ޔަޝާ-3
ޑޮކްޓަރުގެ ހުއްދަ ލިބުމާއެކު އަޒާން ޔަޝާ ބޭރަށް ފުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސިއެވެ. އަޒާން ނިންމީ ޒަކީއާ މޫނިސާއެކު ޔަޝާ ގޮވައިގެން ބޭރަށް ފުރުމަށެވެ. ޑޮކްޓަރާއި ވާހަކަދެއްކުމަށްފަހު އަޒާން ދިޔައީ ޒަކީމެން ގާތަށް ކެންޓީނަށެވެ.
“ދަރިފުޅާ އަޒާން.. ޒަކީބެއަށް އެކަނި މެނޭޖުވާނެއޭ. ވިޔަފާރި ބަލަހައްޓަން މިދުވަސްކޮޅު ދަރިފުޅު ހުރުން މުހިއްމު ކަންނޭނގެ.މޫނިސާގެ ހާލުވެސް މަޑުމަޑުން ރަނގަޅު ވަމުން އެދަނީ މިހާރު. ދަރިފުޅު ހުރިހާ ހަރަދެއްވެސް ތިކުރީ ޒަކީބެ އަށް އަންގާނުލާ”ޒަކީ އިނީ ފެންކަޅިވެފައެވެ.
“ޒަކީބޭ! ހަމަ އެހާ އަޅުގަނޑު ދުރުކޮށްލީތަ؟ ގައިމު މިއަދު ބުނި އަޅުގަނޑަކީ ޒަކީބެ ދަރިއެކޭ. ޔަޝާއަކީ އަޅުގަނޑުގެ ބެސްޓްފުރެންޑް. ޔަޝާއަށް ދެރަ ގޮތެއް ވާކަށް އަޅުގަނޑު ނޭދެން. އަޅުގަނޑު ހުމެއް އަޔަސް ޔަޝާ އުޅޭ ގޮތް ޒަކީބެ އަށް އިނގޭނެ. އަޅުގަނޑުވެސް ބޭނުން ޔަޝާއަށް އެހީވާން. އެންމެ ގާތުގައި ހުންނަން އަބަދުވެސް. ޒަކީބެ ހާސްނުވޭ. ބައްޕަ ހުންނާނެ. ވިޔަފާރި ކަންތައްތައް ބަލަހައްޓާނެ.” އަޒާން ގަދަކަމުން ހީލީ އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ފޮރުވުމަށެވެ.
“އަޒާން އެ ބުނީ ތެދެއްް ޒަކީ! އަހަރެން މިހިރީނު ވިޔަފާރި ބަލަހައްޓަން. އެހާ ދުރުނުކޮށްލާ. ޔަޝާއަކީ އަހަރެމެންގެ ވެސް ދަރިއެއްފަދަ ކުއްޖެއް. އޭނާއަކީ ޖަވާހިރެއް ހަމަ. އެ ދަރިއެއް ދެރަގޮތެއް ވާކަށް އެއްވެސް މީހަކު ނޭދެނެ.” އިލްޔާސް ޒަކީގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.
