ލޯބިން އަރިހުގާ-2
ހުއްޓުންއަރައިފައި ހުރެވުނު ނައިރާ އަނެއްކާވެސް މޫދާ ދިމާއަށް މިސްރާބުޖެހިއެވެ. ސާފު މޫދުގެ ހިތްގައިމުކަމަށް ގެއްލިފައި ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އެވަގުތު ދުނިޔޭގެ އެހެން ހުރިހާ ކަމެއް ހަނދާނުން ފުހެވިފައިވާފަދަ ހިތްހަމަޖެހުމެއް އިޙުސާސްވަމުން ދިޔައެވެ.
އެކުވެރި އެހެން ކުދިންވެސް މޫދަށް އައިސް ނައިރާއާ ބައިވެރިވިއެވެ. ތަފާތު ގޭމުތަކާއި، ރޭސްތަކުގައި ވަގުތުތައް ދިޔައީ ފާއިތުވަމުންނެވެ.
” އެއީތަ ނައުފްގެ ކޮއްކޮއަކީ؟ ” ވިކްރާމްގެ ނަޒަރު މޫދުގައި އޮތް ނައިރާއާ ވަތްކެއް ނުވެއެވެ.
” އޭ މަގޭ ކޮއްކޮ އިނގޭ އެއީ..” ނައުފަލްގެ ދެބުމަ ގާތްކޮށްލަމުން ވިކްރާމަށް ލޯއަޅައިލިއެވެ. އެކުވެރިޔަކަސް ނައިރާއަށް އެފަދަ ނަޒަރަކުންވެސް ބަލައިލަން ނައުފަލްގެ ހިތް ނުރުހޭނެއެވެ. ނައުފަލް ނައިރާއާ ކިތައްމެ އަރާރުންވިޔަސް ނައިރާއަކީ ނައުފަލްގެ ހިތުގެ އެއް ބައެވެ. ހަމައެކަނި ހުރި ކޮއްކޮއެވެ. ނައިރާގެ ހިމާޔަތަށްޓަކައި ނައުފަލް މުޅި ދުނިޔެއާވެސް ހަނގުރާމަކުރާނެއެވެ.
” އެކަހަލަ ގޮތަކަށް ނޫނޭ..ސޮރީ އެހެން ހީވިއްޔާ..” ބޯކަހާލަމުން ވިކްރާމް ވާހަކަދެއްކިއެވެ.
” އޭ.. ރިލްވާންބޭގެ ދަރިފުޅުވެސް އައީ ނައުފްމެންނާ އެކީގަތަ؟ ” ޒަހީން ކަމެއް ހަނދާންވެގެން އަހާފަދައިން އެއްސެވެ.
” އޭ؟ އޭނަ އައިސް އެބަ އުޅޭތަ؟ ނުވެސް ބުނެއޭ..” ޤަބޫލުނުކުރެވޭފަދަ ރާގެއްގައި ނައުފަލް ވާހަކަދެއްކީ އަވަސްއަވަހަށް ފޯނު ނަގަމުންނެވެ.
ބެންޗުން ތެދުވެގެން ގޮސް ނައުފަލް މަޑުކޮށްލީ ހިޔާދޭ ގަހެއްގެ ދޮށުގައެވެ.
” މިކޮޅުގަތަ ތިއުޅެނީ؟ ކީއްވެތަ ނުބުނީ؟ ” ނައުފަލް ވާހަކަދެއްކިއެވެ. ފަސްވަރަކަށް މިނެޓު ފޯނުގައި ހޭދަކުރުމަށްފަހު، އަނެއްކާވެސް އައިސް ބެންޗުގައި ޖައްސާލިއެވެ.
” މިވީ ގޮތުން ވާނެ ބާބަކިއުއެއް ރާވާލަން. އޭނަ ވަރަށް ޒަމާންކޮށްފަ އެ އައީ. މި މައީމެން ގުރޫޕު ކައިރީވެސް ބުނެގެން، އެންމެން އެއްކޮށް ރަނގަޅަށް ހިންގާލަންވާނެ. އެއީ މަވެސް ވަރަށް ގާތް މީހެއް.. އޭނަ މިކޮޅުގަ ނުތިބޭނެ ރައްޓެހިންނެއްވެސް..” އަތުގައި އޮތް ކޯކުފުޅިން ކޯވަރެއް ބޯލަމުން ނައުފަލް ވާހަކަދެއްކިއެވެ.
