ހިތް އެދޭ މަންޒިލަކީ… 31
“އަޅުގަނޑުގެ ސަބަބުން.. މުޅި އާއިލާ ލަދެއްގައި ބެދެން ޖެހުނީތީ މަޢާފަށް އެދެން.. ތެދުވެރިކަމާ އެކީ ބައްޕަ ފެއްޓެވި ވިޔަފާރީގެ ނަން ކިލަނބު ކޮށްލެވުނީތީ މަޢާފަށް އެދެން.. އެކަމަކު މިއީ އަޅުގަނޑު ވެސް.. ބޭނުން ވެގެން ވީ ކަމެއް ނޫން..” ގިސްލެވެމުން ދިޔަ ޙާލު ނުކުރާ ކުށަކަށް ލޯބިވާ މާމަދަރިފުޅު މަޢާފަށް އެދެން ފެށުމުން އައިސާމަނިކެގެ ހިތަށް ވާންވެލީ އިންތިހާއަށެވެ.
“އެއީ ދަރިފުޅުގެ ކުށެއް ނޫނޭ ރެން.. މާމަމެން އެއްވެސް މީހަކު ދަރިފުޅު ވެސް ޔާން ވެސް ކުށްވެރިއެއް ނުކުރަން.. ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ޙިކްމަތެއް އޮންނާނެ.. އަދި ދޮގުވެރީންނަށް އެކަމުގެ ސަޒާ ލިބޭނޭ ދުވަހެއް އަންނާނެ.. އަހަރެމެންނަށް އަދި މިކަމުން އަރައިގަނެވޭނެ ދަރިފުޅާ.. ހިތްވަރު ދޫނުކުރައްޗޭ..” ރައިހާން ގަޔާ ދުރުކޮށްލާފައި އެ ނިތަށް ބޮސް ދިން އިރު އައިސާމަނިކެގެ ހިތުގައި އިންތިހާއަށް ޝަކުވާ އުފެދުނީ ލިވްޔާއާ މެދުގައެވެ. އަމިއްލަ މާމަ ދަރިއަކު ފަދައިން ކަންތައް ކޮށްދީ، އެތައް ފަހަރަކު ރައިހާންއަށް ދެރައެއް ނުދިނުމަށް އެދި ކުރި އާދޭސްތަކަށް ފަހު ވެސް ލިވްޔާ މިއަދު އެ ވަނީ ރައިހާންގެ އިތުރުން މުޅި ޢާއިލާއަށް އޮޅުވައިލާފައެވެ. މުޅި އާއިލާގެ ޢިއްޒަތާއި ޤަދަރު ވެއްޔާލައި މޮޑެލާފައެވެ. ނިމްޝާއަށް ވުރެ ލިވްޔާ މާ ގޯހޭ ހިތަށް އެރުމާއެކު އައިސާމަނިކެއަށް ދަތްކުނޑި ވިކައިލެވުނީ ލިވްޔާއާ މެދުގައި އެހިތުގައި ކުރިން އުފެދިފައި އޮތް ލޯބީގެ ހުޅުކޮޅު ނަފްރަތުގެ އަނގުރު އަލިފާނަށް ބަދަލުވުމުންނެވެ.
“އަހަރެން އެހައި އިތުބާރުކޮށްފައި އެ އަންހެން ކުއްޖާއަށް މި ޢާއިލާއަށް ބަލައިގަތީމަ އޭނަ އަހަރެމެންނަށް އެކަމުގެ ބަދަލު ދޭ ގޮތް މީ.. ހާދަ ނުލަފާ އަންހެނެކޭ.. ރެންއަށް ދެރަ ގޮތެއް ދުވަހަކު ވެސް ނަހަދާށޭ ކިޔައި އަހަރެން އާދޭސް ކުރީމަ އޭނަ އަހަރެމެން އެންމެންނަށް އޮޅުވައިލީ.. ނިމްޝާއަށް ވުރެ ވެސް އެ ލިވްޔާ މާ އަޑިނުބައިވެފަ-” އައިސާމަނިކެ ދައްކާދައްކާ ހުރި ވާހަކަތައް މަޑުޖެހުނީ ރައިހާން އާދޭހުގެ ރާގެއްގައި މާމާއޭ ކިޔައި ގޮވައިލުމުންނެވެ. ކުދިކުދިވެފައިވާ އެ ހިތަށް ކެތްނުވީއެވެ. ކިތަންމެ ބޭނުންނުވިޔަސް އަދިވެސް އެހިތުގައި ލިވްޔާއަށް ދެވިފައިވާ ދަރަޖައަށް ބަދަލެއް ނާންނާތީ، އެހެން މީހެއް ދުލުން ލިވްޔާއަށް އަމާޒުކޮށް ކުޑަ ވެސް ކުޑައިމީސް ބަހެއް ބޭރުވުމަށް ނޭދެވެނީއެވެ.
“ރެން އަދިވެސް ތި ވިސްނަނީ އެ އަންހެނާއާ މެދުގަތަ..؟ ހަނދާން ނައްތައިލާ ދަރިިފުޅާ! ލިވްޔާއަށް ދެން މިގެއިން އެއްވެސް ޖާގައެއް ނޯންނާނެ!” އައިސާމަނިކެގެ ލަފްޒުތަކުން ރައިހާންގެ ހިތަށް އިންތިހާއަށް ތަދުވީ ނަމަވެސް، ލިވްޔާގެ ދިފާއުގައި އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާ ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ ހަގީގަތް އޭނާއަށް އިވުނީ ޚުދު ލިވްޔާގެ ދުލުންނެވެ. އެ ހިތް ހަލާކުކޮށްލީ ޚުދު އެ ދެއަތުންނެވެ. ވީއިރު ލިވްޔާގެ ދިފާޢުގައި، ލިވްޔާގެ ނަން ހުތުރުވިޔަ ނުދިނުމަށް ޓަކައި އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް މިއަދަކު ނެތެވެ.
