Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔައީ މަގޭ މިތުރާއޭ

ފަޒޫ Level 310 Stories100 Login
September 29, 2025 6 Mins Read
5 Comments

ބައްޕާ… އަޅުގަނޑު… ބައްޕަގެ މުދަލުން އަޅުގަނޑަށްވާ ހިއްސާއިން 1 ލައްކަ ރުފިޔާ ލިބިދާނެތޯ…؟” ބިރުން އިން ނަމަވެސް ސަހަރް ބައްޕަ ގާތުން އެދުނެވެ. ސަހަރްގެ ބައްޕަ ހަލީމަކީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ވެރިން ތެރެއިން އެންމެ އުހުގައި ނަން ކިޔާލެވޭ މީހުން ތެރެއިން އެކަކެވެ.” ކަލޭ ކީއްކުރާ ރުފިޔާ އެއް… އެވެސް އެހާ ބައިވަރު. 19 އަހަރު ވަންދެން ބަލާ ބޮޑުކޮށް ކިޔަވާދިނީމަ އަދިވެސް އަހަރުމެންތަ ކަލެޔަށް ރުފިޔާ ދޭންވީ؟؟” ވައުޒާ ހަލީމްގެ ކައިރީ އިށީންނަމުން ބުނެލީ ރުޅިވެރި ރާގަކަށެވެ. ހަލީމްވެސް އެކަމާ އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ.” އެކަމަކު ބައްޕާ.. އެއީ އަޅުގަނޑުގެވެސް ހައްޤެއް ނޫންތޯ؟؟ އަޅުގަނޑުވެސް ބޭނުން އަމިއްލަ މަސައްކަތެއް ފަށައިގަންނަން….” އިސްޖަހާލަމުން ސަހަރް ބުނެލީ ބިރުން އިނދެއެވެ.

“ހައް… ކަލޭ!! އަދި އެވެސް ވިޔަފާރި؟؟ ތިކަހަލަ އެއްވެސް އެއްޗެއް ނޭނގޭ ގަމާރުން ނަކަށް ވިޔަފާރިއެއް ނުކުރުވޭނެ… ކަލޭ ޖެހޭނީ އެ މާލިކުގެ ދުވަސްވީ ދަރިޔާ އިންނަން…” ދޮން މަންމަ ވައުޒާ ހެމުން ބުނެލީ ސަހަރްއަށް މަލާމަތް ކުރާފަދަ ރާގެއްގައެވެ. “15 އަހަރު ބޮޑަކަސް އޭނަހުރީ ކަލެޔާ އިންނަން ތައްޔާރަށް…” ވައުޒާ އިތުރުކޮށްލިއެވެ. މާލިކަކީ ރާއްޖޭގެ އެންމެ މުއްސަނދި ގެސްޓްހައުސް ވިޔަފާރިވެރިޔާ އެވެ. ވައުޒާ ބޭނުންވަނީ މާލިކްގެ ދަރިޔާ ސަހަރްގެ ކައިވެނި ކުރުވާށެވެ. އެއީ މާލިކާއި ހަލީމް އެކުވެގެން ފެށި ޕްރޮޖެކްޓެއްގައި ހަލީމްގެ އިޙުމާލަކުން މާލިކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލިކް ބައްދަލު ކުރުމުން ވައުޒާ މާލިކުއަށް ދިން ޙިޔާލެއްގެ މަތިން ރޭވިގެންދިޔަ ކައިވެންޏެކެވެ. މާލިކްވެސް ގަބޫލުވީ އުމުރުން 34 އަހަރުވީ އިރުވެސް ދަރިފުޅު އަމިއްލައަށް ޙަޔާތުގެ ބައިވެރިއެއް ހޯދަން ޙިޔާލުވެސް ނުކޮށް ހުރީމަ ދަރިފުޅުގެ އުމުރު އެގޮތަށް ހުސްވިޔަ ނުދީ ކައިވެނި ކުރުވުމަށެވެ.

