Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – އެއްވަނަަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
June 27, 2025 5 Mins Read
2 Comments

އާ ދުވަހަކަށް އިރު އަރައިފިއެވެ. ކޮޓަރީގެ ލޫވަތަކުގެ ތެރެއިން ފޭދިގެން އައި އިރުގެ ރަން ދޯދިތައް އެ ކޮޓަރީގައި ނިދާފައި އޮތް ޒުވާނާގެ މޫނަށް އެޅުނެވެ. އެ އަންހެން ކުއްޖާ ވަނީ ފުން ނިންޖަކުން ނިދާފައެވެ. އެ ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމު ކަމެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އަދި މެދު އުމުރުގެ އަންހެނަކު އެ ކޮޓަރިއަށް ވަނެވެ.

“ޔުމްނާ! ދަރިޔާ! އަވަހަށް ތެދުވޭ! މިއަދު ރަށަށް ދާން ޖެހެއެއްނު؟”

މި އަޑަށް ޔުމްނާ ފުންމައިގެން ތެދުވިއެވެ. އަދި އަވަސް އަވަހަށް ލޯ އުނގުޅާލިއެވެ. ރޭގައި ރަށަށް ގެންދަން ހަދިޔާ ބަންދުކުރުމުގައި ގިނަވަގުތު ހޭދަކުރުމުގެ ސަބަބުން ޔުމްނާއަށް ނިދުނީ ދަންވަރު 12 ވެސް ޖެހިފަހުންނެވެ. އެހާ ލަހުން އޭނާއަށް އެ ހޭލެވުނީ އެހެންވެއެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ޔުމްނާ ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އެއޮށް ގަޑިން ހެނދުނު 9 ޖެހީއެވެ. އަވަސް އަވަހަށް ޔުމްނާއަށް ގޮވައިދިނީތީވެ ޔުމްނާގެ ބޮޑުދައިތަ ކަމަށްވާ ހަސީނާއަށް ޝުކުރު އަދާކުރިއެވެ. އަދި ތުވާލި ހިފައިގެން ފެންވެރުމުގެ ނިޔަތުގައި އަވަހަށް ފާޚާނާއަށް ވަނެވެ.

ފެންވަރާ ތާޒާވެލައިގެން ޔުމްނާ ކޮޓަރިން ނުކުތްއިރު ހަސީނާ ވަނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައެވެ. ފަތު މަސްހުންޏާއި ރޮށްޓެވެ. ޔުމްނާ ތައްޓެއް ދޮވެލައިގެން އައިސް މަސްހުނި ކޮޅެއް އަޅާފައި ކާންފެށިއެވެ. ހަމަ އެވަގުތު ޔުމްނާގެ ބޮޑުދައިތަގެ ފިރިމީހާ ކަމަށްވާ ފަރީދުވެސް ވަޑާންގޭގައި އުޅެފައި ގެއަށް ސައިބޯން އައެވެ. ތިންމައިން އެއް ސުފުރާ މަތީ ކާން ތިބިއިރު ދެކެވެމުންދިޔައީ 5 އަހަރަށްފަހު މިއަދު ޔުމްނާ ރަށަށް ދާ ވާހަކައެވެ.

