Skip to content
އެސްފިޔަ

ތަޤުދީރު

”ޝާއީ އަވަސްކޮށްބަލަ..މިހާރު ކިހާ އިރެއް ތައްޔާރުވާން ދިޔަތާ. މި އަންހެންވެރިން ގޮވައިގެން ތާކަށް ދާކަށް އުޅޭކަށްނުވާނެ.” އެއިވުނީ އަހަރެންގެ ލޯބިވާ ފިރިމީހާގެ އަޑެވެ. އެއީ އާދައެވެ. ބޭރަށް ދެ މީހުން އެއްކޮށް ދާނަމަ އެއީ ޝާހިދުގެ އަބަދުގެވެސް ޝަކަުވާއެވެ. އަހަރެން ތަތް ވާ ވާހަކަ އެވެ. ލަސްވާހަކައެވެ. އެހެންނަމަވެސް އެވާހަކަތަކަށް މާބޮޑު ސަމާލުކަމެއް އަހަރެން ނުދެމެވެ. އެއީ ޝާހިދު ރުޅިއައިސްގެން ބުނާ އެއްޗެއް ނޫންކަން އަހަރެންނަށް އެނގޭތީއެވެ. ”މި ނިމުނީ..ހަމަ އެންމެ މިނެޓެއް. ކުޑަކޮށް ސެންޓްކޮޅެއް ބުރުވާލައިގެން މިނުކުންނަނީ” އަހަރެން ބުނީމެވެ. ތައްޔާރުވެގެން ނުކުތްއިރު ސިޓިންގރޫމް ސޯފާގައި އަހަރެންގެ އިންތިޒާރުގައި ޝާހިދު އިނެވެ. ”ހިނގާ އަވަހަށް ދާން. އަދި ފިހާރައަކަށް ވަދެ އެއްޗެއް ގަނެލައިގެންނެއްނު ދެވޭނީވެސް” އަހަރެން ބުނީމެވެ. ” އާނ ދެން ކިޔާނެ އަވަސްކުރާށޭ. މަ އެކަނި ދާން އުޅޭ ތަނެއް ނަމަ މިހާރު ގޮއްސަ އަންނަހާ އިރުވެއްޖެ” ޝާހިދު ޖަވާބު ދިނެވެ. ” އޯކޭ އޯކޭ މަ ދޫކޮށްލީ. ސޮރީ ފިރިކަލުން” ޝާހިދުގެ ކޮނޑުގައި ޖަހާލަމުން އަހަރެން ބުނީމެވެ. އެއާއި އެކު ޝާހިދު ސައިކަލް ދުއްވާލިއެވެ. އަހަރުމެން ދިޔައީ އަހަރެންގެ ތިމާގެ ކުއްޖަކު ވިހައިގެން އޮތުމުން އޭނާއަށް ގޮވާލަން އޭ.ޑީ.ކޭ ހޮސްޕިޓަލަށެވެ.

ޝާހިދު އާއި އަހަރެންގެ ކައިވެންޏަށް މިހާރު ފަސް އަހަރު ވެއްޖެއެވެ. ދެ މީހުންވެސް ކައިވެނިކުރީ ރައްޓެހިވެގެން އަހަރެއްހާ ދުވަހު އުޅުމަށްފަހުގައެވެ. ދެމީހުންގެ ގުޅުމަށް ދެފަރާތުގެ އާއިލާއިންވެސް ރުހުމާއިއެކު ލަސްނުކޮށް ކައިވެނިކުރީއެވެ. ޝާހިދު އަކީ މާލޭ މީހަކަށްވެފައި، އަމިއްލަ ގެ ދޮރު ހުރުމުން ކައިވެނިކޮށްގެން އަހަރެން ބަދަލުވީ ޝާހިދުމެން ގެއަށެވެ. އެގޭގައި ޝާހިދުގެ އިތުރުން އޭނާގެ މަންމައާއި ބައްޕަ އަދި ޝާހިދުގެ ބޭބެ އާއި އޭނާގެ އަންހެނުން ނާއި ޝާހިދުގެ ކޮއްކޮ އުޅެއެވެ. އެ އާއިލާއަކީ އެކަކު އަނެކަކާއި ވަރަށް ގުޅުން އޮންނަ އެއްބައިވަންތަ އާއިލާއެކެވެ. އެކަން ވީ އަހަރެންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ކަމަކަށެވެ. ޝާހިދުގެ މަންމައާއި ބައްޕަ އަހަރެންނާއި ބޭބެގެ އަންހެނުންނާއި ވަކި ތަފާތެއް ނުކުރެއެވެ. ދެމީހުންނަށް ވެސް ކަންތައްކުރަމުން އައީ އަމިއްލަ ދަރިންނާއި މެދު ވެސް ކަންތައް ކުރާ އުސޫލުންނެވެ. އެހެންކަމުން ކަންނޭނގެއެވެ. ފަހަރިއާއި އަހަރެންގެ ގުޅުން ނުހަނު ރަނގަޅެވެ. އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިން ފަހަރިވެސް އަހަރެންނާއި މެދު ކަންތައްކުރެއެވެ.

