އެކްޓަރ(ޕާޓް 3)
ރޭގަނޑު މީހުން ނިދާ، ފައިހިލަވަޅު އޮބުނީމާ އެއީ އަހަރެމެން ގޯތި’ބުޅާތައް‘ރަސްކަން ކުރާ ގަޑިއެވެ.މި ދައްކަނީ އުޒައިރު،ޒަޔާ އަދި ޒީވާގެ ވާހަކައެވެ.އެ ތިން މީހުންނަކީ ބުޅަލުގެ އުސޫލުން ރޭގަނޑު ނުނިދާ ހޭލާ ’ދަމަށް‘ ތިބެފައި ދުވާލުވީމާ ނިދާ ބައެކެވެ.ތިން މީހުން އެއްތަންވާ ރެއަކު ވިއްޔާ ވަރަށް ފޯރި އަރުވައިލާނެއެވެ.ކަމަކަށް އޮންނާނީ ގޭމުކުޅުމާއި، ފިލްމު ބެލުމާއި ޓިކްޓޮކް ހެދުމެވެ. ކުރިންވެސް ބުނިހެން އެ ތިން މީހުން ވަރަށް ގުޅޭނެއެވެ.’ސިބްލިންގްސް ނައިޓޭ‘ ކިޔާ ތިން މީހުން ސަކަރާތް ގަންނައިރު އަހަރެން މީ އުޅޭ މީހެއްކަންވެސް ހަނދާން ނުހުރެއެވެ.ކުރިން ވަރަށް ދެރަވެ ހިތުގައި ޖެހެ އެވެ.އެހެނަސް ވަގުތާ އެކު އަހަރެންވެސް އެ ދުރުކަމަށް ހޭނިއްޖެއެވެ.
****
އަހަންނަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ.ނިދި ބުރާންތި ކަމުގައި އޮވެ ފެންފުޅިއަށް އަތް ފޯރުކޮށްލިތަނުން އަތުޖެހުނީ ހުސް ފުޅިއެވެ.ބޭރަށް ނުނިކުމެ ނުވީތާއޭ ހިތަށް އެރުމުން އަހަންނަށް ޗޮކެއް ކަނޑައިލެވުނެވެ.ކަންނެތްކަމާއި އެކު ގައިމަތިން ޑުވޭ އެއްފަރާތް ކޮށްލާފައި އަމިއްލަ ނަފްސަށް ކުދި ކިޔަމުން ތެދުވެއްޖައީމެވެ.
****
ބޭރުގައި ބަޔަކު އުޅޭ އަޑު އިވުމުން އަހަރެން ދޮރު ހުޅުވައިލީ ވަރަށް މަޑުމަޑުންނެވެ.ދޮރުން ފޭވި ދޭތެރެއިން ނަޒަރެއް ދިން އިރު ޒަޔާއާއި އުޒައިރު ފޯރީގައި ގޭމުކުޅެނިީއެވެ .އަރައިފައި ހުރި ފޯރީގައި ހީވަނީ ދެންމެ ދެންމެ އެ’ޖޯއިސްޓިކް‘ގަނޑުވެސް ބިންދާލަން އުޅޭހެންނެވެ.ކައިރީގައި އެމީހުންނާއި އެއްވަރަށް މަޖާވެފައި، ހިތްވަރުދޭން ޒީވާ އިނެވެ.ދޭތެރެއަކުން ފޯނަށް ބަލައިލާފައި ކޮންމެވެސް އެއްޗެކޭ ކިޔައެވެ.އޭނާއަކީ މާ މަޝްހޫރު ’އިންފުލުއެންސަރ‘އެކޯލައެވެ.
****
’ބޫމް! ޒާ ޔޫ ލޮސްޓް!ހަހަ..ދެން ދޭ އެއްބަސްވި ގޮތަށް މަށަށް ސޭންޑްވިޗްއެއް ހަދައިދޭން .ޒީވް ޔުއަރ އަޕް!‘އުޒައިރު ބުނެލިއެވެ.’ދޭން އަޅެ ދޮންބޭ… ވަރަށް ކަންނެތް…‘ޒަޔާ ކުސްތަޅައިލިއެވެ.’އޮނހޮހޯ ޑީލް އިޒް އަ ޑީލް.‘އުޒައިރު ދޫ ނުދިނުމުން ޒަޔާ ކުސްތަޅަމުން ބަދިގެ ފަރާތަށް ދާން ތެދުވެއްޖެއެވެ. އަހަރެން ދޮރު ކައިރިކޮށްލީ ބަދިގެ ފަރާތަށް ދެވޭނީ އަހަރެންގެ ކޮޓަރި ކުރިމަތިން ހުރަސްކޮށްފައި ކަމަށްވާތީއެވެ. ޒަޔާއަށް އަހަރެން ހޭލާ އުޅޭކަން އަންގާކަށް ބޭނުމެއް ނުވިއެވެ.
