ނުހިކުނު ކަރުނަ
މި ވާހަކަ އަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާ ކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.
18 އަހަރުގެ ރެވިޔާ އަކީ އަމިއްލަ އަށް ދިރިއުޅުމަށް މަސައްކަތް ކުރާ ހީވާގި މީހެކެވެ. މުރާލި ކަމާ އެކީ ވަޒީފާ އަށް ގޮސް ކިޔަވަމުން އަންނަ މީހެކެވެ. މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގައި ތިބެނީ ދެބޭއިންނެވެ. ހަތަރު މީހުން ހިމެނޭ މި ކުޑަ އާއިލާ އަކީ އުފާވެރި އާއިލާއެކެވެ. މި ކުޑަ އާއިލާ އަށް އިތުރު މެހެމާނަކު އަންނަ ޚަބަރު ލިބުނެވެ. މި އުފާވެރި ޚަބަރު ލިބުމުގެ ފަހުން އާއިލާގެ ހުރިހާ އެންމެން އިންތިޒާރު ކުރަމުން ދިޔައީ އެ މެހެމާނާ ބައްދަލުވާނެ ވަގުތަކަށެވެ. އަންނަން މި އުޅޭ ކުޑަ މެހެމާނަށް މަރުޙަބާ ކިޔުމަށް މުޅި ގޭތެރެ ވެސް ދިޔައީ ތައްޔާރު ވަމުންނެވެ.
ރެވިޔާގެ މޫނުމަތިން ނުފިލާ ހިނތުންވުމެއް މި ދުވަސްކޮޅު ފެންނަމުން ދެއެވެ. ސަބަބު ތަކެއް ނެތިއެއް ވެސް ނޫނެވެ.ރެވިޔާ މުޅި އުމުރު ދުވަހު މަންމަ އާއި ބައްޕަ ކައިރީ ކޮއްކޮ އެއް ގެނެސް ދިނުމަށް ކުރި އާދޭހުގެ ޖަވާބު މިޔަދު އެ ދެނީ އޭނާގެ ބޭބެއެވެ. ރެއިނާ ދައްތަ އަކަށް ވުމުގެ އުންމީދު ހާސިލުވަނީއެވެ. ރެވިޔާ ދޮންތި އަކަށްވެ ބޭބެ އަށް ބައްޕަ އަކަށް ވުމުގެ މަތިވެރި މަޤާމު ލިބިގެންދެއެވެ. ދެން ހުންނަ ބޭބެ އަށް ބޮއްބެގެ ނަން ލިބި ރެވިޔާ އަށް ދޮންތިގެ ނަމުން މުޚާތަބު ކުރާނެ ކުއްޖެކު ލިބެނީއެވެ. މިކަމާ ރެވިޔާ އެންމެ އުފާވަނީވެސް އެހެންވެއެވެ. ކުޑަ ކުދިންނަށް ރެވިޔާ ހުންނަނީ އާދަޔާ ޚިލާފު ލޯތްބަކާއި ޝައުޤުވެރިކަމެކެވެ. ގޭގެ ހުރިހާ ކުދިން ވެސް ރެވިޔާ ހެދި ފޯރި ހުންނަނީ ވެސް އެހެންވެއެވެ.
ގޭތެރޭގެ ހިމޭންކަން ފަޅުފިލުވައިލާނެ މި ކުޑަ މެހެމާނަށް މުޅި އާއިލާ ވެސް ދިޔައީ ފޮނި އުންމީދުތަކާއި ހުވަފެންތައް ދެކެމުންނެވެ. އިންތިޒާރުގެ ވަގުތުކޮޅަށް ނިމުން އައީ އެއް ދުވަހެއްގެ ހެނދުނު ވަގުތެއްގައެވެ.
