Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ލޯބި އަހަރެންވެސް ވީމޭ…

_Nanni_ Level 1
September 20, 2025 3 Mins Read
2 Comments

ވިއްސާރަ ދުވަހެކެވެ. މުޅި ޖައްވު ގުގުމާލާފައިވަނީ ވެހެމުންދާ ބޯވާރޭގެ އަޑުންނެވެ. މަޑުމަޑު ކުއިލްޓް އެއްގެ ދަށުގައި އެވިއްސާރައިގެ އެންމެ ފުރިހަމަ އަރާމު ޙާޞިލްކުރަމުން ދަނީ، އަރާމު ނިންޖަކުން ނިދާލާފައި އޮތް އެލީނާ އެވެ. އެރީތި މޫނުމަތީގައި ފަނޑު ހިނިތުންވުމެއްވީއިރު، ހިޔާލެއް ފިކުރެއް ނެތްފަދައެވެ. ބަލަމުންދަނީ އުފާވެރި ހުވަފެނެއްހެން ހީވާ ކަހަލައެވެ. ނަމަވެސް މިހުރިހާ ކަމަކަށް ނިމުމެއް ގެނައީ 6 ޖެހުމުން އެލާމްވާން ފެށި އެލީނާގެ ފޯނެވެ.

މޯޅިއަކަށް ދެމިލަމުން އެލީނާ ތެދުވެ އެނދުގައި ހަމަޖެހިލިއެވެ. މޫނުމަތިން ހާމަވަމުންދަނީ އަދިވެސް ނިދަން ބޭނުންވާކަމެވެ. ހޭވިފައިވާ މުށިކުލައިގެ އިސްތަށިގަނޑުގައި އަތްފުނާއަޅަމުން އެލީނާ ތެދުވެ އޭނާގެ އިސްކޮޅަށްވުރެ ދިގު އަލަމާރި ކައިރީގައި ހުއްޓިލިއެވެ. އެއަށްފަހު، އަލަމާރިން ކަޅުކުލައިގެ އަބާޔާއަކާއި، އެއާގުޅޭނެ ޝޯލްއެއް ނަގައި އެނދުމަތީ ބޭއްވިއެވެ. ކޮޓަރީގެ ކުޑަދޮރު ކައިރީގައި ވާރޭވެހޭ ހިތްގައިމު މަންޒަރު ބަލާލަން އިރުކޮޅަކު ހުރުމަށްފަހު، އަދިވެސް ނިދިނުފިލާ ހުރި އެލީނާ، ތުވާލި ހިފައިގެން ވަނީ ފާހާނާއަށެވެ.

މަޑުދަނބުކުލައަކުން އެކޮޓަރީގެ ފާރުތައް ފަޅުފިލުވައިލެވިފައިވާއިރު، ސީލިންގް ގައި ލެވިފައިވަނީ ގަދަ ދަނބު ކުލައިގެ އެކި ޝޭޑް ތަކެވެ. ކޮޓަރީގައި ހުރި އަޅިކުލައިގެ ފަރުނީޗަރާއި ނުހަނު ގުޅެއެވެ. ފާރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އަލަމާރިކައިރީގައި ހަދާފައި ހުރި ރީތި ކުޑަ ފޮތްހަރަކާއި، އެއާއި ކުޑަތަންކޮޅެއް ދުރުގައި ހަދާފައި ހުރި ޝެލްފެއްގައި ބަހައްޓާލާފައި ވާ ކުދި ގަސްމުށިތަކެވެ. ކޮޓަރީގެ މެދުގައި ބަހައްޓާލެވިފައިވާ ކުއީން ސައިޒްގެ  އެނދުގައި އަޅާލެވިފައިވާ އަޅިކުލައާއި ފިޔާތޮށި މާޖެހި ބެޑްޝީޓް، ކޮޓަރި އިތުރަށް ފަޅުފިލުވައިދެއެވެ. އެލީނާއަކީ ސާފުތާހިރުކަމަށް ލޯބިކުރާ ކުއްޖެއްކަން ބަލާލި ކޮންމެ ދިމާއަކުންވެސް ހާމަވެއެވެ.

