19 ވަނަ އެޕިސޯޑް
ސިޓިންރޫމުގެ ތެރޭގައި ހިފާފައިވާ ވަޔަކީ މިހާރު ހަމައެކަނި ވައިގެ ގޮތުގައި އިހުސާސެއް ނުކުރެވެއެވެ. އެ ވައި ވަނީ ބަރުވެ، ހަރަކާތެއްނެތް އެއްޗަކަށް ބަދަލުވެފައެވެ. ހެލީނާގެ ދުލުން ބޭރުވި ކޮންމެ ބަހެއް އެ ގޭގެ ފާރުތަކުގެ ތެރެއަށް ވަދެ، އެތަނުން ނުނިކުމެ ހަރުލާފައި ހުރި ކަހަލައެވެ. އޭނާގެ ހަމަށް އެ ބަރުދަން އިހުސާސުވަމުންދިޔައެވެ. އެކި ދިމާދިމާލުން އަމާޒުވަމުންދިޔަ ތޫނު ނަޒަރުތަކުގެ ތެރޭގައި، އޭނާގެ ބާކީ ހުރި ކަރާމާތް ސަލާމަތްކުރުމަށްޓަކައި، ކަރުނައިގެ ތެރެއިންވެސް އޭނާ އިސްއުފުލައިގެން ހުއްޓެވެ.
ފާތުމަ އެތަނުގައި ހުރީ، ހެލީނާ އުންމީދުކުރި ފަދައިން ހަޅޭއްލަވައި ރޮއިގަންނަ އަންހެނެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ފެންނަނީ މާ ވަރުގަދަކޮށެވެ. މާ ސާބިތުކަންމަތީގައެވެ. އޭނާ ހުރީ މަޑުމައިތިރިކޮށް، ކެތްތެރިކަމާއެކުގައެވެ. ނަމަވެސް އެ ހަށިގަނޑުގެ އެންމެ ފުންމިނުން ތުރުތުރުލަމުންދާކަން ހާމަވަނީ ވަރަށް ކުޑަކޮށެވެ. އެ ހިމޭންކަމުގެ ސަބަބުން ހެލީނާގެ މޭ ފިތޭގޮތްވިއެވެ. އެއީ ގުގުމައިނުގަނެ، އެކަމަކު އޭގެ މަގުގައިވާ ކޮންމެ އެއްޗެއް ނޭވާ ހާސްކޮށްލުމަށް ތައްޔާރުވަމުންދާ ތޫފާނެއް ބަލަން ހުރުން ފަދަ ކަމެކެވެ.
ޖޫލީގެ އަޑު އެ ހިމޭންކަން މުގުރާލިއެވެ. އެ އަޑުގައި ވަނީ ނުތަނަވަސްކަމެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއިރު، އޭނާގެ މަންމައާއި ހެލީނާއާ ދެމެދު ބިރުވެރިކަމުގެ ނަޒަރެއް ދައުރުވަމުންދިޔައެވެ.
“މަންމާ… ތިކުރަނީ ރަނގަޅު ކަމެއް ނޫން،” އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން، ކުޑަކޮށް ތުރުތުރުލާ އަޑަކުން ޖޫލީ ބުންޏެވެ. ހެލީނާ އެއް ފުރާޅެއްގެ ދަށުގައި ހުރުމަކީ، އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ކަނަކަށް ލަސްލަހުން ޒަހަރު ފަތުރާނެ ކަމެއް ކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ. ހެލީ އެގެއަށް އައީވެސް ރާޒިޤުގެ ކިބައިން ބަދަލުހިފަންކަން އޭނާ ދެއްކި ވާހަކަތަކުންނާއި އޭނާގެ ލޮލުން ފާޅުވާންހުރި ރުޅިވެރިކަމާއި ނަފްރަތުން ސާފު ބޯފެންހެން ސާފުކޮށް ފެންނަން ހުއްޓެވެ.
ޒުނާމް ވެސް ޖޫލީގެ ގާތުގައި ހުއްޓެވެ. އޭނާ ފާތުމައަށް ބަލަހައްޓައިގެން ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއެކުގައެވެ. ޒުނާމްއަށް ސިފަކުރެވުމުންދިޔައީ ރާޒިޤުގެ ހަޤީޤަތް އެނގުމަށްފަހު ފާތުމައަށް ކުރާނެ އަސަރެވެ. ފާތުމަ މުޅި އުމުރު ވަފާތެރިކަންމަތީ ހުއްޓާލީ ރާޒިޤަށްޓަކައެވެ. އެކަމަކު އެ ވަފާތެރިކަމުން ހަޤީޤަތުގައި ކުރި އެއްވެސް މަންފާއެއް ނެތެވެ.
އޭނާގެ ރާގު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، އެ އަޑުގައި ގުޑުމެއް ނެތް ސާބިތުކަމެއް ހުއްޓެވެ.
“އޭނާ މިތަނުގައި މަޑުކުރުމުން ކަންތައްތައް އިތުރަށް ގޯސްވާނީ،” ހެލީނާއަށް ކުޑަ ނަޒަރެއް ދިނުމަށްފަހު، އަލުން ފާތުމައަށް ބަލަހައްޓަމުން ޒުނާމް ބުންޏެވެ. އެ ވަގުތުކޮޅުގެ ނާޒުކުކަން އޭނާއަށްވެސް އިހުސާސުވަމުންދިޔައެވެ. “އަހަރެމެންނަށް އޭނާއަށް އެހެން އިންތިޒާމެއް ހަމަޖެއްސިދާނެ… އޭނާއާއި ދަރިފުޅަށް ރައްކާތެރި، މާ ރަނގަޅު ތަނެއް.”
‘ދަރިފުޅު’ – މި ބަސް ޖައްވުގެ ތެރޭގައި ހަރުލާފައި ހުރީ މުގައްދަސް އަދި ބަރު އެއްޗެއްގެ ގޮތުގައެވެ. އެންމެ ބަހަކުން ފާތުމަގެ ހިތުގެ ރިހުމަށް ތޫނު ހަމަލާއެއް ދިން ކަހަލައެވެ.
އޭނާގެ ނަޒަރު ލަސްލަހުން ހެލީނާގެ ފޮށިތަކަށް އަމާޒުވިއެވެ. އެއީ ހާމަވި ހަގީގަތްތަކުގެ ހިމޭން ހެކިވެރިންގެ ގޮތުގައި ހުރި އެއްޗިއްސެވެ. ދެން އޭނާ ގަފޫރާ ދިމާލަށް އެނބުރުނެވެ. އޭނާގެ އަޑު ކުރިއަށްވުރެ މަޑު ނަމަވެސް، އެއިން އުފުލުނު ބަރުދަނުގެ ސަބަބުން އެންމެން އަނެއްކާވެސް ހިމޭންވިއެވެ.
“ބޭބޭ… އަހަރެން ބުނާ ގޮތަށް މިކަން ކޮށްދީ..އޭނާގެ ސާމާނު މައްޗަށް އަރުވަދީ” ހިތުގައި ކިތަންމެ ރިހުނަސް، ކޮންމެ ބަހެއް ވަރަށް ކިރައި ވަޒަންކޮށްފައި ފާތުމަ ގަފޫރުގެ ކިބައިން އެދުނެވެ. “މެހެމާނުން ބައިތިއްބާ ކޮޓަރި… އެތަނަށް އަރުވާލަދީ..”
ޖޫލީއަށް މިކަން ގަބޫލުކުރަން ދަތިވެ، ފުން ނޭވާއެއް ދޫކޮށްލިއެވެ. މި ނިންމުމުގެ ސަބަބުން އޭނާގެ މަންމައަށް ލިބޭނެ ހިތްދަތިކަން އިހުސާސުވެ، ޖޫލީގެ ކެތްތެރިކަން ކޮޅުންލިއެވެ.
“މަންމާ، އާދޭސްކޮށްފައި ބުނަން… މިކަމާ ވިސްނާބަލަ،” ރޮވޭފަދަ އަޑަކުން އޭނާ ބުންޏެވެ. “ކޮންމެ ދުވަހަކު މަންމައަށް އޭނާ ފެންނާނެ… ބައްޕަޔާ އޭނަޔާ ދެމެދުވީ ހުރިހާ ކަންތައްތައް ހަނދާންވާނެ… އަދި އެ މަންޒަރުތައްވެސް މިއަދު ތި ފެނުނީ ހަމަލޮލަށް. މަންމައަށް ހެލީނާ މިގެއިން ފެންނަ ކޮންމެ ފަހަރަކު މަންމަގެ ލޮލުކުރިމަތީގަ ސިފަވާނެ ބައްޕަ، މަންމައަށް ބޭވަފާތެރިވިގޮތް.. މަންމަ އެ ހާލުގައި ދިރިއުޅޭނީ ކިހިނެއް؟ ކޮންމެ ދުވަހަކު ދިރިހުރެ މަންމަ މަރުވެ މަރުވެ ހުންނަތަން ބަލާކަށް އަހަރެންނަކަށް ކެތެއްނުކުރެވޭނެ.” ޖޫލީއަށް ރޮވުނީ ބޭއިހްތިޔާރުގައެވެ. އޭނާގެ އާދޭސް އޭނާގެ މަންމަ އަޑުއަހާނެބާއޭވެސް ޖޫލީ ހިތާހިތުން ސުވާލުކުރަމުންދިޔައެވެ.
ސިކުންތުކޮޅަކަށް ފާތުމަ ލޯ މަރާލިއެވެ. އެ އަނދިރިކަމުގެ ތެރޭގައި، އުފާވެރި ހަނދާންތަކާއި، ވީ ވަޢުދުތަކާއި، އޭނާގެ އެކަނި މިލްކެއް ކަމަށް ހީކުރި ލޯބީގެ ހޫނުކަން އައިސް ބޯމަތިކުރިއެވެ. އަލުން ލޯ ހުޅުވާލިއިރު، އޭނާގެ ލޮލުން ފެންނަން ހުރީ ހިތްދަތިކަމާއެކުވެސް ނުގުޑާފަދަ އަޒުމެކެވެ. ރާޒިޤު އިސްދަށަށް ޖަހައިގެންހުރި މަންޒަރު ފެނުނަސް ފާތުމަ އައިސްފައިހުރި ރުޅިން އޭނާގެ ހިތުގައި ރާޒިޤަށް ކުރި ޤަދަރާއި އިތްޒަތްވަނީ ވެއްޔާއި މޮޑެވި ގޮސްފައެވެ.
“މަންމަ ކެތްކުރާނަން. މަންމަ ދިރިއުޅޭނަން… ހަމަކުރިންވެސް އުޅުނު ގޮތަށް.. މީހަކު ބޭވަފާތެރިވުމަކީ އަދި ދުނިޔެ ނިމުނީއެކޭ ނޫން.. މާތްﷲ މަންމައަށް އެހިތްވަރު ދެއްވަވާފަ ވަނީ..” ނޭވާލާން އުނދަގޫވެފައި ހުރި ހާލުގައިވެސް މަޑުމައިތިރިކަމާއެކު ފާތުމަ ބުންޏެވެ. “އެކަމަކު ޖޫލީގެ ބައްޕަ ކުރި ކަމެއްގެ ސަބަބުން، އެހެން އަންހެނަކު ތަހައްމަލުކުރަން ޖެހޭ އަނިޔާއަށް އަހަރެން ފުރުސަތެއް ނުދޭނަން.”
އެ ބަސްތައް އިވުމާއެކު ހެލީނާގެ ކަރުބުޑު ބެދޭގޮތްވިއެވެ. ހެލީނާގެ ސަބަބުން ދުނިޔެ ބަނަވެފައިވާ އަންހެނެއްގެ ފަރާތުން މިފަދަ އޯގާތެރިކަމެއް އޭނާ އުންމީދެއް ނުކުރެއެވެ. އެ މާތް ސިފައާއި ދީލަތިކަމުގެ ސަބަބުން، އެއްވެސް މީހަކު ކުރި އިހާނެތިކަމަކަށްވުރެ ބޮޑަށް އޭނާ އަމިއްލަ ނަފްސުގެ ކުރިމަތީގައި ކުޑަވިހެން ހީވިއެވެ.
ފާތުމަ އޭނާއާ ގާތަށް ޖެހިލިއެވެ. އޭނާ ހެލީނާގެ މޫނަށް ބަލަހައްޓައިގެން ހުރީ ނަފްރަތަކުން ނޫނެވެ. ނަމަވެސް ހަގީގަތް ހޯދުމުގެ މަގްސަދުގައެވެ.
“އެއްކަމެއް ބުނެދީ،” ވަރަށް ސީދާކޮށް އޭނާ އަހާލިއެވެ. “ހެލީނާ ރާޒިޤުދެކެ ލޯބިވޭތަ؟ އަދި އޭނާއާއެކު އުޅެން ބޭނުންވޭތަ؟ ނޫނީ ހެލީ ބޭނުންވަނީ ފައިސާތަ؟ ބަނޑުގަ ތިޔައޮތް ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއްތަ؟”
އެ ސުވާލަކީ ނާޒުކު އަދި ނުރައްކާތެރި ސުވާލެކެވެ. ހެލީނާގެ ހިތަށް ތަދުވިއެވެ. ނަމަވެސް އޭނާ ސާބިތުކަމާއެކު ފާތުމަގެ ލޮލަށް ބަލާލިއެވެ.
