Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިއެހެނިހެން

ޖަވާހިރުގެ ބާރު – 1

leafy Level 210 Stories100 Login
December 18, 2025 4 Mins Read
0 Comments

ބާބު 1 – ރީތިރަށް

އަހަރެންނަށް ހޭލެވުނީ އިރުގެ ފަނޑު އަލިކަން ކޮޓަރިތެރެއަށް އެޅިލުމުންނެވެ. އޭރު އަހަރެންގެ މަންމަ ބަދިގޭގައި ސައިހަދަން އުޅޭ އަޑު އިވެއެވެ. އިރުކޮޅަކުން ކޮޓަރީގެ ދޮރު ހުޅުވާލާފައި އަވަސް އަވަހަށް ހަނީފާ ބުންޏެވެ. “އާދޭ ދަރިފުޅާ ސައިބޯން، ހުންނާނެ ހަވާދު ރިހަވެސް ކައްކާފައި.” ލޯ އުނގުޅަމުން އެނދުން ތެދުވެ، ފާހާނާއާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ. ތާޒާވެލައިގެން ބަދިގެއަށް ނުކުމެ، ރޮއްޓާއި ހަވާދު ރިހަ އާއެކު ސައިބޯން އިށީނީމެވެ. ގަޑިއަކަށް ބެލުމެއްނެތި، ފޮށި ތައްޔާރުކުރުމުގައި އަވަދިނެތި އުޅެނިކޮށް، އަލަމާރި ތެރެއިން ކުއްލިއަކަށް ވެއްޓުނީ އަހަރެންގެ ބައްޕަގެ ސޫރަ ކުރަހާފައިވާ ތަސްވީރެކެވެ.

އަހަރެންގެ މަންމަ ބުނިގޮތުގައި، މި ތަސްވީރަކީ މީގެ އަށާރަ އަހަރުގެ ކުރިން، ގޭ ދޮރުމަތީގައި އަހަރެން ލައިފައޮތް ވަށިގަނޑުގައި އޮތް ތަސްވީރެއް ކަމަށެވެ. މޫނު ކުޑަކޮށް ފުސްވެ ވީރާނާވެފައިވާ އެ ތަސްވީރުގައި އިރެއް ވަށާ ވެޔޮގަނޑެއް އޮތްފަދަ ނިޝާނެއް އިސާހިތަކު ވިދާލިއެވެ. އެ ތަސްވީރު އަތުން ދޫވެ، ފަހަތަށް ޖެހެވުނެވެ. އެއީ ކޮން ނިޝާނެއްތޯ ވިސްނާނެ ވަގުތެއް ނުވިއެވެ.

އަހަރެންނަށް އަށާރަ އަހަރު ފުރުނު ދުވަހު، ހުވަދު އަތޮޅު ރަށަކަށް ދާން ފުރަން މަންމަ ބުނިބުނުމަށް އެއްބަސްވީމެވެ. އެއީ ކީއްވެގެން ކަމެއް ޚުދު އަހަންނަކަށްވެސް ނޭންގެއެވެ. ”މިނާލް! މިނާލް! އަވަސްކޮށްލާ ދަރިފުޅާ“! މަންމަ ގޮވި އަޑަށް އަހަރެން ތައްޔާރުވެގެން ނުކުތީމެވެ.