އަހަރެމެން ގެ ކައިވެންޏަށް ފަސް އަހަރު ވީ އިރުވެސް  ދަރިއަކު ނުލިބެއެވެ. އެހެންނަމަވެސް ދެމީހުންވެސް އުއްމީދު ކަނޑައެއް ނުލަމެވެ. އަދި ވަގުތު ނުޖެހެނީކަމުގައި ހިތަށް އަރާ މާތްﷲ އަށް ވަކީލުކޮށް ހިތްހަމަ ޖައްސާލައިގެން އުފާވެރިކަމާއެކު ދުވަސްތައް ހޭދަކުރަމުން ދިޔައީމެވެ. ކައިވެނީގެ މިހާތަނަށް އައި އިރުވެސް ދެ މީހުންގެ މެދުގައި ހައްލު ނުކުރެވޭ ވަރުގެ ބޮޑު މައްސަލައެއް ނުޖެހެވެ. ކުދި ކުދި ކަންތަކާއި ހިތްހަމަ ނުޖެހޭ ފަހަރު ނާދެއެކޭނޫނެވެ. އެހެންނަމަވެސް ދެމީހުންެވެސް ވާހަކަ ދައްކަައިގެން އެފަދަ ވަގުތު ކަންކަން ހައްލުކުރަމެވެ. ގޮތް ދޫނުކޮށް ގޮތުގައި ހިފަހައްޓައިގެން ތިބުމަކީ އަހަރެންވެސް އަދި ޝާހިދުގެވެސް މިޒާޖެއްނޫނެވެ. އޭގެ ނަތީޖާކަންނޭނގެއެވެ. ފަސްއަހަރު ވެގެން ދިޔައިރުވެސް އަހަރެމެންގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާދެއެވެ. ދެހިތުގައި އޮތް ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރަމުން އައި އިތުބާރަކަށްވެސް އެއްވެސް ކިލަނބުކަމެއް ނާދެއެވެ. އެހެންވެ ކައިވެނީގެ ގޮށް ދުވަހެއް ދުވަހަކަށް ދިޔައީ ބާރުވެ ވަރުގަދަ ވަމުންނެވެ.

އަހަރެންނާއި ޝާހިދު ދިމާވީ އެއް އޮފީހެއްގައި މަސައްކަތްކުރުމުގެ ތެރެއިންނެވެ. މަސައްކަތުގެ މާހައުލުން ބައްދަލުވެ އެކުވެރިކަން އުފެދި އެ އެކުވެރިކަމުގައި ލޯބީގެ ކުލަޖެހުނީއެވެ. އެހެންނަމެވެސް ކައިވެންޏަށްފަހު އަހަރެން އޮފީހަށް ނުކުތުމަކީ ޝާހިދު އެހާ ހިތްހަމަ ޖެހޭކަމަކަށް ނުވާތީ އޮފީހުން ކެނޑުނީމެެވެ. އަހަރެން އޮފީހަށް ނުދިޔަސް ޝާހިދުއަށް ލިބޭ އާމްދަނީން އަހަރެމެންނަށް ފުދިފައި ފަހަށް ރައްކާވެސް ކުރެއެވެ. ފުރަތަމަ ކޮޅު ވަރަށް ފޫހިވިއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެގޮތާއި އަހަރެންވެސް އާދަވިއެވެ. ގޭތެރޭގެ މަސައްކަތުގައި ފަހަރި އާއި ދެމީހުން އުޅެން ފެށުމުން އަހަރެންގެ ފޫހިކަން ފިލަންފެށިއެވެ. ފަހަރި އަކީ ބޮޑު އަނގައެއް އޮންނަ މަޖާ މިޒާޖެއްގެ މީހެއްކަމުން ގޭތެރޭގައި އަހަރުމެން ދެމީހުން ގެ ސަކަރާތްޖެހުން އޮވެއެވެ. ފަހަރި ދައްކާ ވާހަކަތަކުން އަހަރެން ހީހީ ހަލާކުވާ ވަރުވެއެވެ. އަހަރެންނަކީ ހޭން ނޭނގޭ މީހެކެވެ. ހޭން ފަށައިފިއްޔާ ހުއްޓާލުމަކީ ވަރަށް އުނދަގޫކަމެކެވެ. ބައެއް ފަހަރު އަޑުގަދަވެގެން މައިދައިތަވެސް ނުކުމެވެއެވެ. މިފަދަ ވަގުތުތަކުގާ އެންމެފަހުން ނިމެނީ އަހަރެމެންގެ ސަކަރާތުގައި މަންމަވެސް ބައިވެރި ކޮށްގެނެވެ.

