Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ބޮޑުދައިތަ

mohamed neer Level 210 Stories100 Stories
July 10, 2013 4 Mins Read
4 Comments

ފެށުން
އަކުރަމްގެ އުމުރުން ނުވަ އަހަރުން ފެށިގެން އޭނާ ގެންގުޅެމުން ދިޔައީ އޭނާގެ ބައްޕަ ފަރާތު ބޮޑުދައިތަ ވާފިރާއެވެ. އަކުރަމްގެ ބައްޕަ އަލްހާނާއި އަކުރަމްގެ ބޮޑުދައިތަ ވާފިރާ ފިޔަވާ އެހެންކުއްޖެއް އެދެމީހުންގެ މައިންބަފައިންނަށް ލިބިފައެއްނުވެއެވެ. ވާފިރާގެ އުފަންދަރިންނެކޭއެއްފަދައިން އަކުރަމަށް ބޭނުންވާ ހުރިހާހިދުމަތެއް ވެސް ވާފިރާ ދެމުންދިޔައެވެ. އެހެންވެ އަކުރަމް ހުންނަނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.
އަކުރަމްގެ އުމުރުން ހަތްއަހަރުގައި އޭނާގެ ބައްޕަ އަލްހާން މިދުނިޔެއަށް އަލްވަދާއުކިޔެވެ. އެއާއެކުހެން އޭނާގެ މަންމަ ބާސިރާ އެހެން ކައިވެންޏެއްކުރިއެވެ. ރަށުންބޭރު މީހަކާއި ބާސިރާ ކުރި ކައިވެންޏާއިއެކު އޭނާގެ ފިރިމީހާ އަލީގެ ރަށަށް ދިރިއުޅުން ބަދަލުކުރިއެވެ.
ބާސިރާ ކައިރީ އަކުރަމް ބެހެއްޓުމަކީ އެއްގޮތަކަށް ވެސް އަލީ ހިތްހަމަޖެހޭކަމަކަށް ނުވިއެވެ. އެހެންވެ އަކުރަމްގެ ބޮޑުދައިތަ ވާފިރާގާތަށް އަކުރަމް ފޮނުވާލިއެވެ. އޭނާއަށް އެހެން ނުހެދުމަށާއި މަންމަގާތު ހުންނާން ބޭނުންކަމަށްބުނެ އަކުރަމް ކުރަމުންދިޔަ އާދޭހާއި ރޮމުން ދިޔަ ރުއިމަށް ބަލާކަށް ބާސިރާ ބޭނުމެއްނުވިއެވެ. އުފަންދަރިއަކަށްވުރެ ބޮޑަށް ބާސިރާއަށް މިއަދު މުހިންމުވީ އޭނާގެ ފިރިމީހާއެވެ.
ތަރިރުހަނދުގެ ދައުރުވުމާއި އެކުހެން ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައެވެ.
ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން އައިސް އެއްރެއެއްގެ މެންދަމުންއަލިވެ ތިނެއް ޖަހާކަން ހާއިރެވެ. ސިއްސައިގެން ގޮސް އަކުރަމަށް ހޭލެވުނީ ކޮންމެވެސް އެއްޗެއް އޭނާގެ ފައިގެ ކުޑަވާ އިނގިލީގައި ދަތްއެޅުމުންނެވެ. އަވަސް އަވަހަށް ތެޅިގަންނަމުން ފައި ހޫރާލި ނަމަވެސް ލުޔެއް ނުލިބުނެވެ.
އަކުރަމް އަވަސް އަވަހަށް ތެދުވެ ބަލާލިއިރު އޭނާގެ އިނިގިލީގައި ދަތްއަޅައިގެން އޮތީ މީދަލެކެވެ. ކުރިޔަށްވުރެ ބާރަށް އަކުރަމް ފައި ހޫރާލުމުން މީދާ ވިއްސައިގެން ގޮސް ފާރުގަ ޖެހިއްޖެއެވެ. އެހެނަސް މީދަލެއް އަނިޔާއެއް ވި ހެނެއް ހިޔެއްނުވެއެވެ.
