ތިޔަ ނަން މި ހިތުގާ 2
ދެން އައި ދެ ހަފްތާ ތެރޭ އަޒްޔަން ގިނަ ވަގުތު ހޭދަ ކުރީ ނޫރީން ފެންނަ ހިސާބުގައެވެ. ވާހަކަތަކެއް ނުދެއްކި ނަމަވެސް، ނޫރީންއަށް ރޮވޭ ކޮންމެ ފަހަރަކުހެން އަޒްޔަންގެ އަތުތެރެއިން ނޫރީންއަށް ހިމާޔަތް ދެއެވެ. އެ އާއިލާގެ އެންމެން ނޫރީންއަށް އަޅާލާ ވަރަށް ވުރެ ބޮޑަށް އަޒްޔަންގެ ފަރާތުން އަޅާލުން ލިބެއެވެ.
ދެ ހަފްތާ ފަހުން ނޫރީން އަނެއްކާވެސް ފުރީއެވެ. އެ ފަހަރު ދިޔައީ ކިޔެވުމުގެ ބާކީ އޮތް ހަ މަސް ނިންމާފައި އެއްކޮށް ރާއްޖެއަށް އަންނަން ނިންމައިގެންނެވެ. އަލުން ކިޔަވަން ދާން ބޭނުން ނުވި ނަމަވެސް ނޫރީން ދިޔައީ އެއީ ބައްޕަގެ ހުވަފެނަކަށް ވީތީއެވެ. ބައްޕަ ދުނިޔޭގައި ނެތަސް ބައްޕަ އެދުނު ކޮންމެ ކަމެއް ކުރުމަށް ނޫރީން ހުރީ ތައްޔާރަށެވެ.
ހަ މަސް ފަހުން ނޫރީން އައުމުން ނޫރީން ބަލާ އެއަރޕޯޓަށް ދިޔައީ އަޒްޔަންއެވެ. ގެއާ ހަމައަށް ދެވެން ދެން އެ ދެމެދުގައި އޮތީ ހިމޭންކަމެވެ. ނޫރީން އިރުއިރުކޮޅާ އަޒްޔަންގެ މޫނަށް ބަލާލި ނަމަވެސް އަޒްޔަން އިނީ ނޫރީންއަށް ނުބަލަން ވެގެން ކަހަލައެވެ. އެ ދެމެދުގައި ވަނީ ކުރިން ދުވަހަކުވެސް ނުވާ ފަދަ ދުރުކަމެކެވެ. ހީވީ އަލަށް ބައްދަލުވީ ދެ ބީރައްޓެހިން ހެންނެވެ.
ގޭ ކުރިމައްޗަށް ކާރު މަޑުކޮށްލުމުން ނޫރީންއާ އެކީ އަޒްޔަންވެސް ފޭބިއެވެ. ނޫރީންގެ ފޮށި ހިފައިގެން ނޫރީންއަށް ވުރެ ކުރިން އަޒްޔަން ގޭތެރެއަށް ވަނެވެ. ލިފްޓަށް އަރާ ދެ މީހުންވެސް ނިކުތީ ދިހަވަނަ ފްލޯރއަށެވެ.
“ތި އާދެވުނީ ދޯ؟ ދޭ ތައްޔާރު ވެލަން، އެއްޗެހި އިސްތިރި ކޮށްފަ ހުންނާނީ. އަވަސް ކޮށްލާތި. ގަޑިއެއްހާ އިރު ތެރޭ އެ މީހުން އަންނާނެ” ނޫރީން ފެނުމުން އައިސް ފުރަތަމަ ނޫރީން ގައިގައި ބައްދާލައިގެން އިރުކޮޅަކު ހުރެފައި ނޫރީން ދުރުކޮށްލާ މޫނުގައި ފިރުމާލަމުން ހެވިފައި ހުރެ ޝަފަގު ބުންޏެވެ.
ބޯ ޖަހާލަމުން ނޫރީން ކޮޓަރިއަށް ވަނެވެ. އަޒްޔަން ފަހަތުން އައިސް ކޮޓަރީގެ ދޮރުން އެތެރޭގައި ފޮށި ބަހައްޓާފައި ނޫރީންއަށް ބަލާލިއެވެ.
