ވަބާ
މުޅި ގައިގައި އަދިވެސް ވަނީ ގަދަ ރިހުމެކެވެ. ގައިގެ އެތަން މިތަން ހިރުވައެވެ. ގައިގެ އެކި ތަންތަނުން ވަނީ ލޭ އަރާފައެވެ. ނިދާލެވޭތޯ އެތައް މަސައްކަތެއް ކުރެވިއްޖެއެވެ. ނަމަވެސް ގައިގައި އަޅަމުން ދާ ވޭނުގެ ސަބަބުން އަހަރެން މިވަނީ ރޭގަނޑުގެ ނިދިން ވެސް މަހުރޫމު ވެފައެވެ. މީ ހައްތާހާވެސް އަހަރެންގެ ކުށެވެ. އެ ކުށުގެ ސަޒާއެވެ. އަޅާލާނެ ޔާރެއް އިޔާރެއްވެސް މިއަދު އަހަރެންގެ ގާތުގައި ނެތެވެ. އަހަރެންގެ ސަބަބުން ލޯބިވާ އާއިލާގެ މީހުން އަހަރެން ދޫކޮށްލީއެވެ. ލޯބިވާ އަނބިމީހާއާއި ދަރިންވެސް ގެއްލުނީއެވެ. މުޅި ދުނިޔެއަށް ފަލީހަތްވެ އެކަނިވެރިވީއެވެ. އެ ހުރިހާ ކަމެއް ހަނދާނަށް އަންނަ ކޮންމެ ފަހަރަކު ގިސްލާ ރޯންޖެހެއެވެ. ރުއިމަކުން އެއްވެސް ކަމެއް ހައްލުނުވާނެކަން އެނގޭ ހާލުގައެވެ. ކަޅު އަނދިރި ކޮޓަރީގައި އެކަނި އޮތް އަހަރެންނަށް ހަނދާން އާކޮށްދެމުން ދިޔައީ އަހަރެންގެ މާޒީއެވެ.
އެއީ މީގެ އެތައް އަހަރެއްގެ ކުރިއެވެ. އަހަރެންނަކީ ގަދަރުވެރި އާއިލާއެއްގެ މީހެކެވެ. މަޔަކާއި ބަފައެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އެންމެ ކުޑައިރުން ފަށައިގެންވެސް، ލިބިފައިވާ މުއްސަނދި ދިރިއުޅުން ވެގެން ދިޔައީ ދުނިޔޭގެ ދިރިއުޅުމުގެ މައިގަނޑު މަގްސަދުގެ މަތިން ހަނދާން ނައްތާލަދިން ކަމަކަށެވެ. އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފި މީހަކަށް އަހަރެން ވިއެވެ. ދުނިޔޭގެ ވަގުތީ އުފާތައް އިސްކުރެވުނެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން ބޭނުންވާ ހުރިހާ ކަމެއް، އަހަރެން ބޭނުންވާ ގޮތަށް އަބަދުވެސް ވެއެވެ.
އޮފިސް ދަތުރެއްގައި ރާއްޖެތެރޭ ރަށަކަށް އަހަރެން ދިޔައިމެވެ. މަލަކާއާއި އަހަރެން ދިމާވީ މި ދަތުރުގައެވެ. މަލަކާ ފެނުނު ފުރަތަމަ ދުވަހު އަހަރެންގެ ހިތުގައި މަލަކާއަށްޓަކައި ވިންދެއް ޖަހަންފެށިއެވެ. މަލަކާއަކީ ބަލައިލަން ރީތި އަންހެން ކުއްޖެކެވެ. މަލަކާގެ މަޑުމައިތިރި މިޒާޖަކީ އޭނާގެ އަންހެންވަންތަކަން އިތުރަށް ފުރިހަމަ ކޮށްދޭ ކަމެކެވެ. މަލަކާ ފެނުން ފުރަތަމަ ދުވަހު އަހަރެންގެ ހިތަށް އެރިއެވެ. މަލަކާ ހާސިލުކޮށްފައި ނޫނީ ހުއްޓައެއް ނުލާނަމެވެ. ކަންތައް ވީވެސް މިހެންނެވެ. އަހަރެން ފަދަ ތަނަވަސް އާއިލާއެއްގައި އުފާވެރިކަން މަތީ އުޅޭ މީހަކަށް ބޭނުން ކޮންމެ ކަމެއް ކުރެވޭނެއެވެ. މީ އަހަރެންގެ ގަބޫލުކުރުމެވެ.
