Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ތާރީހުން ސަފުހާއެއް

Mohamed Adam Level 1
April 23, 2025 6 Mins Read
0 Comments

އަސްރު ނަމާދު ކޮއްލައިގެން ނާހިޒާ އުނދޯލީގައި އިނީ ހަވީރުގެ ޒިކުރު ކިޔާށެވެ. އެއް އަތުން ޒިކުރު ފޮތް ހިފައިގެން، އަނެއް އަތަށް ލައިގެން އިން ވާގަނޑު މެދުވެރިކޮށް އުނދޯލި ހެއްލަމުން ދިޔައެވެ. ދުވަހަކީ އުޑުމަތި ސާފު، މޫސުން ވަރަށް ރީތި ދުވަހެކެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅި އާއި އެކު ވަށައިގެންވާ ގަސްތަށް ދެކޮޅަށް ނަށަމުން ގެންދިޔައެވެ. ދުނިޔޭގެ އެއްވެސް ހިޔާލެއްނެތި ކައިރި ގަސްތަކު ތެރެއިން ކަނބިލިތައް ލަވަކިޔާ އަޑު އިވެއެވެ.

ޒިކުރު ކިޔާ ނިއްމާލުމަށްފަހު އުނދޯލިން ތެދުވެ ގޭތެރެއަށް ހިނގައިގަތީ، ހަވީރު ފިންޏަށް ބަނދަރު މައްޗައް ޖެހިލުމަށް ތައްޔާރު ވުމަށެވެ. މޫނުގައި ފުށްޖަހާލައިގެން، ލޮލުގައި އަނދުން އަޅާލިއެވެ. އަދި ސެންޓު ޖަހާލައިގެން، އަލަމާރި ތެރެއިން ރަން ގަޑިއެއް ނެގުމަށްފަހު އަތުކުރީގައި އަޅުވާލިއެވެ. ގެއިން ނިކުމެ އަތިރިއާއި ދިމާލަށް ނާހިޒާ ހިނގައިގަތެވެ. އޭނާ އެކޭވެސް އެއްފަދައިން، ހަވީރު ފިންޏަށް ނިކުމެ އުޅޭ މީހުން އެކި ދިމަދިމާލުން ފެންނަމުން ދިޔައެވެ. ކުޅިވަރު ދަނޑުތަކަށް ކުޅެންދާ މީހުންނާއި، ތުއްތު ކުދިން ގޮވައިގެން ޕާކަށް ކުޅެންދާ މީހުންނާއި ދުއްވާ އެއްޗެހީގައި ބުރު ޖަހަން ނިކުމެ އުޅޭ މީހުންނެވެ.

ބަނދަރު ސަރަހައްދަށް ގޮސް ނާހިޒާ އަބަދުވެސް އިންނަ ޖޯލިފަތީގައި އިށީނދެލިއެވެ. ބަނދަރުގެ އެކި ދިމާލަށް ބަލަމުން ދަނިކޮށް، ހަގު އުމުފުރައިގެ ކުދިންތަކެއް ސަކަ ޖަހަމުން ދިޔަ މަންޒަރު ފެނުނެވެ. ކޮންމެ ކުއްޖެއްގެ ކޮނޑުގައި ދަބަހެއް އޮތެވެ. އަދި ބައެއް ކުދިން އަތުން، ފޮތްބައެއް ވެސް ހިފައިގެން ތިއްބެވެ. ނާހިޒާގެ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވިގެން ދިޔައެވެ. އަދި އެކުދިން ޖަހާ ސަކަރާތް ބަލަން އިންދާ ކުއްލިއަކަށް މާޒީގެ ހަޔާތުން ސަފުހާއަކަށް ދަތުރު ކޮއްލެވުނެވެ.

ނާހިޒާއަކީ ދެމަފިރިއަކަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ބޮޑުވަމުން އައީ، ކޮންމެ މައިންބަފަޔަކުވެސް ހުރިހާ ގޮތަކުން އެންމެ ލޯބިވާނެ ފަދަ ކުއްޖެއްގެ ގޮތުގައެވެ. އެހާމެ ބަސްއަހައެވެ. އަދި އެންމެ ކުޑައިރުން ފެށިގެން ކިޔެވުމުގައިވެސް ހޯދަމުން އައީ ރަން ވަނަތަކެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ނާހިޒާ ގުރޭޑު ދިހައެއްގެ ކިޔެވުން ނިންމާލިއެވެ. ގައުމީ ގަދަ ދިހައެއްގެ ތިން ވަނައިން ޖާގައަކާއި އެކުގައެވެ.

