Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދިގެން ކަލާ ލިބޭތޯ 2

Niraa Level 6100 Login10 Stories
July 30, 2025 13 Mins Read
0 Comments

“މާމާ…” ލިވިންރޫމްއިން މައްޗަށްދެވޭގޮތަށް އިންނަ ޑިޒައިނަރ ސިޑިއާއި ދިމާލުން އިވުނު އަޑާއިއެކު ކުރިއަށް ފިޔަވަޅު އަޅައަޅާ ހުރެފައިވެސް ޝެރީންއަށް ވަގުތުން ފަސްއެނބުރިބަލާލެވުނެވެ. އެއާއިއެކު ފެނުނު ސޫރައާއިއެކު ލިބުނު ހައިރާންކަމާއިއެކުވެސް ވަގުތުން މޫނަށްގޮތެއްހަދާލެވުނެވެ.

ކަންފަތުގައި ޖެހިގެންދިޔަ އަޑާއިއެކު އައިސްފައިހުރި ގަދަރުޅީގެ މަތީންވެސް ޒައިތޫން ހަނދާން ނެތުނު ފަދައެވެ. ވަގުތުން މޫނުމަތީވީ ރޫތައް ފިލައިގެންދިޔައިރު އޭނަގެ ނަޒަރު ސިޑިބަރިއާއި ދިމާލަށް ދަތުރުކުރީ އަޑުދަތުރުކުރާހާ ބާރުމިނުގައެވެ.

“މާމާ…” ދެވަނަފަހަރަށްވެސް އިވިގެންދިޔަ އަޑަށް ޒައިތޫންއަށް ޖަވާބުނުދެވެނީސް ސިޑީގެ ދެވަނަ ހަރުފަތުގައި ހުރެފައި ފޭބި ހިޒްޔާން ދުވެލައިފައި އައިސް ކުޑަކުއްޖެއް ފަދައިން ޒައިތޫންގެ އަތުގެ ތެރެއަށް ވަދެގަތެވެ. އެއާއިއެކު ލުއިގޮތަކަށް ހީލަމުން ޒައިތޫން ނުހަނު ލޯތްބާއިއެކު މާމަދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އޭރު ތަންވަޅުގެ ބޭނުންހިފައިިގެން ޝެރީން ބޭރަށް ދެމިގަތްފިއެވެ.

“ދަރިފުޅު އައީ ކޮންއިރަކުތަ؟ މާމަ ގާތު ބުނެވެސްނުލަމެއްނު… ބައްޕަ ގާތު ނަންގަތިންތަ؟ ނާދްވެސް ރަނގަޅެއްނު…. ބުނެވެސްނުލިވިއްޔަ…” ހަނިލޮލުގެތެރެއަށް ވެރިވެފައިވާ ހައިރާންކަމުގެ ބަދަލުގައި އުފާވެެރިކަން ފާޅުވެގެންދިޔަ ހިނދު ހިޒްޔާންގެ އަތުގައި ހިފަހައްޓާލައިގެން އައިސް ސޯފާގައި އިށީން ގޮތަށް ޒައިތޫން ހިޒްޔާންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން ނިތަށް ބޮސްދިނެވެ.

“މާމައަށް ނުފެނި ބޮޑުވަމުން އައިސް ހަަމަ ރަނގަޅަށްވެސް ބައްޕަގެ ނަކަލަކަށްވެއްޖެދޯ…” އައިޝަމްގެ ޒުވާން ދައުރުގެ ތަސްވީރަށް ދިރުން ގެނެސްދެމުންދިޔަ ހިޒްޔާންގެ މޫނަށް ބަލަހައްޓައިގެން އިނދެފައި ޒައިތޫން ބުނެލިއިރު އެލޮލުގެތެރެއަށް ކަރުނަ ގިނަވެލައިފިއެވެ. ހިޒްޔާންގެ ސޫރަ ހަނދާންކުރަންދަތި ދުވަސްތަކެއްގެ ހަނދާން ހިތަށް ގެނެސްދީފިއެވެ. އެ މޫނު މަތީން އައިޝަމްގެ ހަޔާތުގެ ވޭނީ ސޮފްހާތައް ސިފަވެގެން ދިޔަކަހަލައެވެ. ޒައިތޫންއަށް ދެތުންފަތް ޖައްސާ ބާރުކޮށް ލެވުނެވެ. އޭނަގެ ހުރިހާ ދަރީންގެ ތެރެއިންވެސް އުފާވެރި ދިރިއުޅުމެއް ނުލިބުނު ހަމައެކަނި ފުރާނައަކީ އައިޝަމްއެވެ. އޭނަގެ ދިގު ހަޔާތުގައި ކުރިމަތިލާން ނުޖެހޭ އެތައް ހިތާމަތަކަކާއި އެ ޒުވާން ހިތް ކުރިމަތިލިއެވެ. އެތަށްފަހަރަކު ލޭކޮށެވި އެހިތް ޒަހަމްވީއިރު ދެލޮލުގެ ނޫރުފަދަ ދަރިފުޅަށްޓަކައި އޭނައަށް ކޮށްދެވުނުކަމެއްނެތެވެ. އުފަލެއްނެތި މަޖުބޫރުން ބަނދެވި ފައިވާ އައިޝަމްގެ ދިރިއުޅުމަކީ ޒައިތޫންގެ އެންމެ ބޮޑު ހިތާމައެވެ.

ހިޒްޔާން ގެނެސް މޭގައި ޖައްސާލަމުން ޒައިތޫން އެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އެ މައުސޫމް މޫނު ފެންނަ ކޮންމެ ފަހަރަކު ޒައިތޫންގެ ފެންކަޅިވެގެންދަނީ ސަބަބެއް ނެތިއެއްނޫނެވެ. އެ ސޫރަ ފެންނަކޮންމެ ފަހަރަކީ މާޒީގެ އެ ހިތާމަވެރި ދުވަހަށް އޭނާގެ ނަފްސު އަލުން ރުޖޫއު ވާ ފަހަރެކެވެ. ހިތުގައި ތާޒާކަމާއިއެކު ދެމިހުރި ޒަޙަމްތަކުން ދިލަތަދުތަކެއް އިިހުސާސްވާ ވަގުތުކޮޅެކެވެ. އެ ދަރިފުޅުގެ ބަދު ނަސީބާއިމެދު ހިތް ކަރުނައަޅާ ރޯ ހިނދުކޮޅެކެވެ. ވިހިއަހަރު ކުރީގެ އެ ހާދިސާއިން ހިޒްޔާންގެ ހަޔާތަށް ގެނުވާފައިވާ ބަދަލުގެ ބޮޑުކަން އަންދާޒާކުރުން ޒައިތޫންއަށް ދަތިކަމަކަށްވެފައިވެއެވެ. ދުވަސްތައް މާޒީއާއި އެކުވަމުންގޮސް އަހަރުތަކަށް ބަދަލުވެގެންދިޔަސް އެ ޒުވާން ހިތުގައި އެ ފާރުތައް ފަސޭހަވުމެއް ނެތި ދެމިހުންނާނެކަން އޭނައަށް އިނގެއެވެ. އެދަރިފުޅުގެ ހަޔާތުން އުނިވެފައި އެވާ ލޯތްބަކީ ޙުދު އޭނަ އަށްވެސް ދެވޭނޭ ލޯތްބެއްނޫނެވެ.

“އަޅުގަނޑު ވަރަށް ހަނދާންވި މާމަމަތީން…” ޒައިތޫންގެ ވާހަކައިން ހަށިގަނޑަށް އިހުސާސްވި ހޫނުކަން ހިނިތުންވުމަކުން ފިނިކޮށްލަމުން ހިޒްޔާން ވާހަކަދެއްކިއެވެ. އޭނަގެ ސިފަ އައިޝަމްއާއި ވައްތަރުކަމަށް އަޑުއިވޭ ކޮންމެ ފަހަރަކު ހިޒްޔާން އަމިއްލަ ނަފްސުމަތީންވެސް ފޫހިވެއެވެ. އޭނައަށްވެގެންވާނަމަ އޭނަގެ އެތެރެހަށީގައި އައިޝަމްގެ ލޭދައުރުވުމުގެ ފުރުސަތެއް ވެސް ނުދިނީހެވެ. އެއީ އޭނަގެ އުފަން ބައްޕަކަމުގައިވިޔަސް އެ ބައްޕައާއިމެދު އެހިތުގައި ނަފްރަތާއި ޝަކުވާ ނޫން އެއްޗެއްނުވެއެވެ. އެއީ މިދުނިޔެއިން އޭނައަށް ދުވަހަކު މައާފުދެވެންނެތް ކުށްވެރިއެކެވެ.

“މާމަ މަތީން ހަނދާންވާކަމެއް ނޭނގެ… މާމަ ދެކިލާކަށް ނާދެވޭ… މާމައާއި އެއްފަސްގަނޑެއްގައި ހުންނާކަށް ބޭނުމެއް ނުވޭ… މާމައަށް ނުފެނި ބޮޑުވެފައި ތިހުރީ… ތިއްތަ ނޫނަސް މާމަމެންނާއި ދުރުގައި އެހެން ވަޒަނެއްގައި އުޅުމުގެ ހިޔާލު ދަރިފުޅުގެވެސް ތިހުރީ… މިތާގައި މާމަ ގާތުގައި ހުންނަން ހިޔާލު ކޮށްފިނަމަ މާމަ ކިހާ އުފާވާނެ… ދަރިފުޅުގެ ބައްޕަ ވެސް ބޭނުންވާނޭ ގޮތަކީ އެއީކަން ޔަގީން…” އެތަށް ދުވަހެއްފަހުން ހިޒްޔާން ފެނުމުން އޭނަ ތާއަބަދުހެން ކުރާ ޝަކުވާ އިއްވާނުލައެއް ޒައިތޫންއަކަށް ނުހުރެވުނެވެ. ނާދީން ފަދައިން ހިޒްޔާންވެސް ވަޒަނާއި ދުރުގައި އުޅެން ނިންމަފާނެއަތީ ޒައިތޫން ނުހަނު ކަންބޮޑުވެއެވެ. އަމުދުން އައިޝަމްއާއި ހިޒްޔާންގެ ގުޅުން އެހާ ހީނަރުއިރުއެވެ.