މަލަކާއާއި ރައްޓެހިވެގެން އުޅޭތާ އަހަރެއްގެ ފަހުން އަހަރެމެން ދެމީހުންގެ ކައިވެނި ކުރެވިގެން ދިޔައެވެ. ދިރިއުޅުން ފެށިގެން ދިޔައީ މިހިސާބުންނެވެ. ކިތަންމެ ފޮނި އުންމީދު ތަކަކާއި އެކު ކައިވެނި ކުރެވުނު ނަމަވެސް މި ދިރިއުޅުން ހަލާކު ކޮށްލަން ބަޔަކު މަސައްކަތް ކުރަމުން ދާކަން އޭރު އަހަރެންނަށް ރޭކާނުލައެވެ.
ކޮންމެ ދުވަހަކުވެސް ޑިއުޓީ ނިންމާލުމަށް ފަހު އަހަރެންނަށް ގިނަ ވަގުތު ހޭދަކުރެވެނީ ރައްޓެހިންނާއެކުގައެވެ. ލޯބިވާ އަނބިމީހާ އެކަނި ބަހައްޓާފައެވެ. ޗުއްޓީ ދުވަސްތަކުގައިވެސް އަހަރެންނަށް ގިނަ ވަގުތު ހޭދަކުރެވެނީ ގެއިން ބޭރުގައި ރައްޓެހިންނާއެކުގައެވެ. އަނބިމީހާ ބުނާގޮތް ހަދައިގެން އުޅުމަކީ އަނބި ދަށުވުން ކަމުގައި ބުނެ ރައްޓެހިން ދިޔައީ އަހަރެންނަށް ވަސްވާސް ލައިދެމުންނެވެ. އަހަރެން މަލަކާއަށް ދޭ ވަގުތު މަދުވުމުން މަލަކާ ޝަކުވާ ކުރެއެވެ. އެންމެ ފަހުން މިކަންތައް ވެގެން ދިޔައީ ބޮޑު މައްސަލައަކަށެވެ. މަލަކާ ޝަކުވާ ކުރާ ކޮންމެ ފަހަރަކު އަހަރެންގެ އަތް އިސްކޮށް މަލަކާއަށް އަނިޔާ ކުރަން ފެށުނެވެ. އަހަރެންގެ ހިތަށް އެކައްޗެއް ވެސް ނާރައެވެ.
ދުވަސްތައް އޭގެ ހަލުވިމިނުގައި ވޭތުވަމުން ދިޔައެވެ. ލިބިފައިވާ ރައްޓެހިންގެ ސަބަބުން މަސްތުވާ ތަކެއްޗަށް އަހަރެން ދެވިހިފިއެވެ. އެއީ ނައިސް ކަމެއް ކަމަށް ގަބޫލުކުރެވުނެވެ. އެއާއި ނުލާ އަހަރެންނަށް މިހާރު ނޫޅެވެއެވެ. ނުވިތާކަށް ހިލޭ އަންހެނުންނާއި އޮންނަ ގުޅުންތައް ގިނަވާންފެށިއެވެ. ބަދުއަހުލާގީ ގުޅުންތައް ހިންގާ މީހަކަށް އަހަރެން ވިއެވެ.
ކައިވެންޏަށް 4 އަހަރު ފުރުނު އިރު މަލަކާ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެއެވެ. މީ އަހަރެން އުފާވާންވީ ވަގުތުވެ. ނަމަވެސް އުފާވުމުގެ ބަދަލުގައި އަހަރެންނަށް އިސްކުރެވުނީ ރުޅިއެވެ. ގެއިން ނިކުމެގެން ދިޔަ ގޮތަށް ގެޔަކަށް އެ ދުވަހު ނުދަމެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ނުބައި ފާހިޝް އަމަލުތައް ކުރުމުގައި އަހަރެން ދިޔައީ ފާފައިން ތަތްތެޅެމުންނެވެ. މީ މިހާރު އަހަރެންގެ އާދައެވެ. އެކަމަކާއި ނުލައި އަހަރެންނަށް ނޫޅެވޭނޭ ބުނާ ކަންކަމެވެ.
