Skip to content
އެސްފިޔަ

ހިތް ކަލާއަށް އެދޭތީ..

އަހުމަދު ޒިޔާން (ކަޅޭ) އަކީ މާލޭގެ ކުށުގެ ވެށީގައި ނަން މަޝްހޫރު އަދި އެހާމެ ނުރައްކާތެރި ޒުވާނެކެވެ. އޭނާގެ ޒުވާން ދުވަސްވަރު ހޭދަވަމުން އެދަނީ މާލޭގެ ހަނި ގޯޅިތަކުގެ ތެރޭގައި “ގަދަ” ދެއްކުމުގައެވެ. އޭނާގެ މޫނުމަތީގައި ހުރި ކުދި ލަކުނުތަކާއި ދެ އަތުގެ މުލައްދަނޑީގައި ހުރި ޓެޓޫތަކަކީ އޭނާގެ މާޒީގެ ހެކިވެރިންނެވެ. އޭނާގެ ހިތަކީ އެތައް މާރާމާރީއަކަށް ހޭނި ހިލަގަނޑެއް ފަދައިން ހަރުވެފައިވާ އެއްޗެކެވެ.

އެރޭ ޒިޔާން އިނީ ހަނި ގޯޅިގަނޑެއްގެ ތެރޭގައި ފާރެއްގައި ލެނގިލައިގެންނެވެ. އޭނާގެ ފައިގެ ފަލަމަސްގަނޑަށް ވަން ވަޅީގެ ހަމަލާއިން އޮހެމުންދިޔަ ހޫނު ލޭ އޭނާ ލައިގެން ހުރި ކަޅު ޖިންސަށް ފޭދި، ބިންމައްޗަށް ތިކިޖަހަމުންދިޔައެވެ. އޭނާގެ ނޭފަތުގައި އޭރު ހަރުލާފައި ހުރީ ލޭގެ ވަހާއި، ކައިރީގައި ހުރި ކުނިވަށިގަނޑުން ދުވާ ނުބައި ވަހެވެ. “ކަޅޭ! ކެތްކޮށްލާ!” ގާތުގައި ހުރި ރަހުމަތްތެރިޔާގެ ބާރު ހަޅޭކުގެ އަޑު ޒިޔާންގެ ކަންފަތުގައި ޖެހުނު ނަމަވެސް އެ އަޑު އިވެނީ މާ ދުރުން ފުން ވަޅެއްގެ އަޑީގައި ހުރެގެން އިވޭ ފަދަ ފުސް ގޮތަކަށެވެ. ޒިޔާންގެ ލޯމައްޗަށް މުޅި ދުނިޔެ އެނބުރޭ ފަދައިން އެނބުރެމުން ދިޔައިރު، އޭނާގެ ފައިގެ ފަލަމަސްގަނޑަށް ވަދެފައިވާ ތޫނު ވަޅީގެ ހަމަލާއިން އުފެދުނު ދިލަ ހޫނު ތަދު މުޅި ހަށިގަނޑުގެ ނާރުތަކުގެ ތެރޭގައި ވިހައެއް ފަދައިން ދައުރުވާން ފެށިއެވެ. އޭނާގެ ރަހުމަތްތެރިޔާ އޭނާ ސައިކަލަށް ލައިގެން ފުލުހުންގެ ލޮލަށް ފޮރުވެމުން ހަލުވިކޮށް ދުއްވައިލިއެވެ. އޭރު ޒިޔާންގެ މުޅި ހަށިގަނޑުން ބާރު ދޫވެ މަރުގެ ފިނިކަން ހަށިގަނޑަށް ވެރިވަމުން ދިޔައިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މުޅި އުމުރު ދުވަހު ކުރެވިފައިވާ ނުބައި ކަންތައްތަކެވެ.

ދެން އޭނާއަށް އެނގުނީ އޭނާގެ ވަށައިގެންވާ ދުނިޔެ މުޅިން އަނދިރިވެ ހަމައެކަނި ހޮސްޕިޓަލުގެ ކުއްލި ފަރުވާދޭ ބައިގެ ދޮރު ހުޅުވުނު ބާރު އަޑު ކަންފަތުގައި ޖެހުނު ކަމެވެ. އޭރު ޒިޔާންގެ ހަށިގަނޑު އޮތީ މުޅިން ވަރުދޫވެފައެވެ.

