އެކްޓަރ (ޕާޓް 1)
ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން، ކުރިމަތިން ފެންނަން އޮތް ކާރޫ ބާރޫ ބޮޑު މަގަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އަހަރެންގެެ ބޮލުގައިވަނީ ގަދަ ރިހުމެއް އުފެދިފައެވެ.ނުވިސްނަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެ ޚިޔާލުތައް އަހަރެންގެ ސިކުނޑި ކަމުން ދަނީއެވެ.އިންޒާރެއްނެތި އަހަރެންގެ ދިރިއުޅުމަށް ބިންދާލި އެބިޔަ ރާޅުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުމާއި މެދު ސުވާލު އުފެދިއްޖެއެވެ. އަހަރެންގެ މުޅި ދިރިއުޅުމަކީ ދޮގެއްގެ ގޮތުގައި ސިފަކުރެވިގެން ހިނގައްޖެއެވެ.
****
މި ދުނިޔެމަތީގައި ތަކުލީފެއް އުފުލަން ނުޖެހޭ މީހަކު ނިކަން ދައްކަބަލާށެވެ.އެހެނަސް ކެތްތެރިވެ، ހިތްވަރާއިއެކު އެ ދިރިއުޅުމާއި ކުރިމަތިލަނީ ކިތައް މީހުން ހެއްޔެވެ؟އަނެކުންނާއި މެދު ވިސްނައި، އަމިއްލަ އިޙްސާސްތައް ވަޅު ޖަހައި ފޮރުވާލަނީ ކިތައް މީހުން ހެއްޔެވެ؟ޚުދު އަހަރެންވެސް ދިރިއުޅުމަށްޓަކައި ކުރަމުން މިދަނީ ހަނގުރާމައެކެވެ.
****
އަހަންނަކީ ވަރަށް ހަމަޖެހޭ މީހެކޭ ބުނެވިދާނެ ކަންނޭނގެއެވެ.ހިތްހަމަ ނުޖެހުނަސް ،ދެރަވިޔަސް އެކަން އަހަރެން ފާޅެއް ނުކުރަމެވެ.އަހަންނަކީ ހަމަ ހުރެފައި ރުޅިއަންނަ މީހެއްވެސް ނޫނެވެ.ކަމެއް އެންމެ ފުރިހަމަ ނުވެގެން ޝަކުވާއެއްވެސް ނުކުރަމެވެ.އަހަރެންގެ މި ސިފަތަކުގެ ސަބަބުން އަހަރެންގެ މައިންބަފައިން އަހަންނަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދިނެވެ.އެހެނަސް އެކަމުގެ ސަބަބުން އަހަންނާއި އަހަރެންގެ އެއްބަނޑުގައި ދެން ތިބި ތިންމީހުންނާއި ދެމެދު ނަފްރަތުގެ ފާރެއް ލެވިގެން ދިޔައެވެ.ސަބަބެއް ނެތިއެއް ނޫނެވެ. އެމީހުންގެ އުޅުން އިސްލާހުކުރަން އަަބަދުވެސް އަޅާކިޔާނީ އަހަރެންނާއިއެވެ.’ތުއްތޭ ނުލާހިކު ބަސް އަހައޭ ތުއްތޭ މިހެންނޭ ތުއްތޭ އެހެންނޭ‘ ނުކިޔާ އަޑު ނީވޭ ދުވަހެއް މަދުވާނެއެވެ.
****
އަހަންނަކީ މާލެއަށް އުފަން މާލޭގެ ރައްޔިތެކެވެ. އަހަރެންގެ މައިންބަފައިންނަކީ މާލޭގައި އަމިއްލަ ގެދޮރު ހުރި ތަނަވަސް ބައެއްކަމުގައި ވިޔަސް އެމީހުންނަށް ބަރޯސާވެގެން މުޅި އުމުރު ވެއަތުކޮށްލުމަކީ އެއްގޮތަކަށްވެސް އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. ސްކޫލް ނިންމި ގޮތަށް އަހަރެން ވަޒީފާއަކަށް ދާން ފަށައިފީމެވެ. އެގޮތަށް ގޮސް މަތީ ތަޢުލީމު ހާސިލުކޮށް ނިންމާލީ ވެސް އަމިއްލަ މަސައްކަތުން ލިބުނު އެއްޗަކުން ޚަރަދު ކޮށްގެންނެވެ.