“ރާޒިޤުއެއީ އަހަރެން ހީކުރި ކަހަލަ މީހެއް ނޫން،” ހިތުގެ ތެރޭގައި ތޫފާނެއް ހިނގަމުންދިޔަ ނަމަވެސް، ސާބިތު އަޑަކުން އޭނާ ބުންޏެވެ. “އެ ހުރިހާ ކަމަކަށްފަހު، މިހާރު ދުވަހަކުވެސް އޭނާދެކެ ލޯތްބެއް ނުވެވޭނެ. ރާޒިޤު އަހަރެންނަށްވެސް އޮޅުވާލީ… އަހަރެން ކައިރީގަ ބުނީ އަނބިމީހަ ވަރަށް ގޯހޭ.. ވަރި ކުރާނަމޭ… އެއަށްފަހު އަހަރެންނާ ކައިވެނި ކުރާނަމޭ…”
ހެލީނާގެ އެ ބަސްތައް އަޑުއިވިފައި ފާތުމަ ފިތްކަނޑައިގެންދިޔައެވެ. ރާޒިޤުގެ ދުލުގައި އެވަރަށް ދޮގުހެދިއިރު އަލިފާން ރޯވިނަމަ ކިހާ ރަނގަޅުވީސްހެއްޔޭ އޭނާ ހިތަށްއެރިއެވެ. ނަމަވެސް އެނގުނު ހަޤީޤަތްތަކަށްފަހު އެ އިވުނު ވާހަކަ ފާތުމައަށް ސިހުމެއް ނުގެނުވައެވެ. ރާޒިޤަށްޓަކައި މުޅި އުމުރު ހުސްކޮށްލި މީހަކާ ބެހޭގޮތުން ހިލޭ އަންހެނަކު ކައިރީގައި ފާޑުފާޑުގެ ވާހަކަދައްކައި އަގުވައްޓާލާފައި ވާތީ ފާތުމައަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް އޭނާ ހައިރާނެއްނުވިއެވެ. ހައިރާންވީހީ، ރާޒިޤުގެ ކިބައިން އުންމީދުކުރަން އެއްވެސް ރަނގަޅުކަމެއް ބާކީ އޮތްނަމަތާއެވެ. ފާތުމަގެ ލޮލަށް ބަރުވެ އެނބުރުންވެސް އަރައިގަތެވެ. ލިބުނު ދޯކާގެ ބޮޑުކަމުންނެވެ. އޭނާގެ ހިތް ބަރުވީވަރުން ހިތުގައި ހިލަގަނޑެއް އެލުވާލިހެން އިހުސާސްކުރެވުނެވެ.
“އަހަރެން މިތަނަށް އައީ ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައި،” ހެލީނާ އޭނާގެ ބަނޑުގައި އަތްޖައްސާލަމުން ބުންޏެވެ. “އަހަރެންގެ ދަރިފުޅަށް މުސްތަގުބަލެއް ބޭނުންވޭ… ހައްގުތައް ބޭނުންވޭ. ބައްޕައެއްގެ ބޭނުންތެރިކަން އިހުސާސުވާ ދުވަހަކުން ކައިވެންޏާ މެދު ވިސްނާނަން… އެކަމަކު މިހާރަކު ނޫން.” ރާޒިޤަށް ބަލައިލަމުން ހެލީނާ ބުންޏެވެ.
އެ ވާހަކަތަކާއެކު ފާތުމަ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއީ އެތައް އަހަރެއްގެ ވަރުބަލިކަން އެކުލެވިގެންވާ ނޭވާއެކެވެ.
“މިހާރު ހަލާކުކޮށްލަން ބާކީ އޮތް އެއްވެސް އެއްޗެއް ނެތް.. އަހަރެން ނިކަން ލޯތްބާއެކު ބިނާކުރި ދިރިއުޅުން އަހަރެންގެ ލޮލުކުރިމަތީގަ ފުނޑުފުނޑުވެގެން ހިނގައްޖެ…” މަޑުމަޑުން ފާތުމަ އަމިއްލަ ނަފްސާ ވާހަކަދައްކާ ފަދައަކުން ބުންޏެވެ. “އަހަރެންނަކީ އޭނާގެ މުޅި ދުނިޔެ ކަމަށް އޭނާ އަހަރެންނަށް ގަބޫލުކުރުވި… އެކަމަކު މިހާރު ހަގީގަތް ފެނުމުން، އެކަން ނުފެންނަ ކަމަކަށް ނުހެދޭނެ.”
ހިމޭންކަން މުޅި ތަނަށް ވެރިވިއެވެ. ނަމަވެސް ކަންތައްތައް ނިމުނީއެއް ނޫނެވެ. ގޭގެ މަތީ ބައިގައި އެހެން ތޫފާނެއް ފެށެން ތައްޔާރުވަމުންދިޔައެވެ.
****
ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި ފަސީހުގެ ގާތުގައި ހިނގަމުންދިޔަ މެހެކް ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ. އޭނާގެ ހަށިގަނޑު ތުރުތުރުލަމުންދިޔައެވެ. ފަސީހު ކަންބޮޑުވެފައި އޭނާއަށް ބަލަމުންދިޔައެވެ. މެހެކްގެ ކަޅިރަވަޔާއި އެސްފިޔަތަކުގައި މުތީތަކެއް ފަދައިން ހަރުލާފައިހުރި ފެންތިކިތަށްފެނި ފަސީހުގެ ޖިސްމަށް ބުނެދޭން ނޭގޭފަދަ ފުން އިހުސާސެއްކުރެވުނެވެ. ނުބަލަން އުޅުނަސް މެހެކަށް ބަލަން ފަސީހުގެ ނަފްސު އޭނައަށް މަޖުބޫރުކުރުވަންފެށިއެވެ. އެ އިހުސާސް އެގޮތަށް ފަސީހް އެހެން އެއްވެސް އަންހެން ކުއްޖަކަށްޓަކައި ނުކުރެއެވެ. އެވަރުގެ ރީތި ސޫރައެއް އޭނާ ދުނިޔެއަށް ނޭވާ މިލީހާ ދުވަހަކު ނުދެކެއެވެ. މުޅި އުމުރުވެސް އެ ސޫރައަށް ބަލަބަލާ ހުރެވިދާނެކަން ފަސީހަށް ޔަޤީންވާންފެށިއެވެ. މެހެކްގެ ކިބައިގައިވަނީ ހުސްވެސް އަޖައިބުން ފުރިގެންވާ ޗާލު ސިފަތަކެކެވެ. އެ ދެލޮލުގެ ތެރެއަށް ފަސީހު ގެނބިގެންގޮސް ޤަރަގުވެދާނެތީ ފަސީހު ބިރުގަތެވެ. މީހަކު ދެކެ މިހާވަރަށް ގަޔާވެވިދާނެކަމަށް ފަސީހު ދުވަހަކުވެސް ހުވަފެނުންވެސް ނުދެކެވެ. ކަނޑުމަތިން އަހަރެންނަށް މިލިބުނީ އަގުހުރި މާވަހަރަކަށްވުރެވެސް އަގުބޮޑު މާވަހަރެކެވެ. މިއީ އަހަރެންގެ ނަސީބުބާއޭ ފަސީހު ހިތަށްއެރިއެވެ.
“ރަނގަޅުތަ؟” ވާރޭގެ އަޑުގެ ތެރެއިން ފަސީހު އަހާލިއެވެ. ކެތްނުކުރެވުނީއެވެ. އެއަޑުގައިވީ ޖޯޝާއި ތާޒާކަން އަޑުއަހާލަން އެދި އޭނާގެ ދެކަންފަތް އާދޭސްކުރަން ފެށީއެވެ.
“ރަނގަޅު،” މަޑުމަޑުން ހިނިތުންވެލަމުން މެހެކް ފަސީހުގެ ސުވާލަށް ޖަވާބުދިނެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި ވަރެއް ނެތެވެ. ބަލިކަށި ހިނިތުންވުމަކާއެކު ކުރިއަށް ދާން އުޅެނިކޮށް، އޭނާގެ ލޯމައްޗަށް އަނދިރިވެ، އަނބުރައިގަނެގެން ވެއްޓުނެވެ.
ފަސީހު ވަގުތުން އޭނާ ހިފެހެއްޓިއެވެ. ބިންމަތީގައި ޖެހުނަނުދީ އޭނާގެ އަތްދަނޑިމައްޗަށް މެހެކް ނެގިއެވެ. ފަސީހުގެ ހިތަށް ތަފާތު އިހުސާސެއް ކުރެވުނެވެ. އޭނާ މެހެކް އުފުލާލައިގެން ގެއާ ދިމާލަށް ހިނގައިގަތެވެ. މެހެކް ހޭނެތިފައިއޮތްއިރު އޭނާގެ މޫނުމަތިން ފެންނަމުންދިޔަ މައުސޫމްކަން ފަސީހުގެ ހިތް މެހެކާ ދިމާލަށް ލަންބަމުންދިޔައެވެ. ވެހެމުންދިޔަ ފިނިފިނި ވާރޭގެ ތެރޭގައިވެސް ފަސީހުގެ ހައްޓަށް މެހެކްގެ ޖިސްމުގައިވީ ހޫނުކަން އިހުސާސްކުރެވެމުންދިޔައެވެ. މިއީ ކޮންފަދަ އިމްތިހާނެއްބާއޭ ހީކޮށްލާފައި ފަސީހު އޭނާގެ ހިނގުން ބާރުކޮށްލެވޭތޯ ބެލިއެވެ. މިއީ ދެހިތެއް ގުޅުމުގެ ފެށުމެއްބާއެވެ. ނޫނީ އިތުރު ހިއްދަތި ތަޖުރިބާއެއްގެ ފެށުންބާއެވެ..
ގެއަށް ވަދެވުނުއިރު ދެމީހުންވެސް ތިބީ ތެމި ފޯވެފައެވެ. ސިޓިންރޫމުގައި އިން ގަފޫރަށް، ފަސީހު އަންހެން ކުއްޖަކު އަތްދަނޑިމައްޗަށް ލައިގެން ގެއަށް ގެވަންތަން ފެނުމުން ސިހުން ލިބުނެވެ.
“ދަރިފުޅާ، ތީ ކާކު؟” ގަފޫރު ކަންބޮޑުވެފައި އެހިއެވެ.
“އިރުކޮޅަކުން ކިޔާދޭނަން ބައްޕާ.. ހަމަޖެހިލާފަ ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން.. ފުރަތަމަ ހިނގާބަލަ މިކުއްޖާ ހޭއެރުވޭތޯ ބަލަން…” ފަސީހު މެހެކް ގޮވައިގެން ކޮޓަރިއަށް ވަނެވެ. ގަފޫރުވެސް ފަހަތުން ދިޔައެވެ.
މެހެކް އެނދުގައި ބޭއްވުމަށްފަހު ފަސީހު ފެންފޮދެއް ބަލައި ބޭރަށް ނިކުތެވެ. ގަފޫރު ބަލަން ބޭނުންވީ އެއީ ކޮން ކުއްޖެއްކަމެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލިއެވެ. މެހެކްގެ މޫނުމަތި ފޮރުވިފައިއޮތީ އޭނާގެ ދިގު ތެތް އިސްގަނޑުންނެވެ. އެހެންކަމުން ގަފޫރު މަޑުމަޑުން މެހެކްގެ މޫނުމަތީގައި އޮތް ތެތް އިސްތަށިތައް އެއްފަރާތް ކޮށްލިއެވެ.
މެހެކްގެ މޫނު ފެނުމާއެކު ގަފޫރުދިޔައީ އެއްލިގަނެގެންނެވެ. ފަހަތަށް ފިޔަވަޅު އަޅަމުންގޮސް ފާރުގައި ޖެހުނުލެއް ބާރުކަމުން އޭނާގެ ހަށިގަނޑު އެކީ އެކަށް ގުޑައިގެން ދިޔައެވެ. އެ ވަގުތު އޭނާގެ މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އޭނާގެ ނޭވާ ތާށިވެ، ދެލޯ ބޮޑުވިއެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެގެން އެއްވެސް އިހުތިޔާރަކާނުލާ ޤަފޫރަށް ފަހަތަށް ޖެހިލެވުނެވެ.
“ނޫން…” އޭނާއަށް މަޑުމަޑުން ބުނެވުނެވެ. އެއީ މާޒީގެ ތެރޭގައި ވަޅުލާފައިވާ ސޫރައެކެވެ.