ރެވިޔާ އާއި ރެވިޔާގެ ދޮންބެ އަކީ އޮފީހަށް ދާން ނުޖެހޭނަމަ ހެނދުނު ނިދިގަނޑެއް އަޅާލާ ދެކުދިންނެވެ. އެ ކުދިންގެ ބައްޕަގެ ކިބައިގައި ވެސް މި އާދަ ހަރުލާފަ ހުރެއެވެ. އެ ދުވަހުވެސް ރެވިޔާ ފަތިސް ނަމާދު ކޮށްލުމަށްފަހު ހެނދުނު ޛިކުރުތައް ކިޔާލާ ހަދާލިއެވެ. އެއްޗެހި ބަދަލު ކޮށްލައިގެން އަރާމު ތަންމަތީ އޮށޯތް ވެވުނުތަނާ އިރުކޮޅެއްނުވެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެގެން އައީ މަންމައެވެ. ހައިރާން ވެގެން ދިޔައީ މަންމަގެ ހާސް ވެފައިވާ މޫނުން ފެންނަމުން ދިޔަ އަސަރުތަކުންނެވެ.
” ދައްތަ ބަނޑުގައި ރިއްސައިގެން ހޮސްޕިޓަލަށް ގެންގޮއްސި.”
” އަވަހަށް ތައްޔާރުވޭ، މަންމަ އާއި ބައްޕަ ވެސް މި ތައްޔާރުވަނީ.”
ރެވިޔާ އަވަސް އަވަހަށް ތައްޔާރުވެލިއެވެ. ރެވިޔާ އާއި ރެވިޔާގެ މަންމަ އާއި ބައްޕަ މިސްރާބު ޖެހީ ކާރުގަ އޭޑީކޭ ހޮސްޕިޓަލާ ދިމާލަށެވެ.
ހެނދުނު ވިއްސަން ވެއްދި ދައްތަގެ ޚަބަރު މެންދުރު ވީއިރުވެސް ނުލިބުނެވެ. ރެވިޔާ އާއި އޭނާގެ މަންމަ އާއި ބައްޕަ އާއި ދޮންބެގެ އިތުރުން ދައްތަ ފަރާތު އާއިލާ ވެސް ހުއްޓެވެ. ހުރިހާ އެންމެން ވެސް ތިބީ އިންތިޒާރުގައި ވިއްސާ ކޮޓަރީ ދޮރުމަތީ އިން ގޮނޑިބަރި ކައިރީގައެވެ. ވަގުތުތައް ގުނާލަ ގުނާލައެވެ. ކޮއްކޮ ވިހާނެ ވަގުތަކަށެވެ. އެހެން އުޅެލާފަ ބޭބެ އިރުކޮޅާ އައިސް ޚަބަރުދެއެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ ވަރަކަށް މީހުންގެ ހިތް ތަކަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ރެވިޔާ ވެސް މަޑުން އިނެއް ކަމަކު ޙަޤީޤަތުގައި އޭނާ ވާނުވާ ނޭންގޭތީ ހާސްވާން ފަށައިފިއެވެ.
އިރުއޮއްސެން ވީތަނާ އިރުކޮޅެއް ފަހުން ކުޑަ ކުއްޖެއްގެ ކުކުރާލުމުގެ އަޑު އިވުނެވެ. ތެޅިތެޅި އޮތް ހިތްތަކަށް ހަމަޖެހުމެއް ލިބުނީ އެ ހިސާބުންނެވެ. ރެވިޔާ އަށް ވެސް އެ އަޑު އިވުމުން އަލްޙަމްދުލިއްލާހި އޭ ބުނެވުނެވެ. މިހާ ހިސާބުން ހުރިހާ މީހުން ވެސް ކެތްތެރިކަމާ އެކީ އިންތިޒާރު ކުރަމުން ދިޔައީ އެ ލޯބި މޫނުކޮޅު ދުށުމަށެވެ. ހެނދުނު 7 ޖެހި އިރުއްސުރެ ނުކައި ހުރި ބޭބެ ވެސް އެއްޗެއް ކާލުމަށް އެއްބަސްވީ އެ ވަގުތުއެވެ.
