ވަރުބަލިވެފައިވާ ދެލޯ ގަދަކަމުން ހުޅުވައިލިއެވެ. މެއިން ނަގާ ތަދަކުން ހީވަނީ ދެންމެދެންމެ ފުރާނަ ހިނގައިދާނެ ހެންނެވެ. ހަށިގަނޑަކު ހަރަކާތެއްކުރާނެހާ ހިތްވަރެއްވެސް ނެތެވެ. ނީލަމްއޮތީ ހޮސްޕިޓަލުގައިކަން އެނގެން އިރުކޮޅެއް ނެގިއެވެ. އޮކްސިޖަން އާއި އައިވީއެއް ގުޅާފައި ހުއްޓެވެ. ދުރުގައި ނަރުސްކުއްޖެއްގެ ވާހަކަ އަޑުއަހަން ރާކިން ހުރިތަން ފެނުނީ ފުދޭވަރަކަށް ފުސްކޮށެވެ. ހިނދުކޮޅަކަށް އަނެއްކާވެސް ލޯމަރާ ބާރުކޮށްލެވުނީ ދެން އެނބުރި ހޭނުލެވޭނެނަމައޭ ހިތާހިތުން ބުނަމުންނެވެ.
ރާކިން އައިސް ނީލަމްގެ އަތުގައި ހިފާލުމުން އަނެއްކާވެސް ނީލަމް ލޯހުޅުވައިލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ރާކިންއަށް ބަލަހައްޓައިގެން އޮތެވެ. ރާކިންގެ މޫނުމަތިވެސް ވަނީ މިލާފައެވެ. އަސްލުގަވެސް ހުރީ ދެރަވެފައި ކަންނޭނގެއެވެ.
” ސޮރީ ނީލަމް..ދެން ދުވަހަކުވެސް ނީލަމް ދެރައެއް ނުކުރާނަން. އަހަރެން އަމިއްލަ ނަފްސު ކުށްވެރިކުރަން މިވީ ހުރިހާ ކަންކަމަށް. އަހަންނަށް ފުރުސަތެއްދީ ރަނގަޅުކުރަން” ކޮންމެ ފަހަރަކުވެސް ރާކިން އަމުނާލާ ފަށުވި ޢިބާރާތްތަކަކީ އެއީނޫންހެއްޔެވެ؟ ފުރުސަތު ދޭންވީ ފުރާނަ ދުއްވަލަންހޭ ނީލަމްގެ ހިތަށް އެރިއެވެ. އެހެނަސް އެއްވެސް އެއްޗެކޭ ބުނެވޭ ގޮތެއް ނުވިއެވެ. ހިތަށް ކުރާ އަސަރު ހަށިގަނޑު ދިޔައީ ދައްކަމުންނެވެ. އެހެނަސް ހިތުގައި ރަޙުމެއް ނެތް މީހަކަށް އެކަންފެނި އަސަރެއް ނުކުރާނެއެވެ.
ހޮސްޕިޓަލުގައި އޮތް އިރު ރާކިން ވަރަށް އަޅާލިއެވެ. އޮފީހަށްވެސް ނުގޮސް ނީލަމްގެ ގާތުގައި މަޑުކޮށްދިނެވެ. ރާކިންވެސް ހުއްޓާ ޑޮކްޓަރު ބުނީ ވިސްނުންތަކާ ދުރުވެ އުފަލުގައި ހުރުމަކީ ނީލަމްއަށް ބޭނުންކަމެއް ކަމުގައެވެ. ނަފްސާނީ ޑޮކްޓަރުންގެ ނަންބަރުތަކާއި ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ރިފަރ ކުރިއެވެ.
