Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަސްތު

Ara
Ara Level 210 Stories100 Comments
January 1, 2026 5 Mins Read
10 Comments

 

ރައުޝާ އާއި ޢަލީގެ ކައިވެންޏަކީ ބަހާރު މޫސުމެއްގައި ފޮޅިފައިވާ މާބަގީޗާއެއް ފަދަ އުފާވެރި ގުޅުމެކެވެ. ކައިވެނީގެ ފުރަތަމަ އަހަރު ވޭތުވެގެން ދިޔައީ ހުވަފެނީ ދުނިޔެއެއްގައެވެ. ޢަލީއަކީ މުރާލި އޯގާތެރި ފިރިއެކެވެ. އޭނާގެ ރީތި އަޚުލާގާއި ރައުޝާ އަށް ބަހައްޓާ އޯގާތެރިކަމަކީ މުޅި ރަށަށް މަޝްހޫރު ކަމެކެވެ. “އަހަރެން ރައުއަށް ދުވަހަކުވެސް ދެރައެއް ނުދޭނަން.” މިއީ ޢަލީގެ ދުލުން އޭރު އާންމުކޮށް ބުނާ ޖުމުލައެކެވެ. ރައުޝާ ހީކުރީ އޭނާގެ މުޅި ހަޔާތް ދާނީ މިފަދަ އުފާވެރި ދުވަސްތަކެއް ގައި ކަމުގައެވެ.

 

ކައިވެންޏަށް ދެއަހަރުވީތަނާ ޢަލީގެ އުޅުމަށް މަޑުމަޑުން ބަދަލުތަކެއް އަންނަން ފެށިއެވެ. ކުރިން ގަޑިއަށް ގެއަށް އަންނަ މީހާ ދަންވަރު ގެއަށް އަންނަން ފެށިއެވެ. ރައުޝާ ސުވާލުކުރުމުން ބުނަނީ މަސައްކަތް ގިނައީ ކަމަށެވެ. ނުވަތަ ރައްޓެހިންނާއެކު ކޮފީއެއްގައި އިނީ ކަމަށް ބުނެ އޭނާ ދައްކާ އުޒުރުތަކުން ރައުޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ނަމަވެސް ޢަލީގެ ދެލޯ ރަތްވެފައި ހުރުމާއި، ކެއުމާ ދުރުވުމާއި، އަދި ސާފުތާހިރުކަމަށް ފަރުވާކުޑަވުން ރައުޝާ އަށް ފާހަގަވިއެވެ.

 

އެއްދުވަހަކު ކޮއްކޮގެ ކައިވެނީގެ ހަފުލާއަށް ދާން ތައްޔާރުވާންވެގެން ރައުޝާ އޭނާގެ ގަހަނާ ފޮށި ހުޅުވާލިއެވެ. ނަމަވެސް ފޮށީގައި އޮންނަންޖެހޭ ރަންފަށް ފެންނާކަށް ނެތެވެ. މުޅި ކަބަޑުގެ ކޮންމެ ކަނެއް ބެލިއިރުވެސް އެ ފަށެއް ނުފެނުނެވެ. ޢަލީ ކޮޓަރިއަށް ވަނުމުން ރައުޝާ އެ ފަށާ ބެހޭގޮތުން ސުވާލުކުރިއެވެ. ޢަލީ ފޯނަށް ބަލަހައްޓައިގެން އިނދެ ވަރަށް ފަރުވާކުޑަ ގޮތަކަށް އެއީ ރައުޝާއަށް ބެހެއްޓުނު ތަން ހަނދާން ނެތުނީ ކަމަށް ބުންޏެވެ. ނަމަވެސް ޢަލީގެ އަޑުގައި ހުރި ޖެހިލުންވުމާއި ރައުޝާގެ ލޮލަށް ސީދާ ބަލަން ނުކެރުނު ކަން ފާހަގަވިއެވެ. ރައުޝާ ގިސްލާފައި ރޮމުން ކަމެއް ސިއްރުކުރަނީތޯ ނުވަތަ އެ ފަށް ވިއްކާލީތޯ ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން ޢަލީގެ ކެތްތެރިކަން ކޮޅުންލިއެވެ. ޢަލީގެ މޫނުމަތިން ފެނުނީ ބިރުވެރި ރުޅިވެރިކަމެކެވެ. އޭނާ ބާރަށް ހަޅޭއްލަވައިގަންނަމުން މޭޒުމަތީގައި ހުރި ސެންޓު ފުޅިތަކާއި މޭކަޕް ސާމާނުތައް އަތުން ޖަހައި ވިއްސާލިއެވެ. ކޮޓަރި ތެރޭގައި އެއްޗެހިތައް ވެއްޓި ތެޅުނު އަޑާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ރައުޝާ ބިރުން ހުއްޓުން އަރާފައި ހުއްޓާ، ސައިކަލު ތަޅުދަނޑި ހިފައިގެން ބާރަށް ދޮރު ލައްޕާފައި އޭނާ ނުކުމެގެން ދިޔައީއެވެ.