****
’އޭ މިރޭ ކޮބާތަ ގޯލްޑަން ބޯއި؟‘އަހަރެންގެ ކޮޓަރި ދޮރުމައްޗާއި އަރާ ހަމަވެފައި ޒަޔާ ބުނެލި އަޑުއިވުނެވެ.’ނޭނގެ މަށަކަށް…ކަލޭ ކިހިނެއްވީ އޭނަ ތި ހޯދަނީ؟ އޭނާ ނޫޅޭނުން މިހާ ލަސްވީމާ ހޭލައެއް. ބަލަ އެއީ ބަސްއަހާ ކުއްޖެކޭ.ނިކަން ތުއްތޭ އުޅޭހެން އުޅެބަލަ ޒާ.‘ޒީވާގެ އަޑުގައި ވަނީ ޖެއްސުމާއި މަލާމާތެވެ.’އޭ ތި ވާހަކަ ގިނަ ކުރަނީ އޭ ހަމަ ސޭންޑްވިޗް ހަދަން ޖެހުނީމާ ނުކުރަންވެގެން.‘ އަހަރެންގެ ވާހަކަ ނަންގަތީމައި އުޒައިރު ވަރަށް ހިތްހަމަ ނުޖެހިއްޖެއެވެ.’އޭ ކަލޯގަޔާ މަ އަދި ކިޔަން ހަނދާން ނެތިފައޭ މިހުރީ. ކުރިން ދުވަހަކު މި ދޮންބެ ގެންގުޅޭ މަންޖެއަކަށް އެ ގޮލާ ފެނިގެން ވަރެއްވެއްޖެއެއްނު. އެމަންޖެ ހުރެލާފައި ބުނެލަނީ ދޮންބެއަށްވުރެ އެގޮލާ ސެކްސީއޭ…ސްލީޕްކޮށްލަން ލިބުނިއްޔާ އޭނަ ކުރާނަމޭ..މި ދޮންބެ އަރައިގަތް ރުޅިއެއް ނޭނގޭ ޖަހާ އެމަންޖެ ގޮވައިގެން ދަމާ ކޫއްތާފާއި ނުކުމެގެން ހިނގައްޖެ. އެ އިނޮސަންޓް މީހާ ހުރި އަނގަ ސަކަރާތް ވެފަ..މަ އޮތީ ސޯފާގައި ބަނޑަށް ގޮށް އަރާފައި ހީ ހީ…ކީއްކުރާނީ ޖެނެޓިކްސް ބްލެސްޑް ހިމް…މަގޭ ބައެއް ރައްޓެހިން ވެސް ހަމަ ހުންނާނީ އޭނާއަށް ކެޓިފައި… މަ ބުނަން ހަނދާން ނައްތާލާށޭ.‘ ޒީވާ ވަރަށް ފޯރީގައި އެދުވަހުގެ ހާދިސާ ކިޔައިދިނެވެ.’ނުވާާނެ..ހަހަހަ‘ޒަޔާވެސް ހޭން ފެށިއެވެ. ’އޭ ދެން ޒީވް ބަލާއެއްނުން ދޯ…ތިދެން މިހާރު ކޮން ވާހަކައެއްތަ؟‘އުޒައިރު ގާތަށް ރުޅިއަތުވެއްޖެއެވެ.’ކަލޭމެން ކުޅެންޏާ ކުޅޭނީ..ތިކަހަލަ ކަންތައް ކުރަންޏާ މަ ކެނޑީމި.‘ އުޒައިރު ކޮޓަރިއަށް ވަދެ ’ބަންލާފައި‘ ދޮރު ޖެހި އަޑު އިވުނެވެ.’ސާބަސް ޒިީވް ކައެ ހަމަ ދޮންބެ ރުޅިއަރުވާލީއޭތި.‘ ޒަޔާ ޗޮކެއް ކަނޑައިލިއެވެ.’މަ އެކަނި ދޯ؟ ކައެ ވެއްޖެ ވިއްޔަ ތުއްތޭ މެންޝަން ކުރަން…ޔޫ ނޯ ހައު ދޮންބެ ވުޑް ރިއެކްޓް…‘ޒީވާ ހަވާލެއް ނުވިއެވެ.