ވައުޒާވަނީ އަމިއްލަ ސިކުނޑީގައި ކަމެއް ރާވާލާފައެވެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުން ވިޔަސް ސަހަރްއަށް ގެއްލުމެއްދީ ހިތާމައެއް ކުރިމަތި ކުރުވުމެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އުމުރުގައި އެހާބޮޑު ތަފާތެއް ހުރި މީހަކާއި ސަހަރް ކައިވެނި ކުރުމުން ޖެހޭނެ ބައިވަރު މައްސަލަ ހުންނާނެއެވެ. ސަހަރްއާއި އެމީހެއްގެ ވިސްނުން އުޅޭނީ ދެ ޒަމާނެއްގައި ކަމުން ސަހަރްއަށް ދިރިއުޅުމުގައި ހިތާމަތަކާއި އަނިޔާވެރި ކަމާވެސް ކުރިމަތި ވާނެ ކަމަށެވެ. އެކަންތަށްފެނި ހަލީމްގެ ދުވަސް ދާނެކަމުގެ އުއްމީދުގައެވެ. ހަލީމް ސަހަރްދެކެވާ ލޯބި ވައުޒާއަށް އޮޅިފައި ނެތީމައެވެ. ހަލީމް ނެތުމުން ހަލީމްގެ ހުރިހާ މުދަލަކާއި ފައިސާއެއް ވައުޒާގެ މިލްކަކަށް ހެދުމުގެ ދަހިވެތިކަމުގައެވެ. އެކަމަކު އެކަން ވައުޒާވަނީ އަމިއްލަ ހިތުގައި ފޮރުވާލާފައެވެ.

“ނޫން… ބައްޕާ… ހެޔޮނުވާނެ… އަޅުގަނޑު އޭނަޔާ ކައިވެނި ކުރާކަށް ބެނުމެއް ނޫން.. އަޅުގަނޑު ކިހިނެއް އޭނަޔާ އިނދެގެން ވިޔަފާރި ފަށާނީ؟؟ އޭނައަކީ ކީއްކުރާ ކާކުކަމެއްވެސް އަޅުގަނޑަކަށް ނޭނގޭ.. އުމުރު އެހާ ތަފާތު.. ހެޔޮނުވާނެ ބައްޕާ.. ދޮންމަންމާ ޕްލީޒް…” ސަހަރް އާދޭސް ކޮށްލިއެވެ.

“މައްސަލައެއް ނެތް… އޭނައާ ކައިވެނި ކުރާކަށް ނުޖެހޭނެ.. އެކަމަކު އެބައޮތް ޝަރުތެއް…” ވައުޒާ ސޯފާއިން ތެދުވަމުން ބުނެލި އިރު ތުންފަތުގައި ވަނީ ވިހަ ހިނިތުން ވުމެކެވެ.

“ކޮން ކަމެއް ދޮންމަންމާ… އަވަހަށް ބުނޭ.. އަހަރެން ކޮށްފާނަންް..” ސަހަރް ބުނެލީ ވައުޒާ ބުނެދާނެ އެއްޗަކާ ދޭތެރޭ ވިސްނާވެސް ނުލައެވެ.

“އެހެންވީއިރު ކަލޭ މަންމަ މަރުވީއްސުރެ އަހަރުމެން ކަލޭ ބަލަން ކުރި ހުރިހާ ހަރަދެއް ދީ… އޭރަށް މިނިވަންވީ.. އެ ފައިސާ އެއްކޮށް ދިނީތީ ހަދިޔާއެއް ގޮތުގައި ކަލޭ ބޭނުންވާ 1 ލައްކަ ރުފިޔާވެސް ހަދިޔާއެއްގެ ގޮތުގައި ދޭނަން…” ވައުޒާ އޭނާގެ ނުބައިކަން ދައްކާލިއެވެ. ސަހަރް ދެލޯ ބޮޑުކޮށްލީ ގޮތްހުސްވީ ފަދައަކުންނެވެ. ކިތަންމެ ގޯހަކަސް އެދަރަޖައަށް ދޮންމަންމަގެ އަމަލުތަށް ގޮސްދާނެކަމަކަށް ސަހަރްގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ. ސަހަރްއަށް ނޭނގުނަސް ސަހަރްގެ ހިއްސާވަނީ ހަލީމްގެ ވިޔަފާރީގައި ބޭނުން ކުރުމަށް ވިއްކާލެވިފައެވެ.

“އަޅެ ބައްޕާ..” ގޮތްހުސްވީ ފަދައަކުން ސަހަރް ފެންކަޅި ވެފައިވާ ލޮލަކުން ބައްޕަ ހަލީމްއާ ދިމާލަށް ބަލާލިއެވެ. ހަލީމް އިސްޖަހާލީ އޭނާއަށް އެކަމުގައި ކުރެވޭނެ އިތުރު ކަމެއް ނެތޭ ބުނާ ފަދައަކުންނެވެ.

