Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންލޯބި

.އެހެނަސް އަހަރެން ލޯބިވީމެވެ

Lamtty
Lamtty Level 710 Stories100 Login100 Comments500 Login100 Stories
March 22, 2025 6 Mins Read
0 Comments

(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.)

އިރު އޭގެ ވާޖިބު އަދާކުރަމަށް ފަހު ދުނިޔެއާ އަލްވަދާޢުކިޔުމަށް ތައްޔާރުވަމުންދިޔަ ވަގުތެވެ. ޖަރީ ކުލަތަކުން މުޅި އުދަރެސްމަތި ވަނީ ވިރުވާ އަޅާފައެވެ. ބެލްކަނީ ރެއިލިންގައި އަތް އަޅުވާލައިގެން އިނދެ، ފެންނަމުންދިޔަ ޤުދުރަތީ ރީތިކަމަށް ޚުޝާމަދުކުރުމުގައި އަހަރެން ވަގުތުތައް ގުނަމުންދިޔައީ ވެރިވެފައިވާ ހަމަހިމޭންކަމުން އުފާ ލިބިގަންނަމުންނެވެ. އެހެނަސް އެ ވަގުތު ވެސް އަހަރެންގެ ސިކުނޑިތެރޭގައި އެތަކެއް ޚިޔާލުތަކެއް ދައުރުވަމުންދިޔައެވެ. މީހަކާ ހިއްސާކުރަން ހިތް ނޭދޭ އެތައް ވާހަކަތަކެކެވެ. އަހަރެންގެ ނަފުސަށް ނޫނީ ނޭނގޭ ޙަޤީޤަތްތަކެކެވެ. އިޚްތިޔާރެއް ނެތި އަހަރެންގެ ޚިޔާލުގެ އޮއިވަރުތައް މިސްރާބުޖަހަމުންދިޔައީ ފާއިތުވެފައިވާ ހިތި މާޒީގެ ސަފުހާތަކުގެ ތެރެއަށެވެ.

އަހަރެން ޒައިޝާއާ ލޯބީގެ ގޮތުން ގުޅުނުތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ. ހަ މަސް ދުވަހުގެ ކޯހެއްގައި އަހަންނަށް މާލެ ދާން ޖެހުނެވެ. އަހަރެން ދާހިތް ނުވި ނަމަވެސް މައިންބަފައިންގެ އުންމީދުތަކުގައި ކޮޅުފައިންޖަހާކަށް ނުކެރުނެވެ. ޒައިޝާ ވެސް އަހަންނަށް އެ ކަން އެ ގޮތަށް ކުރުމަށް ބާރުއެޅިއެވެ. އޭނާ އަހަންނަށް އިންތިޒާރު ކުރާނެކަމަށް ބުނުމުން އެ ލިބުނު ހިތްހަމަޖެހުމާއެކު އަހަރެން ފުރައިގެން ދިޔައީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ.

ފާއިތުވެދާ ކޮންމެ ދުވަހެއްގެ ކޮންމެ ވެސް ވަގުތެއްގައި ޒައިޝާއަށް ގުޅައި ހާލުބަލައިހަދާލުމުން ނޫނީ އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ޒައިޝާއަކީ އަހަރެންގެ ހުވަފެންތަކުގައި ކުލަޖައްސަމުންދާ ރީތި ކުލައެކެވެ. އަހަރެންގެ މި ހިތުގެ ހިތްހަމަޖެހުންކަމުގައިވި މި ދެލޮލުގެ ފިނިކަން ވެސްމެއެވެ.