” ތިކަމާ އަހަރެމެން ހަވާލު..” އަރީން ނައުފަލްގެ ކޮނޑުގައި ޖަހާލަމުން އެބުނެލީ ހާސްނުވާށޭއެވެ.
އެމާޙައުލާ އެހާ ދުރުނޫން ހިސާބެއްގައި ހުއްޓިލައިގެންހުރި ޒުވާނާގެ ނަޒަރު ހުރީ މޫދުގައި މަޖާކުރަމުންދިޔަ ނައިރާއަށް ހުއްޓިފައެވެ. އެޒުވާނާގެ އަތުގައި އޮތް ސިނގިރޭޓެކޭ އެއްފަދައިން އެ ހިތްވެސް އަނދަމުން ދިޔަފަދައެވެ.
އަޞުރަށް ގޮވަން ގާތްވުމުން ގުރޫޕުގަނޑު މޫދުން އަރައިފިއެވެ. އެންމެންވެސް ތިބީ ލޮޑުވެފައެވެ.
” މިއަދު މަޖާގަނޑު ވަރަށް މީރު ދޯ؟ ” ހަނާ ހުރީ އަދިވެސް މަޖާ ކާހިތްވެފައެވެ.
” މާ ކުޅީ..އެކަމު ވަރަށް ފައްކާ ” މަލަކާއަކީ ކިރިޔާވެސް މިރުސްކޮޅެއް ލައިފިއްޔާ ކުޅިވާ މީހެކެވެ.
” އާން..ތީ މިރުހެއް ފެނުނަސް ކުޅިވާ މީހެއްނު. މަލަކްއަށް ކުޅިވާނެ..” މައިލާ ހޭންފެށުމުން އެންމެންވެސް ބައިވެރިވެ ދިމާކޮށްލިއެވެ.
ގެޔަށް ގޮސް ފެންވަރާ، ނަމާދުކޮށްލައި ހަދައިގެން އެނދުގައި ޖައްސާލިތަނާ ނައިރާއަށް ނިދުނީއެވެ. ވެފައިހުރި ވަރުބަލިކަމަކުންނެވެ.
” ހަމަ ތެދެއްތަ؟ އެބަ އުޅޭތަ އައިސްގެން. ފަހީމާއްތަވެސް ނުވެސް ބުނެއޭ އެސޮރު އައި ވާހަކަ..” ހަވީރުގެ ސަޔަށް އިންސާފުކުރަންތިބީ ނައުފަލްއާއި ހާމިދާއެވެ. ނައިރާ އޮތީ ހަމަ ގަދަ ނިދީގައެވެ.
” އާން މިރޭ ކާން ގެންނާނަން ” ހަނޑުލުގުޅަތަށި ކައިރިކޮށްލައިގެން އިން ނައުފަލް ބުނި އެއްޗެއްވެސް ސާފުވީ ކިރިޔާއެވެ. ހީވަނީ އެހެންމީހަކު އެގުޅަތައް އަތުލުމުގެ ކުރިން، ވާދައަށް ކާންއުޅޭ މީހެއްހެންނެވެ.
” ޕިސްޕިސް..މަގޭ މިހިރަ ދަރިއެއް..” ބޯހޫރުވާލަމުން ހާމިދާ ތެދުވިއެވެ. އަޑުއިވުނު ހެނެއްވެސް ހިއެއްނުވިއެވެ. ނައުފަލްދިޔައީ ކެއުމައިގެން ކުރިއަށެވެ.
އިޝާ ނަމާދަށްވީއިރު އުޑުމަތި ބަނަކޮށް ކޮންމެވެސް ވަރަކަށް ވިއްސާރަވެއްޖެއެވެ. ނުހަނު ހިތްގައިމު މޫސުމެކެވެ. ނަމާދު ކުރިގޮތަށް ނައިރާ ހުރީ ބޭރު ގޯތިތެރޭގައެވެ. ވާރެއަކީ ނައިރާ ދެން މާގަޔާވާ ކަމެކެވެ. ވެހެމުންދިޔަ ހިމަފޮދު ވާރޭގެ ތެރޭގައި ނައިރާގެ ޚިޔާލެއް ފިކުރެއް ނެތެވެ. މާބޯކޮށް ނޫންނަމަވެސް ނައިރާ ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ. ހީގަތްނަމަވެސް ހިޔަލަށް ދާން ބޭނުމެއް ނުވިއެވެ. ލައިގެންހުރި ކަޅުކުލައިގެ، ކަކުލާހަމައަށް އަރާ ހެދުންހުރީ ގާގަ ތަތްލާން ފަށާފައެވެ. ހީވަނީ ވާރޭގެ ތެރޭގައި ނަށަމުންދިޔަ ޕަރީއެއް ހެނެވެ. ފައިވާނަށްވެސް ނާރާހުރެ ކާޕެޓުވިނާގެ މަތީގައި ހިނގަމުން ދިޔައެވެ.
