Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔައީ މަގޭ މިތުރާއޭ 3

ފަޒޫ Level 310 Stories100 Login
October 4, 2025 6 Mins Read
2 Comments

ފަތިސް ނަމާދަށްވެސް ހޭނުލެވި އޮތް ސަހަރްގެ ލޯހުޅުވުނު އިރު އޭނާ އެ އޮތީ ފިރިމީހާގެ އެނދުގައެއް ނޫނެވެ. ރޭގެ މަތިން ހަނދާންވި އިރު އޭނާ އޮތީ ރޭގައި ކާރުން ފެނުނުހެން ހީވާ ޒުވާނާގެ ކައިރީގައެވެ. ލައިގެން އޮތީ އަދިވެސް ކައިވެނި ހެދުމުގައެވެ. ބޭ އިޙްތިޔާރުގައި ސަހަރް އަށް ހަޅޭއްލަވައި ގަނެވުނެވެ. ސިއްސައިގެންގޮސް އުވައިޝްއަށް ހޭލެވުނުއިރު ބިރުން އިން ސަހަރްފެނި ވީގޮތް އެނގޭގޮތެއް ނުވިއެވެ. ސަހަރްގެ ހަޅޭއް ހުއްޓުވުމަށް އުވައިޝް މަސައްކަތް ކޮށް ވަރުބަލިވާވަރު ވުމުން ހިތްހަމަ ނުޖެހުނެވެ. “ކީއްތަ ވަނީ.. މިހާ ހެނދުނާ ތި ހަޅޭއްލަވަނީ” އަޑުބާރު ނޫނަކަސް އުވައިޝްގެ ރާގު ހުރިގޮތުން އުވައިޝް ހިތްހަމަ ނުޖެހުނުކަން އެނގުނެވެ. ” ކޮބާ އަހަރެންގެ ފިރިމީހާ..؟ ކީއްކުރަން އަހަރެން މިތަނަށް ގެނައީ..؟” ރޮވިފައި އިނދެ ސަހަރް ބުނެލީ ނުރުހުމާވެސް އެކީގައެވެ. ވަގުތުން ކަންތަށް ވެގެން އުޅޭ ގޮތް އުވައިޝްއަށް އެނގުނެވެ. “ކީއްވެ ތި ހެނީ؟” އުވައިޝް ހޭންފެށުމުން އަނެއްކާވެސް ސަހަރް އަހާލިއެވެ. ” ސުބްހާނަﷲ ސަހަރް.. ކާކުތަ ސަހަރް ކައިރީ ބުނީ އަހަރެންގެ ބައްޕަ އާއޭ ސަހަރް ކައިވެނި ކުރީ… ކައިވެނި ކުރި ގަޑީގަވެސް އިސްއުފުލާ ބަލާލިނަމަ ފެންނާނެދޯ ކާކުކަން ކައިރީގަ އިނީ… މުޅިން ނިދި ހަލާކު ކޮށްފިޔޭ…” ނުރުހިފައި އުވައިޝް ކޮޓަރިން ނުކުނަން ހިނގައިގަތް ވަގުތު ސަހަރް ވާހަކަދެއްކިއެވެ. “ދެން ކާކު އަހަރެންގެ ފިރިމީހާ އަކީ؟؟؟” ނިތްކުރީގައި އަތުން ޖަހާލަމުން ސަހަރްއާ ދިމާލަށް އުވައިޝަށް ބަލާލެވުނެވެ. ” މޮޔައީވެސް މާ ބޮޑަށޭ” އުވައިޝް ހިތަށް އެރިއެވެ. “ސަހަރް ރޭގަ ނިދާފަ މިއަދު ތި ހޭލީ ސަހަރްގެ ފިރިމީހާގެ ކޮޓަރީގަ، ފިރިމީހާގެ އެނދުގަ، ފިރިމީހާއާއި އެކުގައި. މިހާރު އެނގޭނެ ސަހަރްގެ ފިރިމީހާއަކީ ކާކުކަން..” މިހެންބުނެ އުވައިޝް ކޮޓަރިން ނުކުމެގެން ދިޔައެވެ.

