ލޯބިން އަރިހުގާ-5
” އާދައެއްތަ؟ ” ނައިރާގެ އެރީތި ދެލޮލަށް ބަލަހައްޓައިގެންހުރެ ދާނިޝް އަހާލިއެވެ. ދާނިޝްގެ އަތުތެރޭގައި ފިތިފައިހުރި ނައިރާ ވަރަށް ލަދުގަތެވެ.
ނައިރާގެ ހަށިގަނޑު ބިމުގައި ފައި ހަމަވުމުން ދާނިޝް މަޑުމަޑުން، ނައިރާގެ އުނަގަނޑުން އަތް ދޫކޮށްލިއެވެ. ފަޔަށާއި ބަނޑަށްވާ ތަދުން ނައިރާއަށް ފިޔަވަޅު ނެގެނީ ފާޑަކަށެވެ.
” ސޮރީ.. ދާނިޝް މިގަޑީ ނުނިދާ ބޭރުގަ ތިއުޅެނީ ކީއްވެ؟” ފާރުގައި އަތްއަޅުވާލަމުން ނައިރާ ވާހަކަދެއްކިއެވެ. ނައިރާއަށް ވަމުންދިޔަގޮތް ވަރަށް ރަނގަޅަށް ދާނިޝްހުރީ ސަމާލުވެ ބަލާށެވެ. ވާރޭ ކަނިޖަހަމުން ދިޔަ އިރު އިސާހިތަކު ނައިރާގެ މުޅި ހެދުންވެސް ތެމިދާނެއެވެ. އެއްވެސް ޖަވާބެއްނުދީހުރި ދާނިޝް ނައިރާގެ ގާތަށް ޖެހިލިއެވެ. ދާދި ފަސޭހަކަމާއިއެކުގައި ދާނިޝްގެ އަތްދަނޑިމައްޗަށް ނައިރާ އުފުލާލިއެވެ.
” ދާނިޝް..” ސިހިފައި ނައިރާ ތެޅިގަތެވެ. އިޚުތިޔާރަކާނުލައި ދާނިޝްގެ ކަނދުރާގައި އަތްއަޅުވައިލެވުނީ ވެއްޓިދާނޭ ހިތައެވެ.
” ޝްޝް..” ދާނިޝް ނައިރާއަށް ވާހަކަދެއްކުން މަނާކޮށްލީ އެހެންނެވެ. ލުއި ފަތްކޮޅެއްހެން ނައިރާ އަތްދަނޑިމައްޗަށްލައިގެން، ދާނިޝް ވަނީ ދާނިޝްގެ ގެޔަށެވެ. ނައިރާގެ މޭތެޅެމުންދިޔައީ ގޭގައި މިވަގުތު ނައިރާ ނެތްކަން މީހަކަށް އެނގިދާނެތީއެވެ. އަނެއްކާ ބައްޕަވެސް ހުއްޓާ ބޮޑު މައްސަލައަކަށްވެދާނެއެވެ.
ތަނަވަސް ސިޓިންރޫމުގައި ހުރި، ހުދުކުލާގެ އަރާމު ސޯފައިގައި ދާނިޝް ނައިރާ ބޭންދިއެވެ. ސޯފާގައި އޮތް ހުދުކުލާގެ ރަޖާގަނޑުން ނައިރާގެ ފައި ފޮރުވާލީ، ހީގަނެފައި އިންކަން އެނގޭތީއެވެ. ނައިރާ އެގޭގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ކޮންމެދިމާލަކުންވެސް ފެންނަނީ ފުރިހަމަކަމެވެ. ތަރުތީބުކަމެވެ.
” ދެން ކީއްވެތަ ނައިރާ މިގެޔަށްތި ގެނައީ؟” ނައިރާ ލަދުންއިނދެ ސުވާލުކުރިއެވެ.
” ވާރޭގަ ތެމެން ބަހައްޓަންވީތަ؟ ނުހިނގިގެން އުޅޭހެން ހީވާތީ މިގެނައީ” ދާނިޝް ތިރިވެލަމުން ނައިރާގެ ފައިގައި އަތްޖައްސާލިއެވެ.