“މިއަދު ތަންކޮޅެއް ގަދަވާނެހެން ހީވަނީ. ޔުމްނާ ހޮޑު ބޭސްކައިގެން ދައްޗޭ. ދޯނި މާވަރަށް ހަލުވަންޏާ ބޯ އަނބުރާނެއްނު ދޯ؟” ހަސީނާ ބުންޏެވެ. “އާނ. މިހާރުވެސް ބޭސްކައިގެން މިއިނީ. ރޭގައި ގިނައިރު ކުޅިރޮށި ޑަބިޔަލަށް އަޅަން އިނީމަ އަދިވެސް ބޮލުގެ ރިހުން ނުފިލާ.” ޔުމްނާ ބޮލުގައި ފިރުމާލަމުން ބުންޏެވެ. “މަންމަމެންނަށް ސަލާމް ބުނައްޗޭ! އަދި އޮންނާނެ މައިމޫނާ ދިން މުރުމުރު ކޮތަޅުވެސް. ބުނީ ޔުމްނާ ދާއިރު ގެންދައްޗޯ. ވަރަށް މީރޯ ޔުމްނާގެ މަންމައަށް.” ފަރީދު ޔުމްނާއަށް ހަނދާންކޮށްދިނެވެ. “އާނ! މަންމައަށް ވަރަށް މީރުވާނެ މުރުމުރު. ގެނޭ އަވަހަށް ފޮށްޓާށް ލާން.” ޔުމްނާ އެދުނެވެ.

12 ޖެހިއިރު ޔުމްނާއާއި ހަސީނާގެ ދެމަފިރިން ތިބީ މާލޭގެ ބަނދަރުމަތީގައެވެ. 5 އަހަރުވަންދެން މުދައްރިސެއްގެ ގޮތުގައި މާލޭގެ ބޮޑު ސްކޫލެއްގައި އުޅެފައި ލިބުނު ބޮޑު ޗުއްޓީގައި މއިަދު ޔުމްނާ އެހުރީ އޭނާގެ އުފަން ރަށް ކަމަށްވާ ރ. މަޑުއްވަރީއަށް ދިއުމަށް ފޮށި ތަންމަތި ތައްޔާރުކޮށްގެންނެވެ. ޔުމްނާ އޭނާގެ ބޮޑުދައިތަ ހަސީނާއާއި ބޮޑުބޭބެ ފަރީދުއާއި ސަލާމްކުރުމަށްފަހު ފަރީދުގެ އެހީތެރިކަމާއެކު ފޮށިތަންމަތި ދޯންޏަށް އެރުވިއެވެ. އަދި ދޯނީގެ އެންމެ ބުޑުގައި ޔުމްނާ ހަމަޖެހިލިއެވެ. ލަސްތަކެއްނުވެ ދޯނީގެ އިންޖީނު އިސްޓާރޓުކޮށްލި އަޑުފަށްގަނޑު އިއްވާލިއެވެ. ޔުމްނާ އޭނާގެ ބޮޑުދައިތައަށާއި ބޮޑުބޭބެއަށް ހަނާއަޅާލިއެވެ. މާލަސްތަކެއްނުވެ އެ ދޯނި މާލޭގެ ފަޅުން ނުކުމެ ރަނގަޅަށް ދުއްވާލިއެވެ.

ޔުމްނާ ދޯނީގައި ރަނގަޅަށް އޮށޯވެލިއެވެ. އަދި ރަށަށް ދެވޭނީ އިރުވެސް އޮއްސޭ ފަހުންނެވެ. އެހެންކަމުން ނިދި ހަމަކޮށްލުމުގެ ނިޔަތުގައި ޔުމްނާ ދެލޯ މަރާލިއެވެ. އޭރުވެސް ދޯނިތެރޭގައި މީހުން ވާހަކަ ދައްކާ އަޑާއި ދޯނީގެ ކައްކާ އެންމެންނަށް މަމީ ނޫޑްލިސް ހަދައިދޭ އަޑުވެސް އިވެއެވެ. ނަމަވެސް ދޯނި ދެފަޅި ދެފަޅިއަށް ހަލުވާވަރުން ޔުމްނާއަކަށް ކާއެއްޗަކާއި މެދު ވިސްނޭވަރެއް ނޫނެވެ. އުޑުމަތީގައި ހޯރައަޅަމުން ދިޔަ ކާޅުތަކަށް ބަލަން އޮއްވައި ޔުމްނާއަށް ނިދިއްޖެއެވެ.

