ގާތުގާ…
ޗެޕްޓާ 1
ޒާނާ
ރީތި އެތަކެއް ކުލަތަކަކުން އުޑުމަތި ޖަރީ ކުރަމުންދަނީ އިރުއޮއްސުމުގެ ނިސާނެއްގެ ގޮތުންނެވެ. އިރު އޭގެ ޒިންމާ އަދާކުރުމަށްފަހު ރޭގަނޑުގެ ރާނީއަށް ތަންދެމުން ވަކިވެލަނީއެވެ. އުދަރެހުން އެދައްކާ ކުލަތަކަށް ގެއްލިފާ އަހަރެން އޮތީމެވެ. އެފަދަ ރީތި ކުލަތަކެއް އަހަރެންގެ ހަޔާތުގައިވެސް ވީނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. އެފަދައިން ކަންތައް ވީނަމަ އަހަރެން މިއަދު މިވަގުތު ހޮސްޕިޓަލުގެ މި އެނދުގައި އޮންނާކަށް ނުޖެހުނީހެވެ. ފިރިއެއްގެ ފަރާތުން ލިބެންވީ ހިމާޔަތާއި ރައްކާތެރިކަން ލިބުނުނަމަ އަހަރެން ހަޔާތް އުޖާލާ ކުރެވުނީހެވެ.ހަޔާތުގެ ބައިވެރިޔާ ކިބައިން އިހުލާސްތެރިކަމާއި ތެދުވެރިކަމުގެ ޛައްރެއްގެ މިންވަރު ލިބުނު ނަމަވެސް އަހަރެންނަށް އެހަނދާންތަކާއި އެކުވެސް ދިރިހުރެވުނީހެވެ.
އަތަށް ގުޅާފައިވާ އައިވީ ފުޅިއަށް ބަލާލަމުން އަހަރެން ލޯމަރާލީމެވެ. އޮހިގަންނަން ތައްޔާރަށްހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އަހަރެންގެ ކޯތާފަތް މައްޗަށް އޮހިގަތެވެ. އެތަކެއް ދުވަސްތަކެއް ވާންދެން ހިފެހެއްޓި ކަރުނައާއި ސިއްރުކުރި ވޭނާ ހިތާމަތަކަށް ކެތްކުރަން ދަތިވީ އެހިނދުކޮޅުއެވެ. ހިތް ފުރޭންދެން ރޯލުމުން ހިތަށް ލުޔެއް ލިބިދާނެކަން ވިސްނުނު ވަގުތުކޮޅަކީ އެއީއެވެ.
ބައެއް ފަހަރު އަހަރެން ހިތަށް އަރައެވެ. އަހަރެންނަށް މިހެން މިދިމާވީ ކީއްވެބާއެވެ؟ މިހުން ބުނެއެވެ. މައިންބަފައިން ދަރިންނަށް ދެރަވާނެ އެއްވެސް ނިންމުމެއް ނުނިއްމާނެއެވެ. އެކަމަކު ކޮންމެ ފަހަރަކު މައިންބަފައިން ދަރިންނަށްޓަކައި ނިއްމާ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެއެވެ. އެހެން ނޫންނަމަ އަހަރެންނަކަށް މިހެންނެއް ނުވީސް ކަންނޭނގެއެވެ.
އަތުގެ ކުޑާހުޅުގައި ނޫފައިގަނެފައި ހުރި ތަންތަނުގައި އަހަރެން އަތްޖައްސާލީމެވެ. އަދި ލޯގަޑުން އަހަރެންގެ ނިއްކުރި ފަޅައިގެން ގޮއްސަ ހުރިތަން ތަނަށް ނަޒަރެއް ދިނީމެވެ. ރޮއެރޮއެ ރަތްވެފައިވާކަން ދެލޮލާ ނޭފަތުން ހެކިދެއެވެ. މޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ. އެދެލޮލުގައިވީ ދިރުން ގެއްލުނުތާ ކޮންދުވަހެއް ހެއްޔެވެ؟ ލޮލާ ހަމައަށް ފޯރާ ވަރަށޤ ހިނިތުންވެލި ދުވަހެއް އަހަރެން ހަނދާންވެސް ނެތެވެ.
