ޖަވާހިރުގެ ބާރު – 5
އެހީތެރިޔާ ބުންޏެވެ. “ރާ..ނީ. އަހަރެމެންގެ ތެރޭގައި އުޅުނު… ސަވާރު… މަރުވެއްޖެ!” އެއީ ކިހިނެތް ވީ ކަމެއްތޯ އަހަރެންް ސުވާލުކުރީމެވެ. “އޭނާ ހަރުގެއިން… ނުނިކުމެ ގިނައިރު…ވާތީވެ… އަހަރެން ބަލައިލަން ދިޔައީ…” އިތުރަށް ވާހަކަ ނުދެއްކި އެހީތެރިޔާއަށް ރޮވެން ފެށިއެވެ. ލަސްތަކެއްނުވެ އަހަރެންގެ މިސްރާބު ހުރީ ހަރުގެއާ ދިމާލަށެވެ.
އޭރު އެތަނުގައި އެހެން އެހީތެރިން އެއްވެ ތިއްބެވެ. ހިތާމަކުރުމުގައެވެ. ކާކުތޯ ބެލުމަށް އަހަރެންވެސް އެހީތެރިންނާއި ގާތްވެލީމެވެ. އަހަރެންނަށްވެސް ރޮވެގަނެވުނެވެ. މީހަކު މަރުވުމަކުންނެއް ނޫނެވެ. އެއީ މިރަށުގައި އޭނާއާ ފުރަތަމަ ބައްދަލުވެ ވާހަކަދެއްކުނު މީހާކަމަށް ވާތީއެވެ. ސަވާރީ ދުއްވަން ހުރި ސަވާރެވެ. އޭނާއަށް ކިޔުނު ނަން ނޭނގުނަސް އޭނާއަކީ މަޑުމައިތެރި އޯގާތެރި މީހެއްކަން އަހަރެން ދަންނަމެވެ. ނަމަވެސް މިހާރު އެ އޮތީ ހަމައެކަނި ފުރާނަ ނެތް މަސްގަނޑެވެ.
އިރުކޮޅަކުން އޭނާ މަރުވުމުގެ ސަބަބެއް ހޯދުމަށް މުޅިގައިގެ ވަށައިގެން ހަލާކުވެފަ ލޭ އައިސް ހުރިތޯ ބެލީމެވެ. އަހަރެން ހައިރާންވީ ގައިގެ އެއްވެސް ހިސާބެއްގައި ނިޝާނެއް ނެތުމުންނެވެ. އޭނާ އޮތްތަނުން ހިއްލާލާފައި ބަލައިލި އިރު އޭނާގެ ކަރުގައި ކައިރިކައިރީގައި ދެ ލޯވަޅު ހުއްޓެވެ. އެއީ ކޮން ފަރާތަކުން ކޮށްފައިވާ ކަމެއްތޯ އެހީތެރިންނާއި ސުވާލުވެސް ކުރީމެވެ. އެކަކުވެސް އަހަރެން ހިތްހަމަޖެހުނު ޖަވާބެއް ނުދިނެވެ. ދެން އަހަރެންނަށް އަޅައިގަތީ ސަވާރުގެ އިސްތަށިގަނޑުގައި ހުރި ދަނބުކުލައިގެ ޖާދޫފުއްތަކެވެ. މިކަން ކުރީ ކާކުކަން އަހަރެންނަށް ފަހުމުވިއެވެ. އިސާހިތަކު އަހަރެންގެ ގާތަށް ރުޅިއައެވެ.
