
ހިތަކުން ނުފިލާނޭ…(1)

ހިތަށް އަރައެވެ.އަދިވެސް އެ ދުވަސްތަކުގެ މަތިން ހިތަށް އަރައެވެ.އިއްޔެ ހިނގި ކަމެއްހެން އެ ހުރިހާ މަންޒަރުތަކެއް އަދިވެސް އަހަރެންގެ ލޮލުގެ ކުރިމައްޗަށް ސިފަވެއެވެ.އޭރު އަހަރެން އުޅުނު ނިކަމެތި ޙާލުގެ މަތިން ހިތަށް އަރާ ކޮންމެ ފަހަރަކު އަދިވެސް އަހަރެންގެ ދެ ލޮލުން ކަރުނަ ހިލެއެވެ.އެ ކަޅު ހަނދާންތައް އަބަދުމެ އައިސް އަހަންނަށް އުނދަގޫ ކުރެއެވެ.އެ ހިތް ދަތި އިހުސާސްތައް އަދިވެސް އަހަރެންގެ ހިތުގެ ކަނެއްގައި ވަޅު ޖެހިފައިވެއެވެ. ނަމަވެސް އެއީ އަހަރެންގެ މާޒީއެވެ. ހަނދާން ކުރަން ހިތް ނޭދޭ ހިތްދަތި ދުވަސްތަކެވެ. މިއަދު އަހަރެން މިވަނީ އަބަދަށްޓަކައި އެ ދިރިއުޅުމަށް އަލްވަދާޢު ކިޔައިފައެވެ.
އަހަންނަކީ އުމުރުން ސާޅީހުގެ ފަހު އަހަރުތައް ގުނަމުންދާ އަންހެނަކީމެވެ. ބޮޑުވެފައި ތިބި ހަތަރު ކުދިންގެ މަންމައަކީ މެވެ. މާތް ރަސްކަލާނގެ ރަހުމަތްފުޅުން މިހާރު މާމަވެސް ކިޔައިފި އެވެ. އެހެނަސް އަހަރެންގެ ދިރިއުޅުން ފުރިހަމަވި ކަމުގެ އިހުސާސެއް ނުކުރެވުނެވެ.
އަހަރެންގެ އުމުރުން އެންމެ ދެ އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. ޔަތީމުވެ މަގުމައްޗަށް ގިނަވެއްޖެއެވެ. އޭރު އަހަރެންގެ އެންމެ ކުޑަ ކޮއްކޮއަށް އެންމެ ހަ މަހެވެ. ތުއްތު ފަސް ދަރިން ފަހަތު ލައިގެން އަހަރެންގެ މަންމަ އުޅުނީ ހާދަ ނިކަމެތި ހާލެއްގައެވެ. އެއް
އިރު އިރު ކެއީ ވއްޔާ އަނެއް ދެ އިރު ނުކައެވެ. ލައިގެން ހުންނަ އަންނަ އެތިގަނޑު ދާ ވީމާ ލާނެ އިތުރު އެއްޗެއް ނެތިގެން ހުސް ގަޔާ ހުންނަ ހަނދާންވެސް އަހަރެން އެބަ ހުއްޓެވެ.
