Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދިގެން ކަލާ ލިބޭތޯ

Niraa Level 5100 Login10 Stories
July 23, 2025 5 Mins Read
4 Comments

ތަޢާރަފް

އިރުއެރުމުގެ ނިޝާންތައް މަޑުމަޑުން އުދަރެހުން ފާޅުވާންފެށިއިރު ފަތިސްނަމާދަށްފަހު ސަހަރާގައި ކުރިއަށްދިޔަ ޖަނާޒާގެ އެންމެފަހުގެ ވާޖިބުތައް އަދާކުރުމުގައި ސަހަރާތެރޭ ކޮންމެވެސްވަރަކަށް މީހުން ހޭލަމޭލަވަމުންދިޔައެވެ. ނެތް ހިތްވަރު ނެރެގެން މައްޔިތާގެ މައްޗަށްވާ އެންމެ ފަހުގެ ހައްޤުތައް އަދާކުރުމުގައި އާއިލާ މެންބަރުން އުޅެމުންދިޔައިރު ރުއިމާއި ގިސްލުމުގެ އަޑު އެތަނުގެ ތެރޭގައި ގުގުމާލައިފައިއޮތެވެ. އާއިލާއަށް ހޭހަންކޮށްދޭން ތިބި ދުރުހިލޭމީހުންގެ މޫނުތަކުންވެސް ފެންނަނީ ހިތާމައާއި ހަމްދަރުދީގެ ކުލަވަރެވެ. ކުރިމަތިވެގެން އުޅޭ ކަންތަކުގެ ބޮޑުކަމާއި، އާއިލާ މެންބަރަކު ވަކިވެގެން ދިޔުމަކީ ދިރިތިބީންނަށް އެކަމަކުން ކިހާބޮޑު ވޭނެއް ލިބޭނޭކަމެއްކަން އެފަރާތްތަކަށް ކިތަންމެ ރަނގަޅަކަށްވެސް އިނގޭ ފަދައެވެ.

ފަޖުރުލީއްސުރެ އުޑުމަތި ބައްދަމުން އައި ކަޅުވިލާތައް ބޯވެ މުޅި އުދަރެސްމަތި ފޮރުވެމުންދިޔައިރުވެސް އެތަން ދޫކޮށް ދިޔުމުގެ ހިޔާލު އެއްވެސް މީހަކުނުގެންގުނެވެ. ޖައްވުގައިވާ ފިނި ވައިރޯޅިތައް ބާރުވެ ފަޒާ ގެ ހިމޭންކަން ނަގާލިއެވެ. އިންޒާރަކާއިނުލާ ހިމަފޮދުވާރޭގެ ތިކިތައް ބިމަށް އަމާޒުވެގެންދިޔަތާ އިރުކޮޅެއް ގެތެރޭގައި ވެހެންފެށި ވާރޭއިން ދުނިޔެ ފުސްކަމަކަށް ގެނބިގެންދިޔައެވެ.

ކަށުކަމާކެމީގެ އެންމެހާ ކަންކަން ނިމި ދުނިޔެއާއި ވަކިވެގެންދިޔަ ފުރާނައަށް ހެޔޮ ދުއާކުރާ ހާލު ޖަނާޒާގައި ބައިވެރިވާން އައި މީހުންތައް، ފަހަރަކު މީހަކުހެން ސަހަރާއިން ނިކުންނަންފެށިއެވެ. އެއިން ކޮންމެ މީހަކުވެސް ނިކުމެގެންދިޔައީ އާއިލާ މެންބަރުންނަށް ހިތްވަރުދިނުމުގެ ބަހެއްރައްދުކުރަމުން ސަލާން ޤަލާން ކޮށްފައެވެ. މަޑުމަޑުން މީހުންތައް މަދުވަމުންގޮސް އެންމެފަހަށް ތިބި އާއިލީމެންބަރުންތައް ސަހަރާއިން ނިކުންނަން ހިނގައިގަތްއިރުވެސް ދާދި ދެންމެއަކު ހުދުފަސްލެވުނު މަހާނާ ކައިރީގައި ހުއްޓިގެން ހުރި ޒުވާނާ އަދިވެސް ހުރީ ހަރަކާތެއްނެތި ހުއްޓުންއަރާފައެވެ. އޭނަގެ ލޮލުގެ ނަޒަރު މިވަގުތުވެސް ހުއްޓިފައިވަނީ ހުދުކުލައިން ފެވިފައިވާ މަހާނަގަލަށެވެ. އެއްއަތްޖީބަށް ޖަހާލައިގެން އެސްފިޔަ ޖަހާލުމެއްނެތި އެއް ދިމާލަކަށް ނަޒަރުހުއްޓާލައިގެން ހުރިއިރު އެލޮލުގެތެރޭގައި ހިފެހެއްޓެމުންދިޔަ ކަރުނަތަކާއިއެކު ހަށިގަނޑުގައި މަޑު ތުރުތުުރުލުމެއް އުފެދެމުންދިޔައެވެ. މުށްކެވިފައިވާ އަތަށް ބާރުވަމުންއައިރު ހިނދުރިން ބޭރުވާ ނޭވާތަކާއިއެކު ކަތުރު ކަށިގަނޑު ތެޅެމުންދިޔައެވެ. އަތުގެ މުށުގެތެރޭ ހިފަހެއްޓިފައިވާ ދޮންވެލީގެ މުށަށް ބާރުވަމުންދިޔަވަރަކަށް ފައިބަމުންދިޔަ ވެލިފުށްތައް މަހާނައިގެ ހުދުވެލިތަކާއި އެކުވަމުންދިޔައެވެ.