އަަހަރެންގެ ޝެޑިއުލް ހަމަޖެހިފައި އޮންނަގޮތުން ކޮންމެ ހޮނިހިރު ދުވަހަކީ އަހަރެންގެ މަންމަމެން ގާތަށް ދިއުމަށް ރަސްމީކޮށް  ހަަމަ ޖައްސާފައި އޮންނަ ދުވަހެވެ. އެ ދުވަހު ހެނދުނު އަހަންނާއި ޝާހިދުވެސް މަންމަމެން ގެއަށް ދާ ގޮތަށް އަހަރެމެން އަންނާނީ އެ ރޭ ރޭގަނޑުގެ ކެއުމަށްފަހުއެވެ. އެ ދުވަހު އަހަރެންގެ ގެއަށް ހީވާނީ ކުޑަވަރެއްގެ އީދެއް އައިސްގެން އުޅޭ ހެންނެވެ. އަހަރެންގެ ދޮންތައާއި ދޮންތަ ފިރިމީހާ އާއި ކުދިންވެސް ހޮނިހިރު ދުވަސްކަމުން ގޭގައި ތިބޭތީ އަހަރެންނާއި އެކު އާއިލާ އެއްކޮށް ފުރިހަމަވާ ދުވަހަކަށް އެ ދުވަސްވާތީއެވެ. މަންމައާއި ދޮންތަވެސް އެދުވަހަށްޓަކައި ޚާއްސަކޮށް ތައްޔާރުވެއެވެ. ޝާހިދުއާއި އަހަރެންގެ އާއިލާގެ ގުޅުންވެސް ވަރަށް ރަނގަޅެވެ. އަހަރެން އިސްވެ ނުބުނިކަމުގައިވިޔަސް މަންމެން ކައިރިއަށް ގޮސް އުޅޭނެއެވެ. އަހަރެންގެ އާއިލާއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އަމިއްލައަށް ފެނިގެން  އެހީތެރިކަން ދީ ހަދާނެއެވެ. މިހެން ވުމުން އަހަރެންގެ އާއިލާ މީހުންގެ ކުރިމަތީގައިވެސް ޝާހިދުވަނީ އެމީހުން ވަރަށް ރުހޭ މީހަކަށެވެ. އާއިލާތެރޭ އެއްވެސް ކަމެއް ޝާހިދުއާއި މަޝްވަރާނުކޮށް އެމީހުންވެސް ނުނިންމާނެއެވެ. މިފަދަ ހުރިހާ ކަމަކުން ޝާހިދުއާއި މެދު އަހަރެންގެ ހިތުގައި އޮތް ލޯބި އިތުރުވެފައިވެއެވެ. އެއީ މިޒަމާނުގައި މަދުން ނޫނީ ނުލިބޭ ފަދަ ރަނގަޅު ފިރިއެކެވެ. އެފަދަ ފިރިއަކު ދެއްވީތީ އަބަދުވެސް އަހަރެން ޝުކުރުވެރިވަމެވެ.