އާއިލާގައިވެސް އަޅާލާނޭ ޔާރެއް އިޔާރެއް ނެތެވެ. އެންމެންވެސް އުޅުނީ އަމިއްލަ ހާލައިގެންވެސް ނޫޅެވިގެންނެވެ. އަނެއް ކޮޅުން އަހަރެމެންގެ ފަގީރުކަމާ ނިކަމެތިކަމުން ރަށު ރައްޔިތުންވެސް އަހަރުމެން ދެކެ އަރަނީ އަމަށަކު ރުޅިއެއް ނޫނެވެ. ހުރިހާ ކަމަކުންވެސް އަހަރެމެން ތިބެނީ ބާކީ ކޮށްފައެވެ. އެކަހެރިކޮށް ދުރުކޮށްފައެވެ. ކުޅިވަރެއް ކުޅުނަސް އެހެން ކަމެއް ކުރިޔަސް އަހަރެމެން ގޭ ކުއްޖަކު ބައިވެރިއެއް ނުކުރާނެއެވެ. އެ ހުރިހާ ކަމަކާ އަހަރެންގެ މަންމަ ކަރުނަ އަޅާ ރޯކަން އަހަންނަށް އެނގޭ މެއެވެ. އެހެނަސް އަހަރެންގެ މަންމައަކީ ވަރަށް ހިތްވަރު ގަދަ ކެރޭ އަންހެނެކެވެ. ބަލި ޙާލުގައި އުޅެމުންވެސް އަހަރެންމެން ފަސް ކުދިންގެ ކަންތައްތައް ބަލަހައްޓާ ހެދީ ހަމަ އެ މަންމައެވެ. އެހެނަސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ މަންމަ އެހެން މީހަކާ އިންނާން ނިންމި ހިސާބުންނެވެ. އެ ނިންމުން މަންމަ ނިންމީ އަހަރެމެން ތުއްތު ދަރިންކޮޅުގެ ހައްގުގައި ކަމަށް އަހަރެންގެ ޅަ ސިކުނޑި އޭރު ގަބޫލު ކުރިއެވެ.
އެ ފިރިހެން މީހާގެވެސް ބޮޑުވެފައި ހުރި ފިރިހެން ދަރިއަކު ހުރެއެވެ. އޭނާ ވެސް ދިރިއުޅެމުން ދިޔައީ އަހަރެމެންނާ އެކީގައި އެއް ގެއެއްގައެވެ. އަހަރެން އޭނާޔާ މެދު ދުށީ ހަމަ އުފަން ބޭބެއެއް ހާ ގާތްކޮށެވެ. އެހެނަސް އަހަރެން ހަމަ ކިރިޔާ ތަސައްރަފު ފުދުނު އިރަށް މަންމަ އަހަންނަށް އޭނާޔާ އިންނާން މަޖުބޫރު ކުރަން ފަށައިފިއެވެ. ވާނުވާ ވެސް ރަނގަޅަށް ނޭނގޭ އަހަރެން،ގަތީ އަމަށަކު ބިރެއް ނޫނެވެ. އަހަރެން ފާޅުގައި އެކަމަށް އިންކާރުކޮށް ދެކޮޅު ހެދީމެވެ. އެހެނަސް އަހަރެންގެ އާދޭސްތަކަށް އެ މަންމަ ދިނީ ބީރު ކަންފަތެކެވެ. އަހަރެމެން ކަހަލަ ނިކަމެތިންނާ އިންނާނެ މީހަކު ވީ ކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭނެ ކަމަށާ، މިހާރު މީހަކާ ނީނދެފިނަމަ ދެން އިންނާނޭ މީހަކު ވެސް ނުވާނެ ކަމަށް މަންމަ ހަރުކަށިކަމާއެކު ބުނަމުން ދިޔައިރު، އަހަރެންގެ އުމުރުން އޭރު ވީ އެންމެ ތޭރަ އަހަރެވެ. އެހެނަސް
އޭރު އެއީ ރާއްޖޭގެ އާދަ ކާދަގެ ތެރޭގައި އާންމު ކަމެކެވެ. ދެ ޖިންސުގެ ކުދިން ވެސް ޝަރުޢީ ގޮތުން ތަސައްރަފު ފުދުނީމާ އެހުރީ ބޮޑުވެފައެވެ. މީހުންނާ އިންނަންވީ އުމުރަށް އަޅައިފައެވެ.