އުޑުމަތި ސާފު ދުވަހެއްކަމުން ވިލާ ރޮއްޖެއްވެސް ފެންނާކަށް ނެތެވެ. ރަތް ދައްކަ އަވިން މަގުތަށް ވަނީހޫނުކޮށް ދޮންކޮށްލާފައެވެ. ރަށުތެެރެއަށް ވައިގެ ހިލަމެއްވެސް ނުވެއެވެ. ރަށުގެ ދެކުނުން ފެށިގެން ބަނދަރާ ހަމައަށް އާދެވުނީ ހަމަކިރިޔާއެވެ. އެއިރު ލާންޗުގެ އިންޖީނު ވަނީ ހިންގާފައެވެ. މިދިޔަ އަށާރަވަރަކަށް އަހަރުދުވަހު އަހަރެންނަށް މައެއްގެ ލޯބިދިން މަންމައަށް އަލްވަދާއު ކިޔުމަށްފަހު، ލާންޗަށް އެރީމެވެ. ބާރު ދުވެލީގައި ޏ.އަތޮޅު ފުވައްމުލަކުން ހުވަދު އަތޮޅުގެ ރަށަކަށް ދިޔުމަށް މިސްރާބުޖެހިއެވެ. ލާންޗުގެ ދެ އަރިމަތިން ރާއްޖޭގެ ރަށްތައް ފެންނަމުން ދިޔައިރު އަހަރެންގެ ފަން އިސްތަށިގަނޑު ދިދައެއް ވިހުރުވޭހެން ވިހުރުވެއެވެ. ލާންޗުގެ ބާރު ދުވެލިން ކައްސައިނުލާ ދުއްވަމުން ދިޔައިރު ޖެހޭ ފިނި ވައިރޯޅިތައް އަހަރެންގެ ގައިގައި ބީހެމުން ދިޔައެވެ.

އިސާހިތަކު ރާޅުތަށް ބޮޑުވާން ފަށައިފިއެވެ. އެއާއެކު ވަރަށް ބޯކޮށް ވިއްސާރަ ވެހެން ފެށިއެވެ. އިރުކޮޅަކުން ލާންޗުވެސް ހުއްޓިއްޖެއެވެ. ފަޅުވެރީން ބުނިގޮތުގައި ޕެޓުރޯލު ހުސްވީއެވެ. ރުޅިއައިސްފައިވާ ރާޅުތަކުގެ ތެރޭގައި ކެތް ނުކުރެވި ނެގި ބިޔަ ރާޅަކާއެކު ލާންޗު ބަންޑުން ޖެހި އެވެ. ބަންޑުން ޖެހި ވަގުތު އިށީންދެ އިން ގޮނޑީގެ ކަމަރު ނައްޓާލެވުނު ކަމާމެދު ޝައްކެވެ. ނަމަވެސް ލޮނުގަނޑުގެ ތެރެއިން ފަނޑު ފަނޑު އަލިގަނޑެއް އަހަރެންނާއި ދިމާއަށް އައިތަން ފެނުނެވެ. އެއާއެކު އަހަރެންގެ ޚަބަރު ހުސްވިއެވެ.

އަހަރެންނަށް ލޯ ހުޅުވާލެވުނީ ދޮންވެލިގަނޑަކަށެވެ. ވެލިގަނޑުން ދަޅައަރައެވެ. ކަރުކެހިލުމަށްފަހު އަނގަ ތެރޭގައި ހުރި ލޮނުތައް ބޭރުކޮށްލީމެވެ. ތެދުވަން މަސައްކަތް ކުރީމެވެ. ވަރަށް އުނދަގުލުން ތެދުވެ ގައިގައި ހުރި ވެލި ފޮޅާލީމެވެ. އެންމެ ފުރަތަމަ ފިޔަވަޅާއެކު އަމިއްލަ ރަށުގެ އިހުސާސެއް ކުރެވުނު ކަހަލައެވެ.