“އަޅުގަނޑު ނެތަސް ހަނދާންވާނެ މީހަކަށް ހުންނެވީވެސް މާމައާއި ދޮންތަ… އެހެންވީމަ މާމަ ބުނުއްވާ ގޮތް ހަދައިދޭން ބޭނުންވޭ…” ހިޒްޔާން ޒައިތޫންގެ ރޫޖެހިފައިވާ ހަންގަނޑުގައި ފިރުމާލަމުން ހިނިތުންވެލި ނަމަވެސް އެ ބަސްތަކުގައި ފޮރުވިފައިވާ ވޭނެއްވިއެވެ. އެ ބަސްތަކުން ހިޒްޔާން ދޭހަކޮށްދޭން ބޭނުންވާ މާނަ ނަގައިގަނެވުމާއިއެކު ޒައިތޫންގެ މޫނަށް ތަފާތު ކުލަވަރެއްވެރިވިއެވެ.

“ކީއްވެ ތިހެން ތިބުނީ… ދަރިފުޅު މަތީން ދަރިފުޅުގެ ބައްޕަ ހަނދާންނުވާނެހެން ދަރިފުޅަށް ހީވަނީ ކީއްވެގެންތަ؟ މާމަ އާއި ދޮންތައަށްވުރެ ބޮޑަށް ދަރިފުޅުގެ ބައްޕަ ދަރިފުޅުދެކެ ލޯބިވާނެ… އައިޝަމްގެ ހުރި ހަމައެކަނި ފިރިހެން ދަރިއަކީ ތިއީ… އަނެއްކޮޅުން ދަރިފުޅަކީ…” ޒައިތޫންގެ ޖުމްލަ ވަކި ހިސާބަކުން މެދުކެނޑިގެންދިޔައިރު ހިޒްޔާންއާއި ދިމާލަށް ބަލާލެވުނެވެ. އޭރު ހިިޒްޔާން އިސްޖަހާލައިގެން އިންގޮތުން އެ ވާހަކަތައް އަޑުއަހަން ބޭނުންނުވާކަމުގެ ހެއްކަކަށް ފުދިގެން ޒައިތޫން އިތުރަށް އެ ވާހަކަދައްކާކަށް ނޫޅުނެވެ. އެއީ ކިތަންމެ މުހިންމުވާހަކައަކަށްވިޔަސް މިވީހާތަނަށްވެސް ޒައިތޫން ހިޒްޔާންއަަށް ވަގުތުދީފައިވެއެވެ. މިފަހަރުވެސް ޒައިތޫން ކަންތައްކުރީ އެފަދައިންނެވެ. ހިޒްޔާންގެ އެހީއާއިއެކު އޭނަ ސޯފާއިން ތެދުވެ ޑައިނިންރޫމްއާއި ދިމާލަށް ހިނގައިގަތީ ފަހުން އެވާހަކަ ދެއްކުމަށް ނިންމައިގެން ހުރެއެވެ.

މެހެލްގެ ކުޑައާއިލާ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުންދިޔައިރު އެހެން ރޭރެއާއި ހިލާފަށް ޑައިނިން ރޫމްގައި ފޯރި ހިފާލައިފައިއޮތެވެ. ޝަޔާދީންއާއި ޔަލާ ހިޒްޔާން ގާތްކޮށްގެން ވާހަކަތައް އޮޅުންފިލުވަން ތިބިއިރު ޔަލާގެ ބާރު އަޑު ލިވިން ރޫމްތެރެއިން ކެނޑިގެންނުދެއެވެ. ޒައިތޫންވެސް އެ ވާހަކަތަކުގައި ބައިވެރިވަމުންދިޔައިރު ބާކީކަމުގެ އިހުސާސްކުރެވިފައި އިނީ އައިޝަމްއެވެ. އެހެންރޭރެ އޭނައަށް ކަމަކާއިމެދު ވިސްނާލަން ފުރުސަތު ނުލިބޭވަރަށް އަނގަތަޅުވަން އިންނަ ޔޫލީން މިރޭ ނެތުމާއިއެކު ހިޒްޔާންގެ ދުރުކަމުން އައިޝަމްއަށް ނުހަނު ބޮޑަށް އެކަނިވެރިކަމުގެ އިހުސާސް ކުރެވެމުންދިޔައެވެ. ބައްޕަ ލޯމައްޗަށް ފެންނަން ހުރެމެ އަޅާލުމެއްނެތި، މާމައާއި ބޮޑުދައިތައާއިއެކު އެ ދަރިފުޅު ހިއްސާކުރަމުންދިޔަ އުފާވެރި ކަން ފެނި އަރުތެރެއިން ކާއެއްޗެއް އެތެެރެކުރަންވެސް އައިޝަމްއަށް އުނދަގޫވަމުންދިޔައެވެ. އެންމެފަހުން ކާތަށީގެތެރެ އަށް ސަމްސާ ދޫކޮށްލިގޮތަށް އޭނަ ހިޒްޔާންއާއި ދިމާލަށް ބަލާލިއެވެ.

“ދަރިފުޅާ…” ދަރިފުޅުގެ ދުރުކަމުން ހިތަށް ލިބެމުންދިޔަ ވޭނުން ކެތްކުރަންދަތިވީ ހިނދު އައިޝަމްއަށް ގޮވާލެވުނެވެ. އެއާއިއެކު ޔަލާއާއި ކޮންމެވެސް ވާހަކަދައްކަދައްކާ އިން ހިޒްޔާންގެ ވާހަކަ މެދުކެނޑުނެވެ. އެ ބަސްތައް ނިސްބަތްވަނީ ހިޒްޔާންއަށްކަން އިނގޭއިރުވެސް އައިޝަމްއާއި ދިމާލަށް ބަލާލާކަށް ހިޒްޔާން ގަސްތެއްނުކުރިއެވެ. އައިޝަމްއަށް ބަލާލުމެއް ނެތި އޭނަ ދަތްތައް އެތެރެއަށް ދިލުވާލިއިރު އަތުގެތެރޭގައި ހިފަހައްޓާލެވިފައިވާ އުލަށް ބާރުވަމުންދިޔަތަން ފެނި އައިޝަމް އަށް އިސްޖަހާލެވުނެވެ.

“ދަރިފުޅު ކިހިނެއްތަ؟” އެތަށްދުވަހެއްފަހުން ދަރިފުޅު ފެނުނުއިރުވެސް ކުރާނެ ސުވާލެއް އައިޝަމްއަކަށް ނޭނގުނެވެ.

“ރަނގަޅު…” ފިނިގޮތަކަށް ހިޒްޔާން ޖަވާބުދިންއިރު އައިޝަމްގެ މޫނަށް އެންމެ ފަހަރަކުވެސް ބަލައެއް ނުލިއެވެ. އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި ހިޒްޔާން އޭނަގެ ހާލު އޮޅުންފިލުވާނޭކަމަށް އައިޝަމް ހީކުރިއެވެ. އެކަމަށް އުއްމީދުވެސް ކުރެވުނެވެ. ނަމަވެސް ވާހަކަދެކެވުމެއްނެތި ދެމިގެންދިޔަ ހިމޭންކަމުގެ ސިކުންތުތަކަށްފަހު އައިޝަމްގެ މޫނުމަތީން މާޔޫސް ކަން ފާޅުވިއެވެ. ލޮލަށް ކަރުނަ ޖަމާވެދާނެހެން ހީވި ހިނދު އޭނަ އިސްތިރިކޮށްލިޔަސް ފެންކަޅިވަމުންދިޔަ ދެލޯ ކިތަންމެ ރީތިކޮށްވެސް ޝަޔާދީންއާއި ޒައިތޫންއަށް ފެނުނެވެ. މާޒީގެ ހިތި ސޮފްހާތައް އިނގިތިބެ އެ ދެމައިންނަށް އައިޝަމްއާއި ދިމާލަށް ބަލާލެވުނީ ރަހުމާއި ހަމްދަރުދީގެ ނަޒަރަކުންނެވެ. އެއާއިއެކު ދެމައިން އެކަކު އަނެކަކާއި ދިމާލަށް ބަލާލިގޮތަށް ދުރަށް ބަލާލެވުނީ އެކަމަށް ގެންނާނޭ ހައްލެއް ނޭނގިފައި ތިބިކަހަލަ ގޮތަކަށެވެ.

***********************************

ރޭގަނޑުގެ ކެއުމަށްފަހު އޭނައަށް ހާއްސަކުރެވިފައިވާ ކޮޓަރިއަށް ވަތް ޒައިތޫން ފަރުދާ ކަހާލެވިފައިވާ ބިއްލޫރި ކުޑަ ދޮރު ތައް ކައިރީގައި މަޑުކޮށްލިއެވެ. ގޭގެ އެންމެ ތިރީބައިގައި ހުންނަ ކޮޓަރިއެއްކަމުން ބަގީޗާގެ ބިޔަގަސްތައް އެދިމާލަށް ލެބިފައިއޮވެއެވެ. ސާފު ހުދުބިއްލޫރިގަނޑުގެ ފަހަތުން ހަނދުވަރުގެ އަލިކަމާއި ކުޅެމުންދާ ގަސްތައް އެއްވެސް ހުރަހަކާއި ނުލާ ފެންނަމުންދިޔައެވެ. ކުޑަދޮރުގެ ދާރައިގައި ދެއަތް ވިއްދާލައިގެން އިރުކޮޅެއްވާންދެން އެ މަންޒަރު ދެކެން ހުރުމަށް ފަހު ޒައިތޫން ކުޑަދޮރާއި ދުރަށް ޖެހިލިގޮތަށް ފާރުގައި ވިއްދާފައިހުރި ފޮތް ހަރުގަނޑާއި ގާތްވެލިއެވެ. ތަރުތީބުކަމާއިއެކު އަތުރާފައިވާ ފޮތްތަކުގެ ތެރެއިން ނެގި ހުދުކުލައިގެ ބޯ ބަނޑޭރިގަނޑުލީ އަލްބަމްހިފައިގެން އޭނަ އަދަރާދާ ގޮނޑީގައި ހަމަޖެހިލިއެވެ.

ރަންކުލައިން ފަރުމާކޮށްފައިވާ ފޮތުގެ ބޭރުގަނޑުގައި އިން ފޮޓޯގަނޑުގައި ޒައިތޫން މަޑުމަޑުން އިނގިލިތައް ހިންގާލިއެވެ. އެއީ އެކުޑައާއިލާއަށް މެންބަރެއް އިތުރުވީދުވަހު ނެގުނު ފޮޓޯއެކެވެ. އައިޝަމްގެ ފުރަތަމަ ކައިވެނިކުރެވުނު ދުވަހު އާއިލާ އެކީގައި ރައްކާކުރެވުނު ހަނދާނެވެ. ރަންކުލައިން އަތްކަން ކޮށްފައިވާ ރަތްކުލައިގެ މަހުމަލުގެ ގޮނޑީގައި ޒައިތޫންއާއި ޖެހިފިތިގެން އަލަށް ކައިވެނިކުރެވުނު ދެ ޒުވާނުން ތިބިއިރު ފަހަތުގައި ޝަޔާދީންގެ ދެމަފިރިންނާއި ނާދީންއާއި ފިރިމީހާ މާކިއަން ފޮޓޯއަށް ހުއްޓިލައިގެން ތިއްބެވެ.