ފެންވަރާލައިގެން ނިކުތް އެލީނާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އެދޮންމޫނުގައި ފެންތިކިތިކި މުތީތަކެއްހެން ހަރުލާފައިވާއިރު، އެމޫނުގެ ފުރިހަމަކަން އިތުރަށް ހާމަވެއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލާފައިވިޔަސް ކުދި އިސްތަށިތައް އެމޫނަށް ގޯނާކުރަމުން ދިޔައެވެ. އެވިއްސާރަ ދުވަހުގައިވެސް އޭސީ ވިއްސަށް ލާފާއި ހުރިއިރު އެލީނާއަށް ފިނިވެސް ނުވާފަދައެވެ. ފިނީގައި އުޅެއުޅެ އާދަވެފައި ކަމަށްވެދާނެއެވެ. އެލީނާ ލަސްނުކޮށް ތައްޔާރުވާން ފެށީ 8 ޖަހާއިރު އޭނާ ސްކޫލަށް ދާންޖެހޭތީއެވެ.

ގަޑިން 7 ޖެހިއިރު އެލީނާ އިނީ ބަދިގޭގައި ސައިބޯށެވެ. ކައިރީގައި އެލީނާގެ މަންމަ ރަމްލާއާއި، ބައްޕަ ނާޝިދުވެސް ނާސްތާއަށް އިންސާފުކުރަން ތިއްބެވެ. އެލީނާއަކީ އެދެމީހުންގެ ލޮލުގެ ނޫރެވެ. ހިތުގެ ފަނާރެވެ. ދަރިއަކު ހޯދުމަށް އެތަށް އަހަރަކު ކުރި މަސައްކަތަށްފަހު މާތް ﷲ އެމީހުންނަށް ދެއްވި އަގުމާތް ނިޢުމަތެވެ. ހަމަ އެފަދައިން އެލީނާވެސް އޭނާގެ މައިންބަފައިންދެކެ ނުހަނު ލޯބިވެއެވެ. އިޙްތިރާމްކޮށް ޤަދަރުކުރެއެވެ. އެމީހުން ފަޚުރުވެރިވާފަދަ ދަރިއަކަށް ވާން ގަދައަޅާ މަސައްކަތްކުރެއެވެ. އޭނާ އެމަސައްކަތް ކާމިޔާބު ކުރިވެސް މެއެވެ. ގްރޭޑް ދިހައެއް ނިންމާލީ އޭނާގެ އުފަން ރަށްކަމަށްވާ، ބ.ފެހެންދޫ ސްކޫލުގެ އެންމެ ރަނގަޅު ދަރިވަރުގެ މަޤާމް ހޯދައި، ގަދަ ދިހައެއްގެ ފަސްވަނައިގައި ވެސް ހިމެނިގެންނެވެ. އެއަށްފަހު އޭނާގެ ދިރިއުޅުން މައިންބަފައިންނާއެކު ހުޅުމާލެއަށް ބަދަލުކުރީ އެލީނާ އިތުރަށް ކިޔަވަން ބޭނުންވުމުންނެވެ. އުމުރުން އެންމެ 17 އަހަރުގައި އެލީނާ ޓީޗިންގް ހަދަން ފެށީ، ކިޔަވައިދިނުމަކީ އޭނާގެ ކުޑައިރުގެވެސް ހުވަފެން ކަމަށް ވުމުންނެވެ. މިހާރު އެލީނާ ވަނީ އެ ހުވަފެންވެސް ހަޤީޤަތަކަށް ހަދައިފައެވެ. މިހާރު އެއީ ދަރުމަވަންތަ ސްކޫލުގައި މަސައްކަތްކުރާ ޕްރައިމަރީ އިނގިރޭސި ޓީޗަރެކެވެ. އެންމެ 19 އަހަރުގައި އެފަދަ ކާމިޔާބެއް ހޯދުމުން އުފާނުވާނީ ކޮން މައެއް ބަފައެއް ހެއްޔެވެ؟

