ހިތް އެދޭ މަންޒިލަކީ… 32
“އަފާފް.. ދުވަސްގަނޑެއް ވަންދެން އަހަރެން ކަލޭގެ ހިޔަންޏަކަށް ހަދައިގެން އުޅެވިއްޖެ އެއްނު.. ކަށްވަޅަށް ފޮނުވައިލީމަ ވެސް ކަލޭގެ ކިބައިން ސަލާމަތެއް ނުވި ވިއްޔަ.. ކަލޭގެ ހުރި ދަރިގަނޑު ވެއްޖެ ވިއްޔަ އަރައިގަންނަން.. އެކަމަކު ދެން އެކަން ވިޔަކަ ނުދޭނަން.. މިއަދު ބާރު މި އޮތީ އަހަރެންގެ އަތުގަ.. ކަލޭ ތި އޮތީ މަގޭ ފައި ދަށުގަ.. ބިމުގެ ހަފޫޓު އަޑީގަ.. އަހަންނަށް ވުރެ ކުރިޔަށް އަރަން ތެޅިގަތީމަ މޮޅުތަކެއް ވެއްޖެ އެއްނު..” އިމްތިޔާޒްގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކާ އެކީ މާޒީގެ އެތައް ސިއްރުތަކެއް ފެންމަތިވަމުން ދިޔައެވެ. އަފާފާ އެކީގައި ވެލިގަނޑުގައި ވަޅުލެވިގެން ދިޔަ އެތައް ސިއްރުތަކެއް އިޔާދަވަމުން ދިޔަ ނަމަވެސް، މުޅި ޙަޤީޤަތް އަދިވެސް ހާމައެއް ނުވެއެވެ. އެހެނަސް، ކޮނުނު ވަރަކަށް ފަސްގިނަވަމުން ދިޔައީއެވެ.
*** ** ***
އެނދުމަތީގައި އިން ލިވްޔާގެ މޫނުމަތި އެކުގައި މިލާފައިވީ އިރު، އެ އޮމާން މޫނުގެ ތާޒާކަން އެކުގައި ގެއްލިފައިވާ ފަދައެވެ. އެހިތުގައި އަޅަމުން ދިޔަ ވޭން ހުއްޓުމެއް ނެތި ހިމޭން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައީ، އެއާއި މެދުގައި ހަމްދަރުދީވާނޭ ފަރާތެއް ނެތްކަން އެނގޭ ޙާލުގައެވެ.
ކުއްލިއަކަށް ދިރު ހުޅުވައިލާފައި ވަން ނިމްޝާ ފެނުމުން ލިވްޔާއަށް އެދިމާއަށް ބަލައިލެވުނު ނަމަވެސް އެ ދެލޮލުގައި އެހެންޏާ ހުންނަ ފަދަ ވިދުވަރެއް ނެތެވެ. ނިމްޝާގެ ސޫރަ ފެނުނަސް އޭނާގެ އެތެެރެހަށީގައި ކެކިގަންނަނީ ނަފްރަތުގެ ހޫނު އަލިފާނެވެ. ލޯބިވާ އެންމެން މުޅި ޢުމުރަށް ދޫކޮށް، އަމިއްލަ ހާލައިގެން އުޅެން އޭނާއަށް މިއަދު މަޖުބޫރުވެފައި ވަނީ އެ ގޮތްކުޑަ އަންހެނާގެ ސަބަބުންނެވެ. ލޯބިވާ ރައިހާންގެ ދިރިއުޅުން އެކުގައި އެފުށްމިފުުށަށް ޖެހިފައި ވަނީ ވެސް ހަމަ އެ ނުލަފާ އަންހެނާގެ ސަބަބުންނެވެ. އެހެނަސް އެއިން އެއްވެސް ކަމެއް ފާޅުކޮށްފި ނަމަ، ނުރައްކަލަށް ހުށައެޅިގެން ދާނީ ލޯބިވާ ދައްތައާއި، އެ ދައްތަގެ ބަނޑުގައި އުފެދެމުން އަންނަ މައުސޫމު ފުރާނަކަން ލިވްޔާއަށް އެނގޭތީ، ހަނުހުންނަން މަޖުބޫރެވެ.
“ދާން ތައްޔާރުވޭ.. ދެ ގަޑިއިރު ތެރޭ ފްލައިޓް ނައްޓައިލާނެ..” ނިމްޝާ ކޮށްލި އަމުރާއެކީ ގޮތްހުސްވެފައި ހުރި މީހަކު ފަދައިން ލިވްޔާ އެނދުން ތެދުވިއެވެ. ދެލޯ ފުހެލާފައި ނޭފަތް ދަމައިލަމުން ލިވްޔާ އެ ކޮޓަރީގެ ބިތުގައި ބަހައްޓާފައި ހުރި އޭނާގެ ފޮށްޓާ ދިމާއަށް ދިޔައެވެ. އިރުކޮޅަކުން އަޅަމުން ދިޔަ ފިޔަވަޅުތައް މަޑުޖެހުނު އިރު، އިތުރަށް އެ ނިކަމެތި ހިތަށް ކެތް ނުވެ، ބާރަށް ގިސްލެވެން ފެށުނެވެ. ހިތް އެދުނީ އަދި އެއް ފަހަރު އާދެސްކުރާށެވެ. އޭނާއަށް އެހެން ނުހެދުމަށް އެދި ނިމްޝާގެ ފައިބުޑަށް ވެއްޓޭށެވެ. އެ އަނިޔާވެރި، ހިލަ ހިތަށް އެއްވެސް އަސަރެއް ނުކުރާނެކަން އެނގޭ އިރު ވެސް މެއެވެ.