****
މި މީހުން ހާދަ ވަރަކަށް އަހަރެންގެ މަސް ކައޭ އަހަރެންގެ ހިތަށްއެރިއެވެ.އެއިން ކޮންމެ ފަހަރަކު ގައިން މަސްކޮޅެއް ވިރޭނަމަ އަހަރެން މިހާރު ހުންނާނީ ކަށްޓަށްވެފައިކަން އަހަންނަށް ހަމަ ޔަގީނެވެ.
*****
އަހަރެން ނުކުތީ އެމީހުން ކޮޓަރިތަކަށް ވަދެ ހިމޭންވީމައެވެ.މިއޮއް ދަންވަރު އެމީހުންނާއި ކުރިމަތިލާ ހިތް ހަމަ ނުވީއެވެ.
އަހަރެން ފެންފުޅި ހިފައިގެން ކޮޓަރިއާއި އަރާ ހަމަވި ތަނާ އެޕާޓުމަންޓުގެ ދޮރު ހުޅުވާލައިފައި ވަތްތަން ފެނުނީ ބައްޕައެވެ.ބައްޕަގެ މޫނުމަތީގައި ފާޅުވޭވޭ ހުރި އަސަރުތައް ފެނި އަހަރެންގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ.
’ބައްޕާ މިރޭ ހާދަ ލަސްވީ…‘އަހަރެން ބުނެލީމެވެ.އެއްޗެކޭ ބުނުމުގެ ބަދަލުގައި ބައްޕަ އިޝާރާތުން ގާތަށް އައުމަށް އެދުނެވެ.ކޮންމެވެސް ކަމެއް ހިނގައިފި ކަން އަހަންނަށް ޔަގީންވީ ދެނެވެ.
’ބައްޕާ ކިހިނެއްވީ…؟‘ އަހަރެންގެ ބޮލުގައި ނުބައި ގޮތަކަށް ރިއްސައިލިއެވެ. ބައްޕަ އަހަރެންގެ މޫނަށް ބަލަން ހުރެފައި ފުން ނޭވާއެއް ދޫކޮށްލައިފައި ވެގެން އުޅޭ ގޮތް ކިޔައިދޭން ފެށްޓިއެވެ.
****
ކަން ވެގެން އުޅޭ ގޮތް ބައްޕަގެ ދުލުން ކިޔައި ދެމުން ދިޔައިރު އަހަރެންގެ އެތެރެހަށީގައި ދިޔައީ ވަރުގަދަ ހައިޖާނެއް އުފެދެމުންނެވެ. މި ދުވަސް އަންނާނެކަން އަހަންނަށް މާކުރިންވެސް އެނގެއެވެ.އަދި އަހަރެން މިހުރީ އެކަމަށް ތައްޔާރުވެސް ވެގެންނެވެ. އަހަރެންގެ މުޅި ހަޔާތް ބަދަލުކޮށްލި އެ ރޭގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށްޓަކައި އަހަރެން ކުރަން ޖެހެނީ ވަރުގަދަ ހަނގުރާމައެކެވެ. އެހެނަސް އަހަރެން ކުރަމުން މިދާ ’އެކްޓް‘ ދެން މާ ގިނަ ދުވަހަކު ކުރިއަށް ގެންދާކަށް ނުޖެހޭނެއެވެ.ހަގީގަތާއި ކުރިމަތިލާންވީ ވަގުތު ކުޑަތަން ވަނީއެވެ.
****
’ބައްޕާ… ތިކަންތައް މަންމައަށް ސިއްރު ކުރާކަށް އަޅުގަނޑަކަށް ނުފެނޭ. ދެން ތިކަމުގައި އެންމެ ރަނގަޅު ލަފައެއް ދެވޭނީ އުސައިދުބެއަށް. އަޅުގަނޑު ބޭނުން އެންމެން އެއްކޮށް ތިބެގެން މިވާހަކަ ދައްކަން.‘ އަހަރެން ބޭނުންވާ ގޮތް ބައްޕައަށް އެންގީމެވެ. ބައްޕަ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ.ކިތަންމެ ފޫއްސެއް ވިޔަސް އެ ބޭގަނޑާ ނުލައި އަހަންނަށް މިކަން ކުރެވޭކަށް ނެތެވެ.