ރަނގަޅު ކާމިޔާބީއަކާއެކު ކޯސް ނިންމުމަށް ފަހު އަހަންނަށް އެނބުރި ރަށަށް އާދެވުނީ އެއް ރެއެއްގެ ވަރަށް ދަންވެފައި ވަނިކޮށެވެ. މޫސުން ގޯސްވުމުގެ ސަބަބުން، ފްލައިޓް ފަސްވުމުގެ ސަބަބުންނެވެ. އޭރު ޒައިޝާގެ ސޫރަ ދުށުމަށް އަހަރެން ކުރަމުން އައި އިންތިޒާރު ވަނީ ދިގުލައިފައެވެ. ފުރަތަމަ ވެސް ގެއަށް އައިގޮތަށް އައިސް އަހަރެން ގުޅީ ޒައިޝާއަށެވެ. ޒައިޝާ ގާތުގައި ވީހާ ވެސް އަވަހަކަށް ބައްދަލުކުރަން ބޭނުންކަމަށް ބުނުމުން އޭނާގެ އަނގައިން ބޭރުވީ މޮޅީގެ  އާހެކެވެ. “ޖައި… މި ވަގުތު އަހަންނާ ބައްދަލުކުރަން ބޭނުމިއްޔާ އަވަހަށް އާދޭ… އަހަންނަކަށް ދެން މާ ގިނަ ވަގުތެއް ނެތް…” ރިހުން އެކުލެވިފައިވާ ޒައިޝާގެ މޮޅިވެރި އަޑު އިވިފައި އަހަރެން ކިތަންމެ ސުވާލެއް ކުރަން ބޭނުންވި ނަމަވެސް އޭނާ އަހަންނަކަށް އެ ފުރުޞަތެއް ނުދިނެވެ.

ޒައިޝާއާ ބައްދަލުކުރަން ދިޔުމަށްޓަކައި އަހަރެން ނުކުތްއިރު ދޭއް ޖަހާ ބޮޑުވެއްޖެއެވެ. ދެ ފަޔަށް ބާރުލާފައި ހިނގަމުން ދިޔައިރު އަހަރެންގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ޒައިޝާ ނުފެނި މި ވީހާ ދުވަސްތަކުގައި އަހަންނަށް ވާ ވަރަށް ކެތް ކުރެވިއްޖެއެވެ. އެ ރީތި މޫނު ދުށުމަށްޓަކައި އަހަރެންގެ ހިތް ދީވާނާވަމުންދިޔައެވެ. އަހަރެންގެ އަތްފައި ފިނިވެ ހިތް އަވަސްވަމުން ދިޔައިރު މޭގަނޑު ވެސް ނެގިނެގިފައި ޖެހެމުންދާކަހަލަ އިހުސާސެއް ކުރެވުނެވެ. މިއީ ޒައިޝާ ފެނުނު ފަހުން އަހަރެންގެ ހާލެވެ. އޭނާ އަހަރެންނަށް މި ވަނީ ކޮންފަދަ ސިހުރެއް ޖައްސާފައިބާއޭ ކިތަންމެ ފަހަރަކު އަހަރެންގެ ހިތަށްއަރައެވެ. އެހެނަސް އަހަރެން އޭނާއާ ބައްދަލު މި ކުރަނީ އަލަކަށް ނޫނެވެ. އެއީ އަހަރެންގެ ހިތާއި ފުރާނައާ ގުޅިފައިވާ ލޯތްބެވެ.