“ނިމްޝާ.. އާދޭސްކޮށްފަ ބުނަން.. އަހަންނަށް ތިހެން ނުހަދާ.. އަހަރެން ކިހިނެއް.. އަހަރެން ލޯބިވާ އެންމެންނާ ދުރަށް ދާނީ.. ނިމްޝާ.. މީހަކު ގަދަކަމުން ނިމްޝާ ނިމްޝާގެ އާއިލާއާ ރައްޓެހިންނާ ލޯބިވާ އެންމެންނާ ދުރުކޮށްގެން ގެންގޮސްފިއްޔާ ވާނީ ކިހިނެއް..؟ ނިމްޝާއަށް ކެތް ވާނެތަ..؟ ހަމަ އެގޮތަށް އަހަންނަކަށް ވެސް ކެތެއް ނުވޭ.. އަހަރެންގެ ބައްޕައާ، ކުޑާއާ، ޔާންބެއާ، އަހަރެންގެ.. އަހަރެންގެ ރައިހާން.. މި އެންމެންނާ މުޅި ޢުމުރަށް އަހަރެން ދުރަށް ދާނީ ކިހިނެއް..؟ ދުނިޔޭގައި ހުރެމެ އެމީހުންގެ ލޯމައްޗަށް މަރުވާނީ ކިހިނެއް..؟ ޕްލީޒް.. އަހަންނަށް ތިހެން ނުހަދާ.. އާދޭސްކުރަން.. އަހަންނަށް ރަޙުމް ކުރޭ..” ހުއްޓުމެއް ނެތި ގިސްލެވެމުން ދިޔަ ޙާލުގައި ނިމްޝާއާ ކުރިމަތިލަމުން ލިވްޔާ ބުނެލި އިރު، ލިވްޔާގެ މުޅި ހަށިގަނޑު ވެސް ތުރުތުރުއަޅަމުން ދިޔައެވެ.
“އަހަރެން ރައިހާންއަކާ ގާތެއް ނުވާނަމޭ.. ބޭނުންވިޔަސް ދެން.. އެކަމެއް ނުވާނެ.. ހަގީގަތް ބުންޏަސް އަހަރެންގެ ވާހަކަ ގަބޫލުކުރާ ވަރަށް ވުރެ ބޮޑަށް ރައިހާން މިހާރު އަހަންނަށް ނަފްރަތު ކުރޭ.. ނިމްޝާ ބޭނުން ނަމަ އަހަރެން ދުވަހަކު ރައިހާން ފެންނަ ހިސާބަށް ނުގޮސް ވެސް ހުރެފާނަން.. އެކަމަކު.. އަހަރެންގެ ބައްޕައާ.. ކުޑާއާ ޔާންބެއާ.. ކުޑާގެ ބޭބީއާ އަހަރެން ދުރުނުކުރޭ.. ހެޔޮނުވާނެ.. އެ ދަރިފުޅު ބަލައިލުމުގެ ނަސީބު ވެސް ދުވަހަކު ނުލިބި އުޅެނިކޮށް އަހަރެން އެ ދަރިފުޅާ ވަކި ނުކުުރޭ.. އެ ދަރިފުޅު ރޯލާ ހީލާ އަޑު އަހާލަން އަހަރެން ވެސް ހާދަ އިންތިޒާރެއް އެބަކުރަމޭ.. ޕްލީޒް.. އެ ނަސީބުން އަހަރެން މަހުރޫމު ނުކުރޭ..” ގިސްލެވެމުން ދިޔަ ވަރުން ރަނގަޅަށް އަޑު ސާފުނުވާ ޙާކލުގައި ވެސް ލިވްޔާ އެހިތުގެ އުދާސްތައް، އާދޭހުގެ ސިފައިގައި ބޭރުކުރަމުން ދިޔައެވެ.
“އަހަރެންގެ ބައްޕަ.. ބައްޕަ ކިރިޔާ ވެސް ރަނގަޅުވާން އެ ފެށީ އެތައް އަހަރެއް ފަހުން.. އަހަރެން ގައިގަ ލޯބިން ފިރުމައިލެވޭހައި ކުޅެދުބްތެރިކަން ބައްޕައަށް އެ ލިބުނީ އަދި ކިރިޔާ.. ކުޑަ ދުވަސްކޮޅަކުން ބައްޕައަށް ވާހަކަ ވެސް ދެއްކޭނެ އިންޝާﷲ.. ބައްޕަގެ ދުލުން އަހަންނާ ދިމާއަށް ދަރިފުޅާއޭ ކިޔައި ގޮވައިނުލެވެނީސް އަހަރެން އެ ބައްޕައާ ދުރު ނުކުރޭ.. އަހަރެން ނެތިއްޔާ ބައްޕައަކަށް ކެތެއް ނުވާނެ.. ބައްޕައާ ނުލައި އަހަންނަކަށް ވެސް ކެތެއް ނުވާނެ.. ޕްލީޒް.. އަހަންނަށް ތިހެން ނުހަދާ.. އަހަންނަށް ރަހުމު ކުރޭ…” މެޔާ ދިމާލުން އިހުސާސްކުރެވެމުން ދިޔަ ދިލަ ތަދާއި އެކުގައި، މޭމަތީގައި އަތްއަޅައި ބާރުކޮށްލައިގެން ހުރި އިރު ލިވްޔާގެ ދުލުން ބޭރުވަމުން ދިޔަ އާދޭހުގެ ލަފްޒުތަކުން، އެންމެ ހަރު ހިތް ވެސް ވިރުވައިލެވޭނޭކަން ގައިމެވެ. ނިމްޝާގެ މެނުވީއެވެ.