މޫނުދޮވެލައިގެން އަހަރެން ފާހަނައިން ނިކުތްއިރު ޖަނާ އައިސް އިނެވެ. އޭނާއެއައީ ވީގޮތް އެނގިގެންކަން އަހަރެންނަށް އެނގެއެވެ. މިއީ އޭނާއަށް ވެސް އާކަމެއް ނޫނެވެ. ޖަނާގެ މޫނު މަތިންވެސް މާޔޫސްކަން ފާޅޫވެއެވެ. އަހަރެންނާ ދޭތެރެ ހަމްދަރުދީ ފާޅުވާކަން އެނގެއެވެ. ޖަނާއާއިއެކު އަހަރެންގެ މަންމަވެސް އައިސް ހުއްޓެވެ. މަންމަ އެއައީ ކާއެއްޗެހި ހިފައިގެންނެވެ.
މަންމަ އަތުގައި ހުރި ކޮތަޅުން ތައްޓެއްނަގާ މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ކާން އައުމަށް ބުންޏެވެ. އަހަރެން މަޑުމަޑުން އައިސް އެނދުގައި އިށީނީމެވެ. އަދި ކެވޭތޯ މަސައްކަތް ކުރީމެވެ.
” މިއޮތީ ފޯމު…'” ޖަނާ އޭނާގެ ދަބަހުން ފޯމެއް ނަގާ ދައްކާލަމުން ބުންޏެވެ. އެއީ އަހަރެން ބުނެގެން ޖަނާ ގެނެސްދިން ވަރިއަށް އެދޭ ފޯމެކެވެ. ޖަނާ އައީވެސް ފޯމު ފުރައިގެންނެވެ. އަހަރެން ހަމައެކަނި ޖެހޭނީ ސޮއި ކޮށްލާށެވެ.
އަހަރެން ރުހާމުއާއި ވަކިވާން މި ނިއްމީ ވަރަށް ވިސްނާފައެވެ. އެތައް އަހަރުއަކެއް ވާންދެން އަހަރެން ވަރަށް ކެތްކޮއްފިންތާއެވެ. ރުހާމުގެ ފަރާތުން އެތަކެއް އަނިޔާތަކެއް އަހަރެންނަށް ލިބުނެވެ. ރުޅިއަންނަ ފަހަރަކު ވިއްޔާ އަނިޔާ ކޮއްލައެވެ. އަހަރެންގެ ފަރާތުން ގަދަކަމުން އުފާ ހޯދިއެވެ. އަދި އެވަރުން ނުވެގެން އަހަރެން ކުރިމަތީގައި ހިލޭ އަންހެން ގޮވައިގެން އުޅެން ފެށިއެވެ. އެހުރިހާ ކަމަށްވެސް އަހަރެން ކެތްކުރީމެވެ. އެކަމަކު އހަރެން ބަނޑުބޮޑުކަން އެނގުނު ދުވަހު އަހަރެންގެ ބަނޑުގައި މިއޮތީ އޭނާގެ ދަރިއެއް ނޫނޭ ބުނެ އަހަރެންގެ ބަނޑުގައި ފައިން ޖެހިއެވެ. ނަތީޖާއަކަށްވީ އަހަރެންގެ ދަރިފުޅު ބައިގެން ދިއުމެވެ. ރުހާމުއާއި ވަކިވާން އަހަރެން ނިއްމި ހިސާބަކީއެއީއެވެ. މަޖުބޫރަކުން ކުރި ކައިވެންޏަކަށް ވިޔަސް ކައިވެނި މަތީ ދެމިހުރުމަށް އަހަރެންނަށް ވަރަށް މަސަކަތް ކުރެވިއްޖެތާއެވެ. ހިތުގައި ބިރެއް އޮތްކަމުގައި ވިޔަސް އަހަރެން ގޮތެއް ނިންމީމެވެ.
އެކަމަކު އަހަރެންގެ ހިތުގައި އުފެދޭ އެއްސުވާލުވެއެވެ. ރުހާމު އަހަރެން ދޫކޮށްލާނެބާއެވެ. ދޫކޮށްނުލައިފި ނަމަ ދެން އަހަރެން ހަދާނީ ކިހިނެތްބާއެވެ. ރުހާމްއަކީ ފައިސާއާއި ނުފޫޒު އޮތް މީހެކެވެ. އޭނާއަށް ކަންކަން ކޮއްލާކާށް އެހާއުނދަގުގުލެއް ނުވާނެއެވެ.
އެހަރެން އެފޯމުގައި ސޮއިކުރީމެވެ. އަދި ޖަނާ ގާތު އެފޯމު ކޯޓަށް ލައިދިނުމަށް އެދުނީމެވެ.