“ނޫރީން، އާރ ޔޫ ރެޑީ ފޮރ ދިސް؟” އަޒްޔަން އަހާލިއެވެ.
ނޫރީން ބޯ ޖަހާލުމުން އިރުކޮޅަކު ބަލަން ހުރެފައި އަޒްޔަން ނިކުންނަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން ނޫރީން ގޮވާލުމުން އަޒްޔަން މަޑުކޮށްލިއެވެ.
“އަޒްޔަން ރެޑީތަ؟” އެ ސުވާލަކީ އަހަރުތަކެއް ވަންދެން ނޫރީންގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލެކެވެ. އަހާލާނެ ފުރުސަތެއް އެ ލިބުނީ އަދި ކިރިޔާއެވެ.
“ރެޑީ ނޫން ނަމަ ނޫރީން އަންނަން ވާ އިރަށް ހުރިހާ ކަމެއް ތައްޔާރު ކޮށްފައެއް ނޯންނާނެއެއްނު؟” ހިނިތުންވުމަކާ އެކު އަޒްޔަން ޖަވާބު ދިނެވެ.
“އަޒްޔަން އަހަންނާ މެރީ ކުރަން ބޭނުންތަ؟” ނޫރީން ހީވީ ހިތުގައި ވި ހުރިހާ ސުވާލެއްގެ ޖަވާބު އެ ވަގުތު ހޯދަން ބޭނުން ވެފައި ހުރިހެންނެވެ.
“ނޫރީންއަށް ހީވަނީތަ އަހަރެން ބޭނުން ނުވާހެން؟” އެ ސުވާލަށް ޖަވާބު ނުދީ އިރުކޮޅަކު މަޑުކޮށްލާފައި އެތެރެއަށް ވަދެ ދޮރު ލައްޕާލަމުން އަޒްޔަން އަހާލިއެވެ.
“ކިތައް އަހަރު ވެއްޖެ ފެމިލީ ތެރޭގަ މި ވާހަކަ ދެކެވި، މިކަން ނިމިފަ އޮންނަތާ؟ އެކަމަކު އަހަރުމެން ދެ މީހުންނަށް އެކަކު އަނެކަކާ ބެހޭ ގޮތުން ކޮން ކަމެއް އެނގެނީ؟ މި ކައިވެންޏާ ބެހޭ ގޮތުން ދެ މީހުން އެއް ފަހަރުވެސް ވާހަކަ ދެއްކިންތަ؟ އަހަރެންނަށް ކުރިން އަޒްޔަން ކައިރީ އަހާލާނެ ފުރުސަތެއް ނުލިބޭ.. އަޒްޔަންވެސް ނާހާ..” އެ ދުވަހަށް ތިން އަހަރު ވަންދެން އިންތިޒާރު ކުރި ނަމަވެސް ވަގުތު އައިސް ޖެހުމުން ނޫރީންގެ ހިތުގައި ފާޑުފާޑުގެ ވަހުމްތައް އުފެދެން ފެށިއެވެ. ވާން އުޅޭ ދެމަފިރިން ދޭތެރޭ އޮންނަން ވާ ގުޅުން އަޒްޔަންއާ ނޫރީންއާ ދެމެދު ނެތޭ ހިތަށް އަރާ، ހިތް ނުތަނަވަސް ވީއެވެ.
“އިފް ޔޫ އާރ ހޭވިންގ ސެކަންޑް ތޯޓްސް—” ނޫރީންގެ ވާހަކައިން އަޒްޔަންގެ ހިތަށް އެހެން އެއްޗެއް އެރިއެވެ. އެ ކައިވެންޏާ ނޫރީން ނުރުހޭ ހެން ހީވެ، އެ ސުވާލު ކުރަން އަޒްޔަން އުޅުނެވެ.
“ނޫން ނޫން” އަވަސް އަވަހަށް ނޫރީންއަށް ބުނެވުނެވެ.
“ދެން.. ވަޓްސް ރޯންގް؟” ދެ ބުމަ ކައިރި ކޮށްލަމުން އަޒްޔަން އަހާލިއެވެ.