ތަންކޮޅެއް ދުރުގައި އެ ޒުވާނާގެ ހަރަކާތްތަަކަށް ނަޒަރު ހުއްޓާލައިގެން ހުރި ޒުވާނާގެ ލޮލަށް ބޮނޑިވަމުން އައި ކަރުނަަ ތައް ފުހެލަމުން ފުންނޭވާއެއް ދޫކޮށްލިގޮތަަށް އެ ޒުވާނާއާއި ދިމާލަށް ހިނގައިގަތެވެ. އެޒުވާނާގެ ފަހަތުގައި ހުއްޓެމުން ކޮނޑުމަތީ އަތްޖައްސާލިއިރު އެ މޫނުމަތީން ފާޅުވަމުން ދިޔައީ އެކުވެރިޔާގެ ހާލާއިމެދު ދެރަވެ ކަންބޮޑުވެފައިވާކަމުގެ އަސަރުތަކެކެވެ. ހުދު އެޒުވާނާގެ ހިތަށްވެސް ނުހަނު ބޮޑަށް އަސަރުކޮށްފައިވެއެވެ. ލޭގެ ގުޅުމެއްނެތަސް ވަކިވެގެން އެދިޔައީ އޭނަ ކޮއްކޮއެއް ފަދައިން ދެކެމުންއައި ކުއްޖެކެވެ. ދިރިއުޅުމުގެ ދުވަސްތަކެއް އެކުގައި ހޭދަކުރި އެކުވެރިއެކެވެ.

“ހިނގާ ދާން…” އެކުވެރިޔާގެ ހިތަށް ތަސައްލީއެއް ގެނެސްދެވޭނޭ ފަދަ ބަހެއް މިވަގުުތު ނުވާނެކަން އިނގޭ ހާލު ހިތުގައިވާ ވާހަކަތައް އޮއްބާލަމުން އޭނާ އެޒުވާނާގެ އަތުގައި ހިފާލިއެވެ. އޭރު މުށްކެވިފައިވާ މުށަށް ބާރުވަމުންއައިސް އެހަށިގަނޑަށް ހަރުކަށިކަމެއްވެރިވެފައިވެއެވެ.

“މިތާ ކިތަންމެ އިރަކުވެސް ތިބެވިދާނެ… އެކަމަކު ހިޒްއާއިމެދު ވިސްނާލަބަލަ… އެދަރިފުޅަށް މިވަގުތު ބައްޕައަށްވުރެ ބޭނުންވާނީ ކޮންކަމެއް… ހިނގާދާން… ހިޒްއަށްޓަކައި ނަމަވެސް…” މަޑުމައިތިރިިކަމާއި އެކު އެޒުވާނާ ބުނެލި ކޮންމެ ބަހަކުން އެކުވެރިޔާއަށް ވިސްނައިިދޭން މަސައްކަތްކުރިއެވެ. ހަރުކަށިވެފައިވާ ހަށިިގަނޑުގައިި ހިފާ އޭނައާއި ދިމާލަށް އަނބުރާލިގޮތަށް އެޒުވާނާ ގަޔާއި ކައިރިކޮށްލައިގެން ހުރެ ސަހަރާ ގެ ދޮރާއްޓާއިދިމާލަށް ހިނގައިގަތެވެ. އޭރު އެޒުވާނާ ހުރީ ނުހަނު ބޮޑަށް އިސްތިރިކޮށް ލައިގެންނެވެ. ފުރާނަނެތް މަސްގަނޑެއްފަދައިން އެކުވެރިޔާގެ ބާރުގައި އައިސް ދޮރާއްޓާއި ހަމަވެފައި އެ ޒުވާނާ  ފަސްއެނބުރި ބަލާލިއެވެ. އެއާއިއެކު އެލޮލުގެތެރެއަށް ފުނިޖެހިފައިވާ ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގަތެވެ.