ފަތިހުން ސުރެ ވެހެމުން ދިޔަ ވާރޭ އޭރު ހުއްޓާލާފައި ވިޔަސް އަދިވެސަ ފަޒާގައި ވަނީ ތެތްފިނިކަމެކެވެ. ކައިރީގައި ހުރި ހޫނު ކޮފީޖޯޑު ހިފައިގެން އެލީނާ ބެލްކަނީއަށް ނިކުމެލީ ހިތްހަމަޖައްސާލުމަށެވެ. އެލީނާގެ މަންމަ ރަމްލާއަކީ ގަސްހެއްދުމަށް ނުހަނު ލޯބިކުރާ އަންހެނެކެވެ. ބެލްކަނީގެ އެއްފަރާތުގައި ހައްދާފައިވާ ފިޔާތޮށިކުލައާއި ހުދުކުލައިގެ ބޯގަންވިލާ ގަސްތައް އެކަމަށް ހެކިދެއެވެ. ބެލްކަނީ އިތުރަށް ފުރިހަމަކޮށްދެނީ ބެލްކަނީގެ އަނެއް ފަރާތުގައި ޕޮޓުތަކުގައި އިންދާފައިވާ އޯކިޑް ގަސްތަކެވެ. ވާރޭގެ ތިކިތަށް ފަތްތަކުގައި ހަރުލާފައި ހުރުމުން ބަލައިލަން ނުހަނު ރީއްޗެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ހާމަވަނީ ޤުދުރަތުގެ ރީތިކަން ނޫން ދެން ކޮންއެއްޗެއްހެއްޔެވެ؟ އެލީނާ އެހާ ހިތްހަމަޖެހޭ ތަނަކަށް އެތަން ވަނީ އެހެންވެއެވެ.

އެރީތި މަންޒަރަށް ގެއްލިފައި ކިތަންމެ ގިނައިރަކުވެސް އެލީނާއަށް ހުރެވިދާނެއެވެ. ވަޒީފާއަށް ގަޑިޖެހިގެން ދުވަހަކުވެސް އެލީނާ ނުދެއެވެ. ވީމާ މިއަދުވެސް އެލީނާ ދަބަސްއަޅުވާލައިގެން، ވިއްސާރަވެހިދާނެކަމަށް ކުޑައެއް ހިފައިގެން ލިފްޓުން ފައިބައިގެން ހިނގައިގަތީ ބަސްސްޓޮޕް އާ ދިމާއަށެވެ. ހުޅުމާލޭ ފޭސް ދޭއްގެ އެޗް ނުވައެއް ބަސްސްޓޮޕް ގައި މާލޭ ވެސްޓްޕާރކަށް ދާ ބަހުގެ އިންތިޒާރުގައި އެލީނާ ހުރިއިރު އެތައް ބައެއްގެ ނަޒަރު އޭނާއަށް ހުއްޓިފައިވިއެވެ. ދިގު އިސްކޮޅަކާއި ދޮން ހަންގަނޑެއް ލިބިފައިވާއިރު އޭނާއަކީ ހިކި ކުއްޖެއް ނޫނެވެ. ކުޑަކޮށް ފަލަ އެކަމަކު އިސްކޮޅާ ރޫފަ އެއްވަރު ރީތި އަންހެންކުއްޖެކެވެ. ޤުދުރަތީ ގޮތުން އެލީނާއަށް ދެއްވާފައިވާ ރީތިކަން އޭނާ އެންމެ ފުރިހަމައަށް ނިވާކޮށްފައިވެއެވެ. އެދޮން މޫނު އިތުރަށް ބަބުޅަނީ އަޅާފައިވާ ކަޅުކުލައިގެ މާޖެހި ޝޯލްގެ ސަބަބުންނެވެ. އެސްފިޔަތަކުގައި އަޅާލެވިފައިވާ މަސްކަރާއާއި އެރީތި މަޑުމަޑު ތުންފަތުގައި ޖައްސާލެވިފައިވާ މަޑުފިޔާތޮށިކުލައިގެ ލިޕްސްޓިކް ފިޔަވައި އިތުރު އެއްވެސް މޭކަޕެއް އެމޫނުގައި ނުވެއެވެ. ވައަތުގައި އަޅާލެވިފައިވާ ކްލެވެންޓީ ގަޑިއާއި، ދެ އިނގިއްޔެއްގައި އަޅާފައިވާ އަނގޮޓި، އެ ރީތި އަތުގެ ފަޅު ފިލުވައިދެއެވެ. ރީތިކަމުގެ ލާމަސީލު މިސާލެކެވެ.