“އަހަރެން ބޭނުން ވަނީ އަޒްޔަންއަށް ޔަގީން ތޯ އަހަން.. އަޒްޔަން ހަންޑްރެޑް ޕަރސެންޓް ތޯ ބަލަން..” ލަސްލަހުން ނޫރީން ބުންޏެވެ.
ނޫރީންގެ ޖަވާބު އަޑު އިވުމުން އަޒްޔަން އިރުކޮޅަކު ނޫރީންއަށް ބަލަން ހުއްޓެވެ. އެހެން ހުރި އިރު އެ ހިތުގައި އެކިއެކި ޚިޔާލުތައް އެނބުރެމުން ދިޔައެވެ.
އެ ކައިވެންޏަކީ އަޒްޔަން ބޭނުން ވެގެން ހަމަޖެހުނު ކައިވެންޏަކަށް ނުވާނެއެވެ. ފުރަތަމަ އަޒްޔަންއަށް އެ ކައިވެންޏަށް އާނބަސް ބުނަން އުނދަގޫ ވީ ލޯބިން ކުރެވޭ ކައިވެންޏަކަށް ނުވާތީއެވެ. އަޒްޔަން އާނބަސް ދިންތާ ފަސް އަހަރު ފަހުން ކައިވެނި ކުރަން އުޅޭ އިރު އަޒްޔަން ހުރީ އެ ނިންމުމަށް ބޯ ލަނބައިގެންނެވެ. ނޫރީން ދެކެ ލޯބި ނުވިޔަސް، އެއީ އަޒްޔަން ނުރުހޭ އަންހެން ކުއްޖެއް ނޫނެވެ. މަސައްކަތް ކޮށްފި ނަމަ ނޫރީންއާ އެކުގައި އުޅެން އުނދަގުލެއް ނުވާނެ ކަން އަޒްޔަންއަށް ޔަގީންވެއެވެ. ނޫރީންއަކީ އަޒްޔަންގެ މަންމައާ ބައްޕަގެ ހޮވުމަށް ވިޔަސް އެއީ ރަނގަޅު އަންހެން ކުއްޖެއް ކަން ހިތުގެ އަޑިން އަޒްޔަން ގަބޫލު ކުރެއެވެ.
“އަހަރެން ކިހިނެއް ހެދިއްޔާ ނޫރީންއަށް ގަބޫލު ކުރެވޭނީ؟” ކުރިޔަށް ފިޔަވަޅެއް އަޅާލަމުން އަޒްޔަން އަހާލިއެވެ.
ނޫރީންއަށް ޖަވާބެއް ނުދެވިފައި ހުއްޓާ އަޒްޔަން ނޫރީންގެ ކުރިމަތީ ހުއްޓި ނޫރީންގެ ދެ އަތްތިލައިގައި ހިފާލަމުން އެ މޫނަށް ބަލާލިއެވެ.
ނޫރީންއަށް ގޮވާލަމުން ޝަފަގު ދޮރު ހުޅުވާލާފައި ވަނީ އެ ވަގުތުއެވެ. އަޒްޔަން ނޫރީންގެ އަތުން ދޫކޮށްލާ ދެ ފިޔަވަޅެއް ވަރު ފަހަތަށް ޖެހިލިއެވެ.
އެ ކޮޓަރިން އަޒްޔަން ފެނުމުން ޝަފަގުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“ދަރިފުޅުވެސް މިތާތަ؟ ދޭ ތައްޔާރު ވާން. ނޫރީންއަށްވެސް ވަގުތު ބޭނުން ވާނެއެއްނު؟ ވާހަކައެއް ދައްކަން އޮތިއްޔާ ފަހުންވެސް ދެއްކިދާނެ” އަޒްޔަންގެ ބުރަކަށީގައި އަތްއަޅާ މަޑުމަޑުން ދޮރާ ދިމާއަށް ކޮއްޕާލަމުން ޝަފަގު ބުނެލިއެވެ.