ޙަފްތާއެއްހާ ދުވަހު ރާކިންގެ ލޯބި ފެނިގެން ދިޔައެވެ. ޙަޤީޤަތުގައިވެސް ރާކިންއަށް ވިސްނިއްޖޭ ނީލަމްގެ ހިތަށްވެސް އެރިއެވެ. ނީލަމްއަށް ރާކިންގެ ލޯބި މިލްކުވީއޭ ހީކުރެވުނެވެ. ނީލަމްއާ އެކުގައި ކޮންމެ ރެޔަކު ބޭރަށްވެސް ދެއެވެ. ގޭގައިވެސް ގިނަ ވަގުތު ނީލަމްއަށް ދިނެވެ. އެއިން ހާމަވެގެންދަނީ މީހަކު ޙަޤީޤީ ލޯބި ވާނަމަ ލޯބިވާ މީހާއަށް ވަގުތު ދިނުމަކީ މާ ދަތިކަމެއް ނޫންކަމެވެ. އޭރު ވަގުތު އެނުދެނީ ދޭން ބޭނުން ނުވާތީކަމެވެ. ޒަޙަމްތައް ރަނގަޅުވުމުގެ ކޮޅުމަށްޗޭ ހީކުރެވުނީ މާއަވަހަށެވެ. މަކަރުވެރިއެއްގެ އަދި އޮޅުވާލުމުގެ އުކުޅުތަކުގައި އަރާހުރި މީހެއްގެ އަސްލަކީ ފުންކަނޑެއްފަދަ އެއްޗެކެވެ. ފުނަށް ފީނި ވަރަކަށް ބޭޒާރުވަމުންދާނީ ހިތި ޙަޤީޤަތެވެ.
” ތައްޔާރުވެގެން ހުރޭ އިނގޭ އިޝާ ނަމާދުކޮށްގެން އަންނައިރު. އަހަރެން ގުޅީމަ ފައިބާ ތިރިއަށް” ހައެއް ޖެހިއިރު ގެއިން ނިކުންނަމުން ރާކިން ބުނީ އެހެންނެވެ. ނީލަމް ހުރީ މާކުރިން ތައްޔާރުވެގެން އިންތިޒާރުގައެވެ. އިޝާ ނަމާދުނިމި ވިއްސަކަށް މިނެޓު ހިނގާފިއެވެ. އަދި ގެޔާހަމައަށް ނުފޯރަނީއޭހިތާ ނީލަމް ގުޅާކަށް ގަސްތެއް ނުކުރިއެވެ. އެގޮތުގައި މަޑުކޮށްލައިގެން އިންދާ ގަޑިން އަށްގަޑި ބައިވެސް ވެއްޖެއެވެ. ރާކިންގެ ޚަބަރެއް ނެތެވެ. މޮޅިވެރިކަމާއިއެކު ނީލަމް ފޯނު ނެގިއެވެ. ރާކިންގެ ނަންބަރަށް ގުޅާލަން ހިތް އެދުނެވެ. އެހެނަސް އެކަމަށް ސިކުނޑިދެކޮޅު ހެދިއެވެ. އެކުގައި ވަގުތު ހޭދަކުރަން ނިންމުމަށްފަހު އިންތިޒާރުގައި ބަހައްޓާމީހާ ލަސްވާނަމަ އެކަން އޮޅުންފިލުވަދޭން ޖެހޭނެއެވެ. ކޮންމެ ފަހަރަކު އިންތިޒާރުގައި ހުރިމީހާ ގުޅާ ޝަކުވާ ކުރުން އެއީ އިންސާފެއް ނޫނެވެ. ގުޅަންވެސް ބޭނުމެވެ. އެހެނަސް ކެތްތެރިވީއެވެ. އަމިއްލައަށް ވިސްނިގެން ޚަބަރެއް ވޭތޯއެވެ. ދިހައެއް ޖެހިއިރު ނީލަމްއިނީ ރޮވިފައެވެ. ވަރަށްބޮޑަށް ހިތުގައި ޖެހިފައެވެ. އެންމެފަހުން ރާކިންއަށް މެސެޖެއް ކޮށްލިއެވެ. ރާކިންގެ ރިޕްލައިވެސް އައީ އެއްގަޑިއިރު ފަހުންނެވެ. ދުވަސްވީ ރައްޓެއްސަކާ ދިމާވީ ކަމަށާ އެހެންވެ އިރުކޮޅެއް ވާނެކަމަށް ބުނެފައެވެ. އިންސާނުންނަކީވެސް ކިހާ ހެއްވާ ބައެއް ހެއްޔެވެ. ތިމާ ލޯބިވެގެން ޢުމުރު ހުސްކޮށްލަން އެކުގައި ދިރިއުޅެން ކައިވެނިކުރި ބައިވެރިޔާގެ އެއްވެސް އަގެއް ލިބުމަށްފަހު ނޯންނަނީހެއްޔެވެ.