އަހަންނަށް އެ ގެއާ ހަމައަށް ދެވުނުއިރު ގޭގެ ދޮރުމަތީގައި ޒައިޝާ އިންތިޒާރުގައި ހުއްޓެވެ. ހުދުކުލައިގެ ތުނި ނައިޓީގައި އެ ހަނދެއްފަދަ އަންހެން ކުއްޖާ ފެނިލުމުން އަހަރެން ހިތްއަވަސްވިއެވެ. އަހަރެން ގޮސް ޒައިޝާގެ ހޫނު ނޭވާތައް އިހުސާސްވާހާ ގާތުގައި ހުއްޓިލީމެވެ. ޒައިޝާގެ މޫނު އަހަންނަށް ރީތިކޮށް ފެނުނީ އެ ވަގުތުއެވެ. މޫނު ހުދުކަމުން ކަފަކޮޅެއްހާ ވަރު ވެފައި ވީއިރު ފުން ކަނޑެއްފަދަ ރީތި ދެލޯ ވަނީ ރަތްވެ ވަޅުވަދެފައެވެ. ހޫނު ކަރުނަތައް ކޯރުދެމި ކޯތާފަތުގައި ބޮސްދެމުންދިޔައިރު ތުރުތުރުލަމުން ދިޔަ ރީތި ދެތުންފަތުގައި ކުޅެލަކުޅެލާ ހުރީ ވޭނީ ހިނިތުންވުމެކެވެ. “ޒައީ… ކިހިނެއް ވެފަ ތި ހުރީ؟.. ކީއްވެ ތި ރޮނީ؟” ކުރި އަސަރުން އަހަރެން އޭނާގެ ކަރުނަތައް ފުހެދީ ގެނެސް މެއާލާ ބޮނޑިކޮށްލީމެވެ. “ޖައި…” އެ ވޭނުން ފުރިފައިވާ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. ދެވަނަ ސިކުންތު އޭނާ އަހަންނާ ދުރަށް ޖެހިލައިފިއެވެ. “ޖައި… މި ސިޓީ ހިފައިގެންދޭ.. އަހަންނަށް ދެން މިރޭ ގިނަ ވަގުތެއް ނެތް.. މިތާކު ހުރެވޭކަށް ނެތް… ތި ސިޓީ ކިޔާލާތި އިނގޭ.. އޭރުން ދެން އަހަންނަށް ހިތްހަމަޖެހުމެއް ލިބޭނީ.. މިރޭ ދެން ޖައި ދޭ.. އަހަންނާ ތި ދިމާވީނު… މިރޭ އަހަރެން ދާންވެއްޖެ… “ޒައިޝާ އޭނާގެ އަތުގައި އޮތް ސިޓީ އުރަ ދިއްކޮށްލަމުން އަވަހަށް ބުނެލިއެވެ. “ނޫން… ވެގެން ތި އުޅޭ ގޮތެއް ބުނީމަ ނޫނީ އަހަރެން މިރޭ ނުދާނަން.. ޒައި ކީއްވެ ތި އުޅެނީ އަހަރެން ފޮނުވާލަން؟.. އަހަރެން ފެނުނީމަ ޒައި އުފަލެއް ވެސް ނުވޭތަ؟ މިރޭ ޒައިއަށް ވަގުތު ނެތިގެން ތިއުޅެނީ ކީއްވެ؟ މިއީ އެހެންނޫނަސް ޒައީގެ މަންމަމެންގެ ރުހުން އޮތްކަމެއް… ދެން މިރޭ ހަމަ މޮޅި ސާލު އޮޅައިގެން ޒައި ތި ހުންނަނީ ރޯލަރޯލާ އަހަރެން ގާތު ވީ ކީއްކަމެއް ވެސް ބުނެނުލައި…” އަހަރެން ޝަކުވާ ކުރީމެވެ. “ޖައި…އަހަންނަކަށް މިރޭ މާ ގިނަ އިރަކު ވާހަކަ ދައްކާކަށް ނުހުރެވޭނެ.. އަހަރެން ދާންވެއްޖެ..”ޒައިޝާ ތަކުރާރުކޮށްލިއެވެ.”ކޮންތާކަށްތަ ޒައިޝާ ދާން ތިއުޅެނީ…؟ މި ކޮން ސިޓީއެއްތަ؟”އަހަރެން ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރެ ސިޓީ އުރަ ކަނޑާލަން އުޅުމުން ޒައިޝާ އެކަން ހުއްޓުވިއެވެ.”ނޫން ޖައި،.. ތި ކަނޑާނީ ގެއަށް ގޮސް.. ތި ވަރަށް މުހިންމު އެއްޗެއް… ތި ކީމަ ޖައިއަށް ކިތަންމެ ކަމެއް އެނގޭނެ.. އޭރުން އަހަންނަށް ހަމަޖެހިލެވޭނީ.. ޖައި ޕްރޮމިސްކުރޭ… މިރޭ ގެއަށް ގޮސް ވަރަށް ހަމަޖެހިލައިގެން ތި ކިޔާލާތި.. ޕޮރޮމިސްކުރޭ.. އޭރުން ހިތްހަމަޖެހިގެން އަހަންނަށް ދެވޭނީ… “ހިތި، އެހެނަސް ބޭރުފުށަށް ރީތި ހިނިތުންވުމަކާއިއެކު ޒައިޝާ ބުނެލިއެވެ. ” އޯކޭ… ޕްރޮމިސް..” އެ ރީތި ހިނިތުންވުމަށް އަހަރެންގެ ހިތް ލެނބުނެވެ. އެހެނަސް އަހަންނަށް ހުރެވުނީ މި އުފާވެރި ކުއްޖާގެ އާދަޔާޚިލާފު މިޒާޖުފެނި އަންތަރީސްވެފައެވެ. އެ ރީތި ހިނިތުންވުމާއި އެ އާދަޔާޚިލާފު މިޒާޖުގެ ފަހަތުގައިވާ ޙަޤީޤަތަކާމެދު އަހަރެން ކުޑަކޮށް ވެސް ވިސްނާނުލަމެވެ. ހިތާ ދެކޮޅަށް އަހަރެން ޒައިޝާ އެދުނުގޮތަށް އާނބަސް ބުނުމަށް ފަހު އަނެއްކާ ވެސް އޭނާއާ ކައިރިވެލީމެވެ. އެކެއްގެ ހޫނު އަނެކަކަށް އިހުސާސްވާހާ ކައިރިއަށެވެ. އެހެނަސް ދެލޯމަރާލަމުން ޒައިޝާ މަޑުމަޑުން ފަހަތަށް ޖެހިލާފައި ކުއްލިއަކަށް ދުވެފައި ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ޒައިޝާގެ އެ ޢަމަލުން އަހަންނަށް އިތުރު ހައިރާންކަމެއް ލިބުނެވެ. އެހެނަސް މާޔޫސީ ހިތަކާއެކު އަހަންނަށް ޖެހުނީ އެނބުރި ދާށެވެ.