މަތީ ތައުލީމު ހޯދުމަށް ނާހިޒާ ކުރަމުންއައި ހުރިހާ ހުވަފެނެއް ފެނަށް ވެގެން ދިޔައީ، އޭނާގެ އުމުރުން އަށާރަ އަހަރު ފުރުމާއެކު ހަޔާތަށް އައި ބަދަލާ އެކުގައެވެ. އޭނާގެ މަންމަވެސް ކުރަމުންއައި އާދޭސްތަކަށް ބީރު ކަންފަތެއްދީ، ވިޔަފާރިއަށްޓަކައި ނާހިޒާގެ ބައްޕަ އޭނާގެ ވިއްކާލީއެވެ. ނާހިޒާއަށް އޭނާގެ އަމިއްލަ ހުވަފެންތަކަށް ފަސްއަޅައި ވަޅުލާން މަޖުބޫރު ވެގެން ދިޔައެވެ. އަދި ލޯބިވާ އާއިލާއާއި ރަށް ދޫކޮށް މުޅިން އެހެން މާހައުލަކަށް ދާން ޖެހުނެވެ. މާލޭގެ އަޑުގަދަ އަދި ހަލަބޮލި ކަމުގެ ތެރެއަށް ނޭވާލާން ޖެހުނެވެ. ކުޑަކުޑަ ގޮޅިއެއް ވަރުގެ ތަނެއްގައި ތާށިވެފައި އިންނަން ޖެހުނީ، އަތުގައި ފޯނެއްގެ ހިސާބުވެސް ނެތިއެވެ. ފިރިމީހާ އުޅޭނީ ދުވާލު އެއްކޮއްހެން ބޭރުގައެވެ. ގެއަށް އަންނާނީ ހަމަ އެކަނި ނިދަންވީމައެވެ. އާ ދުވަހަކަށް އިރު އަރާއިރު ގޭގައެއް ނުހުރެއެވެ. ނާހިޒާ ކައިގެންތޯ ހުރީ ނުވަތަ ހާލު ކިހިނެއްތޯވެސް ބަލާ ނުލައެވެ. ގޭގައި ކާއެއްޗެއް ކައްކާނެ އެއްޗެހި ގަނެދީފައި ހުރި ނަމަ ނާހިޒާ ކައްކައިގެން ކައެވެ. އަމިއްލައަށް އެއްޗެއް ގަންނާނެ، އެއް ރުފިޔާގެ ހިސާބުވެސް އޭނާގެ ފިރިމީހާގެ ފަރާތަކުން ނުލިބެއެވެ.

އެ ހިތާމަވެރި އަދި އެކަނިވެރި ހަޔާތުގައި ދުވަސްތައް ގުނަމުން ދަނިކޮށް ނާހިޒާއަށް ލިބުނު ހަބަރަކުން، އޭނާގެ ހިތް ބުނެދޭންވެސް ނޭނގޭ ވަރަށް ކުދިކުދިވެގެން ދިޔައެވެ. އަނިޔާވެރި ގޮތަކަށް އޭނާގެ މަންމައާއި ބައްޕަ މަރާލި ހަބަރެވެ. ފުލުހުން ނާހިޒާއަށް މައުލޫމާތު ދިން ގޮތުގައި އެއީ ބަޔަކު ވަރަށް ދުރާލާ ރާވައިގެން ކޮއްފައިވާ ކަމެކެވެ. ނާހިޒާގެ ބައްޕަގެ ވިޔަފާރި ބަނގުރޫޓު ވުމުން، އެކަމުގެ ރުޅީގައި ބަޔަކު ކުރި ކަމެއް ކަމަށް ލަފާކުރެވޭ ވާހަކަވެސް ބުންޏެވެ. ނަމަވެސް އަދި މިކަން ކުރި މީހުން ޔަގީން ކަމާއިއެކު ބުނެދެވެން ނެތް ކަމަށްވެސް އެމީހުން ބުނިއެވެ.

