އެކްޓަރ (ޕާޓް 2)
ކޮފީއަކަށް ’ސިކުވެފައި‘ ހުރިވަރުން ބަދިގެ ފަރާތަށް ޖެހިލީ ކޮފީއެއް ތައްޔާރު ކޮށްލާނަމޭ ހިތާއެވެ.އޭރުވެސް މުޅި ސޯފާ ވެރިކޮށްލައިގެން ޒީވާ އޮތެވެ.ދޭތެރަކުން އަހަންނާއި ދިމާލަށް ބަލައިލާފައި ކަޅިއަޅައިލައެވެ.ހީވަނީ އަހަންނާއި އެއް ވައިގެ ތެރެއަށް ނޭވާލާން ޖެހޭތީ ވެސް އުނދަގޫވެގެން އުޅޭހެންނެވެ.
****
ކޮފީ ތަށި ތައްޔާރުނުކުރެވިގެން އުޅެނިކޮށް އަނެއްކާވެސް ދެތިން ފަހަރަކު އެޕާޓުމަންޓުގެ ބެލް އަޅާލައިފިއެެވެ. ޒީވާ ހަމަ ހިލާ އޮތް ތަނުން ގުޑުވައި ނުލިއެވެ.
’ބޮލަށް ނުކުޅަދާނައޭ ދޭބަލަ އެ ދޮރުގަނޑު ހުޅުވަން!‘ ޒީވާ ރުންކުރުކަމާއި އެކުގައި އަމުރުކޮށްލިއެވެ.އަހަރެންގެ ގާތަށް ރުޅި އައި ނަމަވެސް އެއްޗެއް ނުބުނެ ގޮސް ދޮރު ހުޅުވާލައިފީމެވެ.
’އަައްސަލާމް ޢަލައިކުމް. އަނހާ ޒައިފް!’
ކުރިމަތީގައި ހުރި މީހާ ފެނިފައި އަހަރެންގެ މޫޑު އިތުރަށް ޚަރާބުވުން ނޫންކަމެއް ނުވިއެވެ.މުޅި ދުނިޔެއިންވެސް އަހަރެން އެންމެ ރުޅިއަރާ އެކަކަށް އެ ’ބޭގަނޑު‘ ވާނެއެވެ.އާއެކެވެ.އެއީ ޒަޔާ އާއި ޒީވާގެ ’ހަކުރު ބޮޑުބެއެވެ‘.މަންމައާއި ބައްޕަގެ މާ ގާތް މީހެކޯލައެވެ.ނަން މަޝްހޫރު, ކާމިޔާބު ލޯޔަރެކެވެ. ހަގީގަތުގައި ހުތުރު މީހެއް ނޫނެވެ.އެކަމަކު އެމީހާ އަހަންނާއި މާ ގާތްވެގަންނަން އުޅޭތީ އަހަންނަށް ހަމަ އުނދަގޫވަނީއެވެ.ހިތް ނުތަނަވަސްވަނީއެވެ.
****
’އުސައިދްބޭ..!‘ އަހަރެންގެ ފަހަތުން އޭނާ ވަތްތަން ފެނި ސޯފާގައި ހިރިނުލެވިފައި އޮތް މީހާއަށް ތެދުވެވިއްޖެއެވެ.އޭރު ޒީވާގެ ދަހިވެތި ނަޒަރު ހުއްޓިފައި ހުރީ އުސައިދުގެ އަތުގައި އޮތް އެތެރެ ނޭނގޭ ދެކޮތަޅަށެވެ.އޭނާއަށް ޔަގީންވާ ކަހަލައެވެ.އުސައިދު އެ އައީ އޭނާއަށާއި ޒަޔާއަށް އަގުބޮޑު ހަދިޔާ އެއް ހިފައިގެންނެވެ.
****
އުސައިދަކީ ފޮނި ގޮތެއް ހުންނަ މީހެކެވެ. އޭނާ ކާމިޔާބުކޮށްފައި ހުރި ކޭސްތަކުގެ ވާހަކަ ކިޔާލާއިރު އަމިއްލަ ނަފްސާއިމެދު އޭނާ ފަޚުރުވެރި ވާވަަރު އަންދާޒާކޮށްލެވެއެވެ.އުސައިދުވަނީ އަހަރެންގެ އާއިލާގެ އެންމެންގެ ހިތްތައް ފަތަޙަ ކޮށްފައެވެ. އަހަރެންގެ ފިޔަވައެވެ.