” ވިއްސާރަވީކަން އެނގުނީ ދޯ..މެޓު އޮފީހުގެ ރައީސާއަށް …ދެން ހުންނާނެ ފޯރި ” ގޭޓުން ވަދެގެން އައި ނައުފަލަށް ނައިރާއާ ބެހިނުލައެއް ނުހުރެވުނެވެ. ނައުފަލްގެ އަޑަށް އެނބުރިލީ ނައިރާގެ ނަޒަރު ހުއްޓުނީ، ނައުފަލްއާއި އެކުގައި އައި ޒާންއަށެވެ. ކަޅުކުލައިގެ ވިއްސާރަ ކޯޓުގައި ޒާން ހީވަނީ ހަމަ ތުރުކީ ހިސާބުގެ ސްޓާރެއްހެނެވެ. އެ އަޅި ކުލައިގެ ކަޅިރަވައަކީ ޒާންގެ ޔޫރަޕު މުނިކާފަގެ ފަރާތުން ވާރުތަކޮށްފައިވާ ކަމެކެވެ. އައިބު ނުވާވަރަށް ދިގުވެފައިވާ، ފަން ބޯ އިސްތަށިގަނޑެކެވެ. ހަފޫޓު ފަސް އިންޗީގެ ދިގު އިސްކޮޅަކާއި، ކަސްރަތީ ހަށިގަނޑެކެވެ. ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި ކަނޑުނޫކުލައިގެ ޖީންސެކެވެ.
ޒާންއަށް ކަޅިޖަހާލަންވެސް ނޭނގުނެވެ. ނައިރާގެ ފުރިހަމަކަމަށް ހިތާއި ހިތުން ތަޢުރީފުކުރަމުން ދިޔައެވެ. ނައިރާއާ ޒާން އެބައްދަލުވީ ތިންއަހަރު ފަހުންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ ހިނދުކޮޅެއް ވޭތުވިއެވެ.
އަވަސްއަވަހަށް އިސްޖަހާލަމުން ނައިރާ އައިކޮޅަށް އެނބުރިދިޔައެވެ. ޒާންވެސް ނައުފަލްގެ ފަހަތުން ގޭތެރެއަށް ވަންނަންދިޔައެވެ.
” ދަރިފުޅާ..ދެންތި ބަލިވެދާނޭ..ދެން އާދޭ. ޒާން ދަރިފުޅުވެސް އައީދޯ..ހިނގާ އަވަހަށް ކާން ” ނައިރާއަށް ކުދި ކިޔަމުން ޒާންގެ އަތުގައި ހިފައިގެން ހާމިދާ ދިޔައީ ކާގެއަށެވެ.
ހީގަނެ ތުރުތުރުލާންފެށުމުން ނައިރާވެސް ހިޔަލަށް ވަދެއްޖެއެވެ. އެހެނަސް ކާންދާކަށް ގަސްތެއް ނުކުރެއެވެ.
” ކީއްވެތަ އެކަނި އާއިރު ނުބުނީ. މިގެޔަށް އަންނަންވީނު؟ ” ހާމިދާ ވާހަކަދެއްކީ ޒާންއާއެވެ.
” މިއީ ދެން ކުއްލިގޮތަކަށް އައިސްލީ. އެގޭގަ އުޅޭ ހަފީޒާއްތަ. ކަމަކަށް ދައްޗެއް ނުވޭ. ދައްތަ ތިހާވަރަށް ނުވިސްނާ..” ޒާންގެ ފިރިހެންވަންތަ އަޑުން ޒުވާން އަންހެން ކުދިންގެ ގައިން ހީބިހި ނަގާލާނެއެވެ. ހަރުދަނާ ޝަޚުސިއްޔަތެކެވެ.