ލިވްޔާ ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަން ހުރި ނިމްޝާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ފޫހިކަމެވެ. އެ ގިސްލުމާއި، ކަރުނަޔާއި، އާދޭހުން ނިމްޝާގެ ހިތަށް ކުޑަ ވިޔަސް އަސަރެއް ނުކުރާކަށް ހުރީ ހާމަވާށެވެ.
“ތި ދައްކާ އާޓުތަކުން ރައިހާން ވާވެއްދުނަސް އަހަންނަށް އަސަރެއް ކުރާނެޔޭ ހީނުކުރައްޗޭ.. ތީ ބޭކާރު ކަމެއް.. ލިވްޔާގެ ތި އިހުސާސްތަކާ ހުވަފެންތަކަށް ވުރެ އަހަންނަށް އަހަރެންގެ މަގްސަދު ހާސިލްކުރުން މާ މުހިއްމު.. އަހަރެން މިއޮށްހައި ވަރުން، އެތައް އަހަރެއްގެ މަސައްކަތަކުން މި ކުރި ކަންތައް ފެނަށް ވެގެން ދާނެ ކަހަލަ ކުޑަ ވެސް ރިސްކެއް ނަގާކަށް އަހަންނެއް ބޭނުމެއް ނޫން.. ލިވްޔާގެ އިހުސާސްތައް އެއީ އަހަންނަށް އެއްވެސް ވަރަކަށް މުހިއްމު އެއްޗެއް ނޫން.. ތީ ހަމައެކަނި އަހަރެންގެ މަގްސަދު ހާސިލް ކުރަން އަހަރެން ބޭނުންކޮށްލި ޕަޕެޓެއް.. ދެން ވެސް ލިވްޔާއަށް އެންމެ ރަނގަޅުވާނީ އަހަރެން ބުނާ ގޮތް ހަދައިގެން މިތަނުން ދިޔައިއްޔާ.. އަހަރެން ބުނެފީމެއްނު ޔޫކޭށް ދެވުނީމަ ލިވްޔާއަށް އެއްވެސް ކަމަކަށް ދައްޗެއް ނުވާނެޔޭ.. ލިވްޔާ ބޭނުން ތަނަކުން ކިޔަވަންވީ.. ބޭނުން ތަނަކުން ވަޒީފާ ހޯދަންވީ.. ބޭނުން ތާކު ބޭނުން ގޮތަކަށް އުޅެންވީ.. ހުރިހާ ކަމަކަށް އަހަރެން ހަރަދު ކުރާނަން.. ދެން ކޮންހާ ހާސަރުތަކެއްތަ ތި ދަމަނީ ބައްޕައޭ ކުޑާއޭ ރައިހާންއޭ ކިޔައިގެން..؟ މިއީ ލިވްޔާއަށް ވެސް އެންމެ ރަނގަޅު ގޮތް.. އަހަރެން މި ދޭން އުޅޭ އެއްޗެހިން ވެސް އަމިއްލައަށް މަހުރޫމުވާން ނޫޅެ އަހަރެން ބުނާ ގޮތް ހަދާ.. ހިނގާ ދާން.. ލިވްޔާ ބުނާހާ އިރެއް ވަންދެން ފްލައިޓެއް ނޯންނާނެ..” އެ ރަހުމު ކުޑަ ބަސްތައް އިއްވައިލާފައި ނިމްޝާ ކޮޓަރިން ނުކުންނަން ދިޔުމާއިއެކު، ހަލާކުވެފައިވީ ހިތަކާ އެކީ ލިވްޔާއަށް ވެސް ޖެހުނީ ފަހަތުން ދާށެވެ.
ނިމްޝާ މާނަކުރާ ގޮތުން ނަމަ މިކަމާ ދޭތެރޭގައި އޭނާ ވާންވީ އުފާހެއްޔެވެ؟ މުޅި ދިރިއުޅުން އެކުގައި ހަމަޖެހިފައި އޮތުމުން ހުރިހައި އުފަލެއް ޙާސިލްވީހެއްޔެވެ؟ ނޫނެކެވެ. ލޯބިވާ ބައްޕަ އާއި ދައްތަ ނެތް ދިރިއުޅުމެއްގައި، ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް އޭނާއަކަށް ދުވަހަކު ވެސް އުފަލެއް ނުލިބޭނެއެވެ. ދައްތަގެ ދަރިފުޅު އުފަން ވެސް ނުވަނީސް، އެ ދަރިފުޅު ދެކިލުމުން މަހުރޫމުވީ ދިރިއުޅުމެއްގައި އޭނާއަށް ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެއެވެ. ދުނިޔެމަތީގައި އެންމެ ލޯބިވެ، އެމީހަކާ އެކުގައި މުޅި ޙަޔާތް އެކުގައި ވެއަތުކުރުމުގެ ފޮނި ހުވަފެންތައް ދުށް ރައިހާންއަށް އަލްވަދާޢު ކިޔަން ޖެހުނު ދުނިޔެއެއްގައި ދުވަހަކު ވެސް އެހިތަށް ތަސައްލީއެއް ނުލިބޭއެވެ. މާއްދީ އެތައް ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ރޫޙަށް ދުވަހަކު ވެސް ތާޒާކަމެއް، އަރާމެއް ނުލިބޭނެއެވެ.
