ކަލޭ ކައިވެނި ނުކުރާންވެގެން ބައްޕަ ކައިރީ ކުޓުވަނީދޯ!!!!” ހަލީމް ނުކުމެގެން ދިއުމުން ވައުޒާ ސަހަރްއާ ދިމާލަށް ބުންޏެވެ. “ނޫން… އަހަރެން ކައިވެނި ނުކޮށްފާނެތީ ނަސޭހަތްދޭން ބައްޕަ އައީ.. އަހަރެން ކައިވެނި ކުރާނަން…” ބައްޕަވެސް ނުބުނީތީ އެ ސިއްރު ސިއްރެއް ގޮތުގައި ބޭއްވުމަށް ގަސްތު ކުރަމުން ސަހަރްވެސް ވައުޒާ އަށް އޮޅުވާލީ، ކޮންމެވެސް ދުވަހަކުން ބައްޕަ ދައްކަން އުޅުނު ވާހަކަ ފުރިހަމަ ގޮތުގައި ދެއްކޭނެ ކަމުގެ އުންމީދުގައެވެ. ވައުޒާ ނުކުތްއިރު މޫނުމަތިން އެވާހަކަ ގަބޫލުކުރިކަން ފާހަގަވާން ހުއްޓެވެ.
ގަޑީގެ ކަށި ހިނގަމުން ވަގުތު ކުޑަތަންވަމުން ދިޔަވަރަކަށް ސަހަރްގެ ހިތްވެސް އަވަސްވަމުން ދިޔައެވެ. މެންދުރުގެ ކެއުމަށްފަހު ކޮޓަރީގައި ސަހަރްއިނީ އޮށޯވެލަންވެސް ނުކެރިފައެވެ. ނިދިޖެހިގެންދާ ވަގުތުގައި އެމީހުން ގެއަށް އައިސްދާނެތީއެވެ.
”އެތިބީ އައިސް… އާދޭ ބޭރަށް..” ވިވިއަން އައިސް ކޮޓަރި ދޮރު ހުޅުވާލަމުން ބުނެލިއެވެ. ލައިގެން ހުރި ހުދުކުލައިގެ މާޖެހި މަޑުނޫކުލައިގެ މެކްސީއަށް ދަމާލަމުން ވިވިއަންގެ ފަހަތުން ކަހަލަ ގޮތަކަށް ސަހަރް ނުކުތެވެ. ގަނޑުތަކެއް ބިއްލޫރި މޭޒުމަތީ ބަހައްޓައިގެން އެއްފަރާތުގައިހުރި ދިގު ސޯފާގައި ޒުވާން ފުރައިގެ ދެ ފިރިހެނުން ތިއްބެވެ. އެމީހުނާ ޖެހިގެން ހުރި ސޯފާގައި ބައްޕައާއި ދޮންމަންމަ ތިއްބެވެ. ވިވިއަން ހުރީ ސަހަރް އިށީން ސޯފާގެ ކައިރީގައި ކޮޅަށެވެ. ކަން ދެއްކުމުގެ ގޮތުން ވައުޒާވެސް އުޅުނީ ވަރަށް ރަނގަޅު ވެގެންނެވެ. ނޯކަރަކަށް ގޮވާ ގެނައުމަށްފަހު ފިނި ބުއިމެއް މެހެމާނުންނަށް ގެނުވިއެވެ.
”އަޅުގަނޑުމެން މިއައީ މާލިކްގެ ދަރި އުވައިޝް ފޮނުވައިގެން… އޭނާ އިންނަން އުޅޭ ކުއްޖާ ކައިރިއަށް… ކައިވެނީގެ ރަން ވިދާޅުވެ ކިޔުއްވާ…” ލިޔަންއިން މީހަ ނޫން ދެންއިން މީހާ ސަހަރްއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ސަހަރް ހާސްވިއެވެ. އަލަތު ކައިވެންޏަށް ވެފައި އެފަދަ ކަމެއްގައި ކަންތައް ކުރާނެގޮތް ކިޔަވާފައި ވީނަމަވެސް އެންމެ ތިބެވެސް އެހާ ގާތްމީހެއް އެވަގުތު ސަހަރް ކައިރީ ނެތުމުންނެވެ. އެކުން ބޮޑަށް “އުވައިޝް” ގެ ނަން އިވިފައި ހަތަރެސްފައި ފިނިވެގެން ދިޔައީއެވެ. ހާސްވެގެން ދެއަތް ދެއަތާ މޮޑެވެން ފެށިއެވެ. ރޮވެން އުޅޭހެންވެސް ހީވާންފެށިއެވެ.