ކަރުނުން ފުރިބާރުވަމުންދިޔަ ދެލޮލުން އެ ތަސްވީރަށް ބަލަހައްޓައިގެން އިނުމަށްފަހު ޒައިތޫން އަލްބަމް ހުޅުވާލިއެވެ. އެއާއިއެކު ތުރުތުރުއެޅުމެއްހުރި އިނގިލިތަކުން ލަސްލަހުން އެއްލެންފެށި ގަނޑުތަކާއިއެކު އައިޝަމްގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ލޯކުރިމަތީގައި ތަމްސީލުވާން ފެށިކަހަލައެވެ. ދަރިފުޅުގެ ހަޔާތާއި އަލްވަދާއު ކިޔާ ވަކިވެގޮސްފައިވާ އުފާވެެރިކަމުގެ ހަނދާން އާވެ ޒައިތޫންގެ މޭގައި ދިލަރިހުމެއް އުފެދިގެންދިޔައެވެ. މަޑުމަޑުން މޭގައި އަތްއަޅާލަމުން ޒައިތޫން ދެލޯމަރާލިއެވެ.

“މަންމާ…” ކޮޓަރީގެ ދޮރުގެ ކުރިމަތީން ކަހަަލަގޮތަކަށް އިވުނު ޝަޔާދީންގެ އަޑަށް ޒައިތޫންއަށް ދެލޯ ހުޅުވާ ބަލާލެވުނު އިރު ހުޅުވާލެވިފައިވާ ދޮރުގެ ކުރިމައްޗަށް ޝަޔާދީން ހުއްޓިލީއެވެ.

“މަންމާ… އަޅުގަނޑު ގޮސްލަންކަމަށް… މޯނާ ލައްވާ ތަށިތައް ނަގުވާފައި އެއްޗެހިވެސް ހޫނުކޮށްފައި މިއައީ… ވަރަށް ވިއްސާރަވާންވެސް އެބައުޅޭ… ހިޔެއްނުވޭ ޝެރީން އައިހެނެއްވެސް… ވިދްހާން ދަތުރު ނިންމާފައި މިރޭ އަންނާތީ އަޅުގަނޑަކަށް ނެތް މަޑުކުރެވޭކަށް… އެންމެ ރަނގަޅުތޯ…” ޝަޔާދީން ވާހަކަ ދައްކަމުން އެ ތަނަވަސް ކޮޓަރިތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއިއެކު އެ މޫނަށް ތަފާތު ކުލަވަރެއް ވެރިވެގެންދިޔައެވެ. ހިމޭންވެ ބަސްތައް މެދުކެނޑިގެންދިޔަ ހިނދުކޮޅަކަށްފަހު ޝަޔާދީން ހަލުވި ހިނގުމެއްގައި އައިސް ޒައިތޫންގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު އެ ލޮލުގެ ނަޒަރު ހުއްޓިފައިވީ ޒައިތޫންގެ އުނގުމަތީ ހުޅުވާލެވިފައި އޮތް އަލްބަމަށެވެ.

“މަންމާ…” އެއްފަހަރު ޒައިތޫންގެ މޫނަށް ބަލާލަމުން އަނެއްފަހަރު އަލްބަމްގެ ހުޅުވިފައިވާ ގަނޑަށް ނަޒަރެއްދެމުން ޝަޔާދީން ގޮވާލިއިރު އެއަޑުގައި ތަފާތު އަސަރެއްވިއެވެ. ދުލުން ލަފްޒެއް ބޭރުކުރަން ނުކުޅެދި، ޒައިތޫންގެ މޫނަށް ނަޒަރު ހުސްކޮށްލައިގެން ހުރުމަށްފަހު ޝަޔާދީން ދެކަކޫ މައްޗަށް ތިރިވެ ޒައިތޫންގެ ދެއަތުގައި ހިފަހައްޓާލިއެވެ.

“މަންމާ.. ކަންކަމާއި މާބޮޑަށް ވިސްނާ ފިކުރުކުރަނީނަމަ މަންމަ ބަލިވެދާނެކަމަށް ޑޮކްޓަރު އަންގަވާފައެއްނޫންތޯ އޮތީ… އަނެއްކާ އަޅުގަނޑަށް މިފެނުނު މަންޒަރު ޝެމް ކޮއްކޮއަށް ފެނުނުނަމަ ކޮއްކޮ ކިހާ ދެރަވީސް… ކޮއްކޮއަށްޓަކައިވެސް އަޅުގަނޑުމެން ހިތްވަރުކުރަން އެބަޖެހޭ…” ޝަޔާދީން މަޑުމައިތިރިކަމާއިއެކު ޒައިތޫންއަށް ވިސްނައިދޭފަދަ މޭރުމަކުން ވާހަކަދައްކަމުން އައިސްފައި އަލްބަމް ލައްޕާލަންވެގެން އަތްއުފުލާލިއެވެ. ޝަޔާދީންގެ އަތްތިލަ އަލްބަމާއި ހަމައަށް ފޯރުމުގެ ކުރިން ޒައިތޫން އެއަތުގައި ހިފެހެއްޓިއެވެ. އޭރު އެލޮލުގެ ހިމަކޮޅުންލާފައި އައި ކަރުނަތައް ރޫޖެހިފައިވާ ކޯތާފަތް ތެންމަމުން ދިޔައެވެ.

”މަންމައަށް ނުވިސްނާ ހުރެވޭނީ ކިހިނެތްތަ ދަރިފުޅާ… އެއީވެސް މަންމަގެ ބަނޑުއަޅާ ވިހޭ ދަރިިއެކޭ… ދިރިހުރެމެ މަރުވެފައިވާ މީހަކު ފަދައިން މަންމަގެ ކުރިމަތީ އައިޝަމް އުޅޭހާ ހިނދަކު މަންމައަށް ނުވިސްނާ ހުރެވިދާނެތަ؟ ހުރި ހަމައެކަނި ފިރިހެންދަރިއަކީވެސް އެއީ… އެ ދަރިފުޅަށް އެއްވެސް އުފަލެއް މި ދުނިޔެއިން ލިބެން ނެެތީތަ؟ ހަޔާތުގެ ދުވަސްތައް ކަރުނައިގައި ގުނުން ނޫން ގޮތެއް އެދަރިފުޅަށް ނެތީތަ؟” އަޑުވީއްލާ ބާރަށް ރޮވިދާނެއަތީ ޒައިތޫން މުއްކަވާލެވިފައިވާ އަތްތިލަ އަނގަމަތީ ޖައްސާ ބާރުކޮށްލިއެވެ.

“ތިހެން ނުބުނޭ މަންމާ… މާތް ﷲ ގެ ރަހްމަތްފުޅުން އުއްމީދު ކަނޑާނުލަން އަޅުގަނޑުމެންނަށް ބުނެދެއްވީވެސް މަންމަ އެއްނު… އަޅުގަނޑުމެން އަޅުންނަށް އޮތީ ކެތްތެރިވުން… އައިޝަމްއަށްޓަކައި އިހުސާސެއްދައްކާނުލާ އުޅުނަސް މިޝްޔާގެ ހަނދާންތައް އަޅުގަނޑުމެން އެކަކުގެ ހިތަކުންވެސް ފިލައިގެނެއްނުދޭ… އަދިވެސް ޤަބޫލުކުރަންދަތި އެފަދަގޮތަކަށް މިޝޫ ވަކިވެގެން ދިޔަކަމަށް… ވީއިރު މިކަން އިނގިއްޖެނަމަ ހިޒްއަށް އަދި ކިހާއަސަރެއްކުރާނެ… މިއަދު މިޝޫއަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނޭކަމަކަށް އޮތީ ހިޒްއަށް އުނިވެފައިވާ މަންމައެއްގެ ލޯބި ދިނުން… ކެތްތެރިވުން… ލޯބިވާ މީހުންގެ ކަރުނަތަކުން މިޝޫގެ ފުރާނައަށް ދަތިކަން ލިބޭނެ… ވީއިރު މަންމަ ކެތްތެރިވޭ…” މާޒީގެ ހިތި ހަނދާންތަކުން ލޮލަށް ކަރުނަ ގިނަކުރުވިއިރު ޝަޔާދީން ނުރޯން ހިތްވަރުކުރަމުން ޒައިތޫންގެ ލޯ ފުހެލަދިނެވެ. މިޝްޔާގެ ކުއްލި މަރުން އޭނަގެ ރޫހަށްވެސް ނުފިލާނޭފަދަ އަަސަރެއްކުރުވާފައިވެއެވެ. އެންމެންގެ ދިރިއުޅުމަށް އިންޒާާރަކާއިނުލާ އައި ހުސްކަމުގައި ފުރަތަމަކޮޅު އޭނައަށް “މެހެލް”ގައި އުޅެންވެސް ދަތިވިއެވެ. ކޮންމެ ކަމަކުން އަދި އެއްޗަކުން ގެނެސްދޭ މިޝްޔާގެ ހަނދާންތަކުން މުޅި ހަށިގަނޑު ގައިދުކުރިއެވެ. ހަނދާންތައް ހިތުގެ އެތިކޮޅުތައް އިތުރަށް ފިސްކުރިއެވެ. ދުވަސްތައް ފާއިތުވެ މަޑުމަޑުން ދިރިއުޅުމާއިގެން ކުރިއަށް ދެވުނަސް އެދުވަހު ދިރިއުޅުމަށް އައި ހުސްކަން ފިލައިދިޔުމެއްނެތެވެ.