” ވިސްނޭނެދޯ.. ތީހަމަ ދަރިއެއްހެން ދެކޭ ކުއްޖެއް..” ހާމިދާއަށް ކުރީގެ ހަނދާންތައް އާވާންފެށިއެވެ. ޒާން ކުޑައިރު މަންމައެއްގެ ދަޢުރު ބޮޑަށް އަަދާކުރީ ހާމިދާއެވެ. ނައުފަލްއާއި ޒާން ބޮޑުވެގެންއައީ އެކުއެކީގައެވެ. ނައިރާގެ ޢުމުރުންވެސް ދިހަ ވަރަކަށް އަހަރުވަންދެން ޒާން ބެލީ ހާމިދާއެވެ.
” މަންމާ..ދެން ތިވާހަކަ ބާއްވާ..ކޮބާތަ ވާރޭގެ ޕަރީ؟” ނައުފަލް ނައިރާ ހޯދުމަށްޓަކައި ނިކުމެއްޖެއެވެ. ގަދަކަމުން ނައިރާ އަތުލަފިކޮށްގެން ގެނެސް ބޭންދީވެސް ޒާންގެ ކުރިމަތީގައެވެ.
މިހާރު ނައިރާ ލައިގެން ހުރީ ހުދު ކުލާގެ ޓޮޕުކޮޅަކާއި ކަޅު ޖީންސްއެކެވެ. އިސްތަށިގަނޑު އަދިވެސް އޮތީ ކޮންމެވެސް ވަރަކަށް ތެތްކޮށެވެ.
” ދެން މަންމާ..ނައިރާ ނުކާނަމޭ ބުނީމަވެސް…ދެން” ނައިރާ ބޮޑާހާކަންފެށިއެވެ. އެ ހަރަކާތްކަށް ބަލަން ޒާން އިނެވެ.
” މި ސޫޕްތަށި ބޯލާ އެކަމު..ބަލިވެދާނޭ .. މީނީ ޒާންވެސް މިހާރު ޒާންއަށް ގޮވައިލައިފިންތަ؟” ހާމިދާ ނައިރާގެ ބޮލުގައި ފިރުމާލިއެވެ. ނައިރާއަށް އިސްއުފުލާ ބަލައިލެވުނީ ޒާންއަށެވެ. އޭރު ޒާންވެސް އިނީ ނައިރާއަށް ބަލަހައްޓައިގެންނެވެ.
” އޭނަ އެއަށް ވުރެ ފޮނިވާނެ. ނުގޮވާނެ ޒާންއަކަށްވެސް މިހާރު..” ނައުފަލް ވަށްތަރުޖައްސާލިއެވެ.
” ނައިރާއެއް ނޫނޭ ފޮނީކީ.. ދޮންބެއޭ..ދޯ މަންމީ. ނައިރާ މިއަދުވެސް ބައްޕައާ ޒާން ބައްޕައާ ވީޑިއޯ ކޯލް ކޮށްގެން ބައިވަރު ވާހަކަދެއްކިން..” އުނދަގުލުންނަމަވެސް ޒާންގެ ނަން ދުލަށް ގެނައެވެ.
” އެކަމު ޒާންއަކަށް ވީޑިއޯ ކޯލެއް ނުކުރަމޭނު..” ނައުފަލް ނުލަފާގޮތަކަށް ހީލިައެވެ. ނައިރާ ލޯއަޅައިލިއެވެ. ލަދުން ގޮސް ނައިރާގެ ކޯތާފަތްވެސް ރަތްވާން ފަށައިފިއެވެ. ޒާން ނޫންކަމަށް ހަދައިގެން އިނދެ މަޑުމަޑުން ކަމުން ގެންދިޔައެވެ.
ކައި ނިމިގެން އެންމެން އެކުގައި ސިޓިންރޫމުގައި މަޑުކޮށްލިއެވެ. ނައިރާ ބޭނުންވީ ކޮޓަރިއަށްދާން ނަމަވެސް ހާމިދާގެ އެދުމަށް މަޑުކުރީއެވެ. ނައިރާގެ ފޯނު މާވަރަކަށް ރިންގުވާން ފެށުމުން ބަލައިލިއެވެ. ގުޅަނީ މައިލާއެވެ. ކީއްކުރަންކަންވެސް ނައިރާއަށް އެނގުނެވެ.