ކުއްލިއަކަށް ހަރުގެއާދިމާ އުޑުމަތިން ދަނބުކުލައިގެ ކުނޑިފުއްތަކެއް ފައިބަން ފެށިއެވެ. އެއީ ރިޒުއާނާކަން މިހާރު އަހަރެން ރަނގަޅަށް ދަންނަމެވެ. ޒީލަގަދަ ނުލަފާ ހިނިގަނޑަކާއެކު، ރިޒުއާނާ ފާޅުވިއެވެ. މުޅި އަނގައިގަ ވަނީ ލެއެވެ. “ކޮބާ އަހަރެންގެ ހަދިޔާ ކަމުދޭތަ؟” ރިޒުއާނާ ތިރިއަށް ފައިބަމުން ސުވާލުކޮށްލިއެވެ. “ކަލޭ ހުރިހާ ކަމެއް ކުރަނީ. ކީއްވެތަ އަހަރެންނާއި އަޅައިގަނެގެން ތިއުޅެނީ. ކަލޭގެ އަމިއްލަ ހަވަނަ މިނުގައި އުޅެބަލަ.” ބުނި ކޮންމެ ލަފުޒަކާއިއެކު އަހަރެންގެ އައިސްފައިވާ ރުޅި އިތުރުވެގެން ދިޔައެވެ. ކުއްލިއަކަށް އަހަންނާވީ ދިމާ ކުރިމަތިން ރަތްކުލައިގެ އަލިފާންގަނޑެއް ފާޅުވިއެވެ. ހުޅުގަނޑު ބޮޑުވެ ރޯވެ އަނދަމުން ދިޔައެވެ. އެހެން އިތުރު ކަމަކަށް ނުވިސްނާ އަހަރެން ރިޒުއާނާ އާއި ދިމާއަށް އަމާޒުކުރީމެވެ. އަލިފާންގަނޑު ދޫކޮށްލިތަނާހެން ރިޒުއާނާ ހުރިތަނުން ގެއްލުނެވެ. އަލިފާންގަނޑުގެ އަމާޒު ހުރީ ހަރުގެއާ ދިމާލަށެވެ. އަލިފާންގަނޑު ހުއްޓުވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ހަމައެއާއެކު ޒައިލީ ބުނި ވާހަކަތަށް ހިތަށް އަރަންފެށިއެވެ. މި ބާރަކީ ގެންގުޅެން އުނދަގޫ އެއްޗެއް ކަމެވެ. އަހަރެން ބަލަން ހުއްޓާހެން ހަރުގެ އަނދާ ހުލިވެގެން ދިޔައެވެ. ހަރުގެ ހުރިކަމުގެ ނިޝާނެއްވެސް މިހާރު ފެންނާކަށްނެތެވެ.
“މިއީ އަހަރެންގެ މައްސަލައެއް ހެއްޔެވެ؟ ނުވަތަ ޒައިލީގެ މައްސަލަ ހެއްޔެވެ؟ އަހަރެންނަށް ބޮޑަށް ބުރަވެވުނީ ރިޒުއާނާގެ މައްސަލައެއް ކަމުގައެވެ.” އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. މި ހުރިހާކަމެއް ޒައިލީއަށް އިނގޭނެކަމާމެދު އަހަންނަށް ކުޑަކޮށްވެސް ޝައްކެއްނެތެވެ. މި ކަންތައްތަކާ ވިސްނި ރުޅިގަދަވި ވަރަކަށް އަހަރެންގެ ގައިގައި އަލިފާން ރޯވަމުން ދިޔައެވެ. ތަންތަން ނުފިހުނެއްކަމަކު އަހަރެންގެ ހިތް ވަނީ ފިސްފިސްވެފައެވެ. ޖާދޫއަކީ އަހަރެންގެ ހަޔާތައް ބަދު ނަސީބު ގެންނަ އެއްޗެއްގެ ގޮތުގައި ވިސްނެން ފެށިއެވެ.