ލޮލުގައި އަޅާފައި އިން ނަންބަރު އައިނު ނެގުމަށްފަހު ޒައިތޫން ކަރުނަތައް ފުހެލަމުން ނޭފަތް ދަމާލިއެވެ. އެއީ މާޒީގެ ކިތަންމެ ހިތި ހަނދާނަކަށްވިޔަސް ޒައިތޫންއަށް އެ ހަނދާންތައް އާކުރުމަށް ހިތަށް މަޖުބޫރުކުރެވެނީ އޭގައި ފޮނިކަމެއް ވާތީއެވެ. އަދި ހިޒްޔާން ފެންނަ ކޮންމެ ވަގުތަކީ މާޒީގެ ސަފްހާތައް އޭނަގެ ލޯކުރިމަތީ ހުޅުވިގެންދާ ވަގުތުކޮޅެކެވެ. އެ ޒުވާން މޫނުން އައިޝަމްގެ ޒުވާންދައުރުގެ އުފާވެރި ދުވަސްތައް ހިތަށް ގެނެސްދެއެވެ. އެތައްއަހަރެއްވެގެންދިޔަސް އެއިން ކޮންމެ ހަނދާނެއް ޒައިތޫންގެ ހިތުގައި ދެމިހުރީ އޭގެ އެންމެ ތާޒާކަމުގައެވެ. ކައިވެނީގެ ހެދުމުގައި އައިޝަމްގެ އަތުގައި ހިފާލައިގެން މިޝްޔާ އެގޭތެރެއަށް ފިޔަވަޅު އަޅާލި ދުވަސް މިއަދުވެސް ލޯމައްޗަށް ފެންނަ ގޮތުން އިއްޔެވީކަމެއްހެން ހީވެއެވެ. އެދުވަހު މިޝްޔާ އޭނަގެ ހިތުން ހޯދި މަޤާމާއި ލޯބި އަބަދުގެ އަބަދަށްވެސް މިޝްޔާއަށް ހައްޤު އެއްޗަކަށް ވާނެއެވެ. އެކިޔަމަންތެރިކަމާއި ރިވެތި އަޙްލާޤްގެ ހަނދާން އާވާ ކޮންމެފަހަރަކު އަތުން ބީވެ ގޮސްފައިވާ ޖަވާހިރުގެ މަތީން ހަނދާންވެ ހިތް ކަރުނައަޅާ ރޮއެވެ. މިޝްޔާގެ ހަށިގަނޑު ތާއަބަދަށް ވެލީގެދާނުގައި ފޮރުވާލިޔަސް އެ ހަނދާން ތަކަށް ފަނޑުވުމެއްނެތެވެ.

***********************************

އިރުއަރައިގެން އައިނަމަވެސް އުޑުމަތީގައި ބައިހަދާލައިގެން ތިބި ވިލާތަކުގެ ސަބަބުން ދުނިޔެމައްޗަށް ވެރިވެފައިވީ ބަނަކަމެވެ. އަރައިގެން އައި އިރުވެސް ބިޔަ ވިލާތަކުން ފަރުދާކޮށްލީ އޭގެ ދޯޯދިތަކުގެ ހޫނުކަން ދުނިޔެއަށް ފޯރުމަށް ފުރުސަތު ދިނުމެއްވެސް ނެތިއެވެ. ދުނިޔެއަށް ކުޑަހިނދުކޮޅަކަށްވެރިވި އަލިކަން ނެތިގެންދިޔައީ އަނދިރީގެ ސާލެއްގެ ތެރޭގައި ދުނިޔެ ފޮރުވާލައިފައެވެ.

ހެނދުުނުގެ ކަސްރަތަށްފަހު ހިޒްޔާން ބަގީޗާތެރެއަށް ނިކުމެލިއިރު ލުއިލުއިކޮށް ގަސްތަކުގެ ފަތްތަކުގައި ބީހެމުން ދިޔަ ރޯޅިތަކުން ބަގީޗާތެރެ ފިނިކޮށްލައިފައިވެއެވެ. ރޭގައި ޖެހުނު ބާރުވައިގައި ގަސްތަކުން ފޭބިފަތްތައް ދުރުދުރަށްދާންދެން ފެތުރިފައިއޮތެވެ. ވައިރޯޅިތަކާއިއެކު ހިކި ފަތްތައްވެސް ހަރަކާތްތެރިވަމުން ދިޔައީ މުރުމުރު އަޑުލައްވަމުންނެވެ.

ބަގީޗާގެ އެންމެ ގަސްތައް ބޯ ދިމާލުން ހިނގަމުން އައިސް ހިޒްޔާން ފަތާފެންގަނޑާއި ދިމާލަށް ނިކުތެވެ. ޕޫލްކައިރީގައިި ހުރިި ގަހަކަށް ލެގިިލަމުން ވައިގެ ހަމަލާތަކުން ފެންގަނޑުގައިި އުފެދެމުންދާ ބާނިތަކަށް ބަަލަންހުރެފައި ލޮލުގެ ކުޑަކަޅިން ފެނުނު ކުއްލި ހަރަކާތާއިއެކު ހިޒްޔާންއަށް ތިރިތިރިކޮށް ހެދިފައިވާ ގަސްބޮނޑިތަކާއި ދިމާލަށް ބަލާލެވުނެވެ. އޭރު ދެވަނަ ފަހަރަށްވެސް ގަސްބޮނޑީގެ ތެރެއިން އެއްޗެއް ހަރަކާތްކޮށްލީއެވެ. އެއާއިއެކު ބަލިބަލި ކުކުރުމެއްގެ އަޑު އިވިލިއެެވެ.

ހިޒްޔާން ގަސްބޮނޑިތައް ދުރުކޮށްލައިގެން އަޑުއަންނަ ދިމާ ހޯދަމުންކުރިއަށް ދިިޔައެވެ. ފީންޏަކަށް ހެދިފައިވާ ގަސްތަކުގެ ތެރެއިން ވަދެގެން ވަކިހިސާބަކަށް ދެވުމާއިއެކު ހިޒްޔާންގެ ފިޔަވަޅުތަކަށް މަޑު ޖެހުމެއްއައެވެ. އިރުކޮޅެއްވާންދެން އެއްދިމާލަކަށް ބަލަހައްޓައިގެން އޭނައަށް ހުރެވުނީ ލޮލަށް ފެނުނު އެއްޗެއް ޤަބޫލުނުކުރެވިފައި ހުރިކަހަލަ ގޮތަކަށެވެ. ދެވަނަ ސިކުންތުގައި އެ ތުންފަތްމައްޗަށް ވެރިވެގެން ދިޔަ ހިނިތުންވުމާއިއެކު އޭނައަށް އެދިމާލަށް ފިޔަވަޅުތައް ނެގެންފެށުނެވެ.

ފިންޏަށް ބަލިވެ ވިނަގަނޑުގައި ބަނޑުޖަހައިގެން އޮތް ކޮފީ ކުލައިގެ ކެހެރިގަނޑުލީ ބުޅާ ބީރައްޓެހި ގޮތަކަށް ހިޒްޔާންއާއި ދިމާލަށް ބަލަން އޮތުމަށްފަހު ދުވެލައިފައި އައިގޮތަށް ހިޒްޔާންއާއި ދިމާލަށް ފުއްމައިގަތެވެ. އެހާ ދުވަސްފަހުން ފެނުމުން ވެސް އެސޮރަށް އޭގެ ވެެރިމީހާ އިނގުނުފަދައެވެ. ހިޒްޔާން ބުޅާއަތުތެރެއަށްލަމުން ކަފަކޮޅެއްހާ މަޑު ކެހެރިތަކުގައި ފިރުމާލިއެވެ.

“ހައި… ޖެކް…” ހިޒްޔާން އެއަށް ދީފައިިވާ ނަމުން ގޮވާލަމުން ބުޅަލުގެ ބޮލުގައި ފިރުމާލަމުން އޭތި ނަގާ ކޮނޑުމައްޗަށް ލިއެވެ. ފިނިވެގެން ތުރުތުރުއަޅައަޅާ އޮތް ބުޅާ ފެނުމުން ހިޒްޔާންގެ ދަތްތަކަށް ކުޑަކޮށް ވާންވެލައިފިިއެވެ. އޭނަގެ ދޫ މައްޗަށް އެންމެ ފުރަތަމަވެސް އައީ ދޮންމަންމަ ޝެރީންގެ ނަމެވެ. އޭނަ ނެތިސް އޭނަ ގެންގުޅޭ އެއްޗިއްސަށް ހަދާނެގޮތް ޝެރީން ނިންމަނީ ކާކުގެ ހުއްދައެއް ލިބިގެން ހެއްޔެވެ؟ ދޮންމަންމައަށް އޭނަގެ މައްޗަށް ކުޑަ ހައްޤެއްވެސް ލިބިގެންވާ ކަމަކަށް އޭނަ ޤަބޫލެއް ނުކުރެއެވެ.

ހިޒްޔާން ފެންފޮދަކުން ބުޅާ ދޮއްވައިިލައިގެން ގެއަށް ވަތްތަނާ އެރުނީ ޝެރީންގެ ކުރިމައްޗަށެވެ. ޝެރީންގެ މޫނު ވަގުތުން ބަނަވެގެންދިޔައިރު ހިޒްޔާންގެ ކުރިމަތިން އެއްފަރާތްވެލީ ބިރެއް ފެނުނުފަދައިންނެވެ. އޭރު އެ މޫނަށްވެރިވެފައިވާ ކުލަވަރު ފެނި ހިޒްޔާންގެ ތުންފަތްމަތީ ނުލަފާ ހިނިތުންވުމެއް ދުވެލިއެވެ. އޭނަ ޝެރީންގެ މޫނަށް ފަރުވާކުޑަ ނަޒަރެއްދިންގޮތަށް ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

“ހިޒްޔާން…” ކުރިއަށް އަޅާލެވުނު ފިޔަވަޅާއިއެކު ޝެރީންގެ ބާރު އަޑުއިވިފައި ހިޒްޔާން ޝެރީންއާއި ދިމާލަށް އެނބުރުނު ގޮތަށް އެއްބުމަހިއްލައިލައިފިއެވެ. ޝެރީން މިހާ ހެނދުނަކާއި ހަޅޭލަވައިގެން މިއުޅެނީ މީހުން އެއްކުރަންހެއްޔެވެ؟ ތޫލި ނަމަވެސް ވަރުގަދަ އަޑެއް ދެއްވާފައި އޮވެއެވެ.

“ހިޒްޔާން ހަމަ މިހާރު ތިހިފައިގެން ބޭރަށް ނިކުމޭ… ނޭނގެނީތަ ޔޫލީން ބުޅާދެކެ ބިރުގަންނަކަން… ތިއޮތްތަނެއްގައި ނުބޭއްވެނީތަ؟” ހަލުވި ހިނގުމެއްގައި އައިސް ހިިޒްޔާންގެ ކުރިމަތީ ހުއްޓެމުން ޝެރީން ވާހަކަދެއްކީ އަމުުރުވެރިރާގަށެވެ.