”އަހަރެން މާލިކުގެ ދަރިޔާ ކައިވެނި ކޮށްފާނަން.. އަހަރެން އަތަކު ނެތް ދޭނެ އެއްވެސް ފައިސާއެއް.. “ އިސްޖަހާލަމުން ސަހަރް މަޑުމައިތިރި ކަމާއެކު ބުނެލި އިރު އަޑުގައި މަޑު ތުރުތުރު ލުމެއް ވެއެވެ. ހިތަށް ތަދުވީވަރުން މަންމަ ދުނިޔޭގަ ހުރި ނަމައޭ ސަހަރްގެ ހިތަށް އެރިއެވެ. “އެނޫން ގޮތެއް ނުވެސް ނެތް” ސަހަރް ހިތާހިތާ ބުނެލިއެވެ.

“މާދަމާ ރަންކިޔަން މީހުން އަންނާނެ.. ގޭގަ ހުންނާތި”  ވިވިއަން އައިސް ސަހަރްގެ ކަންފަތް ކައިރީ ބުނެލިއެވެ.  “އަހަރެން ޑިއުޓީއަށް ދާންޖެހޭ..” ކައިވެނި ކުޑަކޮށް ލަސްވެދާނެކަމަށް ވިސްނާފައި ސަހަރް ބުންޏެވެ. “ވަރިހަމަ ވަޒީފާއަށް ނުދިޔަކަސް.. ކަލޭ ނެތިއްޔާ އެމީހުން ބޭނުން ވެދާނެ ވިވީ.. އަހަންނަކަށް ވިވީއެއް ނުދެވޭނެ..” ވައުޒާ ރުޅިއައިސްފައި ބުނެލިއެވެ.

“އެކަމަކު…”
”އެކަމަކެއް މިކަމަކެއް ނޯންނާނެ… ކަލޭޖެހޭނީ އަހަރުން ބުނާ ގޮތަކަށް ކަންތަށް ކުރަން.. އެހެންނޫނީ ހަނދާން އެބަހުރިދޯ ޝަރުތު މަތިން…” ވައުޒާ އަޑަށް ބާރުލަމުން ބުނެލީ ސަހަރަށް ހަނދާން ކޮށްދޭ ފަދައަކުންނެވެ. ސަހަރް ވަގުތުން އިސްޖަހާލިއެވެ. އިރުކޮޅެއް ތެރޭގައި ވިވިއަން ގޮވައިގެން ހަލީމް އާއި ވައުޒާ ބޭރަށް ދިޔައީއެވެ. ވިވިއަންގެ 18 ވަނަ އުފަންދުވަހާ ކައިރިވެފައި ވުމުން އޭނާ ބެނުންވާހާ އެއްޗެއް ގަނެދީ އުފާ ކޮށްދޭށެވެ. ސަހަރް އެކަމާ ދެރައެއް ނުވެއެވެ. އެއީ ހަނދާން ހުންނަން ފެށި ހިސާބުގަވެސް ކަންތައް ހިނގާގޮތެވެ.