****
މިއަދު އަހަންނަކީ އަމިއްލަ ކުންފުންޏެއްގައި ޒިންމާދާރު އިސް މަގާމެއް ފުރަމުން އަންނަ މީހަކީ މެވެ. ނަތީޖާއެއްގެ ގޮތުން، އަހަރެންގެ މައިންބަފައިން އަހަރެން ބަލައިގަތީ ވަރަށް ހަރުދަނާ ޒިންމާދާރު މީހެއްގެ ގޮތުގައެވެ. އަހަރެންނަށް ފުރިހަމަ މިނިވަންކަން ދިނެވެ.ނަމަވެސް އެކަންވެސްވީ އަހަރެންގެ އެއްބަނޑު ގައި ދެން ތިބި މީހުންނަށް ’ހަޖަމުކުރަން‘ އުނދަގޫވި ކަމަކަށެވެ.
****
އަހަރެންގެ ދޮންބެ އުޒައިރަކީ އެއްވެސް ކަހަލަ ހަރުދަނާކަމެއް ހުރި މީހެއް ނޫނެވެ.އަހަންނަށްވުރެ ތިން އަހަރު ދޮށްޓެއް ކަމަކު އުޅުން ހުންނަނީ ފުރާވަރު ޒުވާނެއްގެ އުޅުން ހުންނާނެ ބީދައިންނެވެ.ވަޒީފާއެއް އަދައެއް ނުކުރެއެވެ. ރުފިޔާއަކަށް ބޭނުން ޖެހުނީމާ ސަލާން ޖަހަނީ މައިންބަފައިންގެ ގާތުގައެވެ.ނުވިތާކަށް ގޭގެ އެއްވެސް ކަމެއްގައި އެހީއެއް ވަނީކީ ނޫނެވެ.ކަމެއް ކުރަން ޖެހުނިއްޔާ ޖެހޭނީ އަހަރެން އެކަނިމާ އެކަންޏެވެ.އޭނާ އިސްކަން ދެނީ އޭނާގެ ވިޔާނުދާ ރައްޓެހިންނަށެވެ.ދެން، ދެއިރު ކާ ބޭސްގުޅައެއްހެން ’ބިޓުން‘ ބަދަލުކޮށްލުމަކީ އޭނާގެ އާދައެކެވެ.ދެ ފަހަރު އެކަކު އޭނާގެ ސައިކަލު ފަހަތުގައި އިންދާ ފެނުމަކީ ނާދިރު ކަމެކެވެ.
****
ދެން ތިބީ ހަގަށް ތިބި އެއްމާބަނޑު ދެބެއިންނެވެ.ޒަޔާއާއި ޒީވާއަކީ ޒީލަ ގަދަކަމުގައި އަރާތިބި ދެމީހުންނެވެ.ހިތް މޮޅުކަމުން ހިތް އަރާ އޮންނަނީ އާސްމާނުގައެވެ.ކަންނެތްކަމުން ’އުއްޑުން އޮންނަ ނާށި ބަންޑުން‘ ޖަހައިލަންވެސް ނުކެރެެއެވެ. އަމިއްލައަށް ދާކުރާ އަންނައުނު ގަނޑުވެސް ދޮވެދޭން ޖެހެނީ މަންމައަށެވެ.ކޮންމެ ކޮންމެ އެއްޗެއް އަރުތެރެއިން ދިރޭ ކަމަކަށްވެސް ނުވެއެވެ.ދެން މިހެން ގޮސް ކިތަންމެ ކަމެކެވެ.