…
ޔަޝާ އޮތީ އަދިވެސް ވެންޓިލޭޓަރުގައެވެ. އަޒާން ޔަޝާ އޮތް ކޮޓަރީގެ ބޭރުން ބަލަން ހުއްޓެވެ. އަޒާންގެ ހަނދާނަށް އަންނަނީ ޔަޝާގެ ރީތި ހިނިތުންވުމެވެ. އަޒާންއާއެކު ހޭދަކުރި ވަގުތުތަކެވެ. އެންމެ ކުޑައިރުއްސުރެ ޔަޝާއާ އަޒާންއާ ދެމެދު އޮންނަނީ ގާތް ގުޅުމެކެވެ. ލޯބި ހުށަހަޅަން އަޒާން އަށް ނުކެރެނީއެވެ. އަޒާންގެ އާއިލާއިންވެސް ޔަޝާއާ އަޒާންއާ ދެމެދު ފޮނި އުއްމީދުކުރެއެވެ.ނަމަވެސް އަޒާން ފަސްޖެހެނީ ދުވަހަކުވެސް ޔަޝާ އެކަހަލަ ވާހަކައެއް ނުދައްކާތީއެވެ. ޔަޝާ އެންމެ ކުޑައިރުއްސުރެ ބުނެއެވެ. މާސްޓާރސް ކިޔަވައި ނިންމުމަށްފަހު ނޫނީ މީހަކާ ރައްޓެހިވެސް ނުވާނަމެވެ. އަޒާން ވެސް ޔަޝާގެ އެ ނިންމުމަށް
އިހުތިރާމުކުރެއެވެ. ކިޔެވުމުގެ ހުރިހާ ކަމެއްގައި ވެސް އެންމެ ގާތުން އަޒާން ޔަޝާއަށް އެހީވެދެއެވެ.
“އަޒާން!” އަޒާން ދިޔައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ.” ރަވީ؟ އަދިވެސް މިތާގައި؟” ރަވީ ޖަވާބުދިނެވެ. “މިތާ ކައިރިން ދަމުން ހިތަށް އެރީ އަޒާން ކޮބައިތޯ ބަލާލާނީއޭ! ކޮފީއެއް ބޯން ދާނަން.؟ އަޒާން ހިނދުކޮޅަކަށްވެސް ޔަޝާ ނުފެންނަ ހިސާބަކަށް ދާން ބޭނުމެއް ނުވިއެވެ.
ރަވީ ވަރަށް ކިޔައިގެން އަޒާން ކެންޓީނާއާ ހަމައަށް ދާން އެއްބަސްވިއެވެ. “ކޮން އިރަކުން ފުރުން އޮތީ؟ ރަވީ ސުވާލުކުރިއެވެ. އަޒާންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މޮޅިވެރިކަމެވެ. ފުންނޭވާ އެއް ލުމަށްފަހު ޖަވާބުދިނެވެ. “ހެނދުނު 09:00 ޖަހާއިރު. އަހަރެން ހަޔާތުގައިވެސް މިހާ ހިތްދައްޗެއް ނުވޭ. އަހަރެންނަށް އަބަދުވެސް އެންމެ ހިތްވަރުދޭ އެންމެ ގާތް އެކުވެރިޔާ އެ ދަނީ މަރާ ހަނގުރާމަކުރަމުން.. ”
ރަވީ އަޒާންގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ. ” އަޒާން! ކަލޭ ނުބުންޏަސް މަށަށް އިނގޭ ކަލޭ ޔަޝާ ދެކެ ލޯބިވާ ވަރު. ތި ދެލޮލުން އެބަ ފެނޭ ސާފުކޮށް. އަބަދުވެސް ފެނޭ ޔަޝާއަށް އޮންނަ ލޯބި.އެކަމަކު ހިތްވަރު ކުރޭ އަޒާން. އަޒާން ހިތްވަރުކުރަން ޖެހޭނެ މިދަނޑިވަޅުގައި، ޒަކީބެ އާއި މޫނިސާއްތަ ވެސް ބަލަން ހުރީ އަޒާން. ޔަޝާ ރަނގަޅުވާނެ އިންޝާ ﷲ! ކަލޭ ހައިރާނެއް ނުވޭތަ ޔަޝާ އޯވާރޑޯޒް ވިއޭ ބުނީމައި؟”
ރަވީ އަޒާން އާ ސުވާލުކުރިއެވެ. “އަހަރެން އެކަމާ ވިސްނާ ވިސްނާ ވެސް މޮޔަވޭ އެބަ ހުވާ ރަވީ! އެކަމަކު އެންމެ ފަހުން ޔަޝާއާ ދިމާވިއިރު ޔަޝާ ހުރީ ވަރަށް ފާޑަކަށް. ކޮންތަނަކަށް ހޭ އެހީމަ ބުނީ. މީހަކާ ބައްދަލު ކުރަންށޭ. މީހެއް ނުބުނޭ. މޫނުމަތިންވެސް ހާސްވެފައި ހުރިހެން ހީވި. ތަކުރާރުކޮށް އެހީމަ ވެސް ނުބުނި. ދެން މަ ވެސް މާ ބޮޑަށް އަޅާ ނުލީ. ޔަޝާ ވެސް މަށަށް އެއްވެސް ކަމެއް ސިއްރު ނުކުރާތީވެ. އޭގެ 3 ގަޑިއިރެއްހާ ފަހުން ޔަޝާ އެކްސިޑެންޓް ވި ހަބަރު ލިބުނީ.”