ކޮންމެއަކަސް ދަނޑިމާރު އަޅައިގެން ވިޔަސް، މަންމަމެން އަހަރެން އޭނަޔާ ދެވާ ނިންމައިފިއެވެ. މަންމަައާއި މެދުގައި އަހަރެންގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅެއް ރޯވެގެން ދިޔަ ހިސާބަކީ އެއީއެވެ. އަހަރެން ދުށް ހުރިހާ ހުވަފެންތަކެެއް ފެންގަނޑެއްގެ ތެރެއަށް ގިރިގެެން ދިޔަ އެތައް ހާސް ކުލަތަކެއް ފަދައިން ކިލަނބުވެ، ވިއްސި ވިހާލި ވެގެން ދިޔައީއެވެ. މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދައި، ދިރިއުޅުމެއް އާރާސްތުކުރުމަށް ވުރެ މި ދުނިޔޭގައި އަހަރެން ކުރަން ބޭނުންވި އިތުރު ކަމެއް ނެތެވެ.
އެހެނަސް ކަތީބެއްގެ ދަރިއަކަށް ނުވާތީ
އެ ނަސީބުވެސް ނުލިބުނީއެވެ.
މަކުތަބާ ހިސާބުން ތައުލީމީ ދަތުރުގައި ޖެހުނީ ނިމުމުގެ ސިއްކައެވެ.
ކޮންމެއަކަސް އަހަރެންގެ ފުރަތަަމަ ކައިވެނީގެ ގޮށް މޮހިގެން ދާކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެއީ އޭނާގެ ވެސް ރުހުމުގައި ކުރި ކައިވެންޏަކަށް ނުވާތީއެވެ. އެ ކައިވެންޏަކީ ބަޔަކަށް އަހަރެމެން މަޖުބޫރުވެގެން ކޮށް ދިން ކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެކަން ހަމަ ޔަގީނެވެ. އެހެނަސް އެ ކައިވެނި ރޫޅުމަށްފަހު އަހަންނާ އޭނާވެސް ދެ ބީރައްޓެހިންނަށް ވެ ނިމުނީއެވެ. ރަށް ދޫކޮށް އޭނާ ފުރައިގެން ވެސް ދިޔައީއެވެ.
އެ ކައިވެންޏަށްފަހު ވަރަށް ގިނަ ދުވަހު ހުސްކޮށް ހުރުމަށްފަހު އަނެއްކާވެސް ކައިވެންޏެއް ކުރުމުގެ ޚިޔާލުވެސް އަހަންނަށް ކުރެވެން ފެށީ ކައިރި ރަށަކުން ދިމާވި ހިތް ހެޔޮ، އަޚުލާގު ރަނގަޅު ޒުވާނެއްގެ ސަބަބުންނެވެ. އެހެނަސް ދެން ކަންތައް ވެގެން ދިޔައީ އަހަރެން ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ރަށު ތެރެއިން ޒުވާނަކަށް އަހަރެން ކަމު ގޮސްގެން އޭނާ ވެސް އަހަރެންގެ ފަސް ފަހަތުން ދުވަން ފެށީއެވެ. އާދޭސްކޮށް އުނދަގޫވެސް ކުރަން ފެށީއެވެ. އަހަންނަށް ކުރެވެން ފެށީ ހަތަރު އަނގޮޅި ކަން މައްޗެއްގައި، ހަތަރެސް ފަރާތުން ބެދިފައި، ދާނޭ ދިމާލެއް، ދާންވީ ދިމާލެއް ނޭނގިފައި ހުރި ކަހަލަ ދަތި އިހުސާސެކެވެ.
