Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން 16-2

umny Level 210 Stories
October 30, 2025 3 Mins Read
1 Comment

” ތެދުވޭ ޒޯޔާ. ތެދުވެ އެނދުގައި އޮށޯވޭ… މަންމަ މިއައީ އައިސްޕެކް ހިފައިގެން ” މަލަކް ޒޯޔާދެކެ އައިސްފައިވާ ރުޅިވަނީ މަޑުވެފައެވެ. އިރުފާންއެކޭ އެއްގޮތަށް ކަމުގެ ދެކޮޅު ނުބަލާ އޭނައަށްވެސް ޒޯޔާދެކެ ރުޅި އާދެވުނީމައެވެ.

މަލަކްގެ އެދުމަށް ބިންމަތިން ތެދުވެ ޒޯޔާ އެނދުގައި އެޮށޯވެލިއެވެ. އަަދި ބަނޑާއި ދިމާއިން ނޫފާގަނެފައި އިން ތަނުގައި މަލަކް އައިސްޕެކް ޖައްސައިދޭން ހުއްދަ ދިނެވެ. އޭރުވެސް ޒޯޔާގެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ.

” އިރުފާންއަށް އެހެން އެހެދުނީ ވިސްނާނުލާ. އެއީ މަންމަގެ ފަރާތުން އިރުފާންއަށް ލިބުނު ސިފައެއް. އެކަމާއި މަންމަ އިރުފާންގެ ފަރާތުން މައާފަށް އެދެން. ދަރިފުޅުގެ އިތުރު އަމަލެއް ތިކަމުގައި ނެތީވިއްޔާ މަންމަ އެނގިލަން ބޭނުން ދަރިފުޅު ތިބުނާ މީހަކު އެހެން ކަންތައް ކުރަން ޖެހުނީ ކީއްވެކަން. އެކަމަކު މަންމަ މަޑުކުރާނަން. ދަރިފުޅު ހަމަޔަކަށް އެޅިލަންދެން… ” މަލަކް ޒޯޔާގެ ބޮލުގައި އަނެއް އަތުން ފިރުމަމުން ކިޔަމުން ދިޔައެވެ. އޭރު ދުރުގައި ދެމީހުންގެ ހަރަކާތްތަކަށް ބަލަން ކުޑަކޮށް ހުޅުވިފައިވާ ދޮރު ކައިރީގައި އަމާނީ ހުއްޓެވެ.

—

ލާރާގެ ގޭ ކައިރިއަށް ކާރު މަޑުކޮށް ދެބަފައިން ގޮސް އެރީ ލާރާގެ އާއިލާ އުޅޭ އެޕާޓްމެންޓް އިންނަ ފުލޯއަށެވެ. އެޕާޓުމެންޓްގެ ދޮރު ޓަކި ޖަހާލި އިރު ލާރާގެ ދޮންތަ އިރާޝާ އޭނަގެ ހަގު ދަރިފުޅު ގޮވައިގެން އުޅޭ އަޑު އިވެއެވެ.

” އަރީންބޭބެ. ކިހިނެތްވީ؟ ” އެހާ ނުވަގުތެއްގައި އައުމުން އިރާޝާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. އޭރު އޭނަގެ އުރުގައި ހަތްމަހުގެ ފިރިހެންކުއްޖަކު އިނެވެ.

” ލާރާ އެބައުޅޭތަ؟ ” އަރީން ކުޑަ ފިރިހެންކުއްޖާގެ ކޮލުގައި ކޮއްޓާލަމުން އަހާލިއެވެ.

” ނޫން. ހެނދުނު އޮފީހަށް ދިޔަ ގޮތަކަށް އަދި ނާދޭ. މިއަދު ކުޑަކޮށް ލަސް ވެސް ވާނެ ވާހަކަ ބުނި. ހީވަނީ އިރުއޮއްސޭ ހާއިރު ހެން އަންނާނީ. ކިހިނެތްވީ އަނެއްކާ؟ ލާރާ ކަމެއް ކުރީތަ؟ ” އިރާޝާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

” އެހެންތަ؟ ފަހުން އަންނާނަން އޭރުން. އަސްލު ދައްކަންވެފައި ކުޑަ ވާހަކައެއް އޮތީމައި.. ދެން ދަނީ އިހަށް… ” އަރީން ހިނިތުންވެލަމުން ދާން ހިނގައިގަތެވެ.