”ވިދާޅުވެ ލައްވާ ކޮންމެވެސް އަދަދެއް.. މާލިކް ބުނެލެއްވީ އުވައިޝްއާ އިންނަ ކުއްޖަކު ކޮންމެ އެއްޗަކަށް ރަންކީ ނަމަވެސް އެ ހޯއްދަވައި ދެއްވާނެކަމަށް..” އަނެއްކާވެސް އެމީހާ ވާހަކަ ދެއްކިއެވެ. “2024” ކުޑަކޮށް ވިސްނާލަން އިނދެފައި ސަހަރް މަޑުމަޑުން ބުނެލިއެވެ. ކައިވެނިވާން އުޅޭ އަހަރާ ގުޅުވައިގެން ސަހަރް ރަނެއް ކިއެވެ. ސަހަރް ބުނި އެއްޗެއް ޔަގީންނުވެ ތިބި ދެމީހުނަށް އެއްފަހަރާ އަހާލެވުނީ އަޑުއިވުނީ ރަނގަޅަށްތޯ ބެލުމަށެވެ. ހައިރާންވާން ޖެހުނީ އެހާ މުއްސަނދި އާއިލާއެއްގެ ކުއްޖަކު މިހާކުޑަ ރަނެއް ކީމައެވެ. އެކަމުގައި އިތުރު އެއްޗެއް އެކަކުވެސް ނުބުނީ ރަނަކީ އަންހެން ކުއްޖާ ބޭނުންވާ ގޮތަކަށް ކިޔޭނެ އެއްޗަކަށް ވީމައެވެ. ފޯމް ފުރިހަމަކޮށް ނިމުމަށްފަހު ސަހަރް އާއި ހަލީމް ސޮއެ ކުރުމުން އެދެމީހުން ނުކުމެގެން ދިޔައީ ހަލީމްއާވެސް އެކީގައެވެ.
ވައުޒާއާއި ވިވިއަން ހިނިއައިސްފައި ތިބެ ގޮސް އެމީހެއްގެ ކޮޓަރިއަށް ވަނެވެ. ވައުޒާގެ ހުވަފެނުގައި ޖައްސަން ބޭނުންވާ ފުރަތަމަ ކުލަ މިއަދު ޖައްސާ ލެވިއްޖެއެވެ. ސަހަރް ގެއިން ބޭރު ކުރުމަށް ނެގި ފުރަތަމަ ފިޔަވަޅެވެ.
ކޮޓަރީގައި އިން ސަހަރްއަށް ވިސްނެމުން ދިޔައީ އުވައިޝްއާ ދޭތެރޭގައެވެ. “އޭނާގެ ނަން ފަދައިން އޭނާވެސް ރީތިވާނެ ބާއެވެ. އަހަރެންނާ ގުޅޭނެ ބާއެވެ. ހުންނާނީ ވަރަށް ދުވަސްވީ ގޮތަކަށް ބާއެވެ. ނޫނީ ނަމާ އެއްގޮތަށް ޒަމާނީކޮށް ބާއެވެ.” މިކަހަލަ ޙިޔާލު ތަކަކުން ސަހަރްގެ ސިކުނޑި ފުރާލާފައި ވެއެވެ.
” ކީކޭ… 2024 ހޭ… އެންމެ 2024؟؟؟ އަނެއްކާ ބޯހަމަޖެހޭ ކުއްޖެއްތަ އެއީ؟؟؟” މާލިކުއަށް ގަބޫލުކުރަން އުނދަގޫވި ފަދައަކުން ދަރިފުޅު އުވައިޝްއާ ސުވާލުކޮށްލިއެވެ. އުވައިޝް އެ އައީ ދެ ހެކިވެރިން ގުޅައިގެން އޮފީހުގެ ލައުންޖަށް ގޮއްސައެވެ. ފޯމުގައި މައުލޫމާތު ފުރާ ސޮއެކުރުމަށެވެ. ފޯމް ބަލާލީ ވާންއުޅޭ އަނބިމީހާއަށް ކިޔަނީ ކޮން ނަމެއްތޯ ބަލާލުމަށެވެ. އުމުރު އެނގުމުންވެސް އުވައިޝް ހިތްހަމަ ނުޖެހުނެވެ. އެހާ އުމުރުގައި ތަފާތު ކަމެއްހުރި ކުއްޖެއް ބައްޕަ ހޯދީމައެވެ. ފޯމްގައި ޖަހާފައިވާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯއަށް ބަލައިލުމުން ކިތަންމެ ރީއްޗަކަސް މޫނުމަތިން ވަރަށް ޅަކަންވެސް އެނގެއެވެ.
