!ރަމަޟާން މަހަށް ތައްޔާރުވަމާ
ރޭގަނޑު އަށެއް ޖެހިއިރު ގޭގެ ދޮރު ހުޅުވާލުމަށްފަހު ޢައިޝާ މަންމައާއެކު ބޭރަށް ނިކުތެވެ. އޭރު މުޅި ރަށް އޮތީ ފަޅުވެފައެވެ. ދެމައިންގެ މިސްރާބު ހުރީ ރަށުގެ ބަނދަރު ފަރާތާ ދިމާއަށެވެ. ބަނދަރާ ގާތްވަމުން ދިޔަވަރަކަށް އެދިމާލަށް އެކިވަރުގެ މީހުން ދާތަން ފެންނަން ފަށައިފިއެެވެ. ބަނދަރުގައި ޖަހާފައިހުރި މަދަހައިގެ އަޑުވެސް މަޑުމަޑުން އިވެން ފަށައިފިއެވެ.
“މަންމާ، ދެން ކީއްވެތަ ކޮންމެ އަހަރަކުވެސް ރޯދަމަސް ކައިރިވީމާ ދަރުސް ބާއްވަނީ؟” ޢައިޝާ ދަރުހަށް އައީ އަންނަ ހިތުން ހެންނެއް ހިޔެއް ނުވެއެވެ.
“އެއީ އަނެއްކާވެސް މިއަންނަ ހެޔޮކަމުގެ މޫސުމަށް އަހަރެމެންގެ ހިތުގައި އީމާންތެރިކަން ވަރުގަދަކުރަންވެގެން. މި ބަރަކާތްތެރި މަސް އަނެއްކާވެސް އަހަރެމެންނާ ބައްދަލުކުރާއިރު އަހަރެމެންގެ ހިތުގައި އަޅުކަންތަކަށް އޮތް ޖޯޝު އިތުރުކުރުމަށް.” ހިނިތުންވެލާފައި ޢައިޝާގެ މަންމަ ޖަވާބުދިނެވެ.
“އެކަމަކު މަންމާ! ކޮންމެ ފަހަރަކުވެސް ދަރުހުގައި ކިޔަނީ އެއްވާހަކައެއްނު. ޢައިޝާއަށްވެސް މިހާރު އެނގޭ ރޯދަމަހު ލައިލަތުލް ޤަދްރިވިލޭރޭ އަންނަކަމާ، އެރެއަކީ އެއްހާސް މައްސަރަށްވުރެ މަތިވެރި ރެއެއްކަންވެސް. އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރު. ނޫންތަ މަންމާ!” ޢައިޝާ ބުނެލިއެވެ.
“ދަރިފުޅާ. މަންމަ ދަރިފުޅަށް އެއްދުވަހަކު ވަރަށް ރީތި މަލެއް އަޅާ ގަހެއް ގަނެދިނީ އިނގޭ. ދަރިފުޅު އެގަސް ވަރަށް ލޯބިން ބަލާ ބޮޑުކުރަން ބޭނުންވޭ. އެގަހުން މާ އަޅާތަން ދެކެން ބޭނުންވެއްޖެ. ދެން ދަރިފުޅު ކޮންމެ ދުވަހަކު ހެނދުނާ ހަވީރު އެގަހަށް ފެންދޭން ފަށައިފި. ހަފްތާއެއްތެރޭ އެގަހުގައި އާކުރިއެއް ޖަހައިފި. މިހިސާބުން ދަރިފުޅަށް އެނގިއްޖެ އެގަސް ރޯވެއްޖެކަން. އެހެންވެ އޭގެފަހުން ގަހަށް ފެންދިނުމުގައި ފަރުވާ ކުޑަކޮށްލައިފި. އެދުވަސްކޮޅަކީ ވާރެވެހޭ ދުވަސްކޮޅެއްނޫން. އަވިގަދަ ހޫނު ދުވަސްކޮޅެއް. ދަރިފުޅު ވިސްނާލާފަ ބުނެބަލަ ދެން އެގަަހަށް ކިހިނެއް ވާނީ؟” އެންމެ ފުރަތަމަ މަންމަ ކިޔައިދިން ވާހަކަތައް ޢައިޝާއަށް އެހާބޮޑަކަށް ނޭނގުނެވެ.