”ނިޝާ ދެން ތި ތަނުން އިންނާނެ މީހަކު ނިންމަން ވެއްޖެއެއްނު މިހާރު! ތިހެން އެއް ފަހަރާ ދެ މީހުންނާ ވާހަކަ ދައްކަން ހަދައިގެން ރަށު ތެރޭގަ މީހާގެ އަގު ވެއްޓިދާނެ… މިހާރުވެސް މީހުން ފާޑު ފާޑުގެ އެއްޗެހި ކިޔާ…އެނގެއެއްނު މިރަށު މީހުންގެ ގޮތް މިހާރު…ގޮތެއް ނިންމާފަ އަވަހަށް އަހަރެން ކައިރީ ބުނޭ… އަހަރެން ވަލީ ދޭނަން ކޮންމެ މީހަކަސް…ގޮތް ނިންމާނީ ނިޝާ…އެކަމަކު ބުނަން…ރަށުން ބޭރަށް ދިޔައީ ވިއްޔާ މަންމަ ވަރަށް ދެރަވާނެ…އެކަނިވެސް ވާނެ… އެހެރީ ނަސްވާ އުޅޭ ގޮތް…އެހާ ސިޔާސަ…ޚިޔާލެއް ފިކުރެއް ނެތް އޭނާގެ…ތީ އެންމެ ވިސްނޭ ކުއްޖާ .. ވަރަށް ވިސްނާފަ ގޮތެއް ނިންމައްޗޭ…“ އެއް ދުވަހަކު އަހަރެން ފަހަން ވެގެން ފަހާ ފޮށި ކައިރީގައި އިންދާ، އަހަރެންގެ އެންމެ ދޮށްޓަށް ހުންނަ ބޭބެ ނާޝިދު އައިސް ވަަރަށް ސީރިއަސް ވެލާފައި ބުނެލިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ދިމާލަށް ނުބުންޏަސް ބޭބެއަށް އެންމެ ކަމުދާ ގޮތް އަހަންނަށް އެ ދެއްކި ވާހަކަތަކުން ނަގައިގަނެވުނެވެ. މުޅިއަކުން ބޭބެ އެ ބުނީ ދޮގު ވާހަކައެއްވެސް ނޫނެވެ. އަހަރެންގެ ހަމައެކަނި އަންހެން ކޮއްކޮ ނަސްވާއަކީ ވަރަށް ސިޔާސަ، އެހާމެ ހުއްސަރިބައި އަންހެން ކުއްޖެކެވެ. އޭނާގެ ހުރިހާވެސް އެއްޗަކީ އޭނާގެ ރައްޓެހިންނެވެ. ދުނިޔަވީ ކަމެއްގެ ޚިޔާލެއް ފިކުރެއް އޭނާގެ ނުހުރެއެވެ.
ތަރުތީބު ކަމެއް ގެވެހި ކަމެއް އޭނާ ނުދަނެއެވެ. އެހެން ކަމުން، ބޭބެގެ ބަސްތަކާ މެދު ފުންކޮށް ވިސްނާލަން އަހަރެންގެ ޒަމީރު އަހަންނަށް މަޖުބޫރު ކުރުވި ކަހަލައެވެ.
އަހަރެންގެ ލޯތްބަށް އެދި އާދޭސްކުރަމުން ހިނގާ ފަޔާޒާއި މެދުގައި އަހަންނަށް ވަރަށް ފުންކޮށް ވިސްނައި ލެވުނެވެ. އޭނާއަކީ އެ އާއިލާގެ އެންމެ ހަގު ފިރިހެން ދަރިއެވެ. އޭނާގެ މަންމަގެ ރަން ދަރިއެވެ. މަގުމަތީގައި ސިޔާސަ ވެގެން ތެޅި އެރުވިއެއް ކަމަކު އޭނާ ނުދަންނަ، ކުރަން ނޭނގޭ މަސައްކަތެއް ނެތެވެ. މީހުންނަށްވެސް އެހާ ހެވެވެ. ގުޅެއެވެ. ސަމާސާ ބޮޑެވެ. މީހުންގެ ތެރޭގައި މަގުބޫލުކަން ދަމަހައްޓަން ދަނެއެވެ. އަނެއްކާ ރަށު މީހެކެވެ. އޭނާއާއި އިނދެފިއްޔާ މާ ކަނޑު ހުރަސްކޮށް ދަތުރުތަކެއް ކުރާކަށް އަހަންނަކަށް ނުޖެހޭނެއެވެ. ރަށުގައި ހުރެ މަންމައަށް އަޅާލައި، ޚިދުމަތް ކުރެވޭހާ ގާތުގައި އުޅެވޭނެއެވެ.