‘ދޮންދީދީ…’ އެ ނަން އޭނާގެ ހިތުގައި ގުގުމައިގަތެވެ. އެއީ މީގެ ތިރީސް ނުވަ އަހަރު ކުރިން ގެއްލުނު އޭނާގެ ލޯބިވެރިޔާއެވެ. އެކަމަކު އެއީ ވާނެ ކަމެއް ނޫނެވެ. ވަގުތަކީ މިފަދަ އެއްޗެއް ނޫނެވެ. އޭނާގެ ކުރިމަތީގައި އެ އޮތް ޒުވާން އަންހެން ކުއްޖާއަކީ ދޮންދީދީ ކަމަށް ވުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ. ނަމަވެސް އެ މޫނުގެ ކޮންމެ ސިފައެއް ބުނެދެނީ އެއީ ހަމަ އެ ސޫރަ ކަމެވެ. މެހެކްގެ ދެލޮލާއި، ނޭފަތާއި، ތުންފަތާއި، ދެއަތުގައި ހުރި އިނގިލިތަކުގެ ބައްޓަންވެސް ރަމްޒުކޮށްދެމުންދިޔައީ ދޮންދީދީއެވެ. ދޮންދީދީއާ އަޅާކިޔާނެ އެންމެ ތަންކޮޅެއްވެސް ނެތެވެ. ހަމުގެ ކުލަޔަކަސް ބޮލުގެ އިސްތަށިގަނޑަކަސް ފައިގެ އިނގިލިތަކަކަސް މީއޭ ބުނާނެ އެންމެ ތަންފުކެއްވެސް ހަމަނެތީއެވެ. ގަފޫރުގެ ދެލޯ ކުރިމަތީގައި ދޮންދީދީ ސިފަވަމުންދިޔަފަދައެވެ. ގައިނތް ބިރުން އޭނާގެ މުޅި ހަށިގަނޑު ހޫނުވެ ދާހިއްލަން ފެށިއެވެ. ހިތުގެ ހިނގުންއަވަސްވެ ނޭވާވެސް ތާށިވާންފެށިހެން ހީވިއެވެ.
ފަސީހު އެނބުރި އައިއިރު، ގަފޫރު ގަބުވެފައި، މޫނުމަތިން ކުލަވަރު އޮއްސިފައި ހުރިތަން ފެނުމުން ކަންބޮޑުވިއެވެ.
“ބައްޕާ… ކިހިނެއްވީ؟” ހައިރާންވެފައި ފަސީހު އެހިއެވެ.
ގަފޫރު ކުއްލިއަކަށް ފަސީހާ ދިމާލަށް އެނބުރުނެވެ. “ކޮންތާކުން އޭނާ ފެނުނީ؟ އެއީ ކާކު؟ މިތަނަށް އައީ ކިހިނެއް؟ ހުރިހާ އެއްޗެއް ކިޔައިދީ!” ތުރުތުރުލާ އަޑަކުން ގަފޫރު ސުވާލުތައް އަމުނާލިއެވެ.
ފަސީހު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ހަމައެކަނި ސިހުމެއް ނޫނެވެ. މިއީ މާ ފުން، އަދި މާ ނުރައްކާތެރި ކަމެއްކަން ފަސީހަށް އިހުސާސުވިއެވެ.
20 ވަނަ އެޕިސޯޑް
ފާތުމަގެ އިނގިލިތައް ހެލީނާގެ ކޮޓަރީގެ ދޮރުމަތީގައި މަޑުޖެހިފައި ހުރީ އާދަޔާ ޚިލާފު ގިނަ ވަގުތުކޮޅަކަށެވެ. އެ ތުނި ލަކުޑި ދޮރަކީ އޭނާ ދަންނަ އާދައިގެ ދިރިއުޅުމާއި، ކުރިމަތިލާން ނޭދޭ ބިރުވެރި ޙަޤީޤަތަކާ ދެމެދުގައިވާ ހުރަހެއް ފަދައެވެ. ދޮރުގައި ޓަކިޖަހާލުމަކީ ވެސް، ހިތުގެ އަޑީގައި ފޮރުވަން މަސައްކަތްކުރި ނުތަނަވަސްކަމަށް އިޢުތިރާފުވުން ކަހަލަ ކަމެކެވެ. އެންމެ ފަހުން ދޮރުގައި ޓަކިޖަހާލި އަޑު އިވުނީ ވަރަށް މަޑުންނެވެ. ނަމަވެސް، އެ މަޑު އަޑު އޭނާގެ ހިތުގެ ތެޅުމާ އެކުވެގެން މުޅި ހަށިގަނޑުގައި ގުގުމާލި ކަހަލައެވެ. ހެލީނާ ދޮރު ހުޅުވައިލިއިރު އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ މާޔޫސްކަމާއި ފަނޑުކަމެވެ. އޭނާ ފާޠިމާއަށް ބަލައިލި ގޮތުން، ހީވަނީ ކުރިންސުރެ ސުވާލުތަކެއްގެ ޖަވާބު ހޯދަން މަސައްކަތްކުރާ ހެންނެވެ. އެއްވެސް ބަހެއް ބުނުމަކާ ނުލައި ފާޠިމާ އެތެރެއަށް ވަދެގެން ދިޔައީ، ބަސްތަކަށްވުރެ ބޮޑަށް ހިމޭންކަމުން ހުރިހާ ވާހަކައެއް ބަޔާންކޮށްދެމުންނެވެ.
އެ ދެމީހުން ތިބީ ވަރަށް ގާތުގައެވެ. ނަމަވެސް، ދެމީހުންގެ ވިސްނުމުގައި އުފެދިފައިވާ ފެދުނު ދުރުމިން ކުޑަވާ ގޮތެއް ނުވިއެވެ. ދެމީހުންގެ ހިތުގައިވެސް އެނބުރެމުން ދިޔައީ އެއް ސުވާލެކެވެ. އެކަމަކު އެ ވާހަކަ ދައްކަން ދެމީހުންވެސް ޖެހިލުންވީ، އެއީ ޙަޤީޤަތަކަށް ވެދާނެތީއެވެ. އެންމެ ފަހުން ހެލީނާ ސުވާލުކުރީ ވަރަށް މަޑުމައިތިރިކަމާ އެކުގައެވެ. “އަހަރެން ގޮވަންވީ ކީކޭ ކިޔާފަ؟ ދައްތާއޭ ކިޔާފަ ގޮވިޔަސް އެންމެ ރަނގަޅުތަ؟” ހެލީނާ އިސްޖަހާލަމުން ބުންޏެވެ.
އެވަގުތު ފާތުމަގެ އަރުބެދި، ބަސް ހުއްޓުނެވެ. އޭނާ މަޑުމަޑުން ބޯޖަހާލަމުން އެނދުގެ އަރިމަތީގައި ބާރަށް ހިފަހައްޓާލީ، އަމިއްލަ ނަފްސު ހަމައަކަށް އަޅުވައި، ދިރިއުޅުން ފުނޑުފުނޑުވެގެން ހިނގައިދާނެތީ ބިރުން ހީވާކަހަލަ ގޮތަކަށެވެ.
“އެއްވެސް މައްސަލައެއް ނެތް.. ވީކަމެއް ވީ.. އަހަރެންގެ ހިތުގަ އެއްވެސް މީހަކަށްޓަކާ ހިތްބުރަކަމެއް ނެތް.. ހެލީއަށް ތި ކުރެވުނު ކަންތަކުގެ ހުރި ނުބައިކަން ވިސްނި ތެދުމަގު ލިބިއްޖީޔާ އަހަރެންނަށް އެ ފުދުނީ… ދެންވެސް ތައުބާވޭ… ތި ފާފަ ފުއްސަވާތޯ މާތްﷲ އަށް ދަންނަވާ… ” ލޮލުގައި ކަރުނަ ފުރިބާރުވަމުންދިޔަ ހާލު ފާތުމަ ބުނެލިއެވެ.
ހެލީ ގަނެފައިހުރި ލަދުންނާއި އޭނާއަށް ކުރެވުނު ކުށުގެ ބޮޑުކަމާއި ނުބައިކަން އިހުސާސްވުމުން އޭނާއަށް އިސްއުފުލައި ފާތުމައާއި ދިމާލަށް ބަލައިލަންވެސް ނުކެރުނެވެ. އުނދަގޫ ގޮތަކަށް ހިންދިރުވާލާފައި އާނއެކޭ ބުނެލި ވަގުތު އޭނާގެ ހިތުގައި ނުހަނު ދިލަ ތަދެއް އުފެދުނެވެ. ދެމަފިރިއެއްގެ ދިރިއުޅުމުގެ ދޭތެރެއަށް ވަދެވުނީތީ އެކަމުގެ ހިތާމަ ކިތަންމެހާވެސް ބޮޑަށް ހެލީއަށް ކުރެވެމުންދިޔައެވެ. އޭނާގެ ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިހުތިޔާރަކާނުލައެވެ. މެޔަށް ވީ ތަދުން އޭނާގެ އަތުން މެއާ ދިމާއިނަ ހެދުން ބޮޑިކޮށްލުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެ މަންޒަރު ފެނިފައި ފާތުމައަށް ވިސްނުނީ ހެލީ އޭނާ މާޒީގައި އުޅުނު ގޮތާއިމެދު ހިތާމަކުރާކަމެވެ.
ޕްރެގްނެންސީ ޓެސްޓު ހަދަން ހޮސްޕިޓަލަށް ދިއުމަށް ނިންމި ނިންމުމަކީ އިތުރު މަޝްވަރާއަކާ ނުލައި ދެމީހުންނަށްވެސް އެއްބަސްވެވުނު ކަމެކެވެ. އެކުގައި ހިނގަމުން ދިޔައިރު، އެ ހިމޭންކަން ދިޔައީ ވަގުތާއެކު އިތުރަށް ބަރުވަމުންނެވެ.
ހޮސްޕިޓަލުން ދުވާ އާދައިގެ ވަސް ފާޠިމާގެ ނޭފަތުގައި ޖެހުމުން އޭނާގެ ހިތް ނުތަނަވަސްވެ، ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. މަޑުކޮށްގެން އިންއިރު، އޭނާގެ ދެއަތް ވަނީ ބާރަށް ޖޯޑުކުރެވިފައެވެ. ހަމަޖެހުމެއް ހޯދުމަށްޓަކައި އޭނާ ދިޔައީ އަމިއްލައަށް ނޭވާ ގުނަމުންނެވެ. ކޮންމެ ނޭވާއެއްވެސް ލެވެނީ އުނދަގުލުންނެވެ. ހެލީނާ އޭނާގެ ކައިރީގައި އިނީ އެއްވެސް ބަހެއް ބުނުމަކާ ނުލައި ހިތްވަރު ދޭށެވެ. ނަމަވެސް، ކުރިމަތިވެފައިވާ ބޮޑު ނޭނގުމުގެ ތެރޭގައި، އެ އެހީތެރިކަންވެސް ފެންނަނީ ވަރަށް ދުރު ކަމެއްގެ ގޮތުގައެވެ. ކޮންމެ ސިކުންތެއް ފާއިތުވަމުން ދިޔައީ އިންތިހާ ލަސްލަހުންނެވެ. އެއީ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ޖަވާބަކަށް އިންތިޒާރު ކުރެވޭތީއެވެ.
****
ރާމިޔާ ގެއަށްދާން ބަލައިއަންނަން ބުނަން ފަސީހަށް ގުޅާގުޅާ ވަރުބަލިވީއިރުވެސް ފޯނެއް ނުނަގައެވެ. މާހިރް އެވަގުތުވެސް ހުރީ ރާމިޔާއާއި ދެތިން ފިޔަވަޅު ދުރުގައި ރާމިޔާގެ ހަރަކާތްތަކަށް ފާރަވެރިވެއެވެ. ރާމިޔާ އެއުޅުނީ ގެއަށްދާން މީހަކު ބަލައިނައިސްގެންކަން މާހިރަށް އެނގެއެވެ. އޭނާ ބޭނުންވީ ފުރުސަތުގެ ބޭނުންހިފާފައި ރާމިޔާ ގެއަށް ލައިދޭށެވެ. ދެތިން ފޫޓު ދުރުގައި ޕާކުކޮށްފައިހުރި ސައިކަލުގައި އައިސް މާހިރް ރާމިޔާގެ ކުރިމަތީގައި ހުއްޓިލިއެވެ. ރާމިޔާ ބުނާނެ އެއްޗެއް ނޭނގި ހިމޭންވެފައިހުރީ މާހިރް އެގޮތަށް އެހާ ގާތްވާންވެގެން އެއުޅޭ ސަބަބަކާމެދު ވިސްނާށެވެ. މިއީ އަނެއްކާ ކޮންފަދަ ކަމެއްބާއެވެ. ދުވަހަކު ފެނުނުވެސް މީހެއްނޫނެވެ. ރާމިޔާ ހިތާހިތުން ބުނެލިއެވެ. އިތުރު އެންމެ ލަފްޒެއްވެސް ނުބުނު ރާމިޔާގޮސް މާހިރްގެ ސައިކަލުގެ ފަހަތު ސީޓުގައި އިށީންދެލީ ފުން ނޭވާއެއް ބޭރުކޮށްލަމުންނެވެ. ދެމީހުންގެ ދެމެދުގައިވެސް ހަމަހިމޭން ވެރިވެ މުހާތަބުވެސް ކުރަމުންދިޔައީ އިޝާރާތުންނެވެ. މާހިރްގެ އެދުމާ އެއްގޮތަށް ރާމިޔާ ކަންތައްކުރީތީ މާހިރް ހައިރާންވިއެވެ. އިތުރު އެއްޗެއް އަހާކަށް އޭނާ ބޭނުމެއްނުވިއެވެ. އިތުރު އެއްވެސް އެއްޗެއްވެސް އޭނާ އެނގޭކަށް ބޭނުމެއްނުވެއެވެ. އެދެމެދުގައިވީ ހަމަހިމޭންކަމަކީވެސް ނިކަން މާނަ ފުން އެއްޗެއްކަން މާހިރަށް އިހުސާސްވިއެވެ.