 

ޢަލީ ގެއިން ނުކުމެގެން ދިޔަ ފަހުން ރައުޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކޮޓަރި ތެރެއަށް އުކާލާފައި ހުރި ސާމާނުތައް ނަގައި ސާފުކުރަން ފެށި ވަގުތު އެނދުގެ ދަށަށް ވެއްޓިފައި އޮތް ކުޑަ ކަރުދާސްކޮޅެއް ރައުޝާގެ ލޮލުގައި އަޅައިގަތެވެ. އެ ހުޅުވާލި އިރު އޭގެ ތެރޭގައި ހުރީ މުށިކުލައިގެ ކުނޑިތަކެކެވެ. ރައުޝާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ ވަގުތުން ފޯނު ނަގައި އިންޓަނެޓުން އެއީ ކޯއްޗެއްތޯ ބަލަން ފެށިއެވެ. ފެނުނު މައުލޫމާތުތަކުން އޭނާގެ ފައިދަށުން ބިންގަނޑު ކެހިގެންދިޔަހެން ކަހަލައެވެ. އެއީ މަސްތުވާތަކެއްޗެވެ.

ރައުޝާގެ ލޯބިވާ ފިރިމީހާ، އޭނާގެ މުޅި ދުނިޔެ ކަމުގައި ދެކުނު ޢަލީ އެވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައެވެ. ރަންފަށް ގެއްލުނު ސަބަބާއި، ދާދި ފަހުން ޢަލީގެ ވަޒީފާ ގެއްލުނު ހަޤީޤީ ސަބަބު މިއަދު އޭނާއަށް ސާފުވެއްޖެއެވެ.

ރައުޝާ ގޭގެ ބޮކިތައް ނިވާލައި އަނދިރީގައި އިށީނދެގެން އިނދެ ރޯން ފެށިއެވެ. އޭނާގެ ސިކުނޑީގައި އެތައް ހާސް ސުވާލުތަކެއް އެނބުރެމުން ފެށިއެވެ. މިއީ ކޮން އިރަކު ފެށުނު ކަމެއް ހެއްޔެވެ؟ ޢަލީ އޭނާއަށް މިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެ ހެއްޔެވެ؟ އެންމެ ބޮޑު ހިތްދަތިކަމަކީ ޢަލީ އެފަދަ ނުބައި ވަބާއެއްގެ ތެރޭގައި އުޅޭއިރުވެސް އޭނާ އަށް އެކަން ނޭނގި އޮތް ކަމެވެ.

 

ދަންވަރު ތިނެއް ޖަހާކަންހާއިރު ދޮރުގެ ތަޅު ހުޅުވާލި އަޑަށް ރައުޝާ ސިއްސައިގެން ދިޔައެވެ. ޢަލީ ކޮޓަރިއަށް ވަނީ ވަރަށް މަޑުމަޑުން ރައުޝާ ނިދާފައި އޮތްތޯ ބަލަމުންނެވެ. ނަމަވެސް އަނދިރީގައި އެނދުގެ އެއްކަނެއްގައި އިށީނދެގެން އިން ރައުޝާ ފެނުމުން ޢަލީ ހުއްޓުން އެރިއެވެ. ރައުޝާ އެއްވެސް އެއްޗެއް ނުބުނެ، ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބާއްވާފައި އޮތް ކަރުދާސްކޮޅު ޢަލީއަށް ދައްކާލިއެވެ.