ގެއަށް އައި މަގުމަތީގައި ވެސް އަހަންނަށް ވިސްނުނީ ޒައިޝާއާ ދޭތެރޭގައެވެ. ބައްދަލުނުވެ މިވީ ކުޑަ ދުވަސްކޮޅުގެތެރޭގައި އޭނާއަށް އައިސްފައިވާ ބޮޑު ބަދަލާ ދޭތެރޭގައެވެ. އެފަދަ ސަކަ މިޒާޖެއްގެ އުފާވެރި އަންހެން ކުއްޖަކަށް އުފުލަން ޖެހިފައި އެވަނީ ކޮންފަދަ ތަކުލީފެއް ބާވައެވެ؟ އަހަރެންގެ ހިތުގައި ސުވާލުގެ އޮއިވަރު ސާލުއޮޅަމުން ދިޔައެވެ.

ކޮޓަރިއަށް ވަނުމަށް ފަހު އަހަރެން އަވަސްވެގަތީ ޒައިޝާ ދިން ސިޓީގައި ވާ އެއްޗެއް ކިޔުމަށެވެ. އަހަރެން ސިޓީ އުރަ ކަނޑައިލީމެވެ. ފުރަތަމަ ވެސް އޭގެ ތެރެއިން ވެއްޓުނީ އަހަރެން އޭނާއަށް ހަދިޔާކުރި ރަން އަނގޮޓިއެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ކަންތައްތައް މާ ރަނގަޅު ނޫންކަން އެ ހިސާބުން ދެނެގަނެވިއްޖެއެވެ. އަވަސްއަވަހަށް އަނގޮޓި ނަގައި މުށުތެރެއަށް ލާފައި ސިޓީ ނިއުޅާލިއިރު އަހަރެންގެ ހިތުގައި ވިންދު ޖަހަމުން ދިޔައީ ނުބައި ޒާތަކަށެވެ. ޝައްކާއި ވަހުމާއި، ވަސްވާސްތައް އަހަރެން ވަށައިލިއެވެ. ކަންތައްތައް ގޯސްވަމުންދާކަމުގެ ސިގްނަލްތަކުން ސިކުނޑި ބާރު ބޮޑުވިއެވެ.