މާހިރު އެރަށުގެ ލިންކު ރޯޑުންލާފައި ސައިކަލު ދުއްވަމުން ދިޔައިރު، ރާމިޔާގެ މޫނުގައި ވައިރޯޅިތައް ބީހެމުން ދިޔައެވެ. ސައިކަލުގެ އަޑާއެކު ރާމިޔާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އޭނާ ކުރިއަށް ބަލަހައްޓައިގެން އިން ނަމަވެސް، އެ ހިމޭންކަމުގެ ތެރޭގައި ބޮޑު ސިއްރެއް ފޮރުވިފައިވާ ފަދައެވެ. މާހިރު ދޭތެރެއަކުން ސައިކަލުގެ ލޯގަނޑުން ރާމިޔާއަށް ބަލައިލައެވެ. އެއީ ފަހަތުން އަންނަ އުޅަނދަކަށް ބަލާކަށް ނޫނެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވަނީ ރާމިޔާގެ ސޫރައަށެވެ. ވަޔާ އެކު ރާމިޔާގެ އިސްތަށިގަނޑު ހޫރެމުންދާއިރު، އޭނާގެ މޫނުމަތިން ފެންނަ ދުރުކަމާއި ބީރައްޓެހިކަމުން، މާހިރުގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ އާ އިހުސާސްތަކެއް އުފެދެމުން ދިޔައެވެ. އޭނާއަށް ރާމިޔާގެ މޫނުމަތިން ފާޅުވާންހުރި ފުރިހަމަކަން ފާހަގަވަމުން ދިޔައީ ހިމޭން ވަގުތުކޮޅުތަކުގައެވެ. މަޑު ފިޔާތޮށިކުލައިގެ ކޮލާއި، ބޭރުކުރަން ބޭނުންނުވާ ޚިޔާލުތަކެއް ހިފަހައްޓައިގެން ހުރި ފަދަ ގޮތަކަށް ބައްދާލެވިފައިވާ ތުންފަތުން އޭނާއަށް އާދަޔާޚިލާފު ރީތިކަމެއް ފެނުނެވެ. އޭނާ ސަމާލުކަން އެހެން ކަމަކަށް ހުއްޓާލަން މަސައްކަތް ކުރި ނަމަވެސް، އިޚްތިޔާރުން ބޭރުގައި އޭނާގެ އަތްދަނޑީގެ ބާރު ދިޔައީ ގަދަވަމުންނެވެ.
ނަމަވެސް ކުއްލިއަކަށް ކަންތައްތައް ބަދަލުވާން ފެށިއެވެ.
އެއީ ހިތަށް ނުތަނަވަސްކަން ވެރިކުރުވި އިހުސާސެކެވެ. ރާމިޔާގެ ނަޒަރު ކުޑަކޮށް ދަތުރުކޮށްލުމާއެކު، އެމީހުންގެ ފަހަތުން އަންނަ މީހަކު ފެނި، ހިތް ބިރުގަންނަން ފެށިއެވެ. އެ މީހާ ހުރީ ތަންކޮޅެއް ދުރުގައެވެ. މޫނުމަތީގައި މާސްކެއް އަޅާފައި ހުރިއިރު، އޭނާ ލައިގެންހުރި ވާރޭކޯޓުގެ ސަބަބުން މުޅި ހަށިގަނޑު އޮތީ ނިވާވެފައެވެ. އެމީހާ ހުރީ ދުރުގައި ނަމަވެސް، އޭނާ ފަހަތުން އަންނަ ގޮތުގައި ކޮންމެވެސް ސިއްރެއް ވާކަމުގެ އިހުސާސް ރާމިޔާއަށް ކުރެވުނެވެ. އެކަމާ މެދު ވާހަކަ ދައްކައިފިނަމަ އެއީ ހަގީގަތަކަށް ވެދާނެތީ އޭނާ ހުރީ ހިމޭނުންނެވެ. ނަމަވެސް އޭނާގެ ނަޒަރު ބޭއިޚްތިޔާރުގައި ފަހަތަށް ދަތުރުކުރަމުން ދިޔައިރު، ހިތުގެ ތޅުން ދިޔައީ އަވަސްވަމުންނެވެ.
****
ޖޫލީ ރާޒިގުގެ ކުރިމަތީގައި ހުރިއިރު، އޭނާގެ އަޑު އުފުލައެއް ނުލައެވެ. ނަމަވެސް އޭނާގެ ކޮންމެ ބަހަކީ ހަޅޭކަކަށްވުރެ ބަރު ބަސްތަކެކެވެ. މުޅި ހަށިގަނޑު ރޫރޫއެޅި ނަމަވެސް، އޭނާގެ ނަޒަރު ހުރީ ސާބިތުކަމާއެކު ރާޒިގަށް ހުއްޓިފައެވެ.
“އެނގޭތަ… އަހަރެންނަށް މިދުނިޔެ މަތީގައި ލިބުނު އެންމެ ބޮޑު ބަދުނަސީބު އެއީ. ތިކަހަލަ ފިރިހެނެއްގެ ދަރިއެއްގެ ގޮތުގައި މިދުނިޔެއަށް އުފަންވުމަކީ…. ބައްޕަ ތިއީ ހާދަ ބޮޑު މައްކާރެކޭ.. ހާދަ ނުބައި ހީލަތްތެރިއެކޭ.. ތިޔަކަހަލަ ފިރިހެނުންނަށް އެއްވެސް މީހެއްގެ އިހުތިރާމާ ކުލުނާ އޯގާތެރިކަން ހައްގެއްނޫން… ދަރިއެއްގެ ފަރާތުންވެސް، އައިނތްބެއްގެ ފަރާތުން… އެހެން އިންސާނެއްގެ ފަރާތުންވެސް… ތިކަހަލަ ފިރިހެނުންނަށް ކޯފާ ހައްޤު… ރޮއުނަސް ދެނެއް ވެފައިއޮތް ކަމެއް ބަދަލެއްނުކުރެވޭނެ… ތި ކަރުނައިގެވެސް ހަޤީޤަތުގަ އެއްވެސް އަގެއްނެތް…”
ރާޒިގަކީ އޭނާގެ ބައްޕަ ކަމަށް ބުނަން ލަދުގަންނަ ކަމަށް ބުނުމަކުން އޭނާގެ ހިތުގެ އުދާސްތަކެއް ނުފިލިއެވެ. އެހެންނަމަވެސް، ރާޒިގުގެ މޫނުމަތިން ފެނުނު މާޔޫސްކަމާއި ދެރަވުމުގެ ސަބަބުން ޖޫލީގެ ހިތަށް އުނދަގޫވިއެވެ. އެހެންވިޔަސް އޭނާ ހުރީ އޭނާގެ ނިންމުމުގައި ސާބިތުވެފައެވެ. ޖޫލީގެ ބަސްތައް ރާޒިޤުގެ ހިތަށް ވަނީ ތޫނު ހަންޖަރުތަކެއް ފަދައންނެވެ. ހިތް އިރައިރައިގެންގޮސް ކުރެވުނު ކަންތަކުގެ ހިތާމަ އިހުސާސްކުރެވެން ފެށިއެވެ. ގެއްލުނު އިތުބާރު އަލުން އަނބުރާ ލިބޭނެބާއޭ ހިތަށްއަރާފައި އާހުގެ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ރާޒިގު ހިތްހަލާކުވީވަރުން، ކޮޅަށް ހުރުމުގެ ބާރު ކެނޑި ކަކޫމައްޗަށް ތިރިވިއެވެ. އޭނާގެ އަޑު ބެދެމުން ދިޔައިރު، އޭނާ އާދޭސްކުރަމުން ދިޔައީ ދުވަހަކުވެސް ޖޫލީ ދޭން ބޭނުންނުވި މާފަކަށެވެ.
ރާޒިގުގެ ކޮންމެ މާފަކަށް އެދުމަކީ ކުރިން އެދުނު މާފަށްވުރެ ބާރު ދެރަ، މާނައެއް ނެތް އާދޭސްތަކަކަށް ވެގެން ދިޔައެވެ. އެއީ ވަގުތު ފާއިތުވި ފަހުން ކުރެވޭ ހުސް އިހުސާސްތަކެކެވެ. ޒުނާމް އޭނާގެ ކައިރީގައި ސާބިތުކަމާއެކު ހުއްޓެވެ. ޒުނާމް ރާޒިގަށް ބުނީ ކުރެވުނު ކަންތައްތަކަކީ އަނބުރާ ރުޖޫޢަ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، އޭނާ ކުރިމަތިލާން ޖެހޭ މީހަކީ ފާތުމަ ކަމަށެވެ. ޖޫލީގެ ހިތުގައި ރާޒިގަށް އޮތް ލޯތްބާއި ގަދަރު މިހާރު ވަނީ ފަކުރުގަނޑަކަށް ބަދަލުވެފައެވެ. އެ ލޯބި ފަނޑުވެގެންދިޔައީ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެކަން ޙުދު ޖޫލީއަށްވެސް ޤަބޫލުކުރަން ދަތިވިއެވެ. އޭނާ ރާޒިގާ ދިމާލަށް ބަލަމުން ދިޔައީ ބައްޕައެއްގެ ނަޒަރަކުން ނޫނެވެ. އޭނާ ރާޒިގު ދޫކޮށްލީ އެކަނި ރޯން އޮތް ހާލުގައެވެ.
****
ރާމިޔާ ގެއަށް ވަން ވަގުތު، އެ ގޭގައި އިން ނުދަންނަ އަންހެން ކުއްޖާ ފެނި އޭނާ ހައިރާންވިއެވެ. އެއީ ރާމިޔާ މީގެ ކުރިން ދުވަހަކުވެސް ދެކުނު ސޫރައެއްނޫނެވެ. އެ ކުއްޖާ އެގެއަށް ބީރައްޓެހި ނަމަވެސް، އޭނާގެ ހާޒިރުގައި ކޮންމެވެސް ކަހަލަ ގުޅުމެއް ވާކަމުގެ އިހުސާސް ކުރެވުނެވެ. ރާމިޔާ ހަރުކަށި ރާގަކަށް އެއީ ކާކުތޯ ސުވާލުކުރީ ފަސީހާއި ގަފޫރުގެ މޫނަށް ބަލަމުންނެވެ. ފަސީހު އެ ކުއްޖާ ކަނޑުމަތިން ފެނުނު ގޮތުގެ ވާހަކަ ކިޔައިދިނެވެ. އަދި އޭނާގެ ނަމަކީ މެހެކްކަމުގައި ބުންޏެވެ. ފަސީހުގެ އަޑުގައި ހަމަޖެހުން ހުރި ނަމަވެސް، އެ ވާހަކައިގައި ކޮންމެވެސް ބޮޑު ސިއްރެއް ފޮރުވިފައިވާ ކަމުގެ އިހުސާސް ރާމިޔާއަށް ކުރެވުނެވެ. އެއީ ފުރިހަމަ ނުވާ، މަދުވާ ބައިތަކެއް ހުރި ވާހަކައެއް ކަމަށް އޭނާއަށް ވިސްނުނެވެ.