“ދަރިފުޅާ…. ދަރިފުޅު ކޮންމެ ނިއްމުމެއް ނިންމިއަސް މަންމަ އަބަދުވެސް ހުންނާނީ ދަރިފުޅާ އެކީގައި…” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
” ތިއެއް ނޫނޭ.. 3 މަސްފަހުން މެރީކުރާ ގޮތަށް ހަމަޖެހިއްޖެ. ފައިނަލް ވެއްޖެ މިހާރު…” މާހައުލަށް ވެރިވި އުދާސްކަން ފިލުވާލުމަށް ޖަނާ މައުލޫ ބަދަލު ކޮށްލިއެވެ. ޖަނާއާއި އޭނާގެ ލޯބިވެރިޔާ ކައިވެނި ކުރަން އުޅެ ހަބަރުވީ އަހަރެންނަށް ވެސް އަހަރެންގެ އަމިއްލަ މިފުރުތަކުން ނިކުމެލަން ލިބުނު ފުރުސަތަކަށެވެ. ޖަނާ އޭނަގެ ޕުލޭންތައް ކިޔައިދޭން ފެށުމުން އަހަރެންނަށް ވެސް ހަމަޖެހުމެއް ލިބިގެން ދިއައެވެ. ޖަނާ ކައިވެނި ކުރާ ދުވަސް އެއީ އަހަރެން ވަރަށް ދެކެން ބޭނުންވި ދުވަހެކެވެ. އެދުވަސް މާގިނަދުވަހެއް ނެތި ފެނިދާނެކަން އެނގުމުން އަހަރެން ވަރަށް އުފާވިއެވެ.
ރޭގަނޑު އަހަރެންގެ ކައިރީގައި ޖަނާ މަޑުކުރާނެ ވާހަކަ ބުނުމުން މަންމަވެސް ގެއަށް ދިއައީ ހެނދުނު އަންނާނެ ވާހަކަ ބުނެފައެވެ. މަންމަ ދިއުމާއެކު ޖަނާގެ ސުވާލުތައް އޮހިގަތެވެ. ހީވީ މަންމަ ދާނެ ދަނޑިވަޅަކަށް ބަލަބަލާ އިންހެނެވެ.
“ރުހާމު ކިހިނެތްހެދީ މިފަހަރު؟ ބޭބީ އެބޯޓު ވީތަ ހަމަ؟” ވަރަށް ދެރަވެލާފައި ޖަނާ އަހާލިއެވެ.
” ރުހާމު ބުނީ އޭނާގެ ދަރިއެއް ނޫނޯ މިއީ. އެކަމަކު އަހަރެން ނޯންނާނެ ރުހާމް ނޯން މީހަކާއެކު އެކަހަލަ ގުޅުމެއް ބާއްވާފައެއް. ހީވަނީ ޝެލީނާ ދެއްކި ވާހަކައެއްހެން ދޭތެރެ ޖައްސަން. ދެން ހަމަ އަނިޔާފަށެއް ކޮށްލީ…..” އަހަރެންނަށް ރޯންފެށުނެވެ.
” އެކަމަކުވާ…. ބައެއް ފިރިހެނުންނަށް ކެރޭކަން ދޯ… ދެންހުއްޓާލާ ޒާނާ. އިރާދަކުރެވިއްޔާ ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނެ…” ޖަނާ ބުނެލިއެވެ.
” ހޮސްޕިޓަލުން ދޫކޮށްލީމަ ގެއަށްދޯ ދާނީ… އަހަރެންނަށް އޯކޭ އަހަރެން ގެއަށް ކުޑަ ދުވަސް ކޮޅަކަށް ބަދަލު ވެލިޔަސް…. އޭރުން ޒާނާ ތަންކޮޅެއް ހިތްހަމަ ޖެހޭނެ ކަންނޭނގެ…” ޖަނާ ބުނެލިއެވެ.
” މަންމަ ގެއަށް ދާނީ” އަހަރެން ބުނެލީމެވެ.
” އޯކޭ… ދެން ނިދާލަން ވީނުން….އަހަރެން އިންނާނަން ޒާނާ ކައިރީގަ. ” އަހަރެން ހިތްހަމަ ޖައްސައި ދެވޭތޯ ޖަނާ ވަރަށް ވާހަކަ ދެއްކިއެވެ. އަހަރެންވެސް ވެފައި ހުރި ވަރުބައްޔާއެކު އޮށޯވެލީމެވެ. އިސާހިތަކު ނިދި ދެލޮލަށް ސަވާރުވާން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


Loved this part ❤️
Waiting for next part
In Sha Allah soon💖
V salhi
Mee series story eh tha..?
Thankx..
Yes next part v avahah genesdheynan insha allah❤️🫰🏻
Loved this part! ❤️
Waiting for next part ingey .
Loved the ibaaraiy kurun keep it up ❤️❤️
Thankiu dear🫰🏻🧡
Gurll eh tha Anaq
Yeah🙂