އެއާޕޯޓަށް ދެވެން ދެން ވެސް ލިވްޔާގެ ލޮލުން ކަރުނަ ނުހިކެއެވެ. ނިމްޝާގެ ކޮންމެ އަމުރަކަށް ބޯލަނބަން އެވަގުތުކޮޅުގެ ތެރޭގައި ވެސް ޖެހުން ވެގެން ދިޔައީ ލިވްޔާގެ ހިތް އިތުރަށް ކިލަނބުކުރުވި ކަމަކަށެވެ. މަރުވެފައިވާ މައްޔިތެއް ފަދައިން ލިވްޔާ ހުންނަން ފެށުމުން ލިވްޔާގެ ޗެކިންގެ ކަންތައް ވެސް ހަމަޖެއްސީ ނިމްޝާއެވެ. އިރުތަކެއް ނުވެ ލިވްޔާގެ ފްލައިޓަށް އަރަން ގޮވައިލުމާއެކު، ލިވްޔާ އެދިމާއަށް ހިނގައިގަތީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ. ލިވްޔާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅެއްގައި ވަނީ މަގު ގެއްލިފައިވާ މުސާފިރެއްގެ ސިފަތަކެވެ.
ފްލައިޓަށް އެރުމަށް ފަހު ސީޓުގައި ހަމަޖެހިލި ލިވްޔާއަށް ކުޑަދޮރުން ބޭރު ބަލައިލެވުނީ ފަހު ފަހަރަށް ނަމަވެސް އެހިތުގެ ރާޖާ ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެއީ ނުވާނޭ ކަމެއްކަން އެނގޭ އިރު ވެސް އޭނާއަށް ކުލަން ޖެހެން ނެތް އުއްމީދުތަކެއް ކުރެވެނީއެވެ. ކުދިކުދިވެފައިވާ އެ ހިތް ރައިހާންއަށް އެދެވެނީއެވެ.
ފްލައިޓް ރަންވޭއިން ނައްޓައިލުމާ އެކީ ލިވްޔާ ހިފަހައްޓައިގެން އިން ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަނެފިއެވެ. ކަރުނައިން ފޯވަމުން ދިޔަ ދެލޮލުން ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިން ލިވްޔާގެ ހިތުގައި ދިޔައީ ދުވަހަކު ނާޅާ ވަރަށް ވޭން އަޅަމުންނެވެ. ސައްވީސް އަހަރު އުޅެފައިވީ އުފަން ވަޒަން ދޫކޮށް މިއަދު އެތައް މޭލެއް ދުރަށް އޭނާ އެދަނީ މުޅި ހިތް ވެސް އެ ބިމުގައި ކަފުންކޮށްފައެވެ. ލޯބިވާ އެންމެންނާއި، ހުރިހައި އުފަލަކާއި ހިތްހަމަޖެހުމެއް އުފަން ބިމުގައި ވަޅުލާފައެވެ. ދިރިއުޅުން އުޖާލާވެ، އުއްމީދުގެ ހުޅުކޮޅު ވިދައި ބަބުޅަން ފެށި ހިނދުން، އެ ހުޅުކޮޅު ކަނިވެ ނިވުނީ ކުއްލިއަކަށެވެ. އުފާވެރިކަމުގެ ޙަޔާތަށް މުޅި ޢުމުރަށް އަލްވަދާޢު ކިިޔާފައި މިއަދު އޭނާ އެދަނީ ހިތް ވެސް ދޫކޮށް، ހުސް އަތާއެވެ. އޭނާއާ އެކުގައި މިހާރު ވާ ހަމައެކަނި އެއްޗަކީ ހަނދާންތަކެވެ. އެނޫން އެއްވެސް އެއްޗެއް މިއަދު ލިބުމެއް ނެތެވެ. އެހެނަސް މިންވަރަށް ރުހިގެން ހުރުން ނޫން ގޮތެއް އެއްވެސް އިންސާނަކަށް ނޯންނާނެތާއެވެ.
*** ** ***
އެނދުމަތީގައި އެއްވެސް ޙަރަކާތެއް ނެތް މީހަކު ފަދައިން ރައިހާން އިން އިރު، އެ ރީތި މޫނު ވަނީ އެކުގައި މިލާފައެވެ. މޫނުމަތީގައި ހިނިތުންވުމުގެ ކުޑަ ވެސް އަސަރެއް ނުވާ އިރު، އިހުނަށް ވުރެ ދިގުވެފައިވާ އިސްތަށިގަނޑާއި، ބޯވެފައިވީ ތުނބުޅިމަތިމަހުން މޫނުމަތީގެ ތާޒާކަން ގެއްލިފައިވީ ނަމަވެސް އެ ރީތިކަމަކަށް ކުޑަ ވެސް އުނިކަމެއް ނާދެއެވެ. ރަތްވެ ދުޅަވެފައިވީ ދެލޮލުން އެކަނި ވެސް ރެޔާ ދުވާލު ރައިހާން ކުރަމުންދާ ހިތާމަ ފާޅުވޭވޭ ހުއްޓެވެ. އެ ވަރުގަދަ ހަށިގަނޑު އަނަރޫފަވެފައިވީ މިންވަރުން ކެއިންބުއިމާ ރައިހާން ދުރުވެފައިވާ ވަރު ހާމަވަމުން ދިޔައެވެ.