” މަންމާ..ނައިރާ މައިލާއެކީގަ ބުރެއް ޖަހާލަން ދިޔަސް އޯކޭތަ؟ ” ނައިރާ ބިރުންއިނދެ އަހާލިއެވެ.
” ދޮންބެ ދަންޏާ ދިޔަޔަސް ހެޔޮ” ހާމިދާގެ ޖަވާބަކީ އެއީއެވެ. އަނެއްކާ އަނެއް ކަންތަކޭ ނައިރާގެ ހިތަށް އެރިއެވެ.
” ހިނގާ..ރަށުތެރެ ބަލާލަންވާނު ޒާން..” ކާމިޔާބީގެ ހިނިތުންވުމެއް ނައުފަލްގެ ތުންފަތްމަތީގައި ހުއްޓެވެ.
ނައުފަލް ކޮންމެވެސް މޮޅު ރޭވުމެއް އެބަ ރާވައެވެ.
ނައިރާމެން ނުކުތްއިރު މައިލާ ހުރީ އިންތިޒާރުގައެވެ. މައިލާއާއެކުގައި ހައިޝަމްވެސް ހުއްޓެވެ.
” ހައިޝަމްއެކީގަ އަންނާތީ ސައިކު ބަހައްޓާފަ އިނގޭ މިއައީ.. ނައުފަލް ބޮޑުބެ މިހުރީނު ދޯ ނައީ ގެންގޮސްދޭން..” މައިލާ ބުންޏެވެ.
” ހާދަ ދުވަހެއްފަހުންނޭ މި ދިމާވީ..” ނައުފަލް ހައިޝަމްއާ ސަލާންކޮށްލިއެވެ. އަދި ޒާން ތަޢާރަފުކޮށްދިނެވެ.
” ވާނީވެސް އެހެންތާ..މިނިސްޓަކަރާ އިންނަން ވަރަށް ވަގަށް އުޅޭ ވާހަކަ އެހިން” ނައުފަލް މައިލާއާ ދިމާކޮށްލިއެވެ.
ތުނޑީކޮޅަށްގޮސް ހައިޝަމްއާއި މައިލާ ދިޔައީ ހިނގާލާށެވެ. ނައިރާހުރީ ނައުފަލްއާ ޒާންއާއެކީގައި އެކަނިވެފައެވެ. ވިއްސާރަކޮށް އޮތުމުން އެމީހުން ތިބީ ގަސްތަކުގެ ނިވަލުގައެވެ. ގުގުރަންފަށާފާނެތީ ނައިރާ ހުރީވެސް ވަރަށް ބިރުންނެވެ.
ޒާންއާއި ނައުފަލް ތިބީ އަމިއްލަ ވާހަކާގައެވެ. ނައިރާ ހުރީ ފޫހިވެގެން ފޯނާ ކުޅޭށެވެ.
” ނައީ..ދޮންބެ ވަރަށް އާޖެންޓުކޮށް ދާން ޖެހިއްޖެ. މަންމަ ބޮލުގަ ރިއްސާތީ ހޮސްޕިޓަލަށް ގޮސްލަން. ޒާން ނައީ ގެނެސްދޭނަން ދޯ..” ނައިރާއަށާއި ޒާންއަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ ނައުފަލް ފިލައިފިއެވެ. ހަދާނެގޮތް ހުސްވެފައިހުރި ނައިރާއަށް ބަލައިލެވުނީ ޒާންގެ މޫނަށެވެ. ޖީބަށް އަތްޖަހައިލައިގެން އެއްފައި ގަހުގައި ވިއްދައިލައިގެން ޒާންހުރީ ހަމަޖެހިފައެވެ. ނައިރާ ބަލައިލުމުން ނިއް އަރުވާލިއެވެ. ތުންކޮޅު ހަދާލަމުން ނައިރާ ފުރަގަސްދިނެވެ. ޒާންގެ ތުންފަތުގައި ދުވެލީ މަޑު ހިނިތުންވުމެކެވެ.
” ކިޔަވާ ނިމުނީތަ؟ ” ދެމީހުންގެ ދެމެދުގައިވާ ހަމަހިމޭންކަން ނަގާލީ ޒާންއެވެ.
” މިއީ ލާސްޓް އިޔަރ. ދެން އޮތީ ފަހު ސެމް މާސްޓާސްގެ..” ވަރަށް މަޑުމަޑުން ނައިރާ ޖަވާބުދިނެވެ.