ދަރިއަކު ލިބި ބޮޑުވަމުން އައި އިރު އެ ދަރިއަށް އަހަރެންގެ އެއްވެސް އަޅަލުމެއް ނުދެވެއެވެ. ދުވަސްތައް މިހިސާބަށް އައިއިރު އަހަރެންވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ކިޔައިދޭން ނޭނގޭ އުނދަގޫތަކެއް މީހާއައް އިހުސާސް ކުރެވެން ފެށިއެވެ. މީހާވަނީ ހިކިއަނަރޫފަ ވެފައެވެ. ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓަކުން އެނގުނީ އަހަރެންނަށް އެއިޑްސް ޖެހިފައިވާކަމެވެ. ދުނިޔެއަށް ލޯ ހުޅުވާލެވުނީ ދެނެވެ. މި ހަބަރާއެކު އަހަރެންގެ އެންމެ ގާތް އެކުވެރިން ކަމަށް ބަލައިގެން އުޅުން މީހުންވެސް އަހަރެންނަށް ދިނީ ލަނޑެކެވެ. މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރީއެވެ. މިހިސާބުން އަހަރެންނަށް އަހަރެންގެ އާއިލާ ގެއްލުނެވެ. އުފާވެރި ދިރިއުޅުމެއް އުޅެން ލިބިފައި އޮތް ފުރުސަތު ގެއްލިގެން ދިޔައެވެ. އަނބިމީހާއާއި ދަރިފުޅުވެސް އަހަރެން ދޫކޮށް ދިޔައެވެ. މި ހާލަށް އަހަރެން ވައްޓާލި އަހަރެންގެ ގާތް އެކުވެރިން ކަމުގައި ދެކުނު މީހުން މިއަދުވެސް އެދަނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެމުންނެވެ. ތަނަވަސް ދިރިއުޅުމުން އަހަރެންނަށް މިއަދު ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ ހަގީގީ އުފާވެރިކަން ދެން އެނބުރި އަހަރެންގެ ހަޔާތަކަށް ނާންނާނެއެވެ. ޝިފާއެއް ލިބުން ނުވާ ބޮޑު ބައްޔެއްގެ ޝިކާރައަކަށް މިއަދު އަހަރެން މިވަނީ ވެފައެވެ. ދިރިއުޅެމުން ދިޔަ ތަނަވަސް މާހައުލު ދޫކޮށް، މިއަދު އުޅެން ޖެހިފައި މިވަނީ 6 ފޫޓު 8 ފޫޓުގެ ކުޑަ ގޮޅިއެއްގައެވެ. ރައްޓެހިންގެ ބަސްއެހީމާ އަހަންނަށް ވީ މޮޅަކީ ކޮބާހެވެ؟ އަނބީމީހާގެ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދިނީމާ އަހަރެންނަށް މޮޅު ވިހެއްޔެވެ؟ ދެން އަހަރެންނަށް އޮތީ މިހާލުގައި އެކަނި އިނދެ މަރާއި ހަނގުރާމަ ކުރުމެވެ.
އަހަރެންނަށް މާޒީގެ ތެރެއިން ނިކުމެވުނީ ގައިގައި އަޅަމުން ދިޔަ ވޭން އިހަށްވުރެ ގަދަވާން ފެށީމައެވެ. އޭރު އެހެން ނޫޅެވުން ނަމަ މިއަދު އަހަރެންނަށް މިހެން ނުވީހެވެ. މި ބޮޑު ވަބާ އަހަރެންނަށް އަރާ ހަމަނުކުރީހެވެ.
=ނިމުނީ=
One Comment
Comments are closed.

What is aids????