އެނދުގައި ރޯން އޮތް ނީލަމަށް ނިދުނު އިރެއް ނޭނގެއެވެ. އެހެނަސް ހޭލެވުނީ ރާކިން ކޮޓަރިއަށް ވަތް އަޑަށެވެ. ކައިރީގާ އޮތް ފޯނުން ގަޑި ބަލައިލިއިރު ދަންވަރު ދޭއްޖަހަނީއެވެ. މަޑުމަޑުން އެނދުން ތެދުވީ ރާކިންއާ ކުރިމަތިލުމަށެވެ. އެކަމަކު ހިތުގައިހުރި ޝަކުވާތައް ބޭރުވާގޮތެއް ނުވިއެވެ. މިފަހަރު ނީލަމް ބޭނުންވަނީ ނީލަމްގެ ނަފްސުވެސް ކޮންޓުރޯލުކުރާށެވެ. އަނިޔާވެރިންނާ ކުރިމަތިލެވޭނީ ހަނުހުރެ ރަނގަޅަށް ވިސްނުމަށްފަހުގައެވެ. ރާކިން ވާހަކައެއްދެއްކުމެއްނެތި އަރާ ނިދީއެވެ. ރާކިން އޮތީ ގަދަ ނިދީގައިކަން ޔަޤީންވުމުން ނީލަމް ސިއްރުސިއްރުން ރާކިންގެ ފޯނު ނެގިއެވެ. އެއީ ދުވަހަކުވެސް ނީލަމް ކުރަން ބޭނުންވި ކަމެއް ނޫންނަމަވެސް މިއަދު ނީލަމަށް އެކަންކުރަން މަޖުބޫރުކުރުވީވެސް ރާކިންއެވެ. ނީލަމްގެ އިތުބާރު ނަގާލީ ޙުދު ރާކިން ނޫންހެއްޔެވެ. ތަންކޮޅެއްކުރިން ނީލަމްގެ ފިންގަރޕްރިންޓް ރާކިންގެ ފޯނަށް ވަނީ އެޑް ކޮށްފައެވެ. އެކަން ރާކިންވެސްވަނީ ހަނދާންނެތިފައެވެ. ފޯނު ހުޅުވިއިރުވެސް ނީލަމްގެ ހިތްތެޅެމުން ދިޔައެވެ. ހިތަށް އަރާފަދަ އެއްވެސް އެއްޗެއް ނުފެނުމަށް އެދެވުނެވެ. އެހެނަސް އެއިން ފެނުނީ ނީލަމްގެ ހިތް އިތުރަށް ރޮއްވާލާ ކަންކަމެވެ. ފަރުދާގެ ފަހަތުގައި ހިނގަމުންދިޔަ އިންސާނެއްގެ ޙަޤީޤީ ސޫރައެވެ. ވަފާތެރިކަމާއި ލޯބީގެ މިސާލެކޭ ހީކުރެވުނު ރާކިންގެ އަސްލު ސިފައެވެ. ތަފާތު އެކި ސޯސަލް މީޑިއާގެ އެޕްތަކުގައި އެތަކެއް އަންހެން ކުދިންނާ ވާހަކަ ދައްކާފައިހުރީ ދައްކަންނުޖެހޭ ފަދައަކުންނެވެ. މީހެއްގެ ފިރިއެކޭ ގޭގައި އަތްންބަކު އިނޭވެސް ހިތުގައި ނުލައެވެ. މިރޭ ރާކިން ބޭރުގައި އުޅުނު ވަގުތުގައި ނިވާކަންކުޑަ ޓިކްޓޮކް ކުޅެފައިއިތި އަންހެން ކުދިންނަށް އެމީހުން ރީތިވެގެންނާއި އެހެނިހެން ގޮތްގޮތަށްވެސް