Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މެހެކް – ތިންވަނަ ބައި

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
April 3, 2026 5 Mins Read
4 Comments

“ކަންތަކާ ޖެހުނީ. މިރޭ ދެން ލާހިކެއް ނޫން ނިދާކަށް.” ނިދިން ހޭލެވުނު ފާޒިލް ރުޅިވެރިކަމާއެކު ބުނެލިއެވެ.

“ހެޔޮނުވާނެ ފާޒިލް. މަންމައަށް ގޮވާލަދީބަލަ. ބަނޑުގައި ރިއްސާވަރުންނޭ.” ވަރަށް ހިތްވަރުން މެހެކް ބުނެލިއެވެ.

“ހުސް މަކަރު. ތި އެކްޓުތައް ޖައްސާނެކަމެއް ނެތް. ނިދާ!” އަމުރުވެރިކަމާއެކު ބުނެލުމަށްފަހު ފާޒިލް ދުރަށް އެނބުރި އޮށޯތެވެ.

“ފާޒިލް. މަންމައަށް ގޮވާލަދީބަލަ.” ރިހުންގަނޑުން ކެތްނުވާ ޙާލުގައި މެހެކް ބުނެލިއެވެ.

“ފާޒިލް…..” މެހެކް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ.

ފާޒިލްގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ހޮނު ގުގުރިއެއްގެ އަޑު ފަދައިން އިވުނު މެހެކްގެ އަޑުން އޭނައަށް ދުއްވައިގަނެވުނެވެ. މަންމަ ގޮވައިގެން ފާޒިލް އައިސް ހުރިއިރުވެސް އޭނާގެ ހިތުގެ ވިންދު ހަމައަކަށް ނޭޅެއެވެ. އެ އަޑު މެހެކް ނެރުނީ ކޮންތާކުންބާއޭ ފާޒިލްގެ ހިތަށް އެރިއެވެ.

މެހެކް ހޮސްޕިޓަލަށް ގެންދެވުނެވެ. އޭނާ ވިހެއީ ފަތިހުއެވެ. ކައިރިއަކު ފާޒިލްއެއް ނެތެވެ. އެކަމާ އޭނާ ހައިރާނެއްވެސް ނުވެއެވެ. ނުވިތާކަށް މާބޮޑަކަށް ދެރައެއްވެސް ނުވެއެވެ. ފާޒިލްގެ ފަރުވާކުޑަކަމާއި އަޅާލުން ކުޑަކަމަށް އޭނާ ހޭނިއްޖެއެވެ. އެކަމާވެސް ހިތްހަމަ ނުޖެހިގެން ވާހަކަދެއްކީ ބަފައިބެ ހައިދަރެވެ. ދިފާޢުގައި މައިދައިތަ ނުކުތެވެ. ހޮސްޕިޓަލުގެ އެ މާހައުލުގައި މައްސަލަގަނޑެއް އުފެދެން ބޭނުން ނުވާތީ މެހެކްއަށް ޖެހުނީ މައިދައިތައާ އެއްބައިވާށެވެ. ބޭނުން ނުވެ ހުރެވެސް ފާޒިލްގެ އުނިކަން ފޮރުވަން މަސައްކަތް ކުރާށެވެ. ބަފައިބެއަށް ސިއްރު ނުކުރެވޭނެކަން އެނގިހުރެވެސްމެއެވެ.

މެހެކްގެ މައިންބަފައިންނަށް އޭނާ ވިހެއިކަން އެންގީ ހައިދަރެވެ. އެމީހުން ހެނދުނު ހެނދުނާ ހޮސްޕިޓަލަށް އައެވެ. އެމީހުންގެ ފުރަތަމަ މާމަ ދަރިފުޅުގެ ޚަބަރާއެކު އެމީހުންނަށް ކެތްނުވީއެވެ.

“ހަމަ ކުޑަކުޑަ ފާޒިލްއެއް.” މެހެކްގެ މަންމަ ރަމީޒާ ބުނެލިއެވެ.

“ކޮބާ ފާޒިލް؟” މެހެކްގެ ބައްޕަ އަމީން އެހިއެވެ.

“ކެންޓީނަށް ދިޔައީ.” މެހެކް ބުންޏެވެ.

“ގެއަށް ދިޔައީ.” ފާއިޒާ ބުންޏެވެ.