އަހަރެމެންގެ ހަޔާތް ވަރަށް އުފާވެރިއެވެ. ހިތާމަ ނުވެސް ދަންނަކަހަލައެވެ. އެފަދަ ދުވަހަކަށް އަހަރެން ތައްޔާރެއްވެސް ނުވަމެވެ. އެއަށްވުރެން އަހަރެން މާއުފާވެރިއެވެ. މި އުފާވެރިކަން ދެގުނައަަށް އިތުރުވެގެން ދިޔައީ އެހަބަރެއް ލިބުމަށް އެދި އަހަރެމެން އެތައް ދުވަހެއް ވަންދެން އިންތިޒާރުކޮށް، ދުއާކުރި ހަބަރު ލިބުމާއިއެކުއެވެ.  ހެނދުނު ހޭލިއިރު ބޮލަށް ފާޑެއްގެ ގޮތެއް ވެފައި ހުންނާތީއާއި މޭނުބައިކޮށް ހޮޑުލަވާގޮތްވެފައި ހުންނާތީ ދޮންތަގާތު އެވާހަކަ ދެއްކުމުން ދޮންތަ އަހަރެން ގާތު ޓެސްޓު ހެދުމަށް ބުނުމުން  ޓެސްޓްހެދިއިރު ދެއްކީ ޕޮޒިޓިވްކަމަށެވެ. އަހަރެން އެންމެ އުއްމީދު ކުރި ދުވަސްވެސް އައީއެވެ. އަހަރެން މަންމައަށް ވަނީއެވެ. އުފަލުންގޮސް ހުރެވުންތަންވެސް އަހަރެންނަކަށް ނޭނގުނެވެ. އަހަރެން އަވަސްވެގަތީ އެ ޚަބަރު ޝާހިދުއަށް ދޭށެވެ. އެހެންނަމަވެސް ކުއްލިއަކަށް ޚިޔާލު ބަދަލުވިއެވެ. އަހަރެން މިވާހަކަ ބުނާނީ ޝާހިދު އޮފީހުން އައީމާ މިރޭ ދެމީހުން އެއްކޮށް ބޭރަށް ގޮހެވެ. ކުޑަކޮށް އޭނާ ތަޅުވާލާފައެވެ. މިހާ އުފާވެރި ޚަބަރެއް ޝާހިދުއަށް ދޭން އަހަރެން ބޭނުންވީ ވަރަށް ޚާއްސަކޮށެވެ. އެހެންކަމުން އެކަމަށް ތައްޔާރުވުމަށްޓަކައި  ޝާހިދުއަށް ގުޅަން ނެގި ފޯނު ބޭއްވީމެވެ.

އެހެންނަމަވެސް…އަހަރެމެން ރާވާ ގޮތަށް ބައެއް ފަހަރު ކަންތައްތައް ނުވެދެއެވެ. މީހުން ބުނެއެވެ. އެއްވެސް މީހަކަށް އަބަދަކު ހުސް އުފާވެރިކަން ތަޖުރިބާކުރާކަށް ނުލިބޭނެއެވެ. ކޮންމެވެސް ދުވަހަކުން އެމީހާއަށް ހިތާމަތަކާއިވެސް ކުރިމަތިލާންޖެހެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އެހެންނަމަވެސް މިކަމަށް ތައްޔާރުވާން އަހަރެމެންނަކަށް ނޭނގޭނެއެވެ. ހަޔާތުގައި އެންމެ ބޮޑު އުފާލިބޭ ވަގުތުވެސް  މިފަދަ ހިތާމަތަކާއި ކުއްލިއަކަށް ކުރިމަތިލާންޖެހޭތީއެވެ. އުއްމީދުނުކޮށް ހުއްޓާ ކުއްލިއަކަށް ހަޔާތުގެ ހުރިހާ ކަމެއް ބަދަލުވެގެން ދާތީއެވެ. . އުފާވެރިކަމާއިއެކު ހޭދަކުރަމުންއައި އަހަރެންގެ ހަޔާތުގައިވެސް މިވަގުތާއި ކުރިމަތިލާންޖެހިއްޖެއެވެ. އެފަދަ ހަބަރަކަށް އުއްމީދުވެސް ނުކޮށް ހުއްޓައެވެ.