ސަހަރްގޮސް ކޮޓަރިއަށް އޭނާގެ ވަނެވެ. އެ ބޮޑު ގަނޑުވަރެއްފަދަ ގޭގައި އެ ކޮޓަރި އެއީ އެންމެ ކުޑަ ކޮޓަރިއެވެ. ކިރިޔާ 12 ފޫޓް 10 ފޫޓް ހަމަވާވަރުގެ އެ ކޮޓަރިއަކީ ސަހަރްގެ މަންމަ ސިތާރާ ފަހަން ގެންގުޅުނު ސާމާނު ބެހެއްޓި ކޮޓަރިއެވެ. ވައުޒާ އެގެއަށް ގެނައީ ސިތާރާ ނިޔާވެގެން ކިރިޔާ މަހެއް ވީތަނާ އެވެ. އޭރު ސަހަރްއަށް 8 މަހެވެ. ވައުޒާ އޭރު އިނީ ބަލިވެއެވެ. ގޭގައި ސަހަރް ބަލަން ބަހައްޓާފައި އޭރުހުރި ނިޝާ އެގެއިން ނެރެލީ ސަހަރްގެ އުމުރުން 12 އަހަރުގައެވެ. ދިއުމުގެ ކުރިން ނިޝާ ބުނީ ސިތާރާއަށް ސަހަރް ލިބެން ކައިރިވެފައި ވަނިކޮށް ހަލީމް ވައުޒާއާއި ކައިވެނި ކުރި ކަމަށެވެ. ގޭތެރޭގެ ކަންކަން ފެނި އުމުރަށްވުރެ ސިކުނޑި ތަނަވަސް ވެފައިވާ ސަހަރްއަށް ނިޝާ ކިޔައިދިން ވާހަކަތަށް ނަގައިގަނެވުނީ ވަރަށް ފަސޭހަ ކަމާއެކުއެވެ. ސަހަރްއަށް ސިތާރާ ނުފެނުނަސް ސިތާރާ ހުންނަގޮތް ސަހަރަށް އެނގެއެވެ. އެއީވެސް ނިޝާގެ ހެޔޮކަމުން ވީކަމެކެވެ. މިހާރު ސަހަރް އަކީ އޭރުގެ ސިތާރާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ވައްތަރެވެ. އެއީވެސް ވައުޒާ ސަހަރްދެކެ ކަމަކާނުލާ ރުޅިއަންނަ ސަބަބެކެވެ. ދޮންމަންމަ ކަން ކުޑައިރުގައި ނޭނގޭއިރު ސަހަރް ވައުޒާ ދެކުނީ މަންމަ ގެ ގޮތުގައެވެ. ވިވިއަން އަކީ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމުގައެވެ. ވައުޒާ ސަހަރް ދުރުކޮށް ހުރިހާ ކަމެއް ވިވިއަން އަށް ކޮށްދެނީ ކޮއްކޮ ކުޑަވީމަ ކަމަށް އޭރު ސަހަރް ދެކެއެވެ. އެކަން ބަދަލުވީ ސަހަރްގެ އުމުރުން 12 އަހަރުގައެވެ.

“ސަހަރް.. ނިޝާއްތަ މިދަނީ ދާން.. މިގޭގަ ދެން ނޫޅެވޭނެ.. ވައުޒާ އަހަރެން ފޮނުވާލަނީ…” ދަބަހަށް އެއްޗެހި އަޅަންއިން ނިޝާ ކައިރިއަށް އައި ސަހަރް ކައިރި ކޮށްލަމުން ނިޝާ ވާހަކަ ދެއްކިއެވެ.

”އެ ކީއްވެ؟؟” ކުޑަކުޑަ ސަހަރް އަހާލީ ހައިރާން ވެފައި ހުރެއެވެ. “ވައުޒާގެ ހަގީގަތް މާބޮޑަށް ނިޝާއްތަ އަށް އެނގޭތީ…” ނިޝާ ފުން ނޭވާއެއް ދޫކޮށްލީ ކޮންމެ ގޮތެއްވިޔަސް އެގެއިން ދިއުމުގެ ކުރިން ސަހަރްއަށް ހަގީގަތް ކިޔައިދޭން ބޭނުންވާތީއެވެ.

”ކޮން ހަގީގަތެއް؟؟؟” ސަހަރް ނިޝާގެ ކައިރީ އިށީނެވެ. “ދެން ކީއްވެތަ މަންމައަށް ނަމުން ތި ކިޔަނީ.. ނިޝާއްތަ ތިހެން ނުކިޔަމެއްނު…” ސަހަރް ބުނެލިއެވެ.