ރާމިޔާގެ ހިތުގައި އުފެދުނު ސުވާލުތައް ފަށްފަށްވަމުން ދިޔައީ ނުހަނު އަވަސްމިނެއްގައެވެ. އޭނާގެ ސުވާލުތައް ވަނީ ކުރިއަށްވުރެ ބާރުވެފައެވެ. މެހެކް ގެއްލިގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފައިވޭތޯ އާއި، ކައުންސިލަށް ނުވަތަ ފުލުހުންނަށް އެކަން އަންގާފައިވޭތޯ އޭނާ ސުވާލުކުރިއެވެ. “މެހެކް… މެހެކް އާއިލާއާ އެއްކޮން ޕިކުނިކްގޮސް އުޅެނިކޮށް އޮޔާ ދިޔައީ… އެކަމަކު ފުރަތަމަ ސުވާލަކީ، މިކަހަލަ ވިއްސާރަދުވަހަކު އެހާ ދުރުގަ އޮތް ފަޅުރަށަކަށް ޕިކުނިކުދިޔައީ ކީއްވެ. ދެވަނަ ސުވާލު… މެހެކް ގެއްލުނުނަމަ މެހެކްގެ އާއިލާ އެއްވެސް މީހަކު އަދިވެސް މެހެކްގެ ވީނުވީއެއް ނޭނގިގެން ހޯދަން ޕޮލިހަށް މައްސަލަ ހުށަނާޅަނީ ކީއްވެ؟ ތިންވަނަ ސުވާލް… މެހެކްއަށް ހަމަގައިމުވެސް މެހެކް އާއިލާގެ މީހުންގެ ފޯނު ނަންބަރު އެނގޭނެއްނު؟ އެއިން އެއްވެސް މީހަކަށް ގުޅާފަ ތި ޙަބަރު ދީފިންތަ؟”
ރާމިޔާގެ ސުވާލުތައް ފަތިފައްޗަށް އަމުނާލިއެވެ. އެފަދަ ކަމެއް ހިނގައިފިނަމަ، އެކަމުގެ އެއްވެސް ނިޝާނެއް ނުފެނި ނުދާނެތީއެވެ. ގަފޫރުގެ ޖަވާބު އައީ ވަރަށް ފިނިގޮތަކަށެވެ. އެއްވެސް ޚަބަރެއް ނުވަތަ ރިޕޯޓެއް ނެތްކަން އޭނާ ފާހަގަކުރިއެވެ. އެއާއެކު، ކޮޓަރިތެރޭގައި އޮތް ނުތަނަވަސްކަން އިތުރުވެ، އެންމެންގެ ސަމާލުކަން މެހެކަށް ހުއްޓުނެވެ.
އާއިލާގެ މީހެއްގެ ނަންބަރެއް ނުވަތަ އެއްވެސް މަޢުލޫމާތެއް ދިނުމަށް އެދުމުން، މެހެކްގެ ޖަވާބު އައީ ވަރަށް ބަލިކަށިކޮށެވެ.
“ބޭބޭ… އަޅުގަ.. އަޅުގަނޑަކަށް އަސްލުގަވެސް ހިތަކުން ނޭނގެ ގޭ އެއްވެސް މީހެއްގެ ނަންބަރެއް…” މެހެކް އިސްދަށަށް ޖަހާލިއެވެ.
އާއިލާގެ އެއްވެސް މީހަކާ ގުޅޭނެ ނަންބަރެއްހާ ހިސާބުވެސް ނޭނގޭ ކަމަށް އޭނާ ބުނުމުން، ގަފޫރުގެ މޫނުމަތިން ފެނުނީ އިތުބާރު ނުކުރާކަމުގެ ކުލަވަރެވެ. ގަފޫރު އާދޭސްކޮށްކޮށްވެސް މެހެކް އޭނާއަކީ ކޮން އާއިލާއެއްގެ ކުއްޖެއްކަމާއި ކޮންރަށެއްގެ ކުއްޖެއްކަންވެސް ބުނުމަށް އިންކާރުކުރިއެވެ. އަދި ހުއްޓުމެއްނެތި ގިސްޖަހަޖަހާފައި ކަރުނަ ބާލަމުންދިޔައެވެ. އެ މަންޒަރު ބަލަންހުރި ފަސީހަށް، މެހެކްގެ ލޮލުން ފައިބަމުންދިޔައީ ހަޤީޤީ ކަރުނަކަން ޔަޤީނެވެ. އެހެނަސް ގަފޫރުހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އަމިއްލަ ދިރިއުޅުމުގެ އެއްވެސް މަޢުލޫމާތެއް އިންސާނަކަށް ނޭނގި އޮވެދާނެތޯ އޭނާ ސުވާލު އުފެއްދިއެވެ. އަދި އޭނާގެ ރަށާއި އާއިލާއާ ބެހޭ އެއްވެސް މައުލޫމާތެއް ދޭން އިންކާރުކުރާތީ ގަފޫރު މެހެކަށް ޝައްކުގެ ނަޒަރަކުން ބަލަންފެށިއެވެ.
މެހެކް އައުމާއެކު ގޭތެރޭގެ ކަންތައްތައް ބަދަލުވާން އުޅޭކަން ރާމިޔާއަށް އިޙްސާސްވިއެވެ.
މެހެކްގެ ކެތްތެރިކަން ކޮޅުންލައި، އޭނާގެ ރުއިން ފަހަރަކަށްވުރެ ފަހަރެއް ވަރުގަދަވަމުންދިޔައެވެ. ފަސީހު އޭނާއަށް އިތުބާރުކުރެއެވެ. އެހެނަސް މެހެކް ހިތްހަމަޖައްސައިދޭން ކުރާނީ ވަކި ކީއްކަމެއް ފަސީހަކަށް ނުވިސްނުނެވެ.
އެންމެންގެ ސުވާލުތަކަށް ޖަވާބުދޭން ނުކުޅެދުނުމުން، އިތުރު އެއްވެސް ބަހެއް ބުނުމެއްނެތި، މެހެކް ރޮމުންރޮމުން ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލެއްޕުނު އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލި އިރު، އެންމެންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދުނެވެ. ގަފޫރު އޭނާގެ ޝައްކުތައް ފާޅުކުރަމުން ދިޔައެވެ. މެހެކަކީ އާދަޔާޚިލާފު، އަދި މަކަރުވެރި އަންހެނެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފަޞީޙު މެހެކްގެ ދިފާޢުގައި މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. އޭނާއަށް ވަގުތު ބޭނުންވާނެ ކަމަށާއި، މި ހިމޭންކަމުގެ ފަހަތުގައި ފުން ސަބަބުތަކެއް ވާނެކަމަށް ފަޞީޙު ބުންޏެވެ. މެހެކްގެ ޢަމަލުތަކުން ފެންނަނީ އޮޅުވާލުމަށްވުރެ ބޮޑަށް، ހިތުގެ ފުންމިނުގައި ވަޅުލެވިފައިވާ ބިރުވެރިކަމެއް ކަމަށް އޭނާ ގަބޫލުކުރިއެވެ.
****
ޒުނާމާއި ޖޫލީ ކޮޓަރިއަށްވަދެ ދޮރު ލެއްޕުމާއެކު ޖޫލީގެ ކެތްތެރިކަން ކުޑަވެ، ރޮމުން ރޮމުން ގޮސް ޒުނާމްގެ ގައިގައި ބައްދާލިއެވެ. އެހާ ހިސާބަށް އޭނާ ހިފަހައްޓައިގެން ހުރި ހުރިހާ ޝުޢޫރުތަކެއް ބޭރުވާން ފެށިއެވެ. އޭނާ ޒުނާމް ދެކެ ލޯބިވާކަމަށް ބުނެ، ރޮމުން ޝަކުވާ ކުރަން ފެށިއެވެ. އޭނާ ޒުނާމްގެ ގައިގައި ބާރަށް ހިފަހައްޓައިގެން ހުރީ، ޒުނާމަކީ އޭނާގެ ހަމައެކަނި ސަލާމަތްތެރިޔާ ކަމުގައި ދެކިގެންނެވެ.
“ޒުނާމް ދުވަހަކުވެސް ބައްޕަ ކަންތައްކުރި ގޮތަށް ކަންތައްނުކުރާއްޗޭ… އަހަރެންގެ ހިތް ފަޅައިގެންދާނެ… އައި ލަވްޔޫ ސޯ މަޗް ޒުނާމް…. އައި ލަވްޔޫ ވިތު އޯލް މައި ހާޓް”
ޒުނާމް ޖޫލީ އޭނާގެ މެޔާ ދުރުކޮށްލުމަށްފަހު، ޖޫލީ އެ ބުނި ބަސް ތަކުރާރުކުރުމަށް އެދުނެވެ. ޒުނާމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، އޭނާގެ މަޑުމައިތިރި އަޑުން އެ ވަގުތުގެ ސީރިއަސްކަމެއް ފެންނަންފެށިއެވެ. ޒުނާމް ހިތްއެދޭގޮތަށް ޒުނާމް ބޭނުންވީ ލޯބީގެ މާނަ ފުން ބަސްތައް ޖޫލީ ހާމަކުރަމުންދިޔައެވެ. ޒުނާމް ޖޫލީއަށް މަޖުބޫރުކުރުވާ އެ ބަސްތައް ޖޫލީގެ ދުލުން ތަކުރާރު ކުރަމުން ދިޔައެވެ. ގިނަ ފަހަރުތަކެއްގެ މަތިން އެ ބަސްތައް ބުނުމުން، ޖޫލީގެ ރުއިން ހުއްޓި، އޭނާގެ ހިތުގައި ހައިރާންކަން އުފެދުނެވެ. ޖޫލީއަށް ދިމާވެފައިވާ ހިތްދަތި ހާލަތުން އަރައިނުގަނެވިގެން އުޅެނިކޮށް ޒުނާމް އޭނާގެ ލޯބީގެ އިމްތިހާނުކުރަން އަނެއްކާވެސް ފެށީބާއޭ ޖޫލީ ހިތަށްއެރިއެވެ. ޒުނާމް އޭނާގެ އެ ގޮތްގަނޑު ދެވަނަ ފަހަރަކަށް ތަކުރާރުނުކުރާނެ ކަމަށް ވަޢުދުވީތާ އަދި 12 ގަޑިއިރުވެސްނެވެއެވެ. ހަވަނަ ފަހަރަށް އެހެން ބުނިއިރު، އޭނާގެ އަޑު މަޑުވެ، ނޭވާ ހަމައަކަށް އެޅުނެވެ. ޒުނާމް ދެލޯ މަރާލައިގެން ހުރިއިރު، ޒުނާމްގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމުގެ އަސަރެކެވެ. ހީވަނީ އެ ބަސްތައް އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރަން އުޅޭ ހެންނެވެ.
ކޮންމެވެސް ކަމެއް ގޯސްކޮށް އުޅޭކަމުގެ އިޙްސާސް ޖޫލީއަށް ކުރެވެމުން ދިޔައެވެ.
****
ފަޞީޙު ހުރީ މެހެކްގެ ކޮޓަރީގެ ދޮރުމަތީގައެވެ. ކޮޓަރިތެރެއިން މެހެކްގެ މަޑު ގިސްލުމުގެ އަޑު ފަޞީޙަށް އިވެމުން ދިޔައެވެ. އޭނާ ދޮރުގައި އަތް ޖައްސާލައިގެން ހުރީ، އެ އަތުގެ އިޙްސާސް މެހެކަށް ފޯރުކޮށްދެވޭނެ ނަމައޭ ހިތަށް އަރާފައެވެ. ފުރަތަމަ އޭނާ ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. އެއަށްފަހު، ދޮރު ހުޅުވުމަށް އެދި އާދޭސްކުރިއެވެ. މެހެކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަޤީންކަން އޭނާ ދިނެވެ. މެހެކް ރައްކާތެރިކުރުމުގެ މުހިންމުކަން އޭނާއަށް އިޙްސާސް ކުރެވެނީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.
ދެމީހުންގެ ދެމެދުގައި ހިމޭންކަމުގެ ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ.
އެއަށްފަހު، މަޑުމަޑުން ދޮރު ހުޅުވާލިއެވެ.
21 ވަނަ އެޕިސޯޑު
ފަސީހް މެހެކްގެ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ އޭނާގެ އަތްތިލަ އެ ދޮރުގައި މަޑުމަޑުން ޖައްސާލައިގެންނެވެ. އެ ދެމެދުގައިވާ ތުނި ހުރަހުގެ ތެރެއިން މެހެކްގެ ހިތާމަތައް އޭނާގެ ހަށިގަނޑަށް އިޙްސާސް ކުރެވޭ ފަދައެވެ. މެހެކްގެ ކޮންމެ ގިސްލުމެއްގެ އަޑު އިވޭ ކޮންމެ ފަހަރަކު، އެއީ ފަސީހުގެ މޭގެ ފުނަށް އަމާޒުވާ ތީރެއް ފަދައެވެ. އެތަނުގައި ހުރި ވަގުތު ގިނަވިވަރަކަށް ފަސީހަށް ނޭވާލާން އުނދަގޫވަމުން ދިޔައެވެ. ފަސީހު އަނެއްކާވެސް ދޮރުގައި ޓަކިޖަހާލިއެވެ. މިފަހަރު ކުރިއަށްވުރެ މަޑުންނެވެ. އޭނާގެ އަޑުގައިވަނީ ކެތްތެރިކަމެވެ. އެއީ މަޖުބޫރުވެގެން ދައްކާ ކެތްތެރިކަމެއް ނޫނެވެ؛ އެއީ އޭނާގެ އަމިއްލަ ނަފްސުން ނިންމާފައިވާ ނިންމުމެކެވެ. މެހެކް އެފަދަ ހާލަތެއްގައި އެކަނި ދޫކޮށްލުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ހިމޭންކަން މުޅި މާހައުލަށް ވެރިވެފައި އޮތުމަށްފަހު، ދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. ދޮރު ކުޑަކޮށް ހުޅުވާލުމާއެކު ފެނުނު މަންޒަރުން ފަސީޙްގެ ހިތަށް ނޭނގޭ އަސަރުތަކެއް ކުރިއެވެ. މެހެކްގެ ދެލޯ ވަނީ ރޮއެރޮއެ ދުޅަވެފައެވެ. ތުންފަތް ތުރުތުރުލަމުން ދިޔައިރު، މުޅި ހަށިގަނޑުން ފެންނަނީ ނުތަނަވަސްކަމެވެ. މެހެކްގެ ހިތް ވަނީ ބިރުވެރިކަމުން ފުރިފައެވެ. އޭނާ ހުރީ ބޮޑު ސިއްރެއް ހިފަހައްޓައިގެންނެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ: “އާނއެކެވެ، އަހަރެންގެ ސިއްރެއް އެބައޮތެވެ. އަދި އަހަރެން މިއީ ކާކުކަން ހާމަކުރެވޭކަށް ނެތެވެ. އެ ހަގީގަތް ހާމަކޮށްފިނަމަ ހުރިހާ ކަމެއް ބަރުބާދުވެދާނެ ކަމުގެ ބިރު އެބައޮތެވެ.” އޭނާގެ އަމިއްލަ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރިއިރު، ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން މަންޒަރުތައް ފުސްވަމުން ދިޔައެވެ. އޭނާގެ ހަގީގަތް އެނގޭ ދުވަހަކުން، މި ގޭގެ މީހުން އޭނާއާ މެދު ބަހައްޓާ ގާތްކަން ގެއްލި، އަނެއްކާވެސް ބާކީވެދާނެ ކަމުގެ ބިރު އޭނާގެ ހިތުގައި އޮތެވެ.
