ލޯބިން އަރިހުގާ – 3
މުޅި މަގުތައް ވަނީ ފުންނިދީގައެވެ. ސަރަހައްދުގަނޑުގައި އެކަށް ތެތްފިނިކަން ހިފައިލައިފާ އޮތްއިރު މީހެއްގެ ހިލަމެއްވެސް ނެތެވެ. ހިތުގައި ވަހުމުތައް އިތުރުވާންފެށީ އެހެންވެއެވެ. ގޭގެ ކުރިމަތީގައި ހުންނަނީ ތިން ބުރިއަށް ހަދައިފައި ހުންނަ ރީތި ގެއެކެވެ. ރޭގަނޑަށް ފަނޑު އަލިކަމެއް ބައެއްފަހަރު ހުރެއެވެ. އެހެނަސް އަދި މިހާތަނަށް ނައިރާ އެގޭގެ އެއްވެސް މީހަކު ނުދެކެއެވެ. މީހެއްގެ އަޑެއްވެސް ދުވަހަކު އެގެއިން އިވިފައެއްނެތެވެ. އަޖައިބެކެވެ.
ހީވި ހީވުމެއްކަމަށް ނިންމާފައި ދާންއެބުރިލި ވަގުތު އަނެއްކާވެސް ސިނގިރޭޓު ދުމުގެ ވަސް ދުވާފިއެވެ. މިފަހަރު މީހެއްގެ ފިޔަވަޅުގެ އަޑާވެސް އެކުގައެވެ. ނައިރާ ކުޑަ ސިހުމަކާއިއެކުގައި ފަހަތަށް ބަލައިލިއެވެ.
ކުރިމަތީގައި ހުންނަ “ނޫވިލު” ގޭގެ ފާރުގައި އެއް ފައި ވިއްދާލައިގެން ހުރީ ޒުވާން ފިރިހެނެކެވެ. އިސްކޮޅުން ހަފޫޓު ކިރިޔާ ހަމަނުވާނީއެވެ. އެހާ ފަންވެސްނޫން އެކަމަކު ބުޅިނޫން، ކަނދުރާއާ ހަމައަށް އަންނަ އިސްތަށިގަނޑެކެވެ. ފިރިހެންވަންތަކަން އިތުރުކޮށްދެނީ ކުރުކޮށް ކޮށާލައިފައިވާ އެމޫނާ ގުޅޭ ތުނބުޅިއެވެ. ފުންކަނޑެއްފަދަ ކަޅުކަންގަދަ ކަޅިރަވައެކެވެ. ކަޅުކުލައިގެ އަތްދިގު ގަމީހުގެ ފުރަތަމަ ދެގޮށް ހުރީ ނާޅުވާކަމުން ތަނަވަސް މޭމަތިވެސް ކޮންމެވެސް ވަރަކަށް ހާމަވެއެވެ. ވަރުގަދަ މުލައްދަނޑި ފާޅުވާހެން ގަމީހުގެ އަތްކުރި އޮޅާލައިފައި ހުރުމުން އިތުރަށް ފުރިހަމައެވެ. ނައިރާގެ ޝައުގުވެރިކަން ކޮންމެވެސް ވަރަކަށް އަތުލައިފިކަން ގައިމެވެ. އެޒުވާނާއަށް ބަލަން ހުރެވޭނީ އެހެންވީމަތާއެވެ.
” އެއްޗެކޭ އަހަންތަ ތިހުރީ؟ ” އަތުގައި އޮތް ސިނގިރޭޓު ބިންމައްޗަށް ވައްޓާލަމުން ޖަޒުބާތެއްނެތް ރާގެއްގައި ޒުވާނާ އަހާލިއެވެ.
” އަހަނ…އަހަންނާތަ ތި ވާހަކަދައްކަނީ؟ ” ސިހިފައި ނައިރާ އެއްސެވެ. ވަރަށް މަޑުމަޑުންނެވެ.