“އާން.. އެންމެ 2024… އޭނަ ބޭނުން ވަރެއްދޯ ކިޔާނީ… އެކަމަކު ބައްޕަ ކީއްވެތޯ އެހާ ޅަކުއްޖެއް ހޯދީ؟؟ އަޅުގަނޑަކާ ނުވެސް ގުޅޭނެ އެއްނު… އެހެން ނޫނަސް ދިރިއުޅުމުގެ ކަންކަން އަދި ނުވެސް އެނގޭނެ… އަނެއްކޮޅުން އަބަދުވެސް ބޭނުންވާނީ ފައިސާ.. މިހާރުގެ ކުދިންނަށް ކަމުދަނީ ފައިސާ… ޅަ ކުދިންވީމަ އަބަދުވެސް ބޭނުންވާނީ ފައިސާ އާއި އަގުބޮޑެތިހާ އެއްޗެހި..” މަޑުމައިތިރި ކަމާއެކު ބުނެލިޔަސް އެހުރީ ނުރުހުން ވެފައިކަން އެބުނި ރާގުން އެނގެއެވެ. “ދަރިފުޅާ.. ތިބުނާ ކުއްޖަކަށް ނުވެސް އެނގޭ އަހަރުމެންގެ މުއްސަނދި ކަމެއް… ނޭނގޭތީ އެކަން އަންގާކަށް ހަލީމު ނުވެސް އުޅޭ.. އެހެން ނޫނަސް ބައްޕައަށް ފެނިފަހުރި ކުއްޖެއް އެއީ.. އޭނާގެ އުމުރުން 16 ވަރަކަށް އަހަރުގަ އެއީ. ވަރަށް މުރާލިވެފަ ވަރަށް ކިޔަވާނެ. އެހާވެސް ވިސްނުން ތޫނުވާނެ.. ދަރިފުޅަށް ވަރަށް ކަމުދާނެ އޭނަ..” އުވައިޝް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އެހެން ބުނުމަށްފަހު މާލިކް އެތަނުން ދިޔައީއެވެ. “މުރާލިވެގެން މިގޭގަ ކުރާނެ ކަމެއް ނޯންނާނެ.. ކޮންމެ ކަމަކަށް ނޯކަރުން ތިބޭނެ.. ކަންދެއްކުން މޮޅު ކުއްޖަކަށް އެ ވާނީ.. ދެން އެނގިދާނެތާ” އުވައިޝް ހިތަށް އެރިއެވެ.
އިސްކޮޅުން 6 ފޫޓް ހުންނަ އުވައިޝްއަކީ، ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފިޔަޖަހަމުން އަންނަ ޒުވާން ވިޔަފާރި ވެރިޔާއެވެ. ރަތްދޮން ކުލައިގެ ހަންގަނޑަކާއި ކަޅުކަންގަދަ ދެ ބުމައެވެ. މަޑު މުށި ކުލަޔަކަށްދާ ކަޅިޔަކާއި ހަތަރެސްކަން ބައްޓަމަށްވާ މޫނުގެ ފުރިހަމަކަން އިތުރުވަނީ ފުރިހަމައަށް ފަޅާފައިވާ ތުނބުޅި މަތިމަހުންނެވެ. އަބަދުވެސް ތުނބުޅި ހުންނަނީ މެދުމިނަކަށް އެއްވަރުކޮށް ތުނިކޮށް ކޮށާފައެވެ. 34 އަހަރު ވެފައި ވުމުން ތުނބުޅިންނާއި ބޮލުން ނުރައިގެ އަސަރު ފާޅުވާން ހުރެއެވެ. އަބަދުވެސް ބޮލުގެ އިސްތަށިގަނޑު ހުންނަނީ ކުރުކޮށް ކޮށާލައި އެއްފަރާތަކަށް އެއްވަރު ކޮށްލާފައެވެ. ހިނގާލާފައި ދާއިރުވެސް ހީވަނީ ރަންވޭ މޮޑެލްއެއް ހެންނެވެ.
