Skip to content
އެސްފިޔަ

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 5)

އެއްޗެހި ހޫނުކޮށް ނިންމާފައި އަދާރާ ބަދިގެއިން ނުކުތް އިރު މާހައުލުގައި އެއް އަޑަކަށް ހިފާލައިފައި ވަނީ ރަފީގު ގޮވާ އަޑެވެ.ބޮކިތައް ނިވައި ދޮރުތައް ރަނގަޅަށް ތަޅުލާފައި އަދާރާ މަޑުމަޑުން ފޯނާއި ކުޅެމުން ގެއަށް ވަންނަން އައި ވަގުތު އޭނާގެ ވާތް ފަޅިން ބޫން ކަނޑާފައި ހިޔަންޏެއް ހުރަސްކޮށްލިއެވެ. އަދާރާގެ ގަޔަށް އަރައިގެން ދިޔަ އާދަޔާޚިލާފު ފިނިގަނޑާއިއެކު އޭނާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ.

****

’ކާކު؟‘ ސިހުނު ވަރުން އަދާރާގެ ފިޔަވަޅުތައް މަޑު ޖެހުނެވެ. އޭނާ ފުރަތަމަ ހީކުރީ ސޫޖީގެ ސަމާސާއެއް ކަމަށެވެ. އެހެނަސް އެ ވަގުތު އޭނާގެ ވާތް ފަރާތުގައި ހެދިފައި އޮތް ބޯ ގަސްތަކުގެ ތެރެއިން ދެވަނަ ފަހަރަކަށްވެސް އެ ހިޔަނި ހުރަސް ކޮށްލިތަން އަދާރާ އަށް ވަރަށް ރީތިކޮށް ފެނުނެވެ.އެއީ މީހެއްގެ ހިޔަންޏެއް ނޫންކަން އޭނާއަށް ޔަގީންވީ އިސްކޮޅުން ދިގުވެފައި ބިޔަ ކަމުންނެވެ.އޭނާ ބިރުގަތީ ދެނެވެ.އޭނާގެ ހަޔާތުގައި އަލަށްވެސް އެފަދަ ކަމެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އެހެނެއް ކަމަކު ކޮންމެވެސް ގޯހެއް އެބަ އުޅޭކަން ވިސްނުމުން އޭނާ ދެފަޔަށް ބާރުލާފައި އަޅާ އިތިކޮށް ދުއްވައިގަތީ އަވަހަށް ގެއަށް ވަދެވޭތޯއެވެ.

*****

’އަދާރާ…‘

ގެއަށް ވަންނަން އަދާރާ ދުއްވައިގަތް ވަގުތު ވަރަށް މަޑުމަޑުން އޭނާގެ ނަމުން މީހަކު ގޮވައިލި އަޑު އިވުނެވެ. އަދާރާއަށް ވީ ގޮތްވެސް ނޭނގުނެވެ.މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައިރު އޭނާގެ ހިތް ތެޅިގަތީ އޮބި ނޯންނަހާ ބާރަށެވެ.

****

އަދާރާ ގެއަށް ވަތް އިރު ސިޔާމާ ސިޓިން ރޫމްގައި ޓީވީ ބަލަން އިނެވެ.އޭނާ އެތެރެއަށް ދެމިގަނެ އަވަސް އަވަހަށް  ދޮރު ލެއްޕި ގޮތް ފެނި ކޮންމެވެސް ކަމެއް ވެެއްޖެކަން ސިޔާމާ ވަގުތުން ދެނެގެންފިއެވެ.

’އަދޫ ކިހިނެއްވީ؟‘ ސިޔާމާ ނިތް އެއްލަމުން އަހައިލިއެވެ.

’ކަމެއް ނުވޭ…އެކަނި އަންނަން ވީމަ ދުވެފައި މި އައީ…‘ ސިޔާމާ ގަބޫލު ނުކުރާނެހެން ހީވާތީ އަދާރާ ތެދަށް ބުނަން ފަސްޖެހުނެވެ.އޭރު އޭނާއަށް މައިނޭވާ ލެވެއެވެ.