” ދެން މިތާ އެބަހުރިތަ އެހެން މީހަކު؟ ” ނިއް އަރުވާލަމުން އެޒުވާނާ ޖީންސުގެ ޖީބަށް އަތް ޖަހައިލިއެވެ. ނައިރާއާ ދިމާއަށް ހިނގައިގަންނަމުންނެވެ.
” ނޫން..މި.. ކުރިން ރޭވެސް ދިމާވިތަ..ނޫނީ އަހަރެން ދެކުނިންތަ؟ ” އަހަން ނާހަން ހުރެފައިވެސް ނައިރާ އަހާލިއެވެ.
” އެކަނި ތުނޑީގަ ހުރި ރޭ؟ ” ޖެހިލުމެއްނެތި އޭނާ ވާހަކަދެއްކިއެވެ. ނައިރާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.
” އޫމް.. އަހަރެން އެވެސް.. ބިރުގަންނުވާކަށް ނޫން. އެހިސާބުގަ ހިނގާލީ ހަމަ.. އެކަމު މަންޖެ ބިރުން ދުވެ ފިލީނު. މިރޭވެސް ތިނިކުތީ ބިރުން ކާކުތޯ ބަލަންދޯ؟ ” މަލާމާލުގެ ރާގެއްގައި އޭނާ ބުންޏެވެ.
” ނޯ..ނައިރާ ހަމަ އެރޭވެސް މިރޭވެސް ސިނގިރޭޓު ވަސްދުވީމަ. އިއްތިފާޤެއްތޯ ޔަޤީންކުރަން ބޭނުންވީ. އެރޭ ވަރަށް ބިރުގަތް މީހަކު ނުފެނުނީމަ… ސޮރީ.. މިދަނީ..” ނައިރާ ހާސްވެގެން އަވަހަށް ގެޔަށް ވަންނަން އުޅުނެވެ. އެޒުވާނާ ނައިރާގެ އަތުގައި ހިފައި ހުއްޓުވިއެވެ. ނައިރާ ހުއްޓިފައި ބަލައިލިއެވެ.
” ތިހާ ޝައުގުވެރިވެގެން ނިކުމެފަ ސުވާލުނުކޮށް ދާކަށް ނުވާނު. އަހާބަލަ ބޭނުން އެއްޗެއް. ޖަވާބު ދޭނަން ” ނައިރާގެ އަތުން ދޫކޮށްލުމަށްފަހު އެޒުވާނާ ވާހަކަދެއްކިއެވެ.
” އަސްލު ކާކުތަތީ؟ ދުވަހަކުވެސް ނުދެކެން އަދި..” ނައިރާގެ ހާސްކަން ފިލައިފިއެވެ. މިހާރު ހުރީ ވަރަށް ހަމަޖެހިފައެވެ.
” ދާނިޝް ކިޔަނީ. މިއީ އަހަރެންގެ ގެއަކީ.. މާލޭގަ އުޅެނީ. މިހުރީ ޗުއްޓީއަކަށް އައިސް. ގޭގަވެސް ނޫޅޭނެ އިތުރު މީހެއް ” ދާނިޝް އޮޅުންފިލުވައި ދިނެވެ.
” އޯ.. އެހެންވެތަ ތިގެއިން މީހަކު ނުފެންނަނީ..ނައިރާ ވަރަށް ބަލަމޭ.. މަންމަ ކައިރީވެސް އެހިން މީހަކު ނޫޅޭ ގެއެއްހޭ..” ނައިރާ އެ ގެއަށް ބަލައިލަމުން ބުނެލިއެވެ.
” ތިހާ ބަލަން ބޭނުންވި އިރު ވަދެފަ އަހާލިނަމަ ދެން..” ޖެއްސުމަށް ބުނާފަދައަކުން ދާނިޝް ބުންޏެވެ.
” ދެންފަހަރަކުން ދާނަން އިނގޭ..” ނައިރާވެސް ބަލިނުވާން ބުނެލީ އެހެންނެވެ.