“މިޝްޔާ..” ވެހެމުންދިޔަ ވާރޭގެތެރެއިން ފުސްކޮށް ފެންނަމުންދިޔަ މަހާނައާއި ދިމާލަށް ބަލާލެވުނު ހިނދު އެ ޒުވާނާގެ ދުލުން ބޭރުވެގެންދިޔައެެވެ. އިރުކޮޅެއްކުރިން ސަންދޯކުގައި ބިމުގެ އަޑީގައި ވަޅުލެވިގެން އެ ދިޔައީ އެފަރާތަކާއިއެކު އޭނަ ގެ ފަހުނޭވާއާއި ހަމަޔަށްވެސް އުޅެން ނިންމައިގެން ހުރި އޭނާގެ އަލަތު ލޯތްބެވެ. އޭނަގެ ދިރިއުޅުމުގައި އައި އެންމެ ހިތްދަތި ވަގުތުގައި މިކެހިވެރިި ދުނިޔެއާއިި ކުރިމަތިލާން އޭނަ އެކަނި ދޫކޮށްލުމަށްފަހު މުޅިއުމުރަށް އޭނައާއި ވަކިވެގެން ދިޔައީއެވެ. އޭނަގެ ދުނިޔޭގެ ހިނގުން ހުއްޓުވާލުމަށްފަހު ދުވަހަކު އަނބުރާ އައުމެއްނެތްގޮތުގައެވެ.

ލަސްދުވެއްޔެއްގައި ކުރިއަށްދިޔަ ކަޅުކުލައިގެ ޕްރައިވެޓް ކާރު ސަހަރާ އޮބާލައި ދިޔައިރުވެސް އެޒުވާނާގެ ނަޒަރު ހުއްޓި ފައިވީ ދުރުވަމުންގޮސް ނިވާވަމުންދިޔަ ސަހަރާއަށެވެ. އެންމެ ހިނދުކޮޅަކަށްވެސް އެތަން ލޮލަށް ނުފެންނަ ހިސާބަކަށްދާން އޭނައަށް އެއްބަސްވެވިދާނެ ހެއްޔެވެ؟ ޤަބޫލުކުރަން ބޭނުންނުވިޔަސް ވިނަގަހުން ބިންފޮރުވިފައިވާ ފަޅު އެތަނަކީ މިއަދަށް ފަހު އޭނަގެ މިޝްޔާގެ ދާއިމީ މަންޒިލެވެ. މިޝްޔާ ހަށިގަނޑާއިއެކު އެ ފަސްގަނޑުގައި އޭނަގެ ލޯބިވެސް ވަޅުލެވުނީއެވެ. ދިރިހުއްޓަސް މިޝްޔާގެ ފުރާނަ އާއިއެކު އޭނަގެ ރޫހު މަރުވެގެންދިޔައީއެވެ.

ކާރު ވިންޑްސްކްރީންގައި މޫނު ޖައްސާލައިގެން އިނދެފައި އެ ޒުވާނާ ލޯމަރާލަމުން އުނދަގޫގޮތަކަށް ހިންދިިރުވާލިއެވެ. އޭރު އެލޮލުގައިވީ ކަރުނަތައް ހިނދި، ތެމިފައިވާ ދިގު އެސްފިޔަތަކާއިއެކު މޫނުމަތީން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ. ރަތްވެފައިވާ މޫނާއި ދުޅަވެފައިވާ ދެ ލޮލުން އެކަނިވެސް ގިނައިރު ތަކެއްވާންދެން ރޮއެފައި ހުރިކަން އިނގޭހާވެއެވެ. ކަރުނައިގެ ތެތްކަން ފާޅުވަމުންދިޔަ އެސްފިިޔަތަކުގައި އިނގިލިތައް ހިންގާލަމުން އެޒުވާނާ ނޭފަތް ދަމާލިއެވެ. އެވަގުތު ކާރުގެ ޑްރައިވިން ސީޓްގައި އިން އެކުވެެރިޔާގެ ކަޅި އެ މޫނަށް ދަތުރުކުރިއެވެ. ބަހެއް ބުނަން އުޅެފައިވެސް އެޒުވާނާގެ ސަމާލުކަން އަލުން އަނބުރާ މަގަށް ހުއްޓާލިއެވެ. މިވަގުތަކީ އެއްވެސް ވާހަކައެއްދެއްކުމަށް އެކަށީގެންވާ ވަގުތެއް ނޫންކަން އޭނާއަށް ވިސްނުނީއެވެ.