***************************************************

މުޅި ތަނަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. ވަގުތަކީ ރަށުގެ އެންމެން ނިދައި، ފައިހިލަވަޅު އޮބުނު ވަގުތެވެ. ދޭތެރެއަކުން ދުރުދުރުން އިވޭ ރަފީގުގެ އަޑު ފިޔަވާ އެހެން އަޑެއް މުޅި ރަށަކުންވެސް ނީވެއެވެ. ނަމަވެސް މި ހަމަހިމޭންކަން ދެމިއޮތީ މަދު ހިނދުކޮޅަކަށެވެ. ކުއްލިއަކަށް އާދަޔާޚިލާފަށް ބާރަށް ވައިޖެހެންފެށިއެވެ. ގަސްތަކުގެ ތެރެއިން ކާޅާއި ކުނބޯލި ގޮވާ އަޑު އިވެންފެށިއެވެ. ބުޅާ ރޯއަޑުވެސް ގަދަވަމުންދިޔައެވެ. އެވަގުތު މަގުމައްޗަށް ނުކުމެއްޖެނަމަ ތަނެއް ދޮރެއްނުފެންނާނެކަންވެސް ގައިމެވެ. އެހާވެސް ވައިގަދަވެ، ޖައްވުގެ ތެރޭގައި ކުނިބުނި ގިނަވެއްޖެއެވެ. ނަމަވެސް އެ ބިރުވެރި މުސީބާތް ހުއްޓެންވެސް ނެގީ ހަމައެހާ މަދު ވަގުތުކޮޅެކެވެ. ވައިޖެހުން މަޑުވެއްޖެއެވެ. ކާޅުގެ އަޑު މަޑުވެއްޖެއެވެ. ބުޅަލުގެ ރުއިމުގެ އަޑުވެސް މަޑުވެއްޖެއެވެ. މުޅި ރަށް އަމާންވެގެންދިޔައީ ބަސްބުނާހާ އަވަހަށެވެ. މި މަންޒަރު ބަލަން ގޭގެ ފެންޑާގެ ތެރޭގައި ހުރި ޔުމްނާ ހުރީ އާސޯޚުވެފައެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި ޔުމްނާގެ ލޮލުގައި އަޅައިގަތީ ދުރުދުރުން ޖައްވުގެ ތެރޭގައި އުދުހިފައި އައި ރަތްކުލައިގެ އަލިގުޅައެވެ. މި މަންޒަރު ފެނިފައި ޔުމްނާަގެ ގައިން ހީބިހި ނަގައިގަތެވެ.ގަންނާކުރެއްވި ބިރުން އަލުން އަނބުރާ ކޮޓަރިއަށް ދާން އެޅި ފިޔަވަޅު ހުއްޓުނީ ދުރުދުރުން މީހަކު ޔުމްނާގެ ނަމުން ގޮވާލުމުންނެވެ. ޔުމްނާ ގަނޑުވިކަހަލައެވެ. ކުރަން އުޅުނު ކަންތައްވެސް ހަނދާނުން ފޮހެވުނު ކަހަލައެވެ. އެހެން އެތައް އިރެއްވަންދެން ޔުމްނާއަށް ހުރެވުނެވެ. އަނެއްކާވެސް ގައިގައި ހުރި ހިތްވަރެއް ލައިގެން ކުރިއަށް އެޅި ފިޔަވަޅު އަޅަން ޔުމްނާ ފައި ހިއްލާލިއެވެ. ނަމަވެސް ދެން ފެނުނީ ޔުމްނާގެ މުޅި ހަށިގަނޑު ފަނޑު ނޫކުލައިގެ އައްޔަކުން ދިއްލުނު މަންޒަރެވެ. އަދި ޔުމްނާގެ ހަށިގަނޑު އަމިއްލައަށް އެ ގޭގެ ފެންޑާއިން ނުކުމެގެން ހިނގަން ފެށި މަންޒަރެވެ. ހީވަނީ މިވަގުތު ޔުމްނާގެ ހަށިގަނޑަށް ނުފޫޒު ފޯރުވަމުންދިޔައީ އެހެން ފަރާތެއްހެންނެވެ. ޔުމްނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އަމިއްލަ އިޚްތިޔާރުގައި ހަރަކާތެއްވެސް ނުކޮށްލެވެއެވެ. މިފަދަ ހާލެއްގައި ހުސްފަޔާ ހުރެގެން ޔުމްނާ ވަނީ އެ ރަށުގެ ބޯ ވަލުގެތެރެއަށެވެ.