“އެއީ ސަހަރްގެ މަންމައެއް ނޫން…” ސަހަރްގެ އަތުގައި ހިފާލަމުން ނިޝާބުނެލި ޖުމްލައިން ސަހަރްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަބޫލުކުރަން ދަތިވިއެވެ. “އާން ސަހަރް.. އެއީ ސަހަރްގެ މަންމައެއް ނޫން… އޭނައާ ސަހަރްގެ ބައްޕަ އިނީ ސަހަރް ސަހަރްގެ މަންމަގެ ބަނޑުގައި ވަނިކޮށް.. އޭރު އަދި މަންމަގެ ބަނޑަށް 6 މަސް ކިރިޔާވީ.. ބައްޕަ އަޅާވެސް ނުލާ އޭގެ ފަހުން މަންމަ އަކަށް.. ގެޔަށްވެސް ނާންނާނެ… އަހަރެންގެ ދައްތަ އޭރު މިގޭގަ އުޅޭނެ ކައްކަން… ވިހޭ ރޭވެސް މަންމަ ކައިރީ ތިބީ އަހަރުމެން ދެބެން. ބައްޕަ ނައީ ވައުޒާ ބަލިވީއޭ ކިޔާފަ… ހޮސްޕިޓަލްގަ ދެދުވަސް ވަންދެން އޮތްއިރު ހޮސްޕިޓަލް އަށް އައީ ފޫޅުމާ ފޯމްގަ ސޮއެ ކޮށްލަން.. ދެން މީހުން ތިބީމަ ކަންނޭނގެ އެއްފަހަރު ސަހަރް އުރާލި… ސަހަރް ލިބުނުފަހުން މަންމަ ވަރަށް ބަލިވީ.. ސަހަރް ބެލީ އަހަރެން. މަންމަ ހުރީ ވަރަށް ބޮޑަށް ސިކުނޑި ގޯސްވެފައި… ބައްޕަ ހަމައެކަނި ދެނީ ފައިސާ.. އެކަމަކު މަންމަ ބޭނުންވީ އަޅާލުމާ އޯގާތެރިކަން.. އަދި ވަގުތު.. އެއިން އެއްވެސް ކަމެއް ބައްޕަގެ ފަރާތުން މަންމައަކަށް ނުލިބުން… އެންމެ ފަހުން ދެންވީ އަހަރުމެން ހީވެސް ނުކުރާކަހަލަ ކަމެއް… އެދުވަސް ހަނދާން ކުރާކަށް ބޭނުމެއްވެސް ނޫން..” ނިޝާ ވާހަކަ ދައްކަމުން ގޮސް ރޮވިގެން ހުއްޓާލިއެވެ..

”ދެން ކިހިނެއްވީ؟؟؟ ބުނެބަލަ ނިޝާއްތާ… ޕްލީޒް ބުނެބާ.. “ ބޯހުރަމުން ދިޔަ ނިޝާގެ އަތުގަ ހިފާ ތަޅުވަމުން ސަހަރް އާދޭސްކުރަން ފެށިއެވެ.

“އެ ތެދެއް ބުނެބަލަ… ކިހިނެއްވީ؟؟؟” ދޮރުމަތީހުރި ވައުޒާ ދަތްކުނޑި ވިކާލަމުން ބުނެލި އަޑު ބާރެވެ. “ބުނެބަލަ ނިކަން… ކެރޭނެތަ ބުނަން؟؟؟” ވައުޒާ ތަކުރާރު ކޮށްލީ ހުރި ފިޔަވަޅުމަތީ ހުރެއެވެ.

”ހަލީމްގެ ބޭވަފާތެރި ކަމާ ކަލޭގެ ވިޔާނުދާ ކަމުން އެ ފަކީރަށް ކެތްނުވެގެން މަރުވީ އަމިއްލައަށް.. ދަންޖެހިގެން މަރުވީ.. އުހުން.. މަރުވީއެއް ނޫން މަރާލީ… ކަލޭމެން އޭނަ މަރާލީ.. ކަލޭމެން އޭނަ މެރީ…” ނިޝާ ހަޅޭއް ލަވަމުން ބުނެލި ބަސްތައް ސަހަރްގެ ކަންފަތުގައި ގުގުމާލީ ހޮނުގުގުރިއެއް ފަދައިން ނެވެ. ސިހިފައި ސަހަރްއަށް ލޯ ހުޅުވާލެވުނެވެ. އޭނާއަށް އިނދެވުނީ ކޮޓަރީގެ ކަނެއްގައި މޭޒުމަތީ ބަހައްޓާފައި ހުރި މަންމަގެ ފަހާފޮށި ކައިރީގައެވެ. ހަނދާންތައް އާވުމުން ސަހަރް އަށް ބޮޑަށް ރޮވެމުން ދިޔައެވެ. މަންމަ އެ ނުބައި މީހުންގެ ތެރެއަށް އޭނާ ދޫކޮށް ދިޔައީތީ އެކަމާ ޝަކުވާ ކުރެވުނެވެ. އެކަމަކު އެއީ މަންމަވެސް ބޭނުންވާނެ ގޮތެއް ނޫންކަން ސަހަރްއަށް ވިސްނެއެވެ.