” ކެރޭނެތަ؟ ކެރެންޏާ ހިނގާ މިހާރުވެސް..” ދާނިޝްގެ އަޑުގައި ހުރީ ބިރުގަންނަފަދަ ސީރިއަސްކަމެކެވެ.
” މިރެއަކު ނޫން.. ދާނިޝް ވަރަށް މީރު ކެއުމެއް ހަދާފަ ދަޢުވަތު ދިނީމަ ދާނީ ” ނައިރާ ބުންޏެވެ. ދާނިޝް ނައިރާގެ މައުސޫމު މޫނަށް ނަޒަރު ހުއްޓައިލިއެވެ. ދާނިޝްގެ ހަރުހިތް މަޑުކޮށްލާފަދަ ބާރެއް އެމައުސޫމުކަމުގައި އެބަވެއެވެ. އެކަން ދާނިޝްއަކަށް ކަމަކު ނުދިޔައެވެ.
” މިހާ ލަސްގަޑިއެއްގަ ނިކުންނާކަށް ޖެހިލުމެއް ނުވޭތަ؟ ” ދާނިޝް ވާހަކަ އޮޅުވާލިއެވެ.
” މިރޭ ނައިނަމަ ދާނިޝްއަކާވެސް ދިމާނުވީހެއްނު.. ބިރުގަނެގެން ހުރިހާކަމެއް ނުވާނެ” ނައިރާ ހިނިތުންވެލައިފައި ބުންޏެވެ. ހީވަނީ ހަމަ ގާތް އެކުވެރިޔަކާ ވާހަކަދައްކާހެންނެވެ. މި އަންހެންކުއްޖާ އެހާ އަވަހަށް ނުވެސް ދަންނަ ބީރައްޓެއްސަކާ އެކުވެރިވީހޭ ދާނިޝްގެ ހިތަށް އެރިއެވެ.
” ދެން ދަނީ..ވަރަށް އުފާވެއްޖެ ދާނިޝްއާ ބައްދަލުވީމަ.. އެކަމަކު” ނައިރާ ގޭޓުން ވަންނަމުން ވާހަކަދެއްކިއެވެ.
” އެކަމަކު؟” ދާނިޝް ނިއް އަރުވާލިއެވެ.
” ސިނގިރޭޓު ނުވާނެ ބޯކަށް އިނގޭ… ވަރަށް ގޯސް ހެބިޓެއް..ހުއްޓާލާ އަވަހަށް” ޖެހިލުމެއްނެތި ނައިރާ ހާމަކުރީ ނައިރާގެ ޚިޔާލެވެ.
” އޭގެ ސަބަބުންނޭނު އެކަމު ނައިރާއަށްވެސް އަހަރެން ތި ހޯދުނީ..” އެހެން ބުނުމަށްފަހުގައި ދާނިޝް ވެސް ގެއަށް ވަންނަން ހިނގައިގަތެވެ.
ނައިރާގެ ކޮންމެ ޖުމުލައަކާއި އަދާއެއް ސިކުނޑީގައި ތަކުރާރުވަމުންދެއެވެ. އެހާވަރަށް ނައިރާއާމެދު ވިސްނޭ ސަބަބެއް ނޭނގުނެވެ. ނިންޖާ މާދުރުން އުޅޭ ދާނިޝް އެނދުން ތެދުވެ ކޮޓަރީގެ ބެލްކަންޏަށް ނިކުމެލިއެވެ. އަޖައިބެކެވެ. ނައިރާ އެހުރީ ސީދާ ދިމާ ކުރިމަތީގައެވެ. އިއްތިފާޤުން ނައިރާގެ ކޮޓަރިވެސް ހުރީ ދާނިޝްގެ ކޮޓަރިއާވާ ފަޅިއަށެވެ. ބެލްކަނީގައި ކޮފީތައްޓެއް ހިފައިގެންހުރި ނައިރާއަށް ދާނިޝް ފެނުމުން ނިކަން ހެވިފައި އަތުން ހަނާއަޅައިލިއެވެ. ދާނިޝް އެއްވެސް އިޝާރާތެއްވެސް ކޮށްނުލައި އިރުކޮޅަކު އެހެން ހުރުމަށްފަހުގައި، އަނެއްކާވެސް ދިޔައީ ކޮޓަރިއަށެވެ.