****
ބައްޕަ އާއި ވާހަކަދައްކަން އިރުކޮޅަކު މަޑުކޮށްލާފައި އަހަރެން ކޮޓަރިއަށް ވަނީ ބައްދަލުވާނޭ ތަނަކާއި ވަގުތެއް ކަނޑައަޅައި އުސައިދުއާއި މަންމަގެ ގާތުގައި ބުނެދިނުމަށް ބައްޕަގެ ގާތުގައި އެދިފައެވެ.
****
ކޮޓަރިއަށް ވަތްއިރު އަހަންނާއި ނިދި ރުޅިވެ، ހިނގާލަން ގޮސްފިއެވެ. ބޮލުތެރޭގައި ފުނި ޖެހެމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ތަނެއްގައި ފޫ ޖައްސައިލަންވެސް ބޭނުން ނުވެގެން އަހަރެން ފެށީ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާށެވެ.އެވަރުންވެސް ސިކުނޑިއަށް ކުރަމުން ދިޔަ ބާރަށް ލުޔެއް ނުލިބުނެވެ. ދެއަތުގެ އިނގިލިތައް އިސްތަށިގަނޑުގެ ތެރެއަށް މަހާލައިގެން އިރުކޮޅަކު ހުރެވުނެވެ.
އަހަރެންގެ ފޯނުގެ ސްކްރިީނަށް ނަޒަރު ހުއްޓާލި އިރު ތިނެއް ޖަހަން ދަނީއެވެ.ދެވަނަ ސިކުންތު، ’ވޯކް އިން ވާރޑްރޯބް‘ ތެރެއަށް ދެމިގަތީމެވެ.އެންމެ ފަސޭހައިން އަތު ޖެހުނު ’އެކްޓިވް ވެއަރ‘އަށް އެއްޗެހި ބަދަލުކޮށްލައިގެން އަހަރެން މިސްރާބު ޖެހީ ކޮޓަރިން ނުކުންނާށެވެ.
****
މާލެއަކީ ނިދާ ރަށެއް ނޫނެވެ. މެންދަމުގެ އެވަގުތު ގައިވެސް މާލޭގެ މަގުތަކުގައި ދިރުން ހުއްޓެވެ.މަޑުމަޑުން، އެއްވާމެއްގައި ދުވަމުން ބޮޑުތަކުރުފާނުމަގުން އިރުމަތި ފަޅިއަށް ނުކުތްއިރު ޖެހެމުން ދިޔަ ވައިގައި ތެތްފިނި ކަމެއް ހުއްޓެވެ.ދުވުމުގެ ސަބަބުން ހިސާބަކަށް ދާހިތްލައިފައި ހުރި ނަމަވެސް ދޭތެރެއަކުން ޖެހިލާ ފިނި ވައިރޯޅީގެ ސަބަބުން އަހަރެންގެ ގައިން ހީބިހި ހިލުވައިލައެވެ.
****
ބުރިޖް ވިއުއާއި ހިސާބުން އަހަރެންގެ ދުވެލި މަޑު ޖައްސައިލީމެވެ.ލައިގެން ހުރި ’އެކްޓިވް ވެއަރ‘ ގެ ޖީބުން ފޯނު ނަގައި ދެ ޚިޔާލެއްގައި ހުރި މީހަކު ފަދައިން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ނަންބަރަކަށް ޑައިލް ކޮށްލައިފީމެވެ.އިރުކޮޅަކު ރިންގުވެލި ފަހުން އެކޮޅުން ފޯނު ނަގައި ހަލޯ އޭ ބުނެލި އަޑު އިވުނެވެ.
’ހަލޯ ބުރޯ…ކޮބާ ރެޑީތަ…؟އިޓްސް އޯލްމޯސްޓް ޓައިމް…‘ ފުން ނޭވާއަކާއި އެކު އަހަރެން ބުނެލީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.






Hey lamtty
Alhugandakah neynge 2nd part nukumefa in kameii vx…😭😭😭
Dhnme mi part fenifa e part mathin handhaan v 😭😭😭😭
Dhe parts vx varah varah reethi…
Hehe.. thank you menas a lot ❤️❤️
Hehe.. thank you means a lot ❤️❤️