ވާހަކަދައްކާފައި ހުއްޓެވެ. އަތް ތުރުތުރު އަޅާ ހާލުކޮންމެ މެސެޖެއް، ކޮންމެ ޗެޓެއް ނީލަމް ކިޔަމުން ދިޔައެވެ. ގިސްލެވެނީ އިޙުތިޔާރަކު ނޫނެވެ. ދުނިޔޭގެ ކެހިވެރިކަމުންނެވެ. މެޔަށް ބާރުވެ ތަދުއަރާފިއެވެ. ނޭވާ ހާސްވާން ފެށުމުން ސައިޑް ޓޭބަލްމަތީގައި ހުރި ބޭސްފުޅިން ގުޅައެއް ކައިލީ ހަމަޖެހިލަން އެދިގެންނެވެ. މުޅި މީހާ ރޫޅެނީހެން ހީވެއެވެ. އަރާމުގައި ނިދާފާއޮތް ރާކިންއަށް ހިތްކުދިވެފައިވާ ހާލުގައި ނީލަމް ބަލައިލިއެވެ. އެވަގުތުވެސް ރާކިން ދޫކޮށްދާން ބޭނުންވިއެވެ. މީހާ ހަމައަކަށް ނޭޅޭނެކަން އެނގުމުން ނީލަމް ވުޟޫކޮށްލައިގެން އެރީ ނަމާދަށެވެ. އެންމެ އޯގާވަންތަ ރަސްކަލާންގެ ޙަޞްރަތުގައި ހިތްފުރެންދެން ރޯލިއެވެ. މުޅި ހިތް ބަންޑުންކޮށްލިއެވެ. ނޭނގޭ ހަމަޖެހުމަކާއި ހިތްވަރެއް އެވަގުތު ލިބިގެން ދިޔައެވެ.
އަމިއްލަ ފިރިމީހާގެ އަސްލު ސޫރަ ފެންނަމުން ދިޔަ ވަރަށް ނީލަމްގެ ހިތް މޮޅިވަނީއެވެ. ކައިވެނި ކުރެވުނުކަމުގެ މޮޔަ ހިތަށް އަރަނީއެވެ. ރާކިން ބަދަލުވީއެއް ނޫނެވެ. ނީލަމްއަށް ރާކިން ކުރީގައިވެސް އެހެން އުޅެފައިވާކަން ފެނުމުން ވިސްނުނެވެ. އެއީ ރާކިން އުޅޭ ގޮތެވެ. ނީލަމްއަށް ދެއްކީ އެހެން ރާކިންއެކެވެ. ޙަޤީޤަތް އޮޅުވާލައިގެންނެވެ. ކީއްކުރަން ހެއްޔެވެ. މީހެއްގެ ދިރިއުޅުމާ އެގޮތަށް ކުޅެލަނީ ކީއްކުރަން ހެއްޔެވެ. ވިސްނި ވަރަކަށް ނީލަމްގެ ހާސްކަންވީ އިތުރެވެ. އެންމެ ފަހުން ވިސްނުނީ ރާކިންއާ ކުރިމަތިލުމަށެވެ.
ރާކިންގެ އިންތިޒާރުގައި ނީލަމް ނުނިދާ އޮތެވެ. އަންނާނެ އިރެއް ނޭނގޭތީ ގުޅާފައި އަވަހަށް އައިސް ދިނުމަށްވެސް އެދުނެވެ. އެހެންވީމަ ކަންނޭނގެއެވެ. މިރޭ އެކެން ޖެހިއިރު ގެޔަށް އައިސްފިއެވެ.
“ކިހިނއްވީ؟” ނީލަމްގެ ގާތުގައި އެނދުގައި އިށީންނަމުން ރާކިން އަހާލިއެވެ. ހިތްވަރުކުރަމުން ނީލަމް ފެށިއެވެ.