ކައިވެނި ކުރަން ހަމަޖެހިފައި އޮތީ ސަހަރްގެ ބައްޕަގެ ގޭގެ ޓެރަސްގައެވެ. ކައިވެނީގެ ވަލީމާގައި ބައިވެރިވަނީ އުވައިޝް އާއި ސަހަރްގެ ބައްޕަގެ ކުންފުނީ އޮފީސްތަކުގެ ވެރިންގެ ތެރެއިން 10 ވަރަކަށް މީހުންނާއި ދެ ހެކިވެރިން އެކަންޏެވެ. އިތުރު މީހެއް ގެންނަން އުވައިޝް ބޭނުން ނުވަނީއެވެ. ވެރިންގެ ތެރޭގައި އުވައިޝްގެ އެންމެ ގާތް ރަހުމަތްތެރިޔާ ބައިވެރި ވެއެވެ. ސަހަރްގެ ރަހުމަތްތެރިން ނެތުމުން ސަހަރްގެ ފަރާތުން އިތުރު މީހެއް ބައިވެރިވާކަށް ނެތެވެ. ހަމައެކަނި ދޮންމަންމައާއި ބައްޕަ އަދި ވިވިއަން އެވެ. ކައިވެންޏަށް ސަހަރް ތައްޔާރު ކުރާނެ މީހެއްވެސް ނެތެވެ. މޭކަޕްކުރަން ޖެހުނީވެސް އެކަންޏެވެ. މަންމަގެ ކައިވެނި ހެދުން ލައިގެން މޫނުގައި ވަރަށް ފަނޑު މޭކަޕެއް ކޮށްލިއެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލުމަށް ފަހު ނިތްކުރި މަތިން ދެފަރާތުން ދެ އިސްތަށިކޮޅު މޫނުމައްޗަށް ވައްޓާލިއެވެ. ކައިވެނި ހަފްލާއަށް ސަހަރް ގެންދަން އައީ ސަހަރްގެ ބައްޕަ ހަލީމެވެ.
” ދަރިފުޅާ….” ހަލީމްއަށް އެ ހެދުމުގައި ސަހަރް ފެނުމުން ގަނޑުވެފައި ހުރެވުނެވެ. “ތިއީ…” ހަލީމް ބުނަން އުޅުނު ވާހަކާ މެދު ކަނޑާލީ ސަހަރް ވާހަކަ ދެއްކުމުންނެވެ. ” ހޫމްމް.. މިއީ މަންމަގެ ކައިވެނި ހެދުން… އަޅުގަނޑު ލާނެ ހެދުމެއް ދޮންމަންމަ ހޯދައި ނުދިނީމަ މީތި މި ލީ… ރީތިދޯ.. މަންމަ ހުރިނަމަ. މިއަދު ހާދަ އުފާވާނެއޭދޯ..” ސަހަރް އެހެން ބުނުމުން ހަލީމް ބޯޖަހާލިއެވެ. އިތުރަށް އެއްޗެއް ބުނުމެއްނެތި ސަހަރް ގޮވައިގެން ޓެރަސްއަށް ދާން ހިނގައިގަތެވެ. ލޭރަތް ކުލައިގެ އޮފްޝޯލްޑަރ ހެދުމުގައި ހުރި ސަހަރް ގޮވައިގެން ދިޔަ ހަލީމަށް ހީވީ ކައިރީގައި ސިތާރާ ހުރެގެން ދާހެންނެވެ. ދެ އަތްކުރި އަށް ފުޅާވެފައި ހެދުމުގެ ފަސްބައިވެސް ފަހަތުން ފޫޓެއްހައި ވަރަށް ދިގުކޮށް އޮތެވެ. އިސްކޮޅުގައި 5 ފޫޓު 6 އިންޗި ހުރި ކަމުގައި ވިޔަސް ސަހަރް ހުރީ އުސް ފައިވާނަކަށް އަރައިގެންނެވެ.