“ގަހަށް ފެން ނުދެންޏާ ގަސް މަރުވާނީ.” މަންމަ ކުރި ސުވާލާމެދު ވިސްނާލާފާ ޢައިޝާ ޖަވާބު ދިނެވެ.
“އަހަރެމެންގެ ހިތުގައިވާ އީމާންތެރިކަމަކީވެސް ގަހެއް ކަހަލަ އެއްޗެއް. އެއަށް ފެންނުދޭނަމަ އީމާންތެރިކަން އަހަރުމެންގެ ހިތުން މަޑުމަޑުން ފުހެވިގެން ހިނގައިދާނެ. އޭރުން ހެޔޮބަހެއް އިވުނަސް އަހަރެމެންގެ ކަންފަތަކަށް އެބަހެއް ނުއިވޭނެ. އޭގެ ކުރިން ހިތަށް އީމާންތެރިކަމުގެ ފެންދީ ވަރުގަދަކުރަން މަސައްކަތްކުރަން ޖެހޭނެ. ދަރުސްތަކަށް ދިޔައީމަ އަހަރުމެންގެ އީމާންތެރިކަން ވަރުގަދަކޮށްދެނީ. ވިސްނިއްޖެތަ؟” އަނެއްކާވެސް ޢައިޝާގެ މަންމަ ހިނިތުންވެލިއެވެ.
“ލައްބަ މަންމާ.” އޭރު ދަރުސްދޭ ހިސާބަށް އެދެމައިންނަށް އާދެވިއްޖެއެވެ.
ވާހަކަދެއްކުން ހުއްޓާލުމަށްފަހު ދެމައިންވެސް ހުސްކޮށްހުރި ގޮނޑިއެއްގައި އިށީނެވެ. އިރުކޮޅެއްފަހުން ދަރުސްދޭ ޝެއިޚް އައުމުން ދަރުސް ފެށިއްޖެއެވެ. ޢައިޝާ ދަރުހުގައި ދައްކާ ވާހަކަތަކަށް ސަމާލުކަން ދީގެން އިނެވެ. އެހެންނަމަވެސް ގިނައިރުވާނެ ފެށުމުން ނިދިއަންނަ ގޮތްވެއްޖެއެވެ.
“ކާން ދާނަންތަ؟” ދަރުސް ނިންމާލުމަށްފަހު ތެދުވަމުން ޢައިޝާގެ މަންމަ ސުވާލުކޮށްލިއެވެ.
“ނޫން. ހިނގާ ގެއަށް ދާން. ޢައިޝާ ނިދިއައިސްފި.” ވާހަކަދައްކާ ނިންމާލިވަގުތު ޢައިޝާ ހާފުރިލިއެވެ. އަނގަމަތީ އަތް އަޅާލާފައި ހާފުރި ނިމުމުން އަޢޫޛު ކިޔާލިއެވެ.
“ދަރިފުޅަށް މިރޭ ކޮންއެއްޗެއް ދަސްވީ؟ ދަރިފުޅު ބުނިގޮތަށް މިރޭވެސް ދަރުހުގައި ކިއީ ކުރިން ފަހަރުތަކުގައިވެސް ކީއެއްޗެހި.” ޢައިޝާގެ އަތުގައި ހިފާ ގެއާ ދިމާއަށް ހިނގައިގަންނަމުން ޢައިޝާގެ މަންމަ ސުވާލުކޮށްލިއެވެ.