“ޖައިލާން… ތީ ވަފާތެރި މާތް އިންސާނެއް.. ޖައިލާން އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އެނގޭ.. އެކަމަކު.. އަހަންނަކަށް ޖައިލާންދެކެ ލޯތްބެއް ނުވެވުނު.. ޖައި އަހަރެންދެކެ ވީ މަތިވެރި ލޯބީގެ އަގު އަދާކުރާކަށް ވެސް އަހަންނަކަށް ނޭނގުނު.. އެކަމަކު ޖައިލާން، އަހަރެން އުފާވެރި މީހަކަށް ހަދައިދީ ޙަޔާތުގެ ރީތި ކުލަތައް ދައްކައިދިނީމު.. އެހެނަސް މިއަދު ދުނިޔޭގެ ކެހިވެރިކަން އޭގެ އެންމެ ހިތި ގޮތުގައި މި އަރުތެރޭގައި ހިތިރަހަ ލައްވާލައިފި.. ހުރިހާ އުފަލަކުން އަހަރެން މަޙުރޫމް ކޮށްލުވައިލައިފި.. އަހަންނަށް މީހަކުދެކެ ވެވުނު ކެހިވެރި ކަނު ލޯތްބެއްގެ ސަބަބުން އަހަރެންގެ ދިރިއުޅުން އަހަރެންގެ އަމިއްލަ ދެއަތުން ފުނޑުފުނޑުކޮށްލެވިއްޖެ… އަހަރެންދެކެ ލޯބިވާ ފަރާތަކަށް އަނިޔާވެރި ވެވިއްޖެ.. ބޭވަފާތެރި ވެވިއްޖެ.. އެ ކަނު ލޯބީގައި އަހަރެންގެ އިޚްތިޔާރު ގެއްލުވާލީ ޖައިލާން އަހަރެންދެކެ އެހާ ލޯބިވާކަން އެނގިހުރެ….. ޖައިލާން… އަހަންނަށް ޖައިއަށް ބޭވަފާތެރި ވެވިއްޖެ… އަނިޔާދެވިއްޖެ.. ނަމަވެސް ޖައިގެ ދިރިއުޅުން އަހަރެންގެ ސަބަބުން ފުނޑުފުނޑުވެގެންދާކަށް އަހަރެން ނޭދެން.. އަހަރެން ކުރި ފާފައެއްގެ ސަބަބުން އެހެން މީހުންނަށް އޭގެ ލަދާއި ތަދު އިހުސާސްވިޔަދޭކަށް އަހަރެން ބޭނުމެއްނޫން… އަހަރެންގެ ބަނޑުގައި މިވާ ފާފައިގެ ހިތި މޭވާ ޖައިލާންގެ ބޮލުގައި އެޅޭކަށް ވެސް އަހަރެން ބޭނުމެއް ނޫން.. އަދި ނިސްބަތް ކުރާކަށް ވެސް ބޭނުމެއްނޫން… ޖައި… އަހަންނަށް މި ލަދަކަށް ކެތެއް ނުވާނެ.. އަހަރެންގެ މައިންބަފައިންނާ ކުރިމަތިލާނެހާ ހިތްވަރު އަހަރެންގެ ކިބައަކު ނެތް.. އަދި މި ފާފައިގެ ނިޝާން ދުނިޔެއަށް އުފަންކުރާނެހާ ހިތްވަރެއް ވެސް ނެތް… މި ދުނިޔޭގެ ލަދާއި ތަދުގެ އަމާޒުފަތްގަނޑަކަށް ވެގެން އެންމެ ހިނދުކޮޅަކަށް ވެސް ކެތެއް ނުވާނެ… މުޅި ދުނިޔެއަށް ބޭޒާރުވުމުގެ ކުރިން އަހަރެން ބޭނުމީ އަބަދަށްޓަކައި ދެލޯމަރާލަން… އަހަރެންދެކެ ޖައިލާން ކިތަންމެ ލޯބިވިޔަސް އަހަންނަކީ ތިފަދަ މާތް އިންސާނަކަށް  އެކަށީގެންވާ މީހެއް ނޫން… ޖައިލާން ރަނގަޅު އަނތްބަކު ހޯދާ، އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ ބަލާ.. އަދި އަހަންނަށް ކުރި ލޯބީގެ ހަދިޔާ ޖައިލާންގެ އާ ބައިވެރިޔާއަށް ހަދިޔާކުރޭ.. ތި ހިތުން މި ބޭވަފާތެރިޔާގެ ނަން އަބަދަށްޓަކައި ފުހެލާ… އެނގޭ މާފުކުރަން މާ ފަސޭހަ ނުވާނެކަން ވެސް.. އެކަމަކު އަހަރެން މި ދުނިޔެއިން ވަކިވެ ދިޔުމުގެ ކުރިން ހަމަ އެންމެ ފަހަރަކު ނަމަވެސް މާފަށްއެދެން ބޭނުން.. ޖައި އަހަންނަށް މާފުކޮށްދޭނެކަމަށް އުންމީދުކުރަން… އަހަރެން މަރުވެ މި ދަނީ އަހަރެންގެ ސުންޕާކަމުން އެހެން ބައެއްގެ ދިރިއުޅުމަށް ހުރަހެއް އެޅެން ނޭދޭތީ.. މި ސިޓީ ކިޔާ ނިމޭއިރު އަހަރެންވާނީ ޖައިއާ އަބަދަށްޓަކައި ވަކިވެފައި.. ހިތްހެޔޮ ކުރާތި.. ސަލާމް.. -ޒައިޝާ-”