****
’އަނހާ ޒީވް ޑިއަރ…ކޮބާ ޒާ؟ މިއޮތީ އުސައިދުބެގެ ފަރާތުން ދެކުދިންނަށް..‘ އުސައިދު އޭނާގެ އަތުގައި އޮތް ދެ ކޮތަޅު ޒީވާގެ އަތަށް ދިއްކޮށްލިއެވެ.އުސައިދުގެ އަތުން ޒީވާ އެކޮތަޅުތައް ޖަހައިގަތްލެއް އަވަސްކަމުން އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
’އަޅޭ ތެންކިޔޫ އުސައިދްބޭ…ޔުއަރ ދި ބެސްޓް…ޒާ އެބައުޅޭ ރޫމްގަ‘ ޒީވާ ވެފައި ހުރި ފޮނިން އުސައިދުގެ ގައިގައި އޮޅުލައިގަންނާކަށްވެސް ފަހަކަށް ނުދާނެކަން ގައިމެވެ.
****
ޒީވާ ޖެއްސި ވައްތަރުން ބޮލަށް އުނދަގޫވެގެން އަހަރެން އެނބުރި ބަދިގެ ފަރާތަށް ދާން ހިނގައިގަތީމެވެ. އެހެނަސް އުސައިދު ހުރެފައި ކޮށްލި ކަމަކުން އަހަރެން ހުރިތަނަށް ގަނޑުވިއެވެ.
’ދޮންކަލޯ ކޮންތާކަށް؟ މި ސޮރު ހާދަ ވަގުވެއްޖެޔޭ މިހާރު‘ އުސައިދު ފަހަތުން ލަތްކެއް ޖަހައި އަހަރެންގެ ޓީޝާޓުގަނޑުގައި ހިފައި ހުއްޓުވާފައި، އަހަރެންގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެހިނދު އަހަރެން ލައި ލައި ހުރި ނޭވާ ވެސް މަޑު ޖައްސައިލެވުނީ ބޭއިޚްތިޔާރުގައެވެ.ބޮލުތެރޭގައި ފުނި ޖެހިގަތް ޚިޔާލުތަކުން އިސާހިތަކު އަހަރެންގެ ސިކުނޑި ހާސްވެއްޖެއެވެ.
****
އުސައިދަކީ އަހަރެމެން ވަރަށް ކުޑައިރުއްސުރެ ވެސް ގެއަށް އައިސް އެއްތަށިމަތިން ކައިބޮއެ އުޅުނު މީހެކެވެ. އޭރުވެސް އޭނާ އުޅެނީ ހަމަ އެހާ ގާތްކޮށެވެ.އެހާ ސަމާސާވެސް ބޮޑުވާނެއެވެ.އޭރުވެސް އަހަންނަކީ ދެން ތިބި ތިން މީހުންހެން ބޮޑާހާކާ،ރޮއެ ތޮޅެ ހަދާ ކުއްޖެއް ނޫނެވެ.އަހަރެން ހުންނަލެއް ’ޗަބީ‘ކަމުން އެންމެންވެސް އެންމެ ފުރަތަމަ މޮޑެގަންނަން ދިމާކޮށް ލާނީ އަހަންނެވެ. އުސައިދުވެސް އަބަދު އަހަރެން ފިތާ ރޮއްވާލައެވެ. އޭނާ އެހެން ހަދާތީ ކުޑައިރުވެސް އަހަރެން އެންމެ ރުޅިއަންނަ މީހުންތެރޭގައި އޭނާ ހިމެނުނެވެ. ދެން ތިބި މީހުންހެން ހަދިޔާއަކަށް އަހަންނެއް ނުވިކެއެވެ.
****
އުސައިދު އާއި އަހަންނާއި ދެމެދު ލެވިފައި އޮތް ފާރު އިތުރަށް ބޯވެގެން ދިޔައީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ.އެއީ އަހަންނަށް އުސައިދުގެ ހަގީގީ މަގުސަދު އެނގިގެން ދިޔަ ދުވަހެވެ.އަހަރެންގެ ހަޔާތަށް މި އައިސްގެން އުޅޭ ތޫފާނުގެ އަސްލަކީވެސް ހަމަ އެ ’ހިޔަޅު ބުއްދި‘ އެވެ.