އަހަރެން ހުރީ ބަދިގޭގައި ރޮށި ފިހަން ފުށް މޮޑޭށެވެ. ހެނދުނު ފިހުނު ރޮށި ހުސްވެފައި ހުރުމުން ޝާހިދު އޮފީހުން އަންނަށް ވާއިރަށް ރޮށިފިހާށެވެ. ކުއްލިއަކަށް އަހަރެންގެ މޮބައިލް ރިންގްވާންފެށިއެވެ. ކުރަންހުރި ކަންތައް މެދު ކަނޑާލުމަށްފަހު ފޯނާއިދިމާއަށް ދުއްވައިގަތީ ޝާހިދުގެ ކޯލެއްކަމަށް ހީކޮށެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޮފީސް ނިންމާފައި ގެއަށް އައުމުގެ ކުރިން އެއްވެސް އެއްޗެއް ބޭރުން ގެންނަށްޖެހޭތޯ ބަލަން ގުޅާނެއެވެ. އެހެންނަމަވެސް ފޯނުގެ ސްކްރީނަށް އަރާފައި އިނީ ނުދަންނަ ނަމްބަރެކެވެ. އަހަރެން ފޯނު ނެގީމެވެ. އެއާއިއެކު ލިބުނު ޚަބަރުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ ހުރެވުންތަންވެސް އަހަރެންނަކަށް ނޭނގުނެވެ. އަހަންނަށް ދުއްވައިގަނެވުނީ ހޮސްޕިޓަލާއި ދިމާއަށެެވެ. މަގުމަތިން ޓެކްސީއެއް ހުއްޓުވުމަށް ފަހު އެއަށް އަރައިގެން އައި.ޖީ.އެމް. ހޮސްޕިޓަލަށް އަހަރެން ދިޔައީމެެވެ. މީހާއަށް ހުރެވުނު ގޮތާއިމެދުވެސް ވިސްނައެއް ނުލެވުނެވެ. ގޭތެރޭގައި ލާންގެންގުޅޭ ހެދުން ގަނޑާއި އެކު، މޮޑެން ހުރި ފުށްތައްވެސް އަތުގައި ކޮންމެވެސް ވަރަކަށް ތަތްލާފައި ހުއްޓެވެ. އެއިން އެއްވެސް ކަމަކަށް އަހަރެންގެ ފަރުވާލެއްނެތެވެ. އަހަރެން ހޮސްޕިޓަލަށް ދިޔައިރު  އިމަޖެންސީ ރޫމް ކުރިމަތީ އަހުމަދު ހުއްޓެވެ. އެއީ އަހަރެންގެވެސް އަދި ޝާހިދުގެވެސް އޮފީސް ރަހުމަތްތެރިއެކެެވެ. ”ކޮބާ ޝާހިދު.. ކިހިނެއްވީ..ވަރަށް ބޮޑުވަރުވިތަ” އަހަންނަށް ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލެވުނެވެ. ” ކުއްލިއަކަށް ގޯޅިން ނުކުތް ސައިކަލެއްގަ ޖެހުނީ..އަހަރުމެން ދެ މީހުން އައީ އެއްކޮށް”. އަހުމަދު ބުންޏެވެ. އެވަގުތު އިމަޖެންސީ ރޫމް ދޮރުހުޅުވާލާފައި ޑޮކްޓަރުނުކުތެވެ. ”ޑޮކްޓަރު އަޅުގަނޑުގެ ފިރިމީހާ ކިހިނެއްތޯ” ޑަކްޓަރު ދެއްވި ޖަވާބުން އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. މޮޔައަކުފަދައިން އެތާ ހުރެ އަހަންނަށް ބާރަށް ރޯން ފެށުނެވެ. އެތައްބަޔަކު އެތާ ތިބިކަމެއްވެސް އަހަރެން ހަނދާނެއްނެތެވެ. އަހުމަދު އަހަރެން މައިތިރިކުރެވޭތޯ އުޅެންފެށިއެވެ. އޭރު ޝާހިދުގެ އާއިލާއާއި އަހަރެންގެ އާއިލާވެސް ހޮސްޕިޓަލަށް އައިސްފިއެވެ. އެމީހުންނަށް ހަބަރު ލިބުން ގޮތެއް ނޭނގެއެވެ. އެންމެންވެގެން އަހަރެން ހަމައަކަށް އެޅުވޭތޯ އުޅުނެވެ. ފަހަރިއާއި ދޮންތަ އަހަރެން ގޮވައިގެން އެތަނުން ދުރަށް ގޮސް އެކި އެކި ވާހަކަތައް ދައްކަން ފެށުމުން އަހަރެންގެ ރުއިން ހުއްޓުނެވެ.