މޫދުގައި ގާކޮޅެއްހާ ހިސާބުވެސް ނެތެވެ. ފެންނަން އޮތީ އޮމާން ސަތަހައެއްގެ އޮފު ބިއްލޫރިކޮޅެއްފަދަ ރީތި މޫދެކެވެ.  މޫދުގައި ހުރީ ފަނޑު ފިޔާތޮށި ކުލައެކެވެ. އުޑުވެސް އޮތީ ހަމަ އެ ކުލައިގައެވެ. މުޅި ފަޒާވަނީ ފަނޑު ފިނިފެން މަލުގެ ވަހުން އެއްވަސްކޮށްލާފައެވެ .ނަމަވެސް ކައިރި ދިމާއަކުން ފިނިފެން މަލުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެކި ވައްތަރުގެ ގަސްތަށް ހޭޅިފަށުގައި ހުއްޓެވެ. ފީރޯޒު ކުލަ އާއި ނޫކުލައިގެ ފަތްތައްލީ ގަހުގެ ގޮފިތައްވަނީ ރަތް ގަދަ ރީނދޫ ކުލައިގައެވެ. ބައެއް ގަސްގަހުގެ އޮފިތަކުގައި ފަތި ހަނި ފޮތި ފަދަ ވިދާ އެއްޗަކުން އޮޅިފައިވެއެވެ. އަނެއްބައި ގަސްގަހުގައި އެކި ކުލައިގެ މިނާފުއް ފަދަ އެއްޗެއް އެޅުވިފައިވެއެވެ. މި މުޅި ރަށް ވަނީ މިފަދަ ގޮތް ގޮތަށް ޖަރީވެފައެވެ. އަހަރެންނަށް މިކަން ވެދިޔައީ އަޖައިބަކަށެވެ. އޭރުވެސް އަހަރެންގެ ހިތުގައި ތަކުރާރުވަމުން ދިޔައީ، “މިއީތަ އަހަރެން އަންނަން ބުނި ރަށަކީ؟ މިއީ ކޮންތަނެއްބާ؟”

ލަސްތަކެއްނުކޮށް އެއްގަމަށް އެރީމެވެ. ކުޑަކުދީންތަށް މައިދާނެއްގައި ދުވެދުވެފައި ކުޅެން އުޅެއެވެ. އެއްބަޔަކު އުދުހެނީއެވެ. އަޖައިބެއްގެ ބޮޑުކަމާއެވެ. އެކުދިން ކުޅެންތިބި ހިސާބާ މާދުރުނޫން ހިސާބެއްގައި ހުރި ދަނބުކުލައިގެ ކުނާތަކެއްގެމަތީ އެ ކުދިންގެ ބެލެނިވެރިން ތިއްބެވެ. މި ކަންކަން ފެނުމުން އަހަރެންގެ ހިތުގައި އާދަޔާ ޚިލާފު އިހުސާސްތަކެއް އުފެދުނު ކަހަލައެވެ. ” ހާދަހާވާ ލޯބި ކުދިން ކޮޅެކޭ! އަހަރެން ޅައިރު މިތަނުގައި އުޅެވުނު ނަމަ!” އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ނަސީބަކުން އެއްވެސް މީހަކަށް އަޑު އިވުނުހެން ހިއެއްނުވެއެވެ. ކުޑަކުދިންގެ ކައިރިއަށް އަރާ ހަމަވުމުން، ބެލެނިވެރިން އަހަރެންނާ ދިމާއަށް ބަލަން ފެށިއެވެ. ނުރުހުމުގެ ނަޒަރަކުންނެއްނޫނެވެ. އެ މީހުންގެ ބަހުރުވައިން އަހަރެންނާ ވާހަކަދައްކަމުން ދިޔައެވެ. ކީ އެކައްޗެއްވެސް ނޭނގުނެވެ. “ނީރާ” (ރާނީ) މިގޮތަށް ހުރިހާ އެންމެން މުޚާތަބުކުރަމުން ގެން ދިޔައެވެ. “އެއީ ކީއްވެބާ؟” އަހަރެންގެ ނިކަމެތި ހިތާ ސުވާލު ކުރެވެމުން ދިޔައެވެ.