“އޭ! ކޮބާ ނަރުހުން؟ ބަލާބަލަ. ލޭ މަނައެއް ނުވޭ މިހާރު މާ ގިނައިރުވެއްޖެ. އަވަސްކުރާށޭ ބުނެފީމެއްނު” ޒިޔާންގެ އެކުވެރިޔާގެ ބާރު އަޑު މުޅި ހޯލް ތެރޭގައި ގުގުމާލިއެވެ. ޝިފާ އެވަގުތު ހުރީ ބަލިމީހެއްގެ ފައިލް ނިންމާލާށެވެ. އެ ހަޅޭކުގެ އަޑާއެކު އޭނާ ވަރަށް ހަމަޖެހިލާފައި އިސްއުފުލާލިއެވެ. އޭނާއަކީ މިފަދަ އެތައް މަންޒަރަކަށް ހޭނިފައިވާ ތަޖުރިބާކާރު ނަރުހެކެވެ. “މި އެނދަށް އަރުވާ.” ޝިފާ ކުރިއަށް ޖެހިލަމުން ވަރަށް ސާފު އަދި އަމުރުވެރި އަޑަކުން ބުންޏެވެ. އޭނާގެ އަޑުގައި އެއްވެސް ބިރުގަތުމެއް ޖެހިލުންވުމެއް ނެތެވެ. “ބޭރުގައި މަޑުކޮށްލާ. މިތަނުގައި ހަޅޭއްނުލަވާ އަޅުގަނޑުމެން މަސައްކަތް ކުރަން ފުރުސަތު ދެއްވާ.” ޝިފާ ވަގުތުން ޒިޔާންގެ ގާތަށް ޖެހިލިއެވެ.”އަހަރެންގެ އަޑުއިވޭތަ؟” ޝިފާ އަހާލިއެވެ. ޒިޔާންގެ ފުސްވަމުންދިޔަ ދެލޯ ޝިފާ އަށް ހުއްޓުނެވެ.

“ސިސްޓަރ! ބީޕީ ކަފް ޖަހާ، އޮކްސިޖަން ގުޅާ! ޒަހަމް ވަރަށް ފުން” ޝިފާ އޭނާގެ ކައިރީގައި ހުރި އެހީތެރިޔާއަށް އިރުޝާދު ދެމުން ކަތުރެއް ނަގައި ޒިޔާންގެ ލެއިން ތަތްތެޅިފައިވާ ޖިންސު ކަފާލިއެވެ.

ޒިޔާން ހޭވެެރިކަން ވީއިރު ކަންފަތުގައި ގުގުމަމުން ދިޔައީ ކޮންމެވެސް މެޝިނަކުން ކަނޑާނުލާ އިވެމުންދިޔަ ބީޕްބީޕް ގެ ފޫހި އަޑެވެ. އޭނާ އޮތީ ކޮންތަނެއްގައިކަން އިހުސާސްވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެއީ އޭނާ އަބަދުވެސް ނަފުރަތު ކުރާ ހޮސްޕިޓަލެވެ. ޝިފާ ހުރީ ޒިޔާންގެ ފައިލަށް ބަލާށެވެ. ޒިޔާން ހޭލައިގެން ތެޅިގަތް އަޑަށް އޭނާ ވަގުތުން ފައިލް ބާއްވާފައި ގާތަށް ޖެހިލިއެވެ. “ޒިޔާން މަޑުން އޮވޭ. ބޭސްގަނޑަށް ބާރުވެއްޖެއްޔާ އަނެއްކާވެސް ލޭ އަންނަން ފަށާފާނެ.” ޝިފާ ބުންޏެވެ. އޭނާގެ އަޑުގައި ހުރީ ނަރުހެއްގެ ކިބައިގައި ހުންނަންޖެހޭ އޯގާތެރިކަމެވެ. “މަށަށް އަމުރުކުރަން ކައޭ ތީ ކާކު؟ ކައޭމެންނަށް ނޭނގެނީތަ މަ މީ ކާކުކަން؟ މަގޭ ގައިގަ އަތްނުލާ ދުރަށްދޭ.” ޒިޔާން އޭނާގެ އާދައިގެ ހަރުކަށި ބަސް މަގުން ޖަވާބުދިނެވެ. ޝިފާ އަށް ލިބުނީ ސިހުމެކެވެ. އޭނާ އުންމީދުކުރީ ފުރާނަ ސަލާމަތްކުރުމުން ޝުކުރުވެރިވާނެ ކަމަށެވެ. ނަމަވެސް ޒިޔާންގެ އެ ހަޑި ބަސްމަގާއި އޭނާގެ ދެލޮލުން ފެންނަ ނަފުރަތުން ޝިފާގެ ހިތުގައި ބިރުވެރިކަމަށްވުރެ ބޮޑަށް އުފެދުނީ ފޫހިކަމެވެ.