**************

އިރުއެރިފަހުން ވަގުތުތަކެއް ފާއިތުވެގެންދިޔައިިރުވެސް ގަނޑުވަރެއްހާ ހައިބަތުބޮޑު ގޭގެތެރެއަށް ވެރިވެފައި ވަނީ މަރުފަދަ ހިިމޭންކަމެވެ. އެހެންދުވަސްތަކުގައި އަރައިގެން އަންނަ އިރާއިިއެކު ހަލަބޮލިވެގެންދާ ގޭތެރެއިން ދިރޭފުރާނައެއްގެ ހިިލަމެއް ވެސްނުވެއެވެ. ފަތިހުކުރިި ވިއްސާރައިިގައި ފޭބިހައި ފަތްތައް މުޅި ގޯތިތެރޭގައި ސާފުތާހިިރުކަން ނަގާލަމުން އެކިދިމާލަށް ފެތުރެމުންދިޔައެވެ.

ކަށުކަމާކެމީގެ ކަންކަމުން ނިމިގެން އާއިލީ މެންބަރުންތައް ގެއަށްއައިިފަހުން ގަނޑިއިިރުތަކެއްވެގެން ދިޔައިރުވެސް އެމީހަކު ޖެހުނުތަނެއްގައި ޖެހުނުގޮތަށް ގާވެފައި ތިބިއިރު މުޅި ގޭތެރެވީ ކަރުނައިގެ ކޯރަކަށް ގެނބިފައެވެ. ދެގަނޑިކުރިން ނިމިގެން ދިޔަ ޖަނާޒާގައި ހުދު ކަފުނުގެ ތެރޭ ކަފުންކުރެވުނު ފުރާނައާއިއެކު އެންމެންގެ އުފާތައްވެސް ކަފުންކުރެވިފައިވާފަދައެވެ.

ގިސްލެވެމުންދިިޔަ ތުއްތުދަރިފުޅު އުރާލައިގެން ހުރެ ލިވިންރޫމްގައި ދެކޮޅަށް ހިނގަމުންދިޔަ އަންހެން ކުއްޖާގެ މޫނުމަތީން ހިސާބެއްގެ މާޔޫސްކަމާއިއެކު ވަރުބަލިކަމުގެ އަސަރުތައް ފާޅުވަމުންދިޔައެވެ. ކޮނޑުމަތީ ބޯއަޅާލައިގެން އޮތް ކުޑަދަރިފުޅުގެ ހަށިގަނޑުގައި ފިރުމާލަ ފިރުމާލާ ހުރެވުނީ އެތުއްތު ދަރިފުޅު މަސަލަސް ކުރާނޭގޮތެއް ނޭނގިފައެވެ. ރުއިމުގެ ގޮތުގައި އެ މައުސޫމް ހިތުގެ ޝަކުވާއާއި އެދުންތައް ފާޅުކުރަމުންދާއިރު އެދަރިފުޅު ބޭނުންވެގެން އެއުޅޭ ކަންްތައް ކިތަންމެ ރަނގަޅަކަށްވެސް އޭނައަށް އިނގެއެވެ. ނަމަވެސް ހިތާމައަކީ އެކަންކޮށްދެވޭން މިއަދު ނެތްކަމެވެ. އެކަން އެ ކުޑަ ކުޑަ ސިކުުނޑިއަށް ވިސްނައިދެވޭނޭގޮތެއްވެސް ނެތްކަމެވެ.

“ޔާﷲ… މީކޮންފަދަ އިމްތިހާނެއް… މަޔަކާއިނުލާ މިދަރިފުޅު ބޮޑުކުރާނީ ކޮންފަދައަކުން…” ގައިގައި ވަރެއްނެތްފަދައަކުން ސޯފާގެ ލެގޭބަޔަށް ހަށިގަނޑު ދޫކޮށްލައިގެން އިން އަންހެންމީހާ ތެދުވެގެން އައިސް އެކުޑަކުއްޖާގެ ބުރަކަށީގައި މޫނު ޖައްސާލިގޮތަށް ރޯންފެށިއެވެ. ވޭތުވެގެންދިޔަ ދެގަނޑިއިރު މެދުކެނޑުމެއް ނެތި އިވެމުންދިޔަ ރުއިމުގެ އަޑުން އޭނަގެ އެތެެރެހަށީގެ ހުރިހާ ގުނަވަނެއްހެން ވިރިގެން ފައިބައިފައިވާ ފަދައެވެ. ކަށުކަމާކެމީގެ ކަންތައް ނިމުނުތާ އިރުކޮޅެއް ނުވަނީސް ރޯންފެށިގޮތަށް އެދަރިފުޅު ހުއްޓާ ނުލައިގެން އުޅޭއިރު އެހާ ތުއްތުއިރުވެސް މައިމީހާ ވަކިވީކަން އިނގެނީ ކަހަލައެވެ.