އެރޭ އޮތް ރަން ކިޔުމުގެ ހަފްލާގައި ބައިވެރިވީ ހަމަ އެކަނި އަޒްޔަންގެ އާއިލާ މީހުންނެވެ. ނޫރީންގެ ފަރާތުން ބައިވެރި ވާނެ އިތުރު މީހަކު ނެތެވެ. އެންމެ ގާތް މީހުންގެ ގޮތުގައި މިއަދު ތިބީ އަޒްޔަންގެ އާއިލާއެވެ.
ޔާސިރުއާ ޝާމިހްއަކީ ކިޔަވަން އުޅުނު އިރުން ފެށިގެން އެކުވެރިންނެވެ. ޔާސިރުއާ ޝަފަގުގެ ކައިވެންޏާ އެކުއެކީ ހެން ޝާމިހްއާ އާސިޔާގެ ކައިވެނިވެސް ކުރެވުނެވެ. ޔާސިރުއާ ޝަފަގުގެ ކައިވެންޏަށް އަހަރެއް ވީ ތަނާ އަޒްޔަން ލިބުނު އިރު އާސިޔާވެސް އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ނަމަވެސް ބަނޑަށް ތިން މަހުގައި އެ ދަރިފުޅު ބައިގެންދިޔައީއެވެ. އޭގެ ފަހުންވެސް ތިން ފަހަރަށް އާސިޔާ އެ ވޭނާ ކުރިމަތިލިއެވެ. ފަސް ވަނަ ފަހަރަށް ބަލިވެ އިންކަން އެނގުމުން އާސިޔާއާ ޝާމިހް ނިންމީ އެ ފަހަރުވެސް ކުރިން ދިމާވި ގޮތަށް ދިމާ ވެއްޖެ ނަމަ އިތުރަށް ދެން ކުއްޖަކު ހޯދުމުގެ މަސައްކަތް ހުއްޓާލުމަށެވެ. ނަމަވެސް އެ ފަހަރު އެ ދެމަފިރިންގެ ހުވަފެން ސީދާ ވީ ނޫރީން ލިބުމުންނެވެ. އަންހެން ދަރިއަކަށް އެދިއެދި ހުރި ޝަފަގުއަށް އަޒްޔަންއަށް ފަހު ހަ އަހަރު ފަހުން ޒަޔާން ލިބުނީ ނޫރީންއަށް ދެ ހަފްތާ ވީ ދުވަހުއެވެ.
ޔާސިރުއާ ޝާމިހް އަމިއްލަ ވިޔަފާރި ފެށީ ވަކިވަކިން ނަމަވެސް ޝާމިހްއަށް ދިމާވި ހިތާމަވެރި ހާދިސާއަށް ފަހު ދެ މީހުންގެ ވިޔަފާރި އެއްކޮށްލީ ޔާސިރު އެދިގެންނެވެ. އާސިޔާ ބަލިވީ ކުއްލިއަކަށެވެ. ކެންސަރާ ހަނގުރާމަ ކުރާތާ ދެ އަހަރު ފަހުން އާސިޔާ ނިޔާވި އިރު ޝާމިހްއަށް ވިޔަފާރީގެ ކަންތަކާ އަޅާނުލެވުނީއެވެ. ވިޔަފާރީގެ ހުރިހާ ކަމަކާ ހަވާލު ވެގެން ހުރި އާސިޔާގެ ދޮންބައްޕަގެ ދަރިފުޅު، ލިބުނު ފުރުސަތުގެ ބޭނުން ހިފާލީއެވެ. ޝާމިހްގެ ބޮލުގައި އެޅިފައިވި ދަރަނިތައް އަދާ ކުރެވުނީ ޔާސިރުގެ އެހީއާ އެކުއެވެ. ސަލާމަތް ކުރެވުނީ އާސިޔާއަށް މަންމަ ފަރާތުން ލިބިފައި އޮތް ބިންކޮޅު އެކަންޏެވެ. އެ ހިސާބުން ދެ މީހުންގެ ވިޔަފާރި އެއްކޮށްލީއެވެ.