ޢަލީގެ މޫނުމަތިން ފުރަތަމަ ފެނުނީ ސިހުމެވެ. އެއަށްފަހު އޭނާ އިސްޖަހާލައިގެން ފާރުގައި ލެނގިލިއެވެ. ކުރިން ދެއްކި ފަދަ ރުޅިވެރިކަމެއް މިފަހަރު އޭނާގެ ކިބަޔަކުން ނުފެނުނެވެ. އޭނާގެ މުޅި ހަށިގަނޑު ވަނީ ވަރުބަލިވެފައެވެ. ރައުޝާގެ ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމަމުން ދިޔައިރު، ޢަލީ އޭނާ ދިފާއު ކުރުމަށް އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އޭނާ ބިންމައްޗަށް ތިރިވެ، ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިނދެ ރޯން ފެށިއެވެ.

އެއީ ރައުޝާގެ ހިތް ކުދިކުދިވި ވަގުތެކެވެ. އޭނާގެ ކުރިމަތީގައި އެ އިނީ ކުރިން ދަންނަ ހިތްވަރުގަދަ، ހީވާގި ޢަލީއެއް ނޫނެވެ. އެއީ އަމިއްލަ ނަފްސުގެ ކޮންޓްރޯލް ގެއްލި ބަލިކަށިވެފައިވާ އިންސާނެކެވެ. ޢަލީ ކިޔައިދިން ގޮތުގައި މިކަން ފެށުނީ ވަޒީފާގެ ސްޓްރެސް ބޮޑުވެގެން ރައްޓެއްސަކު ދިން އެއްޗަކުންނެވެ. ފުރަތަމަ ހީކުރީ އެއީ ހިތްހަމަޖެހުން ހޯދަން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް މަޑުމަޑުން އެއީ އޭނާގެ މުޅި ދިރިއުޅުން ދިރުވާލި އަލިފާންގަނޑަކަށް ވީއެވެ. ރައުޝާގެ ރަންފަށް ވިއްކާލީވެސް އެ ނުލިބިގެން ހަށިގަނޑަށް ލިބުނު ވޭނަށް ކެތްނުކުރެވިގެންނެވެ.

 

އެރޭ ރައުޝާ ނިންމީ ވަރަށް ބޮޑު ނިންމުމެކެވެ. އޭނާ ޢަލީގެ އަތުގައި ހިފައި އޭނާއާއެކު މި ވަބާއިން ސަލާމަތްވާން މަސައްކަތް ކުރާށެވެ. “އަހަރެން ޢަލީ ދޫކޮށެއް ނުލާނަން އެކަމަކު ޢަލީ ޖެހޭނީ މިކަން ހުއްޓާލަން ހިތްވަރު ކުރަން،” ރައުޝާ ބުންޏެވެ. ޢަލީ ރައުޝާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އެއީ އެ އަނދިރި ދަތުރުގައި ފެނުނު އުންމީދުގެ ފުރަތަމަ ހުޅުކޮޅެވެ.

