Skip to content
އެސްފިޔަ

ލޯބިވާ މަންމާއެވެ.

ލޯބިވާ މަންމާއެވެ. މިއީ، ތިޔަ މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެއް ނޫންހެއްޔެވެ؟ މަންމާއެވެ. އަޅުގަނޑު މަންމަ ދެކެ އިންތިހާއަށް ލޯބިވަމެވެ. އެހެންނެއް އަބަދަކު ނުބުނާނަމެވެ. ނަމަވެސް، އޭ ލޮބުވެތި މަންމާއެވެ. މި ދެފައިން އަޅާ ކޮންމެ ފިޔަވަޅެއް، މި ސިކުނޑިން ވިސްނާ ކޮންމެ ވިސްނުމެއް ގޮސް ހުއްޓެނީ، ތިޔަ މަންމަގެ އަރިހުގައެވެ. މަންމަގެ ރުހުން ނުލިބޭނެފަދަ ކަމެއްކުރުމަކީ، މިހިތަށް ދުވަހަކުވެސް ކުޅަދާނަ ވާނޭ ކަމެއްނޫނެވެ.

މަންމާއެވެ. ނިކަންބުނެބަލާށެވެ. އަޅުގަނޑާ ދިމާލަށް ނިކަން ރަނގަޅަށް ބަލައިލާފައި ބުނެބަލާށެވެ. މި މޫނުން ސިފަވަނީ، ތިޔަ ސޫރަ ހެއްޔެވެ؟ މަންމާއެވެ. އަޅުގަނޑަށް ކިޔަވައިދީ ބަލާ ބޮޑުކުރީ ކީއްވެ ހެއްޔެވެ؟ އަޅުގަނޑަށް ކިޔަވަން ނަޞޭހަތް ދިނީ ކީއްވެ ހެއްޔެވެ؟ މަންމާއެވެ. އަޅުގަނޑުގެ މޫނަށް ބަލައިލާފައި ތި ހިތަށް އުނދަގޫވަނީ ހެއްޔެވެ؟  އަޅުގަނޑު މާ ބޮޑަށް ކަންނެތީ ހެއްޔެވެ؟ މަންމާއެވެ. އަދި އިތުރު އެހެން ސުވާލެއް ކުރަން ހެއްޔެވެ؟ މަންމަ އަޅުގަނޑު ދެކި ރުޅި އަދޭ ހެއްޔެވެ؟ މަންމައަށް އެހެން ކުއްޖެއް ލިބެން ހުރިނަމަ،  މި ދަރިފުޅުގެ ބަދަލުގައި އެ ކުއްޖަކު އިޚްތިޔާރު ކުރީމުސް ހެއްޔެވެ؟

ލައްބައެވެ. އަޅުގަނޑު ކަންނެތް ވެއްޖެއެވެ. މާ ބޮޑަށެވެ. އަބަދު ނިދެނީއެވެ. މާ ގިނައިންނެވެ. ނަމަވެސް، އަޅުގަނޑަށް މަޢާފުކޮށްދޭށެވެ. ނިކަން ރަނގަޅަށް އަޅުގަނޑުގެ މޫނަށް ބަލައިލުމަށްފަލު ބުނެބަލާށެވެ. މި ދެލޮލުގައި މިވާ ވަރުބަލިކަން ތިޔަ ދެލޮލަށް ހާމަ ނުވަނީ ހެއްޔެވެ؟ މި ދެއަތުން ކުރެވޭ ކޮންމެ ކުށެއް ފާހަގަކުރެވޭއިރު، މި ކަރުނަތައްވެސް ނިކަން ދެކިބަލާށެވެ.

މަންމާއެވެ ތިއީ، ބަޠަލެކެވެ. ފައިމަގުގައި، އަވީގައި، ވިހެއުމުގެ ވޭނުގައި ވެސް ދުށީ މި ދަރިފުޅު އުފާ ކޮށްދެވޭތޯއެއް ނޫން ހެއްޔެވެ؟ ކުޑައިރު ފާރުގައި ކުރުހައި، ބިއްލޫރިގަނޑު ހަލާކުކޮށްލުމުން ދިން މަޢާފު މިހާރު ތި ދެލޮލުން ނުފެންނަނީ ކީއްވެ ހެއްޔެވެ؟ މަޑުމަޑުން މަންމަ އަޅުގަނޑު ދެކެ ފޫހިވަނީހެން މި ހީވަނީ ކީއްވެ ހެއްޔެވެ؟ މަންމާއެވެ. އަޅުގަނޑު ވަރަށް މަސައްކަތްކުރަމެވެ. ގަންދީ ބުނަމެވެ. ދުނިޔޭގެ އެންމެން އަޅުގަނޑު ދެކެ ފޫހިވާހެން ހީވަނީއެވެ. ބަލައިލާ ކޮންމެ ދިމާއަކުން ވެސް ފެންނަނީ ވިހަ ކަޅިތަކެކެވެ. ހެޔޮނުވާނެއެވެ. ތިޔަ ދުލުން އަޅުގަނޑަކީ “ކަންނެތް” މީހެކޭ ނުބުނާށެވެ. މިކަން ތި ދުލުން އަޅުގަނޑުގެ ހިތުގެ ހާލު އޮޅުން ފިލުވަބަލާށެވެ. ނިކަން ތިޔަ އުނގުތެރޭގައި އަޅުގަނޑު ފޮރުވައިދީބަލާށެވެ. މުޅި ދުނިޔެ އަޅުގަނޑަށް ބީރައްޓެހި ވާން ފަށައިފިއެވެ. މިކަން ލޯބިން ބައްދާލަ ދީބަލާށެވެ.

ޝަކުވާ ކުރާކަށް ބޭނުމެއް ނޫނެވެ. ތިޔަ މަންމަގެ ޤުރުބާނީގައި ކޮޅުފައިން ޖަހާކަށް ހިތެއް ނޭދެއެވެ. މަންމައަށް ހީވެދާނެއެވެ. އަޅުގަނޑު މަންމަދެކެ ލޯބިނުވަނީއެވެ. ނަމަވެސް ލޯބިނުވާނަމަ، މަންމައަށް މިހިތުގެ ދާސްތާން ކިޔައި ދޭކަށް މިތާކު ނީންނާނަމެވެ. މަންމާއެވެ. ބުނެބަލާށެވެ. އަޅުގަނޑު ގޯސް ހެއްޔެވެ؟ މަންމާއެވެ. ހިތު ތެރޭގައި ނުފޮރުވައި ބުނެބަލާށެވެ. އަހަރެން ހަމަ ގޯހީ ހެއްޔެވެ؟