“މިއަށް ހާއްސަކޮށްފައި އޮންނަ ތަނަކީ ގޭގެ ހަތަރު ފާރުން ބޭރުތަ؟ އަހަރެން ލޯބިން ގެންގުޅޭ އެއްޗެއްނަމަ އެއަކަށް ސްޓެޕްމަމް ބާރުފޯރުވަން ޖެހޭތަ؟ އަހަރެންގެ ދިރިއުޅުމުގެ ކަންކަމާއި ސްޓެޕްމަމް އެބަޖެހޭ މަތިންބައިން ޖެހިިގެން ނަމަވެސް ގޮތްކިޔަން… އެހެންމީހުން ތިބެންވީތަން ނުކިޔައިދީ ފުރަތަމަ ތިމާ ހުންނަންޖެހޭ ހިސާބުގައި ހުންނަންވީނު… އަހަރެންގެ ކަންކަމަށް ގޮތްކިޔަނީ އަހަރެން ހުއްދަދީގެންތަ؟” ހިޒްޔާން ދެބުމަގާތްކޮށްލަމުން ޝެރީންގެ މޫނަށް ބަލާލީ ނުހަނު ސީރިޔަސް ނަޒަރަކުންނެވެ. އޭރުވެސް އޭނައަށް ހުރެވުނީ ދަތްކުނޑިވިކާލައިިގެންނެވެ. އޭނަގެ ކޮންމެކަމަކަށް ޝެރީން ބަސްކިޔަމުން އައިސް އޭނައަށް ޝެރީންގެ މަޤާމު އޮޅުން ބޮޅުންވާ ހިސާބަށް ގޮސްފިއެވެ. ދޮންމަންމައަށްވީތީ އޭނަގެ މައްޗަށް ހައްޤު އޮންނާނެކަމަށް ޝެރީންއަށް ވިިސްނައިިދީގެން އުޅެނީ ކާކުހެއްޔެވެ؟

“އަަހަރެން ކުރަން ބޭނުންވާކަމަަކަށް ހިޒްޔާންގެ ހުއްދަ ބޭނުންވޭތަ؟ އަހަރެންގެ ކުރިމަތީީގައިި އުޅޭހާ ދުވަަހަކު އަހަންނަށް އެ ހައްޤު އޮންނާނެ… ހިޒްޔާންގެ ހުރިހާކަމަކަށް ބާރުފޯރުމުގެ އިހްތިިޔާރު މާކުރިން ވެސް އައިޝަމް ދީފައިއޮތީ… އެކަމާއި ނުރުހޭނަމަ ފުރައިގެންދާންވީނު… ކާކު ބާރުއަޅައިގެން އެނބުރި ތިއައީ…” ޝެރީީންގެ މޫނުމަތީން ފެނުނު ބޮޑާއިކަމާއިއެކު އެ ތުންފަތްމަތީން މަލާމާތުގެ ހިނިތުންވުމެއް ފާޅުވެގެންދިޔައެވެ. ހިޒްޔާންއާއި އައިޝަމްގެ ހީނަރުވެފައިވާ ގުޅުމަކީ އޭނަގެ އަތުގައިިވާ އެންމެގަދަ ބާރެވެ. އެކަން ހިޒްޔާންއަށް އިހުސާސްކޮށްދީގެން އެ ހިިތުގައިި ފަސޭހަވަމުންދާ ފާރުތަކުގައި އޭނަ ކިިތަންމެ ފަހަަރަކު ވަކިދަމައިިފިއެވެ.

“އަހަރެންގެ ކަންކަމަށް ބާރުފޯރުވާ ނިންމުންތައް ނިންމާނޭ ބާރު އަހަރެން އެކަކަށްވެސް ނުދެމޭ… އަަހަރެން ބޭނުން ދުވަހަކުން ދާނީވެސް… ސްޓެޕްމަމް ކައިރީީ ރަނގަޅު ވާހަކައެއްބުނަންތަ؟ އަހަރެންގެ އެއްވެސްކަމަކީ ސްޓެޕްމަމްއަށް ބެހޭ އަދި ބެހެވެންޖެހޭ ކަންކަމެއްވެސް ނޫން… އިއްޔެ މެންދުރު އަހަރެންގެ ދިިރިއުޅުމަށް ފުންމާލައިގެން އުޅޭ މީހަކު އަދި މަށަށް އަމުރު ހިންގަންޖެހޭތަ؟” ހިޒްޔާން ޖެކް މާބްލްސް މައްޗަށް ދޫކޮށްލާފައި ހަށަން ބަދެލިގޮތަށް ޝެރީންގެ މޫނަށް ބަލާލީ އޭނަގެ ބަސްތަކުން އެ މޫނަށް ވެރިވެގެން އަންނާނެ އަސަރުތައް ދެކެން ޝައުގުވެރިވެފައިހުރެއެވެ.

“ހިޒްޔާން…” އެ އަދަބުކުޑަ ޖުމްލަތަކުން ޝެރީންގެ ހުރިހާ ނާރުތަކެއްހެން ހޫނުވެގެންދިޔައިިރު ހިޒްޔާން ގެ އެ ނޭއްގާނީ ކަމުން ޖެހިލުންވެހުރެ ފަހަތަށް ފިޔަވަޅެއް އަޅާލިގޮތަށް ޝެރީން ހަޅޭލަވައިގަތެވެ.

“ލަދެއް ނުގަނޭތަ މަށާއި ތިފާޑަށް ވާހަކަދައްކާކަށް… އަހަންނަކީ ހިޒްޔާންގެ މަންމަގެ މަޤާމުގައިި ހުރި މީހާއޭ…” ޝެރީން ގެ ދެލޯ ފިއްސާލި ރުޅިވެރިކަމާއިއެކު ހިޒްޔާންގެ މޫނުގައި ޖަހަންވެގެން އަތްއުފުލާލިއެވެ. އެއަތުގެ ހޫނުކަން ހިޒްޔާންގެ މޫނަށް ފޯރުމުގެ ކުރީން ހިޒްޔާން ހުށިޔާރުކަމާއިއެކު އެއަތުގައި ހިފަހެއްޓި އެވެ. އޭރު ރުޅިވެރިކަމުގެ ހުޅުކޮޅުތައް އެ ދެލޮލުގެތެރެއަށް ގަދަވެފައިވެއެވެ. ބަސްބުނުމަކާއިނުލާ އެތޫނު ލޮލުން ބަލާލިގޮތުންވެސް ޝެރީން ޖެހިލުންވިއެވެ.

“މަށަކީ މީހަކު ބުނާއެއްޗެއް އަޑުނީވޭވަރުގެ ކުޑަކުއްޖެއްނޫން… އެހެންނޫނަސް އަހަރެން ގަޔަށް އަތްލުމުގެ ކުޑަ ހައްޤެއް ވެސް ސްޓެޕްމަމްއަކަށް ނޯންނާނެ… ތިއީ މަގޭ މަންމައެއްނޫނޭ…” ހިޒްޔާންގެ އަތުގެ ތެރޭގައި އޮތް ޝެރީންގެ އަތުގައި ހިފާ ބާރުކޮށްލައިގެންހުރެ ހިޒްޔާން ވާހަކަދެއްކިއިރު އެއަޑުގައި ވީ އިންޒާރެވެ. އޭނައަކީ ޝެރީީން ބޭނުންހާގޮތެއް ހައްދަން ހުރި ބުދެއްނޫނެވެ. އޭނަގެ މައުސޫމްކަމުން ޝެރީން ނާޖާއިޒް ފައިދާ ނެގިިދުވަސް މާޒީވެ ގޮސްފިއެވެ.

“މިއޮއް ހެނދުނާ ކޮން އަޑުގަދައެއްތަ ތިކުރަނީީ ޝެރީން…” ގޭގެ މައިދޮރުން ވަދެގެން އައި ޝަޔާދީީންގެ ކަންފަތުގައި ޝެރީންގެ ބާރު އަޑުޖެހުމާއިއެކު ހިިސާބަކަށް ނުރުހިިފައިިހުރެ ސުވާލުކުރިއެވެ. އެވަގުތު އޭނައަށް ނަޒަރު ހިންގާލެވުނު ގޮތަކުން ސިޑީގެ ހަރުފަތްމަތީގައި ހުރިި ހިޒްޔާން ފެނުމާއިިއެކު ވީގޮތް ނަގައިގަނެވި ޝަޔާދީންގެ މޫނުމަތި ކުޑަކޮށް އަނދިިރިވެލައިފިިއެވެ.

“ޒޭން… ދަރިފުޅު ކޮޓަރިއަށްދޭބަލަ…” ޝަޔާދީން ހިޒްޔާންއާއި ކުރިމަތިލީގޮތަށް އެދުނެވެ. ރުޅިންގޮސް ރޯވެފައިވާ ލޮލުން ޝެރީންއަށް ހޫނު ނަޒަރެއް ދިނުމަށްފަހު ޖެކް އުފުލާލައިގެން ހިޒްޔާން ސިޑިން އަރަންފެށުމާއިއެކު ޝަޔާދީން ފަހަތަށް އެނބުރުނުގޮތަށް ޝެރީންއާއި ކުރިމަތިލިއެވެ.

“މިއަދުވެސް ހިޒްޔާން ފެންނައިރަށް ފަށައިިގަތީދޯ… ޝެރީންއަށް ހަމަ އެއްޗެއް ނުބުނެނުހުރެވެނީތަ؟ ޝެރީން ނުޖެހޭނެ ހިޒްޔާން ކުރާ ކަންތަކަށް ފާޑުކިޔާކަށް… މިހުރިހާ ދުވަހެއް ވާންދެން ޝެރީންއަށް ބުރަކަމަކަށްވެގެން ހިޒްޔާން ބެލީ އަހަރެމެން… ދެން މިހާރު ކޮންމެހެން ހިިޒްޔާންގެ ކަންތަކަށް ބާރުފޯރުވަން ޝެރީން އުޅޭނެކަމެއްނެތް…” ޝަޔާދީންގެ މޫނުމަތި އަނދިރިވެގެންދިިޔަގޮތުން ކަޅުފޮޮއެ ރެއަކާއި ތަފާތެއްނުވިިއެވެ. ހިޒްޔާންއާއިމެދު ދޮންމަންމައަކަށްވުރެވެސް ނުބައިކޮށް ކަންތައްކޮށްފައި ޝެރީންއަށް އަނގަހުޅުވާލަން ކެރުނީތީވެސް އޭނަ ހައިރާންވެއްޖެެއެވެ. މިހުރިހާ ދުވަހުވެސް ނުރުހުމުގެ ބަހެއް ބުނެލަން ނޫންގޮތަކަށް ޝެރީން ހިޒްޔާންއާއި ދިމާލަށް ބަލާލައިފައިިވެސް ނެތެވެ.

“އޭނަ އެއީ އަހަރެން ބުނާގޮތެއް ހަދާ މީހެއްތަ؟ މައިދައިތައާއި ނާދީންއާއި ތިން މީހުންވެގެން މިގޭ ރަންދަރި ހަލާކު ކޮށްފައެއްނު އެހުރީ…” ޝެރީން ތުންއަނބުރާލިގޮތަށް ޝަޔާދީންއާއި ދިމާލަށް ބަސްތައް އުކައިގަތެވެ.