ފަސީހް މަޑުމަޑުން ކޮޓަރި ތެރެއަށް ވަދެ، މެހެކްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. މެހެކްގެ މޫނުމަތިން ފެންނަ ކޮންމެ އަސަރަކީ ހަގީގީ އަސަރުތަކެއް ކަމަށް އޭނާ ގަބޫލުކުރެއެވެ. ފަސީހް އޭނާގެ ބައްޕަ އާއި ރާމިޔާ ފަރާތުން މާފަށް އެދުނެވެ. އޭނާ ބުނި ގޮތުގައި އެމީހުން ސުވާލުކުރީ ދެރައެއް ދޭކަށް ނޫނެވެ. މެހެކާމެދު ޝައްކެއް އުފައްދާކަށްނޫނެވެ. މެހެކް ހަދަނީ ދޮގުކަމަށް ބަލައިގެންނެއްވެސް ނޫނެވެ. އެހެނަސް ފަސީހާއި މެހެކް ދިމާވީ އާދަޔާޙިލާފު ގޮތަކަށް ކަމަށްވުމުން އެމީހުންގެ ކަންބޮޑުވުން ހުރި މިންވަރުންނެވެ. ފަސީޙްގެ ވާހަކައިގެ ރާގު ބަދަލުކޮށްލަމުން ބުނީ، މެހެކްގެ ހަނދާން އެއްކޮށް ނެތުނު ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. ކޮންމެވެސް ބޮޑު ސަބަބެއް އޮންނާނެ ކަމަށާއި، އެ ސަބަބު ކޮންމެ އެއްޗަކަށް ވިޔަސް، މެހެކް ތައްޔާރު ނުވަނީސް އެ ވާހަކަ ދައްކަން މަޖުބޫރު ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.
ފަސީހުގެ މި އޯގާތެރި ބަސްތަކުން މެހެކްގެ ހިތް ހަމަހިމޭންވެލާފައި ހަމަޖެހިލިއެވެ. އެއްވެސް މަޖުބޫރުކަމެއް ނެތް އެ އަމަލުން، އޭނާގެ ހިތުގައި ފޮރުވާފައިވާ ރިހުންތައް ބޭރުވާން ފެށިއެވެ. ހީވަނީ އޭނާ އެ އޯގާތެރިކަމާއި ކުލުނަށް އެދި އެދި ފެންބޮވައިގަނެފައި އިންނަތާ އެތައް ޒަމާންތަކެއް ވޭތުވެ ހިނގައްޖެހެންނެވެ. ކުއްލިއަކަށް، އެއްވެސް ވިސްނުމަކާ ނުލައި، ބޭއިހްތިޔާރުގައި އޭނާ ފަސީޙްގެ ގައިގައި ބާރަށް ބައްދާލިއެވެ. ހީވަނީ އޭނާ ވެއްޓުނަނުދީ ހިފަހައްޓައިގެން ހުރި ހަމައެކަނި އުންމީދަކީ އެއީ ހެންނެވެ. ފުރަތަމަ ފަސީޙް ހައިރާންވެފައި ހުރި ނަމަވެސް، މަޑުމަޑުން އޭނާގެ ދެއަތުން މެހެކްގެ ގައިގައި ބައްދާލިއެވެ. އެއީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.
****
ހޮސްޕިޓަލުގެ ތެރޭގައި ފާތުމަ އިނީ ހެލީނާގެ ގާތުގައެވެ. ލެބޯޓަރީގެ ބޭރުގައި އެދެމީހުން އިށީންދެލައި މަޑުކޮށްލައިގެން ތިބިއިރު ހިނގަމުންދާ ކޮންމެ ސިކުންތަކީ އެދެމީހުންނަށްވެސް ދިގު އިންތިޒާރެކެވެ. މިއީ ދެން ފޮރުވޭނެ ހަގީގަތެއް ނޫންކަން އެމީހުންނަށް އެނގެއެވެ. ނަރުސް ކުއްޖާ ޓެސްޓްގެ ނަތީޖާ ގެނެސް ހެލީނާގެ އަތަށް ދިނެވެ. ހެލީނާ އެއްވެސް ޖެހިލުމެއް ނެތި އެ ކަރުދާސްކޮޅުގައި ހިފިއެވެ. އޭނާ އެ ކަރުދާހަށް ބަލަހައްޓައިގެން ހުރިއިރު، މޫނުމަތިން ފެންނަނީ ފާތުމަ އެންމެ ބޭނުންވީ ކުލަވަރެއްނޫނެވެ. އެންމެ ދެކެން ބޭނުންވީ އަސަރުތަކެއްނޫނެވެ. ފާތުމަ ހިތްއަވަސްވެފައި ހުރިވަރުން ހެލީނާ އަތުގައިއޮތް ރިޕޯޓު ނަގާފައި އޭގައި އޮތީ ކީކޭތޯ ބަލައިލިއެވެ. ޕްރެގްނެންސީ ޓެސްޓުގެ ނަތީޖާއޮތީ ފައްސިކަމަށެވެ. ފާތުމަގެ ލޮލުން ކަރުނަ ހިލުނެވެ. އުފާވެރިކަމުގެ ކަރުނައެއްނޫނެވެ. އެއީ ބޭވަފާތެރި ފިރިއެއްގެ ފުށުން ލިބުނު އަނިޔާއިން ބޭރުވަމުންދިޔަ ވޭނީ އާހެވެ. ވޭނީ ކަރުނައެވެ. ލޭކަރުނައެވެ.
އެވަގުތު ރާމިޔާ ހުރީ މެހެކްގެ ކޮޓަރީގެ ބޭރުގައެވެ. އޭނާ ގަސްތުގައި އަޑުއަހަން ހުރީއެއް ނޫނެވެ، ނަމަވެސް ފަސީޙް އާއި މެހެކްގެ ދެމެދުގައި ދެކެވޭ ވާހަކަތަކުން އޭނާއަށް މަޑުކޮށްލެވުނީއެވެ. މެހެކްގެ އަޑުގައިވާ މަޑުމޮޅިކަމާއި، ފަސީޙްގެ އަޑުގައިވާ ސާބިތުކަމުން، ރާމިޔާގެ ހިތުގައި އުފެދިފައިވާ ޝައްކުތައް ފިލަން ފެށިއެވެ. އޭނާއަށް ވިސްނުނު ގޮތުގައި މެހެކަކީ މި ގެއަށް އައި ނުރައްކަލެއް ނޫނެވެ. ނަމަވެސް އެއީ ފަސީޙްގެ ހަޔާތަށް އައި ބޮޑު ބަދަލެކެވެ. ފަސީހުގެ އެކަނިވެރިކަމަށްވާ ޝިފާއަކަށްވެދާނެއެވެ. ރާމިޔާ އެތަނުން ދިޔައީ މެހެކަށް ވަގުތު ދިނުމަށާއި، ފަސީޙް ފަދައިން އޭނާގެ ފަރާތުންވެސް އެހީތެރިކަން ދިނުމަށް އަޒުމް ކަނޑައަޅައިގެންނެވެ.
****
ޖޫލީ އިނީ ހެދުންތައް ފަތްޖަހާށެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކުގައި އެއްވެސް ދިރުމެއް ނެތެވެ. ގޭގައި ހިނގައިދިޔަ ކަންތައްތަކާއި، ރާޒިޤާއި ދިމާލަށް ކިޔުނު އެއްޗެހިން އޭނާގެ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޖޫލީއަކީ އެދުވަހުގެ ކުރިން ދުވަހަކުވެސް ރާޒިޤާ ދިމާލަށް އަޑުހަރުކޮށްވެސް ބަހެއް ބުނި ދަރިއެއްނޫނެވެ. އަބަދު ބައްޕަވެގެން ބައްޕަދެކެ ނިކަން ލޯބިން އުޅުނު ދަރިއެކެވެ. ރާޒިޤަށްޓަކައި މަރުދިން ދަރިއެކެވެ. އެކަމަކު ރާޒިޤުގެ ހަޤީޤަތް އެނގުމުން ޖޫލީގެ ހިތުގައި ރާޒިޤަށް އޮތް އިހުތިރާމް ފަނޑުވެއްޖެއެވެ. އެފަދަ ހަޑިމުޑުދާރު އުޅުން އުޅޭ މީހެއްކަން ފަޅާއެރުމުން ރާޒިޤަށް ބައްޕާއޭ ކިޔާފަ ގޮވާލަންވެސް މީގެ ފަހުން ޖޫލީއަށްވާނީ ނުހަނު އުނދަގޫ ކަމަކަށެވެ. އެ ހިތާމަތަކުން ސަލާމަތްވުމަކީ އޭނާއަށް މިވަގުތު ފަސޭހަ ކަމަކަށް ނުވިއެވެ
ކޮޓަރިތެރެއަށް ވެރިވެފައިވަނީ އާދައިގެ މަތިން އިހުސާސްކުރެވޭ ފިނިހޫނުމިނަށްވުރެ ބޮޑު ފިނިކަމެކެވެ. އެއީ ހަމައެކަނި ފަހަތުން އިވޭ އެއާކޮންޑިޝަނަރުގެ މަޑު އަޑުގެ ސަބަބަކުން ނޫނެވެ. އެހެނެއްކަމަކު، ޖޫލީގެ ހިތުގެ ނުތަނަވަސްކަން ކުޑަނުވުމާއި، މުޅި ދުވަހުގެ ބުރަދަން އެ ކޮޓަރީގެ ފާރުތަކުން ފެށިގެން އޭނާގެ ހަށިގަނޑަށް ފިއްތަމުންދާ ފަދަ އިހުސާސެއް ކުރެވެމުންދާތީއެވެ. ކޮންމެ ނޭވާއެއްވެސް ލެވެނީ އާދަޔާ ހިލާފު ބުރަދަނަކާއެކުގައެވެ. އޭނާގެ އިނގިލިތައް ހެދުންތަކުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައީ މަޑުމަޑުންނެވެ. އެއީ އާދައިގެ ކަމެއް ނަމަވެސް، އެ ވަގުތު އެއްވެސް ކަމެއް އާދައިގެ ގޮތަކަށް އިހުސާސެއް ނުކުރެވެއެވެ. އޭނާގެ ހިޔާލުތައް އެނބުރެމުން ދިޔައީ ފުހެލަން ބޭނުންވާ ފަދަ ހަނދާންތަކެއްގެ ތެރޭގައެވެ. ބައްޕަގެ މޫނާއި، ދެކެވުނު ވާހަކަތަކާއި، އަދި ކުއްލިއަކަށް އޭނާގެ ދިރިއުޅުން ރޫޅިގެން ދިޔަ ގޮތުގެ ހަނދާންތަކެވެ. އާދައިގެ ކަމަކަށް ސަމާލުކަން ދޭން އުޅުނު ނަމަވެސް، އޭނާގެ ދެއަތް ތުރުތުރުލަމުން ދިޔައީ އޭނާގެ ސިކުނޑި އިންތިހާއަށް ވަރުބަލިވެފައިވާ މިންވަރު ހާމަކޮށްދެމުންނެވެ.