” އާހް..” ތަދުވާވަރުން ނައިރާއަށް މަޑު އާހެއް ލައްވާލެވުނެވެ. ދާނިޝް އައިސްޕެކެއް ގެނެސް ނައިރާގެ ފައިގައި އައިސް އަޅާދޭންފެށިއެވެ.
” އޯކޭވާނޭ..ދީ ނައިރާއަށް” ދާނިޝް އުޅޭގޮތުން އުނދަގޫވެގެން ނައިރާ އައިސްޕެކުގައި ހިފުމަށް ގުދުވެލިއެވެ. ދާނިޝް ނައިރާގެ އަތަށް ފިތާލަމުން އައިސްޕެކު އަތުލިއެވެ. ދާނިޝް ހިތްހަމަނުޖެހިފައި ހުރިކަން ނައިރާއަށް ފާހަގަވާންފެށީ އެވަގުތުއެވެ.
” ދާނިޝް؟ ކަމަކާ ރުޅި އައިސްފަތަ؟” ނައިރާ ޖެހިލުންވެހުރެ އަހާލިއެވެ. ދާނިޝް އެެއްވެސް އެއްޗެއް ނުބުންޏެވެ.
އައިސް އަޅާދީ ނިމިގެން ދާނިޝް، ނައިރާއަށް ހޫނު ސައިތައްޓެއް ގެނެސްދިނެވެ. އެހާވަރަކުން ދާނިޝް އެއުޅެނީ ކީއްވެބާއޭ ނައިރާގެ ހިތަށް އެރިއެވެ.
” ތެންކިޔޫ.. ވާހަކަ ނުދައްކަން ހުވައެއް ކުރީތަ؟” ނައިރާއާ ތަންކޮޅެއް ދުރުގައި އިން ދާނިޝްގެ ހިމޭންކަން ނައިރާއަކަށް ކަމަކުނުދިޔައެވެ.
” އޫމް..” ދެއަތްތިލަ އެއްކޮށްލައިގެން ކަކޫމަތީގައި ބާއްވާލައިގެން، ދާނިޝް އިނީ އިސްޖަހައިގެންނެވެ.
” އޯކޭ..ދެން ނައިރާ ދަނީ މި” ސައިތަށި މޭޒުމަތީގައި ބަހައްޓާފައި ނައިރާ ތެދުވެ ކުރިޔަށް ފިޔަވަޅެއް ނެގިއެވެ.
ނައިރާ އެހެންބުނެ ހިނގައިގަތުމުން، ބޭއިޚުތިޔާރުގައި ދާނިޝްއަށް ނައިރާގެ އަތުގައިހިފައި ގާތަށް ދަމާލެވުނެވެ. ނުވިސްނާހުރި ނައިރާ ގޮސްވެއްޓުނީ ދާނިޝްގެ އުނގުތެރެޔަށެވެ. ދާނިޝް ނައިރާގެ މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅު ރީތިކޮށްލަދިނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވެގެންދިޔައެވެ.
” ކޮންތާކަށްތިދަނީ؟ ” ނައިރާގެ މޫނާ މޫނުގާތްކޮށްލަމުން ދާނިޝް ވަރަށް މަޑުމަޑުން އަހާލިއެވެ. ނައިރާގެ ހިތާ އެއަޑުވެސް ކުޅެލައިފިއެވެ. މީކޮންކަހަލަ ޒުވާނެއް ހެއްޔެވެ.
” ދާނިޝް ނައިރާ ގެނެސް އެއްވެސް ވާހަކައެއް ނުދައްކާ..ދެން ނައިރާ ދާންވީނު..ކީއްކުރަން ހުންނަނީ؟” ނައިރާވެސް ޖަވާބުދިނީ މަޑުންނެވެ.
އިނދެވުނު ގޮތް ހިތަށްއަރާފައި ނައިރާ ދާނިޝްއާ ދުރަށްޖެހިލުމަށް އުޅުނެވެ. އެހެނަސް ދާނިޝް އިތުރަށް އަތަށް ބާރުލަމުން ނައިރާ ހައްޔަރުކޮށްލިއެވެ.
” ނައިރާ ކިހިނެއްތަ ތި ހަދަނީ…” ނުރުހިފައިވާ ރާގެއްގައި ދާނިޝް އެހިއެވެ. ނައިރާއަކަށް ނުވިސްނުނެވެ. ނައިރާ ކިހިނެއް ހެދީހެއްޔެވެ.