“ޝެރީން ތިި ވާހަކަދައްކާކަށް މާ ރަނގަޅެއްނޫނޭ… ހިޒްޔާން ޝެރީންގެ ބަހެއް އަޑުނާހަނީ އަމިއްލަ މީހާއަށް ކަންތައް ކުރެވުނު ގޮތުންނޭ ހިތަކަށްނޭރިއެއްނު… އަމިއްލަ ނުބައިކަން ހިޒްޔާންއަށް ދެއްކިިއިރު މިދުވަސް ނާންނާނެ ކަމަށްދޯ ހީކުރީީ… ހުރިހާކަމެއް ބޮއްސުންލައްވާފައި މިހާރު ކޮން ވާހަކައެއް ދައްކާކަށް… އައިޝަމްއާއި ހިިޒްޔާން އެހާ ދުރުވީވެސް ހަމަ ޝެރީންގެ ސަބަބުން… ބައްޕައާއި ދަރިިއެއްގެ ގުޅުން ހަލާކުކޮށްގެންވެސް އަދިވެސް ހިތްހަމަނުޖެހިގެންނެއްނު ތި އުޅެނީ…” ޝަޔާދީންގެ ކޮންމެބަހަކުން ހަޤީޤަތް ފާޅުކޮށްދިނަސް ހުދު ޝެރީން އޭނަގެ އަމަލުތައް ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އަމިއްލައަށް މައުސޫމްވުމުގެ ވިސްނުމުން އޭނަގެ ދެލޯ އެހެން ކަމެއް ނަގައިނުގަނެވޭވަރަށް ކަނުވެފައިިވެއެވެ. އަމިއްލަ މީހާގެ އަމަލުތައް ނުބައިކަމަށް އެއްބަސްވުމުގެ ބަދަލުގައިި އޭނައަށް އަބަދުވެސް ކުށްވެރިކުރެވެނީ އޭނާގެ ވަށައިގެންވާ ފަރާތްތަކެވެ.

“ބުނަން… މިހާ ހެނދުނާއި އަހަންނާއިި ޒުވާބެއް ފައްޓާހިތުން ކޮންމެހެން އަހަރެން ފަހަތުން އަންނަން ހަދާނެކަމެއްނެތް… މި ބޮޑުގޭތެރެއިން ޝެރީީންއަށް ކުރާނެ މަސައްކަތެއް ނުފެނުނަސް އަހަރެން ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަ ހުރި….” ޝަޔާދީން ކާކޮޓަރިއާއިި ދިމާލަށް ހިިނގައިިގަތުމާއިއެކު ޝެރީން ވެސް ފަހަތުން ދާން ދިމާކޮށްލުމުން ޝަޔާދީން ފަސްއެނބުރުނުގޮތަށް ބުނެލިއެވެ. މިހާ ހެނދުނާއި ޝެރީން އޭނަގެ ފަަހަތުން އަޅުވާލާނޭ ސަބަބު ނުވިސްނޭހާ އޭނަ މޮޔައެއްނޫނެވެ. ޝެރީންއަކީ ދުވަހަކު އަމިއްލައަށް ފެނިގެން އޭނަގެ ފަހަތުން އުޅުނު މީހެއްނޫނެވެ.

“ވަރަށް ފޫހިވޭ… މައިދައިިތައާއި ދެމީހުންވެގެން ހިޒްޔާން ނަަގައި ބޮލަށް ލައިގެންނެއްނު އެތިބެނީ… އެހާވަރުން ފޮނުވާލީމަ ވެސް އަންނަން ކެރިއްޖެވިއްޔަ…” ޝެރީން އެއްޗެހިކިޔަމުން ދުން ޖަހާފައި ކަހަލަގޮތަކަށް ގޮސް ސިޑިިންއަރަންފެށިއެވެ. އޭރުވެސް ޝެރީންގެ ސިކުނޑި ދިޔައީ ހިޒްޔާންއާއި ދެކޮޅަށް ވަރުގަދަ ރޭވުމެއް ރާވަމުންނެވެ. ހިޒްޔާން ދެވަަނަ ފަހަރަށް “މެހެލް”އަށް ގަދަވިޔަނުދިިނުމަށް  ކުރަންޖެހޭ ހުރިހާކަމެއްކުރަން އޭނަ މިހިރީ ތައްޔާރަށެވެ. މިފަހަރު އޭނާވެސް ހިޒްޔާން ކުރިމަތީ ވަކި ދެރައެއްނުވާނެއެވެ.

ކޮޓަރިތެރެއަށް ޖެކް ދޫކޮށްލައިގެން ހިޒްޔާން ކާރޕެޓްމަތީ އިިށީދެލައިގެން އިންއިިރު ތިިރީގައިި ޝަޔާދީން އާއި ޝެރީންއާއި ދެމީހުން ދެބަސްވަމުންދާ އަޑު ކޮޓަރިތެރެއަށް އިވެމުންދިޔައެވެ. އެދެމެދުގައި ބަދަލުކުރެވެމުންދާ ހޫނު ބަސްްތައް އަޑު އެހުމެއްނެތި ކާރޕެޓްމަތީ ބޯޅަކުޅުމުގެ ފޯރީގައި ޖެކް އުޅެމުންދިޔަ މަންޒަރު ދެކެން ހިޒްޔާން އިންއިރު އޭނަގެ އަތުން އަނިޔާވެރިކަމާއިއެކު ނިގުޅައިގަނެވުނު ޅަފުރާގެ މަތީން ހަނދާންވިއެވެ.

އޭނަގެ ދޮންމަންމަގެ ގޮތުގައި ޝެރީން އެގެއަށް އައިއައުމަކީ އޭނަގެ ހުރިހާ އުފަތަކަކަށް އެޅުނު ހުރަހަކަށްވިއެވެ. ދޮން މަންމައަކީ ދޮންނިޔަނދުރެއްކަމަށް ބުނާބަހުގެ ތެދުކަން އެހާޅައިރުވެސް ޝެރީން އޭނައަށް އަންގާލަދިނެވެ. މަޑުމަޑުން އޭނައާއި އައިޝަމްގެ ގުޅުން ހީނަރުކުރަމުންދިޔަ ހަތިޔާރަކަށްވެގެން ހުރެފައި އައިޝަމްގެ ހަޔާތާއި އޭނަ ވަކިކޮށްލީ އެއްވެސް މީހަކަށް ޝައްކެއްވެސް ނުވާނެހާ ރޭވުންތެރިކަމާއިއެކުގައެވެ. އެދުވަހު އޭނަގެ ލޮލުން އޮހުނު ކަރުނަތަކުން ބައްޕަގެ ހިތަށް ކުރި އަސަރެއްނެތެވެ. މަންމަގެ ލޯތްބަށްފަހު ދިރިހުރެމެ ބައްޕައެއްގެ ލޯބިން އޭނަ މަހުރޫމްކޮށްލިއިރު އެހިތުގައި އަޅާނެ ވޭނާއި މެދަކު ވިސްނައެއްނުލިއެވެ. އޭނަގެ އިހުސާސްތައް ކަނޑުވާލީ ބައްޕަގެ ދުލުން އިއްވި ނިންމުމުންނެވެ. އެދުވަހުގެ ފަހުން ލޯތްބާއި އޯގާތެރިކަމަކީ އޭނައަށްޓަކައި ބީރައްޓެހި އިހުސާސްތަކެކެވެ.

**********************

މެންދުރުގެ ހޫނުކަން ކެނޑި ހަވީރުވެގެންއައިރު ދުއްވާ އެެއްޗެހިން މާލޭގެ މަގުތަކުގެ ކާރޫބާރޫކަން ބޮޑުވެފައިވެއެވެ. ދެކޮޅަށް ބަރު އުޅަނދު ފަހަރުތައް ދުއްވަމުންދިޔައިރު ބަރުގަނޑުގެ އަޑު ކަނޑައިގެން ނުދެއެވެ. ދިގު ވެހިކަލްގެ ކިޔުއިން މަގުގެ ކޮޅާއިކޮޅު ނުފެނެއެވެ. ހަނިގޯޅިތަކުގައި ސައިކަލްތައް ދުއްވަމުންދިޔައީ ވޫސްލާފައެވެ. ދޭތެރެއަކުން ސައިކަލުތައް ކާރުފަދަ ބަރުވެހިކަލްތަކުގެ ކުރިމަތީންލާފައި ދާއިރު ކާރުގެ ތެރެއަށް ސައިކަލް ވައްދާލަފާނެހެން ހީވާ ވަގުތައްވެސް އާދެއެވެ. ހަލަބޮލި މަގުތަކުގައި ކާރުދުއްވާފައި އައިިސް ސަހަރާގެކުރިމައްޗަށް ކާރު ހުއްޓުމަށްފަހު ހިޒްޔާން ކާރުން ފޭބިއެވެ.

މަޑު ފިޔަވަޅުތަކެެއްގައި ހިޒްޔާން ސަަހަރާތެރެއަށް ވަދެގެންދަމުން ތުރުތުރުލުމެއް އެކުލެވެމުންއައި ދެއަތްތިލަ ޖީބަށް ޖަހާލިއެވެ. ހިތްދަތިވެފައިވާކަހަލަގޮތަކަށް ލޯމަރާލަމުން ނޭވާ އެތެރެއަށް ދަމާލިއެވެ. އޭރުވެސް ނުކިޔަމަންތެރި ކަރުނަތައް ކޮންމެ ވަގުތަކުވެސް ލޮލުގެތެރެއިން ދެމިގަތްފާނެހެން ހީވެއެވެ. މިއީ އޭނަގެ ހިތަށް އެންމެ އަސަރުކުރުވާ މަންޒިލެވެ. މިއަދާއި ހަމަޔަށްވެސް އޭނަ ސިކުނޑިި އެކަމާއި މެދު ދެކޮޅު ހަދަމުންދާ ހަޤީގަތް ފާޅުކޮށްދޭ މަކާނެވެ. މިދުނިޔެމަތީން އޭނަ އެންމެ ލޯބިވާ ފަރާތް އަބަދުގެ އަބަދަށްޓަަކައި ނިިދާލައިފައިވާ ފަސްގަނޑެވެ.