ކަމެއް ދަމެއް ބޮޑުވިޔަސް ލަހެއް
ފަހެއް ނުވެ ޚަބަރު ލިބޭނެއެވެ. އަނެއް ކޮޅުން ފަޔާޒަކީ ބަލައިލަން ހުތުރު ޒުވާނެއްވެސް ނޫނެވެ. އޮޅަލި ކުލައިގެ ހަންގަނޑަކާއި، ރޫފަ ހެޔޮ ހަށިގަނޑަކާއި، އިސްކޮޅެކެވެ. އަހަންނަކީވެސް ދެން މާ ރީތި މީހެއް ނޫނެވެ. އެކަމަކު އެންމެ ހުތުރު މީހަކަށްވެސް ނުކިޔާނެއެވެ. ނަސްވާ ހާ ދޮން ނުވިޔަސް އަހަންނަށްވެސް ލިބިފައިވަނީ ބަށްޓަން ރީތި، ރޫފަ ހެޔޮ، ހަށިގަނޑަކާއި އިސްކޮޅެކެވެ.
ކޮންމެއަކަސް އަހަރެންގެ ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި އަހަރެން ފަޔާޒު ޚިޔާރު ކޮށްފީމެވެ. އަސަރު ގަދަ ސިޓީއަކުން، ރަށުން ބޭރުން ދިމާވި ޒުވާނާގެ ހިތް ފޮތިފޮތި ކޮށްލުމަށް ފަހުގައެވެ. ފަޔާޒާއި އެކު އުފާ ފާގަތި ދިރިއުޅުމެއް ބިނާ ކުރުމުގެ ވަރަށް ފޮނި އުންމީދަކާއި އެކުގައެވެ. އެހެނަސް އެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމަކަށް ނުވިއެވެ. ފަޔާޒަކީ ވެސް ފޯރާ އާއިލާއެއްގެ މީހެއް ނޫނެވެ. އަމިއްލަ ގެދޮރެއް ނެތެވެ. އޭނާގެ މައިންބަފައިންގެ ގޯތީގައި ދެމަފިރިން ނިދާލަންވެސް ލިބުނީ ހަކޮށްޓެއް ވަރުގެ ކުޑަ ކުޑަ ތަންކޮޅެކެވެ.
އަނެއްކޮޅުން އަހަރެމެން ހަމަ ކައިވެނި ކުރި ތަނަކާ ހެން ފަޔާޒުގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ބައްޕަ ބަލަން ޖެހޭތީ އޭ ކިޔާފައި ފަޔާޒު އެއްވެސް މަސައްކަތެއް ނުކޮށް ހުންނަން ފެށުމުން ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަން ޖެހުނީ ވެސް ހަމަ އަހަންނަށެވެ. އެހެނަސް ފަހައިގެން އެ ލިބޭ ކުޑަ ކުޑަ އާމްދަނީން ގޭގެ ހުރިހާ ޚަރަދެއް ދެ ކޮޅު ޖެއްސޭ ވަރެއް އަހަންނަކަށް ނުވެއެވެ.
އެފަދަ ހާލެއްގައި ތެޅި ތެޅި ހުއްޓާ އަހަރެން ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެފިއެވެ. އޭރު ވެސް ފަޔާޒުގެ އަތުގައި ހަމަ އެންމެ ލޯ ލާރިއެއްވެސް ނެތެވެ. އެ ހާލުގައި އިނދެވެސް އޭނާގެ ހުރިހާ ޚަރަދެއް ވެސް ބަލަހައްޓަން ޖެހުނީ ހަމަ އަހަންނަށެވެ. ނެތް ވަރުން ކޮފީއާއި ސިނގިރޭޓް ގަނެ ގަނެ ފިހާރަތަކުގައިވެސް ދަރާ ވިކިފައެވެ. ހުރިހާ ލަދެއްގައި ބެދެން ޖެހުނީ ހަމަ އަހަންނަށެވެ. އެއިން އެއްވެސް ކަމަކާ ފަޔާޒުގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.
(ނުނިމޭ)
Comments (2)
Comments are closed.
Vvvvvvv reethi 😍
Thank you ❤️