ރުޅިވެރިކަމާއެކު އަކުރަމަށް ބަލަހައްޓައިގެން މީދާއޮތެވެ. އަކުރަމް ފައްސާލުމުންވެސް ދުރަކަށް ނުދިޔައެވެ. އެހެނަސް އަކުރަމް ތެދުވެ އެއާދިމާއަށް ދާންފެށުމުން ދުރަށް ޖެހުނެވެ.
އަކުރަމާއެކު ކޮޓަރީގައި ނިދާފައިއޮތް ކާސިމަކަށް އެއްވެސް ހިލަމެއް ނުވެއެވެ.
ކޮޓަރީގެ ހޮޅިބުރި ދިއްލުމަށްފަހު ފިހިގަނޑުނަގައި މީދަލައް ހަމަލާއެއް ދެވޭތޯ އަކުރަމް މަސައްކަތް ކުރިއެވެ. އެހެނަސް ވަރަށް ހުސިޔާރުކަމާއެކު އަކުރަމްގެ ހަމަލާއިން ރެކިގަނެގެން ފާރުންލާފައި މީދާ މައްޗަށް އެރިއެވެ. އަދި ރުޅިވެރިކަމާއެކު އަކުރަމަށް ބަލަހައްޓައިގެން ފައިދޮށްމަތީގަ މީދާއޮތެވެ. މީދާ ފައްސާލުމުގެ މަސައްކަތް އަކުރަމް ކުރާން ފެށުމުން މީދާ ހިނގައްޖެއެވެ.
މީދަލުގެ އުނދަގުލުން ސަލާމަތްވުމުން އަކުރަމަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެހެންވެ އަވަސް އަވަހަށް އެނދަށް އަރައި އޮށޯތެވެ. އެނދުގައި އޮށޯވެ ހަމަޖެހިލުމާއެކު އަކުރަމަށް ނިދިއްޖެއެވެ.
ނުހަނު އަރާމުގައި ނިދާލާފައިއޮތް އަކުރަމަށް އަނެއްކާވެސް ސިއްސައިގެން ގޮސް ހޭލެވުނީ އޭނާގެ ފައިގެ ކުޑަވާއިނގިލީގަ ކޮންމެވެސް އެއްޗެއް ދަތްއެޅުމުންނެވެ.
އަވަސް އަވަހަށް ފައިހޫރާލަމުން އަކުރަމް ތެދުވެ ބަލާލިއިރު އޭނާގެ ފައިގަ ދަތްއަޅައިގެން އޮތީ މީދަލެކެވެ. ދެވަނަފަހަރަށް، ކުރިޔަށްވުރެ ބާރަށް އަކުރަމް ފައި ހޫރާލުމުން މީދާ ވިއްސައިގެން ހިނގައްޖެއެވެ. އޭރު އަކުރަމްގެ އިނގިލިން ލޭ އޮހޮރެމުން ދިޔައެވެ.
އިނގިލީގަ ފޮތިކޮޅެއް އޮޅައި ލޭ މަނާކޮށްލުމަށްފަހު އަކުރަމް ބަލާލީ މީދާ ކޮބައިތޯއެވެ.
ރުޅިވެރިކަމާއެކު އަކުރަމަށް ބަލަހައްޓައިގެން އޮތް މީދާ ފެނުމާއެކު އަކުރަމްގެ ރުޅި ގަދަވިއެވެ. ކޮންމެގޮތަކުން ނަމަވެސް އެމީދާ މަރާލުމަށް ނިންމައި މަސައްކަތް ފެށިއެވެ. ކޮޓަރި ކުނިކަހާން ގެންގުޅޭ ފިހިގަނޑުގެ އިތުރުން ފާހާނާތެރޭގައިހުރި މޮޕް ވެސް ނެރުނެވެ.
މީދަލާއި ދިމާއަށް އަކުރަމް ހޫރާލި ފިހިގަނޑާއި މޮޕުން ސަލާމަތްވެގެން ފާރަށް އަރައިގެން ގޮސް މީދާ ފިލައިފިއެވެ.