ސަހަރްއަކީ އިސްކޮޅުން ދިގު ހިމަތޮޅި ދޮން އަންހެން ކުއްޖެކެވެ. ކަޅުކަންގަދަ ބުޅި އިސްތަށިގަނޑު އޮންނަނީ އަބަދުވެސް ބުރަކަށި މެދަކާ ހަމަޔަށް ކޮށާލާފައެވެ. ސަހަރްއަށް ދިގު އިސްތަށިގަނޑު ރީތި ނޫންވީމަ އެއް ނޫނެވެ. ވައުޒާގެ ބާރުން ކޮށަން މަޖުބޫރު ވަނީއެވެ. ވިވިއަން އަށްވުރެ ސަހަރްގެ އިސްތަށިގަނޑު ދިގުވެދާނެތީއެވެ. ވައުޒާ ކިތަންމެ މަސައްކަތް ކުރިޔަސް ސަހަރްގެ ރީތިކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ސަހަރްހާ ވިވިއަން ދޮން ނުވިޔަކަސް ވިވިއަންވެސް ބަލާލާކަށް ހުތުރެއް ނޫނެވެ. ވައުޒާގެ ހުންނަ ބޮޑާކަމާއި ކިބުރުވެރިކަން ވިވިއަންގެ ގައިގަ ނެތްނަމަ އެއީވެސް ވަރަށް ފުރިހަމަ ވާނޭ ކުއްޖެއްކަން ގައިމެވެ.

ހަމަހިމޭން ވަގުތުކޮޅަކަށްފަހު ގޭތެރޭގައި ވާހަކަ ދައްކާ އަޑު އިވެމުން ދެއެވެ. ސަހަރް ކޮޓަރިން ނުނިކުމެ އިނީ ދޮންމަންމަ އާއި ކޮއްކޮގެ ވިހަ ބަސްތަކުން ސަލާމަތް ވުމުގެ ބޭނުމުގައެވެ. މާގިނައިރަކު އެހެނެއްވެސް ނީނދެވުނެވެ. ވިވިއަން ގޮވާލިއަޑު އިވިގެން ދިޔައެވެ. ކައްޓެއްހެން ކޮޅަށް ތެދުވެ ސަހަރް ބޭރަށް ނުކުތީ ބޮލުގައި ހުޅި ޖަހަމުންނެވެ.

“ބަލާބަ.. ބައްޕަ އާއި މަންމަ ގަނެދިންހާ އެއްޗެހި… ރީތިދޯ.. އެކަމަކު ކަލެއަކަށް ނުލިބޭނެ…” އެއީ އަބަދުވެސް ވިވިއަންގެ އާދައެވެ. މަންމައާއި ބައްޕަ އޭނައަށްދޭ އެއްޗެހި ސަހަރްއަށް ދައްކާ ދެރަކުރުމެވެ. އެކަމަކު އެކަމަށްވެސް ސަހަރް މިހާރު އާދަވެ ނިމިއްޖެއެވެ.

“ތި ދައްކަންތަ ތި ގެނައީ؟؟ ނޫޅެން ބޭނުން ވެގެނެއް..” ފޫހިގޮތަކަށް ސަހަރް ބުނެ ދާން އެނބުރިފައި އެއްޗެއް ހަނދާން ވެގެން މަޑުކޮށްލިއެވެ. “ވިވީ… ތި އެއްޗެހި އަހަރެން ބޭނުމެއް ނޫން.. އެކަމަކު މަންމަ ކައިރީ ބުނެގެން ވިވީ އަހަންނަށް ހެދުމެއް ހޯދަދޭން ވީނުން…” މަޑުމަޑުން ހުރެފައި ސަހަރް ބުނެލިއެވެ.

“ ކަލޭ ކީއްކުރާ ހެދުމެއް.. އަހަރެން ނުލާ ހެދުންތަށް ދެމެއްނު…” ވިވިއަން ބުނެލިއެވެ.. “ އެތެދެއް… ކީއްކުރާ އާހެދުމެއް.. ބަލެއް ނުވާނެ ވިވީ ލާފަ ދޭ އެކައްޗެއް ވެސް…” ވިވިއަންގެ ކޮޓަރިއަށް ވަންނަމުން ވައުޒާ ބުންޏެވެ.