މާ ގިނައިރުތަކެއް ނުވެ އެހީތެރިޔަކު އައިސް އަލިނޫކުލައިގެ ފުއްތަކެއް އަހަރެންނާއި ދިމާއަށް ވިހުރުވާލިއެވެ. އެ ފުއްތައް ފެންތިކިތަކަކަށް ބަދަލުވެ އަހަރެންގެ ގައިގެވާ އަލިފާންގަނޑު ނިއްވުމަށް އެހީތެރިވަމުން ދިޔައެވެ. އިރުގަނޑަކަށްފަހު އަހަރެންގެ ގައިގަ ހިފާފައިވާ އަލިފާންގަނޑު ނިވުނެވެ. އޭރު އަހަރެންގެ ޚަބަރުވަނީ ހުސްވެފައެވެ. ބިންމައްޗަށް ވެއްޓެން ދިޔުމާއެކު އެހީތެރިޔާ އަހަރެން ހިފެހެއްޓިއެވެ. އޭރުވެސް ރިޒުއާނާ މާދުރުނޫން ހިސާބެއްގައި ހޭން ހުރިތަން ފެނެއެވެ.
ލޯހުޅުވާލެވުނީ ރަތް ފިޔާތޮށި ކުލައިން ދިއްލިފައިވާ އުދަރެހަށެވެ. އެތާގައި ވަގުތު ހޭދަކުރާ ހިތް ނުވާތީވެ، އަހަރެން ލޯ މަރާލައިގެން އޮތީމެވެ. އެތާގައި ވަގުތު ބޭކާރުުރުމުގެ ނިޔަތުގައެވެ. އަދި ޒައިލީއާ ދުރުގައި އޮތުމައްވެސްމެއެވެ. ދިމާވެފައިވާ ނިކަމެތި ހާލަތާމެދު ވިސްނި ލޮލުން ކަރުނަ ހިލުނެވެ. “ބައްޕައާއި މަންމަ އަހަރެން ދޫކޮށް ދިޔައީއެވެ. ރިޒުއާނާ ދޮންތަ އެގޮތަށް އުޅެނީ ކީއްވެހެއްޔެވެ. ޒައިލީއަކީ ކޯއްޗެއްގެ ރޫޙެއް؟ ޒައިލީވެސް އަހަރެންނަށް ބާރު ދަސްކޮށްދިނީކީއެއް ނޫނެވެ. ދެންވާނީ އެހެންތާއެވެ.” ހިތާހިތުން ކިޔާލަކިޔާލާ އޮތީއެވެ.
އަހަރެންގެ ނިތްކުރިއަށް ފެންތިކި ތަކެއް އެޅުނުހެން ހީވާތީވެ، ލޯހުޅުވާ ބަލައިލީމެވެ. އަހަރެންގެ ބޮލާވީ ދިމާލުގައި އިށީނދެ އިނީ ޒައިލީއެވެ. ރުޅިވެރި މޫނަކާއިއެކު އަހަރެން ތެދުވެ، އޭނައާއި ދުރަށް ހިނގައިގަތީމެވެ. އޭނާ އަހަރެންގެ ފަހަތުން އައެވެ. ޒައިލީ ބުންޏެވެ. “އަހަރެންނަށް އެނގޭ އެހެންކަން ވާނީވެސް. އޭރު މިނާލް ހުރީ ފަނޑުވެފައި އެހެންވެ އަހަރެން ހީކުރީ މިނާލް ހަވަނަ މިނުން ނިކުންނަނީކަމަށް.” މިހުރިހާ ބުނުމަކަށް އަޅާނުލާ އަހަރެން ހިނގީމެވެ. އަނެއްކާވެސް ޒައިލީ ބުންޏެވެ. “ކީއްވެތަ ވާހަކަ ނުދައްކާ ތި ދަނީ؟ މިއީ އަހަރެންގެ މައްސަލައެއް ނޫނޭ! ކޮން ހުވަފެނެއްތަ މިނާލް ހިތަށް ތި އަރުވަނީ؟ އަހަރެންނަކަށް ހޯދަހޯދާ ނުފެނުނު ތިޔަ ހުވަފެނެއް! ތިއީ މިތާ ހިނގާ ކަމެއްވެސް ނޫން!”
