ހިނދުކޮޅެއް
ހާލަތަކީ ކިތަންމެ އަވަހަކަށް ވެސް ބަދަލު ވެދާނެ އެއްޗެކެވެ. ތަޤްދީރުގެ މޮޅެތި ރޭވުންތައް ހުއްޓުވުމުގެ ބާރު ލިބިފައިވާ އެއްވެސް ފަރާތެއް ދުނިޔޭގައި ނުވެއެވެ. މިއީ ކޮންމެ އިންސާނަކަށްމެ އިނގޭނެ ހަގީގަތެކެވެ. އެހެންނަމަވެސް ރާވާގޮތަށް ކަންތައްތައް ކުރިޔަށް ނުދިޔުމުން އެކަމާ ރޮއް ހިތާމަކޮށް ޝަކުވާ ކުރަނީ މަދުބައެއް ނޫނެވެ.
އަހަރެންނަކީވެސް މިބުނާ ފަދަ މީހެކެވެ. އަހަރެންގެ އާއިލާ ބިނާކުރުމަށް ރޭވި ހުރިހާ ރޭވުންތަކާއި ދެކުނު ހުރިހާ ހުވަފެންތައް ވިއްސި ވިހާލެވިގެން ދިޔަ ވަގުތު ރޮއެ، ޝަކުވާ ކުރެވުނެވެ.
އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކޮޅެވެ. ދެ އާއިލާގެ ރުހުމުގައި ކުރެވުނު ކައިވެންޔަށް ދެއަހަރެވެ. އަހަރެންގެ އަނބިމީހާ ލައިޝާއަކީ ރީތިކަމުގައި ދެވަނައެއް ނުވާފަދަ މިސާލެކެވެ. މާމުއި ކުލައިގެ ކަޅިއެއް ލިބިފައިވާއިރު އެ ކަޅި ހިމާޔާތް ކޮށްދޭނެ ދިގު އެސްފިޔަ ތަކެކެވެ. ހަމުގެ ކުލަވެސް އައްޔެވެ. އާދަޔާޚިލާފަށް ދިގު އިސްތަށިގަނޑަކީ އަހަރެންގެ ސަމާލުކަން ލައިޝާއަށް ހުއްޓެން މެދުވެރިވި ސަބަބެވެ. އަހަރެންނަކީވެސް ހުތުރު މީހެއް ނޫނެވެ. ކަނދުރާއާ ހަމައަށް އިސްތަށިގަނޑު ދިގުކޮށްފައި ހުންނައިރު ތުނބުޅި މަތިމަސް ހުންނާނީ ތުނިކޮށް ކޮށާފައެވެ. މި ޒަމާނުގެ ކުދިން ބުނާހެން ބުނާނަމަ އަހަރެންނަކީވެސް ވަރަށް “ހޭންޑްސަމް” މީހެކެވެ.
އަހަރެންނާއި ލައިޝާގެ ކައިވެންޔަށް ބަރާބަރު ދެއަހަރާއި ހަތްމަސްވީ ދުވަހަކީ އަހަރެންގެ އަލަތު ދަރިފުޅު ވިހަން ލައިޝާގެ ބަނޑުގައި ރިއްސި ދުވަހެވެ. އެއީ އުފާވެރި އެހެނަސް ހިތްދަތި ދުވަހެކެވެ.
ހޮސްޕިޓަލަށް ދެވުމާއެކު ވިއްސާކޮޓަރިއަށް ލައިޝާ ވެއްދިއެވެ. “ޝަޔަމް.. އަހަރެން ނެތް ދުނިޔެއެއްގައިވެސް މި ދަރިފުޅު ބަލައިދެއްޗޭ…” މިއީ ލައިޝާ، ވިއްސާ ކޮޓަރިއަށް ވައްދަނިކޮށް ބުނެލި ޖުމުލައެވެ. ބޭނުން ނުވިޔަސް ލައިޝާގެ އެ ޖުމުލައިން އަހަރެންގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދުނެވެ. ހިތުގެ ކަނަކުން ކަމެއް ގޯސްވާން އުޅޭ ކަމުގެ އިންޒާރު ދެމުން ދިޔައެވެ. އެ ނުތަނަވަސް ކަމުގައި އަހަރެންވަނިކޮށް ޑޮކްޓަރު ނުކުތެވެ. “ވިއްސޭނެކަމުގެ ޔަގީންކަން ނެތުމުން އޮޕަރޭޝަން ކުރަން މިއުޅެނީ… އަން… މި ފޯމުގައި ސޮއިކޮށްލާ…” ޑޮކްޓަރު ދިއްކޮށްލި ފޯމުގައި އަހަރެން ސޮއި ކުރީ ދެއަތް ތުރުތުރު އަޅާހާލުއެވެ.