”އަހަރެންގެ ކައިވެނިވާން އުޅޭތީ… އެދުވަހު އާ ހެދުމެއް ލާން ކަމަށް.. އެހެން ނޫނަސް ވިވީގެ އެއްޗެހި އަހަރެންނަށް ކުރު…”

“ހެހެ.. އެ ބުއްޑާ ގަނޑާ ކައިވެނި ކުރަން ކީއްކުރަންލާ އާހެދުމެއް.. އެދުވަހު ރަނގަޅުވާނެ ވިވީގެ އެއްޗެއް ކަލޭ ލައިގެން ހުރީމަ… “ ވައުޒާ ހޭން ފެށީއެވެ. އެއީ ވާނެކަމެއް ނޫންކަން ޔަގީންވުމުން ސަހަރް އެތަނުން ނުކުމެގެން އަމިއްލަ ކޮޓަރިއަށް ދިޔައީއެވެ. ފާރުކައިރީ ބަހައްޓާފައި ހުރި ލަކުޑި ސިންގަލް އެނދުގައި ސަހަރް އިނީ މާޔޫސްވެފައެވެ. އުމުރުން ދޮށީ މީހަކާ އިނަސް ކައިވެނީގެ ހަފްލާގައި ރީތިކޮށް ހުންނަން އޭނާ ބޭނުންވެއެވެ. އެއީ ކޮންމެ މީހެއްވިޔަސް ސަހަރްއަށް އަލަތު ކައިވެނި ހާއްސަވާނެތާއެވެ. ކުއްލިއަކަށް ސަހަރް އެނދުން ތެދުވެގެން ގޮސް އަންނައުނު އަޅާ އަލަމާރި ހުޅުވާލީ އެއްޗެއް ހަނދާން ވެގެން ކަހަލަ ގޮތަކަށެވެ.

އަލަމާރި ތެރެއިން އެންމެ ބިއްދަށުން ކުޑަވަރެއްގެ ލަކުޑި ފޮއްޓެއް ސަހަރް ނެގިއެވެ. އެ ހިފައިގެން ގޮސް އިށީނީ އެނދުގައެވެ. ފޮށީގެ ބޭރުގައި ތޫނު އެއްޗަކުން “ތާރާ” މިހެން ލިޔެ ނަގާފައި އިނެވެ. އެއީ ސަހަރްގެ މަންމަ ސިތާރާގެ އެއްޗެކެވެ. ފޮށި ހުޅުވާލާފައި ސަހަރް ނެގީ ލޭރަތް ކުލަޔަކަށްދާ މަހުމާ ފޮއްޗަކުން ފަހާ ރިހިކުލައިގެ ކުދި އެސް ތަކަކުން ޖަރީކޮށް ފަހާފައިވާ އަތުކުރިއަށް ފުޅާ ފަސްބަޔަށް ދިގު ހެދުމެކެވެ. އެއީ ސިތާރާގެ ކައިވެނި ހެދުމެވެ. ސަހަރް މިހާރު ގަސްތުކުރަނީ މަންމަގެ ކައިވެނި ހެދުމުގައި އޭނާވެސް ކައިވެނި ކުރުމަށެވެ. އެއީ 12 އަހަރު ފުރުނު ދުވަހު ނިޝާގެ އަތުން ސަހަރް އަށް ލިބުނު ހަދިޔާއެވެ. އަދި ދުނިޔެމަތީ މިހާތަނަށް ލިބުނު އެންމެ އަގުބޮޑު ހަދިޔާއެވެ. އެ ފޮށީގައި ސިތާރާގެ ފޮޓޯއެއްވެސް އޮތެވެ.

ފަތިސް ނަމާދަށް ހޭލިގޮތަށް ސަހަރް ގޭތެރޭގައި އެކި ކަންކަން ކުރިއެވެ. އެ ކަންތައް ކުރާނެ ނޯކަރުންވެސް ގޭގައި ތިބެއެވެ. އެހެން ނަމަވެސް މިއަދު ސަހަރް އަށް ކޮންމެސް ވަރަކަށް ހާއްސަ ވެއެވެ. ކިތަންމެ ބޭނުން ނުވިޔަކަސް އަލަތު ކައިވެނި ކަމުން ޙާއްސަ އިޙްސާސެއް ކުރުވަމުން ދިޔައެވެ. ބަދިގެ ކައުންޓަރ ކައިރީގައި ކޮފީއެއް ހިފައިގެން އިން ސަހަރް ސިހުނީ މީހެއްގެ ހިލަމެއް ވެގެންނެވެ.

”ބައްޕާ… ކޮފީ ބައްލަވާނަންތޯ؟؟” ހަލީމް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ކޮންމެ ގޮތަކަށް ކަންތަށް ކުރިޔަސް ސަހަރް އޭނާގެ ބައްޕަ އަށް އިޙްތިރާމް ކުރެއެވެ.” ދޮންމަންމަ އަށްވެސްތޯ؟” ސަހަރް އަނެއްކާވެސް އަހާލިއެވެ.