5 ވަރަކަށް މިނެޓުގެ އިންތިޒާރަކަށްފަހު، ބަސް އަތުވެއްޖެއެވެ. ލަސްނުކޮށް އެލީނާ ބަހަށް އެރިއިރު، ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުރި ފިރިހެންކުއްޖާގެ ނަޒަރު އޭނާ އާއި ވަކިނުވާކަމެއް އޭނާ ނުދެނަހުއްޓެވެ. އެ ފިރިހެންވަންތަ މޫނުގައި ވާ ރީތި ހިނިތުންވުމުން، އޭނާގެ ހިތުގައި އެލީނާއަށް މަޤާމެއް ދެވިއްޖެކަން ޔަޤީނެވެ.

ވިލާ ކޮލެޖް ބަސް ސްޓޮޕް އަށް ބަސް ހުއްޓުމުން އެލީނާ ފޭބިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ބަޓަރފްލައި އަބާޔާ ކޮށިކޮށްލަމުން ފޭބިއިރު މަގުމަތީގައި ފެންގަނޑު އޮތުމުން އެލީނާގެ މޫނަށް ފޫހިކަމުގެ ކުލަވަރު އެރިއެވެ. ތުން އޫކޮށްލެވުނީ އިޚްތިޔާރަކާ ނުލައެވެ. އިސްޓާކީނު ތެމިދާނެތީ ވަރަށް މަޑުމަޑުން ބަލައިގެން ދިޔަ އެލީނާ ސިހުނީ ބަރުގޮނު އަޅާލި އަޑަށެވެ. އޭރު ބޮޑު ލޮރީއެއް އޭނާއަށް ދިމާއަށް އާދެއެވެ. މިއީ ފަހުވަގުތުކޮޅޭ ހިތަށް އަރާ އެލީނާއަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ބާރުގަދަ އަތަކުން އެލީނާގެ އަތަށް ދަމައިގަނެފިއެވެ.

 

(ނުނިމޭ)

 

 

 

 

Share Article

Follow Me Written By

_Nanni_

Level 1

Just a girl who loves writing.....

Other Articles

Previous

މާސްކު (ޕާޓް 17)

Next

ހަވޭލީ – ސައުވީއްސްވަނަ ބައި

Next
September 20, 2025

ހަވޭލީ – ސައުވީއްސްވަނަ ބައި

Previews
September 20, 2025

މާސްކު (ޕާޓް 17)

2 Comments!

  1. Edssss says:
    September 21, 2025 at 7:03 pm

    ދެވަނަ ބަޔަށް އިންތިޒާރު ކުރެވެން ފަށައިފި މިހާރު. ވެރީ
    .އިންޓްރެސްޓިންގ.. ވަރަށް ސަޅި

    1. _Nanni_ says:
      September 22, 2025 at 5:21 pm

      awwwwwn thank youu smmmm.. im glad u liked ittt

Comments are closed.



All Right Reserved!