****
އުޒައިރު،ޒަޔާ އަދި ޒީވާއަށް ވެސް މަންމައާއި ބައްޕަގެ ތަގުރީރުތައް އަޑު އަހަން ނުޖެހޭ ދުވަހަކަށް އިރެއް ނާރައެވެ. އެހުރިހާ ކަމަކުން ބަރީއަވެފައި ހުންނަނީ އަހަންނެވެ.އެކަމާއި އެ ތިން މީހުން އަހަރެންދެކެ އަރަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެމީހުންގެ ބަހުން ނަމަ އަހަންނަކީ މަންމައާއި ބައްޕަގެ ’ރަން ދަރިއެވެ.‘
****
’ކިހާ ދެރަކަމެއްތަ މިހިރަ ނުލަފާ މީހާގަނޑާ!ހުރިހާކަމެއް ފަނިކޮށްލައޭ!‘
ކޮޓަރިން ނުކުތް ގޮތަށް ޒާޔާ އަޑުގެ ނެތްތަނަށް ހަޅޭއް ލަވައިގަތެވެ.
’ޒަޔާ ހަމަ މިހާރު ހުއްޓާލާ! ތުއްތޭއަށް އިޙުތިރާމު ކުރުމެއްވެސް ނެތޭދޯ؟! މާ މައްޗަށް ތިދަނީ!‘ ޒަޔާގެ ރުޅިގަނޑު އަމާޒުވެފައި ހުރީ އަހަންނަށްކަން އެނގި ބައްޕަ އަހަރެންގެ ދިފާޢުގައި ވާހަކަދެއްކިއެވެ.އެކަންވީ އަނދަ އަނދާ ހުރި އަލިފާންގަނޑަކަށް ’ދަރު‘ އެޅުން ކަހަލަ ކަމަކަށެވެ.ޒަޔާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.’ މަށެއް ނޫޅެން ހޭބަލިވެގެނެއް.. އަދިވެސް ރަންކޮށްގެން ތަޚުތުގައި ބައިންދަބަލަ!‘ރައްދު ދީފައި އެބާރު މިނުގައި ޒަޔާ ކޮޓަރީގެ ދޮރު ’ބަން‘ ލާފައި ޖަހައިފިއެވެ.އަހަރެންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.
****
ކަންވީ ގޮތަކީ ޒަޔާގެ ’ބޯއީފުރެންޑް‘ އޭނާއާއި ރުޅިވީއެވެ.ނޫނެކެވެ.ރަނގަޅު ގޮތަކީ އަހަރެން އެދެމީހުންގެ ގުޅުން މަންމައާއި ބައްޕައަށް ފަޅާ އަރުވާލައިގެން މަންމަމެން އެކަންތައް ހުއްޓުވީއެވެ.އަހަރެން ޢަމަލުކުރި ގޮތާއިމެދު އިންސާފު ކުރުމުގެ ކުރިން ޒަޔާ އަހަންނަށް ދޭން އުޅުނު ’ދޯކާގެ‘ ވާހަކަވެސް ޙިއްޞާ ކޮށްލާނަމެވެ.
ޒަޔާއާއި އެ ޒުވާނާގެ ގުޅުން އަހަންނަށް ފަޅާ އެރިތާ ކިތަންމެ ދުވަހެކެވެ.އެމީހުން ކޮށްއުޅޭ އެއްވެސް ކަމަކާއި ބެހި ހެދުމަކީ މީގެ ކުރިން އަހަރެން ކުރިކަމެއް ނޫނެވެ.ފެނުނަސް އަޅައިވެސް ނުލަމެވެ.އެ ޒުވާނާއަކީ ޑުރަގުގެ އިމާމެކެވެ. ނަސޭހަތް ދޭން އުޅުނަސް ޒަޔާ އަހަރެންގެ އަޑެއް ނާހާނެކަން އަހަންނަށް ރޭގަނޑާއި ދުވާލު ފަދައިން އެނގެއެވެ.މައިންބަފައިންގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓާލުމަކީ ޒަޔާ ނުލާހިކު ކުރަން ބޭނުންވާ ކަމެކެވެ.