****
އުސައިދު އެހެން ކޮށްލާ ކަމަކުން ބައްޕަމެން މީހަކަށް ފެނިގެން އެއްޗެކޭ ހިތަކަށް ނާރާނެ އެވެ. އެކަމަކު އުސައިދު ހުރަސް އެކުރީ އަހަރެން ކަނޑައަޅާފައި އޮތް އިމެވެ. އުސައިދެއް ކަމަކު އަހަރެންގެ ގައިގައި އަތްލާކަށް ނުޖެހޭނެއެވެ.އަހަރެން އައި ރުޅިން އޭނާގެ އަތުގައި ހިފާ ނައްޓުވައިލީމެވެ.’އައްދޭ..‘ އުސައިދު ގަޔާނުވިކަން އޭނާގެ އަނގަޔަށް ޖައްސައިލި ވައްތަރުން އެނގުނެވެ.ފެންނަކަމަށްވެސް ނުހަދާ ކޮފީ ތަށްޓަކާ ކޮފީ ތަށްޓެކޭ ހިތަށް އަރުވާލައިފައި އަހަރެން ގޮސް ވަނީ ކޮޓަރިއަށެވެ. އުސައިދުގެ ފަރާތުން އެންމެ ފަސޭހައިން ސަލާމަތްވާނޭ ގޮތަކީ އެއީކަމަށްވާތީއެވެ.
****
ގަސް ހެއްދުމަކީ އަހަރެން ވަރަށް ގަޔާވެގެން ކުރަމުން އަންނަ ކަމެކެވެ.އެކަމަށް އަހަރެންގެ ހިތް ޖެހިފައި ހުރި މިންވަރު ގޭގޭ ޓެރަސް އަށް އަރައިިލީމާ ފެންނާނެއެވެ.ގަސްތައް ގިނަވެގެން އެތަން މިހާރު ހީވަނީ ކުޑަވަރެއްގެ ބަގީޗާއެއްހެންނެވެ.އެތަނުގައި ކޮފީ ބޮވޭގޮތަށް މޭޒަކާއި ހަތަރު ގޮނޑީގެ އިތުރުން އިންޑޯ އުނދޯއްޔެއްވެސް ބަހައްޓާފައި ހުރެއެވެ.ގޭގެ އެހެން ފުލޯތަކުގައި ކުއްޔަށް އުޅޭ މީހުންނަށް ޓެރަސް ބޭނުންކުރުމުގެ ހުއްދައެއް ނޯވެއެވެ.އެހެން ކަމުން މީހަކަށް އުނދަގޫވެދާނެތީ، މީހެއްގެ އުނދަގޫ ޖެހިދާނެތީ އަހަރެމެން ވިސްނާކަށް ނުޖެހެއެވެ.
****
ޓެރަސްއަކީ އަހަރެންގެ’އެސްކޭޕެވެ.‘ އަހަރެންގެ އެކަންޏެއް ނޫނެވެ.ޒަޔާވެސް އޭރު އެ ސޮރަކާ ރައްޓެހިވެގެން އުޅުނުއިރު ދަންވެލީމާ އަބަދު ގޮސް އޮންނާނީ އެތާނގައެވެ.ޒީވާއާއި އުޒައިރުވެސް ސިނގިރޭޓު ބޯންވީމާ ދަނީ އެ ތަނަށެވެ.ދެމީހުންވެގެން މުޅި ޓެރަސްގެ އެކި ހިސާބުތަކުގައި އުކާފައި އޮންނާނީ ސިނގިރެޓު ފިލްޓަރު ތަކެވެ.ބޮލަށް އުނދަގޫވެގެން އެ އެއްޗެހިތައް ނަގާ ސާފުކުރަނީ އަހަންނެވެ.
****
ހަވީރުއަތަށް އަޅައިލީމާ އާދައިގެ މަތިން ގަސްތަކަށް ފެން ދިނުމަށްޓަކައި އަހަރެން ޓެރަސްއަށް ދިޔައީމެވެ. އެހެނަސް ފެނުނު މަންޒަރަކުން އަހަރެންގެެ ފިޔަވަޅުތައް މަޑު ޖެހިލި އެވެ.
****
ކޮފީ މޭޒުގެ ދެފަރާތުގައި ތުން ގުޅާލައިގެން އެ ތިބީ އަހަރެންގެ މަންމަ އާއި އުސައިދުއެވެ.ދައްކަމުން ދިޔައީ ވަރަށް ސީރިއަސް ވާހަކައެއްކަން މަންމަގެ މޫނުމަތީގައިވި އަސަރުތަކުން އަހަންނަށް އެނގުނެވެ.އަހަރެން ފެނުނުހާއިރަކަށް އެ އަސަރުތައް ފޮރުވުމުގެ ގޮތުން މަންމަ ހިނިތުން ވެލައިފިއެވެ.’އެކްޓުކޮށްލަން‘ މަންމަވެސް ހާދަ މޮޅޭ އަހަރެންގެ ހިތަށްއެރިއެވެ.