ސަހަރް ވަރަށް ލަދުގަންފިއެވެ. ބަފައިބެއަކީ ފިރިމީހާ ކަމަށް ހީކޮށް ކައިވެނި ކުރީއްސުރެ ހޭނެތެންދެން ރޮވުނީމައެވެ. އެކަން ހަނދާން ވުމުން ލަދުވެތިކަމާއިއެކު އެ ދޮންމޫނު ރަތްވެގެން ދިޔައެވެ. އެއާއިއެކު އުވައިޝްއަކީ ފިރިމީހާކަން އެނގުމުން އުފާވެސްވިއެވެ. ދޮންމަންމަ އާއި ވިވިއަން ބުނިފަދަ މުސްކުޅި މީހަކަށް އުވައިޝް ނުވީމައެވެ. މިހާރު ސަހަރްގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގާލެވުނީ އެ ކޮޓަރިއަކީ އާދައިގެ ތަނެއް ނޫންކަން އިހްސާސް ކުރެވުމުންނެވެ. އެ ބޮޑު ކޮޓަރި އާދައިގެ ވަރެއްގެ ސިޓިންގް ރޫމަކާއި އެއްވަރު ވާނެއެވެ. ފާހާނައަށް ވަދެވެން ހުރީ ކޮޓަރީގެ ދެބައިކޮށްފަ އެއްބައި ވާވަރުގެ ވޯކް-އިން ވޯޑްރޯބް އެއްގެ ތެރެއިން ލާފައެވެ. ވޯޑްރޯބްގެ ތެރޭގައި ސަހަރްގެ ފޮށި ބަހައްޓާލާފައި ހުއްޓެވެ.

ފޮށި ހުޅުވާލަމުން ފޮށީގެ ތެރެއިން މަޑު ފިޔާތޮށި ކުލައިގެ މެކްސީއެއް ސަހަރް ނެގިއެވެ. ފޮށީގައި މާ ބައިވަރު އެއްޗިއްސެއް ވެސް ނެތެވެ. ވޯޑްރޯބްގެ އެއްބައި އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހުސްކޮށްފައެވެ. ” މެޑަމް…” ކޮޓަރި ތެރެއިން އަންހެނެއްގެ އަޑު އިވުމުން ސަހަރް ބޯދިއްކޮށް ބަލާލަމުން ހީނލިއެވެ. ” އަޅުގަނޑަކީ ޒިޔާނާ.. މެޑަމް އެއްވެސް ކައެއް ބޭނުންވެ ލައްވައިފިއްޔާ އަޅުގަނޑު ކައިރީ ބުނުއްވާ. ސަރ ބުނުއްވީ ވޯޑްރޯބްގެ ހުހަށް ހުރި ބައިގާ މެޑަމްގެ ހެދުންތަށް ބެހެއްޓުމަށް އެހީތެރި ވެދިނުމަށް..” ޔުނީފޯމެއްގައި ހުރި މެދު އުމުރަކަށްދާ ވަރުގެ އަންހެނަކު ކޮޓަރީގެ މެދަކާ ހިސާބުގައި މަޑުކޮށްލައިގެން ހުރެ ވާހަކަ ދެއްކީ ހިނިތުންވުމާ އެކީގައެވެ. ” އުހުން އޯކޭވާނެ.. އެހެން ނޫނަސް އެހާބައިވަރު އެއްޗެހި ނުވެސް ހުންނާނެ.. ” ވޯޑްރޯބްގެ ތެރެއަށް ވަންނަމުން ސަހަރް ވާހަކަ ދެއްކިއެވެ. “މިއީ ހުރި އެއްޗަކީ.. ދެން ރަނގަޅުވާނެ އިނގޭ އަހަރެންނަށް މެޑަމް ނުކިޔަސް އޯކޭވާނެ.. ސަހަރް ކިޔާ” ސަހަރް ހިނިތުންވުމާއެކު ވާހަކަ ދައްކަމުން ބުނެލިއެވެ. ޒިޔާނާ ހައިރާންވީ މުއްސަނދި އާއިލާއެއްގެ ކުއްޖަކަށް ވެފައި ގެނައި އަންނައުނު ކޮޅު މަދުވީމައެވެ. މޭކަޕާއި ފައިވާންފަދަ ތަކެތިވެސް މަދުކަމުންނެވެ. ” ނޫން މެޑަމް އޭރަށް ސަރ ރުޅިދުރުވާނެ… ” ޒިޔާނާ މަނާވެގަތެވެ. ” ރަނގަޅުވާނެ.. ސަރ ނުހުންނަ ގަޑީގަ ކިޔާނީ… އެންމެން ތެރޭގައި މެޑަމް ކިޔޭނެ އެއްނު…” ފޮށީގައި ހުރި އެއްޗެހި ނަގަމުން ސަހަރް ވާހަކަ ދެއްކިއެވެ. ޒިޔާނާވެސް ސަހަރްއާ އެއްބަސް ވުމުގެ ގޮތުން ބޯޖަހާލުމަށްފަހު އެހީތެރި ވެދޭން ފެށިއެވެ.