އޭނާ މަސައްކަތް ކުރީ އޭނާގެ ލޯބިވެރިޔާއާއި އެއްބަސް ކިޔައިގެން އަހަރެން ޑުރަގުގެ މައްސަލައެއްގައި ބައްދައިލުމަށެވެ. އެހެނަސް ތަގުދީރު އަހަރެންގެ ކޮޅަށް ބުރަވީތީ އަހަންނަށް އެކަން ފަޅާއެރީ އެވެ.އެއް ލޭ ހިނގާ މީހަކަސް ޒަޔާ އެކުރީ ’ފިލާވަޅެއް ނަގައިދޭން‘ މަޖުބޫރުވާކަހަލަ ކަމެއްކަމަށް އަހަރެންގެ ޟަމީރު އެއްބަސްވިއެވެ. ޒަޔާގެ ލޯބިވެރިޔާ ޕޮލިހަށް ރިޕޯޓުކޮށްލީ އަހަންނެވެ.މަސްތުވާ ތަކެއްޗާއިއެކު ’ރެޑްކޮށް‘ އޭނާ ހައްޔަރުކުރެވުނެވެ. އެހިސާބުން ދެން އެވާހަކަ ހޫނުކަމާއިއެކު މަންމަމެންނާއި ހިސާބަށް ގެންދިޔައީވެސް އަހަންނެވެ.ޒަޔާ ރުޅިއައީ އެކަމުގެ މުގުލުގައި ހުރީ އަހަރެންކަން އެނގުމުންނެވެ.އެހެނަސް އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ.’މިނެދެވޭނީ މިނެދޭ ނާޅިންނެވެ.‘
****
އަހަރެންގެ ނަމަށް ހުތުރު އަރުވަން އުޅެނީ ހަމައެކަނި ޒަޔާއެއް ނޫނެވެ.އެއްބަނޑުގައި ދެން ތިބި ދެ މީހުންވެސް ތިބެނީ ފުރުސަތަކަށް ބަލަބަލައެވެ. އެ ތިން މީހުންނަކީ އެކަތިގަނޑަކެވެ.ބާކީ ކޮށްފައި ހުންނަނީ އަހަންނެވެ. އޭގެތެރެއިން މީހަކަށް ކަމެއްވެއްޖެއްޔާ ނުލާހިކު ކަންތައް ބޮޑުވެސްވެއެވެ. އެހެނަސް އަހަރެން ބަލިވެ ހިރިނުލެވިފައި އޮތަސް މަރުވީތޯ ބަލައިލަންވެސް އެއިން މީހަކު ނާދެއެވެ.މަންމަމެން އަހަރެން ދެކެ ލޯބިވާތީ ފިލުވަމުންދާ ޒާތީ ޙަސަދައެކެެވެ.
****
ދުނިޔޭގެ ލޯތަކަށް ވަރަށް ’ޗިލް‘ މީހެއްގެ ގޮތުގައި އަހަރެން ސިފަ ކުރެވުނަސް އެ ’ޗިލް‘ ކަމުގެ ފަހަތުގައި ފަރުދާ ވެފައިވަނީ ކިހާ އަނދިރި އިހްސާސްތަކެއްކަން އެއްވެސް މީހަކަށް އަންދާޒާކޮށްލާކަށް ނޭނގޭނެއެވެ.އަނެކުންގެ އުފަލާއި މަސްލަހަތަށްޓަކައި އަމިއްލަ ނަފްސުގެ ހަމަޖެހުން ނަގާލަނީ ކިތައް އިންސާނުން ހެއްޔެވެ؟އަހަރެންގެ ނަންވެސް އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެކަން ގައިމެވެ.
****
ޑިއުޓީ ނިންމާފައި އަހަރެން ގެއަށް އައި އިރު ޒީވާ ސިޓިންރޫމް ސޯފާގައި ވެޑުވިލައިގެން އޮތެވެ.އަހަރެން ފެނުމުން އޭނާގެ މޫނު މައްޗަށް ހީވީ ކުނި ބިހެއް ތަޅައިލިހެންނެވެ.ތުން އަނބުރާލާފައި ފޯނަށް ނަޒަރު ހުއްޓާލި އިރު ދެބުމަ ހުރީ ގޮށް ޖެހިފައެވެ. މީ ހަމަ ޒަޔާގެ އަނެއް އެތިފަހަރެވެ.ދެ މީހުން ޙިއްސާ ކުރަނީ ހަމައެކަނި ބޭރުފުށުގެ ސިފަ އެކަންޏެއް ނޫނެވެ.އުޅުމާއި އަޚުލާޤީ ފެންވަރުވެސް ހަމަ ’ކޮޕީ ޕޭސްޓެވެ‘.