އަމީންގެ ސުވާލަށް މެހެކްއާ ފާއިޒާއަށް ޖަވާބު ދެވުނީ އެއްކޮށެވެ. ދޮގު ހަދަން ޖެހުމުން ދެމީހުންނަށް ދެވުނީ ދެ ޖަވާބެވެ. ވުމާއެކު އަމީންއަށް އޮޅުން އެރިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ.

“ކެންޓީނަށް ގޮއްސަ ގެޔަށް ބޭނުންވާ ބައެއް ސާމާނު ބަލާ ދިޔައީ.” އަމީނަށް އެރި އޮޅުން މެހެކް އޮޅުންފިލުވައިދިނެވެ.

ހޮސްޕިޓަލުން ގެއަށް އައި އިރުވެސް ފާޒިލްއެއް ގެއަކު ނެތެވެ. ހޮސްޕިޓަލުގައި މަޑުނުކުރެވުނު ތާނގައި ދޫކޮށްލި ގަޑީވެސް އޭނައަށް އެތާ މަޑުނުކުރެވުނެވެ. މެހެކް ހިތަށް އެރިއެވެ. އެންމެން އެކިޔާ ހަރުދަނާ، މުއްސަނދި ވިޔަފާރިވެރިޔާގެ ހަޤީޤަތަކީ މިއީއެވެ. އަމިއްލަ ދަރިފުޅު އުފަންވިއިރު ގާތުގައި ނުހުރެވުނު ތާނގައި ދަރިފުޅު ގެއަށް އައިއިރު ގެއަކުވެސް ނެތެވެ. ކުޑަމިނުން ދެމައިން ރަނގަޅުތޯވެސް ބަލައިނުލައެވެ.

މެހެކް ކޮޓަރިއަށް ގޮސް ދަރިފުޅު ނިންދަވާފައި ފުން ވިސްނުމެއްގައި އޮތެވެ. މަންމަމެން ފޮނި އުންމީދުތަކެއް ކޮށް އޭނާގެ ކައިވެނި ފާޒިލްއާ ކުރުވިއިރު އެމީހުންނަށް ހަޤީޤަތް ކުޑަކޮށްވެސް ނޭނގެއެވެ. ނުވިތާކަށް ފިރިމީހާގެ އައިބުތަކާއި އަނިޔާތައްވެސް އޭނާއަށް މި ޖެހެނީ ފޮރުވާށެވެ. މިއަދުވެސް މަންމަމެންގެ ކުރިމަތީގައި އޭނާގެ ދޮގު ބޭޒާރުނުވީ ކިރިޔާއެވެ. ނަމަވެސް އޭނާއަށް އެކަންކަން އެމީހުންނަށް ސިއްރު ކުރެވޭނީ ކިހާ ދުވަހަކުބާއޭ އޭނާގެ ހިތަށް އެރިއެވެ. ހަޤީޤަތަކީ އަބަދަށް ފޮރުވޭނެ އެއްޗެއް ނޫންކަން އޭނާއަށް އެނގެއެވެ.

ފާޒިލް ގެއަށް އައީ ބާރަ ޖަހަނިކޮށެވެ. އޭރު ސިޓިންރޫމުގައި ހައިދަރު އިނީ ފާޒިލްގެ އިންތިޒާރުގައި ކަހަލައެވެ. ފާޒިލް އަޅާވެސްނުލައި ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ހައިދަރު އޭނާއަށް ގޮވިއެވެ.

“ފާޒިލް. ކޮންތާކު އުޅެއުޅެފައި ތިއައީ؟” ނުރުހުމާއެކު ހައިދަރު އެހިއެވެ.

“ބޭރުން.” ފާޒިލް ބުންޏެވެ.

“ތިކަން އަހަންނަށްވެސް އެބަ އެނގެޔޭ. އަހަރެން މި އަހަނީ ކޮންތާކުންހޭ؟” ހައިދަރުގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“އެއީކީ ބައްޕަ ބަލަން ޖެހޭ ކަމެއް ނޫން. އަހަންނަކީ މިހާރު ކުޑަކުއްޖެއް ނޫނޭ.” ފާޒިލްވެސް ހިތްހަމަނުޖެހުނެވެ.

“ކީކޭ ތި ކިޔަނީ؟ ބައްޕައެއްނު. އެހެންވީމަ އަހަރެން ބަލަން ޖެހޭނެ ފާޒިލް އުޅޭނޫޅޭ ގޮތެއް.” ހައިދަރުގެ އަޑު މަޑެއް ނޫނެވެ.