ޢަލީ ރިހެބަށް ދިޔުމާއެކު ރައުޝާގެ ދިރިއުޅުމުގެ އެންމެ ބަރުދާސްތުކުރަން އުނދަގޫ ދުވަސްތައް ފެށުނެވެ. ޢަލީގެ ހަގީޤަތް އެނގުމުން މުޖުތަމައުގެ ހުރިހާ ތީރެއް އަމާޒުވީ ހަމައެކަނި ޢަލީއަކަށް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ފަހަތުގައި ހުރި ރައުޝާގެ މޮޔަކަމާ ބެހޭގޮތުން މީހުން ވާހަކަދައްކަން ފެށިއެވެ. އޭނާ އަށް އިވޭވަރަށް ބައެއް މީހުން ބުނެއެވެ. “ތިޔަހާ ރީތި ކުއްޖަކު އެކަހަލަ މީހަކާ އެކު އުޅެނީ ކޮން މަޖުބޫރީއެއް އޮވެގެންހެއްޔެވެ؟” އަދި ރައުޝާގެ އާއިލާގެ ތެރޭގައި އޭނާވީ ބަސްނާހާ އަދި ގޮތްދޫނުކުރާ ކުއްޖަކަށެވެ. “ތިޔަ ކުރަނީ މޮޔަ ކަމެއް. ބޯ މީހަކު ދުވަހަކުވެސް އިސްލާހެއް ނުވާނެ. ތިޔަ ހަލާކުކުރަނީ އަމިއްލަ ޒުވާން އުމުރު” ބޭބެ އަދި ދައްތަމެން ކޮންމެ ދުވަހަކު ބުނަމުން ދެއެވެ. ގޭގެ ސިޓިންގރޫމުގައި އާއިލާގެ އެންމެން އެއްވެ ރައުޝާގެ ކުރިމަތީގައި ޢަލީގެ ހުރިހާ އުނި ސިފަތަކެއް އަތުރާލިއެވެ.ނަމަވެސް ރައުޝާއަށް އެނގެއެވެ. މުޅި ދުނިޔެ ޢަލީ އާއި ދެކޮޅުވިޔަސް އޭނާގެ ފިރިމީހާއަށްޓަކައި ހުރީ ހަމައެކަނި އޭނާ އެކަންޏެވެ.

 

ޢަލީ ސެންޓަރަށް ވެެއްދި ފުރަތަމަ ދެ ހަފްތާއަކީ އޭނާގެ މުޅި ހަޔާތުގައިވެސް އައި އެންމެ ބިރުވެރި ދުވަސްތަކެވެ. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމުން ކުރިމަތިވާ “ވިތުޑްރޯވަލް” ގެ އަސަރުތައް އޭނާގެ ހަށިގަނޑުން ފެންނަން ފެށިއެވެ. ޢަލީގެ ހަށިގަނޑު ތެރޭގައި މީހަކު ކީހަކުން ކީހާހެން އޭނާއަށް އިހުސާސްވަމުން ދިޔައެވެ. މުޅި ހަށިގަނޑުގައި ރިއްސައި، ހުން އައިސް، ހޮޑުލެވި، މީހާ މުޅިން ވަރުބަލިވިއެވެ. ކިތަންމެ ފަހަރަކު ފާރުގައި ބޯ ތަޅައި އެތަނުން ފިލައިގެން ގޮސް މަސްތުވާތަކެތި ހޯދަން އޭނާގެ ހިތް ގޮވަމުން ދިޔައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ޢަލީއަށް ބިރުވެރި ހުވަފެންތައް ފެނެއެވެ. އޭނާއަށް ހީވަނީ ރައުޝާ އޭނާ ދޫކޮށްލާފައި ގޮސްފި ހެންނެވެ. އޭނާގެ އަމިއްލަ ނަފްސަށް ނަފުރަތު ކުރެވުނު ވަރުން އަމިއްލައަށް މަރުވާންވެސް ހިތަށް އެރިއެވެ.

ސެންޓަރު ގައި ފޯނު ބޭނުންކުރުން މަނާވުމުން ރައުޝާ ކޮންމެ ހަފްތާއަކު ސިޓީއެއް ފޮނުވައެވެ. ޢަލީއަށް އެންމެ ބޮޑު ހިތްވަރަކަށްވީ އެ ސިޓީތަކެވެ.

“ޢަލީ، މިއަދު އަހަރެން ކެއްކީ ޢަލީ އަށް އެންމެ މީރު ފިހުނު މަހާ ބަތެވެ. ކާން އިންއިރު އަހަރެންގެ ލޮލުން ކަރުނަ އައީ ޢަލީ މިއަދު އަހަރެންގެ ގާތުގައި ނެތީމައެވެ. ނަމަވެސް އަހަރެން މިހުރީ އުފަލުންނެވެ. އެއީ ޢަލީ ތިޔަ ކުރަނީ އަހަރެމެންގެ މުސްތަގުބަލަށްޓަކައި ކުރާ ހަނގުރާމައަކަށް ވާތީއެވެ. ކެތްތެރިވާށެވެ. އަހަރެން މިހުރީ ހަމަ ތިޔަ އިންތިޒާރުގައެވެ.” ޢަލީ އެ ސިޓީތައް ކިޔަމުން ރޮއެއެވެ. އެއީ އޭނާ ދިރިހުރުމަށް ލިބުނު ހަމައެކަނި ސަބަބެވެ.