ޒީވާ އެހުންނަނީ އަހަރެން ނުވެސް ކުރާކަމެއްގެ މަތި އަހަރެންގެ ބޮލުގައި އަޅުވައިގެން ރުޅިއައިސްފައެވެ.އޭނާ ސިނގިރޭޓު ބޯކަން ބައްޕައަށް ފަޅާއެރީ އެކަމުގައި އަހަރެންގެ އަތެއް އޮވެގެނެއް ނޫނެވެ.އެކަމަކު ކަމެއްވިއްޔާ އަަބަދުވެސް އިނގިލި ދިއްކުރާނީ އަހަންނާއި ދިމާލަށެވެ.
****
އަހަންނަށް ވެގެން ވާނެ ނަމަ މިހާރު ދިރިއުޅޭނީވެސް ވަކިންނެވެ.އެހެނަސް އެއީ އަހަރެންގެ މައިންބަފައިން ހިތްހަމަ ޖެހޭ ގޮތަކަށް ނުވިއެވެ. އަހަރެން އާދޭސްކުރަމުން ވެސް ބައްޕަ ކުލި ދައްކާ ގޮތަށްވެސް ގެއިން ވަކި އެޕާޓުމަންޓެއް އަހަންނަކަށް ނުދިނެވެ.އެކަން އެގޮތަށް ވާނީ އަހަރެން މީހަކާ އިންނަ ދުވަހަކުން ކަމަށްބުނެ ނިންމައިލީއެވެ.އަހަރެންވެސް އަދި ޒަވާޖީ ހަޔާތެއް ފަށާކަށް ބޭނުމެއް ނުވެއެވެ.ބައްޕަ ބުނި ބަހާއި ވިއްދައި އެއްޗެކޭ ބުނަން ނުހެދީ އެހެންވެއެވެ.
****
އެޕާޓުމަންޓުގެ ބެލް އަޅާލި އަޑަށް ސޯފާގައި އޮތް ޒީވާ ކަންނެތް ގޮތަކަށް ބޯ ހިއްލާލިއެވެ.އަހަރެން ފެންނަން ހުރީތީ ’ގޮސް ދޮރު ހުޅުވާށޭ‘ ބުނާކަހަލަ ބީދައަކުން ބަލައިލިއެވެ. ވީ ފޫއްސެއް ބުނެދޭންވެސް ނޭނގެއެވެ.ހިތާހިތުން ކުދި ކިޔަމުން ގޮސް ދޮރު ހުޅުވާލި ވަގުތު ފެނުނު މަންޒަރުން އަހަރެންގެ ނިތުގައި ރޫތައް ގިނަވެގެން ދިޔައެވެ.
****
ދޮރުމަތީގައި އެހުރީ ޔަގީނުންވެސް އުޒައިރުގެ ’ކަމެކެވެ‘.އޭނާގެ ’ޓައިޕަކީ‘ މީހަކަށް އޮޅޭނެ އެއްޗެއް ނޫނެވެ.ދޮން ބަށްޓެއްހެން ހީވާ އެ އަންހެން ކުއްޖާ ލައިގެން ހުރި ނިވާކަން ކުޑަ ހެދުމުގެ ސަބަބުން އަހަންނަށް އޭނާއާއި ދިމާއަށް ބަލައިލަންވެސް އުނދަގޫވިއެވެ.ރީތިކަން އިޝްތިހާރުކުރަން އުޅެގެން މުޅި ހަށިގަނޑު ނީލަން ކިޔޭ އިރު ވެސް މިއުޅޭ ކުދިންނަކަށް ނޭނގޭނެއެވެ.އޭނާ ޖަހައިގެން ހުރި ސެންޓުގެ ވަސް ގަދަކަމުން އަހަންނަށް ނޭފަތް ހަދައި ލެވުނީ ބޭއިޚްތިޔާރުގައެވެ.އަހަންނަކީ ވަސް ގަދަ ސެންޓުތަކުގެ ވަސް ޖެހުނީމާ ވަރަށް އުނދަގޫވާ މީހެކެވެ.