އެމީދަލާމެދު ވިސްނާ ފިކުރުކޮށް އެމީދާ އަތުވެދާނެކަމަށް ބަލާލަ ބަލާލާ އަކުރަމް އޮތެވެ. އެކަމުގެ ސަބަބުން އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ.
އާދުވަހަކަށް އިރުއަރައި ރަށުތެރެއަށް ވެރިވެގެންދިޔަ އަލިކަމާއެކު ހަލަބޮލިކަން ވެސް ވެރިވާން ފެށިއެވެ.
އަކުރަމް އޭނާގެ އާދައިގެމަތިން ފެންވަރާ ތައްޔާރުވެގެން މަދަރުސާއަށް ދިއުމުގެކުރިން ސައިބޯން ދިޔައެވެ. އޭރު އައިނާ އާއި ކާސިމު ސައިބޯން ތިއްބެވެ.
ސައިބޯންތިބެ ވާހަކަދައްކަމުން ދިޔަދިއުމުގައި، އަކުރަމްގެ ސަބަބުން އޭނާއަށް ރޭގައި ރަނގަޅަށް ނުވެސް ނިދުނުކަމަށް ކާސިމު ބުންޏެވެ. އެކަމުގެ ސަބަބުން ވާފިރާ ހިތްހަމަނުޖެހުނުކަން އަކުރަމަށް ފާހަގަކުރެވުނެވެ. ހަމައެހެންމެ އެކަމާބެހޭގޮތުން އަކުރަމް ދެއްކި އެއްވެސް ވާހަކައެއް ވާފިރާ ގަބޫލެއް ނުކުރިއެވެ. އެކަމާ އަކުރަމް ވަރަށް ދެރަވިއެވެ. ހަމައެހެންމެ ވާފިރާ އާއި ކާސިމުގެ ކިބައިން މަޢާފަށް އެދުނެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ދުވާލުގެ އަލިކަން ފިލައި ރޭގަނޑުގެ އަނދިރިކަމަށް ތަން ދީފިއެވެ. އެއާއެކު މަޑުމަޑުން ރަށުތެރެއަށް ހަމަހިމޭންކަން ވެރިވާން ފެށިއެވެ.
މެންދަމުންއަލިވެ އެކެއްޖަހާކަން ހާއިރެވެ. ވަރަށް އަރާމުގައި ނިދާލާފައިއޮތް އަކުރަމަށް ހޭލެވުނީ ފައިގެ އިނގިއްޔަށް ތަދުވެގެންނެވެ. އެއާއެކު އަވަސް އަވަހަށް ފައިހޫރާލަމުން ލޯ ހުޅުވާލުމާއެކު އަކުރަމަށް ފެނުނީ އޭނާގެ ފައިގެއިނގިލީގަ ދަތް އަޅައިގެން އޮތް މީދަލެވެ. ވަމުންދިޔަ ތަދަށްވުރެބޮޑަށް އަކުރަމްގާތަށް ރުޅިއައެވެ.
އަވަސް އަވަހަށް ބާލީސްނަގައި މީދަލުގަ ޖެހުމާއެކުހެން މީދާ ވިއްސައިގެން ހިނގައްޖެއެވެ. އެއާއެކުފުންމައިގެން ކަހަލަ ގޮތަކަށް އަކުރަމް އެނދުން ފޭބިއެވެ. އަދި އެމީދަލައް އެއްވެސް ފުރުސަތެއްނުދީ ފިހިގަނޑުނަގައި މީދަލަށް ހަމަލާދިނުމުގެ މަސައްކަތް ފެށިއެވެ.
އަކުރަމްގެ އަތްދަށުން ސަލާމަތްވުމަށް މީދާ ތެޅިގަތްވަގުތު އަކުރަމް ހޫރާލި ފިހިގަނޑުން މީދަލުގެ ބުރަކަށިމަތީގަ ޖެހުނެވެ. އެއާއެކު މީދަލަށް ބަލިކަމެއް އައިކަން އަކުރަމަށް ފާހަގަކުރެވުނެވެ. ހަމައެހެންމެ އެމީދަލުގެ ނަގުލުގައި އައްސާފައިވާ ތަވީދެއް ކަހަލައެއްޗެއް ވެސް އަކުރަމަށް ފާހަގަ ކުރެވުނެވެ.