ޢަލީއަށް ފޮނުވާ ސިޓީތަކުގައި ރައުޝާ ކުރަހައިދެނީ ވަރަށް އުފާވެރި މަންޒަރެކެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށާއި ކެއުމާއި ބުއިމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ލިޔެއެވެ. ނަމަވެސް ހަޤީގަތަކީ ޢަލީ ސެންޓަރުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ރައުޝާގެ ދިރިއުޅުން އިތުރަށް ބިކަވަމުންދާ ދުވަހެކެވެ. އޭނާގެ އަތްމަތި ވަނީ މުޅިން ހުސްވެފައެވެ. ގޭގެ ކުލި ދެއްކުމަށާއި ޢަލީގެ ފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް އޭނާ ކުރާ މަސައްކަތް ބުރަވެފައި ލިބޭ މިންވަރު މަދެވެ. ޢަލީއަށް ފޮނުވާ ސިޓީގައި “މިއަދު ކެއްކީ ޢަލީއަށް އެންމެ މީރު ފިހުނު މަހޭ” ބުންޏަސް ހަގީގަތުގައި އެރޭ ރައުޝާ ނިދަން އޮށޯތީ ހުސް ބަނޑާ ހުރެއެވެ. އޭނާގެ ހަށިގަނޑު ހިކި މޫނުމަތިން އުޖާލާކަން ގެއްލިފައިވީ ނަމަވެސް ސިޓީގައި ލިޔާ ކޮންމެ އަކުރެއްގައި ވަނީ އުންމީދުގެ ކުލަ ޖައްސާފައެވެ. ރައުޝާ އެންމެ ބޮޑަށް ރޮނީ ސިޓީ ލިޔެ ނިންމާލުމަށްފަހުގައެވެ. އޭނާގެ ހަޤީޤީ ހާލަތު ޢަލީއަށް ސިއްރުކުރުމަކީ އޭނާގެ ހިތަށް ލިބޭ ބޮޑު ވޭނެކަށް ވަތީއެވެ.

ޢަލީ ރިހެބުން އެނބުރި ގެއަށް އައިއިރު އޭނާ ހީކުރީ ހުރިހާ ކަމެއް ކުރިއެކޭ އެއްގޮތަށް އޮންނާނެ ކަމަށެވެ. ނަމަވެސް ގޭގެ ދޮރު ހުޅުވާލި ވަގުތު އޭނާއަށް އިހުސާސްވީ ފަޅުކަމެވެ. ކުރިން ގޭގައި ހުރި ބައެއް ފަރުނީޗަރުތައް މަދެވެ. ކޮޓަރީގައި ހުރި އޭސީ ނެތެވެ. ރައުޝާ ހުރީ އޭނާގެ އިންތިޒާރުގައި ކަމަށް ވިޔަސް ރައުޝާގެ ހަށިގަނޑުންނާއި މޫނުމަތިން ފެންނަނީ ބަރުބަލިކަމެވެ. އޭނާގެ ދެލޯ ވަނީ ވަޅުވަދެފައެވެ. ރައުޝާ އެންމެ ފުރަތަމަ އުޅުނީ ހަޤީޤަތް ފޮރުވާށެވެ. ޢަލީ ކުރިން ނަގާފައި ހުރި ދަރަނިތައް އަދާކުރުމަށްޓަކައި އޭނާގެ ގަހަނާތަކާއި ގޭގެ ސާމާނުތައްވެސް ވިއްކާލީއެވެ. ރައުޝާގެ އާއިލާއިން އެންމެ ފައިސާ ފޮއްޗެއްގެ އެހީވެސް ނުދޭތާ ރައުޝާއާ ވާހަކަދެއްކުންވެސް އޮތީ ހުއްޓާލާފައެވެ.