ވަރުބަލިވެ ލޮޑުވެފައިވާ ހަށިގަނޑު ސޯފާއަށް ދޫކޮށްލަމުން ރައިހާން އިސްތަށިގަނޑުތެރެއަށް އަތް މަހައިލީ ބޮލުގައި ވީ ރިހުމަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯއެވެ. އެހެނަސް އެވަގުތު ވެސް އޭނާ ހަނދާންވީ ލިވްޔާ މަތިންނެވެ. އޭނާގެ ބޮލުގައި ރިއްސައިގަތުމުން ލިވްޔާގެ ހިމަހޯލި އިނގިލިތައް އިސްތަށިގަނޑުގެ ތެރެއަށް މަހައިލާ ގޮތުން ހިނދުކޮޅެއްގެ ތެރޭގައި ހުރިހައި ބޮލުރިހުމެއް ފިލައިގެން ދާ ގޮތެވެ.
ރައިހާންއަށް ވެފައިވީ ވަރު ފެނުމުން އެއްޗެކޭ ބުނަން ނުކެރިފައި ތިބި އެންމެންގެ ސަމާލުކަން އެނބުރުނީ ޔާނިއުގެ ފޯނު ރިންގުވާން ފެށުމުންނެވެ. ވަގުތުން އެންމެންގެ ނަޒަރު ޔާނިއުއަށް ހުއްޓުނީ ޔާނިއު ފޯނު ނަގާފައި ކަންފަތުގައި ޖަހައިލުމުންނެވެ. ދެން ފެނުނީ ހިނދުކޮޅެއްގެ ތެރޭގައި އެ ދެލޯ ބޮޑުވި ތަނެވެ. އަބަދާއި އަބަދު ހިތާމަވެރިކަމުގެ ސާލެއް އޮޅިފައިވީ ދެލޮލުން އުފާވެރިކަމުގެ ހުޅުކޮޅެއް ފާޅުވެލި އިރު، އެ ދެތުންފަތް ފޫއަޅުވައިލާފައި “އަލްޙަމްދުލިﷲ” ގެ މަތިވެރި ބަސްކޮޅު ބޭރުވެއްޖެއެވެ. އެހެން ހުރިހައި ކަމެއްގެ މަތިން ހަނދާން ނެތި، މިހާރު ވެއްޓިފައިވީ އަނދަވަޅާއި ގޭތެރޭގައިވީ ހިތާމަވެރިކަން މަތިން ވެސް ހަނދާން ނެތި، އުފާވެރިކަމުގެ ރާގެއް ހިތުގައި ކުޅެވެން ފަށައިފިއެވެ.
“ލައި ފެނިއްޖެ!” ފޯނު ބާއްވަމުން ޔާނިއު އެހެން ބުނުމާ އެކީ އެހެން އެންމެންނަށް ވެސް ވީ އެވަރެވެ. ރައިހާން ފިޔަވައެވެ. ކިތަންމެ ބޭނުންވީ ނަމަވެސް، މިވަގުތު އަމިއްލަ ނަފްސު ވެއްޓިފައިވާ އަނދިރި އަނދަވަޅުގެ މަތިން ހަނދާން ނައްތައިލާ، ޔާނިއުގެ އުފަލުގައި ބައިވެރިވާނެހައި ހިތްވަރެއް އެ ނާޒުކު ހިތަކަށް ނުކުރެވުނެވެ.
“އަހަރެން މި ދަނީ ލައި ބަލައި!” އެހެން ބުނުމަށް ފަހު އިތުރު މީހެއްގެ ބަހަކަށް އިންތިޒާރު ކުރުމެއް ނެތި، ކާރުގެ ތަޅުގަނޑު ހިފައިގެން ޔާނިއު މިސްރާބު ޖެހީ ގެއިން ނުކުންނާށެވެ.
ޔާނިއު ނުކުތުމާއެކު އެންމެންގެ ނަޒަރު އަނެއްކައި ވެސް ރައިހާންއަށް ދަތުރުކޮށްފިއެވެ. ހަމްދަރުދީގެ ލޯތައް އޭނާއަށް އަމާޒުވެފައިވީ ނަމަވެސް ރައިހާން ވީ އެއިން ކަމެއް ނަގައިގަނެވޭ ވަރަށް ވުރެ ދެރަވެފައެވެ. ދިރިއުޅުމުގައި ފަހަރަކު އުފަލަކުން މަޙުރޫމުވަމުން ދިޔަ އިރު، އޭނާއަށް ދުވަހަކު ވެސް އުފަލެއް ލިބުން ނެތީ ބާވައޭ ހިތަށް އަރައި، އެ ހިތް ހިމޭން ކަރުނަ އޮއްސަމުން ދިޔައެވެ. އަދިވެސް އޭނާ އެންމެ ލޯބިވެ، އެންމެ އިތުބާރު ކުރި ފަރާތް އޭނާއަށް އެފަދަ އަނިޔާވެރި ގޮތަކަަށް އޮޅުވައިލާ، މަކަރު ހަދާފާނެ ކަމަށް ޤަބޫލު ކުރަން އުނދަގޫވަނީއެވެ.
*** ** ***
ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފުލުސް ސްޓޭޝަނަށް ވަން ޔާނިއުއަށް ވަށައިގެން ބަލައިލެވުނީ އަވަސްވެފައިވާ ހިތަކާ އެކުގައެވެ. އެވަގުތު އައި ފުލުސް އޮފިސަރަކު ޔާނިއުއާ މުޚާތަބުކޮށްލުމުން ޔާނިއު އަވަސްއަވަހަށް ލައިނީގެ ވާހަކަ އަހައިލިއެވެ. އެއާއެކު އެ ފުފލުސް އޮފިސަރަކު ޔާނިއު ގޮވައިގެން ވަނީ އެތަނުގައި ހުރި ކެބިންއަކަށެވެ.