“މަންމާ ނުރޮއެ… ކެތްތެރިވޭ… އަހަރެމެން ހިތާމަކުރީމަ ކޮއްކޮއަށް ހިތްވަރުދޭން ހުންނާނީ ކާކު؟” ދެންމެ ދެންމެ ލޮލަށް ބޮޑިވެދާނެހެން ހީވިކަރުނަތައް އަތުން ފުހެލިވަގުތު އެންމެ ދޮއްޓަށް ހުރި އަންހެންކުއްޖާ އައިސް މަންމަގެ ބުރަކަށީގައި ފިރުމާލަމުން ދަރިފުޅާއި ވަކިކުރުވިއެވެ. އެއަށްފަހު އެ ތުއްތު ދަރިފުޅު ނަގާ އަތުގެތެރެއަށްލިއެވެ.

ގޭގެ ޕޯޓިކޯއަށް މަޑުކޮށްލި ކާރުން ފޭބިގޮތަށް ކުރިއަށް ހިނގައިގަންނަންވެސް ނޭނގިފައިހުރެ ކުރިމަތީން ފެންނަމުންދިޔަ ތިން ބުރީގެ އިމާރާތަށް އެޒުވާނާއަށް ބަލާލެވުނީ ހިތްދަތިކަމާއިއެކުގައެވެ. ހިނދުކޮޅަކަށް ނަމަވެސް މިޝްޔާގެ ފަހުދުވަސް ތައް އޭނަގެ ސިކުނޑިއަށް ސިފަވެގެންދިޔަހިނދު އެޒުވާނާއަށް އެއްއަތުން މެޔާއި ދިމާލުގައި ފިރުމާލެވުނެވެ. އެދުވަސްތައް އަނބުރާ ހޯދުމަށް ހަމަޖެހުމެއް ނުލިބިވާ އޭނަގެ ހިތް ތެޅިފޮޅިގަތްގޮތަށް އެ ހިތުގައި ފުން ރިހުމެއް އުފައްދާލިއެވެ. އޭނަގެ ހަނދާނުގައި ފިިޔަޖަހާލި މިޝްޔާ ލޯބި އަދާތަކުން އެ ހިތް އިތުރަށް ޒަޙަމުކޮށްލިއެވެ. އޭނަ ވަޒީފާއަށްދިޔުމަށްޓަކައި ގޭގެ ޕޯޓިކޯއިން ނިކުމެގެންދާއިރު މަތީބައިގެ ބެލްކަނީގައި މިޝްޔާ ދަރިފުޅު ގޮވައިގެން އޭނައަށް ވަދާއުކިޔަން ހުންނަ މަންޒަރު މިވަގުތުކޮޅުވެސް އޭނަގެ ލޯމައްޗަށް ފެނުނު ފަދައެވެ. ދޮރާއި ދިމާލަށް ބަލާލެވުނު ވަގުތުކޮޅު މިވަގުތުވެސް އެ ދޮރުން ނިކުމެގެން އައިސް އޭނަގެ ގައިގައި މިޝްޔާ ހިފައިގަނެފާނެހެންހީވިއެވެ. އެ ހިޔާލުގައި ހިނިތުންވެފައި ހުރެވުނު ހިނދުކޮޅު ކަންފަތްދޮށުގައި ތަކުރާރުވެގެން އައި ޖުމްލަަތަކާއިއެކު އެޒުވާނާއަށް ހަޤީޤީ ދުނިޔެއަށް އާދެވުނުފަދައެވެ. މޫނުމަތީގައިވީ ހިނިތުންވުން ފިލާދިޔަހިނދު އިސްޖަހާލި ގޮތަށް ލަސްފިޔަވަޅު ތަކެއްގައި އޭނަ ލޯވްންމަތިންލާފައި ގެއާއި ދިމާލަށް ހިނގައިގަތެވެ. ބުރަހެލިގޮތަކަށް ފެންޑާއާއި އަރާހަމަވީ ވަގުތު ކަންފަތުގައި ޖެހުނު ރުއިމުގެ އަޑާއިއެކު އެޒުވާނާގެ ފިޔަވަޅު ތައް ހަލުވިވެގެންދިޔައެވެ. ފަހަތުން އައި އެކުވެރިޔާ އަވަސްނަޒަރެއް ދިންގޮތަށް އެ ޒުވާނާ ގޭތެރެއަށް ވަދެގެން ދިޔައީ ދުވެފައެވެ.