ވިއްސާކޮޓަރިން ނެރެ އޮޕަރޭޝަން ތިއޭޓާރ އާ ދިމާލަށް ގެންދިޔަ ލައިޝާފެނި ބޭއިޚްތިޔާރުގައި އަހަރެންނަށް ދުއްވައިގަނެވުނެވެ. ނަސީބުދެރަ ކަމުން އަހަރެންނަށް އެހިސާބަށް ނުދެވެނީސް ދޮރު ލައްޕާފިއެވެ.
އޮޕަރޭޝަން ތިއޭޓަރަށް ވެއްދިތާ 1 ގަޑިއިރުފަހުން ތުއްތު ކުއްޖެއްގެ ރުޔުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ވީ އުފަލުން “އަލްހަމްދު ﷲ” އޭ ބުނެލެވުނެވެ. އިރުކޮޅެއްފަހުން ނަރުހެއް އައިސް އަހަރެންގެ އަތަށް ލައިދިނީ ފުއްގަނޑެއްފަދަ އަންހެން ކުއްޖެކެވެ. “ބައްޕިގެ އިޝްމާ…” ދަރިފުޅުގެ ނިތަށް ބޮސްދެމުން އަހަރެން ބުނެލީމެވެ. “ޝަޔަމް… މަޢާފުކުރޭ… އަހަރެމެންނަކަށް ލައިޝާގެ ފުރާނަ ސަލާމަތެއް ނުކުރެވުނު… އޮޕަރޭޝަން ނިމުނު ފަހުންވެސް ލޭ މަނައެއް ނުވި…” ޑޮކްޓަރު ނުކުމެފައި ދިން ޚަބަރުން އަހަރެންގެ މުޅިދުނިޔެ ހުއްޓުމަކަށް އައިފަދައެވެ. އަލަތުދަރިފުޅު އުފަންވި ޚަބަރާއެކު ދެން މި ލިބުނީ ލޯބިވާ އަނބިމީހާ ދުނިޔެ ދޫކުރި ޚަބަރެވެ. އަޑުން އަޑުނަގައި ނުރުޔަސް އަހަރެންގެ ދެލޮލުން ހެއްޓުމެއްނެތި ކަރުނަ އަޔެވެ. ލައިޝާގެ ޖަނާޒާގެ ކަންތައްތައް ނިމެންދެން ހިތާހިތުން ޝަކުވާވެސް ކުރެވުނެވެ. ތަޤުދީރުގެ ނިންމުމާ މެދުއެވެ.
ދަރިފުޅު ގޮވައިގެން ގެޔަށް އައިސް ވަނުމާއެކު މަރުހަބާކީ ހަމަހިމޭން ކަމާއި ފަޅުކަމެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް އާވަނީ ލައިޝާގެ ހަނދާންތަކެވެ. އަހަރެންގެ އަތުތެރޭ އޮތް ދަރިފުޅަށް ބަލާލެވުނު ވަގުތު ލައިޝާގެ ހިތްގައިމު އަޑު އަހަރެންގެ ސިކުނޑީގައި ގުގުމައިގަތެވެ. “ޝަޔަމް.. އަހަރެން ނެތް ދުނިޔެއެއްގައިވެސް މި ދަރިފުޅު ބަލައިދެއްޗޭ…” އެވަގުތު އަހަރެން ހިތުގައި ޢަޒުމު ކަނޑައެޅީމެވެ. ދަރިފުޅު ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ.
އޭގެފަހުން އަހަރެއްވީއެވެ. އަހަރެންގެ ދަރިފުޅު ބޮޑުވަމުން އައީ އެންމެ ފުރިހަމަ ގޮތުގައެވެ. އަހަރެންގެ ނަޒަރުގައި އިޝްމާއަކީ ލައިޝާ، އަހަރެންނާ ހަވާލުކުރި އަހަރެމެންގެ ލޯބީގެ އަމާނާތެވެ. އެހެންވެ ކުޑަވެސް ގެއްލުމެއް ލިބުނާ ނުދީ ވަރަށް ލޯބިން އެދަރިފުޅު ގެންގުޅޭނަމެވެ. އަހަރެންގެ ފުރާނަ ހަށިގަނޑާ ވަކިވަންދެނެވެ….
=ނިމުނީ=
6 Comments!
Comments are closed.



Woow this is so reethi❤️
Thankyouu dear💗
Maasha allah vrh reethi
Thankyouu dear💗
Vrh reethi MA!
Thankyou dear💗