’އަދޫ ބިރުން ހުރިހެން ހީވާތީ…މައި ނޭވާވެސް ލެވިފައެއްނު ތިހުރީ…‘ ސިޔާމާ ބުނެލިއެވެ.

’އާނ އެއީ.. ވާލެއް ތަންކޮޅެއް ތިރިން ދިޔައިމަ‘ ދެންވެސް އަދާރާ ތެދަށް ބުނާކަށް ބޭނުމެއް ނުވިއެވެ.ދޮގު ހަދަން ވީމާ އުނދަގޫވެސް ވިއެވެ. އެކަމަކު ހަމަ ސިޔާމާ ގަބޫލުކޮށްފާނެހެން އޭނާއަށް ހީނުވީއެވެ.އޭނާގެ މަންމަގެ ގޮތް އޭނާއަށް އެނގެ އެވެ. ނަސީބަކުން އޭނާ އެހެން ބުނުމުން ސިޔާމާވެސް ގަބޫލުކޮށްގެން ދެން އިތުރަކަށް ސުވާލެއް ނުކުރެއެވެ.

****

އަދާރާ ގޮސް ކޮޓަރިއަށް ވަތް އިރު މުޅި މީހާ ހުމާ ފިހެން ފަށައިފިއެވެ. އޭސީވެސް ނިވާ ލައިފައި އެދިޔަ ގޮތަށް ގޮސް އޭނާ އެނދަށް ވެއްޓިގަތެވެ.މުޅި ގައިގައި ރަޖާ އޮޅައިލިއިރު ހުން ގަދަވެގެން އޭނާގެ ދެލޮލުން ފެން އަންނަން ފަށައިފިއެވެ.

****

ހުންގަނޑު ގަދަވެގެން ގޮސް އަދާރާ ބުރާންތި ވާ ވަރުވިއެވެ.އޭނާގެ މުޅި ހަށިގަނޑުވެސް ހީވީ އައްސިވެފަައި އޮތް ހެންނެވެ.ލޮލަށް ފެން ޖަމާވާ ވަރުން ދެލޮލުން ފުސްކަން ނުކެނޑެއެވެ. އެހެން އޮއްވާ މަޑު މަޑުން އައިސް އޭނާގެ މަގަތުގައި މީހަކު އިށީން ތަން، އެ ފުސްކަމުގެ ތެރެއިން އަދާރާއަށް ފަނޑުކޮށް ފެނުނެވެ.ސިފަ ވަކިނުވިޔަސް އެއީ ފިރިހެނެއްކަން އޭނާއަށް ވަކި ކުރަން އެނގޭ ވަރު ވިއެވެ.

****

’ސޮރީ އަދާރާ ‘

އެ މީހާ އެހެން ބުނެލި އަޑު އަދާރާއަށް ވަރަށް ސާފުކޮށް އިވުނެވެ. ލިބިފައިވާ ބުރާންތި ކަމުގެ ސަބަބުން ލޯ ކުރިމަތިން ފެންނަމުން ދިޔައީ ހުވަފެނެއް ކަމެއް ހަގީގަތެއް ކަމެއް ޔަގީންކުރާކަށް އަދާރާއަކަށް ނޭނގުނެވެ. އެނގުނުހާވެސް ކަމަކީ އޭނާއަކަށް އެއްވެސް ހަރަކާތެއް ނުކުރެވޭކަމެވެ. އެމީހަކު ކުޑަކޮށް އޭނާއާއި ދިމާލަށް ގުދުވެލައި އޭނާގެ މޫނަށް  ފުމެލިކަން އަދާރާއަށް އެނގުނެވެ.ދެން ވީ ގޮތެއް އޭނާއަކަށް ނޭނގެއެވެ.އެހެން އޮވެ ދެލޯ މެރެމުން ގޮސް އޭނާއަށް ނިދުނީއެވެ.