އޭގެ ފަހުން ކޮންމެ ދުވަހަކުވެސް މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާފައި ނާހިޒާ ޕޮލިސް ސްޓޭޝަނަށް ދާން ފެށީ އޭނާގެ މައިންބަފައިންގެ ފުރާނަ ނަގާލި މީހާގެ އިތުރު މައުލޫމާތެއް ލިބޭތޯއެވެ. ދުވަސްތައް ހަފްތާތަކަށް ބަދަލު ވީއިރުވެސް ނާހިޒާއަށް ލިބެމުން ދިޔައީ ހަމަ އެއް ޖަވާބެކެވެ. ކާކު ނުވަތަ ކޮންބަޔަކު ކޮއްފައިވާ ކަމެއްކަން ދެނެނުގަނެވޭ ކަމަށެވެ. ހަފުތާތައް މަސްތަކަށް ބަދަލުވާން ފެށިއެވެ. މިހާރު ހެނދުނު އިރުއެރުމުން ނާހިޒާގެ ފިރިމީހާ ގެއިން ނުކުތުމާއެކު އޭނާވެސް ނިކުމެ ޕޮލިސް ސްޓޭޝަނަށް ދެޔެވެ. އަދި އެތާ ކައިރި ފާރުގައި ލެގިގެން އިރު އޮއްސެންދެން އިނދެއެވެ. އިތުރު ޖަވާބެއް ލިބޭތޯ އިންތިޒާރު ކުރުމުގައެވެ.

ދެއަހަރު ފަހެވެ. މިއަދުވެސް ނާހިޒާ އެތެރޭގައި އެއްވެސް ދިރުމެއް ނެތް ހަށިގަނޑު ދަމާފައި ޕޮލިސް ސްޓޭޝަނާ ދިމާލަށް ގެންދިޔައެވެ. މިއަދު ލިބުނީ އެހެން ދުވަސް ދުވަހު ލިބޭ ޖަވާބު ތަކާއި ތަފާތު ޖަވާބެކެވެ. ނާހިޒާގެ މައިންބަފައިންގެ ގަތުލުވެރިޔާ ހޯދުމަށް ހުޅުވާލައިފައިވާ ކޭސް ބަންދުކުރި ވާހަކައެވެ. އެހާ ގިނަ ދުވަސް ވީއިރުވެސް އެއްވެސް ކުރި އެރުމެއް ނުލިބޭތީއެވެ. ނާހިޒާ ސްޓޭޝަން ކުރިމަތީގައި ހުރެ އެހެން ނެހެދުމަށް އެދި އާދޭސް ކުރަމުން ގެންދިޔައެވެ. ނަމަވެސް ފުލުހުން އޭނާ ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދީ، ގެއަށް ދިޔުމަށް އެންގިއެވެ. އަދި މީގެ ފަހުން އެތަނަށް އަނބުރާ އަތުވެއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރުވެސް ދިނެވެ.

އެދުވަހަށްފަހު ނާހިޒާގެ އެންމެ ގާތް އެކުވެރިއަކަށް ވެގެން ދިޔައީ އޭނާގެ ކޮޓަރީގައި ހުރި އެނދެވެ. ތެދުވަނީ ހަމަ އެކަނި ނަމާދު ކުރުމަށެވެ. އޭނާގެ އެހާލަށް ދޫކޮއްލާފައި، އޭނާގެ ފިރިމީހާ ހަމަ އުޅެމުން ދަނީ އަބަދުވެސް ބޭރުގައެވެ. ނިދަން އެކަނި ގެއަށް ވަދެލާ ކަމެވެ. އެގޮތުގައި ދުވަސްތައް ފާއިތުމަވުން ދަނިކޮށް ނާހިޒާ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވިއެވެ. ކާއެއްޗެއް ނުކައި، އަބަދު އެހެން އޮންނަން ފެށުމުން ވާނިވެސް އެހެންތާއެވެ. އަބަދުވެސް ބޮލަށް އެނބުރުން އަރަން ފެށިއެވެ. އަދި މަދުމަދުން ހޮޑުވެސް ލެވެން ފެށިއެވެ.