ޔާސިރުގެ ގެއަށް ޝާމިހްމެން ބަދަލު ވީ އާސިޔާ ބަލިވި ފަހުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އާސިޔާ ގޮވައިގެން ޝާމިހް އުޅެން ޖެހުނީ ރާއްޖެއިން ބޭރުގައެވެ. ގޭގައި ނޫރީން އެކަނި ބައިންދާފައި ދާން ޖެހިލުން ވީ ނަމަވެސް އެހެން ގޮތެއް ނެތީއެވެ. ޔާސިރުމެން ގެއަށް ބަދަލު ވުމުގެ ޚިޔާލު ޝާމިހްއަށް ދިނީ ޝަފަގުއެވެ. އެ ގޭ ދިހަވަނަ ފްލޯރ ހުސްކޮށް ހުރުމުން އެ އެޕާޓްމެންޓްގައި ޝާމިހްގެ އާއިލާ ދިރިއުޅޭ ނަމަ އާސިޔާއާ ޝާމިހް ބޭރަށް ދިޔަޔަސް ނޫރީން އެކަނި ނުވާނެ ކަން ވިސްނައިދިނީ ޝަފަގުއެވެ. އާސިޔާ ނިޔާވުމަށް ފަހުވެސް ޝާމިހްއާ ނޫރީން ދިރިއުޅެމުން އައީ އެ އެޕާޓްމެންޓްގައެވެ.
ޔާސިރު ކޮށްދިން ކަންތަކުގެ ބަދަލުގައި ކޮށްދެވޭނެ ކަމެއް ނެތުމުން، މުޅި އުމުރަށްވެސް ޔާސިރުގެ ދަރަނިވެރިއެއް ކަމުގައި ޝާމިހް ވީއެވެ. ނަމަވެސް އެ ދަރަނީގެ ބަދަލުގައި ޔާސިރު އެދުނީ އެކުވެރިކަމުގެ އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށެވެ. ނޫރީންއަކީ އަޒްޔަންގެ ހައްގެއް ކަމުގައި ހަދައިދިނުމަށެވެ. އެ ގޮތުން އެއީ ޔާސިރުއާ ޝަފަގުގެ އަންހެން ދަރިފުޅު ކަމުގައި ހަދައިދިނުމަށެވެ.
ޝާމިހް އެއްބަސްވިއެވެ. އެހެން ނަމަވެސް އެ ކައިވެނި ކުރެވޭނީ ނޫރީންއާ އަޒްޔަންގެ ރުހުމާ އެކުގައި ކަމަށް ޝާމިހް ޝަރުތު ކުރިއެވެ.
ދެ އެކުވެރިންގެ މެދުގައި އަޒްޔަންއާ ނޫރީންގެ ކައިވެނީގެ ވާހަކަ ދެކެވުނު އިރު ނޫރީންގެ އުމުރުން ފަނަރަ އަހަރެވެ. އޭރު އެއް ކުއްޖަކު ގާތުވެސް އެ ވާހަކަ އަދި ދެއްކުން އެ މީހުންނަށް މުހިންމެއް ނުވިއެވެ. ނޫރީން ގާތު ޝާމިހް އެ ކައިވެނީގެ ވާހަކަ ދެއްކީ ނޫރީން ކިޔަވަން ބޭރަށް ފުރަން ތައްޔާރު ވަނިކޮށެވެ. ފުރަތަމަ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހުނު ނަމަވެސް އަޒްޔަންއާ ކައިވެނި ކުރެވޭނެ ދުވަހަކަށް ނޫރީންއަށް އިންތިޒާރު ކުރެވެން ފެށުނީ އޭގެ ދެ އަހަރު ފަހުން އަޒްޔަން ފެނުމުންނެވެ.
އޯލެވެލް ހަދާ ނިމުމާ އެކު އަޒްޔަން ބޭނުންވީ ރާއްޖެއިން ބޭރުން ދެން ކިޔެވުން ކުރިއަށް ގެންދާށެވެ. އަޒްޔަން ކިޔަވަން ދިޔަ ފަހުން ނޫރީންއާ ދިމާވީ މަދު ފަހަރެއްގައެވެ. ކުރީކޮޅު ޒަޔާން ގުޅައިގެންނާ، ވީޑިއޯ ކޯލް ކޮށްގެން އުޅޭ ވަގުތެއްގައި އެ ގެއަށް ނޫރީންއަށް ދެވިއްޖެ ނަމަ ކޮންމެވެސް ވަރަކަށް އަޒްޔަންއާ ވާހަކަ ދައްކާލައެވެ. ނަމަވެސް ދުވަހަކުވެސް ނޫރީންއާ އަޒްޔަން އެކަކު އަނެކަކަށް ގުޅައިގެން ވާހަކައެއް ނުދައްކައެވެ. ދެ މީހުންގެ ކައިވެނި ހަމަޖެހިފައި އޮތް ކަން އެނގުނު ފަހުން ނޫރީން އެއްގޮތަކަށްވެސް އަޒްޔަންއާ ވާހަކައެއް ނުދައްކައެވެ.