****

ގަޑިތަކުން މެންދަމު ތިނެއް ޖެހީއެވެ.އަދާރާއަށް ހޭލެވުނީ އޭނާގެ ފޯނު އެލާމުވާ އަޑަށެވެ.އޭރު އޭނާގެ ހަށިގަނޑުގައި އެއްވެސް ވަރަކަށް ހުމުގެ އަސަރެއް ނެތެވެ.އޭސީ ނިވާލައިފައި ހުރުމުން މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ އުދާސްކަމެވެ. އޭނާ މޯޅިއަކަށް ދެމިލަމުން ރަޖާ ގަނޑު އެއްފަރާތް ކޮށްލާފައި އެނދުން ތެދުވިއެވެ. އެ ތެދުވި ގޮތަށް ގޮސް ފުރަތަމަވެސް ހުޅުވައިލީ ކުޑަދޮރުތަކެވެ.މިހާރު އޭނާގެ މޫނުމަތީގައި ބިރުގެ ކަންފުޅެއްވެސް ނެތެވެ.އާއެކެވެ.ރޭގައި ހިނގި އެއްވެސް ކަމެއްގެ ހަނދާނެއް އޭނާގެ ސިކުނޑިއަކު ރައްކާކުރެވިފައެއް ނެތެވެ.އެހެން ނޫންނަމަ އޭނާ އެހާ ޖެހިލުން ކުޑައެއް ނުވީހެވެ.

****

އަދާރާ ކުޑަދޮރުތައް ހުޅުވައިލުމުން ފުރޭނިގެން އައި މެންދަމުގެ ފިނި ވައިރޯޅިތައް އޭނާގެ ހަށިގަނޑު ގައި ބީހިލީ ހުއްދަ ހޯދުމަކާއިވެސް ނުލައެވެ.ކުޑަ ދޮރުގެ ފޮތިތައްވެސް އެވަޔާއި އެކުގައި ނަށައިލިއިރު މުޅި ކޮޓަރިތެރެ އެއް ވަސް ވެގެން ދިޔައީ ރޭގަނޑަށް ފަރިވެ ފޮޅިފައިވާ ހުވަނދުމާތަކުގެ ވަހުންނެވެ. ނޭފަތް އެތެރެއަށް ދަމާލަމުން އަދާރާ ހިނިތުންވެލީ އޭނާއަށް އެކަމުން ލިބުނު އުފާވެެރިކަމެއްގެ ސަބަބުންނެވެ.

****

އޭނާ ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލައި ދެފަރާތް ހޯދައިލީ މީހެއްގެ އިންތިޒާރުގައި އިނދެ އިނދެ ބޭގަރާރު ވެފައިވާ މީހަކު ފަދައިންނެވެ.އެކަމަކު އޭނާ އިންތިޒާރު އެ ކުރަނީ ފަހެ ކާކަށް ބާވައެވެ؟.

****

ފާޚާނާއަށް ވަދެ ތާޒާވެލައި، ވުޟޫކޮށް ހަދައިގެން ނުކުމެ އާދައިގެ މަތިން އަދާރާ ދަމު ނަމާދު ކުރަން ފެށިއެވެ.ނަމާދުގެ ފުރަތަމަ ދެރަކުޢަތަށް ސަލާމް ދީ ދީ އިންދައި، އަައި ނައި ތަނެއް ނޭނގި އޭނާގެ މުސައްލަ ކައިރީ އައިސް ބަނޑު ޖަހައިލިތަން ފެނުނީ ޗަަންކީއެވެ. އަދާރާ ކުޑަކޮށް ސިހުނު ނަމަވެސް ސަލާމް ދިން ގޮތަށް އެ ސޮރުގެ ބޮލުގައި ފިރުމާލައިފިއެވެ.