” ދެން ރަފްހާންއާ އިންނާނީތަ ނިންމާފަ..؟” ޒާން ޖެއްސުމުގެ ރާގެއްގައި އެހެން އެހުމުން ނައިރާ ހިތްހަމަނުޖެހިފައި ދުރަށް ދިއުމަށް ފިޔަވަޅެއް ނެގިއެވެ. ނެގި ފިޔަވަޅާއިއެކުގައި ހުއްޓުންއެރީ ޒާން ނައިރާގެ އަތުގައި ހިފާލުމުންނެވެ.
” ހާދަ އަވަހަކަށްތި ރުޅިއައީ..އެއީ އެހެންބުނި އެއްޗެއް ނޫނޭ” ޒާން ނައިރާގެ އަތުން ދޫނުކޮށްހުރެ ވާހަކަދެއްކިއެވެ.
” އޭރުވެސް މިހާރުވެސް ހަޤީޤަތް ބަލާނުލައި ޒާންތި ގޮތް ނިންމަނީ..ޒާން އަދިވެސް ބަދަލެއް ނުވޭ..” ދެރަވެލައިފައި ނައިރާ ބުނެލިއެވެ. މާޒީގެ ދުވަސްތައް ހަނދާންވިއެވެ.
” ސޮރީ..އެދުވަހު ކަންތައްވީ އެންމެ ރަނގަޅަކަށްނޫން. ރަފްހާންގެ ވާހަކަ އަޑުނާހާ ނައީގެ ބަސް އަޑުއަހަން ޖެހޭނެކަމަށް ޤަބޫލުކުރަން.. ނައުފް ހުރިހާ ވާހަކައެއް ކިޔައިދިން. އަހަންނަށް މާފުކުރާނަންތަ؟” ނައިރާގެ އަތަށް ކުޑަކޮށްދަމާލަމުން ޒާންއާ ގާތްކޮށްލިއެވެ.
” ޒާން އެކަމު..” ނައިރާގެ ޖުމުލަ ފުރިހަމަނުވަނީސް ޖަހާލިބާރު ގުގުރިއަކާއިއެކުގައި މުޅިތަން ވިދާވެސްލިއެވެ. ބިރުން ތުރުތުރު އަޅަމުން ނައިރާއަށް އެއްވެސް އިޚުތިޔާރަކާނުލައި ޒާންގެ އަތުތެރެއަށްވަދެ މޫނުފޮރުވާލެވުނެވެ. ނައިރާހުރީ ރޮވިފައެވެ. ހެދޭ ނުހެދޭއެއް ނޭނގެއެވެ. ޒާން ވިސްނުމަކާނުލައި ޒާންގެ އަތުތެރޭގައި ނައިރާ ފޮރުވާލިއެވެ. ފުރިހަމަ ހިމާޔަތާއިއެކުގައެވެ.
ގުގުރީގެ އަޑުމަޑުވެ ހިމޭންވުމުން ނައިރާއަށް ހޭވެރިކަންވިއެވެ. ދުރަށްޖެހިލުމަށް ބޯހިއްލާލިވަގުތުގައި ފާހަގަވީ ނައިރާ ލައިގަތް ޒުވާނާގެ ގައިން ދުވި ސެންޓުގެ ވަހެވެ. ކުއްލިއަކަށް އިސްއުފުލާ ޒާންގެ ލޮލަށް ބަލައިލެވުނެވެ. އޭރު ޒާންވެސް ހުރީ ނައިރާގެ ލޮލަށް ބަލަހައްޓައިގެންނެވެ.
ޒާންއާ ދުރަށް ދިއުމަށް ނައިރާކުރި މަސައްކަތް ބޭކާރުވީ، ނައިރާގެ އުނަގަނޑުގައި ބާރަށް ހިފަހައްޓައިލައިގެން ހުރި ޒާންގެ އަތަށް ދޫނުދިނުމުންނެވެ.
” ބިރެއް ނުގަނޭތަ އެކަނި ވަލުތެރޭ ހުންނާކަށް.. ކަމެއްވީނަމަޔޯ؟ އެހެންމީހަކަށްވީ ނަމަޔޯ؟” ނައިރާގެ ހިތުގައި އޮތް އެއްޗެއް ޒާންއަށް އެނގުންފަދައެވެ.