ވަރުބަލިވެފައިވީ ހަށިގަނޑު ގޮނޑިއަކަށް ދޫކޮށްލައިގެން އިން ލައިނީ ފެނުމާއެކީ ޔާނިއުގެ ހިތް އުދުހިގެން ދިޔަ ފަދައެވެ. އެ މޫނުމަތިން ފެނުނު ވަރުބަލިކަމާއި، ހިތާމަވެރިކަމުގެ ސަބަބުން ޔާނިއުގެ ހިތަށް ވީ އުނދަގުލަށް ވުރެ، ހެޔޮ ޙާލުގައި ލޯބިވާ އަނބިމީހާ ވީތަން ފެނުމުން ލިބުނު އުފާވެރިކަން ބޮޑެވެ.
“ލައި..” ކުރަކިވެފައިވީ އަޑުން ލައިނީގެ ނަން ޔާނިއުއަށް ކިޔައިލެވުމާ އެކީ ލައިނީ އިސްއުފުލައިލިއެވެ. ކުރިމަތީގައި ހުރި ޔާނިއު ފެނުމުން ލައިނީ އެންމެ ސިކުންތެއް ވެސް ލަސްނުކޮށް ގޮނޑިން ތެދުވެލީ ނުހަނު އުނދަގުލުންނެވެ.
“ޔާން..” އެތައް ދުވަހަކަށް ފަހު، ލައިނީގެ އަޑުން އެހައި ލޯބިން އޭނާގެ ނަން ކިޔައިލި އަޑު އިވުމުން ޔާނިއުއަކަށް ކެތެއް ނުވިއެވެ. އިތުރަށް މަޑުކުރުމެއް ނެތި ޔާނިއު އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެ ވަރުގަދަ ދެއަތުގެ ތެރެއަށް ލައިނީ ގެނައި އިރު، ދެމީހުންނަށް ވެސް ރޮވިއްޖެއެވެ.
ލިވްޔާއަށް ދިމާވި ކަންތައްތަކުން ހިތަށް ލިބުނު ގިލަންވެރިކަމާއި، ދުވަސްތަކެއް ފަހުން ޔާނިއު ފެނުމުން ލިބުނު ހިތްހަމަޖެހުމާއި އެކީ ލައިނީގެ ދެލޮލުން މައްސުނި އިހުސާސްތަކެއްގެ ވެރި ކަރުނައިގެ މުތީތައް ފައިބަން ފެށިއެވެ. ޔާނިއުގެ ގަމީސް ދެއަތަށް ބޮނޑިކޮށްލަމުން ލައިނީއަށް ބާރުބާރަށް ގިސްލެވެން ފެށުމާއި އެކީ، ޔާނިއު އިހުނަށްވުރެ ވެސް ބޮޑަށް ލައިނީގެ ހަށިގަނޑުގައި ވަށައިލެވިފައިވީ ދެއަތް ބާރުކޮށްލިއެވެ.
“ޝްޝް ބޭބީ.. އިޓްސް އޯކޭ.. އައިމް ހިއަރ.. ޔޯރ ސޭފް.. ޔޯރ ފައިން..” އެއް އަތުން ލައިނީގެ ބޮލުގައި ނުހަނު ލޯބިން ފިރުމައިލަމުން ޔާނިއު ވައި އަޑުން، އޯގާތެރިކަމުން ފުރިގެންވީ އެތައް ބަސްތަކެއް އިއްވަމުން ދިޔައެވެ.
“ލައި.. ބޭބީ.. އޯކޭތަ..؟ އާރ ޔޫ ހަރޓް އެނީވެއަރ..؟” ހިނދުކޮޅަކަށް ފަހު ލައިނީ އޭނާގެ ގަޔާ ދުރުކޮށްލާފައި، އެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޔާނިއު އަހައިލި އިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ.
“އައިމް ފައިން..” ގިސްލުން މަތަކުރަން މަސައްކަތް ކުރަމުން ދިޔަ ޙާލުގައި ލައިނީއަށް ބުނެވުނީ އެވަރަށެވެ.
“ޕްލީޒް ޑޯންޓް އެވަރ ސްކެއަރ މީ ލައިކް ދެޓް އެގެއިން.. އަހަރެން.. އަހަރެން ކިހިނެއް ލައިއާ ނުލައި އުޅޭނީ.. ދެން އެކަހަލަ ކަމެއް ނުކުރައްޗޭ..” ދީވާނާއެއް ފަދައިން ލައިނީގެ މޫނުގެ އެތަން މިިތަނަށް ބޮސްދެމުން ޔާނިއު އާދޭސްކުރަމުން ދިޔައެވެ.
“ލައި.. ކާކު ކުރި ކަމެއް އެއީ..؟ ވެއަރ ވަރ ޔޫ އޯލް ދީސް ޑޭޒް..؟” ޔާނިއު އެ ސުވާލުތައް ކުރުމާ އެކީ ލައިނީގެ ހިތް ކުދިކުދިވީ ފަދައެވެ. ބުނަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް، އޭނާގެ ދުލުގައި ވަނީ ތަޅު އެޅުވިފައެވެ. ޖަޒުބާތުގައި ޖެހި ދުލުން ބުނެވޭ އެންމެ ލަފްޒެއްގެ ސަބަބުން ވެސް ލިވްޔާގެ ފުރާނައަށް ނުރައްކާވެދާނެކަން ލައިނީ ހަނދާނެއް ނުނެތެއެވެ.