މުޅި ވަލުތެރެއިންވެސް ފެންނަނީ އަނދިރިކަމެވެ. ގަސްތަކުން ފުރޭނިގެން އަންނަ ކޮކާ ހަނދުވަރު ފިޔަވާ އެހެން އެއްވެސް އަލިކަމެއް އެ ވަލުގެ ތެރެއަކު ނެތެވެ. މިހެންކަމުން ތަފާތު އެކި ޒާތްޒާތުގެ ހިޔަނިތައް ގަސްތަކަށް އެޅެމުންދިޔައަވެެ. ޔުމްނާ ހުރީ ރޮވޭ ހާލުގައެވެ. ހިތާހިތުން ކުރުސި ކިޔަން ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެެވެ. އޭނާ ހުރީ ހަމަ އެހާވެސް ބިރުގަނެފައެވެ. ޔުމްނާ ހިނގަމުންދިޔަ ވަރަކަށް ފައިދަށުން ފަތްތަކާއި ގަސްގަހުގެ އޮފިތައް މުގުރޭ އަޑުވެސް އިވެމުންދިޔައެވެ. އެތައް އިރެއްވަންދެން ހިނގުމަށްފަހު ޔުމްނާ އެ ރަށުގެ އެންމެ ޒަމާންވީ މިދިލި ގަސްދޮށުގައި ހުއްޓުނެވެ. އަދި ހަމައެވަގުތު ޔުމްނާގެ ހަށިގަނޑުން ވަރު ދޫވާކަހަލަ އިހުސާސެއް ކުރެވުނެވެ. ބޮލުގައި ހިފަހައްޓައިގެންހުރެ ޔުމްނާ ބިންމައްޗަށް ތިރިވިއެވެ. ވާއަތުން ބޮލުގައި ހިފަހައްޓައިގެން ކަނާއަތުން ވެލިގަނޑުގައި އަތް މުއްކަވައިގެން އިނދެ ހިތުގެ ހިނގުން ހަމައަކަށް އެޅުވޭތޯ ޔުމްނާ މަސައްކަތްކުރަމުންދިޔައެވެ. ހަމައެވަގުތު ޔުމްނާ އަތް މުއްކަވައިގެން އިން ވެލިގަނޑުގެ ތެރެއިން އެއްޗެއް ތެޅޭކަމުގެ އިހުސާސް ކުރެވުނެވެ. ސިހިފައި ޔުމްނާގެ އަތް ދަމައިގަތެވެ. އަދި ހީވިހީވުމެއްތޯ ޔަގީންކޮށްލަން އަނެއްކާވެސް ޔުމްނާގެ އަތް ބިންގަނޑުމަތީގައި ބާއްވައިލިއެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ޔުމްނާގެ މޮޔަކަން ހިތަށްއަރާއި ޔުމްނާއަށް ހެވުނެވެ. އަދި ބިންމަތިން ތެދުވެ ގައިން ވެލި ފޮޅާލިއެވެ.

