ސަޖިދަ
ކޮންމެ ދުވަހަކު 5 ފަހަރު ބަންގީގެ މޫރިތި ކަލިމަތައް އަޅުގަނޑުމެން އެންމެނަށްވެސް އިވެޔެވެ. ބަންގީގެ އަޑު އިވެނީ އަޅުގަނޑުމެން ކޮންމެވެސް ކަމެއް ކުރުމައިގެން ބިޒީ ވެފައި ތިއްބައެވެ. އެކަމުގެ ސަބަބުން އަޅުގަނޑުމެނަށް ނަމާދު ލަސް ކުރެވެޔެވެ. ނަމަވެސް އެހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ މަރުވެ ދިޔުމުން އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެނަށް ކުރެވޭނޭ ސުވާލަކީ ނަމާދުގެ ވާހަކައެވެ. މިދައްކަނީ އެހެން ކަމެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ އަޅުގަނޑުމެން އުފެއްދެވި ފަރާތާއި ދުނިޔެމަތީގައި ކުރިމަތި ލުމަށް ދާން ޖެހޭ ތަނަށް ދާވާހަކައެވެ. އެތަނަށް ދިޔުމަށް އަޅުގަނޑުމެން “ބިޒީ” ވާންވީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ވަގުތު އުފެއްދެވީ ވެސް ހަމަ އެ އިލާހެވެ.
އަހަރެންގެ އުމުރުން މިހާރު 25 އަހަރެވެ. އަހަރެންނަކީ އެކަނިވެރި ބަފައެކެވެ. އަހަރެންނަކީ އެކަނިވެރިއެކެވެ. އަހަރެންގެ ހުރި ހަމައެކަނި މީހަކީ އުމުރުން އެންމެ 5 އަހަރުގެ އަހަރެންގެ ދަރިފުޅު ޔާޝާއެވެ. އަހަރެންގެ އަނބިމީހާ ސާޔާ ވަނީ މީގެ 5 އަހަރު ކުރިން ނިޔާވެފައެވެ. އޭރު ޔާޝާގެ އުމުރުން އެންމެ 6 މަހެވެ.
ސާޔާ ވަކިވެ ދިޔަ ހިސާބުން އެކި އެކި މީހުންގެ ހަމްދަރުދީ އަހަރެންނަށާއި ޔާޝާއަށް ލިބުނެވެ. އެކަމަށް އަހަރެން މާތް ﷲ އަށް ހަމްދު ކުރަމެވެ. ނަމަވެސް އަހަރެންގެ ހަޔާތުން ސާޔާ ބީވެ ދިޔަނަމަވެސް، ސާޔާ އެދިޔައީ ހަނދާނުން ނުފިލާނޭ ވަރުގެ ފިލާވަޅެއް އަހަރެންނަށް ދަސްކޮށްދީފައެވެ.
***5 އަހަރު ކުރިން***
ޑިއުޓީ ނިންމާފައި ގެއަށް އައި އަހަރެން ހުރީ ތައްޔާރުވެގެންނެވެ. ދުވަހަކީ ޔާޝާއަށް 6 މަސް ފުރުމުން އާއިލާ އެކުގައި ފޮޓޯ ނަގަން ދާން ރޭވިފައި އޮތް ދުވަހެވެ. ޔާޝާއަށް މަހެއް ފުރުމުން ކޮންމެ މަހަކުވެސް އަހަރެމެން ފޮޓޯ ނަގަން ދަމެވެ. އިއްޔެއެއީ ޔާޝާއަށް 6 މަސް ފުރުން ދުވަހެވެ. މިއަދު މިދަނީ އެކަމުގެ މުނާސަބަތުގައި ފޮޓޯ ނަގާށެވެ.
ކޮޓަރިއަށް ވައިން އިރު ޔާޝާ އޮތީ އެނދުގައެވެ. ނޫކުލައިގެ ކުޑަ ހެދުން ކޮޅެއް ލައްވާލާފައި އޮތް އިރު ނޫކުލައިގެ މަލެއް އިން ބޭންޑެއް އަޅުވާލާފައި ވިއެވެ. ކަކުލާއި ހަމައަށް އަރާވަރުގެ އިސްޓާކީނެއް އަރުވާފައި ވީއިރު މައުސޫމް ކަމުގެ އިންތިހާއެވެ. ދެއަތް އަނގައަށް ލައިގެން އޮތް އިރު ލޯބިން ހިތް ފުރޭހާ ލޯތްބެވެ.