ލިބުނު ކުއްލި ޝޮކާއި ހިތާމައިގެ ސަބަބުން އަހަންނަށް ފާޑަކަށް ރޮއިގަނެވުނެވެ. “ޒައިޝާ ނޫން…..” އަހަރެން ގެއިން ނުކުތްގޮތަށް އަޅާއިތިކޮށް ދުއްވައިގަތީމެވެ. ދުވެވުނު އެންމެ ބާރަކަށް ދުވެފައި ގޮސް އެ ގޭ ދޮރޯށީގައި ބާރަށް ތަޅައިގަތީމެވެ. “ޒައިޝާ.. ޒައިޝާ..” އަހަރެން އަޑުގެކޮޅަށް ގޮވީމެވެ. ބޭރުގައި އަޑު ގަދަވެގެން ބައެއް އަވަށްޓެރި ގޭގޭ މީހުން ވެސް، ވަނީ ކީއްތޯ ބަލަން ބޭރަށް ނުކުތެވެ. އިރުކޮޅެއް ފަހުން އައިސް ދޮރު ހުޅުވާލީ ޒައިޝާގެ މަންމަ ޝަމީހާއެވެ. ޝަމީހާގެ ފަހަތުން ޒައިޝާގެ ބައްޕަ އިނާދު ވެސް އައެވެ. އެ ދެމީހުން ވަރަށް ހައިރާންވެފައި ހުރެ އަހަންނާ ސުވާލުކުރިއެވެ.. “ޖައިލާން… އެކޮއެ… މިގަޑީ ކޮންކަމަކު ތިއައީ..” އެ ދެމީހުންގެ މޫނުމަތީގައިވަނީ ސުވާލުމާކުތަކެވެ. “ޒައިޝާ… އޭނަ އަމިއްލައަށް މަރުވާން އުޅެނީ…” އަހަންނަށް ރޮއިގަނެވުނެވެ. “ކީކޭ؟.. ސުބުޙާނަﷲ… މަގޭ ދަރި…!” ޝަމީހާ ރޮއިގެންފައި އެތެރެއަށް ދުއްވައިގެންފިއެވެ. ބަލާކަށް ނުހުރެ އަހަރެން ވެސް އެތެރެއަށް ދެމިގެންފީމެވެ. ވާނުވާ ނޭނގި ބޭރުގައި ޚަބަރަކަށް އިންތިޒާރު ކޮށްކޮށް ތިބި އަވަށްޓެރީންގެ ބައެއް މީހުން ވެސް ފަހަތުން ވަދެއްޖެއެވެ. އެ އެންމެނަށްވުރެ ކުރިން ގޮސް އަހަރެން ބަލާކަށް ނުހުރެ ޒައިޝާގެ ކޮޓަރީގެ ތަޅު ހަލާކު ކޮށްލީ މާ ބޮޑަށް ވެސް ލަސްވެއްޖެކަން އެނގުމުންނެވެ.

ދޮރުހުޅުވާލާފައި އެތެރެއަށް ވަދެ ބޮކި ދިއްލާލުމާއެކު އަހަރެންގެ ހިތް ހުއްޓުނު ކަހަލައެވެ. “ޒައީ…..” އަހަންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ޝަމީހާ ވަގުތުން ހެއަށް ގޮތްވެގެން އިނާދުގެ އަތްމައްޗަށް ދެމުނެވެ. އިނާދު ވެސް ދަރިފުޅާއޭ ކިޔާ ރޮއިގެންފިއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ނިމިދިޔުން މިހާ ހިތިވާނެކަމަށް ހީކުރާނީ ކޮން މަޔަކާއި ބަފައެއް ހެއްޔެވެ؟

ފަންކަލުގައި ބެޑްޝީޓް އައްސައިގެން މީހާގެ ބަރަށް އެލި ޒައިޝާ އެ ވަނީ ދަންޖެހިފައެވެ. އޭނާ އެ ދިޔައީ އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލައިފައެވެ. އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ފޮނި އުންމީދުތަކެއް ވިއްސިވިހާލިވެގެންދިޔައީއެވެ. ބޭވަފާތެރިކަމުގެ ހިތި ރަހަ ލިބި އަހަރެން ޒައިޝާދެކެ ވީ ލޯބި، އަގެއް ނެތް އެއްޗެއް ކަމުގައި ވެގެން ދިޔައީއެވެ. އެހެނަސް އެ ލޯބި ވަނީ އަހަރެންގެ ކަށީގައި ހިފާފައެވެ. މި ހިތަކުން ޒައިޝާގެ ހަނދާންތައް ދުވަހަކު ވެސް ނުފިލާނެއެވެ. އޭނާއާ އެކުގައި އަހަރެންގެ ހުރިހާ އުފާތަކެއް ވެސް ކަފުންކުރެވުނު ކަހަލައެވެ.