ޒުނާމް ދުރުގައި ހުރެގެން ހިމޭންކަމާއެކު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ޖޫލީ ފޮރުވަން މަސައްކަތް ކުރަމުންދިޔަ ހިތްދަތިކަން ޒުނާމަށް ފެނުމުން އޭނާގެ ހިތް މަޑުމޮޅިވިއެވެ. ޖޫލީގެ ކޮނޑު އެލިފައިވާ ގޮތާއި އޭނާގެ ހަރަކާތްތަކުން ފެންނަ ވަރުބަލިކަން، އޭނާގެ ދުލުން ބުނާ ބަސްތަކަށްވުރެ ބާރަށް އެ ހަގީގަތް ހާމަކޮށްދެއެވެ. ޒުނާމް އަވަސް އަވަހަށް އޭނާގެ ކައިރިއަށް ދިޔުމުގެ ބަދަލުގައި، ވަރަށް އޯގާތެރިކަމާއެކު ކައިރިވެލިއެވެ. އަދި ޖޫލީގެ އަތުން މަޑުމަޑުން ހެދުންތައް އަތުލިއިރު، އެ ދެމީހުންގެ އިނގިލިތައް ބައްދަލުވި ވަގުތުކޮޅު، ޖޫލީއަށް ހުއްޓުން އެރިއެވެ.
ޖޫލީ އިސްއުފުލައި ޒުނާމްގެ ލޮލަށް ބަލައިލިއެވެ. އެ ވަގުތު ކުޑަ ހިނދުކޮޅަކަށް މުޅި ދުނިޔެ ހުއްޓުނު ފަދައެވެ.
ޒުނާމްގެ ބެލުމުގައި ހުރި ސާބިތުކަމާއި، އޯގާތެރިކަމާއި، އަދި ރައްކާތެރިކަން ދިނުމުގެ އިހުސާސުން ޖޫލީގެ ހިތަށް ކުޑަވެސް ލުޔެއް ލިބުނެވެ. “މިއަދަށް ތިވަރު ފުދޭނެ،” ޒުނާމް ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ. “މިކަން އަހަންނަށް ދޫކޮށްލާ.” އެ ބަސްތަކުގައި ހުރި މަޑުމޮޅިކަމުން، ޖޫލީއަށް އެހީތެރިކަން ގަބޫލުކުރަން ފަސޭހަވެގެން ދިޔައެވެ.
ޖޫލީ ފުރަތަމަ ކުޑަކޮށް ފަސްޖެހުނެވެ. އަމިއްލައަށް ކަންކަން ކުރުމަކީ އޭނާގެ ހިތްހަމަޖެހުމެވެ. އެއީ އޭނާގެ މިޒާޖެވެ. ނަމަވެސް، އެ ވަގުތު އޭނާގެ ދުލުން ނުކުތީ ތަފާތު ވާހަކައެކެވެ. އޭނާ ފިނިވާ ކަމަށް ބުނެ، އޭސީ މަޑުކޮށް ފަންކާ ޖަހައިދިނުމަށް އެދުނެވެ. އެއީ އެ ވަގުތު އޭނާއަށް ކުރެވުނު ހަމައެކަނި އިހުސާސެވެ. ޒުނާމް އެއްވެސް ސުވާލެއް ނެތި ވަގުތުން އެކަންކަން ހަމަޖައްސައިދިނެވެ. އޭނާގެ އެ އޯގާތެރިކަމުން ޖޫލީގެ ހިތުގައި ހިތްހަމަޖެހުމެއް އުފެދުނެވެ.
ޒުނާމް އެނބުރި އައިސް، ޖޫލީގެ އަތުގައި މަޑުމަޑުން ހިފައި، އޭނާ އެނދާ ދިމާލަށް ގެންދިޔައެވެ. ޖޫލީ އެއްވެސް އިންކާރެއް ނެތި ޒުނާމްގެ ފަހަތުން ގޮސް އެނދުގައި އޮށޯތެވެ. ޒުނާމް އޭނާގެ ގައިގައި ރީތިކޮށް ރަޖާ އަޅައިދިނެވެ. އެ އާދައިގެ އަމަލުންވެސް އާދަޔާ ހިލާފު ގާތްކަމެއް ޖޫލީއަށް އިހުސާސް ކުރެވުނެވެ. އަދި ޒުނާމަށްވެސް އޭނާ ކުރި ކުށް ޤަބޫލުކުރެވިއްޖެކަން ޖޫލީއަށް އިހުސާސްކުރެވުނެވެ. ޒުނާމްގެ ފަރާތުން ފެންނަމުންދިޔަ އޯގާތެރިކާމައި ލިބެމުންދިޔަ ލޯބި ދަލީލުކޮށްދެމުންދިޔައީ ޒުނާމްދެކެ ޖޫލީ ވާ ލޯބި އޭނާ ހެޔޮހިތުން އެއްވެސް ޝައްކަކާނުލާ ޤަބޫލުކުރާކަމެވެ. އެއްވެސް ޝަރުތަކާނުލާ ޤަބޫލުކުރާކަމެވެ. އަދި ޒުނާމްގެ ދުލުން ނުބުންޏަސް، މީގެ ފަހުން ދުވަހަކުވެސް އޭނާ ޖޫލީގެ އިމްތިހާން ނުކުރާނެހެން ޖޫލީއަށް ގަބޫލުކުރެވެން ފެށުނެވެ.
ޒުނާމްގެ އިނގިލިތައް ޖޫލީގެ އަތުގައި ބީހިލި ވަގުތުކޮޅު ޖޫލީގެ ގައިން ހީބިހިނަގައިގެންދިޔައެވެ. ފެންނަ ފެނުމަށްނަމަ ޖޫލީ ހީވީ އެ ބީހުމަށް އެދިއެދި ކެތްމަދުވެފައި އޮތްހެނެވެ. އެ ބީހިލުމުން ޖޫލީގެ ހިތުގެ ނުތަނަވަސްކަން ކުޑަވެ، ނޭވާލުން ހަމައަކަށް އެޅުނެވެ. އޭނާ ޒުނާމަށް ބަލަހައްޓައިގެން އޮތްއިރު، ޒުނާމްގެ އަޅާލުމަކީ ހަގީގީ އިހުސާސެއްކަން އޭނާއަށް ޔަގީންވިއެވެ.
“ކުޑަކޮށް ނިދާލާ… އަސުރަށް ވީމަ އަހަރެން ޖޫއަށް ގޮވާނަން… މިއަދު ޔޫ ހޭވް ހޭޑް އިނަފް… ތި ދެލޮލަށް ބަލާލީމަ އެނގޭ ވަރުބަލިވެފަވާ މިންވަރު… އަހަރެންނަށް ޖޫ ތި ހާލުގަ ދެކެން ކެތެއްނުކުރެވޭނެ… ޔުއާރ ބޮޑީ ނީޑް ރެސްޓް…” ޒުނާމް މަޑުމަޑުން ބުންޏެވެ. ޖޫލީގެ ނިތުގައި ފިރުމާލަމުންނެވެ.
ޒުނާމްގެ އެ ބަސްތަކަށް އިންކާރު ކުރާނެ ހިތްވަރެއް ޖޫލީގެ ކިބަޔަކު ނެތެވެ. އޭނާގެ ލޯ މެރެމުން ދިޔައީ މުޅި ދުވަހުގެ ވަރުބަލިކަން އިހުސާސް ކުރެވެމުންނެވެ. ނިދީގެ ތެރެއަށް ފެތެމުން ދިޔައިރުވެސް، ޒުނާމް އޭނާގެ ކައިރީގައި ހުރިކަމުގެ އިހުސާސް ޖޫލީއަށް ކުރެވެމުން ދިޔައެވެ. އެވަރު އެކަނިވެސް އޭނާއަށް ފުދެއެވެ.
ޒުނާމް ވަގުތުން އެތަނުން ދުރަކަށް ނުދިޔައެވެ. އޭނާ އިރުކޮޅަކު ޖޫލީގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ނިދީގައި ޖޫލީގެ މޫނުމަތިން ފެންނަމުންދިޔަ ހަމަޖެހުމުން ޒުނާމްގެ ހިތަށް ބަޔާންކުރަން ނޭނގޭ ފަދަ އަސަރެއް ކުރިއެވެ. އޭނާ ޖޫލީގެ މޫނުމަތީގައި އޮތް އިސްތަށިކޮޅެއް އެއްފަރާތްކޮށްލަން ބޭނުންވި ނަމަވެސް، އެ ގާތްކަމަށް އޭނާ އަދި ތައްޔާރެއް ނޫނެވެ.
ވަރަށް ސިއްރުސިއްރުން ޒުނާމް ފަހަތަށް ޖެހިލިއެވެ. އަދި ކޮޓަރިން ނުކުމެ، އެއްވެސް އަޑެއް ނީވޭނެހެން ދޮރު ލެއްޕިއެވެ. އޭނާ ރައްކާތެރިކުރަން ބޭނުންވީ ހަމައެކަނި ޖޫލީގެ ނިދި އެކަންޏެއް ނޫނެވެ. އެއަށްވުރެ މާ ނާޒުކު، އަދި ނަންދޭން ނޭނގޭ ފަދަ ގުޅުމެއް އެ ދެމީހުންގެ ދެމެދުގައި އުފެދެމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ. ކުރީގައި ނެތްފަދަ ލޯތްބެއްގެ ފެށުން ހެންވެސް ޒުނާމަށް މެހެސޫސްކުރެވެމުންދިޔައވެ.
****
ރާމިޔާ މަޑުމަޑުން ދޮރުގައި ޓަކިޖަހާލުމަށްފަހު މެހެކްގެ ކޮޓަރިއަށް ވަނެވެ. އޭނާގެ އަތުގައި ހުރި ހެދުންތައް ބަހައްޓަމުން، މެހެކްގެ މޫނަށް ބަލައިލިއެވެ. މެހެކްގެ ފެންނަ ފެނުމުން އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ދެލޯހުރީ ރޮއެރޮއެ ވަޅުވަދެފައެވެ. ލައިގެންހުރި ހެދުމުން އަދިވެސް ތެތްކަންނުފިލައެވެ. ވަމުންދިޔަ ފިނިން މެހެކްގެ ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައިރުވެސް މެހެކް ކުރަމުންދިޔަ ހިތްވަރު ފެނިފައި ރާމިޔާ ހައިރާންވިއެވެ. އެފަދަ ހިތްވަރެއް ރާމިޔާއަށްވެސް ލިބިދާނެބާއޭ ރާމިޔާ ހިތަށްއެރިއެވެ.
ރާމިޔާ މަޑުމަޑުންގޮސް ވަރަށް އޯގާތެރިކަމާއެކު މެހެކް ކައިރިއަށްގޮސް، ރާމިޔާގެ އަތުގައިހުރި ހެދުންތަކަކީ މެހެކަށް ގެނައި އާ ހެދުންތަކެއް ކަމަށް ބުންޏެވެ. އަދި އޭނާގެ ދަބަހުން ފޯނެއް ނަގައި މެހެކަށް ދިއްކޮށްލިއެވެ.
“މިއީ އަހަރެންގެ ފިރިމީހާގެ ފޯނެއް،” ރާމިޔާ މަޑުމަޑުން ބުންޏެވެ. “މިހާރު މިއީ ބޭނުންކުރާނެ މީހަކު ހުރި އެއްޗެއް ނޫން… އެއީ ވަރަށް ދިގު ވާހަކައެއް… ހުރިހާކަމެއް ހަމައަކަށް އެޅިލީމަ އަހަރެން އެވާހަކަތައް މެހެކާވެސް ހިއްސާކޮށްލާނަން… އެހެންވީމާ މީތި ބާއްވާ.”
މެހެކްގެ އަރުބެދުނެވެ. މިފަދަ ހެޔޮކަމަކަށް އޭނާ ތައްޔާރެއް ނޫނެވެ. އޭނާގެ ލޮލުން ކަރުނަ އޮހެމުން ދިޔައިރު، ރާމިޔާގެ ހެޔޮކަން ބަލައިގަންނަން އޭނާ ފަސްޖެހުނެވެ. ނަމަވެސް ރާމިޔާގެ އޯގާތެރިކަމުން އޭނާގެ ހިތް ފުރުނެވެ. އެއްވެސް ބަހެއް ބުނުމެއް ނެތި، އޭނާ ރާމިޔާގެ ގައިގައި ބައްދާލާފައި ރޯން ފެށިއެވެ. ބައެއް ފަހަރު ބަސްތަކަށްވުރެ އަމަލުތަކުން ބުނެދޭ އެއްޗެއް މާ ފުންވެފައި މާނަ ބޮޑެވެ.