އެމީދާ އަކުރަމްގެ އަތްދަށުން ސަލާމަތްވެގެން ފާރަށް އަރައިގެން ގޮސް ފިލީއެވެ. ފެނުނު މަންޒަރުގެ ސަބަބުން އަކުރަމް ހުރީ ހައިރާންވެ ކަންބޮޑުވެފައެވެ. ހަމައެހެންމެ ހާސްވެ ސުވާލުއުފެދިފައެވެ. ކޮންމެ ވެސް ވަރަކަށް ބިރުވެސް ގަތެވެ.
ކޮޓަރިތެރޭގައި ހިނގާދިޔަ ކަންތަކުގެ ހިލަމެއް ވެސް ކާސިމަށް ނުވާކަހަލައެވެ.
ފެނުނު މަންޒަރުގެ ސަބަބުން ހިތަށާއި ސިކުނޑިއަށް ވެރިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން އަކުރަމަށް ނުވެސް ނިދުނެވެ.
ހެނދުނު ހަގަޑިތިރީސްކަން ހާއިރެވެ. އަކުރަމް މަދަރުސާއަށް ދާން ތައްޔާރުވެގެން ސައިބޯން ދިޔައިރު އައިނާ އާއި ކާސިމު ސައިބޯން ތިއްބެވެ. އެހެނަސް ވާފިރާ ފެންނާކަށް ނެތެވެ.
” އަމިއްލައަށް ސައި ތައްޔާރުކޮށްގެން ބޯލާ .. މަންމަ ވަރަށް ބަލި.” އަކުރަމް ކާގެއަށް ވަންނަމުން ކާގޭތެރެއަށް ނަޒަރުހިންގާލުމާއެކު އައިނާ ބުންޏެވެ.
އައިނާގެ އެޖުމްލައިން އަކުރަމަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. މީގެކުރިން ވާފިރާ ބަލިވެއްޖެނަމަ ނުވަތަ ކާގަޑީ ގޭގައި ނެތްނަމަ އޭނާއަށް ކާންހަދައިދީ ކަންތައްކޮށްދެނީ އައިނާއެވެ. އެހެނަސް މިއަދު އައިނާގެ ނިންމުން ވަރަށްސާފުކޮށް ވަރަށް އަވަހަށް އޭނާ އިއްވައިދީފިއެވެ.
އަކުރަމް ގަޑިބަލާލިއިރު އަމިއްލައަށް ސައިތައްޔާރުކޮށްގެން ސައިބޯގެން ދާކަށް ވަގުތެއް ނެތެވެ. އެހެންވެ ފެންފޮދެއް ބޯލައިގެން މަދަރުސާއަށް ދިޔައީއެވެ.
ކުލާހުގައި އިންއިރުވެސް އަކުރަމަށް ވިސްނެމުންދިޔައީ އިއްޔެހެނދުނު ކާސިމު ބުނި ޖުމްލައާއި އެކުހެން ކާސިމާއި އައިނާ، އަދި ވާފިރާ އަށް އައިސް ފައިވާ ބަދަލާމެދުގައެވެ. ހަމައެހެންމެ އޭނާއަށް ހަމަލާދިނުމަށް މަސައްކަތްކުރި މީދަލާއި އޭގެ ނަގުލުގައި އައްސާފައިވާ ތަވީދާމެދުގައެވެ. އެ ހުރިހާކަމެއް އެއްފަހަރާ ދިމާވުމުން އަކުރަމްގެ ހާސްކަމާއި ކަންބޮޑުވުން އަދި ނުތަނަވަސްކަން އިތުރުވެފައިވެއެވެ.
ވަގުތުތައް ފާއިތުވަމުން އައިސް މެންދުރުވަނީއެވެ. ވަމުންދިޔަ ކަންތަކާމެދު ވިސްނާ ފިކުރުކުރަމުން ގޮސް އަކުރަމްގެ ސިކުނޑިއަށް ކެތް ނުވީ ކަންނޭނގެއެވެ. އަކުރަމް އަނބުރައިގަނެގެން ގޮސް ވެއްޓުނީ ކުއްލިއަކަށެވެ.
