިގުލުގައި އަލިފާން ހިފާފައި ހުއްޓެވެ. ވަމުން ދިޔަ ހޫނާއެކު އެ މަޚްލޫޤުގެ ނިގޫ ތަޅުވާލިއެވެ. ވެއްޓެން ދިޔަ ޕަޘީން ޥިރިމް (ވައިގެ ޖާދޫ) ބޭނުންކޮށް އުދުހިފައި މައްޗައް އެރިއެވެ. ވައިގައި އުދުހެމުން އެ މަޚްލޫޤާ ދިމާއަށް އެއަފްޓިޚް (ބިމުގެ ޖާދޫ) ބޭނުންކޮށް ބޮޑެތި ހިލަގަނޑު ގަނޑުވެސް އުކިއެވެ. މިގޮތުގައި އެތައް އިރެއް ވާންދެން ހަނގުރާމަ ކުރުމަށްފަހު، ޕަޘީން އެ މަޚްލޫޤުގެ ހަށިގަނޑު އެކި ޖާދޫތައް ބޭނުންކޮށް ބަލިކަށިކުރިއެވެ. ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) ބޭނުންކޮށް އެޝްލިޕްނިއާ ތެރެއަށް އޭތި ފޮނުވާލިއެވެ. އަދި ވައިގެ ތެރޭގައި ހުރި ސީދަލަށް ތިރިއަށްވާގޮތަށް އޭތީގެ ހަށިގަނޑު ބިމަށް ޖެހިގަތެވެ.

އެ މަޚުލޫޤުގެ ބިޔަ ހަށިގަނޑުން ބިމުގައި ބޮޑު ވަޅުގަނޑެއް ހެދުނެވެ. އެއާއެކު އޭތީގެ ހަށިގަނޑު ކުޑަވެގެން ދިޔައެވެ. އޭތި އަދިވެސް ތެދުވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އޭތީގެ އަތުގައި ޕަޘީން ބާރަށް ހިފެހެއްޓިއެވެ. އޭތީގެ އަތުގައި ކަޅުކުލައިން ދިއްލިފައިވާ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ތަކުގައި ބާރަށް ވިކައިގަތެވެ. ނާރުތަކުގެތެރެއަށް ޕަޘީން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) ފުއްތައް ދޫކުރިއެވެ. ޕަޘީންގެ ހަށިގަނޑަށް މެންޓިފުޝްޓި (ހަލާކުގެ ޖާދޫ)ގެ ކުނޑިތައް ވަންނަމުން ދިޔައެވެ. އެވަގުތު ޕަޘީންގެ ސަބިޝް ރެރިޑެން (ޖާދޫގެ ނާރުތައް)ވެސް ދިއްލުނެވެ. “މީ މަގޭ ނިމުމެއް ނޫން އަދި މަގޭ މި ދުނިޔެއަށް އަންނާނަން” ޠިލްޒާގެ އަޑުން އެ މަޚްލޫޤު ހަޅޭއްލަވައިގަތެެވެ. އެއާއެކު އެ މަޚްލޫޤު ހުލިވެފައިވާ ލަކުޑިކޮޅެއްފަދަ ކުނޑިތަކަކަށްވެ، އަޅިއަށްވިއެވެ.

އެވަގުތު މާ ދުރުނޫން ހިސާބުގައި މި މަންޒަރުތައް ބަލަން ހުރި ޔަޥާޒް ބަސް ހުއްޓިފައި ވެއެވެ. ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ. ވަގުތު ބޭކާރުނުކޮށް ޕަޘީން ޝިފެއަޓެ (އުފެއްދުމުގެ ޖާދޫ) ބޭނުންކުރަން ފެށިއެވެ. އޭނާގެ ވަށައިގެން ހުދު ކުލައިގެ ފުއްތައް އެނބުރެމުން ދިޔައެވެ. ހުދު ކުލައިގެ ފުއްތަކުގެ އަޑިން ފިޔާތޮށި ފުއްތަކެއްވެސް ނިކުތެވެ. މުޅި ތަނަށް ބުރައިގެން ދިޔަހެން ވަގުތު ފަހަތަށް ޖެހިގެން ދިޔައެވެ. ޠިލްޒާގެ ސަބަބުން އަޒްޓިޝްއަށް ވެފައިވާ ހުރިހާ ކަމެއް ފުހެވުނެވެ. ވަގުތު ފަހަތަށް ޖެހުމާއެކު، ޔަޥާޒްވެސް އެތަނުން ގެއްލުނެވެ. ޕަޘީންގެ ޖާދޫ ހުސްވަމުން ދިޔައެވެ. އެޝްލިޕްނިއާއަށް ޓިސެ (ވަގުތުގެ ޖާދޫ) ބޭނުންކުރެވުނީ ހަމައެކަނި އަނދިރި ގަނޑުވަރަށެވެ. ހަށިގަނޑު ފޭދެމުން ދިޔަ ޕަޘީން އެޝްލިޕްނިއާގެ މަތިން ދާލަމެއްވެސް ބިނާކުރިއެވެ. އިތުރު ތާކަށް ޖާދޫ ބޭނުން ކުރަންވީއިރު ޕަޘީން ކުނޑިތަކަކަށްވެ ގެއްލިގެން ދިޔައެވެ.

~~~~~~~~~~~~~~~

ލޯގަނޑުގައިވާ މަންޒަރުތައް ފަނޑުވުމާއެކު، ހުރިހާ އެންމެންވެސް ހަމަހިމޭންވިއެވެ. “އެއީ ކޮން މަޚުލޫޤެއް؟” އުޔީން ސުވާލުކުރާކަށް ފަހެއް ނުޖެހުނެވެ. “އެއީ ޜަޘީން ނަމަކަށް ކިޔުނު ވަރަށް ނުބައި ރޫހެއް. ޜަޘީންގެ ދަރިންގެ ރޫހުތައް ޠިލްޒާމެންގެ ހަށިގަނޑަށް ވަނީ.” ޔަޥާޒް ލޯގަނޑު ގެއްލުވާލަމުން ބުންޏެވެ. “އަނ، މިހާރު މީގެ ކުރިން ހަނގުރާމަ ކުރި އިރު ޕަޘީން ހުއްޓުވި ނަމަވެސް މިހާރު އޭނާއެއް ދުނިޔެއަކު ނުހުންނާނެ. ރޫހީގޮތުން ޕަޘީން ގެންދިޔަޔަސް މާގިނައިރެއްނުވެ އޭނާ އެނބުރި ރޫހަކަށް ބަދަލުވާނެ. އެއީ މާގިނަ ދުވަސްވެފައިވުމުން. އެހެންވުމުން އެންމެ ރަނގަޅު ގޮތަކީ ދުނިޔޭގެ ވަގުތު ހަމަވެފައިނުވާ މީހުން އޭނާ ހުއްޓުވުން.” ޚަލޫފް ވައިގެ ތެރޭގައި އުދުހެމުން ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ހޯދަން ކަލާ 6

Next

ފުރަތަމަ ލޯބި

Next
May 30, 2026

ފުރަތަމަ ލޯބި

Previews
May 30, 2026

ހޯދަން ކަލާ 6

One Comment

  1. Exxo says:
    June 1, 2026 at 4:41 pm

    Great

Comments are closed.

Next Episodeޖަވާހިރުގެ ބާރު 2 – 13←


All Right Reserved!