އުފާވެރި ކަމުގެ ޚަބަރު ލިބުނު ތަނާ އިރުކޮޅެއް ވެސް ނުވެއެވެ. ދެން ފެނުނީ ކޮއްކޮ އެތަނުން ނެރެގެން ގެންދާ ތަނެވެ. ކޮއްކޮ ބަނޑުގައި ފެން ހެދުމުގެ ސަބަބަން ބަނޑު ފުއްޕާފަ އޮތުމާއި ކޮއްކޮ އަށް ނޭވާލުން ދަތިވުމުގެ ސަބަބުން ވެންޓިލޭޓަރަށް ލުމަށެވެ. އޭރުވެސް ރެވިޔާ އަށް ރަނގަޅަކަށް އެ ކޮއްކޮގެ މޫނުވެސް ފެނިނުލެވެއެވެ. މީހުންގެ ހިތް ތަކަށް ބިރުވެރިކަން ވަންނަން ފަށައިފިއެވެ. ދައްތަގެ ހާލު ރަންގަޅު ވުމުގެ ސަބަބުން ދައްތަ ޕްރައިވޭޓް ރޫމް އަކަށް ބަދަލު ކުރެވުނެވެ.
ކޮއްކޮ ވެންޓިލޭޓަރަށް ލާފަ އޮތް ތަނަށް ވަދެވެނީ ހަމަ އެކަނި ކޮއްކޮގެ މަންމަ އާއި ބައްޕައެވެ. އޭގެ އިތުރުން އާއިލާ ދެމީހެކެވެ. އެއްފަހަރާ ބައިވަރު މީހުން އެ ތަނުގެ އެތެރެ އަށް ވަނުމަކީ މަނާ ކަމެކެވެ. ވަދެވޭނީ ދެމީހުން ދެމީހަކަށެވެ.
އިށީންދެން އިން ރެވިޔާ އިނީ ވަރުބަލިވެފައެވެ. ރެވިޔާ އަށް ކޮންމެވެސް ކަމެއް ވާން އުޅެނީއްޔޭ ހީވަމުން ދިޔައެވެ. މީހުންތައް އުޅޭ ގޮތުންނާއި އެތާ ތިބި މީހުންގެ މޫނު ތަކުގެ ކުލަވަރުތަކުން ބޮޑު ކަމެއް ވާން އުޅޭހެން ހީވަނީއެވެ. ކޮއްކޮ ބާއްވާފަ އޮތް ކޮޓަރިއަށް ދައްތަ ފަރާތު މީހުން ވަދެ ނިމިއްޖެއެވެ.
ހެނދުނުއްސުރެ ކެތްތެރިކަމާ އެކީ އެންމެ ޝަކުވާ އެއް ވެސް ނުކޮށް އިން ރެވިޔާ ކާރިއަށް އައީ އޭނާގެ ބައްޕައެވެ. އަދި އޭނާގެ ބައްޕަ އޭނާ ގޮވައިގެން ކޮއްކޮ ބާއްވާފަ އޮތް ކޮޓަރި ތެރެއަށް ވަންނިއެވެ. ރެވިޔާގެ ދެލޯ ބޮޑުވިއެވެ. ދޮރު ހުޅުވާލާއި އެތެރެއަށް ވަނުމާ އެކު ކުރިމަތީ ބޮޑު ބިއްލޫރި ގަނޑެއް އިނެވެ. އެ ބިއްލޫރި ގަނޑުން އެތާ އެތެރެ ފެންނަމުން ދިޔައެވެ. ބައިވަރު ތުއްތު ކުދިން އެތާ އެތެރެ އަށް ލާފަ އޮތެވެ. ރެވިޔާގެ ބައްޕަ އެތަނުން ތުއްތު ކުއްޖަކަށް އިޝާރާތް ކޮށް އެއީ ކޮއްކޮ ކަމަށް ބުނެ ދައްކާލިއެވެ. އެ ކޮއްކޮ ގަޔަށް ހޮޅި އާއި މެޝިނާ އެއްޗެހި ގުޅާފަ ހުރި މަންޒަރު ފެނި ނުރޮވި ހުރެވުނީ ކިރިޔާއެވެ.