ހަމައެވަގުތު މުޅި ވަލުގެ ތެރެއަށް ބިންހެލުމެއް އައި ފަދައެވެ. ޔުމްނާ ސިހިފައި ފަހަތަށް ބަލާލިއެވެ. ހަމައެވަގުތު ބިންގަނޑު ފަޅާފައިި ޔުމްނާގެ ފައިގައި ބާރަށް އެއްޗެއް ހިފެހެއްޓިއެވެ. ޔުމްނާއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. ބަލަން ނުބަލަން ހުރެފައި ޔުމްނާ ފަހަތަށް ބަލާލިއެވެ. ޔުމްނާގެ ހިތްނުހުއްޓުނީ ހަމަ ކިރިޔާއެވެ. ޔުމްނާގެ ފައިގައި ހިފަހައްޓައިގެން ހުރީ ހަންގަނޑު ހުދުވެފައި ހުރި އަތެކެވެ. އެ އަތުގެ ކުޑަވާ އިނގިޅިގައި އަޅާފައި އިން އަލިމަސް އަނގޮށްޓިން އެއީ އަންހެނެއްކަން ދޭހަވިއެވެ. އެ އަތުގައި ހުރި ދިގު އަދި ތޫނު ނިޔަފަތިތަށް ޔުމްނާގެ ތަނބިކަށްޓަށް ހެރި ލޭ އަންނަމުންދިޔައެވެ. ޔުމްނާ ހަޅޭލަވައިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ދެންކުރެވުނީ ޔުމްނާގެ ފައި ބިންގަނޑުގެ ތެރެއަށް ދަމައިގަތް އިޚްސާސެވެ
********************************************************

“މަންމާ!” ޔުމްނާ ތެދުވެފައި ހަޅެލަވައިގަތް އަޑަށް ދޯނީގައި ތިބި އެންމެން ދިޔައީ ސިއްސައިގެންނެވެ. އޭރުވެސް ޔުމްނާގެ ހިތް މޭކަށިގަނޑުގެ ތެރޭގައި ނެގިނެގިފައި ޖެހެމުންދިޔައެވެ. ވަށައިގެން ނަޒަރު ހިންގާލުމުން ޔުމްނާއަށް މިއޮވެވުނީ ދޯނީގައިކަން އެނގުމުން ޔުމްނާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ދޯނީގައި އުޅުނު ފަޅުވެރިއަކު ދިއްކޮށްލި ފެންފުޅިއެއް ބޮއި ހުސްކޮށްލުމަށްފަހު ޔުމްނާ އޭނާގެ ހިތް މަސަލަސް ކުރެވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ޔުމްނާ އުޑުމައްޗަށް ބަލާލިއެވެ. އޭރު އިރު އޮއްސުމުގެ ކުލަތަކުން މުޅި އުޑުމަތި ވަނީ ޖަރީކޮށްލާފައެވެ. ކުރެހުންތެރިއަކަށްވެސް ނުކުރެހޭހާ ފުރިހަމަ އިރުއޮއްސޭ މަންޒަރެކެވެ. ޔުމްނާ ދޯނީގެ ކުނބަށް ބަލާލިއެވެ. އޭރު މަޑުއްވަރީގެ ފެހިކަންގަދަ މަލަމަތި ފެންނަމުންދިޔައެވެ. ޔުމްނާގެ ތުންފަތުގައި ކުޅެލީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެތައް ދުވަހަކަށްފަހު ރަށަށް ދެވޭތީ އޭނާ ހުރީ ވަރަށް އުފާވެފައެވެ. އަދި ހިނދުކޮޅަކަށް ނަމަވެސް އެ ހުވަފެން މަތިން ޔުމްނާ ހަނދާން ނެތުނެވެ.

މަޣްރިބް ނަމާދުގެ ބަންގިއަށް އެ ދޯނި މަޑުއްވަރީގެ ފަޅުގެ ތެރެއަށް ވައްދާލިއެވެ. އޭރު ރަށުގެ އަތިރިމަތީގައި އެތައް ބަޔަކު ދޯނީގެ އިންތިޒާރުގައި އައްސަ ތިއްބެވެ. ނަމަވެސް ޔުމްނާ ހޯދަމުންދިޔައީ އެންމެ މޫނެކެވެ. އޭނާގެ ލޯބިވާ މަންމަގެ މޫނެވެ. ދޯނި ލެފުމާއެކު ދޯނީގައި ތިބި ބައިވެރިން ފައިބަންފެށިއެވެ. ޔުމްނާ އިނީ އެންމެ ފަހަތުގައިކަމަށްވުމުން ޔުމްނާއަށް ފޭބުނީ އެންމެ ފަހުންނެވެ. ޔުމްނާ ފޭބިތަނާހެން ޔުމްނާގެ ގައިގައި މީހަކު ބައްދާލިއެވެ. ޔުމްނާ އެއީ ކާކުތޯ ބަލާވަރަށްވުރެ އެ އޯގާތެރި ދެ އަތަށް އޭނާ ވަނީ ހޭނިފައެވެ.