“ނޭނގެ.. އައި ޑޯންޓް ނޯވ ޔާާން.. އަހަރެން އެއްވެސް އެއްޗެއް ހަނދާނެއް ނެތް.. ހަމައެކަނި ހަނދާން ހުރީ.. އެރޭ ލިވީއާ ދެމީހުން ގެއަށް އަންނަން އުޅެނިކޮށް ބަޔަކު މޫނުމަތީގައި ފޮތިގަނޑެއް އެޅިކަން.. ދެން ހޭނެތުނީ.. ހޭ އެރި އިރު ލިވީ ވެސް ފެންނާކަށް ނެތް.. ހުރެވުނު ތަނެއް ވެސް ނޭނގެ.. އަނދިރި ތަނެއްގެ ތެރޭގަ ބަންދުކޮށްފަ ހުރީ.. ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ހިފައިގެން ވަންނާނެ މޫނު ފޮރުވައިގެން ހުންނަ މީހެއް.. ދެޓްސް އޯލް އައި ރިމެމްބަރ.. ދެން މިއަދު ހަމަ… ކުއްލިއަކަށް ދޫކޮށްލީ.. އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް ވެސް..” ހިތް ހަލާކުވެފައިވީ ޙާލުގައި ވެސް ލައިނީ ޖަވާބު ދިނީ ނިމްޝާ ބުނެދީފައިވާ ގޮތަށެވެ. ހަގީގަތް ހާމަކުރަން ކިތަންމެ ބޭނުންވީ ނަމަވެސް، ނިމްޝާއާއި ނާއިފްގެ ހުޝިޔާރުކަން އޭނާއަށް ވުރެ މާ ކުޅަދާނަވާނޭކަން އެނގޭތީ ލައިނީއަށް މިއަދު މިވަނީ ހަނުހުންނަން މަޖުބޫރުވެފައެވެ.
ލައިނީގެ ވާހަކަތައް އަޑު އަހަން ހުރި ޔާނިއުއަށް ދެން ބަލައިލެވުނީ އެތަނުގައި ތިބި ފުލުސް އޮފިސަރުންނަށެވެ. އެވަގުތު އެމީހުން ވެސް ބޯޖަހައިލީ އެއީ ލައިނީ އެމީހުންނަށް ވެސް ކިޔައިދިން ގޮތޭ ބުނާ ފަދައަކުންނެވެ. މިވަގުތު އިތުރު ސުވާުތަކެއް ކޮށްގެން ލައިނީ އިތުރަށް ހާސްކުރުވަން ބޭނުން ނުވާތީ ޔާނިއު ވެސް އިތުރު ސުވާލެއް ނުކޮށް، އަނެއްކައި ވެސް އެ ދެއަތުގެ ތެރެއަށް ލައިނީ ގެނައެވެ.
“ބޭބީ… ބޭބީ އޯކޭތަ..؟” ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން ޔާނިއު އަހައިލީ ކުޑަކުޑަކޮށް ފާޅުވަމުން ދިޔަ ލައިނީގެ ބަނޑުގައި އަތް ޖައްސައިލަމުންނެވެ.
“އައި ތިންކް.. އެކަމް.. ހޮސްޕިޓަލަށް ގޮސް.. ޔަގީން ކުރަން ބޭނުން..” ނޭފަތް ދަމައިލަމުން ލައިނީ އެދުމާއެކީ ޔާނިއު ވަގުތުން ބޯޖަހައިލީ ލައިނީގެ ބަނޑުގައި ވިންދު ޖަހަމުންދާ ތުއްތު ތުއްތު ފުރާނަ ހެޔޮ ޙާލުގައި ލެއްވުމަށް އެދި ދުޢާ ކުރަމުންނެވެ.
ލައިނީގެ ބަދަލުވެރިޔާގެ ޙައިސިއްޔަތުން ސޮއެ ކުރަން ޖެހޭ ލިޔެކިޔުމެއްގައި ސޮއެ ކުރުމަށް ފަހު، އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް ފުލުހުންނަށް އަމުރުކުރުމަށް ފަހު ޔާނިއު ލައިނީ ގޮވައިގެން ކާރުގައި މިސްރާބު ޖެހީ ހޮސްޕިޓަލަށް ދިޔުމަށެވެ. ތެޅިފޮޅެމުން ދިޔަ ޔާނިއުއާއި ލައިނީގެ ހިތަށް ތަސައްލީއެއް ލިބުނީ އެތައް ޓެސްޓުތަކެއް ހެދުމަށް ފަހު ލައިނީއާއި، ދަރިފުޅު ވެސް ދުޅަހެޔޮކަމުގެ ޔަގީންކަން ޑޮކްޓަރު ދިނުމުންނެވެ. އެހެނަސް ލައިނީއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިފަިވާ ގެއްލުންތަކުގެ ސަބަބުން އެއްމަސް ދުވަހުގެ ބެޑްރެސްޓް ދިނުމުން ޔާނިއުގެ ހާސްކަން އިތުރުވިއެވެ. ޑޮކްޓަރު ބުނަމުން ދިޔަ ކޮންމެ ލަފްޒެއް ޔާނިއު އަޑުއަހަމުން ދިޔައީ، އެއާ އެއްގޮތަށް ޢަމަލުކުރަން އަމިއްލަ ނަފްސަށް ވަޢުދުވަމުންނެވެ
ޔާނިއު ލައިނީ ގޮވައިގެން ގެއަށް އައުމާ އެކީ ހާސްވެފައިވީ ހިތްތަކަށް ހަމަޖެހުން ލިބިގެން ދިޔަ ފަދައެވެ. ޒީނާއާއި އައިސާމަނިކެ ވަގުތުން ލައިނީ ގާތު އަރާމު ކުރަން ބުނެފައި އެކަމާ އުޅެގަތް އިރު ރީނާ އުޅުނީ ލައިނީއަށް އެންމެ މީރު ކެއުން ތައްޔާރު ކުރުމަށެވެ. ޔާނިއު ހިނދުކޮޅަކަށް ވެސް ލައިނީ ގާތުން ދުރަށް ނުދާ އިރު، އަނީސާއި ހަލީމް ވެސް ތިބީ ލައިނީ ހެޔޮ ޙާލުގައި ވީތަން ފެނުމުން އިންތިހާއަށް އުފާވެފައެވެ. ލައިނީ އަތްފައި ހަލުވައިލިޔަ ވެސް ނުދީ ވޭތޯ އެންމެން އުޅެމުން ދިޔަ އިރު ލައިނީއާއި އެ ބަނޑުގައިވީ ކުޑަކުޑަ ދަރިފުޅާއި މެދު އެންމެން ކަންބޮޑުވެފައިވާ ވަރު ދިޔައީ ހާމަވަމުންނެވެ. ލައިނީ ހެޔޮޙާލުގައި ވީތަން ފެނުމުން އެންމެެންގެ ހިތްތައް ނިހާޔަތަށް އުފާކުރަމުން ދިޔަ އިރު ރައިހާންގެ ޙާލާއި މެދު ހަމްދަރުދީވާން ހަނދާން ހުރި ހިތެއް ނެތް ކަންނޭނގއެވެ.