“މަންމި ކައިރިއަށްދާން…” ގޭތެރެއަށް އަޅާލެވުނު ފިޔަވަޅާއިއެކު އިވިިގެންދިޔަ ޖުމްލަތަކުން އެ ޒުވާނާގެ ހަށިގަނޑަށް ހުއްޓުމެއްގެނައެވެ. ތުންއޫކޮށްލައިގެން އޮވެ ރޮވެމުންދިޔަ ތުއްތުދަރިފުޅުގެ އަޑުން އެދެމުން ދިޔަ އެދުން އަޑުއިވުމާއިއެކު އެޒުވާނާގެ ހިތުގައި ހިފާ ބާރުކޮށްލެވުނުފަދައެވެ. ދަރިފުޅުގެ އެ އެދުން ދުވަހެއްގެ ކޮޅުންވެސް ފުއްދައިދެވެން ނެތްކަން ހަނދާންވީ ހިނދު އެ މޫނަށް ބަލާލާނެހާ ހިތްވަރު ނެތިގެން އެޒުވާނާއަށް ދެލޯމަރާލެވުނެވެ. އޭނަ އެއަައީ އަބަދަށްޓަކައި ދަރިފުޅުގެ މަންމައާއި ވަދާއުގެ ސަލާމްކޮށްފައިކަމަށް އެ ދަރިފުޅުގާތުގައި އޭނަ ބުނާނީ ކޮންދުލަކުން ހެއްޔެވެ؟ މަންމަ ދުވަހަކު އެނބުރި ނާންނާނޭކަމުގެ ހަޤީގަތް ހަމަ ޔަޤީނުންވެސް އެދަރިފުޅުގެ އުފާތައް ކަޅުކޮށްލާނެއެވެ.

“ދަރިފުޅު… އާދޭ… ޑެ..ޑީ ކައިރި…އަށް…” ގިނައިރުވާންދެން ރުއިމުގެ ސަބަބުން ވާހަކަދައްކަން އުނދަގޫވެފައި ހުރެ ވެސް އަރުތެރެއިން ދަތިކަމާއިއެކު އަޑު ބޭރުކުރަމުން އެޒުވާނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އެއާއިއެކު ކުރިއަށް ޖެހިލިގޮތަށް ދަރިފުޅާއި ދިމާލަށް އަތްދިއްކޮށްލިއެވެ.

“ނޫން… މަންމީ ބޭނުމީ…” ކަރުނުން ތެމެމުންދިޔަ ބޮޑު ދެލޮލުން އެކުޑަކުއްޖާ އެޒުވާނާއަށް ބަލާލިއިރު އެލޮލުން ފުރަތަަމަ ފަހަަރަށް ޝަކުވާ ފެނުނެވެ. މިވީހާތަނަށްވެސް އެދަރިފުޅުގެ ދުލުން ބޭރުވި ކޮންމެ އެދުމަކީ ދުލުން ބޭރުވުމާއިއެކު ފުދިގެން ދިޔަކަމެވެ. މިއަދުވެސް އެދަރިފުޅަށް އެފަދައިން ކަންތައްވުމަށް އެދެވުނަސް އެދަރިފުޅު އެދެމުން އެދަނީ އޭނަައަށް އެކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާކަމަކަށްނޫނެވެ. ދެވަނަ ފަހަރަށް މިޝްޔާ މިދުނިޔެއަށް ގެނައުމަކީ ކުރެވޭނެކަމެއްނަމަ އޭނަ ގެ އަމިއްލަ ފުރާނަ ޤުރުބާންކޮށްފައިވެސް އެކަންކުރީހެވެ. ނަމަވެސް އެއީ އިންސާނުންގެ ބާރުގެދަށުގައި ވާކަމެއްނޫނެވެ. ކިތަންމެ ގިނަ މުދަލަކާއި ފައިސާއެއް ހުއްޓަސް ފުރާނައިގެ މައްޗަށް އިންސާނުންނަށް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. އޭނަގެ އަތުގައި ފައިސާއާއި މުދާތައްހުރެވެސް އެންމެ ބޮޑު އުފަލުން މަހުރޫމްވީއެވެ. ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވީ އިރު އޭނަައަށް ހަޔާތުގެ ބައިވެރިޔާ އަބަދަށްޓަކައި ގެއްލުނީއެވެ.