އެއްދުވަހަކު އަސުރު ނަމާދަށް ބަންގި ގޮވުމުން ނާހިޒާ އެނދުން ތެދުވެގެން ދިޔައީ ވުޟޫ ކުރުމަށެވެ. ނަމަވެސް އެނދުން ތެދުވުމާއެކު ބޮލަށް އެނބުރުން އެރިއެވެ. އެހެން ފަހަރު ފަހަރަށް ވުރެ ބޮޑަށެވެ. މަޑުމަޑުން ކުރިއަށް ޖެހިލައި ފާރުގައި ނާހިޒާ އަތް ވިއްދާލިއެވެ. ބޮލަށް އަރައިފައިވާ އެނބުރުން ގަނޑު އިތުރުވަމުން ގޮސް މޫނު މައްޗައް އަނދިރި އަޅަން ފެށިއެވެ. އެގޮތަށް ހުއްޓާ އޭނާގެ ހަބަރު ހުސްވެގެން ވެއްޓުނެވެ.

ހޭވެރިކަން ވީއިރު އޮވެވުނީ އަނެއްކާވެސް ކޮޓަރި އެނދުމަތީގައެވެ. ކައިރީގައި އޭނާގެ ފިރިމީހާ ހުއްޓެވެ. އަދި ވަގުތުން ބުންޏެވެ. ފޮށްޓަށް އެއްޗެހި އެޅުމަށެވެ. ނާހިޒާ މަޑުމަޑުން ބޯ ޖަހާލުމަށްފަހު އެހާލައިގެން ތެދުވެ، އެއްޗެހި އަޅަން ފެށިއެވެ. އެހެން ތަނަކަށް އޭނާ ފޮނުވާލަނީ ކަމެއް، ގެއިން ނެރެލަނީ ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެނގެން ބޭނުންވެސް ނުވާފަދައެވެ.

އެއްޗެހި އަޅައި ނިމުނުކަން އޭނާގެ ފިރިމީހާއަށް އެނގުމާއިއެކު ނާހިޒާގެ އަތުގައި ހިފައިގެން ގެއިން ނިކުތެވެ. ފޮށިވެސް ހިފަން ޖެހުނީ އޭނާ އަމިއްލައަށެވެ. މަގުމަތިން ކާރަކަށް އަރުވައިގެން، މުދާ އުފުލުމަށް މާލެއަށް އައިސް ހުރި ބޯޓުތަށް ކައިރިއަށް ގޮސް ފޭބުވިއެވެ. އަދި ނާހިޒާގެ ފޮށި އެތަނުން ބޯޓަކަށް ލުމަށްފަހު އަތަށް ސަތޭކަ ރުފިޔާގެ ނޫޓެއް ލައިދިނެވެ. އަދި ބުންޏެވެ. ނާހިޒާ ތިހުރީ ވަރި ކޮއްފައެވެ. އަދި އެ ރުފިޔާއަކީ ބަނޑުގައި އޮތް އޭނާގެ ދަރިފުޅު ބެލުމަށް ދިން ރުފިޔާއެއް ކަމަށް ބުންޏެވެ. އެވަގުތު ނާހިޒާއަށް މިއަދު ހޭ ހުސްވާން މެދުވެރިވި ސަބަބު ފަހުމް ވެގެން ދިޔައެވެ.

ބުނާނެ އެއްވެސް އެއްޗެއް ނެތުމުން ނާހިޒާ އިސް ޖަހާލުމަށްފަހު މަޑުމަޑުން ހިނގާލައިފާ ގޮސް ބޯޓަށް އެރިއެވެ. އަދި މުދާ އަރުވާފައި ނެތް ދިމާލަކުން ތަންކޮޅެއް ހޯދައިލުމަށްފަހު އިށީންދެލިއެވެ. މިހުރިހާ ކަމެއް ކުރިމަތި ވަމުން އައި އިރުވެސް އޭނާގެ ލޮލުން އެންމެ ކަރުން ތިއްކެއްވެސް ނުހިލެއެވެ. އަޖާއިބު ކުރުވަނިވި ކަމެއް ނޫނެވެ. ލޮލުގައި އަޅާނެ ކަރުނައެއް ނެތީއެވެ.