ސިއްހީމަރުކަޒަށް ގެންގޮސް ޑޮކްޓަރުން ކުރިމަސައްކަތުން ދިހަވަރަކަށްމިނިޓްތެރޭގައި އަކުރަމްހޭއަރައިފިއެވެ. ހަމައެހެންމެ ކުޑައިރުކޮޅެއް ތެރޭގައި އަކުރަމް ކޮންމެވެސްވަރަކަށް ހަމައަކަށް އެޅިއްޖެއެވެ.
އަކުރަމް މުޅިން އޯކޭކަމަށް ޑޮކްޓަރުން ބުނި ޖުމްލައާ އެކުހެން، އަކުރަމް ބުނެލި ޖުމްލައިން އެންމެން ދިޔައީ ސިއްސައިގެންނެވެ. ހުއްޓުންއަރައި ބަސް ހުއްޓުނެވެ. ގަބޫލުކުރާން ދަތިގޮތަކަށް ދެއަތަށް ބޯހޫރާލި މީހުން ގިނައެވެ.
” އާދޭސްކޮށްފައި މިބުނަނީ …. ޑޮކްޓަރ އަހަރެންނަށް އެހީތެރިވެދީ …… އަހަރެންގެ ލޮލަކަށް އެއްވެސްވަރަކަށް ނުފެނޭ.” ފެންކަޅި ވެފައި އިނދެ ވަށައިގެން އަތް ހޫރަމުން އަކުރަމް އޭނާގެ ޖުމްލަ ތަކުރާރުކޮށްލިއެވެ.
އަކުރަމް ލޮލަށް ފެނުމުން މަހުރޫމުވުމުން އެންމެދެރަވެ ހިތާމަކުރި ބަޔަކީ އޭނާގެ ކުލާސްކުދިންނާއި އޭނާގެ ރައްޓެހިންނެވެ. ވާފިރާ އާއި އޭނާގެ ދެދަރިން ވެސް އެކަމާ ދެރަވެ ހިތާމަކުރާކަމަށް ބުންޏެވެ. ހަމައެހެންމެ ދެން އަކުރަމަށް އެއްވެސްތަނަކަށް ނުދެވޭނެކަމަށާއި ނުވެސް ކިޔެވޭނެކަމަށް ވެސް ބުންޏެވެ. އަދި ކުޑަކުއްޖެއްފަދައިން އަތުހިފައިގެން ކޮންމެކަމެއް ކޮށްނުދެވޭނެކަމަށްބުނާން ވެސް ފެށިއެވެ.
އަކުރަމްގެ ލޮލަށް ފެންނާނެކަމުގެ އުންމީދު ބޮޑުކަމަށާއި އަވަހަށް މާލެ ގޮސް ލޮލުގެ ޚާއްޞަޑޮކްޓަރަކަށް ދެއްކުމަށް ޑޮކްޓަރ ލަފާދިނެވެ. އެހެނަސް އެމީހުންނަށް އެކަން ކުރެވޭން ނެތްކަމަށް ވާފިރާ ބުންޏެވެ. އޭނާއަށް އެހީތެރިވެދިނުމަށާއި އޭނާގެ ލޯ ރަނގަޅުވުމުން ދައްތަމެން އެކަމަށްކުރާ ހުރިހާ ހަރަދެއް ހޯދައިދޭނެކަމަށް ބުނެ އަކުރަމް ކުރަމުންދިޔަ އާދޭހާއި ރޮމުންދިޔަ ރުއިމަކަށް ވާފިރާ އެއްވެސް ސަމާލުކަމެއް ނުދެއެވެ.
ހޮނިހިރުދުވަހު ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ. އަކުރަމްގެ ކުލާސްކުއްޖެއްކަމުގައިވާ ޒެއިބާއަށް އަކުރަމް ފެނުނީ އެގޭ ދޮރޯށިކައިރީ ހުއްޓައެވެ.
ޒެއިބާއަށް އަކުރަމް ފެނުމުން އޭނާގާތަށް ގޮސް ހާލުއަހުވާލު އޮޅުންފިލުވަމުން ވާހަކަދައްކާން ފެށިއެވެ. ޒެއިބާ އާ އަކުރަމް ވާހަކަ ދައްކަމުންދިޔަ ދިއުމުގައި ޒެއިބާ އެދަނީ އަތޮޅުވެރިކަންކުރާ ރަށަށް ގޮސްލާންކަމަށް ބުންޏެވެ.