’ދަރިފުޅު އާދޭ ކޮފީ ބޯން…‘ މަންމަ އެދުނެވެ. އަހަރެން ވަގުތުން މަނާވެގަތިީމެވެ. އުސައިދުގެ ރާޑަރަށް އަރައިގެން އޭނާގެ ފަރާތުން އުނދަގުލެއް ކުރިމަތިވުމުގެ ކުރިން އަހަރެން ކުރަން އައި ކަންތައް ނިންމައި ލެވޭތޯ އަވަސްވެގަތީމެވެ.އެހެނަސް އަހަރެން ރުޅިއަރުވައިލަންވެގެން މިހާރު މި އުޅޭ ޒަމާނީ އަންހެން ކުދިންނަށްވުރެވެސް އަހަރެން ފޮނިވެއްޖެޔޭ ކިޔާ ދިމާކޮށްލައިފިއެވެ.ދެން އެ އުޅޭ މީހުންހެން މި ބޭ ގަނޑު ޖަހާހާ ބޭރަކަށް އަހަރެން ނުނަށާތީ ހާދަހާވާ އަސަރެއް ކުރޭތާއެވެ! މަންމަ ހޭން ފެށިއެވެ.ކިހާ މަޖާ ވިއްޔާއެވެ!
އަހަރެން ގޮސް ގަސްތަކަށް ފެން ޖަހަން ފެށުމުން އުސައިދުވެސް އެ އަނގަ ގަނޑު މައިތިރިކޮށްގެން މަންމައާއި ވާހަކަދައްކަން ފަށައިފިއެވެ.އެކަމަކު އެހާ ފަސޭހައިން މިފަހަރު މައިތިރި ނުވީ ކޯއްޗެއްކަން ބުނަން ހެއްޔެވެ؟ އަހަރެންގެ ގާތަށް އައިސްފައި ހުރި ރުޅިއެވެ!
ބަލާކަށް ނުހުރެ އަހަރެން ފެން ޖަހަން ގެންގުޅުނު ހޮޅިގަނޑު އުސައިދުއާއި ދިމާލަށް އަމާޒުކޮށްލައިފީމެވެ. މިފަހަރު ފޮނި މީހުން ރަނގަޅަށް ދަސްވާނެތާއެވެ! އިސާހިތަކު ޕުރެޝަރުގައި ދިޔަ ފެންތައް އޭނާ މުޅީން ތެމި ފޯކޮށްލައިފިއެވެ.
’ޒައިފް!‘ މަންމަ ވަރަށް ހިތްހަމަ ނުޖެހިފައި ބާރަށް އަހަރެންގެ ނަމުން ގޮވައިލި އެވެ. އުސަަައިދުވެސް ލިބުނު ސިހުމުގައި، މޫނާ ދިމާލަށް އަތް ހުރަސް ކޮށްލިއެވެ.
އަހަރެން އަވަސްއަވަހަށް ފެން ބަންދުކޮށްލާފާއި ހޮޅީގެ މައްސަލައެއް އުޅެނީއޭ ކިޔާފައި ވާހަކަ ހަމަޖައްސާލައިފީމެވެ.ގަބޫލު ކުރިޔަަސް ނުކުރިޔަސް އަހަންނަށް ވަރިހަމައެވެ.އަހަރެން ބޭނުންވި ކަންތައް ކުރެވިއްޖެއެވެ.
’ހާދަ ދެރައޭދޯ… ދޮންކަލޯ… މިއަދު މިވީ ގަހަކަށްތާ!‘ އުސައިދު މޫނުމަތިން ފެންތައް ފުހެލަމުން ތެދުވިއެވެ.’ނަސިީބެއްދޯ ފޯނަށް ކަމެއް ނުވާކަން..؟ ޒައިފް ތި ހޮޅިގަނޑު ’ފިކްސް‘ ކުރާތި!‘ މަންމަގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވުނެވެ. ލިބުނު ކާމިޔާބީގެ ސަބަބުން އަހަރެންގެ ތުންފަތް އެއްމިޔަކަނުން ދެމިލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Ngl you describe him as a women
But story is really interesting
Hehe thank you ❤️