ރަށަށް ދެވުނީ އަނެއް ދުވަހު މެންދުރު ވަގުތުގައެވެ. ދަތުރުމަތީގައިވެސް އިރުއިރު ކޮޅާ ނާހިޒާއަށް ހޮޑު ލެވުނެވެ. ނަސީބު ދިމާކުރި ގޮތުން އެ ބޯޓުގައި ހުރި މީހުން އޭނާއަށް އެހީތެރި ވެދިނެވެ. ފާއިތުވެގެން މިދިޔަ އަހަރުތަކުގައި އެއްވެސް މީހެއްގެ ފަރާތުން އޯގާތެރިކަމެއް ލިބެފައި ނުވުމުން، ހިތްހެޔޮ މީހުން އުޅޭކަންވެސް ނާހިޒާއަށް ވަނީ ހަނދާން ނެތިފައެވެ. ރަށަށް ފޭބުމަށްފަހު ފޮށި ހިފައިގެން އޭނާގެ މައިންބަފައިންގެ ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ. ގޭގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެލުމާއި އެކުވެސް މީހުން ނޫޅޭ ތަނެއްކަން އެނގެން ހުއްޓެވެ.

މަޑުމަޑުން ގޭގެ އެތެރެއަށް ވަދެގެން ދިޔައެވެ. މަންމައާއި ބައްޕައާއި، އޭނާގެ ކުޑައިރުގެ ހަނދާންތައް ސިކުނޑިއަށް އަންނަން ފެށުމާއިއެކު ލޮލުން ހޯސްލާފައި ކަރުން އޮހޮރިގަތެވެ. ހުރި ފިޔަވަޅު މަތީގައި ހުއްޓި ހުރެ އިރުކޮޅެއް ވަންދެން ރުޔެވެ. ހިތް ފުރެންދެން ރޯލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ އަމިއްލަ ކޮޓަރިއަށް ވަދެ، ފޮށި ބެހެއްޓުމަށް ފަހު ފާހަނައަށް ގޮސް ފެންވަރާ ލައިގެން ނިކުމެ އެނދުގައި ބޯއަޅައިލިއެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ނާހިޒާގެ މައިންބަފައިންނާއި އާއިލާގެ އެހެން މީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނޯވެއެވެ. ސަބަބަކީ ހަމަ އޭނާގެ ބައްޕަގެ ވިޔަފާރިއެވެ. އެހެންކަމުން ރަށުގައިވެސް އޭނަޔަށް އަޅާލާނެ އެއްވެސް އާއިލާ މީހަކު ނެތެވެ. އަވަށްޓެރިއެއްގެ އެހީގައި ނާހިޒާ ރުފިޔާ ހޯދުމަށް މަސައްކަތް ކުރަން ފެށިއެވެ. ބަނޑުގައި އޮތް ދަރިފުޅަށް އުފާވެރި ހަޔާތެއް ހޯދައިދިނުމަށް އަމިއްލަ ނަފުސަށް ވައުދު ވަމުންނެވެ. ހެދިކާ ހަދައިގެން ވިއްކަން ފެށިއެވެ. ކައިރީގައި ހުންނަ ފިހާރަ އަކަށް ހުސް ވަގުތުތަކުގައި އަތް ގާތްކޮއްދިނުމަށް ވެސް ދިޔައެވެ. އަދި ރަށުގެ މެދުފުރާގެ އަންހެނުންނާއެކު ހަވީރު ރަށުތެރެ ކުނި ކަހަންވެސް ނުކުތެވެ.

ނުވަމަސް ފާއިތުވެއްޖެއެވެ. ނާހިޒާގެ ހަޔާތަށް އެޅިފައިވާ ކަޅުވިލާތަކުން ބައެއް އެއްފަރާތަށް ކެހިގެން ދިޔައީ އޭނާގެ ދަރިފުޅު ދުނިޔޭގެ އަލިކަން ދެކުނު ދުވަހުއެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. އެންމެ ކުޑައިރުއްސުރެ ނާހިޒާ އެކުއްޖާ ބަލަމުން އައީ ވަރަށް ލޯބިންނެވެ. ލިބޭ ހުރިހާ ރުފިޔާއެއް ހޭދަ ކުރަނީ އެކުއްޖާއަށް އެއްޗެހި ގަތުމަށެވެ. މީރު ކާއެއްޗެއްސާއި، ގަޔާވާނެ ފަދަ ކުޅޭ އެއްޗެހީގެ އިތުރުން ރީތި ހެދުންތަށް ވެސް ހޯދައިދެއެވެ. އެންމެ ހިނދުކޮޅަކަށް ވެސް އެކުއްޖާ ނުފެންނަ ހިސާބަކަށް ނާހިޒާ ނުދެއެވެ.