“މަންމާ!” ޔުމްނާ އުފަލުން އޭނާގެ މަންމަ ހުސްނާއަށް ގޮވައިލިއެވެ. “ދަރިފުޅާ! ކިހިނެއްތަ ދަތުރު؟ ވަރަށް ގަދަ ދޯ؟ މަންމަގެ ދަރފުޅު ހާދަ ދިގޭ ދޯ މިހާރު؟ މެންދުރު ކެއިންތަ؟” ހުސްނާގެ ސުވާލު ގޯނި އޮއްސާލިއެވެ. ވާނީވެސް އެހެންތާއެވެ. އެހާ ދުވަހަކަށްފަހު ހުރި ހަމައެކަނި އަންހެން ދަރިފުޅު ފެނުނީމަ އުފާނުވާނީ ކޮން މަޔެއް ހެއްޔެވެ؟ ދޯނީގެ ފަޅުވެރިން ޔުމްނާގެ ފޮށިތަންމަތި ބާލައިދިނުމުން އެ އެއްޗެހި ބަރޯއަށް ލައިގެން ޔުމްނާއާއި ހުސްނާ ހިނގައިގަތެވެ.

“ޔަމީންވެސް ބަނދަރގައި ހުރި ދަރިފުޅު އަންނަންދެން. އެކަމަކު ބަންގި ގޮވީމަ އެ ދިޔައީ ނަމާދަށް”. ޔުމްނާގެ ދޮންބެ ކަމަށްވާ ޔަމީން ޔުމްނާގެ އިންތިޒާރުގައި ހުރި ވާހަކަ ހުސްނާ ބުނެލިއެވެ. “އެހެންތަ؟ އަހަރެން ހިޔެއްނުކުރަން ދޮންބެ އަންނާނެކަމަކަށް”. ޔުމްނާ ހައިރާންކަމާއެކު ބުނެލިއެވެ. “ދޮންބެ އެހެން ހުއްޓަކަސް ޔުމްނާ ދެކެ ވަރަށް ލޯބިވާނެ.” ހުސްނާ ހިނިތުންވެލަމުން ބުންޏޔެވެ. ވާހަކައިގައި ތިއްބައި އެ ދެމައިންނަށް ގެއާއި ހަމައަށް އާދެވިއްޖެވެ. ޔުމްނާ ގެއަށް ނަޒަރު ހިންގާލިއެވެ. ޔުމްނާ އުޅެބޮޑުވި ގެ، “ހަވޭލީ” ހުރީ ހަމަ އޭރުވެސް ހުރިގޮތަށެވެ. ފާއިތުވެދިޔަ 5 އަަރުގެ ތެރޭގައި ގޭގެ ވަށާފާރުގައި ހުރި ކުލަ ފިޔަވާ އެހެން އެއްވެސް ތަފާތެއް އެ ޝަޚްސިއްޔަތުކަން ބޮޑު ގެއިން ފާހަގަވާކަށް ނެތެވެ. ހުސްނާ ގޭގެ ދޮރު ހުޅުވާލުމަށްފަހު ޔުމްނާ އާއެކު ފޮށިގަނޑުތައް އެތެރެއަށް ވެއްދިއެވެ. “ދަރިފުޅު ދޭ އަވަހަށް ފެންވަރައިގެން އަންނަން. މަންމަ ހުންނާނެ ކާން ހަދާފަ އިނގޭ”. ހުސްނާ ބުންޏެވެ. ޔުމްނާ އޭނާގެ ފޮށި ހިފައިގެން އޭނާ އުޅުނު ކޮޓަރިއަށް ވަނެވެ.