އަތޮޅުހޮސްޕިޓަލަކީ އަތޮޅުން ލިބޭންހުރި އެންމެރަނގަޅު ސިއްހީހިދުމަތްލިބޭތަން ކަން އަކުރަމަށް ވެސް އެނގެއެވެ.
އޭނާއަށް އެހީތެރިވެދީ އޭނާ އެރަށަށްގެންގޮސް ޑޮކްޓަރަށް ދައްކައިދިނުމަށް ޒެއިބާގާތު އަކުރަމް އެދުނެވެ. ހަމައެހެންމެ އޭނާގެލޯ ރަނގަޅު ވެއްޖެނަމަ އެކަމު އަގު އަދާކުރާނެކަމަށް ވެސް ބުންޏެވެ. އަދި އެކަން ކޮށްދިނުމަށްއެދި އާދޭސްކުރިއެވެ.
ޒެއިބާގެ މައިންބަފައިންގެ އެހީތެރިކަމާ އެއްބާރުލުމާއެކު، އަކުރަމް އެރަށަށް ގެންދިއުމަށްޓަކައި އަކުރަމް ގޮވައިގެން ފެރީކައިރިއަށް ދިޔައީޒެއިބާ އެވެ. އެކަމުގެ ސަބަބުން އަކުރަމަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާއިރު، ހައިރާންކަމާއެކު އަކުރަމާއި ޒެއިބާއަށް ބަލަމުންދިޔަ މީހުން ވެސް މަދެއް ނޫނެވެ.
ފެރީއަށް މީހުން އަރައި ހަމަޖެހިލުމާއެކު ފެރީ އެރަށުން ފުރައިފިއެވެ. އަކުރަމް ކައިރީގައި އިށީނދެލައިގެން އޭނާއާ ވާހަކަ ދައްކާން ޒެއިބާ އިނެވެ.
” އޭނީ މީހެއް ދޯ ؟ ….. ރަތްކުލައިގެ ހެދުމެއް ލައިގެން.” ޒެއިބާއާ ދިމާއަށް ބަލާލުމެއްވެސް ނެތި ދުރަށް އިނގިލި ދިއްކޮށްލަމުން އަކުރަމް އަހާލިއެވެ. އެއާއެކު ޒެއިބާ ދިޔައީ ސިއްސައިގެންނެވެ.

ނުނިމޭ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 28

Next

ބޮޑުދައިތަ

Next
July 10, 2013

ބޮޑުދައިތަ

Previews
July 9, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 28

4 Comments!

  1. mariyam says:
    July 10, 2013 at 9:32 am

    ރަނގަޅު ނަސޭހަތެއް ލިބޭނެކަމަށް ލަފާ ކުރެވޭ. ރީތި ވާހަކައެއް.

  2. Milli Adam says:
    July 11, 2013 at 1:47 pm

    އެއީ ބޮޑު ދައިތަ ގެ ފޮޓޯއެއްތަ. ހާދަ ޒަމާނީ ބޮޑު ދައިތައެކޭ ދޯ.

  3. ހެޔޮއެދޭ މީހާ says:
    July 17, 2013 at 12:31 pm

    އެއްވާހަކަ ނިންމާފަ އަނެއްވާހަކަ ފެށިއްޔާ ރަނގަޅުވާނެހެން ހީވަނީ. ކޮންމެ ވާހަކައެއްވެސް ފަށާފަ….

  4. mysterious girl says:
    April 13, 2014 at 2:32 pm

    mashah heevanee meedhalakee bodudhaitha hen

Comments are closed.



All Right Reserved!