ފިޔަވަޅުއެޅުން ހުއްޓުމަށްފަހު އަހަރެން ބުނެލީމެވެ. “ކަލެއަށް އިނގޭނެ ދޯ މަށަށް ކުރާ އަސަރު. ކޮންމެ ފަހަރަކު ރިޒުއާނާ އަހަރެންގެ ހަޔާތުގެ ކޮންމެވެސް ކަމަކާ ކުޅެލާ! އަހަރެންނަށް ފެންނަ ހުވަފެން ކަލެއަށް ނުފެންނަންވީ ސަބަބަކީ ކޮބާ؟”
ވިސްނަން ވަގުތުކޮޅެއްގައި ހުރެ ޒައިލީ އަނެއްކާވެސް ބުންޏެވެ. “އަހަރެންނަށް ނުފެނިދާނެ ސަބަބެއް އެބައޮތް! ތިއީ މިނާލްގެ ރޫހު. ކޮންމެވެސް މީހެއްގެ ހަވަނަ މިނަށް މިނާލްގެ ރޫހު އެބަގެންދޭ! އެއީ ކާކުކަމެއް އިނގޭތަ މިނާލްއަށް؟” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ. “ބުނަން އަހަރެން މިރަށަށް އައި ފަހުން ކޮންމެ ކަމެއްވެސް ވަނީ ބޮޑު އަޖައިބަކަށް! މި ފަދަ ރަށަކަށް އަހަރެން ގެނައުމުގެ އެއްވެސް ބޭނުމެއް ނެތް! އަހަރެންނަކީ ޖާދޫގެ ބާރުތައް ދަންނަ މީހެއް ނޫން. އެ ބޭނުންކުރަންވެސް ދަންނަ މީހެއް ނޫން. ތިޔަ ފެންނަ ހުވަފެނަކީ އެހެން މީހަކު ކުރާ ކަމެއްވެއްޖެނަމަ އެ ކަމެއް ކުރާ މީހަކު އަހަރެންނަކަށްވެސް ނޭނގެ.”
ޒައިލީ އަހަރެންގެ އަތުގައި ހިފާލާފައި ބުންޏެވެ. “ތިގޮތަށް އެއްޗެހި ނުކިޔަބަލަ. އަހަރެންނަކަށްވެސް ނޭނގެ އެ ‘ހުވަފެން’ ދައްކާ މީހަކީ ކާކުކަމެއް! ނުވިތާކަށް މިނާލްވެސް ތިހުރީ ވާނުވާގައި.” އަހަރެންގެ މޫނުގައި ހިނިތުންވުމެއް ފާޅުކުރުމަށްފަހު ބުނެލީމެވެ. “ތި މީހަކު ހޯދުމަށް ޒައިލީ އަހަރެންނަށް އެއްބާރުލުން ދޭނަންތަ؟” ބޯ ހަލުވާލަމުން ޒައިލީ އާނ އެކޭ ބުންޏެވެ. ކުއްލިއަކަށް އަހަރެން ފަނޑުވާން ފެށިއެވެ. ޒައިލީ ހާސްވެފައި ގޮވާލިއެވެ. “މިނާލް!”