’ލޯބިގަނޑޫ އައި މިސްޑް ޔޫ…‘

އަދާރާ ވަރަށް ލޯބިން އެސޮރާއި މުޚާތަބު ކުރިއެވެ.އެސޮރު އައިސް އޭނާގެ އުނގުތެރެއަށް ވަދެގަތީ ނިކަން އަވަހަށެވެ.ޗަންކީ އޭނާއާއި ހެދި ހުންނަ ވަރު ފެނިފައި އަދާރާއަށް ހީލެވުނެވެ. އެހެނަސް  އޭރު އަދި ނަމާދުކޮށް ނުނިމޭތީ އަދާރާ ޗަންކީ ނަގައި ދުރުގައި ބާއްވައިލިއެވެ.އެސޮރު އޭނާ ނަމާދުކޮށް ނިމެންދެން އުނދަގޫ ނުކޮށް  އޭނާގެ މޫނަށް ބަލަހައްޓައިގެން އެ އޮތް ގޮތަށް އޮތެވެ.

****

ނަމާދުކޮށް ނިމިގެން އަދާރާ މުސްޙަފު ހިފައިގެން އައިސް މުސައްލަ މަތީ އިށީނދެ، ފާހަގަ ކޮށްފައި އޮތް ހިސާބުން ކިޔަވަން ފެށިއެވެ.އޭރު ޗަންކީ އޮތީ އައިސް އަރާ މުސައްލަ މަތީގަައި ބަނޑު ޖަހައިގެން އަދާރާ ގެ ކިޔެވުމަށް ސަމާލުކަން ދީގެންނެވެ.އަދާރާ ދޭތެރެއަކުން އެސޮރު ގައިގައި ފިރުމައިލުމުން އެ ސޮރު ގަޔާވެފައި މިއައޮއޭ ގޮވައިލައެވެ.

****

އެހެން އޮވެ އޮވެފައި ކުއްލިއަކަށް ޗަންކީ ތެދުވެގެން ދުމެއްޖެހިހެން ދުއްވައިގަނެއްޖެއެވެ.އަދާރާ އެސޮރު ފަހަތުން ޗަންކީއޭ ކިޔާ ގޮވަމުން ތެދުވިއެވެ.އޭނާ އަވަސްއަވަހަށް  ގޮސް ކުޑަދޮރު ކައިރިއަށް ލެފިލިއިރު އެސޮރު ޖެހިތާ ލަކުނުވެސް ނެތެވެ.އަދާރާ ފުން ނޭވާއެއް ދޫކޮށްލަމުން ކުޑަދޮރާއި ދިމާލަށް ފުރަގަސް ދިން ވަގުތު ތަނަކުން އެއްޗެއް ވެއްޓުނު ކަހަލަ އަޑެއް އިވިގެން، ޗަންކީގެ ކަމެކޭ ހިތާ އެނބުރި އަނެއްކާވެސް ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ.ބޭރަށް ބޯ ދިއްކޮށްލައި ދެފަރާތަށް ނަޒަރު ހިންގައިލި ވަގުތު ކޮޓަރިން ބޭރަށް އެޅިފައި ހުރި ފަނޑު އަލިކަމުގެ ތެރެއިން ،ހުވަނދުމާ ގަސް ކައިރީ ބިންމަތިން ގައި ފޮޅަމުން ތެދުވި މީހަކު ފެނިފައި އަދާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

****

’މަންމާ! ވަގެއް!‘

އެފަދަ ގަޑިއެއްގައި މީހެއްގެ ގޯތި ގެދޮރަށް އެފަދަ ގޮތަކަށް ވަންނާނީ ވަގެއް ކަމަށް ނިންމައި އަދާރާ އަޑުގެ ކޮޅަށް ހަޅޭއް ލަވައި ގަތެވެ. އެހެނަސް އަދި އެވަރަކުން ސިޔާމާއެއް ނުހޭލާނެކަން މީ ރޭގަނޑު ވިއްޔާ އެއީ ދުވާލު ފަދައިން އަދާރާއަށް އެނގެއެވެ. ސިޔާމާ އަކީ ނިދައިފިއްޔާ ނިދި ހަމަވެގެން ނޫނީ ހޭލެވޭ މީހެއް ނޫނެވެ. އެއީ އެއަށްވުރެ މާ ނިދި ގަދަ މީހެކެވެ.