ލޯމަރާލުމަށްފަހު ލޯ ހުޅުވާލައިހާ އަވަސް މުއްދަތެއްގެ ތެރޭގައި ނާހިޒާގެ ދަރިފުޅު ބޮޑުވެގެން ސުކޫލަށް ދާވަރު ވެއްޖެއެވެ. ދަރިފުޅު ސުކޫލު ފެށިތާ ދުވަސް ކޮޅެއް ފަހުން އަނެއްކާވެސް ނާހިޒާގެ ހަޔާތަށް ފަނޑުކަމެއް އައީ ދަރިފުޅުގެ މުދައްރިސް ދިން ހަބަރަކުންނެވެ. ނާހިޒާގެ ދަރިފުޅަކީ އުނގެނުމުގައި ކުޑަ ދަތިކަމެއް ހުރި ކުއްޖެއް ކަމަށް ބުންޏެވެ. ނަމަވެސް މިކަން އޭނާ ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ވަގުތުން އެއްކޮއްފައިވާ މަދު ރުފިޔާ ކޮޅު ހިފައިގެން މާލެ ދިޔައީ ދަރިފުޅު ޑަކުޓަރަށް ދެއްކުމަށެވެ. ޑަކުޓަރަށް ދެއްކުމުން ބުނީ އޭނާގެ ދަރިފުޅަކީ އެހެން ކުދިންނަށް ވުރެ އެއްޗެހި ދަސްވުމަށް ކުޑަ އުނދަގޫ ތަކެއް ހުރި ކުއްޖެއް ކަމަށެވެ. އަދި ސިކުނޑި ހެދި ބޮޑުވަމުން އަންނަ ވަރަކަށް ފަރުވާ ދެވިއްޖެނަމަ، ރަނގަޅު ވާނެ ކަމަށްވެސް ބުންޏެވެ.

އެވަގުތު ނާހިޒާގެ ބޮލަށް އައީ އެންމެ ގޮތެކެވެ. އެހީއަކަށް އެދި އެކުއްޖާގެ ބައްޕަ ގާތަށް ދިއުމަށެވެ. ކުރިން އުޅުނު ގެ، ހަނދާން ހުރުމުން އެތަން ހޯދައިގެން ދިޔައެވެ. ނަމަވެސް ދޮރުގައި ތަކި ޖެހުމުން ނިކުމެގެން އައީ ބަލާ ބެލުމަށް ނާހިޒާއަށް ވުރެ ހަގު އަންހެނެކެވެ. އަދި އޭނާގެ ކުރީގެ ފިރިމީހާގެ ނަން ބުނުމަށްފަހު، މިއައީ އޭނާ ހޯދުމަށް ކަމަށް ބުނިއެވެ. ހަމަ އެވަގުތު ނާހިޒާގެ ދަރިފުޅުގެ ބައްޕަ ގެއަށް ވަދެގެން އައެވެ. ނާހިޒާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވެގެންއުޅޭ ގޮތް އޭނާއަށް ކިޔައި ދިނެވެ. ނަމަވެސް ނާހިޒާ އުންމީދު ކުރި ގޮތާއި އެއްގޮތަށް އޭނާގެ ފަރާތުން އެއްވެސް އެހީއެއް ނުލިބުނެވެ.