“ޒިޔާން ތީ ކޮންމެ މީހަކަށް ވިޔަސް މިތަނުގައި އަމަލުކުރަން ޖެހޭނީ ހޮސްޕިޓަލުގެ ގަވާއިދަށް.” ޝިފާ ވަރަށް މަޑުމައިތިރިކޮށް ބުންޏެވެ.”ކައޭ ތި ދައްކާ ފޮނި ވާހަކަ ބާއްވާ. މަގޭ ގަޔަށް ވަޅި ޖެހި މީހެއް ހޯދާފަ ނޫނީ މަ ހުއްޓައެއްނުލާނަން. ދޭ މިތަނުން.” ޝިފާގެ ހިތަށް އެރިއެވެ. މިހާ ބޮޑު ޒަހަމެއް ލިބި، މަރުގެ ތުންފަތްމަތީގައި އޮވެވެސް މި މީހާގެ ހިތަކަށް ބަދަލެއް ނާދޭ ހެއްޔެވެ؟ ޝިފާ ބޭނުންވީ އެތަނުން ދާށެވެ. ނަމަވެސް އޭނާގެ ޒިންމާ އެކަން ހުއްޓުވިއެވެ. “މިތަނުގައި ތިއީ ހަމައެކަނި ބަލިމީހެއް. ބޭސްކައިގެން ނިދާލެވޭތޯ ބައްލަވާ. އެހެން ނޫނީ ތަދު ކުޑައެއް ނުވާނެ.” ޝިފާ އެނބުރި ހިނގައިގަތް އިރު އޭނާގެ ހިތުގައި ވަނީ ނުތަނަވަސްކަމެވެ. ޒިޔާންއަށް ބަލާލުމުން އޭނާއަށް ފެންނަނީ އަނދިރިކަމެވެ. އެކަމަކު އެ އަނދިރިކަމުގެ ތެރެއިންވެސް ކޮންމެވެސް ވަރެއްގެ ރަހުމެއް އޭނާގެ ހިތުގައި އުފެދެނީ ކީއްވެގެން ކަމެއް ޝިފާއަކަށް ނޭނގުނެވެ.

ޒިޔާން އޮތީ ހިމޭންވެފައެވެ. ޝިފާގެ އެ ސާބިތުކަމާއި އޭނާގެ ބަސްމަގުގައި ހުރި ގަދަރުވެރިކަމުން ޒިޔާންގެ ހިތަށް ނޭނގޭ އުނދަގުލެއް ވިއެވެ. އޭނާ ބޭނުންވީ ޝިފާ ރުޅިއަރުވާލާފައި ފޮނުވާލާށެވެ. ނަމަވެސް އެ އާދައިގެ ނަރުސް ކުއްޖާގެ ކުރިމަތީގައި ފުރަަތަމަ ފަހަރަށް އޭނާގެ ގަދަކަން އެއްވެސް އެއްޗަކަށް ނުވިއެވެ.

 

 

 

 

 

 

Comments (12)

  1. Fiza

    Vrh Salhi. Next part avas….

    1. Ara
      Fiza

      Thank you 😊

  2. Shaba_73

    Masha Allah mi part ves Vrh reethi
    Story nimuny tha mi??

    1. Ara
      Shaba_73

      No adhi nunimey

  3. ކިއުންތެރިއެއް

    ދިމާއަށް ސާފުކޮށް ލޮލަށް މަންޒަރު ފެންނަ ފަދަ.ބަސްމަގު ރީތި. މާރާމާރީގެ މަގު ޚިޔާރުކޮށްފައިވާ ޒިޔާން އަދި ނަރުސް ޝިފާ ސިފަކުރިކުރުން ހަމަ ހަބޭސް. ވާހަކަލިޔުމުގެ ރޮނގުން އަރާއަށް ކުރިއެރުމާއި ކާމިޔާބީ އެދެން!

    1. Ara
      ކިއުންތެރިއެއް

      ޝުކުރިއްޔާ 🫶🏻

  4. Anonymous

    Story nimuny tha e ??

    1. Ara
      Anonymous

      No mee series eh

  5. Anonymous

    Like Kithah ep ge series eh

    1. Ara
      Anonymous

      Total 9 episodes

  6. gurrrl

    Your name is aara tha nooni araa tha ???
    Btw vhk vrh salhiii… thigothugaii kuriah dhwveythw masahkaii kuraathi abadhuves hope libeyne 🥰🫶🏻🫵🏻

    1. Ara
      gurrrl

      It’s aara. Thank you so much for ur support 😊🫶🏻

Comments are closed.