ޝާހިދު އައި.ސީ.ޔޫގައި އޮންނަތާއި މިއަދަށް މިއީ ދެވަނަ ދުވަހެވެ. ހާލަތު ރަނގަޅުވަމުން އަންނަތަނެއްނުފެނެވެ. ޑޮކްޓަރުންވަނީ އުއްމީދު ކަނޑާލާފައެވެ. އެހެންނަމަވެސް އަހަރެން އަދިވެސް އުއްމީދު ކަނޑައެއްނުލަމެވެ. އިންސާނުން އުއްމީދުނުކުރާ ކިތައްކަންތައް މި ދުނިޔޭގައި ވޭ ހެއްޔެވެ.؟ އެންމެ ފަހުވަގުތާއި ހަމައަށްވެސް އަހަރެން އުއްމީދުކުރާނަމެވެ. އެހެންނަމަވެސް …ތިންވަނަ ދުވަސް ވީ ޝާހިދުގެ ހާލު އިތުރަށް ގޯސްވި ދުވަހަކަށެވެ. ޑޮކްޓަރުންކުރި މަސައްކަތުން ޝާހިދުގެ ފުރާނަ އެމީހުނަށް ސަލާމަތެއް ނުކުރެވުނެވެ. އަހަރެންނާއި އާއިލާ އަދި ލިބެން އުޅޭ އަހަރެމެންގެ ދަރިފުޅު ދޫކޮށް ޝާހިދު މި ދުނިޔެއާއި ވަކިވެގެންދިޔައީއެވެ. އާ ސަހަރާގައި ޝާހިދުގެ މޫނު ދައްކެމުގެ ކަންތައް ނިމެންދެން ވަރަށް ހިތްވަރު ކޮށްފައި އަހަރެން އެތާއިނީމެެވެ. ހުރިހާ އެންމެންގެ ހިތްވަރުގެ ބަސްތަކާއިއެކުގައެވެ. އެހެންނަމަވެސް ޝާހިދުގެ މޫނު އެޅި ވަގުތު އަހަރެންނަށް ބާރަށް ރޮއިގަނެފައި އެދިމާއަށް ދުއްވައިގަނެވުނީ ނޫނެކޭ ބުނަމުންނެވެ. ދެން ވީ ގޮތެއް އަހަރެންނަކަށް ނޭނގެއެވެ. ހޭ އިރު އިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ.

މިއީ ދުނިޔޭގައި ކަންތައް ހިނގަމުންދާ އުސޫލެވެ. ފަސް އަހަރު އެކުގައި އުޅުމަށްފަހު ޝާހިދު އެންމެ އަޑުއަހަން ބޭނުންވި އުފާވެރި ޚަބަރު އަޑުއެހުމުގެ ނަސީބު ނުލިބި ދުނިޔެ ދޫކޮށް ދާންޖެހުނީއެވެ. އެދުވަސްވެސް ނުދެކިއެވެ. އެފަދަ ކަމަކަށް އުއްމީދުވެސް ނުކޮށް ހުއްޓައެވެ. . ނުވަމަސް ފާއިތުވެގެން ދިޔައިރު މިހާރު އަަހަންނެއް ނުރޮމެވެ. އެހެންނަމަވެސް ޝާހިދު ވަކިވުމުގެ ހިތާމަ އަހަރެންގެ ހިތުގައި އަދިވެސް ތާޒާކަމާއެކުވެއެވެ. ޝާހިދުނެތުމުގެ ފަޅުކަން އިހުސާސްނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. މިއަދު އޭނާ ހުރިނަމަ އުފަލުން އުޅޭނެ ގޮތެއްވެސް ނޭނގެއެވެ. އެ ޚިޔާލުތައް އައުމާއިއެކު އަހަރެންގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ފައިބައިގަތެވެ. އެހެންނަމަވެސް ދެން އަހަންނެއް ނުރޯނަމެވެ. އަހަރެންގެ އަތުގައި މިވާ އަހަރެމެންގެ ދަރިފުޅަށްޓަކައިވެސް އަހަރެން ކެތްކުރާނަމެވެ. މިއަދު ޝާހިދު އަހަރެންގެ ގާތު ނެތުން އެއީ އަހަރެންގެ ތަގުދީރުގައި އޮތް ގޮތްކަމަށް ބަލާ އެގޮތާއި އަހަރެން ރުހޭނަމެވެ. މިދުނިޔޭން އަހަރެން އެންމެ ލޯބިވި މީހާ އަހަންނާއި ވަކިވިއިރު، އަހަރެން އެންމެ ލޯބިވާ ދެވަނަ ފަރާތް ލިބުމުގެ ނަސީބު އަހަންނަށްލިބިއްޖެއެވެ. އެކަމަށް އަހަރެން ޝުކުރުވެރިވާނަމެވެ. އިރާދަކުރެއްވިއްޔާ މި ދަރިފުޅާއެކު އަހަރެންގެ ހަޔާތުގައި ކުރިއަށް އޮތް ދުވަސްތައް އުފާވެރިވާނެއެވެ.