” އެހެންމީހަކަށް ނުވެއޭނު..” މަޑުމަޑުން ނައިރާ އެހެން ބުނެލަމުން އަނެއްކާވެސް، ޒާންގެ އަތުތެރެއިން ސަލާމަތްވެވޭތޯ ބެލިއެވެ.
” ހަމައެހާ ދުރަށްދާ ހިތްވޭތަ؟” ޒާން ލެނގިގެންހުރި ގަހުގައި ނައިރާ ޖައްސާލަމުން، ޒާންއާ ގަހާއި ދެމެދުގައި ހައްޔަރުކޮށްލިއެވެ.
ނައިރާ ފިނިވަމުންދިޔައެވެ. ނައުފަލް ގަސްތުގައި ދިން ލަނޑެކޭ ހިތަށް އެރިއެވެ.
” ޒާން.. ކީއްވެތަ ދެން އެހާ އަވަހަށް ފިލީ؟” ވާހަކަ އޮޅުވާލަންވެގެން ނައިރާ އަހާލިއެވެ.
” މިހާރު މިހުރީނު ކުރިމަތީ..” ޒާން ހިނިތުންވެލިއެވެ.
” ކީއްވެ ސިނގިރޭޓު ބޯންފެށީ..؟” ނައިރާ އިސްޖަހައިލިއެވެ.
” ކީއްވެ ތިހެން ތިއެހީ.. އަހަރެން ނުބޮން ސިނގިރޭޓެއް..” ދެބުމަ ގާތްކޮށްލަމުން ޒާން އަހާލިއެވެ. ކަމެއް ވެއްޖެކަން ޒާންއަށް އެނގުނެވެ. ތުންފަތުގައި ދަތްއަޅައިލަމުން ދެން ބުނާނެ އެއްޗެއް ނޭނގިފައި ނައިރާ ހުރީއެވެ.
” ނައިރާ! ކީއްވީ އެރޭ؟” ނައިރާގެ މޫނުގައި ދެއަތުންހިފައި އިސްއުފުލާލަމުން ޒާން އަހާލީ ބާރަށެވެ. ނައިރާ ޖެހިލުންކޮށްލާ ރާގެއްގައެވެ.
” ނުވެއޭ ކަމެއް.. ދެން ހިނގާބަ ދާންދޯ. ވިއްސާރަ އަންނަނީނު..” ނައިރާ އަވަސްއަވަހަށް ކުރިޔަށް ހިނގައިގަތެވެ.
” ދެން ނިމުނީ އެކަނި ބޭރަށް އައުން އެހެންމަ..” ފަހަތުން އައިސް ނައިރާގެ ކުރިމައްޗަށް ހުއްޓުނު ޒާންގެ ލޮލުން ފެންނަނީ ހިތްހަމަނުޖެހުމުގެ ކުލަވަރެވެ.
” ޒާންއަކަށް ތިއެއް ނުނިންމޭނެ ދޯ.. ” ޖެހިލުންވެހުރެ ނައިރާ ބުންޏެވެ.
” ނިމިފަ އެކަމު މިއޮތީ މިފަހަރު” ރުޅިއައިސްގެން ހުރެ ނައިރާގެ އަތުގައި ހިފައިގެން ޒާން ހިނގައިގަތެވެ. ސައިކަލާ ހަމައަށް ދެވުމުން ނައިރާ އަތް ފޮޅުވާލިއެވެ.
” ޒާން އަބަދުވެސް ނައިރާދެކެ ރުޅި އައިސް ހުންނާނި..ތިން އަހަރު ފަހުން ނައިރާ ފެނުނީމަވެސް ހަމަ ރުޅި އަންނާނެ ސަބަބެއް ތިހޯދީ.. ނައިރާއަށް ކީއްތަ ކުރެވުނީ؟” ދެރަވެލައިފައި ނައިރާ ވާހަކަދެއްކިއެވެ. ނައިރާ ދެރަވާކަށް ޒާން ނޭދެއެވެ. އެހެނަސް އެސުވާލުގެ ޖަވާބުވެސް އެވަގުތު ދެވޭކަށްނެތެވެ.
” ސޮރީ..އެހެންނެއް ނޫނޭ..ނައިރާއަށް ބަލާނެކަން އެނގޭނު.. ދެން ހިނގާ ގެއަށް ދާން މިރޭ. މާލަސްވެއްޖެ މިހާރު” ނައިރާ ހަމަޖައްސައިލުމަށް ޒާން ބުންޏެވެ.