” އަހަންނަށް ހުރިހާ ކަމެއްވެސް އެނގޭ..ރާކިން އަހަންނަށް ވަގުތު ނުދީ ހިލޭ އަންހެނުންނާ ފްލާރޓުކޮށް ހަޑި ވާހަކަދައްކާ، ހުރިހާ ކަމެއް އެނގިއްޖެ ރާކިން. ރޭގަވެސް އެގަނޑު ގަތީމެއްނު ގެޔަށް ނައިސް އަހަންނަށް ބުނެދީބަލަ ތިހެން ތިހަދާ ސަބަބެއް؟ އަހަންނަށް ނުހަށްޤުން އަނިޔާވެރިތިވާ ސަބަބެއް؟ ރާކިން އަހަރެން ހަލާކުވެދާނެ ދެން..ދޫކޮށްލަންވީނުންތަ ލޯބި ނުވާއިރު” ކިތެއްމެ ހިތްވަރުލިޔަސް ނީލަމް އެހަނދާންތަކުން ބަޑިފަޅައިގެން ދިޔައެވެ. މީހާގެ ނޭވާއަށް ދަތިވާންފެށިއެވެ. ރާކިން އިނީ ހަމަޖެހިފައެވެ. ކަމެއް ކުރި ކުށްވެރިއެކޭ ހިތަކަށްވެސް ނޭރިއެވެ. މޫނުމަތިން އެދައްކާ މަޢުސޫމުކަމުން ނީލަމްގެ ނޭވާ އިތުރަށް ހާސްވަނީއެވެ. އެހާ އިންސާނަކު ރަޙުމުކުޑަވާނެ ހެއްޔޭ ހިތަށް އަރާފައެވެ.
” ނޫނެކޭ، އެހެންނެއް ނޫނޭ. ނީލަމްއޭ ބޭނުމީ ސޮރީއޭ އެއީ އެހެންވީ ކަންކަމެއް ނޫން ދެން އެހެންނެއް ނުވާނެ އިނގޭ. އަސްލުވެސް ވަރަށް ބޮޑަށް ސޮރީ ރޭގަ އެއީ ބުނީމެއްނު ކޮފީއަކަށް އެރި ވާހަކަ..އެއީ އެތާގަ ކުޅެލި ގޭމެކޭ..އެންމެން އެންމެން ފޯނު ބަދަލު ކޮށްލައިގެން އެކި މީހުންނަށޤ މެސެޖު ކުރީ.. ސޮރީއޭ އަދި އެއް ފުރުސަތުދީބަލަ” ހިތެއް ނެތް ރާކިންގެ ކޮންމެ ބަހެއް ތީރެއްހެން ނީލަމްގެ މޭ ފޫއަޅުވައިލިއެވެ. ހިތް ކުދިވެގެން އެދަނީ ލޯބިވާމީހާގެ އަތުން ކިހާ ރީތިކޮށް ހެއްޔެވެ. ކެތްވާކަހަލަ ވާހަކަތަކެއް ހެއްޔެވެ.
” ގޭމެކޭ ރާކިން؟ އެހެންނެއް ނޫނޭ؟ ބަލާބަލަ މަށަށް އަހާލަބަލަ އަމިއްލޭން ތި ދެއްކޭ ވާހަކަ..އަޅެ ބިރެއްވެސް ނުގަނޭތަ؟ ހިތަށް ނާރާތަ ރޯލަރޯލާ އަންތްބަކު އިންނަކަމެއް ކަލެޔާ ހެދި. އަދިވެސް އަދިވެސް ތިދެނީ ކޮންފަދަ އަނިޔާތަކެއް..” އަޑު ބެދިގެން ދިޔައީ މެއިން ނަގާގަތް ދިލައަކުންނެވެ. މޭގައި އަތްއަޅާއިގެން އޮވެ ނީލަމް ތިރިވެލިއެވެ. އެވޭނަށް ކެތް ނުވާތީއެވެ.