ނައިރާއަށް ދާނިޝްގެ އެ ސިފަ ވަރަށް މަޖާކަމަކަށް ވިއެވެ. ހިތުގައި އޮތް ޝައުގު އިތުރުވުމުގެ ސަބަބަކަށް އެމިޒާޖު ވެއްޖެއެވެ. ތަފާތު ޒުވާނެކޭ ހިތަށް އެރިއެވެ.
ހުކުރު ދުވަސްކަމުން ރަނގަޅަށް ކައްކާލުމަށްޓަކައި ހާމިދާ އުޅުނީ އަވަދިނެތިއެވެ. އާއިލާގެ ބައެއް މީހުންވެސް ހާމިދާއަށް އެހީތެރިވުމަށް އައިސް އުޅެއެވެ. މިއަދު ރަށުގައި ތިބި އެކުވެރިންނާއި ގާތްތިމާގެ މީހުންނަށް މެންދުރުގެ ކެއުމަށް ވަނީ ވަޢުވަތުދީފައެވެ.
” ބޮޑުދައިތަ މިހާރު ހާދަ ޒުވާން ވެއްޖޭ! ކޯއްޗެއްތަ މޫނުގަ ތި އުނގުޅަނީ..” ނައުފަލް ފަހަރަކު މީހަކަށް އުނދަގޫ ކުރަމުން ދިޔައެވެ.
” އުނގުޅާއެތި ބުނެފިއްޔާ..މިޒުވާންކަމުގެ ސިއްރު ފަޅާއަރާނެއްނު..” ވަހީދާ ވަކި އަނގައިން ދެރަވާނެ ހެއްޔެވެ. އެއީ ރަށު އަންހެނުން ކޮމެޓީގެވެސް ރައީސާއެވެ. ދޫހެލޭ ފިސާރި ކަނބަލެކެވެ.
” އެކަމު..ބުނީމައޭނު މި ނައީމެން މުސްކުޅި ނުވެ ތިބެވޭނީ..މިހާރުވެސް ބަލާލަ ޖަހާ ވައްތަރު ” ނައުފަލް ނައިރާ ކޮށަން ހުރި ކެރެޓު ބުރިނަގައި ހަފާލަމުން ބުނެލިއެވެ.
” ނާހަމަ ތެދެއް.. އެމަންޖެއަށް ނިކަން ބަލާލަބަލަ. ހީވަނީ ހަމަ މަގޭ ޅަދުވަސް ކުރިމަތިން ސިފަވާހެން. އެވަރުގެ ރީތި ކުއްޖަކު ރާއްޖެއަކުން ނުފެންނާނެ..ދަރިފުޅު ހަސަދަނުވޭ މާޝާﷲ ” ހާމިދާގެ ދައްތަ ފަރީލާ ނައުފަލްއަށް ރައްދުދިނެވެ. ފަރީލާއަކީވެސް ފިސާރި މަޖާ މީހެކެވެ. މީހުން ކިޔާ އުޅެނީވެސް ނަލަފަރީ އެވެ. ވާނީވެސް އެހެންތާއެވެ. ޢުމުރަށްވުރެ ފެޝަނުގެ ގޮތުން އުޅެނީ މާކުރީގައެވެ. މޭކަޕުވެސް އެކޮށްލަނީ އެގޮތެއްބަލައިފައެއް ނޫނެވެ. އުސްފައިވާނުގައި ހިނގަން ނޭނގުނަސް ވަރިހަމަތާއެވެ. އަރައިގެން ދުވާލަކު ދިހަ ފަހަރު މަގުތަކުން މީހަ ނަގާހާނުވެއެވެ.
ނައުފަލްއަށް ހިނިގަނޑު މަތައެއް ނުވިއެވެ. ނައުފަލް ހޭންފެށި ސަބަބު ވަހީދާއަށް އެނގޭތީ ވަހީދާއަށްވެސް ހުރީ ހެވިފައެވެ.