އަހަރެން ހުރީ މަގު މެދުގައި ތަންތަން ދެކިލުމަށް ލޯދީގެންނެވެ. އެހެން ހުއްޓާ ކުއްލިއަކަށް އަހަރެންގެ ފަހަތުގައި މަޑުކޮއްލީ އުދުހޭ ސަވާރީއެކެވެ. ރަން ކުލައިގެ ޖާދޫގެ ފުއްތަކެއް ސަވާރީ ދަށުން ފައިބަފައިބާ ހުއްޓެވެ. އޭގެ މައިގަނޑު ވަނީ ރަނާއި ރިހި ކުލައިންނެވެ. ކުރިމަތީގައި އިށީންދެ އިން މީހަކީ ސަވާރެއްކަން އެނގުނެވެ. ލަސްތަކެއްނުވެ، ސަވާރީއަށް އެރުމަށް އެ މީހާ އިޝާރާތް ކުރިއެވެ ސަވާރީގެ ބޭރުގައި ޖަހާފައިވާ ނަން ކިޔަން ނޭނގިގެން އެ މީހާ ގާތު އެހީމެވެ. ވަގުތުން ފަނޑު ނޫކުލައިގެ ޖާދޫފުއްތަކެއް އޭނާ އަހަރެންނާއި ދިމާއަށް އުކާލިއެވެ. އޭނާ ވާހަކަދެއްކި ބަހުރުވަ ދޭހަވާން ފައްޓައިފިއެވެ. އެ މީހާ ވާހަކަ ދެއްކީ މަޑުމައިތިރި ރާގަކުންނެވެ. “މިއީ ޖަވާހިތް ގަނޑުވަރުގެ ސަވާރީ. މިހާރު އަޅުގަނޑު މި ދަތުރު ކުރަނީ ޖަވާހިތް ގަނޑުވަރަށް!” ގިނައިރުތަކެއްނުވެ، ގަނޑުވަރުގެ ދޮރާށި ކުރިމައްޗަށް ސަވާރީ ހުއްޓުނެވެ. އެ ގަނޑުވަރަށް ލަސްތަކެއްނުވެ އަހަރެން ވަނީމެވެ.

ހަވީރުގެ ފިނިކަމާއެކު ހިތް ހަމަޖައްސާލުމަށްޓަކައި ގަނޑުވަރުތެރެ ބަލައިލަން ދިޔައީމެވެ. އެ ގަނޑުވަރުގައި ރަސްކަމެއް ނެތެވެ. އުޅުނީ ހަމައެކަނި އެހީތެރިންނެވެ. ބޭރުން ފެންނަގޮތުގައި މުޅިއެކު ހަ އިމާރާތެއްވެއެވެ. ދޮރޯށީގެ ދެފަޅިން ފެށިގެން ވަށްބުރަކަށް ވާގޮތަށް ހަ އިމާރާތެއްވެއެވެ. ދެފަޅިއަށް ރިހި އިމާރާތެވެ. ދެން ހުރީ ރަން އިމާރާތްތަކެވެ. ހުރިހާ ފުރާޅެއްވަނީ ފަނޑު ރަން ކުލައިގައެވެ. ހީވަނީ ގަނޑުވަރުގެ ރަންކުލަ ދަނީ ފޭދެމުހެންނެވެ. ރިހި އިމާރާތްތަކުގައި ދިރިއުޅެނީ އެހީތެރިންނެވެ. ރިހި އިމާރާތާ ދެ ފަރާތުން ގާތް ދެ އިމާރާތަކީ ކޮޓަރިތަކެވެ. މެދަށް ހުރި އިމާރާތުން ކަނާތަށް ހުރީ ތަޚުތު ހުރި އިމާރާތެވެ. އަދި ރަސްކަން ކުރާ ފަރާތްތައް ދިރިއުޅޭ ސަރަޙައްދެވެ. ދެން ހުރި އިމާރާތަކީ ރަސްރަސްކަލުން ފަރީއްކުޅުއްވުމަށް ޚާއްސަ އިމާރާތެވެ. މި ދެ އިމާރާތް ވަނީ ވީރާނާވެފައެވެ.

ގަނޑުވަރުގެ ބަގީޗާ ވަނީ ގަސްތަކާއި، ފާޑު ފާޑުގެ މާތަކާއި ވިނަތަކުން ޖަރީވެފައެވެ. ހިނގާނޭ މަގުތައް ހަދާފައި ހުރީ ސަންގުމަރުމަރު ހިލަތަކުންނެވެ. މަގުގެ އަރިމަތިތަކުގައި ފުނައޮށް ވަރުގެ ކުދި އަލިކޮޅުތައް އުދުހިފައި އުޅެއެވެ. އިމާރާތްތަކުގެ މެދުގައިވަނީ ފައްވާރެކެވެ. އޭގެ މަތީގައި އެކި ކުލަކުލައިގެ ފިޔަތައްލައިފައިހުރި ބިޔަ ފިނިފެންމަލެއް އުފުލިފައިވެއެވެ. ފައްވާރާ ގާތްވި ވަރަކަށް ފިނިފެންމަލުގެ ވަސް ގަދަވާން ފެށިއެވެ. ރަށަށް އެރިއިރު ދުވި ފިނިފެންމަލުގެ ވަހުގެ އަސްލަކީ މި މާކަން އެނގިގެން ދިޔައެވެ. އިރުގެ ކުލަ ފަނޑުވެ، ރަތްފިޔާތޮށި ކުލައިގެ ވިލާ އެރުމުން ގަނޑުވަރުގެ ތެރެއަށް ވަނީމެވެ. އަހަރެންނަށް ޚާއްސަކުރެވިފައިވާ ކޮޓަރިއަށް ގޮސް ވަނީމެވެ.