ޢަލީއަށް ރޮއެގަނެވުނެވެ. އޭނާގެ މަސްތުގެ ވަބާގެ ސަބަބުން ރައުޝާ އެކަނިމާއެކަނި އުފުލި ބުރަ އޭނާއަށް އިހުސާސްވީ ދެނެވެ. ޢަލީ ރައުޝާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އެއީ ހަމައެކަނި ލޯތްބެއް ނޫނެވެ. އެއީ ރައުޝާގެ ވަފާތެރިކަމާއި ކެތްތެރިކަމަށްޓަކައި އޭނާގެ ހިތުގައި އުފެދުނު އިހުތިރާމެވެ. ޢަލީ ނިންމީ މިއަދުން ފެށިގެން އޭނާގެ މުޅި ހަޔާތް ރައުޝާއަށްޓަކައި ގުރުބާން ކުރުމަށެވެ.

މިއަދު ޢަލީއަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާ މަސްތުވާތަކެއްޗާ ދުރުގައި ހުންނަތާ ދިހަ އަހަރު ވެއްޖެއެވެ. އެމީހުންގެ މިހާރު ލޯބިލޯބި ދަރިއަކުވެސް އެބައޮތެވެ. މީހުން މިއަދު ރައުޝާ އާ ދިމާލަށް ބަލަނީ އިހުތިރާމާއެކުގައެވެ. އޭނާ ސާބިތުކޮށްދިނީ ތެދުވެރި ލޯތްބާއި ނުގުޑާފަދަ އަޒުމަކީ ކޮންމެފަދަ ބޮޑު ވަޅުގަނޑަކުންވެސް އިންސާނަކު ސަލާމަތް ކުރެވިދާނެ ބާރެއް ކަމެވެ.

 

ނިމުނީ

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ފުރަތަމަ ނަޒަރުން 24 (ފަހު ބައި)

Next

ހިތް އެދޭ މަންޒިލަކީ… 21

Next
January 2, 2026

ހިތް އެދޭ މަންޒިލަކީ… 21

Previews
January 1, 2026

ފުރަތަމަ ނަޒަރުން 24 (ފަހު ބައި)

10 Comments!

  1. Anonymous says:
    January 1, 2026 at 2:09 pm

    Masha Allah mee vrh ibraiy theri Adhi vvv reethi story eh
    Rausha haadha Hiyvaru gadha eyy happy Ali islaah veema
    Keep shining ✨ I appreciate your hard work
    Waiting for more stories from ya!
    HAPPY NEW YEAR
    Lysm ❤️

    1. Ara Ara says:
      January 1, 2026 at 2:46 pm

      Happy new year. Thank you so much for ur support 😊🫶🏻

  2. Shaba_73 says:
    January 1, 2026 at 2:10 pm

    Masha Allah mee vrh ibraiy theri Adhi vvv reethi story eh
    Rausha haadha Hiyvaru gadha eyy happy Ali islaah veema
    Keep shining ✨ I appreciate your hard work
    Waiting for more stories from ya!
    HAPPY NEW YEAR
    Lysm ❤️

  3. Shaba_73 says:
    January 1, 2026 at 2:11 pm

    Hama ekaku mi comment kohlee name nuliyevunyma Alun kohly mi

  4. Anonymous says:
    January 1, 2026 at 4:06 pm

    Nice

    1. Ara Ara says:
      January 1, 2026 at 5:31 pm

      Thank you so much 😊

  5. savuu_17 savuu_17 says:
    January 1, 2026 at 6:50 pm

    Vhk vvv salhi ❤️

    1. Ara Ara says:
      January 4, 2026 at 8:32 pm

      Thank you 😊❤️

  6. Anaa says:
    January 7, 2026 at 4:35 pm

    Bravo!!! This story won’t leave my mind. So glad you wrote on this topic. Truly I’m just stunned after reading this. 👏🏻👏🏻👏🏻👏🏻

    1. Ara Ara says:
      January 7, 2026 at 6:43 pm

      Thank you so much 😊🥰🫶🏻

Comments are closed.



All Right Reserved!