” ޕްލީޒް ހަމަޖެހިބަލަ..އެއީ ޕާސްޓޭ ދެން އެވާހަކަ ނުދައްކާ ދެނެއް އެހެން ނުވާނެ” ކަމެއް ވާހެންވެސް ރާކިންއަކަށް ހިޔެއް ނުވެއެވެ. ބަލަހައްޓައިގެން ދުރުގައި އިނީއެވެ. ނީލަމް ރޮއެރޮއެ ހަލާކުއެވަނީ ގައިމު ރާކިންގެ އަނިޔާއިންނެވެ. ރާކިންގެ ހިތް ހާދަހާވާ ހަރެވެ. އަދި އަނބި މީހާގެ ޚުރުމަތްވެސް ހަނދާނެއް ނެތެއް ނޫންހެއްޔެވެ. ވަރަށް އިރު ރުއިމަށް ފަހު ނީލަމް އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އާދައިގެ މަތިން ނަމާދުގައި އިނދެ ރޯލުމުން ހިތަށް ފިނިކަން ލިބުނެވެ.
ނީލަމް ރާކިންއާ ވާހަކަދެއްކުމާއި ރާކިންއަށް ބަލައިލުންވެސް މިހާރަކު ނެތެވެ. މުޅިން ރާކިންއާ ދުރުވިއެވެ. އެކަން ރާކިންއަށް އިޙުސާސްވާވަރަށް ނީލަމް ދުރުވެއްޖެއެވެ. ރާކިންއަށް ނީލަމް ގެއްލެނީއޭ ހީވާން ފެށިއެވެ. ވަރީގެ ފޯމު ފުރުމަށް ފަހުގައި ނީލަމް ރާކިންއަށް ދިނީ ސޮއެ ކުރާށެވެ. ރާކިން ތެޅިގަތީ އެހާ ހިސާބުންނެވެ.
” ނޫން ޕްލީސް، ދެން ދުވަހަކުވެސް އެހެންނެއް ނުވާނެ އެއް ޗާންސް ދީ” ރާކިން ނީލަމްގެ އަތުގައި ހިފައި ތަޅުވައިލިއެވެ.
” ތިހެން ކިތަށް ޗާންސުތަ ދޭނީ، ބަލާބަލަ މަށަށް ޖައްސާފަހުރި ނިކަމެތި ހާލު ތިނުލަފާ މީހާ” ނީލަމްގެ ލޮލުގައިވަނީ ރުޅިވެރިކަމެވެ.
” ނޫން މިފަހަރު އަސްލުވެސް ބަލާބަ، މިފަހަރު ރަނގަޅު ނުވެއްޖާ އަހަރެން އަމިއްލައަށް ނީލަމް ދޫކޮށްލާނަން ޕްލީޒް” ރާކިންގެ އަޑުގައި ހިތާމަ ހުރިހެންވެސް ހީވެއެވެ. ދެރައީ އެއީ ކޮންމެފަހަރަކު އޭނާ ޖަހާ މަޅިއެއްކަން ނީލަމަށް ނުވިސްނުނު ކަމެވެ.
” އޯކޭ، އެކަމް އެ އެންމެން ބްލޮކް ކޮށް ދުވަހަކުވެސް ގުޅުމެއްވެސް ބާއްވާގެން ނުވާނެ. އަދި ރާކިންގެ ތި މުޑުދާރު ރައްޓެހިންނާ ގުޅުން ކަނޑާލާ. އެއްވެސް ވަރަށް ގުޅުން ބާއްވަންޏާ ދެން މަ ދޫކޮށްލަ” ނީލަމްގެ ޝަރުތު ހުށަހެޅިއެވެ.
” އެއްބަސް އެ އެންމެން ދޫކޮށްލާނަން އަހަރެން ބޭނުމީ ނީލަމް” ނީލަމް މެޔާލާ ބޮނޑިކޮށްލަމުން ރާކިން ބުނިބަހުގައި މާނައެއް ނެތްކަން އެފަކީރަކަށް ނުވިސްނުނެވެ. ލޯބީގައި ކަނުވެފައިހުރި މުސާފިރަކަށް ފެންނާނީ ކޯއްޗެއް ތޯއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



When’s next part of lwbin arihugaa?
Hi soon, In sha Allah sorry for delays😭😭 bisy days
When’s next eppp 😭 my heart is bumping 😭
Soon working on it🥲