ލައިނީ ރަނގަޅަށް ކައިގެން އަރާމުކުރަން އޮށޯތުމާ އެކީ ޔާނިއު ނޫން އެހެން އެންމެން އެ ކޮޓަރިން ނުކުތީ ލައިނީ ގާތު ރަނގަޅަށް އަރާމު ކުރަން ބުނަމުންނެވެ. އެންމެން ދިޔުމާ އެކީ ޔާނިއު ވެސް ލައިނީ ކައިރީގައި އޮށޯވެލާފައި އެ އަތުތެރެއަށް ލައިނީ ގެނައެވެ. ހީވަނީ ލައިނީއާ ދުރުގައި ހޭދަވީ ދުވަސްތަކަށް ވާ ވަރަށް ލައިނީއަށް ލޯތްބާއި އަޅައިލުން ދޭން ބޭނުންވެފައި ހުރި ހެންނެވެ.
ލައިނީ ވެސް ޔާނިއުގެ އަތުތެރޭގައި ބޮނޑިވެލަމުން އެ މޭގައި މޫނު ފޮރުވައިލީ ނަމަވެސް ދެވަނަ ސިކުންތުގައި ނުތަނަވަސްކަމުން އެހިތް ފުުރިގެން ދިިޔައެވެ. ލިވްޔާ އޭނާއަށް ޓަކައި މުޅި ޢުމުރަށް ރައިހާން ދޫކޮށްލައި، ދިރިއުޅުމުގައި ބިކަވީ އިރު، އެކަމަކުން ކޮއްކޮ ބީވީ އުފާ އޭނާ ހޯދުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ. މިއަދު އޭނާއަށް އެއްވެސް ހުރަހަކައި ނުލައި ޔާނިއު އަތުތެރޭގައި އެ ވެވެނީ ލިވްޔާގެ ސަބަބުންނެވެ. ލިވްޔާ އޭނާގެ އަމިއްލަ ހިތް ހަލާކުކޮށްލާފައި، އެ ޅަ ހިތުގެ ލޯތްބަށް މުޅި ޢުމުރަށް ފުރަގަސް ދިނުމުންނެވެ. ވީއިރު، ކޮއްކޮގެ ހިތާމަވެރިކަމުގެ ބިންގަލުގެ މަތީގައި، އޭނާގެ އުފާވެރިކަމުގެ ގަނޑުވަރު އަޅާނީ ކިހިނަކުން ހެއްޔެވެ؟ އޭނާއަކީ ހާދަހައި ގޯސް ދައްތައެކެވެ.
އިރުކޮޅަކަށް ފަހު ލައިނީ ޔާނިއުއާ ދުރުވެލާފައި، ޔާނިއުއަށް ފުުރަގަސް ދިން އިރު އެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަނެފިއެވެ. ބާރަށް ރޮވިދާނެތީ އަނގަމަތީގައި ދެއަތް އަޅައި ބާރުކޮށްލަމުން ލައިނީ ދެލޯ މަރައިލި އިރު، އެސްފިޔަތައް ފޫދުއްވައިލާފައި ފައިބަތް ކަރުނަތައް ކޯތާފަތް މަތީގައި ބޮސްދޭން ފަށައިފިއެވެ.
ކުއްލިއަކަށް ލައިނީ އޭނާއާ ދުރުވެފައި ފުރަގަސް ދިނުމާ އެކީ ޔާނިއުގެ ހިތަށް ވީ ތަދު ބުނެދޭން ވެސް ނޭނގެއެވެ. ދުރުގައިވީ އެތައް ދުވަހަކަށް ފަހު، ކައިރިވެލަން ބޭނުންވީ ހިނދު ލައިނީ އޭނާއާ އެގޮތަށް ދުރުވުމުން އެ ހިތް ޝަކުވާއިން ފުރިއްޖެއެވެ.
“ލައި..” ލައިނީގެ ކޮނޑުގައި އަތް ޖައްސައިލަމުން ޔާނިއު ގޮވައިލި އިރު، އެ އަޑުގައިވީ އަސަރަކުން ލައިނީގެ ހިތަށް އިހުނަށް ވުރެ ބޮޑަށް ތަދުވެއްޖެއެވެ.