ލޯ ހުޅުވާލެވުނީ އެއްކަލަ ‘ހުވަފެނީ ހަވަނަ މިނަށެވެ’. މިފަހަރު އެއްކަލަ މީހާގެ މޫނު ފެންނަން ހުއްޓެވެ. އޭނާއަކީ ކާކުކަމެއް އަހަރެންނަކަށްވެސް ނޭނގުނެވެ. އަހަންނަށް އިނގޭ އެއްވެސް މީހަކާ ވައްތަރެއްނުވިއެވެ. ބިޔަ ހަށިގަނޑަކާއި ދިގު އިސްތަށިގަނޑެއް އޭނާގެ ވެއެވެ. މޭމައްޗާ ހަމައަށް ދިގުކޮށްފައިވާ ތުނބުޅިއާއި ބޮލުގައިވާ އިސްތަށިގަނޑު ހުރީ ގަދަ ލޭރަތް ކުލައިގައެވެ. އެ ދެލޮލުން ކަޅި ހުއްޓައިނުލާ ބަލަމުން ދިޔައީ ތަޚުތުގެ ކަނާތް ފަރާތުގައިވާ ބިއްލޫރި ކުޑަދޮރަށެވެ. ނިކަން އަވަހަށް އަތުގައި އޮތް އެތި އެއްލިއެވެ. އޭރު ދަހަނާގައި ހުރި މީހާ ބުރުވި ކަނޑުނޫކުލައިގެ ފުއްތަކުން އޭނާ ވިރެން ފަށައިފިއެވެ. އޭނާ ހަޅޭއްލެވުމާއެކު މުޅިތަން ގުގުމާލިއެވެ. އެހާމެ ބަރު އަދި ހަރުކަށި އަޑެކެވެ. އޭނާ ވިރިގެން ދިޔުމާއެކު އަހަރެންގެ ބައްޕަ ދެރަވެފައިވާ މޫނަކާއެކު ތަޚުތުގައި އިށީންނެވިއެވެ. އޭރު ދަހަނާ އަޅައިގެން ހުރި މީހެއް އިމާރާތައް ދުވެފައި އައިސް ބުންޏެވެ. “ .. ..، .. ..!” ބުނި އެއްޗެއް ސާފެއް ނުވިއެވެ. މިހެން ބުނުމާއެކު އަހަރެންގެ ބައްޕަ ތަޚުތުން ތެދުވެ، ބޭރަށް ދުއްވައިގަތެވެ. ބޭރަށް ދިޔުމަށް ފިޔަވަޅު އެޅި ނަމަވެސް މަންޒަރު ގެއްލި ކަޅުވެގެން ދިޔައެވެ. އިރުތަކެއްނުވެ އަހަންނަށް ހޭލެވުނެވެ.
ހޭލި އިރު، އެނދުގެ އަރީގައި ހުރި މޭޒުގައި ކާތަކެތި ބެހެއްޓިފައިވެއެވެ. ރަނގަޅު ކެއުމެއް ނުކާތާ އެތައް ދުވަހެއްވެއްޖެއެވެ. އެނދުގައި އަރިއަކަށް އިށީންދެ އިނދެ ކާން ފެށީމެވެ. ކެއުން ކުރިއަށް ދިޔަވަރަކަށް އަހަރެންގެ ހަށިގަނޑުގައި ވަރުޖެހެމުން ދިޔައެވެ. ކައި ނިންމުމަށްފަހު ކުޑަ ދޮރުން ބޭރު ބަލައިލުމަށް ދިޔައީމެވެ. ގަނޑުވަރުގެ ބިތްދޮށް ފަރާތްކަމުން އޮތީ ކޮޅާކޮޅު ނުފެންނަ ވަރުގެ ބޯ ޖަނގައްޔެކެވެ. ހުރިހާ ގަސްތަކެއްމެ، ހުރީ ފީރޯޒު ކުލަައާއި ނޫކުލައިގެ ކުދި ފަތްތަކަކުން ޖަރީވެފައެވެ. އެހެން ނަމަވެސް އެހުރިހާ ގަސްތަކެއްގެ ތެރެއިން ވަރަށް ބޮޑަށް ބިޔަކޮށް ހުރި ގަހެއް ފެނުނެވެ. އެ ގަހުގެ ފަތްތައް ހުރީ ވަރަށް ބޮޑެތިކޮށެވެ. އެއީ ކޮން ގަހެއްތޯ ބެލުމަށް އަހަރެން އަވަސްވެގަތީމެވެ. އަހަރެން ދާން ބޭނުންވާ އެ ގަހުގެ ސިފަތައް ހިތަށް އަރުވާލީމެވެ. އެއާއެކު އަހަރެންގެ ވަށާ ރަތް ފިޔާތޮށި ފުއްތަކެއް ފާޅުވެ ވިދުމާއެކު ހުރިތަނަށް ގެއްލުނެވެ.