“ތިދެން ކޮންކަމެއް؟ ހަމަ އޭނަ ގެއަށް އައިސް ވަންނައިރަށް ނުފަށާބަލަ.” އާދައިގެ މަތިން ފާއިޒާ ފާޒިލްގެ ދިފާޢުގައި ނުކުތެވެ.

“މީ ކަލޭގެ ކަންތަކޭ. ހަމަ ކަލޭ ހައްދާ ގޮތުން އޭނައަށް އެހެން އެ ވަނީ. ހަމަ ރަނގަޅަކަށްވެސް އެއްޗެއް ބުނާއިރަށް އޭނަގެ ފަރާތުން ނުކުންނާނެ ވަކާލާތުކުރަން. އޭނަ ހަދާހާ ގޯހެއް ފޮރުވަން.” ހައިދަރުގެ ރުޅި ފާއިޒާއަށް އަމާޒުވިއެވެ.

“އޭނަ ގޯހެއް ހަދައިފިތަ އަޅެ؟ އޭނަ އޮފީހުގައި ނުލާހިކު ބުރަކޮށް އުޅެފައި އެހާ ލަހުން އެ އާދެވެނީ. ހަމަ އަންނައިރަށް ތި ފަށަނީ.” ފާއިޒާ ބުންޏެވެ.

“އާނ. އޭނަ ދުވަހަކުވެސް ގޯހެއް ހަދާތަ؟ އޭނަގެ އަންހެނުން ވިހައިގެން ގެއަށް އައި އިރުވެސް އޭނައަށް އެބަ އެނގޭތަ؟ ހޮސްޕިޓަލަށް ގެންގޮސް ލާފަ ގެއްލުނު މީހާ މިހާރު އެ އައީ ގެއަށް. ގުޅާގުޅާ ފޯނަށް ޖަވާބު ދިނީކީ ނޫން. އެތަނަށް ވަދެލީކީ ނޫން. މި ހީވަނީ މަޖުބޫރަކުން އޭނަ ކޮށްގެން އުޅޭ ކަމެއްހެން. ތިހާވަރުން މީހަކާ ނީންނަމަ. އޭރަކުން މި ހުރިހާ އެއްޗެއް ކިޔާކަށް ނުޖެހޭނެ.” ހައިދަރުގެ ރުޅި އިތުރަށް ގަދަވިއެވެ.

“ތި ރުޅި މަޑުކޮށްފަ ހިނގާ ނިދަން. މިހާރު އެއޮއްގެން ބާރަ ޖަހާ ބޮޑުވީ. ފާޒިލް. ދަރިފުޅުވެސް ދެން ދޭ ނިދަން.” ފާއިޒާ ބުންޏެވެ. ފާޒިލް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ދިޔައެވެ.

“ތީ މަންމައެއްތަ؟ ތިހެން ހަދާތީއޭ އޭނަ ހަލާކުވެފަ އެހެރީ. އިތުރަށް ހަލާކުނުކޮށް އޭނަ އިސްލާހުކުރަން އުޅެބަލަ.” ފާއިޒާއާ ދިމާލަށް އެއްޗެހި ކިޔައިގެންފައި ހައިދަރު ގޮސް ކޮޓަރިއަށް ވަނެވެ. ފާއިޒާ ތުން އަނބުރާލިއެވެ.

ފާޒިލް ކޮޓަރިއަށް ވަތްއިރު މެހެކްއަށް އޮތީ ނިދިފައެވެ. ފާޒިލް ގޮސް މެހެކްއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. މެހެކްއަށް ގޮވަން އުޅުނު ވަގުތު ދަރިފުޅު ހޭލިއެވެ. ދަރިފުޅު ރޯ އަޑަށް މެހެކްއަށް ހޭލެވުނެވެ. އޭރު ފާޒިލް ލައިގެން ހުރި ގަމީސް ބާލަމުން އަލަމާރިއާ ދިމާލަށް ދަނީއެވެ.

“އޭނަ އެވަރަށް ރޯއިރުވެސް ކަލޭ ތި އޮންނަނީ ގަދަ ގުގުރީގައި. ނުބެލެންޏާ ދަރިން ނުހޯދާނީ.” ފާޒިލް އޭނާގެ އާންމު ރާގުގައި ބުނެލިއެވެ.