ގެސްޓް ރޫމްގައި އިނދެފައި ފާހާނައަށް ވަންނަން އައި އުވައިޝްއަށް ޒިޔާނާއާއި ސަހަރްގެ ވާހަކަ އަޑުއިވުނެވެ. ވަގުތުން ވޯޑްރޯބް ތެރެއަށް ނުވަދެ ކޮޓަރި ތެރޭގައި މަޑުކޮށްލިއެވެ. ސަހަރްގެ ވިސްނުން ހުންނަ ގޮތުން އުވައިޝްގެ ގާތަށް ހިނިވެސް އައެވެ. ހަމައެގޮތަށް ސަހަރްއާމެދު ހިތުގައި ޝައްކެއްވެސް ވެއެވެ. އޭނާ މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތެވެ. ދޮރު ހުޅުވާލާފައި ޒިޔާނާއަށް ގޮވާލިއެވެ. ވަގުތުން ޒިޔާނާ ނުކުމެގެން އައެވެ. ކޮޓަރީގެ ދޮރުވެސް ބޭރަށްނުކުމެ ލައްޕާލިއެވެ. ބުމަ އަރުވާލަމުން ހާލަތު އަހާލާ ކަހަލަ ގޮތަކަށް އުވައިޝް މޫނަށް ގޮތެއް ހަދާލިއެވެ. ” ސަރ ބުނުއްވިހެން މެޑަމްގެ ފޮށީގަ ނެތް އެހާ ހެދުމެއް.. ހައެއްކަ ހެދުން އުޅޭނީ.. އެވެސް ވަރަށްބާ ހެން ހީވަނީ… ކިހިނެއްތޯ ހަދަންވީ..؟؟ މިހާރު އުޅުއްވަނީ ފާހާނައިގަ” އަދަބުވެރި ކަމާއެކު މަޑުމަޑުން ޒިޔާނާ ބުނެލިއެވެ. ” ސައިގަޑި ނިމުމުން ޒިޔާނާ ދާންވީ ނުން މެޑަމް ގޮވައިގެން ޝޮޕިންގ އަށް.. އައި ވިލް ލީވް ސަމް މަނީ އިން ދަ ޑްރޯވަރ..” އުވައިޝް ކޮޓަރިއަށް ވަންނަން ދަމުން ބުނެލިއެވެ.

“ދަރިފުޅު ދާންވީނު ސަހަރް ގޮވައިގެން…” މާލިކް އައިސް ހުއްޓެމުން ބުނެލިއެވެ. ” އައި ހޭވް މޯރ އިމްޕޯޓެންޓް ތިންގްސް ޓު ޑޫ..” ފޫހިކަމާއެކު އުވައިޝް ޖަވާބުދިނެވެ. ” އެކަމަކުވެސް.. އިޓްސް ޔޯ ފަސްޓް ޑޭ އޮފް މެރީޖް.. ނޯ ނީޑް ޓު ގޯ ވޯރކް… މިއަދު އޮފީހަށް ނަޔަސް ވަރިހަމަ.. ޓޭކް ހާ އައުޓް.. ސަހަރްއާއެކު ވަގުތު ހޭދަކޮށް އޭނަ ދަސްކުރަން މަސައްކަތް ކޮށްބަލަ.. ދެތިން ދުވަހު އޮފީހަށް ނަޔަސް އޯކޭވާނެ…” ކުޑަކޮށް ހަރުކަށި ކަމާއެކު މާލިކް ބުނެލުމުން އުވައިޝް އަކަށް އިތުރަށް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.