ރޭގެ ކޮޅިގަނޑުގައި ގަސްތަކުން ފޭބިހައި ފަތްތަކުން ސަހަރާގެ ހުދު ފަސްގަނޑު ފޮރުވާލައިފައިވެއެވެ. ވާރޭގެ އަސަރުތައް ދުނިޔެމަތިން ފުހެވި ވައިރޯޅިއެއްގެ އަސަރުވެސްނެތިި ގަސްތައްވެސް ހިމޭންވެފައި ތިބީ މަރުވެފައިވާ މީހުންނަށް އިހުތިރާމް ކުރާފަދައަކުންނެވެ. ހިޒްޔާން މ2ުރުމުރު އަޑުއިއްވަމުންދިިޔަ ފަތްތަކުގެ މަތީގައި ހިނގާލައިިފައި އައިސް މިޝްޔާގެ މަހާނަ ކައިރީގައި މަޑުކޮށްލިއެވެ. ހިކި ފަތްތަކުން މަހާނައިގެ ބޮޑުބައެއް ނިވާކޮށްލައިފައިވެއެވެ. މަހާނަ ގަލުގެ ކުލަ ބަދަލުވަމުން އައިސް ކަޅުދެލިކޮޅެއް ފަދައިންވެފައިވާއިރު ކޮންމެވެސްވަރަކަށް ގާކަނޑައިގެން ގޮސް ފެހީގެ އަސަރު ފާޅުވަމުންދިޔައެވެ. ހިޒްޔާން ކުޑަކަކޫމައްޗަށް ތިރިވެލަމުން މަހާނަމައްޗަށް އެޅިފައިވާ ފަތްތައް ކުޑަކޮށް އެއްފަރާތްކޮށްލިއެވެ.

“މަންމާ… މިއީ މަންމަގެ އެންމެ ލޯބިވާ ދަރިފުޅު ހިޒްއޭ… އިނގޭ މަންމައަށް މިއަދު މިދަރިިފުޅުގެ އަޑު ނީވޭނެކަން… ޖަވާބެއްނުދެވޭނެކަން…” ލޮލުން ބަނޑުންވެގަތް އަދަދުނުވާހާ ކަރުނަތަކާއިއެކު އަރުތެރެ ބެދި އިތުރަށް ވާހަކަދައްކަންވެސް ހިޒްޔާންއަށް ދަތިވިއެވެ. މިޝްޔާގެ މަހާނައިގައި ނިއްްކުރިިޖައްސާލަމުން އޭނަ ލޯމަރާލިއެވެ. ކަރުނަތައް އޮހެންދޫކޮށްލައިިގެން ކޯތާފަތް ފުހެލުމެއްވެސްނެތި އެގޮތުގައި އިނދެވުނީ ކިހާއިިރެއްވާންދެންކަމެއްވެސް ނޭނގުނެވެ.

“މަންމާ… ބައްޕަ މަންމަދެކެ ލޯބިވާކަމަށް ޤަބޫލުނުުކުރާތި… މަންމަދެކެ ބައްޕަ ކުޑަނަމަވެސް ލޯތްބެއްވީނަމަ މަންމަގެ މަޤާމުގައި މިއަދު ޝެރީންއެއް ނުހުންނާނެ… މަންމަގެ މަތީން ހަނދާން ނައްތާލުމަށް ފަހު ބައްޕަ ދިރިއުޅުމާއިގެން ކުރިއަށްދިޔައިރު މަންމަގެ ހަނދާންތަކާއި ދުރަށްނުދެވުނީ އަހަންނަށް.. ބައްޕަ ކަންތައްކުރިގޮން އަހަރެން ދުނިޔެމަތީން ފޫހިވެއްޖެ… މަންމަ ކީއްވެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ބައްޕަދެކެ ލޯބިވީ؟ އެފަދަ ލޯތްބެއް ބައްޕަައަކަށް ހައްޤުވެގެނެއް ނުވޭ… މަަންމަ ލޯބިވީީވަރާއިި ގާތަށްވެސް ބައްޕައަށް މަންމަދެކެ ލޯތްބެއްނުވެވޭނެ… މަންމަ އަހަންނަށް މައާފުކުރައްޗޭ… އަހަންނަށް ދުވަހަކު ބައްޕައާއިމެދު ހިިތްހެވެއްނުކުރެވޭނެ…” ހިޒްޔާން މިޝްޔާގެ މަހާނަގަލުގައި އަތްޖައްސާލިއިރު ވޭނުން ގެނބިފައިވާ ލޮލުން ކަރުނަ އައުން ހުއްޓިފައިވިިޔަސް އިިހުސާސްތައްވީ ހާމަައަށެވެ. މާޒީގެ އެތަށް ހަނދާންތަކެއްއެކުވެގެން އޭނަ ހިތުގައި ފަސޭހަނުވެ ހުރި ޒަހަމުތަކުގައިި އިތުރަށް ރޯކޮޮށްލައިފިއެވެ. އޭގެފަހުން ފުރިހަމަ ވިހި އަހަރުވެގެންދިިޔަޔަސް އެދުވަސްތައް އަނބުރާ ހޯދަން އަދިވެސް އޭނަގެ ހިިތްތެޅިފޮޅެއެވެ. އެއަތުގެ އޯގާތެރި ފިރުމުން އިހުސާސްކޮށްލަން އެދިގެން އޭނަގެ ހިތް ކެނޑިނޭޅި ރޮއެއެވެ. އަނބުރާއައުމެއްނެތް އެދުވަސްތަކަށް ދާން ހިތް އަދިވެސް އެދެއެވެ. އެއީ ދުވަހަކު ނުވާނެ ކަމެއްކަން އިނގޭއިރުވެސް އޭނަގެ ހިތަކަށް އެކަން ވިސްނައެއްނުދެވުނެވެ. ހަޤީގަތް ގަބޫލުކޮށް މަންމަ އާއިނުލާ ވަކިިން އުޅެންޖެހިފައިވާ ދިރިއުޅުމަށް އާދަވާކަށް އޭނަގެ ނަފްސު އެއްބަހެއްނުވިއެވެ.

ދުނިޔެ ދިއްލާލައިފައި އޮތް އިރުގެ އަލިިކަން ނެތިގެންގޮސް ގަސްތަކުގެ ހިިޔަނިިތައް ދިގުވާންފެށުމާއިއެކު ހިޒްޔާން ސަހަރާ އިން ނިކުންނަން ހިނގައިގަތެވެ. ސަހަރާއިން ނިިކުމެ ކާރަށް އެރިގޮތަށް ސީޓަށް ލެގިލައިގެން އިނދެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ޓިޝޫއަކުން ފުހެލިިގޮތަށް ކާރުގެ ސަރަކައިގައި ހިފަހައްޓާލައިގެން އޭނައަށް އިރުކޮޅެއް ވާންދެން އިނދެވުނެވެ. އެގޮތުގައި ހަރަކާތެއްނެތި އިންނަ ބޭނުންވިޔަސް ފަހަތުން އައި ވެހިކަލްތަކުގެ ބަރުގޮނުގެ އަޑާއިއެކު ހިޒްޔާން ކާރުކުރިއަށް ދުއްވާލިއެވެ.

ސަހަރާގެ ގޯޅިންލާފައި އައިސް މައިމަގުގައި ދުއްވަމުންދިޔަ ކާރުގެ ފަހަތުން އަންނަމުންދިޔަ ވެހިކަލްތަކުގެ އަޑުން ބޮލަށް އުނދަގޫވާގޮތްވި ހިޒްޔާންގެ މޫނަށް ވެރިވެގެންދިޔަ ނުރުހުމުގެ ކުލަވަރާއިއެކު މަގުގެ އެއްފަރާތަށް ވާގޮތަށް ކާރު އަނބުރާ ލިއެވެ. އެވަގުތު ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ކާރުގެ ކުރިމައްޗަށް އެރިއިރު ހިޒްޔާން ސިހިގެން ދިޔަވަރުން ސަަރަކައިގައި ހިފާ އަނބުރާ ލެވުނުގޮތަކުން ފުރޮޅުތައް ކެހިގެންގޮސް މަގުގެ އެއްފަރާތަކަށް ކަހަލަގޮތަކަށް ކާރު މަތަވިއެވެ. ކަރަށް އެރިތަދާއެކު އެއްއަތުން ކަނދުރާމަތި މަސާޖްކުރަމުން ހިޒްޔާން ކާރުން ފޭބިއެވެ. އޭރު މީގެ އިރުކޮޅެއްކުރީން އެ މޫނުމަތީގައިވީ ހިތާމައިިގެ ކުލަވަރު ހިނިތުންވުމަކުން ނުހަނު މޮޅަށް ފަރުދާކޮށްލެވިފައިވެއެވެ.

“އެކްސްކިއުޒް…” ކަންފަތުގައި ޖެހުނު އަންހެންވަންތަ އަޑާއިއެކު ހިޒްޔާން ފަސްއެނބުރި ބަލާލިއެވެ. އޭރު އޭނަގެ ކާރުގެ ފަހަތަަށްވާގޮތަށް މަޑުކުރި ކާރުން ފޭބި އަންހެންކުއްޖާ ހުރީ އެއްއަތުން ކާރުގެ ރިމޯޓްދިއްކޮށްލައިގެންނެވެ. ނުހަނު ރީތިކޮށް ހިނިތުންވެލައިގެންހުރެފައި ހިޒްޔާން ނަޒަރު އެމޫނަށް ހުއްޓުމާއިއެކު އެ އަންހެންކުއްޖާގެ ދެލޮލުގައިވީ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. އޭނަ ފަރުވާތެރިކަމާއި އެކު އެ މޫނަށްބަލާލިގޮތުން ދަންނަ ފަރާތަކާއި ހިޒްޔާންގެ ސޫރަ ވައްތަރުވީ ހެންހީވިއެވެ.

“ހިޒްޔާން އައިޝަމް…” ކުރިމަތީ މަޑުކޮށްލައިގެން ހުރި ޒުވާނާގެ މޫނަށް ބަލަންހުރެފައި މިިލާން ކިިޔާލީީ ޔަގީންކޮށްލާފަދަ ގޮތަކަށެވެ. ފޮޓޯތަކުން އެތަށްފަހަރަކު އެ ސޫރަ ދެކެފައިވިޔަސް ހަމަލޮލަށް ފެނުމުން މިލާންގެ ޒުވާން ހިިތަށްވެސް އަސަރު ނުކޮށެއްނުދިޔައެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ރީތިކަމަށް ނަފްސު ގެނބިގެންދިޔަހެން ހީވާފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރެވުނެވެ.