****
’ މީ..ކޮބާ…އުޒޭ..؟‘ ތުއި އަޑަކުން އެ އަންހެން ކުއްޖާ ބުނެލިއެވެ.އަހަރެން ’ދޮންބޭއޭ‘ ކިޔާ ދެފަހަރަކު ގޮވާލި ފަހުން ޓީޝާޓުގަނޑު ބޮލަށް މަހަމުން އުޒައިރު ކޮޓަރިން ނުކުތް ތަން ފެނުނެވެ.އުޒައިރު އައިސް ދޮރު ކައިރިއަށް ލެފިލިތަނުން އެ އަންހެންކުއްޖާ އޭނާގެ އަތުގައި ހިފައި ލަތްކެއް ޖަހައިފިއެވެ.އެކަމަކު އޭނާގެ ދުލުން ދެން ބޭރުވީ ބަސްތައް އިވިފައި އުޒައިރު ގެ މޫނުމަތި މުޅީން ބަނަވެއްޖެއެވެ.ޚުދު އަހަރެންނަށްވެސް ލިބުނީ ސިހުމެކެވެ.
އެއަންހެންކުއްޖާ ބުނެލީ އުޒައިރަށްވުރެ އަހަރެން ރީތިވެފައި’ސެކްސީ‘ ވާހަކައެވެ.އަދި އަހަންނާއިއެކު ’ރެއެއް ހޭދަ ކޮށްލަން‘ ލިބުނިއްޔާ އޭނާ އެކަންވެސް ކުރާނެ ވާހަކައެވެ.ސަމާސާއަކަށް ހަދާފައި ބުންޏަސް އޭނާ އެހެން އެބުނީ އަހަންނަށް އަޑު އިއްވަން ކަން އެނގުނެވެ.ލަދު ހަޔާތް ކޮބައިބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
އުޒައިރު ގެ އަލިފާން ނަޒަރު އަހަންނަށް ސީދާ ވިއެވެ.އޭރުވެސް އެ އަންހެން ކުއްޖާ ހުރިީ ދަހިވެތި ގޮތަކަށް އަހަންނަށް ނަޒަރު ހުއްޓާލައިގެން ނުލަފާ ހިންޏެއް އައިސްފައެވެ.ދެވަނަ ސިކުންތު އުޒައިރު އެ އަންހެން ކުއްޖާގެ އަތުގައި ހިފާ ދަމަމުން ކަހަލަގޮތަކަށް ލިފްޓާއި ދިމާލަށް ހިނގައިގެންފިއެވެ.ވަރަށް ހިތްހަމަނުޖެހިގެން އެ އަންހެން ކުއްޖާއާ ދިމާލަށް ކޮންމެވެސް އެއްޗެކޭ ބުނި އަޑު އިވުނު ނަމަވެސް މާ ބޮޑަކަށް ސާފެއް ނުވިއެވެ. އޭނާ އެ ގެންގުޅޭ މަންޖެމެންގެ ލޮލުގައި އަހަރެން އަޅަައިގަތް މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.އުޒައިރު އެކަމާ އަހަރެން ދެކެ އިންތިހާއަށް ރުޅި އާދެއެވެ.އެހެނަސް އަހަރެންގެ ސިފަ އެމީހުންނަށް ރީތިވުމަކީ ދެން އަހަރެންގެ ކުށެއް ހެއްޔެވެ؟ މީހުން ކުރާ ތައުރީފުތަކަށް އަހަރެން އެއްވެސް ސަމާލުކަމެއް ނުދެމެވެ.އަދި މުޅިއަކުން އެވާހަކަތައް ގަބޫލެއްވެސް ނުކުރަމެވެ.އެކަމަކު ދެން މިވަރުން ދާނަމަ އުޒައިރުއާއި ވާދަ ޖަހައިގެން މޮޅުވާނީ އަހަރެން ކަންނޭނގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.






Vrh reethi adhi intresting story eii…
Keep it in
Thank you! ❤️
Reethi
Thank you! ❤️
Masha Allah vrh reethi vaahaka eh..
When’s next part?
Thank you!In sha allah soon ❤️