ދެތުންފަތްދޭތެރެއިން ބޭރުވެގެންދިޔަ ގިސްލުމުގެ އަޑާއިއެކު މަންމަގެ އަތުތެރެއިން ދަރިފުޅު ނެގިގޮތަށް މެޔާލައި ބޮޑިކޮށް ލަމުން އެ ޒުވާނާ އެދަރިފުޅުގެ ހަށިގަނޑުގެ އެތަންމިތަނުގައި ބޮސްދިނެވެ. އެއީ މިދުނިޔެ ދޫކޮށްފައިދިޔަ މިޝްޔާގެ ފަހުގެ ނިޝާނެވެ. އެދެމަފިރިންގެ ލޮލުގެ ނޫރުކަމުގައިވާ ދަރިފުޅެވެ. މަންމައާއި ބައްޕަގެ އިންތިހާ ލޯބި ލިބިގެން ބޮޑުވަމުން އައިސް މިއަދު އެދަރިފުޅު މަންމަގެ ލޯބިން މަޙްރޫމްވެއްޖެއެވެ. އެދަރިފުޅަށްޓަކައި މިއަދު ހުރީ ހަމައެކަނި ބައްޕައެވެ. ނަމަވެސް އޭނަގެ އިންތިހާ ދަރަޖައިގެ ލޯބިންވެސް މިޝްޔާ ނެތުމުގެ ފަޅުކަން އެދަރިފުޅުގެ ހަޔާތުން ފޫބައްދައިދެވިދާނެ ހެއްޔެވެ؟ ބަފައަކަށްވެ ހުރެ މައިވަންތަކަމުގެ ލޯބި އޭގެ އެންމެ ފުރިހަމައަށް އޭނައަށް ދެވިދާނެހެއްޔެވެ؟

ނިދީގެ ތެރޭގައި މަޑުމަޑުން ކުކުރަމުންދިޔަ 5 އަހަރުގެ ފިރިހެން ދަރިފުޅާއި ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު އެ ޒުވާނާ ފާރަށް ލެގިލިއެވެ. ނިދީގެތެރެއިންވެސް ރޯލާކޮންމެފަހަރަކު އެހަށިގަނޑަށް އަންނަ ހަރަކާތްތައް ދެކެން ހުރެފައި އިސްތަށިގަނޑުގެ ތެރެއަށް ދެއަތްމަހާލަމުން ވަރުދޫވެފައިވާފަދައަކުން އެ ޒުވާނާއަށް މާބްލްސްމައްޗަށް ތިރިވެވުނުވެ. ފިނިހިފައިފައިވާ މާބްލްގަނޑުގައި ދެއަތްވިއްދާލަމުން ފާރުގައި ބޯޖައްސާލުމާއިއެކު އެލޮލުގެތެރޭގައި ހިފެހެއްޓިފައިހުރި ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގަތެވެ.

“ކީއްވެ… ކީއްވެ… މިޝޫ ވައި…” ދެތުންފަތް ފޫއަޅުވާލަމުން އެބަސްތައް ބޭރުވީ ވޭނީ ގިސްލުމަކާއިއެކުގައެވެ. އަމިއްލަ ތަޤުދީރާއިމެދު ޝަކުވާކުރެވުނު ހިނދު އޭނައަށް ގޮށްމުއްކަވާފައި މާބްލްސްމަތީ ޖެހުނެވެ. އޭނަގެ ދިރިއުޅުމުގެ މިހާތަނަށް އަޑިގުޑަނަކާއި ދިމާނުވެ ހަޔާތުގެ ރާސްތާދެމިގެން އައިސްފައި މިއަދު މިހެންވީ ކީއްވެެހެއްޔެވެ؟ އުފާވެރި ހަބަރަކަށް އުއްމީދުކޮށްގެން ހުއްޓާ ލިބުނު ހިތާމައިން ދުވަހަކު އަރައިގަނެވުމެއްނެތެވެ.