މެޔާއި ހަމައިން ތުވާލި އޮޅާލައިގެން ފާހާނައިން ނުކުތް ސަހަރް ސިހުނީ ވޯޑްރޯބް ތެރޭގައި ހުރި އުވައިޝް ފެނުމުންނެވެ. “އާ… ވަޓް އާ ޔޫ ޑުއިންގ ހިއާ.. ކީއްވެތަ ނުބުނެ ވަނީ..” ކުޑަކޮށް ހަޅޭއްލަވާލަމުން ކެބިނެޓް މަތީގައި އޮތް ހެދުން ނަގާ މޭމަތިން ނިވާކޮށްލަމުން ސަހަރް އުވައިޝްއަށް ލޯ އަޅާލިއެވެ. ” މީ އަހަރެންގެ ކޮޓަރި.. އަހަރެން ބޭނުން ވަގުތަކު ބޭނުން ގޮތަކަށް މިތަނަށް ވަންނާނީ…” އުވައިޝްވެސް ދުލެއް ނުދިނެވެ. ” އެހެންވިއްޔާ އަހަރެން ދާނީ ގެސްޓް ރޫމަށް…” ސަހަރް ތުންދަމާލިއެވެ. ” އަނހާ… ނޯ ނޯ.. އަހަރެން ބޭނުމެއްނޫނޭ ކަލޭ މިތާ ބަހައްޓާކަށް… އެކަމަކު އެހެން ތާކަށް ބަދަލުވާން ހުއްދައެއް ނުދެވޭނޭ…” އުވައިޝް ވަގުތުން އިންކާރު ކުރިއެވެ. މީ އަޖައިބެއްފަދަ މީހެކޭ ސަހަރް ހިތަށް އެރިއެވެ. އެކީގައި އުޅެން ބޭނުން ނުވާއިރު ކައިވެނި ކުރީ ކީއްވެ ހެއްޔެވެ. އެއް ކޮޓަރީގައި އުޅެން ބޭނުން ނުވާއިރު ނުކުތުން މަނާވަނީ ކީއްވެ ހެއްޔެވެ. ” ދެން އެކީގައި އުޅެން ބޭނުން ނުވާއިރު އަހަރެން ދިޔަ ދޭންވީނުން.. ކީއްކުރަންތަ އަހަންނާ ކައިވެނި ކުރީ؟؟.” ސަހަރް އަނެއް ފަރާތަށް އެނބުރެމުން ބުނެލިއެވެ.

” އުހުން.. ކަލޭ އެހެން ކަންތަށް ކޮށްގެން ނުވާނެ… އަހަރެން ބޭނުމެއްނޫން އަހަރެންގެ ބައްޕަގެ ފަރާތުން އިތުރު ޕްރެޝަރ އެއް ވާކަށް.. ކައިވެނީގެ ވާހަކަ އަހާ ކަލޭގެ ދޮންމަންމަ ކައިރިން..” އަވަސް އަވަހަށް އުވައިޝް ބުނެލިއިރު އަޑުގައި ހިތްހަމަނުޖެހުމެއް ވިއެވެ. ” އަހަރެންނަށް ވެސް ނަމެއް އިނދޭ ކިޔާފަ.. ކަލޭ ނުކިޔާ ނަމުން ކިޔާބަލަ..” ސަހަރް އަށް ކަލޭ ކިޔުމުން ކަމުނުދިޔަކަން އަންގާލީ ތުން އަނބުރާލަމުންނެވެ. އުވައިޝްވެސް އިތުރު ވާހަކަ ދެއްކުމަކާއިނުލާ ތުވާލި ހިފައިގެން ފާހާނައަށް ވަނީއެވެ. ސަހަރް އަވަސްވެލީ އުވައިޝް ނިކުންނަން ވާއިރަށް އެއްޗެހިލާ ރެޑީ ވެލުމަށެވެ. ސަހަރް ލައިގެންހުރި ފިޔާތޮށި ކުލައިގެ މެކްސީއަކީ އެއްކޮށް ދިގު އެއްޗެއް ވިޔަސް އެހެދުން އަރަނީ އޭނާގެ ކަށިމައްޗާ ހަމައަށެވެ. އެއީ ވިވިއަންގެ ހެދުމެއް ކަމުން ސަހަރްގެ ގަޔަށް ހެދުން ހުރީ ދޫކޮށެވެ. އެހެންކަމުން ލާފައި ހުންނައިރު އައިބު ކަމެއް ފެންނަން ހުއްޓެވެ.