ހިތްވަރު އެލުވާލުމުގެ ބަދަލުގައި ދަރިފުޅުގެ އަތުގައި ހިފައިގެން މަގުމަތީގައި ހިނގަން ފެށިއެވެ. އަދި ފެންނަ ކޮންމެ މީހެއް ކައިރީގައި އޭނާ ހުންނާނެ ތަނެއް ލިބިދާނެތޯ ސުވާޅު ކުރަމުން ދިޔައެވެ. އެއްބައިމީހުން ނާހިޒާ ގައިގާ އަޅާ ކޮއްޕަމުން ދިޔައެވެ. އަދި އޭނާއާއި ދިމާލަށް މޮޔައެކޭ ވެސް ގޮވިއެވެ. ދެތިން ގަޑިއިރު ވީފަހުންވެސް އުންމީދު އާވާ ކަހަލަ ޖަވާބެއް ނުލިބުމުން ނާހިޒާ ހިނގައިގަތީ ރަށަށްދާ ބޯޓު އޮތް ދިމާލަށް ދެވޭތޯއެވެ. ނަމަވެސް ކުއްލިއަކަށް ސިހިގެން ދިޔައީ މީހަކު އައިސް އޭނާގެ އަތުގައި ހިފުމުންނެވެ. ފަހަތަށް އެނބުރި ބަލާލިއިރު އެތަނުގައި ހުރީ ދެންމެ ފެނުނު އަންހެން މީހާއެވެ. އެހެން ގޮތަކަށް ބުނާނަމަ އޭނާ ކުރިން އިނދެގެން އުޅުނު މީހާގެ، މިހާރުގެ އަނބި މީހާއެވެ.

ނާހިޒާގެ އަތުގައި ހުރި ފޮށި އަތުލައިގެން އޭނާ ކުރިއަށް ހިނގައިގަތެވެ. އަނގައިން އެއްވެސް އެއްޗެއް ނުބުނެ، ނާހިޒާވެސް އޭނާގެ ފަހަތުން ކުރިއަށް ދިޔައެވެ. ދިހަވަރަކަށް މިނެޓު ހިނގުމަށް ފަހު އެމީހާ ގޯޅިއެއް ތެރެއަށް ވަދެގެން ދިޔައެވެ. އަދި ގޯޅީގެ މެދެއްހައި ހިސާބުގައި ހުރި ގެއެއްގެ ދޮރު ހުޅުވާލައިފާ މައްޗައް އަރަން ފެށިއެވެ. ނާހިޒާވެސް އޭނާގެ ފަހަތުން އެރިއެވެ. އަދި ފުރަތަމަ ބުރިއަށް އަށް އެރުމަށްފަހު ޖީބުން ތަޅުދަނޑިއެއް ނަގައި ދޮރަށް ޖަހާ ހުޅުވާލިއެވެ. އަދި ނާހިޒާއާއި އޭނާގެ ދަރިފުޅު އެތެރެއަށް ވެއްދިއެވެ.

ދެމީހުންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވުނު ކަމުގައި ވީނަމަވެސް، ނާހިޒާއަށް މި އަންހެން މީހާ އޭނާ ހުންނާނެ ތަނެއް ފޯރު ކޮއްދިނީކަން ދެނެގަނެވުނެވެ. ނަމަވެސް ދުވަހަކު ދިމާވެފައި ނުވާމީހަކު މިވަރު ކަމެއް ކޮއްދޭންވީ ކީއްވެތޯ، ބޮލުގައި ސުވާލު އުފެދިފައި އިނެވެ. ރަނގަޅަށް ގެއަށް ވަދެލާ ހަމަ ޖެހިލުމުން އެމީހާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ ބުނި ގޮތުގައި، މިއީ އޭނާގެ އަމިއްލަ ގެއެއް ކަމާއި، އެމީހާއަކީ ނާހިޒާ ކައިވެނި ކޮއްގެން އުޅުނު އިރު، ނާހިޒާގެ ފިރިމީހާ މަސައްކަތް ކުރަމުން އައި އޮފީހުގައި އުޅުނު މީހެއް ކަމަށެވެ. އަދި ނާހިޒާގެ ފިރިމީހާ ނާހިޒާ ވަރި ކުރުމަށްފަހު ކައިވެނި ކުރީ އޭނައާއި ކަމަށްވެސް ބުނިއެވެ. ނަމަވެސް އިނދެގެން ދެތިން މަސް ނުވެ އޭނައާއި ދޭތެރޭގައިވެސް ކަންތަށް ކުރަން ފެށީ ވަރަށް ގޯސްކޮށް ކަމަށް ބުނިއެވެ. އެހެންކަމުން މިއަދު ނާހިޒާ އެހީއަށް އެދި އައުމުން، އެހީވާން ބޭނުންވީ ކަމަށް ބުންޏެވެ. އޭރު އޭނާގެ ފިރިމީހާއަކީ ނާހިޒާގެ ފިރިމީހާކަން އެނގިހުރެ، ނުހައްގު ގުޅުމެއް ބޭއްވުނީތީ އެކަމަށް މައާފު ކޮއްދިނުމަށްވެސް އެދެމުންނެވެ.