ދެޒުވާނުންގެ ނަޒަރު ގުޅިގެންދިޔަ ހިނދުކޮޅަކަށްފަހު ކުރިމަތީގައި ހުރި އަންހެންކުއްޖާގެ މޫނަށް ފުން ނަޒަރެއްދެމުން ހިޒްޔާން ކުރިއަށް ފިޔަވަޅުތައް ނަގަންފެށިއެވެ. އެއިންކޮންމެ ފިޔަވަޅަކާއިއެކު އެދެމެދު ގައިވީ ދުރުމިން ނެތެމުން ދިޔައިރު މިލާންއަށް ފަހަތަށް ފިޔަވަޅު އެޅެމުންދިޔައެވެ. މަޑުމަޑުން ފަހަތަށް އަޅަމުންދިޔަ ފިޔަވަޅުތައް ކާރުގެ ބޮނެޓާއި ހަމައިން ހުއްޓިގެންދިޔުމާއިއެކު މިލާންއަށް ދެލޯބޮޑުކޮށްލަމުން ހިޒްޔާންގެ މޫނަށް ބަލާލެވުނެވެ. ހިޒްޔާންގެ މަޤްސަދު ދެނެގަންނަން އޭނަ މަސައްކަތްފެށި ހިނދުކޮޅު އެ ބާރުގަދަ މުށުގެ ތެރޭ އޭނަގެ އަތްތިލަ ހިފަހައްޓާލިގޮތަށް މައްޗަށް އުފުލާލިކަން އިހުސާސްވިއެވެ. އޭނަ އަށް ވަގުތުން އިސްއުފުލާބަލާލެވުނުއިރު ހިޒްޔާންގެ މޫނު ފެނުނީ އޭނާގެ ނޭވާގެ ހޫނުކަން އިހުސާސްވާހާ ގާތުންނެވެ.

“މިހިފައިގެން ފިލާނަމޭ ހިތާތަ ތިއުޅެނީ…” ހިޒްޔާންގެ އަތުގެތެރޭގައި އޮތް މިލާންގެ އަތްތިލައަށް ބާރުވެގެންދިޔައިރު ރުޅިވެރިކަމާއިއެކު އެދުލުން ބޭރުވި ބަސްތަކާއިއެކު މިލާންގެ މޫނުމަތީވީ ހައިރާންކަން އެހެން ކުލައެއް އިހުތިޔާރު ކުރިއެވެ.

“އެހެންތަ… ކަލޭ ހީކުރަނީ މަމިއުޅެނީ ކުރާނޭކަމެއް ނެތިގެންކަމަށްތަ؟” ހިޒްޔާންގެ މުށުގެތެރެއިން އަތްތިލަ ދަމައިގަތް ގޮތަށް މިލާން އަތުގައި އޮތް ރިމޯޓަށް ބާރުކޮށްލިއެވެ. އޭނަގެ ހޫނު ނަޒަރު ހިޒްޔާންގެ މޫނަށް ހުއްޓުނުއިރު ރިމޯޓުން ޖެހިޖެހީނުން އެ މޫނުމަތީގައިވާ ބޮޑާކަން ފިލުވާލަން ހިތްއެދުނެވެ. ދެވަނަ ފަހަރު އެރީތި މޫނަށް އެހެންމީހަކަށް ބަލަން ނުކުރެވޭވަރުކުރަން ބޭނުންވިއެވެ.

“ކަލެއޭ…” އުމުރުގައި ފުރަތަަމަ ފަހަރަށް އެހެން މީހެއްގެ ފަރާތުން އިވުނު ބަދުބަހާއިއެކު ހިޒްޔާންގެ ދެލޯހަނިވެގެން ދިޔައެވެ. މިވީހާތަނަށްވެސް މީހަކު އެހާ ދަށްބަހުރުވަައަކުން އޭނައާއި ވާހަކަދައްކާފައެއް ނުވެއެވެ. ނަމަވެސް ކުރިމަތީގައި ހުރި ނުދަންނަ ކުއްޖާގެ ހިތްވަރު ފެނި އޭނަގެ ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭ ހޫނުވެގެން ކެކިއެރިފަދައެވެ.

“ތިކަހަލަ މީހުންނަށް ހެޔޮ ކަމެއްކޮށްދިނުމެއްވެސް ނޯވެއޭދޯ… ދެން ނިކަން މި ހޯދަބަލަ…” މިލާން ދަތްތަކަށް ބާރުކޮށްލި ގޮތަށް ހިޒްޔާންއަށް އެބަސްތަކާއިމެދު ވިސްނާނެ ފުރުސަތެއްވެސް ދިނުމެއްނެތި ގައިހުރިބާރުލާފައި އަތުގައި އޮތް ރިމޯޓް އަތުގެ ކޮޅަށް ހޫރާލިއެވެ.

“ވަޓް… މޮޔަވީތަ…” ބިމުގައި ޖެހުނު ބާރުމިނުގައި ކުދިކުދިވެގެންދިޔަ ރިމޯޓްގެ އެތިކޮޅުތަކަށް ބަލަހައްޓައިގެން ހުރެފައި މިލާންގެ މޫނަށް ބަލާލިއިރު ހިޒްޔާންގެ މޫނުމަތީން ފެނުނީ މިލާންގެ އެ ޖެހިލުންކުޑަކަން ޤަބޫލުނުކުރެވިފައިހުރިކަމުގެ އަސަރުތަކެވެ.

“ހުއް… މިހާރު ހުންނާނެ އެއްޗެއް ވިސްނިފައި… މީނަގެ ނަމުގެ ފަހަތަށް އެ އައިޝަމެއްގެ ނަން އަންނާތީ ހީވާކަހަލަ ތިމާވަރެއްނެތޭ…” މިލާން ހިޒްޔާންއަށް އިވޭވަރަށް ކުދިކިޔަމުން ކުރިއަށް ހިނގައި ގަންނަމުން ހިޒްޔާންގެ ކާރަށް ބޮޑި އެއްބޭލިއެވެ. ހިޒްޔާންގެ ބޮޑާއިކަމާއި ފޮނިކަން ހަމަލޮލަށް ފެނި އޭނަގެ އައިސްފައިހުރި ރުޅި މައިތިރިކުރަންވެސް އުނދަގޫ ވިއެވެ. އެންމެ ފުރަތަމަ ބައްދަލުވުމުން ވެސް ހިޒްޔާންއާއިމެދުގައި ހިތުގައި ފޫހިކަމެއް އުފެދިގެން ހިނގައްޖެއެވެ. ބައްޕަގެ ފަރާތުން އޭނައަށް އިވުނު ވާހަކަތަކަކީ ހަމަ ތެދެކެވެ. އައިޝަމްގެ ހުންނަ ބޮޑާކަމާއި ފޮނިކަން އޭނަގެ ދަރިއަށް ވާރުތަ ނުވުމަކީ ނުވާނޭކަމެކެވެ. އައިޝަމްގެ ނަން ހިތަށް އައުމާއިއެކުވެސް މިލާންގެ ހުރިހާ ނާރުތަކެއްގައި ރުޅިވެރި ކަމެއް ދުވެލައިފިއެވެ.

މިލާންގޮސް އޮބާލަންދެން ބަލަހައްޓައިގެންހުރެފައި އަމިއްލަ ހޭވެރިކަން ގެއްލުނުފަަދައަކުން ހިޒްޔާންއަށް ހަޅޭލަވައިގަނެ ވުނެވެ. ބިންމަތީގައި ބޫޓުން ޖެހިގޮތަށް އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ދެތިންފަހަރު ފޯން ރިންގްވެފައި ކެނޑުނުއިރުވެސް އައިކަން ފޯނުނުނެގުމުން ހިތްހަމަނުޖެހުނުވަރުން ހިޒްޔާންގެ ދެބުމަދޭތެރެއަށް ރޫތައް އަރައިގެންދިޔައެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރެ ކާރުގެ ބޮނެޓުގައި ލެގިލަމުން އޭނަ އިސްއުފުލާ އުޑާއިދިމާލަށް ބަލާލީ ދުނިޔެ މައްޗަށް ކުއްލިއަކަށްވެރިގެންދިޔަ އަނދިރިކަމުގެ ސަަބަބު ދެނެގަންނަން ބޭނުންވެފައިހުރެއެވެ. ދާދި ދެންމެއަކާއި ޖެހެންދެން ވިލާރޮއްޖެއްގެ އަސަރުވެސް ނެތި ސާފުކޮށް އޮތް އުޑުމައްޗަށް އެއްވަމުންދިޔަ ވިލާތައް ފެނި ހިޒްޔާންއަށް މޫނަށް ފޫހި ވައްތަރެއް ޖައްސާލެވުނެވެ. މޫސުމްވެސް އޭނައަށް އެއްބައި ނުވާންއުޅޭކަމުގެ ނިޝާންތައް ފެނި އޭނަ އިތުރަށް ހޫނުވާގޮތް ވިއެވެ.

ސަލާމަތްވާނޭ ފުުރުސަތެއްވެސް ދިނުމެއްނެތި އައި ބާރުވަޔާއިއެކު ކެރިގަނޑު އޮއްސާލުމުން ހިޒްޔާން ޖީބަށް އަތްޖަހާލި ގޮތަށް ދުވެފައި ގޮސް އެންމެ ކައިރިއަށް ހުރި އަސްކަނިދޮށަށް ދެމިގަތެވެ. އޭރު ވާރޭގެ ހަަމަލާއިން އެ ހަށިގަނޑުގެ ބޮޑުބައެއް ފޯކޮށްލައިފައިވެއެވެ. ތެމިގެން ބުރަކަށްޓަށްވާގޮތަށް ތަތްލަވާފައި އޮތް ޖެކެޓް ކޮނޑާއި ވަކިކޮށްލިގޮތަށް ހިޒްޔާން ފެންތިކިތައް ހަރުލާފައިވާ އިސްތަށިގަނޑު ދުރަށް ފޮޅާލިއެވެ. އެހެން ހުރެފައި މޫނު އެއްފަރާތަކަށް އަނބުރާލި ވަގުތުކޮޅު އޭނާގެ ނަޒަރު ފަހަތުން ފެންނަމުން ދިޔަ އިމާރާތަށް ދަތުރުކުރިއެވެ. އެއިމާރާތުގެ އެންމެ ތިރީބައިގެ ފާރުތައް ބިއްލޫރިން ވާއިރު އެތެރޭގެ މަންޒަރުތައް ނުހަނު ރީތިކޮށް ފެނެއެވެ. ހަވީރުގެ އެވަގުތު ކެފޭއެއްގޮތަށް ހަދާފައިވާ އެކުޑަތަންކޮޅު އޮތީ މީހުންތަކުން ފުރިބާރުވެފައެވެ. އިރުކޮޅަކަށް އެއިމާރާތަށް ހުއްޓާލައިގެން ހުރި ނަޒަރު ވަކިކޮށްލުމާއިއެކު ކަންފަތުގައި ޖެހުނު އަޑާއިއެކު ހިޒްޔާންއަށް އަލުން އެ އިމާރާތާއި ދިމާލަށް ބަލާލެވުނެވެ.

“ޔުމްނު”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Niraa

Level 6100 Login10 Stories

Author of Vakivee loabin, Beeveema and Edhigen Kalaa Libeythw

Other Articles

Previous

ކަޅު ބުޅާ 14

Next

ހިތުގެ ނާރުތަކުގާވެސް ތިބާ… 18

Next
July 31, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 18

Previews
July 30, 2025

ކަޅު ބުޅާ 14



All Right Reserved!