ފެންވަރާ ރީތިވެގެން އުވައިޝް ކާކޮޓަރިއަށް ނުކުތްއިރު ކާމޭޒު ދޮށުގައި މާލިކް އާއި ކުޑަމަންމަ ލަތީފާ އަދި ސަހަރްވެސް އިނެވެ. ލަތީފާ މާލެއައީ ދަންވަރު ފްލައިޓުން ކަމުން ކައިވެނި ހަފްލާގައި ބައިވެރި ނުވެވުނީއެވެ. އެއީ މާލިކުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އުވައިޝްގެ މަންމަ ނިޔާވީއްސުރެ އުވައިޝްއަށް މަންމައެއްގެ ލޯބި ދިނީ ލަތީފާއެވެ. ލަތީފާވެސް ދެކޭގޮތުގައި އުވައިޝްއަކީ ލަތީފާގެ ފިރިހެން ދަރިފުޅެވެ. ކުރިން އުވައިޝްވެސް ކިޔަވަން އުޅުނީ ލަތީފާގެ ދެމަފިރިންނާއި ދެ އަންހެން ދަރިންނާއިއެކު ސިންގަޕޫރުގައެވެ. ކިޔަވާނިމުމަށްފަހު ބައްޕަގެ ވިޔަފާރިޔާ ހަވާލުވުމަށް ރާއްޖެ ބަދަލުވީއެވެ. ލަތީފާގެ ފިރިމީހާ ނިޔާޒް ވަނީ ކާރު އެކްސިޑެންޓެއްގައި 8 ވަރަކަށް މަސް ކުރިން ނިޔާވެފައެވެ. ދެދަރިން ސިންގަޕޫރުގައި ދިރިއުޅުމަށް ވިސްނާފައި ހުރުމުން ލަތީފާވެސް އެކުދިން ކައިރީ އުޅެނީ އެ ފަސްގަނޑަކީ ފިރިމީހާ ވަޅުލި ފަސްގަނޑު ކަމަށްވެސް ވީމައެވެ. އުވައިޝްގެ ކައިވެންޏަކީ ކުއްލިއަކަށް ކުރެވުނު ކައިވެންޏެއް ކަމުން ވަގުތު އޮށްވާ ލަތީފާ އަށްވެސް ނާދެވުނީއެވެ.  ޅީދަރިފުޅާ މެދު ލަތީފާ ވަރަށް ހިތްހަމަ ޖެހުނެވެ.

އުވައިޝް އެފަހުން ސަހަރްއަށް އެ ކައިވެންޏަކީ ވިޔަފާރިއަށް ކުރި ކައިވެންޏެއް ކަމަށާއި އެކަން އޮންނަންވާނީ ކޯޓުން ދިން ސެޓްފިކެޓާ ހަމަޔަށް ކަން ހަނދާން ކޮށްދިނެވެ. ގުޅުން ބަދަހިކުރަން ނޫޅުމަށް އަދި، އޭނާ އެ ކައިވެނި ސީރިއަސްކޮށް ނުނަގާ ކަމަށެވެ. އަދި ސަހަރްވެސް އޭނާ ފަރާތުން އުއްމީދެއް ނުކުރުމަށް ބުންޏެވެ. ކަންކަން ހަމަޔަކަށް އެޅޭ ދުވަހަކުން ސަހަރް މިނިވަން ކޮށްދޭނެ ކަމަށް ވަޢުދުވެސް ވިއެވެ. އެކަމާ ސަހަރް ދެރަވި ނަމަވެސް ފަހުން މާލިކްއާއި ލަތީފާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އޯގާތެރި ކަމުގެ ސަބަބުން ސަހަރްއަށް އަމިއްލަ ގެ މަތިން ހަނދާންވެ ދެރަވާނެ ވަގުތެއްވެސް ނުވެއެވެ. އުވައިޝްއާ ގުޅުން ބަދަހި ނުވި ކަމުގައި ވިޔަސް ސަހަރް ހުންނަނީ އަބަދުވެސް އުފަލުންނެވެ. އެހެން ނަމަވެސް ފިރިމީހާގެ ދުރުކަމުގެ ސަބަބުން ސަހަރްގެ ހިތުގައި ހުސްކަމެއް އުފެދިފައި ވެއެވެ. ކައިވެންޏާއިމެދު ކުރެވުނު ފޮނި އުއްމީދުތަށް މިހާރުވަނީ ފުނޑުފުނޑު ވެފައެވެ. ދެ ހަފްތާ ފާއިތުވެގެން ދިޔައިރުވެސް ސަހަރްއާއި އުވައިޝްގެ ދެމެދުގައި ރަނގަޅަށް ވާހަކަވެސް ނުދެކެވެއެވެ. ކައިވެނި ކޮށްގެން އުޅުނަސް ހީވަނީ ދެ ބީރައްޓެހިން ހެންނެވެ. އެކަކު އަނެކަކަށް ބަލާލާ ފަހަރުވެސް ވަރަށް މަދެވެ. ނަމަވެސް ކޮޓަރީގެ ހަތަރު ފާރުން ބޭރުވެ ގޭތެރޭގައި އެއީ މީހުންބުނާ “ޕާފެކްޓް” ކަޕަލްއެވެ.