ޓެރަސް ތެރެއަށް ވަދެގެންއައި ދެބަފައިންނާ ދިމާލަށް އެންމެންގެ ނަޒަރުވީ ހުއްޓިފައެވެ. ހާއްސަކޮށް އުވައިޝްގެ ނަޒަރު ހުރީ ސަހަރް އަށެވެ. ސިކުނޑި ގަބޫލު ކުރަން ބޭނުން ނުވި ކަމުގައި ވިޔަސް ހިތާހިތުން އެ ރީތިކަމަށް ތައުރީފު ކުރެވުނެވެ. އުވައިޝްގެ ހިތުގެ ތެޅުން އަވަސް ކުރުވި ފުރަތަމަ އަންހެނެއް ކަމުގައި ސަހަރް ވިއެވެ. “އެއީ އޭނަ ކޮންތާކުން ހޯދި ހެދުމެއް މަންމާ… ވިވިއަން ބުނެލީ ވައުޒާގެ ކަންފަތް ކައިރީގައެވެ. ” އެއީ.. އެއީ.. އެ އޭނަގެ މަންމަގެ ކައިވެނި ހެދުން..” ވައުޒާއަށް ފޮޓޯތަކުން ހެދުމުގައި ސިތާރާ ފެނިފައި ވުމުން ބުނެލިއެވެ. ވައުޒާއަށް ހުރީ އެކަމުން އުނދަގޫވެސް ވެފައެވެ.
“ކޮބައިބާ އުވައިޝް އަކީ” ސަހަރް ހިތަށް އެރިއެވެ. މިހާރުންސުރެ ސަހަރްގެ ލޯ ހޯދަމުން ދިޔައީ ވާންއުޅޭ ފިރިމީހާއެވެ. މާލިކުއަކީ ކާކުކަން ވެސް ސިފަނުވާ ސަހަރްގެ ލޮލުގައި އަޅާއިގަތީ ހެކިވެރިން ކައިރީ ވާހަކަ ދައްކަން ހުރި މީހާއެވެ. ވަގުތުން ސަހަރްގެ މޫނު މިލައިގެން ދިޔައެވެ. ހިތުގައި ބަޔާންކުރަން ނޭނގޭ ރިހުމެއް ހިނގާލިއެވެ. ބައްޕަ އޭނާގެ ކައިވެނި ކުރުވަން އެ އުޅެނީ އެ މުސްކުޅި މީހާއާ ބާއޭ ސަހަރް ހިތަށް އެރިއެވެ. ހަމަ ގައިމުވެސް 15 އަހަރަށްވުރެ އެމީހާގެ އުމުރުގައި ބޮޑު ތަފާތެއް ހުންނާނެއެވެ. އެއީ ބައްޕައަށް ވުރެވެސް ދޮށީ މީހެކެވެ. ސަހަރަށް މިހާރުންސުރެ ދިރިއުޅުން ސިފަވާންފެށި ކަހަލައެވެ. ސަހަރް އެމީހާއާ އެކު ބޭރަށްދާނީ ކިހިނެއް ބާއެވެ. ގައިމުވެސް އެމީހާ ސަހަރަށްވުރެ 1 ފޫޓް ކުރުވެސް ވާނެއެވެ. ދިރިއުޅޭނީވެސް ކިހިނެއް ބާއޭ ހިތަށް އަރަމުން ދިޔައެވެ. މިއީ ދުޝްމަނަކާމެދުވެސް މީހަކު ކަންތަށް ނުކުރާނެ ގޮތެކޭ ހިތަށް އެރުމުން ރޮވޭގޮތް ވިއެވެ. މިކަހަލަ ހައިޖާނެއްގައި ހިތް ވަނިކޮށް ބައްޕަ ސަހަރް ގެންގޮސް ގޮނޑީގައި ބޭންދިއެވެ. އަދި ޖެހިގެން ކަނާތަށްވާ ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އުވައިޝް ފެނުމުން ހަމަ ގައިމުވެސް ހަލީމް އިނީ ހިތްހަމަ ޖެހިފައެވެ. އުވައިޝްއާ ހަލީމް ބައްދަލްވީ ސަހަރް ބަލައި ތިރިއަށް ދިއުމުގެ ކުރިންނެވެ. ސަހަރް އެ އިށީން ގޮތަށް ގޮނޑީގައި އިސްދަށަށް ޖަހައިގެން އިނީ ކައިރީ އައިސް އިށީން މީހާއާ ދިމާލަށް ބަލާލާނެހާ ހިތްވަރުވެސް ސަހަރްގެ ނެތީމައެވެ.