“ރެން..” ދޮރު ހުޅުވައިލާފައި ވަން ޔާނިއު ގޮވައިލުމާއެކު ރައިހާން އިސްއުފުލައިލާފައި ބަލައިލި ނަމަވެސް އެ ދެލޮލުގައި އެއްވެސް ވިދުވަރެއް ނުވެއެވެ. ޔާނިއުއާ އެކުގައި ފަހަތުން ވަދެގެން އައި ލައިނީއަށް ބަލައިލާފައި ރައިހާން އިތުރަށް މާޔޫސްވުން ކަމެއް ނުވިއެވެ. ލައިނީގެ ފަސް މަހުގެ ބަނޑު ފެނުމާ އެކީ ރައިހާން ހަނދާންވީ އެފަދައިން، ލޯބިލޯބި ދަރިޔަކު ހޯދަން ލިވްޔާއާ އެކުގައި ދެކެވުނު ވާހަކަތަކެވެ. ކައިވެނިކޮށްގެން، ލޯބިލޯބި ކުދީންތަކެއް ހޯދައި، އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ވާހަކަ ދެކެވުނު ދުވަސްތަކެވެ. ބަންޑުބޮޑުވުމުން ބޮޑު ބަނޑަކާ އެކީ ލިވްޔާ ހުންނާނޭ ގޮތް ސިފަކުރެވުމުން ދެމީހުން ހީހީފައި ކުރި ސަމާސާތަކާއި، ޖެހި ސަކަަރާތްތަކެވެ. އެހެނަސް، އެއިން އެއްވެސް އުއްމީދެއްގައި ކުލަ ޖެހުމުގެ ކުރިން ލިވްޔާ އޭނާ ދޫކޮށް ދިޔައީއެވެ. ދުވަހަކު ވެސް މީހަކު ނުުދޭހައި ފުން ޒަޚަމްތަކެއް އެ ނިކަމެތި ހިތަށް ދިނުމަށް ފަހުގައެވެ.
ރައިހާންގެ ހާލަތު ފެނުމާއެކު މިފަހަރު ވެސް ޔާނިއުއާއި ލައިނީގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ. އެތައް އަހަރެއް ފަހުން ރައިހާންގެ ހަގީގީ އުފާވެރިކަމާއި ހިނިތުންވުން ފެނުމަށް ފަހުގައި، ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކައި ވެސް ކުރީގެ ހިތާމައިގެ ސާލު އެ މޫނުމަތީގައި އޮޅިފައިވާ މަންޒަރު ބަލަން ޔާނިއުއަށް ކެތްވަނީ ކިރިޔަ ކިރިޔާއެވެ. ލޯބިވާ ކޮއްކޮ ކުރަމުންދާ ހިތާމައާއި، ކޮއްކޮގެ ދިރިއުޅުން އެކުގައި ބަރުބާދުވެފައިވީ މަންޒަރު ފެންނަ ކޮންމެ ފަހަރަކު ޔާނިއުގެ ހިތުގައި ރިއްސައިލަނީ އިންތިހާއަށެވެ. އިރެއްގައި މުޅި ގޭތެރެއަށް ވެރިވެފައިވީ އުފާވެރިކަމާއި އުޖާލާކަން ނެތިގެން ގޮސް، ހަމަހިމޭންކަމާއި ގިލަންވެރިކަން މުޅި ގޭތެރޭގައި ވެރިކަން ކުރަމުންދާތަން ބަލަން ޔާނިއުއަށް ހުރެވެނީ ގޮތްހުސްވެފައެވެ.
ލައިނީގެ ހިތަށް އެންމެ އަސަރު ކުރަނީ ހުރިހައި ހަގީގަތެއް އެނގި ހުރެމެ އެ ދުލުގައި ތަޅު އެޅުވިފައިވީތީއެވެ. ކިރިޔާ ވެސް ދުލުން އެއްޗެކޭ ބުނެވިއްޖެ ނަމަ ލިވްޔާގެ ފުރާނައަށް ނުރައްކާ ވާނޭކަން ލައިނީ ފަހަރުގައި ވެސް ހަނދާނެއް ނުނެތެއެވެ. އެންމެ ދެރަވަނީ އެހެންވެއެވެ. ރައިހާންގެ ހާލު ހުރީ ފެންނާށެވެ. ލޯބިން ފިރުމައިލާ، ހިތްވަރުދީ، ހަމްދަރުދީ ވެވޭހާ ގާތުގައެވެ. އެހެނަސް ލިވްޔާ ވީ ތަނެއް، ވީ ހާލެއް ވެސް އޭނާއަކަށް ނޭނގެއެވެ. މުޅި ޢުމުރަށް ލޯބިވާ ކޮއްކޮ އޭނަޔާ ވަކިކޮށްގެން ގެންދިޔަ އިރު މަޖުބޫރީ ޙާލަތުގައި އޭނާއަށް ކުރެވުނުހައި ވެސް ކަމަކީ ގޮތްހުސްވެފައި ބަލަން ހުރުމެވެ. ދުނިޔޭގައި ހުރެމެ ލޯމައްޗަށް އޭނާގެ ކޮއްކޮ މަރުވެއްޖެއެވެ.