އެތާ އެތެރޭ މާގިނަ އިރު ނުކޮށް ރެވިޔާ ގޮވައިގެން އޭނާގެ ބައްޕަ ކުރިން އިށީންދެގެން އިން ގޮނޑި ބަރިން ގޮނޑިއެއް ގައި ބޭންދިއެވެ. ފެނުނު މަންޒަރުން ނެގި މަޑުވެ އިން ރެވިޔާ އަށް ދެން ފެނުނީ އޭނާގެ ބޭބެ ރޮމުން އަންނަ ތަނެވެ. ރެވިޔާ އަށް އޭނާގެ ބޭބެ ރޯތަން ފެނުނީ އަލަށެވެ. އެ ވަގުތު އޭނާގެ ހިތް ތެޅެލިއެވެ. ހިތަށް އެކި އެކި ވަސްވާސް ވަންނަން ފެށިއެވެ. ކޮއްކޮ އަށް ކަމެއް ވެއްޖެއްޔޭ ހިތް ބުނަމުން ދިޔައެވެ. އޭނާގެ ހީވި ހީވުންތައް ވެގެން ދިޔައީ ތެދަކަށެވެ. ދަރިފުޅުގެ މަރުގެ ޚަބަރު އަޑު އަހަން ކެރޭނީ ކޮން ބަފަޔަކަށް ހެއްޔެވެ. އެ ހިސާބުން ރެވިޔާގެ ބަޑި ވެސް ފަޅައިގެން ދިޔައެވެ. އޭނާގެ އަނގައިން އަޑެއް ނުނިކުތެއް ކަމަކު އޭނާގެ ދެލޮލުން ދިޔައީ ކަރުނަ އަންނަމުންނެވެ. ހިތާމައިގެ ސާލެއް ހޮސްޕިޓަލު ވަށައިގެން އޮޅިފައިވާ ފަދައެވެ.
ދާދި ކުޑަ ހިނދުކޮޅެއް ތެރޭ ލޮލަށް ފެނުނު ދަރިފުޅެވެ. އެ ދަރިފުޅާ އެއްކޮށް އެންމެ ދުވަހެއް ވޭތު ނުކުރެވުނިސް އެ ދަރިފުޅު ވަކިވެދިޔައީއެވެ. ލިބުނު ޚަބަރުން ހިތްތައް ފުނޑު ފުނޑު ކޮށްފިއެވެ. ލޯތައް ކަރުނައިން ތެންމައިފިއެވެ. ވަކިވެ ދިޔައީ އެތައް ދުވަހެއްގެ ދެމަފިރިން ކެތްތެރިކަމާ އެކީ އިންތިޒާރު ކުރަމުން އައި ފޮނި މޭވާ އެކެވެ. އެ ދަރިފުޅަކަށްޓަކައި އެތައް ހުވަފެންތަކާއި އުންމީދުތަކެއް ދެކުނު ދަރިފުޅެވެ. އެ އުންމީދުތައް ވިއްސިވިހާލި ވެ ވެއްޔަށް ވެގެން ދިޔައީ ދާދި ކުޑަ ހިނދުކޮޅެއް ތެރޭގައެވެ.
އިންތިޒާރުގައި ކެތްތެރިކަމާ އެކީ ހުރި ބައްޕަ އަށް އެ ޖެހުނީ އެ ދަރިފުޅާއި އަލްވަދާޢު ކިޔައި ފަސްގަނޑުގައި ވަޅުލާށެވެ. އެ ދަރިފުޅު އަލްވަދާޢު ކީ އެ ބައްޕަ އަށް ގޮވާލާނެ ނަސީބު ވެސް ނުލިބިއެވެ. މަރަކީ ކޮންމެ ވަގުތަކުވެސް ބައްދަލުކުރާނެ މެހެމާނެކެވެ. މަރުގެ މަލާއިކަތާ އާ ބައްދަލުވުމުގެ ކުރިން އަހަރުމެން މިޔަދު މަރަށް ތައްޔާރުވާން ޖެހެއެވެ.