” ނައިރާ ކީއްތަ”
” ޝްޝް..” ނައިރާގެ ޖުމުލަ ހުއްޓުވާލީ ދާނިޝްގެ އިނގިލިތަކުންނެވެ. ދާނިޝް ނައިރާގެ ތުންފަހުތައި އިނގިލިން ކުޅެލިއެވެ. އެ ނަޒަރުވެސް އެރަތް ފުރިހަމަ ތުންފަތަކާ ވަތްކެއް ނުކުރެވުނެވެ. ނައިރާއަށް ބުނެދޭން ނޭނގޭ އިޙުސާސްތަކެއް ކުރެވުނެވެ. ބޭއިޚުތިޔާރުގައި ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ.
” ތިހެން ނުހަދާ!” އިންޒާރެއްދޭ ފަދައަކުން ދާނިޝް ބުނެލިއެވެ. އިތުރަށް ނައިރާ އެއަތުގެތެރޭގައި ބޮނޑިކޮށްލަމުންނެވެ. ދާނިޝްގެ ނަފްސު ކޮންޓުރޯލުން ނައްޓަން އުޅޭހެން ހީވިއެވެ.
” ނައިރާ ބައްޕަވެސް އެބަ އުޅޭ އައިސް… ނައިރާ މިގަޑީގަ ނެތްކަން އެނގުނީމަ ވަރަށް ރުޅި އަންނާނެ.. ނައިރާ ދާންޖެހޭ ދާނިޝް” ހާސްވެފައި އިން ނައިރާ ބުންޏެވެ.
ދޫކޮށްލާ ހިތް ނުވެފައި އިންނަމަވެސް ދާނިޝް ނައިރާ ތެދުވަން ދޫކޮށްލިއެވެ. ނައިރާގެ އަތުގައި ހިފައިގެން ގެންގޮސް، ނައިރާ ގޭޓުން އެގެޔަށް ވަންނަންދެން ދާނިޝް ބަލަން ހުއްޓެވެ.
ގެއަށް ވަނުމުގެ ކުރިން ނައިރާ އެނބުރި ދާނިޝްއަށް ބަލައިލިއެވެ. ޖީބަށް އަތް ޖަހައިލައިގެން ހުރި ދާނިޝްގެ ލޮލުން އެހާމަވާ ޖަޒުބާތެއް ނައިރާއަކަށް ނޭނގުނެވެ. އެހެނަސް ނައިރާގެ ހިތުގައިވެސް ހިއްސެއް ހޭލައިފިކަމުގެ އިޙުސާސްވަމުން ދިޔައެވެ.
ނައިރާ ވަދެ ގޭޓު ލެއްޕުމުން ދާނިޝް ގެޔަށް ދިޔައެވެ. ދާނިޝްގެ ނަފުސަށް ވަމުންދިޔަ ގޮތާމެދު ހިތާއިހިތުން ސުވާލުކުރެވެން ފެށިއެވެ. ނައިރާއާމެދު ބެހެއްޓޭ ގާތްކަމާއި އޯގާތެރިކަމުގެ ސިއްރެއް ނުވިސްނުނެވެ. އެއްވެސް ވަރަކަށް ދާނިޝްގެ ހިތް މަޑުއެއްޗަކަށް ވާކަށް ނޭދެއެވެ. ދާނިޝްގެ އުސޫލުތައް މުގުރާލާކަށް ބޭނުމެއްވެސް ނުވެއެވެ.
އެނދުގައި ފުރޮޅި ފުރޮޅި އޮތް ނައިރާ ވަރުބަލި ވެއްޖެއެވެ. ނިންޖާ މާދުރުގައިވީ ޚިޔާލުގެ ދުނިޔޭގައެވެ. ދާނިޝްގެ ޚިޔާލުތަކެވެ. ދާނިޝްގެ އަޅާލުމެވެ. އެއީ ފިރިހެނުންގެ ކިބައިން މިހާރަކަށް އައިސް ނުފެންނަފަދަ އަދާތަކެކެވެ. ނައިރާއަަށް ހިނިތުންވެލެވުނެވެ. އަދި ދާނިޝްގެ އަތުތެރޭގައި ހޭދަވީ ވަގުތު ހަނދާންވެ، ބާލީހުން މޫނު ފޮރުވާލެވުނެވެ. ނައިރާގެ މޮޔަ ހިތަށް މިވަނީ ކީއްބާއެވެ.
ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔަ އިރު ދެކެވެނީ ޒާންގެ ވާހަކައެވެ. އެކަމަކު ނައިރާ އިނީ މުޅިން އެހެން ދުނިޔެއެއްގައެވެ.
” ޒާން ކޮންތާކަށްބާ އެދިޔައީވެސް” ނައުފަލްއަށް ވިސްނެމުން ދިޔައެވެ.
” ހަމަޖެހުނީމަ ވިސްނިގެން އަންނާނެ..” ފައިސަލް ކޮފީތަށި ބޮމުން ބުންޏެވެ.
” ދަރިފުޅާ! ކިހިނެއްވެފަ ތި އިންނަނީ؟ ބަލީތަ؟” ފައިސަލް ނައިރާގެ ބޮލުގައި ފިރުމާލިއެވެ.
” ނޫން..” ސިހިފައި ނައިރާ ބުނެލިއެވެ. ރޭގެ ހާދިސާއަށް ވިސްނޭތީ ނައިރާއަށް އެހެން ކަމަކަށް ސަމާލުކަމެއް ނުދެވެއެވެ.
” މަންމަމެން ނުދާނަންތަ މިރޭ ބާބަކިއުއަކަށް؟” ނައުފަލް އަހާލިއެވެ.
” މިރޭ ފަހީމައްތަމެން ކައިރިޔަށް ގޮސްލާނީ..ދަރިފުޅުމެން މަޖާކޮށްލާ” ހާމިދާ ތައްޓަކަށް ފެންއަޅަމުން ޖަވާބުދިނެވެ.
ދުވަހުގެ ގިނަ ވަގުތު ނައިރާ ހޭދަކޮށްލީ ކޮޓަރީގައެވެ. ގައިގައިވެސް ރިއްސާތިއްޔާއެކު އަދި އަމުދުން ކަމެއް ކުރާ ހިތްވެސް ނެތުމުންނެވެ. އެންމެން ޒާންއާމެދު ހާސްވެގެން އުޅޭތީ ނައިރާ ޒާންއަަށް ގުޅާލިއެވެ. އެހެނަސް ޒާންގެ ނަންބަރަކަށް ނުގުޅެއެވެ.
ބާބަކިއު އޭރިޔާގައި ހުރި އެކި ހަޓުތަކުގައި އެންމެން ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެންނާ މާދުރުގައި ވަކިން ނައިރާ އިނެވެ. މިރޭވެސް އޮތީ ވިއްސާރަކޮށްކަމުން ފަޒާ ނުހަނު ފިންޏެވެ. އަދި އެހާމެ ހިތްގައިމެވެ. ނައިރާ ބަލިކަން އެނގުމުން މައިލާވެސް ނައިރާ ހަމަޖެހިގެން އިންނަން ބޭންދީއެވެ. ފޫހިވާން ފެށުމުން ނައިރާ ތެދުވެ އަތިރިމަތީގައި ހިނގައިލިއެވެ. އުނދޯލިތައް ހުރި ސަރަހައްދަށް ދެވުމުން އެތަނުން އުނދޯންޏެއްގައި މަޑުކޮށްލިއެވެ. އެކަނިވެލުމަށެވެ.
ނައިރާގެ ހަރަކާތްތަކަށް ފާރަލަމުންދިޔަ ވިކްރާމް ނައިރާގެ ފަހަތުން ދިޔަކަން އެކަކަށްވެސް ނޭނގެއެވެ.
” ނައީ.. މިތާ އެކަނި ކިހިނެއް ވެފަ ތީނީ؟” ވިކްރާމްގެ އަޑު އިވުމުން ނައިރާ ސިހިފައި ބަލައިލިއެވެ.