އަޒާންއަށް ވާހަަކަ ދައްކަން ވެސް އުނދަގޫވިއެވެ. ރަވީ އަޒާންއަށް ފެންތައްޓެއް ދިއްކޮށްލިއެވެ. ” ހަމަޖެހޭ އަޒާން. ހަގީގަތް ސިއްރެއް ނުވާނެ. މާދަމާ ދާނަން އިނގޭ އެއަރޕޯޓަށް. ގުޅާނަން.” ރަވީ ދިއުމުން އަޒާން ދިޔައީ ޔަޝާ އޮތް ރޫމް އާ ދިމާލަށެވެ.
—-
ގަޑިން ހެނދުނު 07 ޖެހީއެވެ. އަޒާން ފުރަން ތައްޔާރުވެގެން އައީ ހޮސްޕިޓަލްއަށެވެ. އަޒާންގެ ރީތި ދޮން މޫނުން ފެންނަނީ މޮޅިވެރިކަމެވެ. ނުނިދާ ހުރުމުން އަޒާންގެ ދެލޯ ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ. ހޮސްޕިޓަލުން ހުރިހާ އިންތިޒާމެއް ހަމަޖެހުމުން އަޒާން ، ޒަކީ މޫނިސާ އަދި ޔަޝާ އެމްބިއުލާންސްގައި އެއަރޕޯޓަށް ދިޔައެވެ، އެއަރޕޯޓަށް ދިޔައިރު އަޒާންގެ އާއިލާވެސް އެތަނުގައި ތިއްބެެވެ. ޔަޝާގެ ދެ ރައްޓެހި ކުއްޖެެއްގެ އިތުރުން ރަވީ ވެސް ހުއްޓެވެ.
އިލްޔާސް އަޒާންގެ ގައިގައި ބައްދާލިއެވެ. ” ދަރިފުޅާ! ޔަޝާ ރަނގަޅުކޮށްގެން އެނބުރި އާދޭ. ބައްޕަމެން މިތިބީ ދަރިފުޅާ ޔަޝާއާ އެކުގައި. ހިތްހެޔޮކުރާތި. ކޮންމެ ކަމެއް ބޭނުންވިއަސް ބައްޕައަށް ގުޅާތި. ހުރިހާ ކަމެއް ހަމަޖެހޭނެ އިންޝާ ﷲ.” އިލްޔާސް ދެއްކި ވާހަކައިން އަޒާން އަށް ހިތްވަރެއް ލިބުނެވެ. އެންމެނާއި ސަލާމް ކުރުމަށްފަހު އަޒާން މެން ފުރީ، ޔަޝާ ރަނގަޅުކުރުމުގެ އުއްމީދުގައެވެ.
އެކަމަކު އަޒާންގެ ހިތުގައި އޮތް ސުވާލުގެ ސަބަބުން އަޒާން އަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވެއެވެ. “ޔަޝާއަށް މީހަކު ގަސްތު ޑްރަގު ދިނީބާއެވެ؟ ޔަޝާ އެވަރުގެ ކަމެއް ކުރާނެބާއެވެ.؟ ނޫނެކެވެ.”
2 Comments!
Comments are closed.

When next?
Varahithaaamaveri