” އޯކޭ.. ކޮންގުރެޖުލޭޝަން އިރުފާން. ލާރާ ބުނި އިރުފާން މެރީ ކުރި ވާހަކަ… ” އިރާޝާ ބުނެލި ވާހަކައަކުން އިރުފާން އަނެއްކާވެސް މާޔޫސްވާ ގޮތްވިއެވެ. އެހެނަސް އޭނަ ފަނޑު ހިނިތުންވުމެއް ދިނެވެ.

—

” ހުޝާމް އެހާ ކުއްލިއަކަށް ބުނީމައި ފޮށިގަނޑުތަކުގައި ހުރި ފޮތްތައް ހުރީ ކޮން ހާލެއްގައި ތޯ އަދި ބަލާވެސް ނުލެވޭ. ހިޝްމާ ވެސް މިހާރު އަނެއް ގެޔަށް ބަދަލުވި ފަހުން މިކޮޅަށް ވަރަށް ނާދެވޭ… ވަދޭ އެތެރެއަށް. ” ފަރުޒާނާ އެދެބަފައިންނަށް އެތެރެއަށް ވަންނަން ދައުވަތު ދިނެވެ.

” އިށީނދޭ. އުޅޭ ކާން ދޯ؟ އެއްކަލަ ކަހަލަ ސުޕެގެޓީ ހުންނާނެ ހަދާފައި” ފަރުޒާނާ އަހާލިއެވެ.

” ހޫމް. ދޭ ހިފައިގެން އަންނަން ” އަރީން އެއްބަސްވުމުން ފަރުޒާނާ ގޮސް ވަނީ ސިޓިންރޫމުން ވަދެވެން އިންނަ ކާކޮޓަރިއަށެވެ.

” ބުލޫބެރީ މި. އަރީން އަބަދުވެސް ބޯ ވައްތަރު. އިރުފާންއަށް ކަމުދޭތަ މި؟ ” ފަރުޒާނާ ކާކޮޓަރިއަށް ގޮސް އައީ ދެތަށި ޖޫހާއި ދެތަށި ސުޕެގެޓީ ހިފައިގެންނެވެ.

” ފަރޫ ހަނދާން ހުރޭދޯ؟ މިހާރު މިގެޔަށް ވެސް ނާދެވޭތާ ވަރަށް ދުވަސްވެއްޖެ ވިއްޔާ. ” އަރީން ޖޫސްތަށިން އެތިފޮދެއް ބޯލަމުން ބުނެލިއެވެ.

” މިހިރީ ފޮތްތައް. ބަލާބަލަ އަޅެ. ” ފަރުޒާނާ ފައިން ކޮއްޕަމުން ދުރުގައި ހުރި ބޮޑު ފޮށިގަނޑެއް އަރީންއާއި ކައިރިކޮއްލިއެވެ.

” އޯކޭ ތިފޮތްތައް ހިފައިގެން ގެޔަށް ދިޔަސް. ނޫނީ ހުސްކޮށް އެހެރި ހިޝްމާގެ ކޮަޓަރިއަށްވަދެ ކިޔަސް. ނޫނީ ތިތާ އޮވެ ދެފައި ދަމައިގެން ކިޔަސް މަށަށް ވަރިހަމަ. މިއީ އަރީންގެ ވެސް ގެއެއް ވިއްޔާ.. އަހަރެން އަންނާނަން ނަމާދުކޮއްލައިގެން އިނގޭ. ” ފަރުޒާނާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

” ތެންކިޔު ފަރޫ.” އަރީން ސުޕެގެޓީ ކޮޅެއް ކަމުން ދެތިން ފޮތެއް ނަގައި މޭޒު މަތީގައި ބާއްވާލިއެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ބާވެފައިވާ ފޮތްތަކުގެ ކުލަވަނީ ބަދަލުވެފައެވެ. ސަލީމްއެކޭ އެއްފަދައިން އަމަލްގެ ފޮތްތަކުގައި ވެސް އަހަރުތައް ޖަހާފައިވެއެވެ.

” މިފޮތްތަކުން ބަލަންވީ މެންޝަންއާއި ގުޅޭ ވާހަކަތައް. ކާފައާއި ދޮންމާމަ ސާރާއާއި މާމާގެ ވާހަކަތައް. ” ކުރުކޮށް ނަމަވެސް އިރުފާންއަށް އަރީން ހޯދަންވީ އެއްޗެހި ކިޔައިދިނެވެ.