” އަހަރެން ބޭނުން ވަޒީފާ އަކަށްދާން… މިހެން އަބަދު ގޭތެރޭގައި ފޫހިވެފައި ނުހުރެވޭނެ… މިހާރު ގޭގައި ނޫޅެ އެކަކުވެސް.. ކުޑަ މަންމަ ދިޔަފަހުން ވަރަށް ފޫހިވޭ…” އެނދުގައި ކަނާތްފަޅިއަށް އެނބުރިއޮތް ސަހަރްއަށް އުވައިޝް އެނދުގައި އޮށޯތްކަން އެނގުމުން ވާހަކަ ދެއްކީ ބަލާލުމެއްވެސް ނެތިއެވެ. “ސަހަރް ބޭނުން ގޮތެއް، އެކަމަކު މީހުން އެއްޗެހި ކިޔާނެ.. އަހަރެންގެ އަނބިމީހާ ވަޒީފާއަށް ތަންތަނަށް ދާން ފެށުމުން…” އުވައިޝް ސަހަރްއާ ދިމާލަށް އެނބުރިލަމުން ސަހަރްގެ ކޮނޑުގައި ކޮއްޓާލިއެވެ. ސަހަރްއަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. ކައިވެނިވީރޭ ސަހަރް ގެއަށް ގެންނަން ފިޔަވާ މިނޫނީ އުވައިޝް ސަހަރްގެ ގައިގަ އަތްލާފައެއް ނެތެވެ. ސަހަރް ލޯބޮޑު ކޮށްލައިގެން އެނދުގައި ތެދުވެ ބަލަން އިނުމުން އުވައިޝް އަމާނަށް އަތް އުފުލާ ގޮތަށް ދެއަތް ހިއްލާލަމުން ތެދުވެ އިށީނދެލިއެވެ. ” ސޮރީ… ވާހަކައެއް ދައްކާތީ މިފަރާތަށް އެނބުރޭށޭ ބުނަންވެގެން ގޮވާލީ.. ދެން އަތެއް ނުލާނަން…” އުވައިޝް މިހެން ބުނުމުން ސަހަރް ފުން ނޭވާއެއް ދޫކޮށްލަމުން ލޯމަރާލި ގޮތުން ހީވަނީ އެ ވަގުތުކޮޅު އޭނާ އިނީ ނޭވާވެސް ނުލާހެންނެވެ.