ކުޑަ އިރުން ފެށިގެންވެސް ނޫރީންއާ ޒަޔާން އަކީ އެކުވެރިންނެވެ. ދެ އާއިލާގެ މެދުގައި އޮތް އެކުވެރިކަމުގެ ސަބަބުން ނޫރީންއާ މެދު ޒަޔާން އަބަދުވެސް ދެކެމުން އައީ އާއިލާ ކުއްޖެއް ފަދައިންނެވެ. ކުޑައިރުގެ ރައްޓެހިންގެ މެދަށް ދުރު ކަމެއް އައީ ދެ ކުދިން ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ހިސާބުންނެވެ.
އަޒްޔަން ނުފެންނަތާ ތިން އަހަރު ފަހުން ނޫރީންއާ އަޒްޔަން ދިމާވީ، ނޫރީން ކިޔަވަން ދިޔަތާ އަހަރެއް ފަހުން އައި ޗުއްޓީގައެވެ. އެ ނޫނީ އެއްވެސް ބަންދެއްގައި އެ ދެމީހުން ދިމާ ވެފައެއް ނެތެވެ.
އެ ފަހަރު ނޫރީންއަށް އަޒްޔަން ފެނުމުން ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އެއީ ހަމައެކަނި ޔާސިރުބޭއާ ޝަފައްތަގެ ދަރިފުޅު އަޒްޔަން ނޫން ކަމުގައި ހިތް ބުނެލިއެވެ. އެއީ ނޫރީންގެ ވާން އުޅޭ ފިރިމީހާއޭ ކަންފަތް ކައިރީ ސިއްރުން މީހަކު ބުނެލި ކަހަލައެވެ. ނޫރީންގެ ހިތް އަޒްޔަންއަށް ދެވުނީ ނުވެސް އެނގިއެވެ.
އަޒްޔަންއާ ނޫރީންގެ ކައިވެނި ހަމަޖެހިފައި އޮތް ކަން އަޒްޔަންއަށް އެނގުނީވެސް އެ ފަހަރުއެވެ. ޔާސިރުގެ އެ ނިންމުމާ ދެކޮޅު ހަދަން އަޒްޔަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ހިތާ ދެކޮޅަށް އެ ކައިވެންޏަށް އާނބަސް ބުނަން ޖެހުނީ މަންމަގެ ބަހަށް އިންކާރު ކުރަން ނުކެރިގެންނެވެ.
ޝާމިހް އަޒްޔަންއާ އެ ވާހަކަ ދެއްކީ އަޒްޔަންގެ ރުހުން ލިބުނު ކަން ޔަގީން ވުމުންނެވެ.