އެދުވަހުގެ ފަހުން ނާހިޒާގެ ދިރިއުޅުމުގައި ކޮންމެސް ވަރެއްގެ ކުލަވަރެއް ޖެހިގެން ދިޔައެވެ. އަނެއްކާވެސް ގޭގައި ހެދިކާ ހަދައިގެން ވިއްކައިގެން އޭނާގެ ދަރިފުޅުގެ ބޭސް ފަރުވާގެ ކަންތައްތައް ކުރަމުން ދިޔައެވެ. ﷲ އިރާދަ ކުރެއްވީތީ ދަރިފުޅު ރަނގަޅު ވަމުން އައީ ވަރަށް އަވަހަށެވެ. ޑަކުޓަރުންވެސް ހުރީ ހައިރާން ވެފައެވެ. ފަހަރަކަށް ވުރެ ފަރަހަކުން ކާން ޖެހޭ ބޭސްތަކާއި ހަދަން ޖެހޭ ޓެސްޓުތައް މަދުވަމުން ދިޔައެވެ. އަދި ދަރިފުޅު ސުކޫލު ކިޔެވުން ނިމުނު އިރު ހުރީ އެއްކޮށް ރަނގަޅު ވެފައެވެ. އަދި ސުކޫލު ނިމިގެން ދިޔައީ ނާހިޒާ އުފާ ވާފަދަ ނަތީޖާއަކާއިވެސް އެކުގައެވެ.

ފަސްއަހަރު ފަހެވެ. މިއަދު ނާހިޒާގެ ދަރިފުޅު ގާޒީކަން ކިޔަވައި ނިންމާލުމަށް ފަހު ކޯޓަށް އެ ވަންނަނީ، ނާހިޒާގެ މައިންބަފައިންގެ ގަތުލުވެރިން ހައްޔަރު ކުރުމަށްފަހު މުއްދަތު ޖެހުމަށެވެ. ދަރިފުޅު ގާޒީގެ ގޮނޑީގައި އިންތަން ފެނިފައި ނާހިޒާގެ ލޮލަށް ކަރުނަތަށް ޖަމާވެގެން ދިޔައެވެ. އަދި ހިތާހިތުން ހެއްދެވި ފަރާތަށް ހަމްދު ކޮއްލިއެވެ. އޭނާ ފަހުރު ވެރިވާ ވަފަ ދަރިއެއް ދެއްވީތީއާއި، އޭނާގެ މައިންބަފައިންގެ މަރަށް އިންސާފު ލިބިގެން ދިޔުމުންނެވެ.

ކުއްލިއަކަށް ނާހިޒާ ސިހިގެން ދިޔައީ މީހަކު ދުރުން ގޮވާލި އަޑު އިވުމުންނެވެ. ކުރިމަތިން ބޮޑު ހިނިތުން ވުމަކާއިއެކު އޭނާއާއި ދިމާލަށް ދުވަމުންއައީ، އޭނާގެ ލޯބިވާ މާމަ ދަރިއެވެ. ލޮލުން އައިސްފައިވާ ކަރުނަތަށް ފުހެލުމަށްފަހު އެކުއްޖާ އައުމާއިއެކު ނާހިޒާ އެކުއްޖާގެ ގައިގާ ބައްދާލިއެވެ.

 

Share Article

Follow Me Written By

Mohamed Adam

Level 1

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 33

Next

ކެތްކުރެވޭނެބާ؟؟ 1

Next
April 23, 2025

ކެތްކުރެވޭނެބާ؟؟ 1

Previews
April 22, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 33



All Right Reserved!