****

އަދާރާ ހަޅޭއްލަވައި ގަތުމުން އެ މީހާ ދެފަޔަށް  ބާރުލާފައި ސިދާ އޭނާއާއި ދިމާލަށް ދުއްވައިގަތްތަން ފެނިފައި އަދާރާ ގަތް ބިރުން ކުޑަ ދޮރު ލައްޕަން ތެޅިގަތެވެ.އެހެނަސް އެމީހާގެ ހަރަކާތްތައް މާ އަވަހެވެ.

****

އޭނާ އެ އައި ބާރު މިނުގައި، އަދާރާ ލައްޕަ ލައްޕާ ހުރި ކުޑަދޮރުގައި އެއް އަތުން ހިފަހައްޓައި،އަނެއް އަތް އަދާރާގެ އަނގަމަތީ ހުރަސްކޮށްލައިފިއެވެ. ހަޅޭއްލަވައިގަންނަން ހުޅުވައިލި އަނގަޔާއިއެކު އޭނާއަށް ހުރެވުނީ ދެލޯ ވެސް މަރައި ތަގުޅިކޮށްގެންނެވެ.

’ޝްޝްޝް…ޕްލީޒް އަޑުގަދަ ނުކުރޭ…އިޓްސް މީ!‘ އެ މީހާ ބުނެލިއެވެ.

އެމީހާ އެހެން ބުނި އަޑު އިވިފައި އަދާރާ މަރައިގެން ހުރި ދެލޯ ހުޅުވައި, އޭނާގެ އަނގަމަތީގައި އަތް އަޅައިގެން ހުރި މީހާގެ މޫނަށް ރަނގަޅަށް ބަލައިލިއެވެ. އެވަގުތު އެ ދެލޮލުން ފާޅުވީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.

****

އަދާރާއަށް ވީ ގޮތް ފެނިފައި ވަގުތުން އެމީހާ އަދާރާގެ އަނގަމަތިން އަތް ނަގައިފިއެވެ.އޭރު އަދާރާ ގެ މޫނު މައްޗަށް ވެރިވެފައި ހުރި ބިރުގެ އަސަރު ފިލައި،ވަރަށް ހިތްހަމަނުޖެހުނު ފަދައަކުން ނިތަށް ރޫތައް ގިނަ ކޮށްލައިފިއެވެ.

****

’ކިފްލު!!! މީ ކޮން ކަމެއް؟!!‘ އަދާރާ ވަރަށް ހިތްހަމަނުޖެހިފައި މުޚާތަބުކުރީ ކުޑަދޮރުން ބޭރުގައި  ކުށްވެރިއަކު ފަދައިން އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ކިފްލުއަށެވެ.

 

ނުނިމޭ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. Vampire Girl

    Maashaa Allah mi part vx varah varah reethi….
    When next??

    1. Lamtty
      Vampire Girl

      Thank you girl ❤️
      In Sha Allah soon ingey!

  2. Aysherr

    Heyy lamtty mi part ves Varah reethi maasha allah..
    mi vrh kiyaa hithun kiyey story eh.. hope you will submit next part ves Varah avahah
    <33

    1. Lamtty
      Aysherr

      Hii Aysherr!!
      I’m glad you’re enjoying this story!
      Next part tomorrow In Sha Allah ❤️!

  3. naura

    Mi part vx vrh reethi Masha Allah ❤️
    when next part?
    luv ya 😘

    1. Lamtty
      naura

      Thank you Naura!
      In Sha Allah tomorrow ingeyy!
      Much love! ❤️

Comments are closed.