މި ހާދިސާ ވެގެން ދިޔައީ ރެވިޔާގެ ހިތުގައި އުމުރު ދުވަހު ހިތުގައި ނުފިލާ ތާޒާކަންމަތީ ސިކުނޑީގަޔާއި ހިތުގައި ކުރެހުނު ހާދިސާއެކެވެ. މިޔަދު އެ ހާދިސާއިން ރެވިޔާ އަށް ޢިބްރަތް ހާސިލުވެއްޖެއެވެ. މަރު އައިސް އަހަރުމެންނާ ބައްދަލު ކުރާނެ ކަމެވެ. ތިމާގެ އަޖަލު އައިސް ޖެހޭނީ ކޮން ވަގުތަކު ކަމެއް ނޭންގެއެވެ. ބުއްދިވެރި ގޮތަކީ އެ ވަގުތަށް ތައްޔާރުވުމެވެ. އެ ހާދިސާ އަށް ފަހު ރެވިޔާ ދީނަށް ފަރުވާ ތެރިކަން ބަހައްޓަން ފެށިއެވެ. ނަމާދު އެޅުމަކީ މިޔަދު އޭނާ ބިރުގަންނަ ކަމެކެވެ. ކޮންމެ ނަމާދަކަށް ފަހު ވެސް އެ ކޮއްކޮ އާ އެކީ ޖަންނަތުގައި ބައްދަލު ވުމަށް ދުޢާ ކުރެއެވެ.
މިޔަދު ރެވިޔާ އަށް ދޮންތި ކިޔުމުގެ ނަސީބު ލިބިއްޖެއެވެ. މިޔަދު އޭނާގެ ބޭބެ ވެސް ދިރިއުޅެމުން ދަނީ އުފަލުގައެވެ. ރެވިޔާމެންގެ އާއިލާ މިޔަދު ވަނީ އުފާވެރިކަން ލިބިފައެވެ. ސަބަބަކީ ބޭބެ އަށް ލިބުނު ދެވަނަ ދަރިފުޅެވެ. މި ފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. މިޔަދު ރެވިޔާ އާއި ރެވިޔާގެ އާއިލާ ދަނީ އުފާވެރި ވަގުތު ތަކެއް ހޭދަ ކުރަމުންނެވެ. މިޔަދު ގޭތެރޭގައި ރެވިޔާ އަށް ދޮންތީއޭ ގޮވަމުން މުޅި ގޭތެރޭގައި މި ކޮއްކޮ ދުވެއެވެ. ރެވިޔާގެ ފުރިހަމަ ނުވި އުންމީދު މިޔަދު ވަނީ ފުރިހަމަވެފައެވެ. ނަމަވެސް އެކަނި ހުންނަ ވަގުތު ތަކުގައި އެ މަރުޙޫމް ކޮއްކޮ މަތިން ހަނދާންވެއެވެ. ހަނދާން ވުމާ އެކު ދެލޮލަށް ކަރުނަތައް ޖަމާވެއެވެ. ދެލޯ ހުސްނުވާ ކަރުނަތައް ފަދައިން އޮހެރެއެވެ. މިޔަދު ރެވިޔާ އުޅެނީ އުފަލުގައެވެ. ދުވަހަކުވެސް އެ ހިތްދަތި ހާދިސާ ރެވިޔާގެ ހިތަކުން ނުފިލާނެއެވެ. ނުހިކުނު ކަރުނައިގެ ނަމުގައި އެ ހާދިސާ މުޅި އުމުރު ދުވަހު ރެވިޔާ އަށް އުނދަގޫ ކުރާނެއެވެ.
6 Comments!
Comments are closed.


Masha Allah mi story vrh reethi 😍
Vrh ufaavehje happy ending eh Story ah libunyma
By the way story nimunytha??
Hope read more stories from you in the future
You are so talented author keep it up
I appreciate your hard work Curiously waiting for your next story….. ❤️ Lyy and Tc
Alhamdhullilah varah ufaa vejje story kamu dhiyaeema,
Storys ekkoh liye nimuneema alhugandu release kurani.
In sha allah i hope to share more stories this year.
Thank you for this beautiful comment
Very nice story. Very touching. Keep it up!
Alhamdhullilah,
Thank you for this beautiful comment.
V reethi maa Shaa allah
Shukuriyya varah ufaa vey thiya dhin comment ah.
Thiya kiyuntherin dhevva comment thaka kee alhuganduge hihvaru