ކޮޓަރިވެސްވަނީ ރީތިކޮށްލާފައެވެ. މަގުތަކުގެ އަރިމަތީގައި އުދުހި އުޅުނު ފަދަ އަލިކޮޅުތައް ކޮޓަރީގެ އެތަށް މިތާގައި އުޅެއެވެ. އެނދުވެސް އެހާމެ ބޮޑެވެ. ހަމަ އެވަރުގެ އަލަމާރިއެއް ކޮޓަރީގެ ކަނުގައި ހުއްޓެވެ. ފާހަނައާއެކު މުޅިކޮޓަރި ފުރިހަމައެވެ .އެކި ވައްތަރުގެ ފަރުމާތަށް ފާރުތަކާއި ދޮރުތަކުގައި ކަނޑާ ނަގާފައިވެއެވެ. އިތުރު ތާކަށް ނުބަލާ ދިޔަގޮތަށް ގޮސް އެނދަށް ފުންމާލީމެވެ. އިރުކޮޅެއްނުވެ، ނިދިއްޖެއެވެ.

”މިނާލް، މިނާލް”. ކުރަކި އަދި ބަލިކަށި ރާގަކުން އަންހެނަކު ގޮވާލި އަޑަށް ލޯ ހުޅުވާލެވުނެވެ. ނަމަވެސް އެތަނުން މީހަކު ފެންނާކަށްނެތެވެ. ފެންނަން އޮތީ ހުސް ކަޅު އަނދިރިއެވެ. އެއްލި ކަޅިއަކުން އަހަރެންގެ ފަހަތުގައި އެ މީހަކު ހުރިތަން ފެނުނެވެ. ފަން އިސްތަށިގަނޑަކާއި ހިކި ހަށިގަނޑެއްގެ ވެރި އެ އަންހެނާއަކީ ކާކުކަމެއް ނޭނގުނެވެ. މޫނު ވަށައިގެން ކަޅު ދުން އަރައަރާ ހުއްޓެވެ”. ތީ ކާކު؟“ އަހަރެން ސުވާލުކުރީމެވެ. އެހެން ބުނުމާއެކު އެ މީހާ ހަޅޭއްލަވައިގަތެވެ. އިސާހިތަކު އެ މީހާ ގެއްލުނެވެ. އަހަރެންނަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. މުޅި ގައިން ވަނީ ދާ ހިއްލާފައެވެ. ތުވާލިން ދާ ހިއްކުމަށްފަހު ދޮރު ހުޅުވާލީމެވެ. ދޮރު ކުރިމަތީގައި ހުރީ އެހީތެރިއެކެވެ. ކެއުން ތައްޔާރުވިކަން އެންގިއެވެ .

ކާން ދިޔައިރު ސުފުރާމަތި ހުރީ އާދައިގެ ގޮތަކަށް ނޫނެވެ. ތަރުކާރީގެ އެކި ބާވަތްތައް ތެލުލައި، ހަނާކޮށްފައިވެސް ހުއްޓެވެ. ނުވިތާކަށް ކުކުޅުމަސް ފަދަ ވަރަށް މީރު މަހެއް އެތަނުގައި ހަނާކޮށްފައި ހުއްޓެވެ. ކައި ނިމިގެން އަރާމު ކޮށްލުމަށް ކޮޓަރިއަށް ވަނީމެވެ. ނިދޭތޯ ދެފަޅިއަށް އެނބުރި އެނބުރި އޮށްވާ ނިދިޖެހުނެވެ.