” ކަމެއް ނުވޭ..ކުޑަކޮށް ހިނގާލާފަ މިތާ ޖައްސާލީ” ވިކްރާމް އައުމުން ނައިރާއަކަށް ކަމަކު ނުދިޔައެވެ. ނައިރާގެ އިޒުނަޔަކާވެސް ނުލައި ވިކްރާމް ނައިރާ، އިށީންދެއިން އުނދޯލީގައި އިއްތާފިއެވެ. ނައިރާ އަވަހަށް އުނދޯލިން ތެދުވެ ދުރަށް ދިއުމަށް ހިނގައިގަތެވެ. ނައިރާގެ ފަހަތުން ވިކްރާމް ގޮސް ކުރިބެއްދިއެވެ. ނައިރާއަށް ފަހަތަށް ޖެހިލެވުނީ ބިރުންނެވެ. އެހިސާބުގައި މީހަކުވެސް ނެތެވެ.
” ނައިރާ ދާންވެއްޖެ. ތަން ދައްކާ!” ނުރުހިފައި ނައިރާ ބުންޏެވެ.
” އަދި އިހަށް މަޑުކޮށްލަބަލަ” ވިކްރާމްގެ އަތް ނައިރާގެ ކޯތާފަތާދިމާއަށް އުފުލާލިއެވެ.
ކުއްލިއަކަށް ވިކްރާމްގެ އަނގަމައްޗަށް މީހެއްގެ އަތުގެ ބާރުގަދަ ހަމަލާއެއް އެރިއެވެ. ނުވިސްނާހުރި ވިކްރާމް ގޮސްޖެހުނީ ބިމަށެވެ.
” ކަލޭ ދުނިޔެއަށް އިތުރަށް އެންމެ ނޭވާއެއް ލާން ބޭނުންވަންޏާވެސް..ދެން ނައިރާއަށް ބަލައިލާގެންވެސް ނުވާނެ!” ވިކްރާމްގެ މޭމައްޗަށް ފައިން އަރާ ބާރުކޮށްލަމުން، ދާނިޝް އޭނަޔަށްދިނީ ނުރައްކާ އިންޒާރެކެވެ. އަނގަމަތި ފަޅައިގެން ގޮސް ނަގާ ދިލައިން ވިކްރާމްއަށް ތަނެއްދޮރެއް ވަކިވާވަރެއް ނުވިއެވެ.
ބިރުން ހުރިވަރުން ނައިރާ އަވަހަށް އެތަނުން ދުރަށްދާން ދުއްވައިގަތެވެ. ނޭނގިވިޔަސް ވަދެވުނީ ވަލުތެރޭގައި އޮތް މަގަކަށެވެ. އަނދިރިވެ މަގު އޮޅުމުން ނައިރާއަށް ހަމަހޭޖެހުނެވެ. ބިރުން ނައިރާއަށް ރޮވިއްޖެއެވެ. ފޯނުނަގަން ޖީބުގައި އަތް ޖައްސާލިވަގުތު މީހަކު އައިސް ފަހަތުން ބައްދާލިއެވެ. ތެޅިގަނެފައި ނައިރާއަށް ހަޅޭލަވައި ގަނެވުނެވެ.
“ޝްޝް.. ކީއްވެތަ ވަލަށް ތިވަނީ..؟ އޭނަ ކަމެއް ކުރިތަ” ދާނިޝް ނައިރާގެ ކަންފަތްދޮށުގައި ވައިއަޑުން ބުންޏެވެ. ނައިރާ ރޮމުން ބޯހުރުވާލީ ނޫނެކޭ ބުނުމަށެވެ.
ދާނިޝްއާވީފަރާތަށް ނައިރާ އަނބުރާލަމުން ނައިރާގެ ކަރުނަތަށް ފުހެލަދިނެވެ. އަދި ދާނިޝްގެ މޭގައި ނައިރާ ބޮނޑިކޮށްލިއެވެ. އެހިނދުންހިނދަށް ވިކްރާމް ކުދިކުދި ކޮށްލަން ދާނިޝްގެ ހިތްއެދުނެވެ. އެހެނަސް އެވަގުތު ނައިރާ އެކަނިކޮށްދާކަށް ހިތެއް ނުރުހެއެވެ.