ނުކުރާ ކުށެއް ބޮލުގައި އަޅައިގެން ރައިހާންގެ މުޅި ޢާއިލާގެ ނުރުހުން އަމާޒު ވުމުން މިއަދު ލިވްޔާގެ ޚަބަރެއް ނުވެގެން ކަންބޮޑުވެގެން އުޅޭ މީހެއް އޭނާއާއި އަނީސް ނޫނީ ނެތެވެ. އެ ގޭގެ ހަތަރުފާރުގެ ތެރޭގައި ލިވްޔާއާ ގުޅުން ހުރި އެއްވެސް ވާހަކައެއް ދެއްކުން އައިސާމަނިކެ އެންމެންނަށް މަނާކޮށްފައި އޮތީތީ ލައިނީއަށް ހުރެވެނީ ގޮތްހުސްވެފައެވެ. ކުޑަކުޑަ ރިއާ ލިވްޔާ މަތިން ހަނދާންވެގެން އެވާހަކަ ބުންޏަސް އައިސާމަނިކެ ހިތްހަމަނުޖެހޭ ވަރު ލައިނީ ދުށްޓެވެ. ކިރިޔާ ވެސް ލިވްޔާގެ ވާހަކައެއް ދެއްކެނީ އަނީސް ގާތުގައެވެ. ހަގު ދަރިފުޅުގެ ކުއްލި ވަކިވެދިޔުމާއެކީ ލޯބިވާ ބައްޕަ ކުރަމުންދާ ހިތާމަ ބަލަން ލައިނީ ހުންނަން ޖެހެނީ ގޮތްހުސްވެފައެވެ. ޔާނިއު ވެސް ލިވްޔާގެ ވާހަކައެއް ނުދައްކާތީ އޭނާއަށް އިސްވެ އެވާހަކަ ދައްކާކަށް ނުކެރެއެވެ. އެ އާއިލާގެ ކުރިމަތީގައި ލިވްޔާ އަކީ ކުށްވެރިއެކެވެ. ރައިހާންގެ ހިތް ފުނޑުފުނޑުކޮށްލާ، މުޅި ޢާއިލާ ބަދުނާމުކޮށްލި ނުބައި އަންހެނެކެވެ. އެހެނަސް ލިވްޔާ އެކަން ކުރީ އޭނާއަށްޓަކައި ކަން އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ދީފައިވާ ވަރުގަދަ އިންޒާރާ އެކީ ހަގީގަތް ހާމަކުރާނީ ކޮން ދުލަކުން ހެއްޔެވެ؟
މިހާރު ވެސް ގޭތެރެއިން ނާއިފް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ދެލޯ ބޮޑުވެއެވެ. ބިރުން ތުރުތުރުއަޅައެވެ. ވަގުތުން ނާއިފްގެ ކުރިމަތިން ގޮސް ފިލެއެވެ. ބައެއް ފަހަރު އޭނާ މާ ހާސްވެގެން އުޅޭތީ ޔާނިއު ކަންބޮޑުވެގެން ސުވާލު ކުރި ނަމަވެސް ލައިނީ ކޮންމެވެސް ބަހަނާއެއް ދައްކާފައި ރެކިގަންނަނީ އޮޅިގެން ވެސް ނާއިފް ނުވަތަ ނިމްޝާއާ ގުޅުވައިގެން އެއްޗެކޭ ބުނެވިދާނެތީއެވެ. ކުރިމަތިވެފައިވާ މަޖުބޫރީ ޙާލަތުން އަރައިގަނެވޭނީ ކޮން ދުވަހަކުންބާވައޭ ލައިނީގެ ހިތަށް ނާރާ ދުވަހެއް ނުދާނެއެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ލައިނީ ކުރާ ދުޢާ ގުޅިފައިވަނީ ލިވްޔާއާއެވެ. ލިވްޔާ ހުރި ތާކު އުފަލުގައި ލަހައްޓަވާތޯއެވެ. އަނިޔާވެރީންނަށް ހައްގު ސަޒާ ލިބި، ހަގީގަތް އެންމެންގެ ކުރިމަތީގައި ކަޝްފުވެ، އެންމެންގެ އުފާވެރިކަން އަނބުރައި ދެއްވާތޯއެވެ.
“ރެން.. ދެން ތިހެން އަބަދު ނީނދޭ.. ރެން ތިހެން އުޅޭތީ މާމަ މިއަދު ވެސް ކަންބޮޑުވެގެން ވަރަށް ވާހަކަ ދައްކައިފި..” ލައިނީއަށް ޚިޔާލުތަކުން ބޭރުވެވުނީ ރައިހާންގެ މަގަތުގައި އިށީނދެފައި ޔާނިއު ވާހަކަ ދައްކަން ފެށުމުންނެވެ.
“އަހަރެން ރަނގަޅޭ..” އެހެން ކޮންމެ ފަހަރެކޭ ވެސް އެއްފަދައިން ރައިހާންގެ ޖަވާބު އައީ ނިކަން ފަރުވާކުޑަ ކޮށެވެ. ޔާނިއު އެންމެ ކަންބޮޑުވަނީ އެހެންވެއެވެ. މިއީ ނިމްޝާއާ ރުޅިވީ އިރުވެސް ރައިހާން އުޅުނު ގޮތެވެ. ތަފާތަކީ މިފަހަރު ރައިހާންގެ ހާލަތު އެތައް ގުނައެއް ގޯސްވެފައިވާ ކަމެވެ.
“ރެން.. ތިހެން ނުހަދާ.. ޕްލީޒް.. ހިތްވަރު ކުރަން ވާނެއެއްނު.. އެންމެން އެ ތިބެނީ ރެންއާ ދޭތެރޭ ކަންބޮޑުވެގެން ހަލާކުވާ ވަރު ވެފަ..” ޔާނިއު ބެލީ ރައިހާންއަށް ވިސްނައިދެވޭތޯއެވެ.