“ޖައީ… ދެން އަޅެ އާދެބަލަ.. ޖައި ނައިސްގެން އިޝޫ ރޮނީއޭ..” އެ ހިތި މާޒީގެ ތެރެއިން އަހަންނަށް ނުކުމެވުނީ އަހަރެންގެ ލޯބިވާ އަންހެނުން ޝިޔާގެ އަޑަށެވެ. “އާނ… އިޝޫ ދޫނި.. ބައްޕި މި އަންނަނީ..” އަހަރެން އެތެރެއަށް ވަނީމެވެ. ޝިޔާގެ އުނގުގައި އިން ލޯބި ފުށްގަނޑު އުރާލައި ލޯބިކޮށްލީމެވެ. ޝިޔާ ހިނިތުންވެފައި ބަލަހައްޓައިގެން އިނެވެ. ޒައިޝާ ބުނިފަދައިން އަހަރެން މިއަދު މި ވަނީ އާ ޙަޔާތެއް ފަށައި ޒިންމާދާރު ފިރިއަކަށް އަދި ބައްޕައަކަށް ވެފައެވެ. ނަމަވެސް އަހަރެންގެ ހިތުގެ ކަނެއްގައި ޒައިޝާގެ ނަން ދެމިއޮތެވެ. އަދިވެސް މި ހިތުގައި އެ ކެހިވެރިޔާއަށްޓަކައި ވިންދުތަކެއްވެއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ޒައިޝާ އެއީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. އެއް އިރެއްގައި އަހަރެންގެ ދިރިއުޅުމުގެ މަޤްޞަދެވެ. ނަމަވެސް ހާލަތު މިއަދު މި ވަނީ ބަދަލުވެފައެވެ. މިހާރު އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ޝިޔާއާއި ލޯބިވާ ދަރިފުޅު އިޝްކާއެވެ. ޒައިޝާގެ ލޯބީގެ ހަދިޔާ މިހާރު އެއީ ޝިޔާގެ މިލްކެކެވެ. މާޒީގެ ހިތި ޒަހަރު ފޮނި ޝަރުބަތަށް ހަދައިދިނީ އެ މާތް އަންހެން ކުއްޖާއެވެ. އަހަރެންގެ ލޯބިވާ ދަރިފުޅުގެ މަންމައެވެ. ހުރިހާ ގޮތަކުން ވެސް ޝިޔާއަށް ޝުކުރު ޙައްޤެވެ. ޒައިޝާގެ ބޭވަފާތެރިކަމުގެ މައްޗަށް ލޯބިދީ އަހަރެންގެ ޒަޚަމްވެފައިވާ މި ހިތަށް ޝިފާއެއް ހޯދައިދިނީ ވެސް އޭނާއެވެ. އަހަރެންގެ ބަލިކަށިވެފައިވާ ހިތްވަރު އާލާކޮށްދީ ދިރިއުޅުމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދިނީ ވެސް ހަމަ ޝިޔާއެވެ. ލޯބީގެ އަގު އަދާކުރަން އޭނާ ދަނެއެވެ. ލޯބިވާންވީ ކާކުދެކެ ހެއްޔެވެ؟ ކެހިވެރި ބޭވަފާތެރިއެއްދެކެ ހެއްޔެވެ؟ ނޫނީ ރަނގަޅު ޞާލިޙު އަނތްބެއްދެކެ ހެއްޔެވެ؟ އަހަންނަށް އޯގާވެރިވީ ޝިޔާއެވެ. ޒައިޝާ އެއީ ބޭވަފާތެރިއެކެވެ. އެހެނަސް އަހަރެން ލޯބިވީމެވެ.

 

(ނިމުނީ)

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 710 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ތީ އޭ ހަނދަކީ – އިޢުލާން

Next

ހިމޭން ލޯބި

Next
March 22, 2025

ހިމޭން ލޯބި

Previews
March 22, 2025

ތީ އޭ ހަނދަކީ – އިޢުލާން



All Right Reserved!