ކައިވެނީގެ މަޖިލިސް ފެށިގެން ކުރިޔަށްގޮސް އަނބި ގަބޫލު ކޮށްފީމޭ ބުނި އަޑުންވެސް ސަހަރްގެ ހިތަށްވީ ތަދެކެވެ. ކައިވެނީގެ މަޖިލިސް ނިމި އެންމެން ސަލާން ކުރަންފެށި ވަގުތު މޭޒުދޮށުގައި އިން ސަހަރްއަށް ރޮވެން ފެށިއެވެ. ހިތުގައި ޖެހުނު ވަރުން އިހްސާސް ތަކުގެ މައްޗައް ބާރު ފޯރުވަން ދަތިވީއެވެ. އުވައިޝް އަކަށް ސަހަރް ގައިގަ އަތްލާކަށްވެސް ނުކެރުނެވެ. އެންމެންވެސް ހީކުރީ އާއިލާއާއި ވަކިވާތީ ދެރަވެގެން ސަހަރް ރޮނީ ކަމަށެވެ. ހަލީމް ސަހަރް ގަޔާއި ކައިރި ކޮށްލައިގެ ނަސޭހަތް ދިނެވެ. ވައުޒާވެސް މީހުން ތިބީމައި ކައިރިވެގެން އުޅުނެވެ. ސަހަރް ކުރަން ބޭނުން ވިޔަސް ޝަކުވާއެއް ކޮށްލަންވެސް ދޫ ހަރަކާތެއް ނުކުރިއެވެ. މެހެމާނުންވެސް އެހާ ގިނަ އިރަކު ނުތިބެ މާލިކްއާއި އެކު ގިނަ މީހުން ބޭރަށް ދިޔައީއެވެ. އެތެރޭގައި ތިބީ އުވައިޝް އާއި ރަހުމަތްތެރި ރުޙައިމްއެވެ. މާބޮޑަށް ހިތުގައި ޖެހުމުގެ ސަބަބުން ސަހަރްގެ ހެޔަށް ކުޑަކޮށް ގޮތްވީއެވެ. ހަލީމްގެ އެދުމުގެ މަތިން އުވައިޝް ސަހަރް ގެންގޮސް ކާރުގެ ފަހަތު ސީޓަށް އެރުވުމަށްފަހު ފަހަތަށް އަރާ ސަހަރް ކައިރީ އިށީނެވެ. ރުޙައިމް އެރީ ކާރު ދުއްވާށެވެ.
” މިވެސް ވާނީ ޖައްސާ ޑްރާމާއަކަށް ކަންނޭނގެ…” އުވައިޝް ހިތަށް އެރިއެވެ. ސަހަރް އޮތީ އުވައިޝްގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. މިހާރު ސަހަރަށް ކުޑަކޮށް ވާނުވާ އެނގޭވަރުވެއެވެ. ” ކީއްވެތަ ތިއީ އަހަރެންގެ ފިރިމީހާ އަށް ނުވީ؟؟” ސަހަރް ބުނެލި އެއްޗަކުން ރުހައިމް އާއި އުވައިޝް އަށް ސަހަރްއާ ދިމާލަށް ބަލާލެވުނީ ސަހަރް އެހެން ބުނީ ކާކާ ދިމާލަށްތޯ ޔަގީން ކުރުމުގެ ބޭނުމުގައެވެ. ސަހަރް އިނީ އުވައިޝްގެ މޫނަށް ބަލާށެވެ. އެކަމަކު އަދިވެސް އެއްކޮށް މީހާ ހަމަޔަކަށް ނޭޅެއެވެ. ” އޭނަނޫނީ ކާކު؟؟ މަ ތަ؟؟” ރުހައިމް ހިނިއައިސްފައި އިނދެ ބުނެލިއެވެ. އުވައިޝް އިނީ ވާނުވާ ނޭނގިފައެވެ. އަނެއްކާ ސަހަރް އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްބާއޭ ހިތަށްވެސް އެރިއެވެ. ” އެހެރީނުން.. އެހެރަ މުސްކުޅި މީހައާ އަހަރެން ކައިވެނި ކުރުވީ..ދޮން.. ދޮންމަންމަ.. 