އިރުގެ ފިޔާތޮށި ދޯދިތައް ކޮޓަރިތެރެއަށް އެޅިލުމުން އަހަރެންނަށް ހޭލެވުނެވެ. ތައްޔާރުވެލައިގެން ގަނޑުވަރުގެ ވީރާނާ ވެފައިވާ ދިމާލަށް މިސްރާބު ޖެހީމެވެ. ތަޚުތު ހުރި އިމާރާތަށް ވަނީމެވެ. އެތަން ވަނީ ވީރާނާ ވެގެން ގޮސް ކުލަ ފަނޑުވެފައެވެ. މުޅި އެތަނުގައި ވަނީ ކިލާ ބޯވެފައެވެ. އެތަނުގައި ވެއްޓިފައި އޮތް ފިހިގަނޑު ނެގުމަށްފަހު ފާރުތައް ފޮޅަން ފެށީމެވެ. ތަސްވީރު ފުރޭމެއްގައި ފިހިގަނޑު ޖެހުނެވެ. އެ ސާފުކޮށްލީމެވެ. އެ ތަސްވީރަކީ އަހަރެންގެ ބައްޕަގެ ސޫރަ ކުރަހާފައިވާ ތަސްވީރެކެވެ. އަހަރެންނަށް ބޭއިޚުތިޔާރުގައި ފަހަތަށް ޖެހެވުނެވެ.

އަހަރެންގެ ޖީބުން ރާސްލާފައި އެއްޗެއް ނުކުމެ ގޮސް ފުރޭމުގައި ހިއްޕުނެވެ. އެއީ އަހަރެންގެ އަތުގައި އޮތް ބައްޕަގެ ތަސްވީރެވެ. އިރެއް ވަށާ ވެޔޮގަނޑެއްހެން ހުރި ނިޝާނެއް މުޅި އެ ފުރޭމުން ދިއްލެން ފެށިއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަންވަނެވެ. ބަރު އަޑަކުން އެ ފުރޭމު ވާހަކަ ދެއްކިއެވެ. “މިތާގެ ތެރޭގައި މި ގަނޑުވަރުގެ ހަޤީޤަތް ލިޔެވިފައިވާ ފޮތެއް ވާނެ.” އެބުނި ފޮތެއް ހޯދުމަށް ތަންތަން ފޮޅަމުން ދަނިކޮށް، ވަރަށް ބޮޑު ލޯގަނޑެއް ފާރުގައި ހަރުކުރެވިފައި ހުރިތަން ފެނުނެވެ. އަހަރެންގެ ސޫރަ އެ ލޯގަނޑުން ފެންނާކަށްނެތެވެ. އެ ލޯގަނޑު ފޮޅުމަށް ފިހިގަނޑު ކާއްތާލި ވަގުތު، ފިހިގަނޑާ އެކީ ލޯގަނޑުގެ ތެރެއަށް ގުޅައަކަށް ޖެހުނެވެ.

(ނުނިމޭ)

ނޯޓު: މިއީ އަޅުގަނޑު 2021 ގައި ލިޔަން ފަށާފައިވާ ވާހަކައެކެވެ. އޭރު މި ވާހަކަ ކިޔުންތެރިންނަށް ގެނެސްދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ހުއްޓާލަން ޖެހުނީއެވެ. މިކަމަށް ކިޔުންތެރީންގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެމެވެ. މި ވާހަކައިގެ ބައެއްބައިތަކަށް އުނި އިތުރު ގެނެވިފައިވާނެއެވެ. އަދި މި ވާހަކަ ނިމެންދެން ޝާއިޢު ކުރެވޭތޯ މަސައްކަތް ކުރާނަން، إن شاء الله! 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ލޯބި-14

Next

ލޯބީގެ ހިތިކަން ޓްރޭލާ

Next
December 18, 2025

ލޯބީގެ ހިތިކަން ޓްރޭލާ

Previews
December 18, 2025

ލޯބި-14



All Right Reserved!