” ފަރީލާވެސްދޯ.. ” ވަހީދާ ހެމުން ބުނެލިއެވެ. ހުކުރު ނަމާދަށް ގޮވަންދެން އެވެރިން އުޅުނީ އެގޮތުގައެވެ. ނައުފަލްގެ މޮޅެތި ވާހަކަތަކާ އެހެންމީހުންގެ ފުރިހަމަ ރައްދުތަކުން ނައިރާ ހުންނަނީ ހެވޭވަރުން ލޮލުން ފެން އައިސްފައެވެ.
” ކޮބާ..ހާދަ އަޑުފައްގަނޑު ގަދައޭ..” ބަދިގެއަށް ވަދެގެންއައި މައިލާ ގޮވާލިއެވެ.
” މިހިރަ މީހާގެ ކަންތައްމީ ” ފަރީލާ ނައުފަލްއަށް ބަލައިލިއެވެ.
” ދެން އަޑެއް ނީވޭނޭ..މިދަނީނު ” ފެން ފޮދެއް ބޯލައިގެން ނައުފަލް އަވަސްއަވަހަށް ދިޔައީ ހުކުރަށެވެ.
ސުފުރާމަތި ވަރަށް ތިޔާޤިއެވެ. ދެވައްތަރުގެ ކުކުޅެވެ. ތަފާތު ބަތްތަކާއި، ޕާސްތާއެވެ. ސެލެޑާއި، ޕާޕަރެވެ. ފަނިވެސް ދެވައްތަރު ގިރާފައި ހުއްޓެވެ. އެބޮޑު މޭޒުމަތި އެކީގައި އޮތީ ފުރިފައެވެ.
ޒާންއާއި އިތުރު އެކުވެރިންވެސް ގޮވައިގެން އައި ނައުފަލް ތަޢުރީފުކޮށްލިއެވެ.
” މޮޅެތި ޝެފުންނޭދޯ މިއުޅެނީ..” ވަހީދާގެ ކޮނޑަށް އަތްވައްޓާލަމުން ނައުފަލް ބުންޏެވެ.
” ދެން ހުރިހާ ކުދިން އަވަހަށް އިށީންދޭ ކާން..” ތަށިތައްޓަށް ފަނި އަޅަންހުރި ހާމިދާ ބުނެލިއެވެ.
“ވާވް..އަހަރެމެންގެ ޒާން މިހާރު ހާދަ ހޭންޑްސަމްއޭ ” ޒާންގެ ކޮނޑުގައި ފިރުމާލަމުން ފަރީލާ ވާހަކަދެއްކީ ނުހަނު ހެވިފައި ހުރެއެވެ. ދުރުގައި އެމަންޒަރު ބަލަންތިބި ނައިރާއަށާއި މައިލާއަށް ހިނިގަނޑު މަތަވީ ހަމަ ކިރިޔާއެވެ. ޒާން ފަރީލާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
” ތެންކިޔޫ ” ފެންތަށި އަޅާ ދިނުމުން ވިކްރާމް ނައިރާއަށް ބަލައިލާފައި ހިނިތުންވެލިއެވެ. ނައިރާވެސް ހިތްހެޔޮކަމާއިއެކުގައި ބޯޖަހާލިއެވެ. އެތަން ބަލަން ޒާން އާއި ނައުފަލްވެސް ތިބީ ވިކްރާމަށް ކަޅި އަޅައިގެންނެވެ. ޒާންގެ އަތުގައި އޮތް އުލަށް ހުރިހާ ރުޅިއެއް ބޭލުނެވެ. ވިކްރާމް ނައިރާއަށް ބަލާތަން ފެނުމުން ޒާންގެ ހިތް އަނދަމުން ދިޔައެވެ.