15 އަހަރު ބޮޑު މީހެކޭ ކިޔާފަ.. އަހަރެން ބައްޕައަށް ވުރެ މުސްކުޅި މީހަކާ…” ސަހަރް އިނގިލި ދިއްކޮށްލީ ކާރުން ބޭރުގައިހުރި މީހަކަށެވެ. ސަހަރްގެ ފޮށި ގެންނާތީ ގޭގެ ދޮރުމަތީ ކަހަލަ ގޮތަކަށް އެމީހުން މަޑުކޮށްގެން ތިއްބާ ސަހަރް ދެއްކީ ކާކުތޯ ބަލާލަން ކާރުން ބޭރަށް ބަލާލި އުވައިޝް އާއި ރުހައިމް ކައިރިއަށްވެސް ވަރަށް ހިނި އައެވެ. ބޭރުގައި ހުރީ މާލިކު ފެނި ރުހައިމް އަށް ހެވުނީ ބާރަށެވެ. އުވައިޝް އިނީ ހިނިގަނޑު ހިފަހައްޓާލައިގެން ނެވެ. ” ހަމަ ތިގޮތަށް މުޅި ލައިފްގަ އަހަރެންނަށް މީހުން މަލާމަތް ކުރާނެ.. އަހަރެން ކިހިނެއް އެމީހާއާއެކީ ބޭރަށްވެސް ދާނީ…” މިހެންބުނެ ސަހަރް އަނެއްކާވެސް ފެށީރޯށެވެ.
ވަގުތުން ރުހައިމްވެސް ހުނުން ހުއްޓާލިއެވެ. އެވަގުތު ގޭގައި އުޅޭ ނޯކަރަކު އައިސް ސަހަރްގެ ފޮށި ކާރުގެ ޑިކީއަށް އެރުވިއެވެ. ” ހުއްޓާލާ އަވަހަށް… މީނަ ގެންދާނެ ސަހަރް އެ މީހާއަށް ފޮރުވައިގެން…” ރުހައިމް ސަހަރްއަށް އުވައިޝް ދައްކާލަމުން ބުންޏެވެ. ” އެ.. އެ ތެ ދެއް ތަ؟” ގިސްލެވެމުން ކަހަލަ ގޮތަކަށް ސަހަރް އަހާލީ އުވައިޝް ކައިރީގައެވެ. އުވައިޝް ހިނި އަންނަ ވަރުން ބޯޖަހާލިއެވެ. ރުހައިމް ކާރު ދުއްވާލީ އުވައިޝްގެ އިޝާރާތަށެވެ. ގެއަށް ދެވުމުން ކާރުން ފައިބަމުން ނިދިފައި އޮތް ސަހަރް އުވައިޝްގެ އަތްމައްޗަށް ނަގާ އުރާލިއެވެ. ކިތަންމެ ބޭނުން ނުވިޔަސް ބައްޕަގެ ނުފޫޒުގައި އުވައިޝްއަށް މަޖުބޫރުވީ ސަހަރް އޭނާގެ ކޮޓަރިއަށް ގެންދާށެވެ. އެނދުގައި ސަހަރް ބާއްވާ ބްލޭންކެޓް އަޅާލަދިނުމަށްފަހު އެނބުރުނު އުވައިޝް ހައިރާންވީ ކޮޓަރީގައި ހުރި ސޯފާ ނެތުމުންނެވެ. ކަންވީގޮތް އުވައިޝްއަށް އެނގުނެވެ. ބައްޕަ ކޮޓަރީގައި ހުރި ސޯފާ ނެރުނީއެވެ. ބޮލުގައި އެއްކޮޅުން އަނެއް ކޮޅަށް އަތް ހިންގާލުމަށްފަހު ގޮސް ފާހާނައަށް ވަދެ ތާޒާވެލައިގެން އައިސް އެނދަށް އަރާ އޮށޯވެލީ އެނޫންގޮތެއް ނެތީމައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



masha allah vrh reethi vaahaka yeh…kiyaa hithun indha nimijje..vrh majaa vaahaka 😂..kon dhuvahakun next part..
saturday. insha allah