“އުހުން.. އެމީހުން އަދި ނުތެދުވޭ… ބައްޕަ އެބައޮތް ދަރިފުޅާ ވާހަކައެއް ދައްކަންވެފަ” ހަލީމް އިށީންނަމުން ބުނެލިއެވެ. ސަހަރް ވަރަށް ހިތްހަމަ ޖެހުނެވެ. ކޮންމެ ގޮތެއް ވިޔަސް ބައްޕަގެ އޯގާތެރިކަމާއި އަޅާލުން އޭނާއަށް ލިބޭތޯ އަބަދުވެސް އެދެވެއެވެ. ސަހަރް ކޮފީތަށި ގެނެސް ހަލީމްއަށް ދެމުން ޖެހިގެން އިން ގޮނޑީގައި ހަމަޖެހިލިއެވެ.

”ދަރިފުޅާ… ބައްޕަ ބޭނުމެއް ނޫން ދަރިފުޅަށް ދެރަގޮތެއް ހަދާކަށް… އެކަމަކު… ދަރިފުޅުގެ ތި ސޫރަ… ސިތާރާއާ ވައްތަރުކަމުން ބައްޕައަށް ނަފުރަތު ކުރެވެނީ. އެއީ ކީއްވެކަން ދަރިފުޅަށް އަންގަން ބޭނުން…” ހަލީމް ވާހަކަ މަޑު ޖައްސާލިއެވެ. ޖަޒުބާތީވެގެން މާޒީ ހަނދާން ކުރަން ބޭނުން ނުވާ ކަހަލައެވެ. “ ދަރިފުޅު ތި ކައިވެނި ކުރޭ.. ތި ކައިވެންޏަކުން އަދި އެ ގެއަކުންވެސް ދުވަހަކުވެސް ދަރިފުޅަކަށް ދެރައެއް ނުލިބޭނެ… މީ ބައްޕަ ވާ ވަޢުދެއް…” ހަލީމް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

”އެކަމަކު…” ސަހަރްއަށް ބުނެވުނީ އެވަރަށެވެ. ހަލީމް ބޯހޫރާލުމުން އަނގަ ބަންދުވީއެވެ. “މިއަދު އެމީހުން އަންނާނެ.. ރަންކިޔުމުގެ ކަންކަން ހަރާބުކޮށް ނުލާތި.. މީހުންގެ ކުރިމަތީ ކަލޭ ޖެހޭނެ މަގޭ އަގު ހިފަހައްޓަން..” ހަރުކަށި ރާގެއްގައި ހަލީމް ބުނެ ނިންމާލި ވަގުތު ބަދިގެ ތެރެއަށް ވަދެގެން އައި ވައުޒާ ސަހަރްގެ ލޮލުގައި އަޅައިގަތެވެ. ކަންވީގޮތް ސަހަރަށް ފަހުމްވީ ދެނެވެ. ބައްޕައަށް ވައުޒާ އަންނަކަން އެނގުނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ފަޒޫ

Level 310 Stories100 Login

Jealousy, at its core, is a byproduct of fear, fear of not being good enough, fear of loss. When it hits, it can trick us into believing our relationship is in immediate danger, making it impossible to distinguish between natural feelings of protectiveness and irrational suspicion. In other words, it's pretty terrible. ~Enjoy my second story based on love and jealousy ~

Other Articles

Previous

ހަންޖަރު 6

Next

ވަފާތެރިމަވީމޭ ޓްރޭލާރ

Next
September 29, 2025

ވަފާތެރިމަވީމޭ ޓްރޭލާރ

Previews
September 29, 2025

ހަންޖަރު 6

5 Comments!

  1. Anonymous says:
    September 29, 2025 at 2:04 pm

    Dhevana episode ah inthizaaru kuran 😍

    1. Fazoo says:
      September 30, 2025 at 8:57 am

      Thursday ga libeyne
      Insha Allah

    2. Fazoo says:
      October 1, 2025 at 8:10 am

      Part 2 is updated now. Decided to upload earlier

  2. shynyx inax shynyx inax says:
    September 29, 2025 at 10:21 pm

    V reethi

  3. Hau💚 says:
    September 30, 2025 at 1:20 am

    Vaahakah varah reethi vaane hen heevany 😍🫶

Comments are closed.

Next Episodeތިޔައީ މަގޭ މިތުރާއޭ 2←


All Right Reserved!