” އަހަން.. ކިހިނެއް ތިހެދީ.. މާބާރަށޭ ތިޔަ އުޅެނީ.. އަނެއްކާ ކުއްޖެއްގެ އަތުގަ ތިހާބާރަށް ނުހިފާތި. ތަންކޮޅެއް ލޯބިން ހިފާނީ ” ވަހީދާ ޒާންއަށް އެހެން އުލެއް ދިނެވެ. ޒާން ހިފައިގެން އިން އޫ އޮތީ ކޮންމެވެސް ވަރަށް ބަޅުވެފައެވެ. އެންމެންނަށް ފެން އަޅައިދެމުން ނައިރާ އައިސް ޒާންގެ ކައިރިޔަށް ހުއްޓިލިއެވެ. ތައްޓާއި އެކުގައި ނައިރާގެ އަތަށް ފިތާލަމުން ޒާން ސީދާ ނައިރާގެ ލޮލަށް ބަލައިލިއެވެ.
” ވަޓް..” ވައި އަޑުން ނައިރާ އަހާލިއެވެ. ޖެހިލުންވެފައި ހުރެއެވެ. ޒާންގެ އެބެލުމުގެ މާނަ ނޭނގޭތީއެވެ. މީހަކަށް ފާހަގަވުމުގެ ކުރިން ޒާން ނައިރާގެ އަތުން ދޫކޮށްލިއެވެ. ވާނުވާ ނޭނގިފައިހުރި ނައިރާ ބޯހޫރުވާލާފައި އެތަނުން ނިކުމެއްޖެއެވެ.
” އަހަންނަކަށް ނޭނގެ ޒާން އަބަދު ހުންނަނީ ރުޅި އަންނާނެ ގޮތެއް ނޭނގިފަ..” ފޫހި ގޮތަކަށް ބާލީހުގައި ބައްދައިލަމުން ނައިރާ ބުންޏެވެ.
” ޒާންގެ އެސިފަ ބަދަލެއް ނުވޭދޯ އަދިވެސް. އަޅާނުލާބަލަ ނައީއަށް މާވަރެއް ތިވަނީ ކީއްވެތަ ޒާން ރުޅި އައިސްގެން ” ސޯފާގައި ފޯނާ ކުޅެން އޮތް މައިލާ ނައިރާއަށް ބަލައިލިއެވެ. ދެމީހުން ތިބީ ގޭތެރޭގައި މީހުން ގިނަވުމުން އައިސް ކޮޓަރީގައެވެ.
” ނޭނގެ އަހަންނަކަށް ” ނައިރާ ރުޅިއަޑަކުން ޖަވާބުދިނެވެ. މައިލާއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މީހަކު އެކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. ނައިރާ ފޫހިގޮތަކަށް ގޮސް ދޮރު ހުޅުވާލިއެވެ. ރީއްޗަށް ދޮރު ނުވެސް ހުޅުވެނީސް ނައުފަލް ކޮޓަރީގެ ތެރެއަށް ދެމިގަތެވެ. ނައުފަލްގެ ފަހަތުން ވަތް ޒާން ފެނުމުން ނައިރާގެ ބޮލުގައި ރިއްސާލިއެވެ. ޒާންއަށް ލޯއަޅައިލާފައި ގޮސް ބެލްކަންޏަށް ނިކުތެވެ. ޒާންގެ ކަންކަށި ބާރުވެގެން ދިޔައެވެ. ނައިރާގެ ފަހަތުން ގޮސް ބެލްކަންޏަށް ނިކުމެއްޖެއެވެ. ނައުފަަލްއާއި މައިލާ ކޯޅުމުގައި ތިބީއެވެ.
” ކީއްވެ ލޯއަޅަނީތި؟ ” އިންޒާރުގެ ރާގުގައި ޒާން އެއްސެވެ. ދެއަތް މެޔާގާތްކޮށް ބާރުކޮށްލައިގެން ހުރި ނައިރާ ޖަވާބެއް ނުދިނެވެ. ކުޑަކުއްޖަކު ރުޅިހަދައިފައި ހުންނަހެން ހުރީއެވެ. ޒާންއަށް އެސިފަ ކަމުވެސް ދިޔައެވެ. މަޖާވި ނަމަވެސް އެކަން ދައްކަން ބޭނުން ނުވީއެވެ.