މެހެކް އަޅައެއް ނުލިއެވެ. އެއްޗެކޭ ބުނަން ބޭނުން ނުވީއެވެ. ބޭނުންނަމަ ބުނާނެ ކިތަންމެ އެއްޗެއް ހުއްޓެވެ. އެ ދަރިފުޅަކީ އޭނާ އެކަނި ހޯދި ދަރިއެއް ހެއްޔެވެ؟ އެހާވަރަށް ރުއި އިރު ފާޒިލް އެކުއްޖާފުޅު އުރާލައި މަސަލަސްކުރަން ނޫޅުނީ ކީއްވެ ހެއްޔެވެ؟ ދަރި ބެލުމަކީ ހަމައެކަނި މައިމީހާގެ ޒިންމާއެއް ހެއްޔެވެ؟ ބަފައެއްގެ ޒިންމާއެއް ނޯވޭ ހެއްޔެވެ؟

ދަރިފުޅު ނިންދަވާލެވުނުއިރު ފާޒިލް އައިސް އެނދަށް ނިދަން އަރައިފިއެވެ. މެހެކް އެއްޗެކޭ ބުނަން އުޅެފައިވެސް އެ ޚިޔާލު ދޫކޮށްލީ ވާނެ ފައިދާއެއް ނޯންނާނެތީއެވެ. ދަރިފުޅު ހޭލުމުގެ އިތުރަށް އޭނާ އެޙާލުގައި އިންދާ ފާޒިލްގެ ފަރާތުން ލިބިދާނެ އަނިޔާއަކަށް ވިސްނާފައެވެ. ފާޒިލްގެ އެ ކުއްލި ރުޅިއަށް އޭނާ ހޭނުނު ނަމަވެސް އެ އަނިޔާއަކީ އަދިވެސް އޭނާ ނުހޭނޭ އަދި ދުވަހަކުވެސް ނުހޭނޭނެ އެއްޗެކެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ދަރިފުޅަށް ނަން ކިޔައިފިއެވެ. ނަމަކީ އަޔާލްއެވެ. ދަރިފުޅަށް ނަން ދިނީ ފާޒިލްއެވެ. އޭނަގެ އަޅާލުމެއް ނުލިބުނަސް ދަރިފުޅަށް ނަން ދިނުމަކީ ހަމައެކަނި އޭނާގެ ޙައްޤެއް ކަހަލައެވެ. ނަމެއް ކަނޑައެޅިއިރު މެހެކްއާ މަޝްވަރާވެސް ކޮށްނުލައެވެ. މެހެކްގެ ހިތުގައި އެކަމާ ޝަކުވާ ވިއެވެ. ނަމަވެސް އެކަން ހާމަނުކުރީ އޭނައަށް އެ ނަން ކަމުދިޔައިމައެވެ.

ދުވަސްތައް މަސްތަކަށް، މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައިރު މެހެކްގެ ހުރިހާ ވަގުތެއްހެން ހުސްކުރަމުން ދިޔައީ އަޔާލްއަށެވެ. މިހާރު އޭނާގެ ދިރިއުޅުމުގެ ހަމައެކަނި މަޤުސަދަކީ އެއީއެވެ. ދަރިފުޅުގެ އިތުރުން ފާޒިލްގެ ހުރިހާ ކަމެއް ފުރިހަމަކޮށްދެމުން ދާއިރު ފާޒިލްގެ ފަރާތުން އަޅާލުމެއް، ލޯތްބެއް އަދި އިޙުތިރާމެއްވެސް އޭނާ މިހާރު ބޭނުމެއް ނުވެއެވެ. އެއީ ނުލިބޭނެ އެއްޗެއްކަން އޭނާ ޤަބޫލުކުރިތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ދަރިފުޅަށްޓަކައި ފާޒިލްއާ އެކުގައި އުޅުމަށް އޭނާ ވަނީ ނިންމާފައެވެ.

އަޔާލްގެ އުމުރުން ހަތް އަހަރު ފުރުނު ދުވަހެވެ. އުފަންދުވަހުގެ ޕާޓިއެއް ބާއްވަން އަޔާލް އެދެމުން ދިޔައެވެ. ފާޒިލް އެކަމާ އިންކާރުކުރަމުން ދަނިކޮށް ފާއިޒާ އެކަމާ އެއްބަސްވިއެވެ. މެހެކްއަށް ފުރަތަމަ ފަހަރަށް ހައިރާންކަމެއް ލިބުނެވެ. ފާޒިލްގެ ހުރިހާ ކަމަކަށް ތާއީދުކުރާ ފާއިޒާގެ ނިންމުން މިފަހަރު ބަދަލުވީމައެވެ. ފަހަރެއްގައި އެއީ ހުރި ހަމައެކަނި މާމަ ދަރިފުޅުގެ މޫނުމަތިން ފެންނަ މާޔޫސްކަމުގެ ސަބަބުން އައި ބަދަލެއް ކަމަށް ވެދާނެއެވެ.