“އަހަންނަށް އެކަނި ކޮމްޕެނީގެ ކަންތަކެއް ނުކުރެވޭނެ ރެން.. މިއޮށް ބޮޑު ސްކޭންޑަލްއިން ކޮމްޕެނީ ސަލާމަތް ކުރަން އަހަންނަށް ރެންގެ އެހީތެރިކަން ބޭނުންވާނެ.. އެހައި އަވަހަށް އަފާފް އަންކަލްގެ ހުވަފެންތައް ފެނަށް ހަދައިނުލާ ރެން.. ކުޑަކުޑަ ހިތްވަރެއް ކޮށްލާ.. އަހަރެމެން ދެމީހުން އެކުގައި މަސައްކަތް ކޮށްފިއްޔާ އަދިވެސް އޭއާރް މެމޯރިއަލްސް އަނބުރާ ގެނެވޭނެ.. މާތްﷲ އަހަރެމެންނަށް ރަނގަޅު ގޮތެއް އަދި މެދުވެރިކުރައްވާނެ.. އެކަލާނގެ އެއްވެސް އަޅަކަށް ދެރަ ގޮތެއް މެދުވެރިއެއް ނުކުރައްވާނެ..” ޔާނިއުގެ އަޑުގައިވީ އާދޭހުން ރައިހާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
ވެއަތުވެގެން މިދިޔަ ހަތަރު މަހުގެ ތެރޭގައި ކޮމްޕެނީގެ ފަރާތުން ބައިވެރިވާން ޖެހުނު ކޮންމެ ޕްރެސް ކޮންފަރެންސެއްގައި، އަދި ކޯޓު އަޑުއެހުމެއްގައި ކޮމްޕެނީ ރަމްޒުކޮށްދެމުން ދިޔައީ ޔާނިއުއެވެ. މުޅި ރާއްޖެއާއި، ބޭރުގެ އެތައް ކުންފުންޏެއްގެ އަމާޒުފަތްގަނޑަކަށް ކުންފުނި ވެފައި އޮތް ނާޒުކު ދަނޑިވަޅުގައި އޭނާ ބަލިކަށިވުމުން ޔާނިއު ކުރިޔަށް ޖެހުނީ މީގެ ހަތް އަހަރު ކުރިއެކޭ ވެސް އެއްފަދައިންނެވެ. އެދުވަހު ވެސް، އަދި މިއަދު ވެސް ރައިހާންއަށް ނުކުރެވުނު ކަންތައް ކުރީ ޔާނިއުއޭ ހިތަށް އަރާފައި ރައިހާން އިތުރަށް މާޔޫސްވީ އަމިއްލަ މީހާގެ ބޭކާރުކަން ހިތަށް އަރާފައެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ނާކާމިޔާބުވަމުން ދިޔަ ކަމުގެ އިހުސާސް ވަނީ މުޅި މީހާ ވަށައިލާފައެވެ.
ރައިހާންގެ ފަރާތުން އެއްވެސް ބަހެއް ނީވުމުން ޔާނިއު ލައިނީއަށް ބަލައިލުމަށް ފަހު އެނދުން ތެދުވިއެވެ. އެއާއެކު ލައިނީ އައިސް ޔާނިއުގެ އަތުގައި ހިފައި މަޑުމަޑުން ދަމައިލީ އިހަށް ރައިހާން އެކަނި ވަގުތުކޮޅެއް ދޭށޭ ބުނަމުންނެވެ. ދެމަފިރިން އެކުގައި ކޮޓަރިން ނުކުތުމާ އެކީ ރައިހާން ފުން ނޭވާއެއް ދޫކޮށްލަމުން އެނދުން ތެދުވިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ބެލްކަންޏަށް ނުކުމެ ރެއިލިންގައި އަތް އަޅުވައިލަމުން ހުޅުމާލޭގެ ހިތްގައިމު މަގުތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ނަމަވެސް، އެ ހިތުގައި އުފެދިފައިިވީ ތޫފާނަށް ކުޑަ ވެސް ލުޔެއް ނުލިބެއެވެ.
އިރުކޮޅެއް ފަހުން ޖީބަށް އަތް ކޮއްޕައިލާފައި ނެގި އިރު، އެ އަތުގައި ރަންކުލައިގެ އަލިމަސް ޖެހި އަނގޮޓިއެއް އޮތެވެ. އިސާހިތަކު އެ ފުން ދެލޮލުގައި ކަރުނަތައް ގިނަވި އިރު، އެ އަނގޮޓިއަށް ބަލަހައްޓައިގެން ހުރެވުނީ އެހިތުގެ ރާނީގެ ހަނދާންތައް އައުވަމުން ދިޔުމުންނެވެ. އެގޮތުގައި ވިސްނަން ހުރުމަށް ފަހު ލަސްލަހުން އެ އަނގޮޓި ގެނެސް ތުންފަތުގައި ޖައްސައިލާފައި ރައިހާން ދެލޯ މަރައިލިއެވެ. ވަގުތުން އެ އެސްފިޔަތައް ފޫދުއްވައިލާފައި ފައިބައިގަތް ކަރުނައިގެ މުތީތައް އެ ކޯތާފަތުގައި ބޮސްދޭން ފަށައިފިއެވެ.
“ލިވް.. ވެއަރ އާރ ޔޫ..؟ އައި ނީޑް ޔޫ.. ސޯ ބޭޑް..” ވައި އަޑުން އެހިތުގެ އެދުން އިއްވައިލީ ނަމަވެސް އެތަނުގައި އެ އަޑު އަހާނޭ އެއްވެސް އިންސާނަކު ނެތެވެ. ޒަޚަމްވެފައިވީ އެހިތުގެ ހާލާއި މެދުގައި ހަމްދަރުދީވާނޭ އެއްވެސް ފުރާނައެއް ނެތެވެ.
ލިވްޔާގެ ވަކިވެދިޔުމާއެކީ ދެން އޭނާގެ އަތުން ބީވާކަށް އިތުރު އެއްވެސް އެއްޗެއް ނެތެވެ. ލޯތްބޭ މި ކިޔައި ޖަޒުބާތަށް ދޭނެ އިތުރު ވަގުތެއް ނެތެވެ. އެހެން މީހަކަށް ދޭން އެއްވެސް ފުރުސަތެއް ވެސް ނެތެވެ.