“އަހަރެން ވަރަށް ވަރުބަލި.. ނިދާލަން ބޭނުމީ..” ލައިނީގެ ޖަވާބުން ޔާނިއުގެ ހިތް މާޔޫސްވީ ނަމަވެސް ޔާނިއު ބޯޖަހައިލީ މިވަގުތު ލައިނީ ހުންނާނީ ހަގީގަތުގައި ވެސް ވަރުބަލިވެފައިކަން އެނގޭތީއެވެ.
“އޯކޭ.. ލައި ނިދައިލާ.. ސްވީޓް ޑްރީމްސް ލަވް..” ލައިނީގެ ކޮނޑުމަތިން ހެދުން ކެހިގެން ހާމައަށްވީ ހިސާބެއްގައި ލުއިލުއިކޮށް ބޮސްދިނުމަށް ފަހު ޔާނިއު ބުނެލިއެވެ. އެއަށްފަހު އޭނާ ވެސް އެނދުމަތީގައި ހަމަޖެހިލި އިރު ވެސް އެ ތޫނު ނަޒަރު ލައިނީއާ ވަކިނުވެއެވެ.
*** ** ***
“ޔަގީންތަ ލައިނީ ދޫކޮށްލައިގެން މި ހެދުނީ ރަނގަޅު ގޮތެއް ކަން.. އެހެން މަޑުން ހުއްޓަސް އޭނަ ބުނެލަފާނެ..” ނާއިފް ވާހަކަ ދައްކަމުން ދިޔައީ ކުރިމަތީގައި އިން ނިމްޝާއާއެވެ. ދެމީހުން ‘ހޮރައިޒަން ކޮމްޕެނީ’ގެ ކެބިންއެއް ތެރޭގައި ތިބި އިރު އެދެމެދުގައި އިތުރު ރޭވުމެއް ރޭވެމުން ދިޔައެވެ.
“ނުކެރޭނެ އަނގަ ހުޅުވާކަށް.. އެނގޭ އެއްވެސް މީހަކު ގާތު އެއްވެސް އެއްޗެއް ބުނެފިއްޔާ ވަގުތުން ލިވްޔާގެ ފުރާނަ ދާނެކަން.. އަހަރެމެންގެ ހުޝިޔާރުކަން މިހާރު ރަނގަޅަށް ފެނިފަ ހުންނާނީ..” ނިމްޝާގެ އަޑުގައިވީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އެއާއެކު ނާއިފް ވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ އެމީހުންގެ ރޭވުމާ އެއްގޮތަށް ހުރިހައި ކަމެއް ވެފައި ވުމުންނެވެ.
“އެހެން ނޫނަސް ލައިނީ އެމީހުން ގާތު ބުންޏަސް ދެން ކީއް..؟ ބޮޑު ވަރަކަށް ވެސް ލިވްޔާ އަލުން ރައިހާންއާ ގުޅޭނީނު.. އެހެނޭ ކިޔާފަ ރައިހާންގެ ކޮމްޕެނީއަށް ކޮން މޮޅެއް.. އެއަށް އެއޮތީ މިހާރު ވާނެ އެއްޗެއް ވެފަ.. އަހަރެމެންގެ މައިގަނޑު މަގުސަދު ހާސިލްވެއްޖެއެއްނު..” ނިމްޝާގެ ވާހަކައިން އެނގިގެން ދިޔައީ އެމީހުންގެ ރޭވުމަކީ ކިހައި ދުރާލައި ރާވަފައިވާ އެއްޗެއް ކަމެވެ.
“އެކަމަކު އޭރުން ރައިހާންއަށް އެނގޭނެ މި ހުރިހައި ކަމެއްގެ އަޑީގަ ތިބީ އަހަރުމެންކަން.. ނިމްއަށް ވެސް އެނގޭނު އޭނަގެ ގޮތް.. ރައިހާންއަށް އެނގިއްޖެއްޔާ އަހަރެމެން ދުލެއް ނުކުރާނެ..” ނާއިފަށް ވިސްނުނު ގޮތް އޭނާ ނިމްޝާއާ ހިއްސާކުރިއެވެ.
“ދޮންބެ މާ ވަރަކަށޭ ތި ހާސްވަނީ.. ރައިހާންއަށް ކަމެއް ކުރެވޭ ވަރަށް ވުރެ އަހަރެމެން މިހާރު މާ ވަރުގަދަ ވާނެ.. އޭއާރް މެމޯރިއަލްސް ބިމާހަމަވީމަ ހޮރައިޒަންގެ ކުރިމަތީގަ އެމީހުންނަށް ދެއްކޭނީ ކޮން ބާރެއް..؟ ޑޭޑް އަހަރެމެންނަށް ގޮތެއް ވިޔަކަ ނުދޭނެ..” ނިމްޝާއަށް އެހައި ހިސާބަށް ބުނެވުނުތަނާ ދޮރު ހުޅުވައިލާފައި ވަނީ ހަރު ޢުމުރެއްގެ ފިރިހެނެކެވެ. ބަލައިލާފައި އޭނާގެ ޢުމުރު ފަންސާހަށް އަރާފައިވާކަން ދެގެންނާކަށް އުނދަގުލެއް ނޫނެވެ. އިސްތަށޮގަނޑާއި ތުނބުޅި މަތިމަސް ނުރައަށް ވެފައި ހުރި ނަމަވެސް އެ ހަށިގަނޑުގައިވީ ވަރުގަދަކަމާއި، ލާފައި ހުރި ސޫޓްގެ ސަބަބުން ނިކަން ހަރުކަމަށް ދައްކައެވެ.