“ނޫރީންއަށް ވުރެ ކުރިން ބޭބެއަށް ދަރިއެއްގެ އުފަލަކީ ކޮބާ ކަން ބުނެދިން ކުއްޖަކީ އަޒްޔަން. މިއަދުން ފެށިގެން މީވެސް ބައްޕައެއް ކަމުގަ ދެކެން ވާނީ. ނޫރީންއާ އަޒްޔަންގެ ކައިވެނީގެ ވާހަކަ ދެކެވިފަ އޮތަސް އަދި ކައިވެނި ކުރާކަށް ނުވޭ. ދެ ކުދިންވެސް ތައްޔާރު ވެގެން ހަމަ ޖެހިގެން، އެއް ކުއްޖަކު އަނެއް ކުއްޖަކާ ވާހަކަވެސް ދައްކައިގެން ކުރިއަށް ދިޔުން ބައްޕަ އެދެނީ. ދެ ކުދިން ކައިވެނި ކުރަން ބޭނުން ނުވާ ނަމަ ކުރާކަށް މަޖުބޫރެއް ނޫން. ދެ ކުދިންވެސް ގަބޫލިއްޔާ ކުރިޔަށް ދާނީ. އެކަމަކު ބައްޕަ ވަރަށް އުފާ ވާނެ ތި ދެކުދިން ގުޅިއްޖެއްޔާ. ބައްޕަ ނެތް ދުވަހަކުންވެސް ނޫރީންއަށް ދެރައެއް ނުލިބޭނެ ކަމުގެ ޔަގީންކަން އޭރުން އޮންނާނެ” ޝާމިހްގެ ވާހަކަ އަޑު އަހާފައި އަޒްޔަންއަށް ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
ޝާމިހް ނިޔާވިތާ ހަމަސް ވީ އިރު ނޫރީން ހުރީ ކިޔަވާ ނިމިފައެވެ. ނޫރީން އަބަދުވެސް ބޭނުން ވީ ބައްޕަގެ ވިޔަފާރީގައި އެހީވާށެވެ. އެހެންވެ ކިޔެވީވެސް އެ ދާއިރާއިންނެވެ. ރާއްޖެއަށް އައި އިރު ނޫރީންގެ ވަޒީފާވެސް އޮތީ ހަމަ ޖެހިފައެވެ. “ބްލޫ ކޮރަލް”ގެ ވެރިންނަކީ ޔާސިރުއާ ޝާމިހްއަށް ވީ އިރު، އެ ކުންފުނި ހިންގުމާ ހަވާލު ވާން ތިބީ އަޒްޔަންއާ ނޫރީންއެވެ. ނޫރީންގެ ނަމުގައި ކުންފުނީގެ ބޮޑު ހިއްސާއެއް އޮތް އިރު މައި ހިއްސާދާރުންނަކީ ޔާސިރުއާ އަޒްޔަންއެވެ.
ނޫރީން މާލެއަށް އައުމާ އެކު ކައިވެނީގެ ކަންތައް ނިންމުން އެއީ ޔާސިރުއާ ޝަފަގުގެ އެދުމެވެ. ނޫރީން އަންނަ ދުވަހު ރަން ކިޔުމުގެ ހަފްލާ ބާއްވާފައި، ހަފްތާއެއް ފަހުން ކައިވެނި ކުރާ ގޮތަށް ހުރިހާ ކަމެއް އޮތީ ނިމިފައެވެ.
ތައްޔާރު ވެގެން ނޫރީން ބޭރަށް ނިކުތީ ޝަފަގުއާ އެކީއެވެ. އޭރު ސިޓިންގްރޫމްގައި އެހެން މީހުން ތިއްބެވެ. ނޫރީންއަށް ބަލާލެވުނީ އަޒްޔަންއާ ދިމާއަށެވެ. ނޫރީން ލައިގެން ހުރި ރަތް ކުލައިގެ ހެދުމާ ގުޅުވާފައި އަޒްޔަން ލައިގެން ހުރީ ރަތް ގަމީހަކާ ކަޅު ޖީންސެކެވެ. ނޫރީން ހުރީ ކަކުލާ ހަމައަށް ހުރި، މެދުން މަތިން ތިރިއަށް ރަން ކުލައިގެ ކުދިކުދި ގޮށްތަކެއް ހަރުކޮށްފައި ހުރި ހެދުމަކާއެކު ހަމަ އެ ކުލައިގެ ތިރިއަށް ފުޅާ ސްކަރޓެއް ކަހަލަ ހަރުވާޅެކެވެ. އެއާއެކު އަޅައިގެން ހުރީ ރަން ކުލައިގެ ޝޯލްއެކެވެ. އަޒްޔަންއާ ނޫރީންއާ ޚިލާފަށް އެތާ ދެން ތިބި އެންމެން ތިބީ ހުސް ކަޅު ކުލައިގެ ހެދުމުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.








Kobaa next?
Keehve thw mi part lasvany??
Marsha balee thw?
Inform kohladhyba lasva sababu ..
Tc