“އަހަރެން ވަޒީފާއަކަށް ދިޔަޔަސް މީހަކު އެއްޗެއް ކިޔާނެ ހެނެއް އަހަރެންނަކަށް ހިޔެއް ނުވޭ…” އެންދުގެ ފަޑީގައި ބުރަކަށި ޖައްސާލަމުން ސަހަރް ވާހަކަ ދެއްކިއެވެ. ” އެއީ؟؟” އުވައިޝް ކުރުއަތް މައްޗަށް އޮށޯވެލަމުން ބަލާލީ ސީދާ ސަހަރްގެ ލޮލަށެވެ. ” އެއީ.. އަހަރެންނަކީ އުވައިޝްގެ އަނބިމީހާ ކަމެއް ކާކަށް އިނގެނީ؟؟ ހަމައެކަނި އޮފީހުގެ ހެޑުންނަށް ދޯ އެނގޭނީ.. އެމީހުން އުވައިޝް ބުނެފިނަމަ މިކަން ސިއްރުވެސް ކޮށްދޭނެ…” ސަހަރްވެސް ޖަވާބުދިނީ ސީދާ އުވައިޝްގެ ލޮލަށް ބަލަން އިނދެފައެވެ. ސަހަރްއަށް އުނދަގުލެއް ވެ ހިތުގައި ރިހުމެއްވެސް އުފެދިއްޖެއެވެ. ސަހަރްގެ ލޮލުން އުވައިޝްއަށް އެއްވެސް ކަމެއް ނަގައެއް ނުގަނެވުނެވެ. ސަހަރް އިނީ އުފަލުން ކަމެއް ދެރަވެފައި ކަމެއްވެސް ނޭނގެއެވެ. “ތިއުޅެނީ އަހަރެންގެ އޮފީހަށް ވަންނަން ވެގެންތަ؟؟” ޝައްކެއްގެ މަތީގައި އުވައިޝް އިނދެ އަހާލީ މިއަދު ރުހައިމް ދެއްކި ވާހަކައެއް ހަނދާންވެގެންނެވެ. ” މިއަދު އިއުލާން ކޮށްފިން ނިއު އާކިޓެކްޗަރއެއް ހޯދަން.. ވަރަސް ގިނަކުދިން މިއަދުވެސް ވަޒީފާއަށް ފޯމް ހުށައެޅި..” ރުހައިމް ބުނި ބަސްތަށް އަކުރުން އަކުރަށް އުވައިޝްއަށް ހަނދާނަށް އައެވެ.  ” ހޫމް… މިއަދު އިއުލާން ފެނުނީ… ހިތަށްއެރީ އުވައިޝް ކައިރީ އަހާލާފައޭ އެޕްލައި ކުރާނީ.. ގުޅުމެއް ނެތަސް އަހަރެންގެ ދިރިއުޅުމުގެ ކަންކަން ނިންމަންވާނީ ފިރިމީހާ ކައިރީ އަހައިގެން ކަމުގައި އަހަރެން ގަބޫލުކުރަން.. އަދި އުވައިޝްގެ އޮފީހަށްވީމަ ހިތްހަމަވެސް ޖެހޭ.. މިސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވޭނެ އިތުރު ފުރުސަތެއް މީ.. ބައްޕަވެސް ނޫޅެއެއްނު ކޮންމެހެން މި ކަންތަށް ޕަބްލިކް ކުރާކަށް…” އިސްދަށަށް ޖަހައިގެން އިނދެ ސަހަރް ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އެއްބަސް ވުމުގެގޮތުން ހޫމް އަޅުވާލަމުން އުވައިޝް ބޯޖަހާލިއެވެ. މީ ކޮން ރޭވުމެއް ރާވާ އަންހެނެއް ބާއޭ އުވައިޝް ހިތަށް އެރިއެވެ.

“އަދި އަހަރެން ބޭނުން އެއް ވާހަކައެއް އަހާލަން.. އުއްމީދު ކުރަން އަހަރެންނަށް ޖަވާބު ދޭނެކަމަށް…” އަނެއްކާވެސް ސަހަރް ބުނެލިއެވެ. އުވައިޝް ކުރިންހެން އަނެއްކާވެސް ބޯޖަހާލީއެވެ. ” ހައު މަޗް ޑޫ މައި ޑޭޑް އޯވްސް ޔުއަރ ކޮމްޕެނީ…؟” ސަހަރް އަހާލިއެވެ. “އޭނ..” ބުނިއެތި ޔަގީން ނުވީ ފަދައަކުން އުވައިޝްއަށް އަނގައި އަޑެއް ބޭރުކޮށްލެވުނެވެ. ” ހައު މަޗް..” މިފަހަރު ސަހަރް ކުޑަކޮށް ސީރިއަސް ގޮތް ދައްކާލަމުން ބުންޏެވެ. ” އޯލްމޯސްޓް އަ މިލިއަން” ސަހަރް އަށް ތެޅިގަނެވުނީ އުވައިޝް ދިން ޖަވާބު އިވިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 14

Next

ހިތުގެ ރިހުން (33)

Next
October 4, 2025

ހިތުގެ ރިހުން (33)

Previews
October 4, 2025

އަބަދުވޭ ހިތުގާ މަގޭ 14

2 Comments!

  1. Anonymous says:
    October 6, 2025 at 12:41 am

    When 4th bah up kuraany… this story is really awesome ❤️ kiyaa hithun kiyaalevey.

    1. ފަޒޫ says:
      October 6, 2025 at 1:35 am

      Monday morning or afternoon

Comments are closed.

Next Episodeތިޔައީ މަގޭ މިތުރާއޭ 4←


All Right Reserved!