****
މަޑު ހިނގުމެއްގައި އައިސް ފަސީހު ބަދިގެއަށް ވަންއިރު އޭނާ ވަނީ މެހެކަށް ކާނެ އެއްޗަކާ ބޯނެ އެއްޗެއް ތައްޔާރުކޮށްލުމަށެވެ. ބަދިގެއަށް ވަދުމަށްފަހު ފަސީހުގެ ސިކުނޑި ސުމަކަށްދިޔައެވެ. ހަދާދޭނީ ކޯޗެއްބާއެވެ. މެހެކަށް ކަމުދަނީ ކޮންކަހަލަ އެއްޗެއްސެއްބާއެވެ. އައުމުގެ ކުރިން އަހާލާފަ އާދެވުނުނަމަ ވަގުތު ސަލާމަތްވީސްތާއެވެ. މި ވިސްނުން ވިސްނާކަށްވެސް ނުޖެހުނީސްތާއެވެ. މެހެކް ފެނުމުން އަހަރެންނަށް މިވަނީ ކިހިނެއްބާއެވެ. މިއީ ކުލުނުބާއެވެ. އިންސާނިއްޔަތުކަންބާއެވެ. ނޫނީ ލޯބި ބާއެވެ. އެކަމަކު ލޮލަށް ފެނުނުތާ ސައްވީސް ގަޑިއިރުވެސް ހަމަނުވެ އުޅެނިކޮށް ލޯބިވެވުންއެއީ ވެދާނެކަމެއްބާއެވެ. ލޯތްބަކީ ފުރަތަމަ ނަޒަރުންވެސް ވެވޭ އެއްޗެކޭ މީހުންބުނެއެވެ. އެހެނަސް އެ ބުނުމުގައިވަނީ ކިހާވަރެއްގެ ހަޤީޤަތެއްކަމެއް އަހަރެންނަކަށް ޔަޤީނެއްނޫނެވެ.
ފުރިޖު ހުޅުވާލުމާއެކު އޭގެތެރޭގައިއޮތް ފާރޮށިބޮނޑިއެއް ފެނިފައި ފަސީހު ހިތަށްއެރިއެވެ. ހީވަނީ މި މެހެކަށް ކަމުދާނެ އެއްޗެއް ހެންނެވެ. އެކަމަކު މިކައިގެން އޭނާގެ ބަނޑު ފުރޭނެބާއެވެ. އެހާ ގިނައިރު ކަނޑުމަތީގައި ބެހެމުންދިޔަ މީހަކު ހުންނާނީ ވަރަށް ހައިވެސް ވެފާތާއެވެ. ފުރަތަމަ އަޖުމަ ބަލާލަން މިގެންދިޔައީމަ ދެން ވާއެއްޗެއް އެނގިދާނެތާއެވެ. ވިއްސާރަދުވަހެއްގައި ދެން މިއާއެކު އެންމެ ކަމުދާނީ ހޫނު ސައިތައްޓެކެވެ.
ފަސީހު ބޭނުންވީ ވީ އެންމެ އަވަހަކަށް މެހެކްގެ ބަނޑުހައިހޫނުކަން ފިލުވައިދިނުމުގެ އިތުރުން މެހެކްގެ ހިތްދަތިކަމަށް ކުޑަވެސް ލުޔެއް ލިބޭނެ ފަދަ ކަމެއް ކުރާށެވެ. އެ ވަގުތު ގަފޫރު ބަދިގެއަށް ވަދެ، ފަސީހު ކުރަން އުޅޭ ކަމެއް އޮޅުންފިލުވިއެވެ.
“ދަރިފުޅާ ތީ ކޮންކަމެއް؟… އެހެންޏާ ބަދިގެ ލޮލުން ނުދެކޭ މީހަކު މިއަދު ބަދިގެއަށް ވަދެ އުޅޭތީ…”
“ބައްޕާ މީ…. މެހެކް.. މެހެކް އަދި މިގެއަށް އައިންސުރެން އެއްވެސް އެއްޗެއް ނުކައި އޭނީ.. އޭނައަށް ބުނަން ނުކެރިފަ ހުއްޓަސް އަސްލު ވަރަށް ބަނޑުހައިވެފަ ހުންނާނީ… އެހެންވެ ރާމި އެއްޗެއް ހެދުމުގެ ކުރިން އަހަރެން ހީކުރީ އަހަރެން މެހެކަށް ކޮންމެވެސް އެއްޗެއް ގެންގޮސްދޭނީއޭ…” ފަސީހު ފަސްޖެހިލާފައިވެސް ތެދުތެދަށް ގަފޫރު ކުރި ސުވާލަށް ޖަވާބުދިނެވެ.
ގަފޫރު އެއްވެސް ވާހަކައެއް ދެއްކުމެއް ނެތި ފްރިޖުގައި ހުރި ހުވަނދުމާ ފެންފުޅިއެއް ނަގައި ފަސީހަށް ދިއްކޮށްލިއެވެ. ގަފޫރު ވަރަށް ތަފްސީލުކޮށް ސައި ތައްޔާރުކުރަންވީ ގޮތް ކިޔައިދިނެވެ. ދެ ސަމުސާ ހަކުރާއި، ބައި ސަމުސާ ހުވަނދުމާފެން އެޅުމަށް އޭނާ ބުންޏެވެ. އަދި ހޫނުފެނާއި ހިހޫފެން އަޅަންވީ މިންވަރުވެސް ތަފްސީލުކޮށް ކިޔާދިނެވެ. ހީވަނީ ޒަމާންތަކެއްގެ ތަޖުރިބާ ލިބިފައިވާ މާހިރެއް އޭނާގެ ދަރިވަރަކަށް އިރުޝާދުދޭހެންނެވެ. އެއީ ވަރަށް ބޮޑަށް ދަސްވެފައިވާ، އާދަޔާ ހިލާފު ގޮތަކަށް ކިޔައިދިން އިރުޝާދުތަކެކެވެ. ފަސީހު އޭނާގެ ބައްޕައަށް ބަލައިލީ ހައިރާންކަމާއެކުގައެވެ. މިއީ މީގެކުރިން ބައްޕަގެ ކިބައިން ދުވަހަކުވެސް ފެނުނު ސިފައެއްނޫނެވެ.
“ބައްޕައަށް މިހާ ތަފްސީލުކޮށް މިކަން އެނގެނީ ކިހިނެއް؟” ފަސީހު އެހިއެވެ.
ގަފޫރު ކުޑަ ވަގުތުކޮޅަކަށް ހިމޭންވުމަށްފަހު ބުންޏެވެ، “ތިޔަ ސުވާލުގެ ޖަވާބު ފަހުން އެނގޭނެ.”
ފަސީހު އިތުރު ސުވާލެއް ނުކުރެއެވެ. އޭނާ ސައި ހިފައިގެން މެހެކްގެ ކޮޓަރިއަށް ދިޔައެވެ. މެހެކް އެ ސައިގެ ފުރަތަމަ ފޮދު ބޯލުމާއެކު، އޭނާގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.
“މި… ކިހިނެއް؟ ކިހިނެއް އެނގުނީ މީ އަހަރެންނަށް އެންމެ މީރު ސައިކަން… މިގޭގަ އަބަދުވެސް ސައިބޮނީ ހުވަނދުމާފެން އަޅައިގެންތަ؟…” މެހެކް މަޑުމަޑުން އަހާލިއެވެ. އޭނާއަށް އެ ސައިގެ ރަހައިން މާޒީގެ ހަނދާންތަކެއް އާވިއެވެ.
ފަސީހުގެ ހިތަށް އެ ވަގުތު ކޮންމެވެސް އެއްޗެއް ވެރިވިއެވެ. އެގޭގައި ހުވަނދުމާފެން އަޅައިގެން ސައިބޮނީ ހަމައެކަނި ގަފޫރެވެ. ނަމަވެސް ފަސީހު މެހެކަށް އެކަން ފޮރުވިއެވެ. އަދި ހިނިތުންވުމަކާއެކު ބުންޏެވެ، “ތެދަށް ބުނަންޏާ އަހަރެންނަކީ ޖާދޫގަރެއް ދޯ؟ އެންމެ ފުރަތަމަ އެއޮތްބޮޑު މާސިންގާ ކަނޑުން، އެތައް މޭލެއް ދުރުން، މެހެކް އޮޔާދަނިކޮށް ފެނުނީ އަހަރެންނަށް.. މާތްﷲ އެގޮތަށް އިރާދަކުރެއްވީތީ، އަހަރެން މެހެކް ސަލާމަތްކޮށްދޭން މެދުވެރިއަކަށްވީ…. ވިސްނާލައިފި މީހަކަށް އިބުރަތެއްދޯ…. މިހާރު ގަބޫލުކުރަންދޯ އަހަރެންނަކީ ޖާދޫގަރެއްކަން…”
ފަސީހުގެ ވާހަކަދެއްކުމުގައިހުރި ގާތްކަމާއި އޯގާތެރިކަން ދެމުންއައިގޮތުގައި ވީ އަޖައިބުކުރުވަނިވި ސިފަތަކުން މެހެކްގެ މޫނުން ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އެއީ މެހެކް އެގެއަށްއައިފަހުން އޭނާގެ މޫނުން ފެނުނު ފުރަތަމަ ހިނިތުންވުމެވެ.
ފަސީހާއި މެހެކާ ދެމެދު އުފެދެމުންދިޔަ ގާތްކަމާއި މެހެކްގެ ފަރާތުން ފެންނަމުންދިޔަ ކަންކަމަށް ފާރަލާން ދުރުގައި ފިލައި ސިއްރުސިއްރުން ހުރި ގަފޫރު ވިސްނާ ވިސްނާ އޭނާގެ ލޭގެ ފިތުންދިޔައީ އިތުރުވަމުންނެވެ. ދޮންދީދީ ފެނުނުތާ އެތަކެއް ޒަމާންތަކެއް ފާއިތުވެ ހިނގައްޖެއެވެ. ޔަޤީނަށްވެސް އެނގޭ އެއްޗަކީ މިހާ ޒަމާންވާއިރު ދޮންދީދީ އޭރު ހުރިގޮތަށް ނުހުންނާނެކަމެވެ. ހުންނާނީ އުމުރުން ދުވަސްވެފައިކަމެވެ. މުސްކުޅިވެފައެވެ. ކުރިމަތިން ފެންނަމުންދިޔަ މެހެކަކީ ޒުވާނެކެވެ. އެހެންވީމާ ދޮންދީދީއާ މެހެކާވަނީ ކޮން ގުޅުމެއްބާއެވެ. އެއްވެސް ގުޅުމެއް ނުވާނަމަ ދެ ޒަމާނެއްގެ ދެ އިންސާނެއްގެ ހުރިހާ ކަމެއް އެއްގޮތް ވެދާނެބާއެވެ. ހީލާގޮތެވެ. ބަލައިލާ ގޮތެވެ. އެ ލޮލުގައިވާ ތޫނު ނަޒަރެވެ. އެ ބަނިޔާދަންކަމެވެ. އެ މޫނުގައިވާ މައުސޫމުކަމެވެ. އުޖާލާކަމެވެ. މިއީ ހަމަ އިއްތިފާގެއްބާއެވެ. ނޫނީ މިދެމެދުގައި ކޮންމެވެސް ގުޅުމެއް ވަނީބާއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. ފަހަރުގައި އަހަރެންނަށް މިކަމާ މި ވިސްނެނީ އިމުން ބޭރުން ކަމުގައިވެސް ވެދާނެއެވެ. އެކަމަކުވެސް އެ ހަޤީޤަތް ހޯދަން އަހަރެންގެ ހިތް އެދި އާދޭސްކުރަނީއެވެ. އެ އާދޭހުގެ އަޑު އަހާލަންވީބާއެވެ. ނޫނީ އެކަމާ ބޯ ނުގޮއްވަންވީބާއެވެ.
ވިސްނާ ވިސްނާވެސް ގަފޫރަށް އަސްލު ކަންކުރަންވީ ކިހިނެއް ކަމާމެދު ގޮތެއް ނުނިންމުނެވެ.
ލިޔުންތެރިޔާގެ ނޯޓު
މި ވާހަކައަށް ހާއްސަކުރެވިފައިވާ ފޭސްބުކް ޕޭޖަށް ފޮލޯކޮށްލުމަށް ނޫކުލައިން ނުވަތަ ރަތްކުލައިން ފެންނަ ލިޔުންކޮޅު “ފޭސްބުކް ޕޭޖް” އަށް ފިތާލުމަށްފަހު ފޮލޯކޮށްލައްވާ!
Facebook Page – Mi Hamahimeynkan
މި ވާހަކައަކީ ޙިޔާލީ ކޮންސްޕްޓްއެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެވެ. މި ވާހަކަގެ މި އެޕިސޯޑް ކަމުދިޔަކަމުގައިވާނަމަ ކޮމެންޓެއްގެ ޒަރީއާއިން ތިބޭފުޅުންގެ ޝުއޫރުފާޅުކުރެއްވުމަކީ އަޅުގަނޑުމެންނަށް މި ވާހަކަ ކުރިއަށް ގެންދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރު. ބިނާކުރުވަނިވި ފާޑުކިޔުމަކީ ކުރިއަށް އޮތްތަނުގައި ވާހަކަ އިތުރަށް ރަނގަޅުކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި ފާހަގަކޮށްލަން.
ކުރިއަށްހުރި އެޕިސޯޑުތައްވެސް ކިޔާލާނެކަމަށް އުންމީދުކުރަމުން ވަކިވެލަން. ބާއްޖަވެރިދުވަހަކަށް އެދެން..😊
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



You a boy or girl?
He’s a Boy
Arooj is his pen name