ޒާންއާއި އެކުގައި ސައިކަލުގައި އިންއިރު ނައިރާއަށް ދުވަމުން ދިޔައީ އެ ހިތްގައިމު ސެންޓުގެ ވަހެވެ. ނޭނގިވިޔަސް ނައިރާއަށް ހިނިތުންވެލެވުނެވެ. ސައިކަލުގެ ބިއްލޫރިގަނޑުން ފަހަތުގައި އިން ނައިރާގެ ފުރިހަމަ ސޫރައަށް ބަލައިލަމުން ޒާންވެސް ސިއްރުން ހިނިތުންވެލައިފިއެވެ.
ނައިރާ ގެއަށް ގެންގޮސްދިނުމަށްފަހުގައި ގޭތެރެއަށް ވަންނަންދެންވެސް އެކުގައި ޒާން އައެވެ.
” ތެންކިޔޫ ގެނެސްދިނީމަ..” ޒާންއަށް ބަލައިލަމުން ނައިރާ ބުނެލިއެވެ.
” އެރޭ އަސްލުވެސް އެއްވެސް ކަމެއް ނުވޭތަ؟ ވިއްޔާ ބުނޭ ތެދަށް” ޒާން އަނެއްކާވެސް އެއްސެވެ.
” ނުވެއޭ..އެއީ ހީވިގޮތް ކަންނޭނގެ..” ނައިރާ އެހެންބުނުމުން އިތުރަކަށް ޒާން ނާހައެވެ.
ނައިރާ ކޮޓަރިޔަށް ދިއުމުގެ ކުރިން މަންމަގެ ހާލު ބަލައިލާނަމޭ ހިތާ ދިޔައެވެ. އޭރު ހާމިދާ ހަމަޖެހިލައިގެން ސިޓިންރޫމުގައި ޓީވީއިން އަންނަ ސީރީޒްއެއް ބަލަން އިނެވެ. ކައިރީގައި ސޯފާއަށް ވެއްޓިގަނެގެން ފޯނާކުޅެން ނައުފަލް އޮތެވެ.
” މަންމަ ބައްޔެއް ނޫންތަ؟” ހައިރާންވެފައި ނައިރާ އަހާލިއެވެ.
” މަންމަ ހަމަ ބަރާބަރު..ކިހިނެއްވީ؟” ސުވާލުގެ ނަޒަރަކުން ހާމިދާ ބަލައިލިއެވެ. ސޯފާގައި އޮތް ނައުފަލް ކޮށިއެރިއެވެ.
” ކުރާނެ ކަމެއް ނެތިގެންތަ؟” ނައުފަލްގެ އިސްތަށިގަނޑުގައި ހިފައި ދަމާގަންނަމުން ނައިރާ ބުނެލީ ބާރަށެވެ.
ހެމުންހެމުން، ނައިރާގެ އަތްދަށުން ވީއްލިގެން ނައުފަލްގޮސް ކޮޓަރިއަށްވަނެވެ.
މެންދަމުގެ ވަގުތެވެ. ނިދި ނައިސްގެން ގޯތިތެރެޔަށް ނިކުމެ ހުރި ނައިރާ އުޑަށް ބަލައިލިއެވެ. ގޯތިތެރޭގައި ހުރި ޖޯލީގައި އޮށޯވެލިތަނާ ނޭފަތުގައި ޖެހުނީ ސިނގިރޭޓުދުމުގެ ވަހެވެ. ހިތްބިރުގަނެފައިވީ ނަމަވެސް އެއީ ކިހިނެއްވާ ކަމެއްތޯ ހޯދުމުގެ ޝައުގުގައި ގޭޓުން ބޭރަށް ނިކުމެއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Wow MA V reethi ❤️
Mi hisaabah gossa nimaaleema kehtherikan kolhun laifi 🤭
Sheex ah heevanee zaan hen smoke kuranee 🥺
I rlly hate the plp who smokes 🚭
I rlly can’t wait to read the next part 🤗
Tc 💛
Zaan thoa balamaa🤣
Thankoo lots of love😘🥰
Vvv. Interesting ❤️❤️
Waiting for the next part
Thankooo lots of love❤️ 🥰
Need next part asap 😭❤️
Thankooo lots of love 😘❤️
Ur waiting is over dont cry