“ސާޔާ؟ އަދިވެސް ނުނިމެނީ؟” ދަބަސް ބާއްވާފައި އަހަރެން ޔާޝާ އުރާލީމެވެ. ސާޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. އޭރު ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑު އިވެމުން ދިޔައެވެ. ނަމަވެސް އެޔަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. އިރުކޮޅަކުން ސާޔާ ފާހާނާއިން ނިކުތެވެ. ސާޔާ ހުރި ގޮތުން އެނިކުތީ ވުޟޫކޮށްގެން ކަން އަހަރެންނަށް އެނގުނެވެ. “ތިޔޯ؟”
“ނަމާދު ކުރަންށެއްނުން؟ ޔަޝަމް ވެސް ދާންވީނުން މިސްކިތައް؟ ނޫނީ އާދޭ މަށާއި އެކު ނަމާދު ކުރަން” ތުވާލި ނަގާ މޫނާއި އަތާ ފައި ފުހެލަމުން ސާޔާ ވާހަކަ ދެއްކިއެވެ. “ދެން ސާޔާއަށްވާ ސާބަސް. ބަލާލަ މިހާރު ގަޑި. އަހަރެން ފޮޓޯ ނަގާ މީހަ ގާތުގަ ބުނިން 4 ޖަހާ އިރު އަހަރެމެން ތިބޭނީ އެތަނުގައޭ. މިހާރު އެޔޮށް 45 3 ވީ” އަހަރެން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ.
“ޔަޝަމް. މިދުވަސްކޮޅު ބަންގި ގޮވާލެއް ލަސްކަން ވެސް ޔަޝަމްއަށް އިނގޭނެ ގައިމު. ކީއްކުރަން އެހެން ބުނީ؟” ސާޔާ ވެސް ހިތްހަމަ ނުޖެހުނެވެ. “ނޭނގެ މަށަކަށް. 30 5 ވާއިރަށް ޔާޝާ އެތެރެއަށް ވައްދަން ޖެހޭނެ ގައިމު. އައިއްސަވެސް ހަމަ ނަމާދު ކުރެވިދާނެ ދޯ؟” މިހާރު އަހަރެން ހަމަ ރަނގަޅަށް ވެސް ރުޅި އައިސްފިއެވެ.
“ޔަޝަމް. ހެޔޮނުވާނެ ނަމާދަށް ތިހާ ފަރުވާ ކުޑަ ކުރަން” ސާޔާ އެހެން ބުނެލި އިރަށް ބަންގީގެ ފަހު ކަލިމައިގެ އަޑު އިވުނެވެ. “މިދަނީ ނަމާދު ކޮށްލައިގެން” ސާޔާ އިތުރު އެއްޗެއް ނުބުނެ ނަމާދު ކުރަން ފެށިއެވެ. ހިތްހަމަ ނުޖެހިފައި އަހަރެން ޔާޝާ ގޮވައިގެން ކޮޓަރިން ނިކުތީމެވެ.
4 ޖަހައިފިއެވެ. 15 4 ވެސް ވެއްޖެއެވެ. އަދިވެސް ސާޔާގެ ހަބަރެއް ނެތެވެ. އަހަރެން ހިތްހަމަ ނުޖެހުނެވެ. ރުޅިއައެވެ. ޔާޝާ ގޮވައިގެން އަހަރެން ކޮޓަރިއަށް ވައިން އިރު ސާޔާ އޮތީ މުސައްލަ މަތީގައެވެ. ސަޖިދައިގައެވެ. “ޕިސް. މިއޮތީ ފޮޓޯ ނަގަން ދެވިފައޭ” ހިތްހަމަ ނުޖެހިފައި އަހަރެން ބުނީމެވެ. އަދި ޔާޝާ އެނދުގައި ބާއްވާލަމުން އެނދުގައި އިށީނދެލީމެވެ.
އެގޮތުގައި 10 މިނިޓް ފާއިތު ވެއްޖެއެވެ. އަދިވެސް ސާޔާ އޮތްގޮތަށް އޮތެވެ. މިހާރު އަހަރެން ބިރުގަންނަން ފަށައިފިއެވެ. އަހަރެން މަޑުމަޑުން އެނދުން ތެދުވީމެވެ. ސާޔާ ގާތުގައި އިށީނީމެވެ. “ސާޔާ؟…” އަހަރެން މަޑުމަޑުން ގޮވާލީމެވެ. ސާޔާގެ އެއްވެސް ޙަބަރެއް ނުވިއެވެ. އަހަރެން މަޑުމަޑުން ސާޔާގެ އަތުގައި ކޮއްޓާލީމެވެ. ވަގުތުން ކަނޑާ ވައްޓާލި ރުކެއް ފަދައިން ސާޔާގެ ހަށިގަނޑު ވެއްޓުނެވެ. “ސާޔާ!!!”
