ރެއަކީ ރަޖަބު މަހުގެ 15 ވަނަ ވިލޭރެއެވެ. މުޅި ރަށުތެރޭގައިވެސް ވަނީ އަމާންކަމެވެ. މަދުމަދުން ދޭތެރެއަކުން ރަފީގު ގޮވާ އަޑު އިވެއެވެ. ހޮޅިބުރީގެ އަލި ނެތް އެ ޒަމާނުގައި މަގުތައް މަތީގައި ރަސްކަން ކުރަމުން ދިޔައީ ހަނދުވަރުގެ ރިހި އައްޔެވެ. ދުރުދުރުން ބުޅަލެއްގެ ކޯޅުމުގެ އަޑުވެސް އިވެއެވެ. މިފަދަ ހަމަހިމޭން އަދި އަމާން ރެއަކު ވަލުފަރާތުގެ މަގުން ހުސްފަޔާ ހިނގާފައި މިދަނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އާދައިގެ ގޮތަކަށް ހުރި އެ އަންހެން ކުއްޖާ ހިނގަމުން ދިޔައިރު އޭނާގެ ހަށިގަނޑުގައި މަޑު ތުރުތުރުވުމެއް އެކުލެވިގެންވިއެވެ. އެ ބޯ ވަލުގެ ތެރެއަށް އެ އަންހެން ކުއްޖާ ވަންނަމުންދިޔައިރު މަތިން ކާޅުތައް ހޯރައަޅަމުން ދިޔައެވެ. ވަލުގެ ވަކި ހިސާބަކާއި ހަމައަށް ދެވުމުން އެ އަންހެން ކުއްޖާ ހުއްޓުނެވެ. އަދި އެ ވަލުގެ މެދުގައި ހުރި މިދިލި ގަހުގެ ބުޑުގައި ދެފައި ވައްކޮށްލައިގެން އިށީނެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން އައި ކޮކާ ހަނދުވަރުގެ ތެރެއިން ދެން ފެނުނީ އެ އަންހެން ކުއްޖާގެ ކަޅުކުލައިގެ ކަޅި ރަތްކުލައަށް ބަދަލުވިތަނެވެ. ދެން އިވިގެން ދިޔައީ އެކުއްޖާގެ ޒީލަ އަޑުން ހަޅޭލަވައިގަތް އަޑެވެ.
- އައްސަލާމް އަލައިކުމް. މިއީ އަޅުގަނޑު މި ސައިޓަށް ލިޔާ އެންމެ ފުރަތަމަ ވާޙަކަ ކަމަށްވާތީ، މި ވާހަކައިގައި ކުށް ހުރުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން ވާހަކައިގައިވާ ކުށްތައް ކިޔުންތެރިން އަޅުގަނޑަށް ފާހަގަކޮށްދެއްވާނެ ކަމަށް އުންމީދުކުރަން.