” އަހަންނާއެކީ ދާނަންތަ؟” ނައިރާ ރުއިން ހުއްޓާލުމުން ދާނިޝް މަޑުމަޑުން އަހާލިއެވެ. ނައިރާއަށް ދާނިޝްއާއެކު އިޙުސާސްވަނީ ހިމާޔަތެވެ. އިތުރު ވިސްނުމަކާނުލައި އާއެކޭ ބުނުމުގެ ގޮތުން ނައިރާ ބޯޖަހާލިއެވެ.
ދާނިޝްގެ ކޮޓަރިއަށް އެހެންމީހަކު ވެއްދީ އަލަށެވެ. އެނދުމަތީގައި ނައިރާ ބޭންދުމަށްފަހު ކައިރީގައި ދާނިޝްވެސް މަޑުކޮށްލިއެވެ. ނައިރާ ބިރުގަނެ ދެރަވެފައި ހުރުމުން ދާނިޝްގެ ހިތަށް ނޭނގޭ ތަދެއްވަނީއެވެ.
” ނައިރާ ކުޑަކޮށް ރެސްޓުކޮށްލަންވީނު..އަހަރެން ދާންވީތަ؟” ދާނިޝް އަހާލިއެވެ.
” ނޫން..ނައިރާ އެކަނިނުކޮށްލައްޗޭ..” ނައިރާ ދާނިޝްގެ ގަމީހުގައި ހިފަހައްޓާލިއެވެ.
” ދުވަހަކުވެސް ނުކޮށްލާނަން” ދުލުން އެބަސްތައް ބުނެވުނު ސަބަބެއް ދާނިޝްއަކަށް ނޭނގެއެވެ.
” ވާހަކަދައްކާލަން ބޭނުންތަ؟ އެއްވެސް ކަމެއް ބޭނުންތަ؟” ދާނިޝް ނައިރާގެ އަތަށް ފިތާލިއެވެ.
” ތެންކިޔޫ އަނެއްކާވެސް..” ނައިރާ ކަރުނަ ފުހެލަމުން ދާނިޝްއަށް ބަލައިލިއެވެ.
” މީގެފަހުން ދެން އެކަނި އެހެން ނޫޅެއްޗެ..” ދާނިޝްވެސް ނައިރާއަށް ބަލައިލިއެވެ.
” އެއީ ކިހިނެއްވެފަ؟” ތެޅިފައިހުރި ލޯގަނޑަށް ބަލައިލަމުން ނައިރާ އަހާލިއެވެ.
” އެއީ.. ނައިރާގެ މައްސަލައެއް އެއީވެސް” ދާނިޝް ޒާންގެ ހަނދާންވުމުން ނުރުހުނެވެ. ނައިރާ ހައިރާންވިއެވެ.
” ނައިރާއެއް ނޫން ތަޅާލީ..” ނައިރާ މައުސޫމުކޮށް ބުނެލިއެވެ.
” އަހަންނޭ ތަޅާލީ…އެކަމް އެއީ ނައިރާ ކޮންމެސް މީހަކާ އެކީގަ..” ކިޔެނީ ކީކޭކަން އެނގުމުން ދާނިޝް ޖުމުލަ ހުއްޓާލިއެވެ. ނައިރާގެ ހިތް ތެޅިލިއެވެ. ދާނިޝް ހަސަދަވަނީ ހެއްޔެވެ. އެކަމަކު ކީއްވެ ހެއްޔެވެ. ކޮންމެޔަކަސް އެސިފަވެސް ނައިރާއަށް ވަރަށް ކަމުދިޔައެވެ. އެންމެ ރެއެއްގެ ބައްދަލުވެލުމަކުން އެދެހިތް ގުޅިލާމެހެނީބާއެވެ.
” ޒާންތަ؟ ޒާންވެސް ބެލީ ނައިރާގެ މަންމަ..ކުޑައިރުއްފެށިގެން..” ނައިރާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.
” ހެޔޮ ކޮންމެ މީހަކަސް” ދާނިޝް މުށް ކަވާލިއެވެ. ނައިރާއަށް ހެވުނެވެ.
“މަޖާތަ؟” ނައިރާގެ ކަނދުރާގައި އަތްއަޅުވައި ކާރިޔަށް ދަމާލަމުން ދާނިޝް ބުންޏެވެ. ނައިރާއަށް ބޮޑަށް ހެވުނީއެވެ.