“ޑޭޑް!!” އެ ފިރިހެން މީހާ ހަމަ ވުމާ އެކީ ނިމްޝާގެ މޫނު އުފަލުން ފޮޅުނު އިރު ދުވެލާފައި ގޮސް އެމީހާގެ ގައިގައި އޮޅުލައިގަތެވެ. ލުއި ހުނުމަކާއެކީ އެ ފިރިހެނާ ވެސް ނިމްޝާގެ ގައިގައި ދެއަތް ވަށައިލުމާ އެކީ ނާއިފް ވެސް ފުޅާ ހިނިތުންވުމަކާ އެކީ ގޮނޑިން ތެދުވެ އެދިމާއަށް އައިސްފިއެވެ.
“ބަލާ ޑޭޑް ގޯސްކަން.. ރާއްޖެ ދުރުވާ ވާހަކަ ނުވެސް ބުނޭ އަޅުގަނޑުމެން ގާތު..” އެ ފިރިހެން މީހާ ނާއިފްގެ ގައިގައި ވެސް ބައްދައިލުމާއެކީ ނިމްޝާ ތުންދަމައިލާފައި ޝަކުވާ ކޮށްލިއެވެ.
“ސޮރީއޭ ޑޭޑްގެ ޕްރިންސެސް.. ލަންޑަންގަ ނިންމަން ހުރި ކަންތައް އަވަހަށް ނިމުނީމަ ޑޭޑް ހިތަށް އެރީ ދެކުދިންނަށް ސަޕްރައިޒެއް ދޭނިއްޔޭ.. އެހެންނު ވާނީ.. ޑޭޑް ބުނި ކަންތައް ދެކުދިން އެހައި ފުރިހަމައަށް ނިންމާލައިފި ވިއްޔަ.. އެތައް އަހަރެއް ވަން ދެން ރާވަމުން އައި ކަންތައް މި ހާސިލްވީ އަދި ކިރިޔާ.. އެވެސް ތި ދެކުދިންގެ ސަބަބުން.. އައިމް ސޯ ޕްރައުޑް އޮފް ޔޫ..” ނިމްޝާއާ ނާއިފްގެ ކޮނޑުގައި ދެ އަތް ވަށައިލަމުން އެ ފިރިހެނާ ބުނެލި އިރު އެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ބައްޕަގެ ބަސްތަކުން އުފާވެފައި ތިބި ނިމްޝާއާއި ނާއިފްގެ މޫނުމަތި ވެސް އުޖާލާވީ، ބައްޕަގެ އުފަލަށް ޓަކައި މި ކުރެވުނީ ކިހައި ވަރެއްގެ ބޮޑު ފާފައެއްކަން ނޭނގޭ ޙާލުގައެވެ.
“ޑޭޑް ޕްރައުޑް ކޮށްދެވުނީތީ އަޅުގަނޑުމެން ވަރަށް އުފާވެއްޖެ.. އަބަދުވެސް ޑޭޑް ބުނުއްވައިފި ނަމަ ކޮންމެ ކަމެއް ކުރަން ވެސް އަޅުގަނޑުމެން ތިބޭނީ ތައްޔާރަށް..” ނާއިފް ދިން ޔަގީންކަމާ އެކީ ނިމްޝާ ވެސް ވަގުތުން ބޯޖަހައިލީ އެއީ ތެދެކޭ ބުނަމުންނެވެ.
“ހާދަ ރަނގަޅު ދެކުދިންނޭ.. ހާދަ ކުޅަދާނަ ވީމައޭ މިހައި ފުރިހަމައަށް މިކަން ކޮށް ނިންމައިލެވޭނީ ދެކުދިންނަށް..” އެ ފިރިހެން މީހާ ހީވަނީ ދުވަހަކު ނުލިބޭ ވަރުގެ ބޮޑު އުފަލެއް ލިބިގެން އުޅޭ ހެންނެވެ.
“ވީ އާރ ޔުއަރ ޗިލްޑްރެން.. ހުސެއިން އިމްތިޔާޒްގެ ދަރިންނެއްނު އަޅުގަނޑުމެންނަކީ.. އެހެންވީމަ ކުޅަދާނަވާނެ ކަމާ މެދު ޝައްކެއް ވެސް ނެތެއްނު..” ބުމަ އަރުވައިލާފައި ނިމްޝާ ކުރެވުނު ކުށާ ދޭތެރޭ ފަޚުރުވެރިވީ ގޮތުން ނިމްޝާއާއި ނާއިފަށް ލިބިފައިވީ ތަރުބިއްޔަތުގެ އުނިކަން ހާމަވާހައިވެއެވެ. ދެން އެދެމދުގައި ކުރިޔަށް ދިޔައީ ވެއަތުވެގެން ދިޔަ ދުވަސްތަކުގައި ކަންތައްވީ ގޮތެވެ.
“މިހާރު ލިވްޔާ ކޮބައިތަ..؟” ކެބިންގައި ހުރި ސޯފާގައި އިށީންނަމުން އިމްތިޔާޒް އަހައިލިއެވެ.
“މިވަގުތު ހުރީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ.. ވީހާވެސް އަވަހަކަށް އޭނަ ފުރަން ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސަމުން މިދަނީ.. ޑޭޑް ހާސްނުވޭ.. އަޅުގަނޑު މިދަނީ ލިވްޔާއާއި ލައިނީގެ ކޮންމެ އަމަލެއް ނުހަނު ގާތުން ބަލަމުން.. އެއްވެސް ކަމެއް އަޅުގަނޑުމެންގެ އަތުން ކައްސާލައިގެން ދިޔަކަ ނުދޭނަން..” ނާއިފް ދިން ޔަގީންކަމާ އެކީ އިމްތިޔާޒްގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“ބަރާބަރު.. ޑޭޑްއަށް އޭރުވެސް އެނގޭ ދެކުދިންނަށް އިތުބާރުކުރެވޭނެކަން.. ޑޭޑް ބުނި ގޮތަށް ކަންތައް ކުރައްޗޭ.. މިވަގުތު ދެން ދޭ މަސައްކަތަށް.. ޑޭޑް ވެސް އެބަ ހުރި ބައެއް މަސައްކަތްތައް ނިންްމަން ވެފަ..” އިމްތިޔާޒްގެ ބުނުމަށް ނާއިފާއި ނިމްޝާ އެ ކެބިންއިން ނުކުމެގެން ދިޔުމާ އެކީ އިމްތިޔާޒް ސޯފާގައި ހަމަޖެހިލިއެވެ. އެއާއެކު އެ ތުންފަތް މަތީގައި ދެމިލީ މަކަރުވެރި ހިނިތުންވުމެކެވެ.