ބާބު – 4 ސަބިޝަލް ލިއަޣްފަފައި
ރަތް ކުލައިގެ ފުއްތައް ފަނޑުވުމާއެކު، އަހަރެން އިސް އުފުލާ ބަލައިލީމެވެ. އެއީ ހަމަ އަހަރެން ހިތުއެރުވި ގަހެވެ. ފަތްތައް އެހާވެސް ބޮޑެވެ. އެގަހުގެ މައިގަނޑު ޖަވާހިތް ގަނޑުވަރަށްވުރެ ފުޅަލެވެ. މީހެއްގެ ހިލަމެއްވާހެން ހީވާތީވެ، ފަރާތް ފަރާތް ބަލާލީމެވެ. އެކަކުވެސް ފެންނަން ނެތުމުން އެގަހުގައިވާ ބޮޑު ހޮހޮޅައަކަށް ވަނީމެވެ. މުޅި ތަނަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. ސިޑިބަރިއެއްފަދަ ތަނަކުން މައްޗަށް އެރީމެވެ. ކިރިޔާ އަޑެއް އިވުނަސް ބިރުން ތުރުތުރު އަޅައެވެ. ތަންތަނުގައި އަތް ހާކަމުންގޮސް، ދޮރެއްގެ އަތްގަނޑުގައި އަތްޖެހުނެވެ. އަތްގަނޑުގައި މަޑުމަޑުން ހިފާލީމެވެ. އެއާއެކު ބާރު އަޑުފަށްގަނޑެއް ކިއެވެ. އަޑުފަށްގަނޑާއެކު ސިޑިން ނުވެއްޓުނީ ހަމކިރިޔާއެވެ. މަޑުމަޑުން ދޮރުފަތް ހުޅުވެން ދިޔައެވެ.
އެތެރޭގައި ފަނޑު އަލިކަމެއް ހުއްޓެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކޮން ތަނެއްތޯ ބެލުމުގެ ނިޔަތުގައި އެތަނަށް ވަނީމެވެ. އެތާގެ ތެރެ އެހާމެ ފިންޏެވެ. ބަލާލި ބަލާލުމަށް އަލިގުޅަތަކެއް މަތީގައި އުދުހި އުދުހިފައި އުޅެއެވެ. އޭގެ ފަނޑު އަލިކަމާއެކު މުޅި އެތަނަށް ނަޒަރު ހިންގާލީމެވެ. ވަށައިގެން ވަނީ ގަހުގެ އެތެރެފުށުގައި ފަރަލިކޮށް ހަރުކުރެވިފައިވާ ހަރުތަކެވެ. ކުތުބުޚާނާއެއްގެ ގޮތަށް ހުރިހާ ހަރުތަކެއްވަނީ ފޮތްތަކާއި ފަތްފުއްތަކުން ފުރާލާފައެވެ. އެންމެ ފުރަތަމަ ހުރި ހަރުތައް ބަލައިލީމެެވެ. ފުރަތަމަ ހަރުގައި ޖަހާފައިވަނީ ‘ސަބިޝް ޕޮޥެފިން’(ޖާދޫގެ ބާރުތައް) މިހެންނެވެ. މުޅި އެ ހަރުގަނޑުގައި ވަނީ އެ މައުލޫއާ ބެހޭ އެކި އެކި ފޮތްތަކެވެ. އެތަނުން އެންމެ ކުޑަ ފޮތް ނަގާ ހުޅުވާލީމެވެ. ވަގުތުން ފޮތާއެކު ތަޅުންގަނޑަށް ވެއްޓުނެވެ. އަހަރެންގެ ހެޔަށް ގޮތްވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