އެ ކޮޓަރިއަކީ ތަނަވަސް ކޮޓަރިއެކެވެ. ފާރުގައި ލާފައި ހުރި ހުދުކުލައިން ކުޓަރި އަލި ކަމަށް ދައްކައެވެ. ކޮޓަރީގެ ކުޑަ ދޮރާއި ދިމާގައި އޭނާގެ އެނދު ބެހެއްޓިފައިވެއެވެ. އަދި އެނދުގެ ފައިލާކޮޅާއި ދިމާއަށް ހުރި ފާރު ބުޑުގައި ރީތިވާ މޭޒެއް ބެހެއްޓިފަ ހުއްޓެވެ. ރީތިވާ މޭޒާއި ޖެހިގެންކަހަލަ ގޮތަކަށް ފާހާނަާގެ ދޮރު ހުއްޓެވެ. އަދި އެނދާއި ކަނާތް ފަރާތާއި ވީ ފާރުގެ ބުޑުގައި ދެ ދޮރުފަތްލީ ލަކުޑި އަލަމާރިއަކާއި ފޮތް ހަރުގަނޑެއް ހުއްޓެވެ. މިއީ އެ ޒަމާނުގެ ގޮތުން ބުނާނަމަ “މަތީ ފެންވަރު”ގެ ކޮޓަރިއެކެވެ. ވާނީވެސް އެހެންތާއެވެ. ޔުމްނާގެ ކާފައަކީ ދުނިޔޭގައި ހުރިއިރު މަޑުއްވަރީގެ ރަށުކަތީބެވެ. އެހެންކަމުން ޔުމްނާގެ ކާފަ ދުނިޔެ ދޫކުރިއެއްކަމަކު ޔުމްނާގެ އާއިލާ އުޅެމުންދިޔައީ ވަރަށް ފޯރައިގެންނެވެ. “ހަވޭލީ” އަކީ އޭގެ އެންމެ ވަރުގަދަ އެއް ހެތްކެވެ.

ޔުމްނާ އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ. މާގަނޑު ދޫކޮށްލައިގެން ފެން ވަރަން ހުރިއިރު އޭޏާގެ ހިޔާލާލަށް އަންނަމުންދިޔައީ މިއަދު ހިނގި ކަންތައްތަކެވެ. ޔުމްނާއަށް ފެނުނު ހުވަފެން މަތުން ހަނދާންވުމުން ޔުމްނާގެ ހިތުގެ ތެރެއަށް ބިރުވެރިކަން ވަނެވެ. އެ ހުވަފެން ފެންނަތާ މިހާރު ހަފްތާއެއް ވެއްޖެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޔުމްނާ އެ ވާހަކަ މީހެއްގެ ކައިރީގައި ބުނަން ފަސްޖެހެނީއެވެ. ޔުމްނާގެ މިޚިޔާލުތަކުން ނުކުމެވުނީ ކުއްލިއަކަށް ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނު އަޑަށެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ހިތުގެ ރިހުން (5)

Next

އޭލިއަން ސިލްސިލާ: ހިރާސް – 5

Next
June 27, 2025

އޭލިއަން ސިލްސިލާ: ހިރާސް – 5

Previews
June 27, 2025

ހިތުގެ ރިހުން (5)

2 Comments!

  1. girl says:
    August 26, 2025 at 11:02 am

    very nice story mashaallah thank you so much

    1. Mariyam Imna Mariyam Imna says:
      August 27, 2025 at 8:15 pm

      thank you so much Girl!

Comments are closed.

Next Episodeހަވޭލީ – ދެވަނަ ބައި←


All Right Reserved!