ދެލޯ ފުހެލަމުން ރައިހާން ނިންމުމެއް ނިންމުމެއް ނިންމިއެވެ. މީގެ ހަތް އަހަރު ކުރިން ކަންތައް ކުރި ގޮތެކޭ އެއްފަދައިން މިއަދު ވެސް ކަންތައް ކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ. އެދުވަހު ޖެހުނީ ނިމްޝާ މަތިން ހަނދާން ނައްތައިލާފައި ދިރިއުޅުމައިގެން ކުރިޔަށް ދާށެވެ. މިއަދު ޖެހުނީ ލޯބިވާން ފޫހިވެފައި ހުއްޓާ އޭނާއަށް ވެސް ނޭނގި އެ ހިތް މިލްކު ކުރި ލިވްޔާގެ ހަނދާންތަކާއި އެކުގައި ދިރިއުޅޭށެވެ. ހަލާކުވެފައިވީ ހިތަށް ނިކަން ލޯތްބާއި އޯގާތެރިކަމުން ފަރުވާކޮށްދީފައި، ހަމަ އެ ދެއަތުން ފަހުން ހަލާކޮށްލި އަންހެން ކުއްޖާގެ ހަނދާންތައް ހިތުގެ އެންމެ އަޑީގައި ފޮރުވައިލާށެވެ.
އޭނާގެ ބަލިކަށިކަމުގެ ސަބަބުން މަންމައާއި ބައްޕަގެ އެންމެ ފަހުގެ ހަނދާނީ ނިޝާން ކަމުގައިވާ ‘އޭ.އާރް މެމޯރިއަލްސް’ ފުނޑުފުނޑުވިޔަކަ ނުދެވޭނެއެވެ. އޭނާގެ ފިނޑިކަމުން މިހާރު ވެސް ޔާނިއު ވާންވީ ވަރަށް ވުރެ މާ ގިނައިން ޤުރުބާންވެއްޖެއެވެ. ކުންފުންޏަށް ކުރިމަތިވީ ހުރިހައި މަލާމާތަކާއި ނަފްރަތަކާއި ގެއްލުންތަކާ ކުރިމަތިލައިފިއެވެ. އެހެނަސް ދެން އެކަން އެގޮތަށް ވިޔަކަ އޭނާ ނުދޭނެއެވެ. ހުރިހައި ހިތާމަތަކާއި ކެކުޅުންތަކެއް ހިތުގެ އެންމެ ފުނުގައި ފޮރުވައިގެން ނަމަވެސް އޭނާ މިކަމާ ކުރިމަތިލާނެއެވެ. ‘އޭ’އާރް މެމޯރިއަލްސް’އަށް ޓަކައި، އޭނާގެ ލޯބިވާ މަންމައާއި ބައްޕައަށް ޓަކައި، އަދި އެ މުޅި ޢާއިލާއަށް ޓަކައި ޖާނާއިމާލުން ޤުރުބާންވާނެެއެވެ.
**2 އަހަރު ފަސް**
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Mibaives vrh reethi
But i feel so bad for raihaan and livy and also lainy 😭
Nimsha and naaif and their dad (I don’t remember his name 😅) needs to be in jail
Anddd 2 yrs later eyy!!
Omggg
Cant wait for the next episode 💗💜
thankyou sm shavvv<33
yess livi and ren vaa goiy dho :((
next in sha allah Sunday or Monday
Hama rohvaifi😭😭😭💔💔💔😭😭😭
Alhey 2 yrs fahun kihiney thr vaanee…
So curious…
When next episode??? Tc.. Lyy🖤🖤
thankyouu.. lets see dho 2 years fahun vaa gotheh dhen
ncxt week feshey thaa submit kohlaanan in sha allah.. lym<33
Vrh reethi mi part ves MA!
2 years fahun vaanee kihineh baa??? 🤔🤔
Whn nxt?????
Luv u 💗
thankyouuu<33
next week sundayish ga in sha allah
love more<3
Add more spices betweenn raihaan and livya 🫣
…vrh reethi this part🥰😋
And yeah end nimsha and naaif part with most hurtful punishment 😬
i can do that only if livya and raihaan gets together again dho hehe
let’s see dhen
thank you<33
Mi part ves varah reethi masha Allah
Heyonuvaane liv ah loabi hoadhaa dhee efakeeru moyavedhaane family aa dhuruga ulhen vejja
Mi part kiyaafa rovijje
Haadha curious kohlaafa thi nihmaaly
Curiously waiting for the next part
Naaif and nimsha hithuga rahum eh ves neih
Heyonuvaane kuhverinah adabu dhee
Miayee varah kiyaa hithun saugu veri kamakaa eku kiyaa vaahaka eh
thank you so much lovie<333
let's see dho dhen vaa gotheh
ނާޔާގެ ލިޔުމުގެ ފެންވަރު ވަރަށް ވެސް ރަގަނޅު. މި ވާހަކަ ކުރީގެ ބަޔަކަށް ކޮމެންޓު ކުރަމުން ވެސް ބުނެވިފައިވާނެކަން ނޭނގެ.އަދިވެސް އެއްްފަހަރު ބުނެލަން. ތިޔައީ ހަމަ ވަރަށް ވެސް ހުނަރުވެރި ލިޔުންތެރިއެއް. ތިޔަ ލިޔުންތެރިޔާ ލޮލަށް ފެނިފައި ނެތް ނަމަވެސް އެނގިދެނިވެފައި ނެތް ނަމަވެސް ރަމުޒީ ގޮތެއްގައި ތަހުނިޔާގެ މާފައްޗެއް ހަދިޔާކުރަން
varah varah bodah shukuriyyaa.. varah ufaavejje🥰