“ކީއްވެ އަހަރެންދޫކޮށްލާފައި ތިދިޔައީ… ކީއްވެ ތިފަދަ ފިޔަވަޅެއް ނަގަންޖެހުނީ… އަހަރެންގެ ލޯތްބާއިމެދު މިޝޫއަށް އެވަރުގެ އިތުބާރެއްނެތީތަ؟ އަހަރެމެންގެ ބޭބީ ނެތަސް އަހަރެން މިޝޫއަށްޓަކައި އެބަހުރީމޭ… އަހަރެމެންގެ ހިޒް… ކިހިނެތް މިޝޫއާއިނުލާ އަހަރެން އެދަރިފުޅު ބަލާނީ؟ އެދަރިފުޅަށް އުނިވެފައިވާ މަންމައެއްގެ ލޯބިދޭނީ؟ ހިޒްގެ ސުވާލު ތަކަށް އަހަރެން ދޭނީ ކޮންޖަވާބެއް؟ މިޝޫ އަހަރެމެންގެ ދަރިފުޅާއިމެދު ވިސްނާލިނަމަ… އަހަންނާއިމެދު ވިސްނާލިނަމަ… އާޙް… ކިހިނެތް ކެތްކުރާނީ…” ބާރުވަމުންދިޔަ ގިސްލުމުގެ އަޑާއިއެކު އެޒުވާނާ ދެކަކޫ ގެނެސް މޭގައި ޖައްސާލަމުން ދެ އަތުގެތެރޭގައި މޫނު ފޮރުވާލިއެވެ. މިޝްޔާގެ އެންމެފަހުވަގުތުކޮޅު އަދިވެސް އޭނަގެ ލޯމައްޗަށް ސިފަވާކަހަލައެވެ. އަމިއްލަ ފުރާނައާއިމެދު ފަރުވާލެއްނެތި ޓެރެސްގެ ރެއިލިންގް މައްޗަށް މިޝްޔާ އަރާހުރިތަން ފެނުނު ވަގުތުކޮޅަކީ އޭނަގެ ވަށައިގެން ވީ ކާއިނާތުގެ ހިނގުންވެސް ހުއްޓުވާލިވަގުތުކޮޅެކެވެ. ނޭނގޭ ބިރުވެރިކަމަކުން އޭނާގެ ހުރިހާ ހިއްސުތަކެއް ބަނދެވިގެން ދިޔައެވެ. ރެއިލިންއިން ފައިތިލިި ނެއްޓި، އަޑު ދަތުރު ކުރާހާ ބާރުމިނުގައި އެހަށިގަނޑު ބިމަށް ތިރިވެގެންދިޔައީ އޭނަގެ ލޯކުރިމަތީގައެވެ. އެންމެފަހު ވަގުތުކޮޅު މިޝްޔާގެ ސަލާމަތަށްއެދި އޭނަ ދިއްކޮށްލި އަތުގައި ނުޖެހި އެ ހަށިގަނޑު ބިމަށް ތިރިވިގޮތަށް ބިމުގައި ލޭގެކޯރެއްދަމާލިތަން ސިކުނޑިއަށް ސިފަވީހިނދު އެޒުވާނާއަށް ލޯމަރާބާރުކޮށްލެވުނެވެ. އެއާއިއެކު އަރު ތެރެއިން ނިކުމެގެންދިޔަ ފިސް ހަޅޭކުގެ އަޑު ކޮޓަރިތެރޭ ހިފާލިގޮތަށް ކޮޓަރީގައިވާ ހިމޭންކަން ނަގާ އެއްލާލިއެވެ.

20 އަހަރުފަސް…

Share Article

Follow Me Written By

Niraa

Level 5100 Login10 Stories

Author of Vakivee loabin, Beeveema and Edhigen Kalaa Libeythw

Other Articles

Previous

ހަވޭލީ – އަށްވަނަ ބައި

Next

ކަޅު ބުޅާ 10

Next
July 23, 2025

ކަޅު ބުޅާ 10

Previews
July 23, 2025

ހަވޭލީ – އަށްވަނަ ބައި

4 Comments!

  1. shaamshaamy says:
    July 23, 2025 at 12:00 pm

    Nice story

  2. Aishath Shawa says:
    July 23, 2025 at 12:27 pm

    🥹🥹🥹 Our girl is back, Maasha allah v reethi, when is next part, can’t wait😍😍

    1. Niraa says:
      July 23, 2025 at 12:48 pm

      Story will be uploaded in every Sunday and Wednesday 😊

  3. cinnamon mania says:
    July 23, 2025 at 9:08 pm

    Any way to contact you ?
    V reethi vaahaka. Feshun
    Fan akah vevihje💗

Comments are closed.



All Right Reserved!