“މަންމާ. ބައްޕަ ކޮބާ؟” އަޔާލް މެހެކް ގާތު އެހިއެވެ.

“ދަރިފުޅާ. ބައްޕަ އެމެޖެންސީ ވެގެން ދިޔައީ. ހިނގާ ކޭކު ފަޅަން.” މެހެކް ވަރަށް ލޯބިން އަޔާލްއަށް ވިސްނައިދިނެވެ.

މަންމަގެ ބަސް އަހައިގެން އަޔާލްވެސް ވަރަށް ފަސޭހައިން ދިޔައެވެ. ނަމަވެސް މެހެކްއަށް އެނގެއެވެ. އެ ކުޑަކުޑަ ހިތުގައި އެތައް ޝަކުވާއެއް ވާނެއެވެ. އެ ދަރިފުޅަށް ފެންނަނީ ފެންނަން ނުޖެހޭނެ މަންޒަރުތަކެވެ. އިވެނީ އިވެން ނުޖެހޭނެ އަޑުތަކެވެ. ބައްޕަ ގާތުގައި ހުރެމެ ވަނީ އެންމެ ދުރުގައެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދިން ނަމަވެސް ދަރިފުޅަށް އެންމެ ބޭނުންވާ ބައްޕަގެ ލޯތްބެއް ނުލިބެއެވެ.

އެއްދުވަހަކު ފާޒިލް ގެއަށް އައީ ޒުވާން އަންހެންކުއްޖަކު ގޮވައިގެންނެވެ. ނަމަކީ ތާނިޔާއެވެ. ވަރަށް ޒަމާނީ ގޮތަކަށް ހެދުން އަޅާފައިވާ އެ އަންހެންކުއްޖާއަކީ އޭނާގެ އޮފީސް އަންހެންކުއްޖެއް ކަމަށް ބުނެ ތައާރަފުކޮށްދިނެވެ. ފާއިޒާ އެކުއްޖާއަށް ހޫނު މަރުޙަބާއެއް ކީއިރު މެހެކްގެ ބޮލުގައި ރިއްސާލީ ފާޒިލްއޭ ކިޔައިގެން މީހުން ދައްކާ ފާޑުފާޑުގެ ވާހަކަތައް އިވޭތީއެވެ. އަނެއްކޮޅުން މީގެކުރިން ދުވަހަކުވެސް ފާޒިލް އޭނާގެ އޮފީސް މީހެއް ގެއަށް ގެނެސްފައެއް ނުވެއެވެ. އަދި އަމުދުން އަންހެންކުއްޖެކެވެ.

“މެހެކް. ދޭބަލަ ތާނިޔާއަށް ޖޫސްތަށްޓެއް އެއްޗެއް ގެނެސްދޭން.” ފާއިޒާ ބުންޏެވެ.

ހިތުގައި ޝައްކު އޮތަސް މެހުމާނެއްގެ ގޮތުގައި ގެއަށް އައީތީ މެހެކް އެއްވެސް އެއްޗެކޭ ނުބުނެ ބަދިގެއަށް ދާން ހިނގައިގަތެވެ.

“ބަލަ ކޮން ވައްތަރެއްތޯވެސް ނާހާތަ ދަނީ؟” ފާޒިލް އެހިއެވެ.

“ތެދެކޭ ދޯ. ހަނދާން ނެތުނީ އަހާލަން. ކޮން ވައްތަރެއް ބޯނީ؟ އަނބުތަ؟ އޮރެންޖުތަ؟ ނޫނީ މިކްސް ފުރުޓްތަ؟” މެހެކް ހިނިތުންވެލަމުން އަހާލިއެވެ.

“އޮރެންޖު ރަނގަޅުވާނެ.” ތާނިޔާ ހިނިތުންވެލަމުން ބުނެލިއެވެ.

