ޙަޤީޤަތް ކަޝްފުވުމުން…. ޓްރެއިލަރ
ތުކްލާންއާއި އަނިފްގެ އިތުރުން ޒާމިލްއަކީ ވަރަށް ގާތް ރަޙުމަތްތެރިންނެވެ. ގްރޭޑް ހައަކާ ހަމައިން ކުއްލިގޮތަކަށް ޒާމިލް ވަކިވެގެންދެއެވެ. އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް ޒާމިލްއާ ބައްދަލުވެއެވެ. ނަމަވެސް ޒާމިލްގެ ބަދަލުވެފައިވާ މިޒާޖާއި އުޅުމުގެ ސަބަބުން ތިން އެކުވެރިންގެ މެދުގައި، މީގެ ހަތަރު އަހަރު ކުރިން އޮތް އެކުވެރިކަން ހީނަރުވެގެންދެއެވެ. ޒާމިލްއަށް އައިސްފައި މިވާ ބަދަލުގެ އަސްލު ހޯދަން އަނިފް ކުރާ މަސައްކަތުން ޒާމިލްގެ އަނދިރި ޙަޔާތުގެ ހިތި ޞަފްޙާތައް އަނިފްގެ ކުރިމަތީގައި ނިއުޅިގެންދެއެވެ.
ޒާމިލްގެ މަންމަ ތުކްލާންއާ މެދު ނުރުހެންވީ ސަބަބެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ މަންމައާ ގުޅުވައިގެން ތުކްލާންއަށް އަމާޒުވާ ވިހަ ގަދަ ބަސްތަކުގެ ސަބަބު ހޯދަން އޭނާ ގަދައަޅާ މަސައްކަތްކުރެއެވެ. ހުރިހާ ކަމެއް ތުކްލާންއަށް އެނގި ހާމަވާއިރު، ޢާއިލާގެ ބޮޑު ސިއްރު ފަޅާއަރައެވެ.
ހަތަރު އަހަރު ކުރިން ޒާމިލްގެ ކުޑަކުޑަ ޢާއިލާ މާލެއަށް ދިރިއުޅުން ބަދަލުކުރަން ޖެހުނު ސަބަބު އަދި އަދަށް ދާންދެންވެސް އޭނާއަކަށް އެނގިފަކާ ނުވެއެވެ. މި ސަބަބު އޭނާގެ ކަންފަތާ ހަމައަށް ފޯރަނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ.
މި ތިން ރަޙުމަތްތެރިންގެ މެދުގައި އޮތް ގުޅުން ހީނަރުވެގެންދަނީ ހަމަ އެންމެ ކަމެއްގެ ސަބަބުންނެވެ. އެންމެންގެ ލޯމައްޗަށް ފޮރުވިފައިވާ ހިތި ޙަޤީޤަތުގެ ސަބަބުންނެވެ. ޒާމިލްއަށް އައިސްފައިވާ ބަދަލުގެ އަސްލު ހޯދަން އަނިފް ކުރާ މަސައްކަތުން ފަޅާއަރަނީ ކޮން ޙަޤީޤަތެއް ބާވައެވެ؟ ޒާމިލްގެ މަންމަ ތުކްލާން ދެކެ އެހާ ނުރުހެންވީ ސަބަބަކީ ކޮބައި ބާވައެވެ؟ އަދި އެ ސަބަބު ހޯދަން ކުރާ މަސައްކަތުގެ ތެރެއިން އޭނާއަށް ކަޝްފުވެގެންދަނީ ކޮން ޙަޤީޤަތެއް ބާވައެވެ؟ ކުއްލިގޮތަކަށް އުފަން ރަށް ދޫކޮށް މާލެ ބަދަލުވާން ޖެހުނު ސަބަބު ޒާމިލްއަށް އެނގެނީ ކިހިނެއް ބާވައެވެ؟ ހަތަރު އަހަރު ވަންދެން އެ ސިއްރު އޭނާއަށް ފޮރުވިފައިވަނީ ކީއްވެ ބާވައެވެ؟ ސިއްރުކުރެވިފައިވާ ހުރިހާ ޙަޤީޤަތެއް އެންމެންގެ ލޯމައްޗަށް ފާޅުވުމުން، މި ތިން ރަޙުމަތްތެރިންގެ މެދުގައި އޮތް ޒަމާންވީ ގުޅުމަށް ވާނީ ކިހިނެއް ބާވައެވެ؟ ވަންހަނާވެފައިވާ ޙަޤީޤަތުގެ ސަބަބުން މި ތިން އެކުވެރިންގެ ޙަޔާތް ބަދަލުވެގެން ދިޔަ ގޮތް މި ވާހަކައިން އެނގިވަޑައިގަންނަވާނެއެވެ. މި ސުވާލުތަކުގެ ޖަވާބު ހޯއްދެވުމަށް މި ވާހަކަ ވިދާޅުވެލައްވާށެވެ.
*********
މިއީ އަޅުގަނޑު މިގޮތަށް ލިޔާ ފުރަތަމަ ވާހަކައެވެ. މި ވާހަކަަައަށް ކިޔުންތެރީންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް އުންމީދުކުރަމެވެ. ކިޔުންތެރިންގެ ފަރާތުން ޚިޔާލާއި، ރަނގަޅުކުރަންވީ ކަންތައްތައް ކޮމެންޓު ކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެކެވެ. ހުރިހާ ކިޔުންތެރީންނަށްވެސް މި ވާހަކަ ކަމުދާނެކަމަށް އުންމީދުކުރަމެވެ. މި ވާހަކަަައަށް އިންތިޒާރު ކޮށްލައްވާ!