” ނައިރާއަަށް ކިޔާދީބަ ދާނިޝް… އެކުވެރިވީއިރުވެސް އެއްވެސް ކަމެއް ކިޔައެއް ނުދެމޭނު” ދާނިޝްއާ ދުރަށްޖެހިލާފައި ނައިރާ އަހާލިއެވެ. ނައިރާގެ އެސުވާލުން ދާނިޝްގެ ހަނދާނުން ހިނދުކޮޅަކަށްވެސް ފިލައިގެންދިޔަ ހުރިހާ ކަމެއް އާލާވިފަދައެވެ.
” ވަގުތާއެކީ ހުރިހާ ކަމެއްވެސް އެނގޭނެ..” ދާނިޝްގެ ޖަވާބު ކުރެވެ.
” އޯހްް …ދޮންބެމެން އެގުޅަނީ ނައިރާ ނުފެނިގެން ކަންނޭނގެ..” ފޯނު ރިންގުވާންފެށުމުން ނައިރާ ހާސްވިއެވެ.
” ނައިރާ ދަނީދެން ގެޔަށް. ތެންކިޔޫ ހުރިހާ ކަމަކަށް” ނައިރާ ތެދުވިއެވެ. ނައިރާގެ އަތުގައި އޮތް ފޯނު އަތުލުމަށްފަހުގައި ދާނިޝްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އަދި ފޯނު ހަވާލުކުރުމަށްފަހު ނައިރާ ގެޔަށް ގެންގޮސްދިނެވެ.
” ކޮބާތަ ނައީ؟ ހާދަ ހޯދައިފީމޭ” މައިލާ ހުރީ ވަރަށް ހާސްވެފައެވެ.
ކަންތައްތައް ވީގޮތް ނައިރާ މައިލާއަށް ކިޔާދިނެވެ. ނައުފަލްގެ ރުޅިގަނޑު މަތައެއް ނުވިއެވެ. ވިކްރާމްއަށް ވަރުގަދަ އިންޒާރެއްދީ ގުޅުންވެސް ކަނޑާލިއެވެ.
” ދާނިޝްއޭ..ކޮން ދާނިޝްއެއް ނައީ؟” މައިލާ އިނީ ނައިރާގެ ކޮޓަރީގައެވެ.
” އެއީ..ނޭނގެ.. އެކަމު މަންމަމެން ކައިރީ ނުބުނައްޗޭ..ކުރިމަތީ މިހުރިގޭގަ އޭނަ އުޅެނީ..” ނައިރާގެ ޖުމުލައިން މައިލާ އިތުރަށް ހައިރާންވިއެވެ.
” އެގެ؟ އެގެޔަކު ނޫޅޭނެ އެކަކުވެސް..އެގޭގެ ދެމަފިރިންގެ ދަރިފުޅު ވެސްވީ މަރުވެފަ” މައިލާ އެބުނި ވާހަކަ ވެގެންދިޔައީ ނައިރާގެ މުޅި ހިތް ގުޑައިގަތް ކަމަކަށެވެ. އެހެންވާނީ ކިހިނެއް ހެއްޔެވެ. ދެން އެހެންވީއިރު ދާނިޝްއަކީ ކާކު ހެއްޔެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Wow Queen mi parts haadha reehchey (4,5)❤️
Waaaaow dhanish akee hama sheex ge type ingey. But hama ekani smoke kuraakan 🙈
I can also feel the pain zaan ves go through kuraa 😔
WHAT THE HELL IS WRONG WITH VIKRAAM 😤
WHAT!!! then who is dhanish a human? or a ghost? 🤭
Wow a ghost bf nice a dream come true hama☺️☺️😊😊
Tc 💛
Thankooo sheex😘
Dhen vaagoi balamaa dhw
Take care🥰
kalo jinni ehthr
Neynge🤭
Dear Author please I need the next episode of “Dhuniye ee dhauruvaa ehchehme” 😭
Hey dear, I uploaded it soon u will get to read it😭😘
Mi part ves vrh Reethi MA! 💗
Curiously waiting for the next when’s next?
EID MUBARAK DEAR ✨🌟🌙
LY AND TC ❤️
Soon IA 🥰🥰
Thankooo dear, Eid Mubarak to u and your loved ones❤️
Lots of love
Tc💜