އަރީން ފެށީ އެންމެ ފުރަތަމަ ވެސް ނަވާރަ ސަތޭސަ ނުވަވަނަ އަހަރުން ފެށިގެންނެވެ. އެއީ އޭނަ އުފަންވި އަހަރެވެ. އޭގައިވަނީ ކުރިން ވެސް އަރީންއަށް އެނގިފައިވާ ވާހަކަތަކެވެ.

އަރީންއާއި ހިލާފަށް ހުރިހާ ވަހަކަތަކެއް އިރުފާންއަށްވީ އާވާހަކަ ތަކަކަށެވެ. ގަޑި އިރެއްގެ ފަހުން އަސުރު ވަގުތު ވެގެން ނަމާދުކޮށް ނިމިގެން އައިސް ދެބަފައިން ފޮތްތައް ބަލައި ޗެކްކުރަމުން ގޮސް އިރުއޮއްސެން ދިޔަ އިރުވެސް ފޮތްތައް ނުނިމެއެވެ. އޭރު ފަރުޒާނާ ވެސް ފޫހިވެގެން ފަހާފޮށި ދޮށުގައި އިނެވެ.

އަރީންއަށް މާކުރިން ވެސް އެނގިފައިވާ ވާހަކަތައް ގިނަކަމުން އޭނަ ދެން ނެގީ ދެހާސް ބާވީސްވަނަ އަހަރުގެ ފޮތެވެ. ފޮތް ނަގައި ފޮތް ހުޅުވާލި ވަގުތު އޭގެން ގަނޑެއް ބިންމައްޗަށް ވެއްޓުނެވެ. ހަޤީޤަތްތައް އެނގި ހިތްދަތިވެފައި އިން އިރުފާން. ބިންމައްޗަށް ތިރިވެ އެގަނޑު ނެގި އިރުފާންގެ ދެއަތް ފިނިވީ އެއީ ފޮޓޯ ގަނޑަކަށް ވުމުންނެވެ. ކުރިން ވެސް ފެނިފައިވި ފޮޓޯ ގަނޑަކަށް ވުމުންނެވެ.

” ދަރިފުޅު ކޯޗެއް؟ ” އިރުފާން ފާޑަކަށް އެފޮޓޯގަނޑަށް ބަލަން އިނުމުން އަރީން އަހާލިއެވެ. އޭރު ފޮތްތަކަށް ބަަލައި އޭނަގެ ދެލޯވަނީ ވަރުބަލިވެފައެވެ.

” މިއީ އަޅުގަނޑަށް ކުރިން ވެސް ފެނުނު ފޮޓޯގަނޑެއް.. ” އިރުފާން އެފޮޓޯގަނޑު އަރީންއަށް ދިއްކޮއްލިއެވެ.

” މިއީ… ” ފޮޓޯގަނޑު ފެނުމުން އަރީންއަށް ދެލޯ ބޮޑުކޮއްލެވުނެވެ.

” ތިއީ ޒޯޔާގެ ފެމެލީ. ” އިރުފާން ބުނެދިނެވެ.

” ޒޯޔާގެ މަންމައަކީ ސާރާތަ؟ ” އަރީންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

” ތިބުނީ… ” އިރުފާން އަހާލިއެވެ.

” ދަރިފުޅުގެ ދޮންމާމަ… ” އަރީންގެ ޖަވާބާއިއެކު ވަގުތުން އިރުފާންއަށް ވެސް ރޭކާލައިފިއެވެ.

ނުނިމޭ

ކިޔުންތެރިންގެ ހިޔާލުތައް ކޮމެންޓް ކޮއްލައްވާ..

 

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ނުފިލޭނެޔޭ އެ ހަނދާން 4

Next

ތި ހަނދާނުން ތިންވަނަ ބައި (ހޫރިޔާ ނަވާގެ ދޮންމަންމަ )

Next
October 30, 2025

ތި ހަނދާނުން ތިންވަނަ ބައި (ހޫރިޔާ ނަވާގެ ދޮންމަންމަ )

Previews
October 30, 2025

ނުފިލޭނެޔޭ އެ ހަނދާން 4

One Comment

  1. shaa says:
    December 3, 2025 at 8:49 pm

    miharu kivey mi vahaka genesdheyley lasvanee

Comments are closed.



All Right Reserved!