***
ސާޔާގެ ހަށިގަނޑުގައި ފުރާނަ ނެތްކަން ދެނެގަންނާކަށް މާ ގިނަ އިރެއް ނުނެގިއެވެ. އަހަރެންނަކީ ކުޑައިރުން ސުރެވެސް ނަމާދަށް ފަރުވާ ކުޑަ ކުރި މީހެކެވެ. ނަމަވެސް ސާޔާ ތަފާތެވެ. ސާޔާ އަބަދުވެސް ވަގުތުގައި ނަމާދު ކުރާނެޔެވެ. އެކަމުގެ ހެޔޮ ނަތީޖާ އަހަރެންނަށް އެދުވަހު އެފެނުނީއެވެ. ވިސްނާލަބަލާށެވެ. ސާޔާ އަހަރެން ބުނި ބަސް އަހައިގެން ނަމާދު ނުކޮށް ދިޔަ ނަމަ، އެފަދަ ހެޔޮ މަރަކުން އޭނާ މަރެއް ނުވީހެވެ. ސާޔާ ކިހާ ނަސީބު ގަދަ ހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. އެދުވަހަށް ފަހު އަހަރެން ނަމާދެއް ނާޅަމެވެ. ޖަމާއަތުގައި ހުރިހާ ނަމާދެއް ކުރަމެވެ. ސުންނަތް ނަމާދު ކުރަމެވެ. އިރާދަ ކުރެއްވިއްޔާ އަހަރެން ޔާޝާ ބޮޑު ކުރާނީވެސް ހަމަ މިގޮތުގައެވެ.
(ނިމުނީ)
ކިޔުންތެރިންނޭ. މިއީ އަޅުގަނޑުމެންގެ ތެރޭގައި ކިހާ އާއްމު ވެފައި އޮތް ކަމެއް ހެއްޔެވެ؟ އެންމެ ފަހު ކަމަކަށް ނަމާދު ވަނީ ކީއްވެގެން ހެއްޔެވެ؟ އެހެން ވާންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ ވަގުތު އުފެއްދެވީ މާތް ﷲ އެވެ. އެހެން ކަމުން އެއިލާހަށް އަޅުކަން ކުރުމަށް އަޅުގަނޑުމެން “ބިޒީ” ވާން ވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ 2026/1447 ވަނަ އަހަރުގެ މި ރަމަޟާން މަހުގެ ގޯލް އަކީ ވަގުތުގައި ނަމާދު ކުރުން ކަމުގައި ހަދަމާ ހިނގާށެވެ. ނަމާދު ކުރަން ޖެހޭނީ ވަގުތު ލިބުމުންނެއް ނޫނެވެ. ވަގުތު ހޯދައިގެންނެވެ. ނަމާދު އެއީ އެންމެ ފަހުން ކުރަން ޖެހޭ ކަމެއް ކަމުގައި ނަހަދަމާ ހިނގާށެވެ. ވިސްނާލަބަލާށެވެ. ސާޔާގެ މަރުފަދަ މާތް މަރެއް ތިބާއަށް ވެސް ލިޔެވިފައި އޮވެދާނެއެވެ. ނަމަވެސް ނަމާދު ލަސްކޮއްފި ނަމަ އެ ނަސީބުން މަހުރޫމް ވެދާނެއެވެ. އާދޭހާއި އެކު ބުނަމެވެ. ނަމާދު ފަސް ނުކުރާށެވެ. 🫶🏻 މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ޙިޔާލީ ވާހަކައެކެވެ.
رمضان كريم ހުރިހާ ކިޔުންތެރިން…! 🫶🏻🫶🏻
4 Comments!
Comments are closed.







Ramadan Mubarak to you too shiherr
🩶
RAMADAN MUBARIK SHIERR!!
awn.. Haadha iburathun furigen vaa vhk ekey dhw!
Aslu ves that should be our main target!
Hope ur doing well!
Lysm darl💗
ramadan mubarak Your fav bab 🩶
yess asluvess.. i hope this story will change your life.. hope your doing well too.. lyt