” މިއަދު ހަވީރު ކޮންކަމެއްތަ އޮތީ؟ ” މަޢުޟޫ ބަދަލުކޮށްލަމުން ޒާން މިފަހަރު ވާހަކަދެއްކީ މަޑުންނެވެ.
” ޒާން ކީއްކުރަން އެއެއް ބަލަނީ؟ އެތަނަށް ގޮސް ނައިރާދެކެ ރުޅި އަންނަން؟ ” ރުޅިވެރިކަމާއިއެކުގައި ތުންކޮޅު ހަދައިލައިގެންހުރެ ނައިރާ ބަލައިލިއެވެ.
” ރުޅިއެއް ނާދެއޭ..ކުރިންވެސް ބުނީމެއްނު ނައިރާދެކެ ރުޅިއެއް ނާދެއޭ..ސޮރީއޭ ” ނައިރާ ދެރަވެފައި ހުރުމުން ޒާން ނައިރާގެ އިސްތަށިގަނޑު ހަޑިކޮށްލިއެވެ. ހެއްވާލުމަށެވެ.
” ދެން…ހަމަ ” ރުޅިންހުރެވެސް ރަކިކޮށް ހީލަމުން ނައިރާ އިސްތަށިގަނޑު ރީތިކުރަންފެށިއެވެ.
” އެކަމު..ފިރިހެން ކުދިންނާ އެހާ ގާތްނުވައްޗޭ. އެންމެންނަކީ ރަނގަޅު މީހުންނަކަށް ނުވާނެ..” ސީރިއަސްވެލަމުން ޒާން ވާހަކަދެއްކިއެވެ. ނައިރާ ހައިރާންވިއެވެ. ރޭގެ ކަންތައް ޒާންއަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.
” އެއީ.. ގާތެއް ނުވަމޭ..ނައިރާ ހަމަ ނުނިދިގެން ނިކުމެލީ..އެހެންވީކަމެއް ނޫނޭ..” އަޅައަޅައިގަންނަމުން ނައިރާއަށް ބުނެވުނެވެ.
” އޭން؟ ކޮންތާކަށް؟ ކޮންއިރަކު ދިޔައީ..އެކަނި ނުދާށޭ ބުނީމަވެސް! ކާކާހޭ ދިމާވީ؟ ތެދަށް ބުނެބަލަ ނައިރާ! ” ނުރުހިފައި ހުރެ ޒާން ނައިރާގެ ދެކޮނޑުގައި ހިފާލިއެވެ. ނައިރާ ހާސްވެއްޖެއެވެ. ޒާން އެ ދެއްކީ ދާނިޝްގެ ވާހަކަ ނޫންކަން އެނގުމުން ދެން ހަދާނެގޮތެއް ނޭނގިފައި ހުރެވުނެވެ.
” ނައިރާ؟ ” އަނެއްކާވެސް ނައިރާގެ ކޮނޑަށް ފިތާލަމުން ޒާން އެނަން ކިޔާލިއެވެ. ޖަވާބުދޭށޭ ބުނާފަދަ ގޮތަކަށް ނައިރާއަށް ބަލަހައްޓައިގެން ހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Wow v reethi MA❤️
Zaan jealous vaa varah dhww ! 🤦♀️
Alhey sheex v interest ufedhijje dhaanish ar dheytherey 🙈
Some how he is my type! 🥰
Hen heevanee
Alhey Queen can u discibe his personalities lil more pls!☺️
BTW I’m first dhw?
Can’t wait for the next part 🤗
Tc
U said you hated smokers 👀👀❤️
Thankoooo lots of Love🥹🥰
We’ll learn about his personality and behaviours soon in the upcoming episode
TC😘
Ya I told I hate smokers but my type 🙈
Queen can u spell his name Is it
daanish or dhaanish ?🤔
Dhaanish
I mean who would hate him right😩❤️