“އަފާފް.. ދުވަސްގަނޑެއް ވަންދެން އަހަރެން ކަލޭގެ ހިޔަންޏަކަށް ހަދައިގެން އުޅެވިއްޖެ އެއްނު.. ކަށްވަޅަށް ފޮނުވައިލީމަ ވެސް ކަލޭގެ ކިބައިން ސަލާމަތެއް ނުވި ވިއްޔަ.. ކަލޭގެ ހުރި ދަރިގަނޑު ވެއްޖެ ވިއްޔަ އަރައިގަންނަން.. އެކަމަކު ދެން އެކަން ވިޔަކަ ނުދޭނަން.. މިއަދު ބާރު މި އޮތީ އަހަރެންގެ އަތުގަ.. ކަލޭ ތި އޮތީ މަގޭ ފައި ދަށުގަ.. ބިމުގެ ހަފޫޓު އަޑީގަ.. އަހަންނަށް ވުރެ ކުރިޔަށް އަރަން ތެޅިގަތީމަ މޮޅުތަކެއް ވެއްޖެ އެއްނު..” އިމްތިޔާޒްގެ ދުލުން ބޭރުވި ކޮންމެ ލަފްޒަކާ އެކީ މާޒީގެ އެތައް ސިއްރުތަކެއް ފެންމަތިވަމުން ދިޔައެވެ. އަފާފާ އެކީގައި ވެލިގަނޑުގައި ވަޅުލެވިގެން ދިޔަ އެތައް ސިއްރުތަކެއް އިޔާދަވަމުން ދިޔަ ނަމަވެސް، މުޅި ޙަޤީޤަތް އަދިވެސް ހާމައެއް ނުވެއެވެ. ބަދަލުގައި، ކޮނުނު ވަރަކަށް ފަސްގިނަވަމުން ދިޔައީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







hii everyone!! been a while since ive talked to you guys
i know i haven’t been replying to comments lately and not uploading on schedule. a lot is going on right now and i just didn’t feel like writing or responding to any comment. usually when i upload a new episode I’ll be super excited to see the comments and reply to each one but I haven’t really been feeling that way lately with everything im dealing with. and my writing skills don’t really come out as effortlessly when im not in the mood to write. a lot are still going on but i am feeling a bit better now so in sha allah i will keep writing and uploading on a regular basis again and will also keep replying to your comments and try to be in close contact. once again, so sorry for the sudden distance, but im back and willing to give it my all yet again❤️
V v v reethi MA
CW4THENEXTP
Tc of ur self dear
Keep it up
Life is hard ekamaku imthihaaneh mee hama
4 me it’s OK nayaa respond nukuriyas comments ah, hiyhama jehunu irakun kiyaalaa
I rlly have no problem with it
I think u should take ah break mi story up kolaafa noonas medhu therey gaves
Aslu Story reethi viyas vhka kiyaa meehaa is not in the mood nuvatha they are mentally or physically bali vejji yaamu readers ves comment kuraakudhin ves dheravaane if they are caring about u.
So Tc gurll
Shafaakillah
Ly & tc
Lots of love 🎀❤️❤️❤️❤️❤️❤️❤️<3
aww this is one of the sweetest comments ive ever read! and you’re the first reader who encouraged me to take a break story medhu therein.. but in sha allah mi story medhu therein break nagaakah nuvisnan. hama liyevunu varakah upload kuramun gendhaanan in sha allah.. but thank you so much for understanding, means a lot to me❤️
thank you so much once again for your sweet words. you too take care. love you big❤️
Heyy nayaa
Mee kithah ep ge story eh?
Adhi ren and livy gulhuvahchey
Haadha dhera eyyy Aslu
adhi neynge, because im still writing. ekam let’s say 40ish maybe??
yeahj livy and ren vaa goiy varah dhera dho :((
Mi story up wanii kn dhuwasthakaku?
ehen yageen koh bunaakah neynge dear
It’s OK Nayaa. Tc of yourself
BTW mi story hama best ingey! Luv it a lot💗
Ren and livi ah vaa gothun hithah thadhu vey 💔💔
Hageegai haama ve kuhverin nah adhabu dhevey ne dhuvaheh ge inthizaaru ga
Just upload the story when ur feeling fine. It’s no big deal. I’ll always be a huge fan of you! Luv u💗
aww tysm lovie❤️
really means a lot ingey, thanks again.
yess livi and ren ah vaa gothun dhoo..dhen let’s see dho
love you❤️
Mi part ves varah reethi masha Allah
Curiously waiting for next part
Haadha goahey dhw nimsha and naaif
Ren fakeeru Moya vedhaane liv ah gotheh vejja
Heyonuvaane livy ah loabi hoadhaa dhee
Haadha bodu sacrifice ekey Evany lia ah thakaa
Heyonuvaane kuhverinah adabu dhee
Mi part kiyaafa rovijje
Miayee varah saugu veri kamakaa eku kiyaa vaahaka eh