އެކުވެރިންނޭވެ. އަހަރެންގެ ހަޔާތުން ތިޔައިން ކޮންމެ އެކުވެރިއަކަށްވެސް ލިބުނު މެސެޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފާށެވެ. އުއްމީދުވެސް ނުކޮށް ހުއްޓާ ތިމާ ނުވަތަ ތިމާގެ އެންމެ ލޯބިވާ، އެންމެ ގާތް ފަރާތާއި ވަކިވާންޖެހިދާނެކަމަށް ތައްޔާރުވެ ހުންނާށެވެ. ކޮންމެ ވަގުތަކުވެސް މިދުނިޔެ ދޫކޮށް ދާން ޖެހިދާނެކަމަށް ތައްޔާރުވެ، އެދަތުރަށް ބޭނުންވާނެ އެންމެހާ ތައްޔާރިއެއްވެގެން  ހުންނާށެވެ. މިއަދުގެ މިވަގުތުވެސް ދާންޖެހިދާނެއެވެ. އޭރުން އިރާދަކުރެއްވިއްޔާ ތިބާވާނީ ދެ ދުނިޔޭގައިވެސް ބާއްޖަވެރިއަކަށެވެ.

 

 

 

Comments (11)

  1. mice

    varah reethi mi stry vex….

  2. misty

    Varah reethi ☺

  3. melaanee

    real str eh tha

  4. Anonymous

    Haadha Hadi ey . Mee dhen koacheh.

    1. BODU UDHAGULEH
      Anonymous

      thi anga ah vureh rythi.. anonymous aa shabee thee myhnge thereyge fithuna ufahdhan ulheymyhun dhw.. hadi ehchehi kiyanvx ehvana hoadhaane thi couple.. bunch off…

    2. Leyla
      Anonymous

      Thibuny hama rangalhah. Mi myha ah ryn ge vaahakathah fiyavaa ithuru vaahaka eh rythi kamakah nuvaane. Varah ryn aa shabee vegn ulheynii. Shabee aa dhimaalah kurin ehchehi kiyaafa shabee vareh nethign mihaaru ulheniii. Mi myhaage udhagoo knme vaahaka ehgavxx. Get a life idiot

  5. Kai

    Varah reethi 😛

  6. sam

    Mi varah bodu gulha vaahaka ehh.. mi haadhisaa ge mahchah ethah vaahaka eh kiyaifin

  7. Ryn

    oh my…… m stil cryin… its so emotional.. stil cnt cntrl it… vrh vrh vrh rythi mivaahaka.. gud lck. lukin frwrd to ryd mre stries frm u..

  8. Niha

    Ibraiy theri vaahakyeb

  9. kala123

    Thanks.The story is quite well written although the theme is common- place. I feel the story would be better with a happy ending.Let Shahid recover from the accident, after a prolonged illness, with Shahi’s unremitting care and prayers, reinforcing their bond of love and drawing them even closer. Also, may I point out the correct spelling of your chosen pen name(Blackbeuty) is Blackbeauty unless you are purposely using the wrong spelling for some strange reason known only to yourself. I do hope that you take my criticisms and suggestions positively. Previously, on a few occasions, I have expressed my opinions of some stories , none of yours though, under a defferent name, but realising that the contributing young writers of the website want only praise and took badly to criticisms, I stopped commenting. You can and will improve your stories with experience, even more quickly if you read your stories to your friends and ask to critique them for your benefit prior to publication.I do hope that you continue writing stories and wish you success. I have taken liberty in expressing my opinions in English finding it so messy to write in this column in Dhivehi, which is, of course, my preference.

Comments are closed.