މެހެކް ޖޫސްތަށި ހިފައިގެން އައި އިރު ސިޓިންރޫމުގައި ފާޒިލްއާ ތާނިޔާ ފިޔަވައި އިތުރު އެއްވެސް މީހަކު ނެތެވެ. ފެނުނު މަންޒަރުން ހުރިހާ ކަމެއް މެހެކްއަށް ސާފުވިއެވެ. ތާނިޔާއަކީ އޮފީސް މީހެއް ނޫނެވެ. އެއީ ފާޒިލްގެ ލޯބިވެރިއެކެވެ.

“ފާޒިލް. ތީ ކޮންކަމެއް؟ ތީ އޮފީސް މީހުންނާ..” މެހެކް އެހިއެވެ.

“މީ އޮފީސް މީހެއް ނޫން. މީ އަހަރެންގެ ލޯބިވެރިޔާ. އަހަރެމެން މި އުޅެނީ ކައިވެނިކުރަން.” ތާނިޔާގެ އަތުގައި ހިފާލަމުން އެއްވެސް ޖެހިލުމެއް ނެތި ފާޒިލް ބުންޏެވެ.

“އަހަންނާ އިނދެގެން ހުރެ ހިލޭ އަންހެނުންނާ..” މެހެކްގެ ޖުމްލަ ފުރިހަމަ ނުވަނީސް ފާޒިލްގެ އަތުގެ ހޫނު ހަމަލާއެއް މެހެކްގެ ކޯތާފަތްމައްޗަށް އަރައިފިއެވެ. އެއް އަތުން މެހެކްގެ ދިގު އިސްތަށިގަނޑު އަތަށް އޮޅާލަމުން އަނެއް އަތުން އޭނާގެ އަނގައަށް ފިތާލިއެވެ.

“އަހަރެން ބުނިން ދޯ އަހަރެންގެ އަމިއްލަ ކަންކަމަށް ފާޑުނުކިޔާށޭ! އަހަރެންގެ މިނިވަންކަމާ ނުބެހޭށޭ!” ފާޒިލް މެހެކްގެ އިސްތަށިގަނޑުގައި ހިފައި ދަމާފައި ގެންގޮސް ކޮޓަރިއަށް ހޫރާލިއެވެ.

“މިތާ މައިތިވެގެން އޮވޭ! މީ ކަލޭގެ މަޤާމަކީ.” މެހެކް ކޮޓަރިއަށް ލައި ފާޒިލް ދޮރު ބޭރުން ތަޅުލިއެވެ.

“މަންމާ! ބައްޕާ. މަންމަ ދޫކޮށްލާ.” މަންޒަރު ފެނުނު އަޔާލް އާދޭހާއެކު ރޮމުން ފާޒިލް ގާތު އެދުނެވެ. ނަމަވެސް އޭނާގެ ހިތަށް ކުޑަވެސް ރަޙުމެއް ނުވަނެވެ. އޭނާ ދަމުން ދިޔައީ އަޔާލް ކޮއްޕާވެސް ލާފައެވެ.

އެދުވަހު މެހެކް ވަރަށް ވިސްނިއެވެ. އޭނާގެ ހިތަށް އެރިއެވެ. އޭނާ މި ކެތްކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ އޭނާގެ ދަރިފުޅަށް އޭނާ މި ދައްކައިދެނީ ކޮންކަހަލަ މިސާލެއް ހެއްޔެވެ؟ އަޔާލް ބޮޑުވެގެން ފާޒިލް ފަދަ އަނިޔާވެރިއަކަށް ވާން އޭނާ ބޭނުން ހެއްޔެވެ؟ ނޫނެކެވެ. އޭނާ ޖެހޭނީ މި އަޅުވެތިކަމުން ނުކުންނާށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…7

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 19

Next
April 3, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 19

Previews
April 3, 2026

ހަގީގަތަކީ ކޮބައިހޭ؟…7

4 Comments!

  1. Alaika_22 says:
    April 3, 2026 at 9:57 am

    Vrh rythi MA 💗 Kon irakun aneh bai……?

    1. Saandy says:
      April 4, 2026 at 7:46 pm

      Thank you. Already uploaded

  2. Shaba_73 says:
    April 3, 2026 at 12:23 pm

    Mi part ves vrh Reethi ! 💗
    Waiting for the next part!!

    1. Saandy says:
      April 4, 2026 at 7:47 pm

      Thank you. Uploaded

Comments are closed.

Next Episodeމެހެކް – ހަތަރުވަނަ ބައި←


All Right Reserved!