“ރޯދަމަހު އެހާ ގިނައިން ނިދަން ނުވާނެކަން. ރޯދަމަހު ފަހުދިހައިގައި ރަނގަޅުކަންތައް ކުރުން އިތުރުކުރަން ޖެހޭނެކަން. ގޭމީހުންނަށް ނުވާވަރަށް ކައްކާފައި ބާކީވާބައި އުކާލާކަށް ނުވާނެކަން. އެއީ އިސްރާފުކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެން ނުވާތީ. ވާހަކަދައްކާއިރު ގޯސް ބަސްތައް ބޭނުންކުރުމާ، އެހެންމީހުންގެ ވާހަކަތައް ދައްކަން ނުވާނެކަން. މަންމާ! ދެބައޮޑުވުމަކީ ކޮބާތަ؟” ވާހަކައިގެ ތެރެއިން ޢައިޝާ ސުވާލުކޮށްލިއެވެ.
“އެއީ މީހުންގެ ހިތުގައި ރުޅިވެރިކަން ފަތުރަންވެގެން މީހުންގެ ވާހަކަތައް އެހެންމީހުންގެ ގާތުގައި ދެއްކުން. ރޯދަމަސް ނޫނަސް އެކަހަލަ ކަންތައްތަކާ އަބަދުވެސް ދުރުވާން ޖެހޭނެ. އެކަހަލަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި މީހުންނާމެދު ހެޔޮކޮށް ވިސްނަން މަސައްކަތްކުރަންވާނެ. އެއްވެސް މީހަކު ހިތުގައި ރުޅިވެރިކަން ނުބާއްވާ އެކަކު އަނެކަކަށް މާފު ކުރަން ޖެހޭނެ. ގޯސްކޮށް ކަންތައްކުރާ މީހާއަށްވެސް މާފުކުރަންޖެހޭނެ. އެއީ ރީތި، މަތިވެރި ސިފައެއް.” ޢައިޝާގެ މަންމަ ބުންޏެވެ.
“ޢައިޝާއަށް ދެން އެނގުނީ، ރޭގަނޑު ތަރާވީޙް ނަމާދުކުރަން ޖެހޭނެކަމާއި، ގިނައިން ޤުރުއާން ކިޔަވަން ޖެހޭނެކަމާއި، ފަގީރުކުދިންނަށް އެހީވާންޖެހޭނެކަން. ދެން މަންމަމެންނަށް އެހީވާން ޖެހޭނެކަން. މަންމާ! މިފަހަރު ރޯދަމަހު ޢައިޝާ ޚަތިމެއް ކުރާނަން. ތަރާވީޙް ނަމާދުވެސް ހުރިހާ ރަކުޢަތެއް ކުރާނަން، ކޮންމެ ރެއަކުވެސް. އިންޝާﷲ.” ޢައިޝާ ލިސްޓު ކިޔާ ނިންމާލިއެވެ.
“މީހަަމަ ކުރިންވެސް އެނގޭ އެއްޗެއްސެއްނު. އެކަމަކު ދަރުހަށް އައީމަ އަނެއްކާ މިކަންތައް މިރޯދަމަހު ކުރުމަށް ހިތުގައި އާ ޢަޒުމެއް ކަނޑައެޅުނީ. ސުވަރުގެ ދިއުމަށް ޓަކައި، ސަވާބު ހޯދަން އާ ހިތްވަރެއް ލިބުނީ.. ނޫންތަ؟” ޢައިޝާގެ މަންމަ ޢައިޝާއަށް ބަލައިލާފައި ބުނެލިއެވެ.
“ލައްބަ މަންމާ. އެކަމަކު ޢައިޝާ މިހާރު ވަރަށް ނިދިއައިސްފި. ދެން ވާހަކައެއް ނުދެއްކޭނެ. އަޅެ ހަވީރު ދަރުސް ބާއްވާނެނަމަ ދޯ.” މަންމަގެ ގައިގައި ލަތްވެލަމުން ޢައިޝާ ޝަކުވާ ކޮށްލިއެވެ.
“ތިއީ ރަނގަޅު ވާހަކައެއް. އެކަމަކު އެއީ މަންމަ ކުރާނެ ކަމެއް ނޫންދޯ.” ހިނިތުންވެލަމުން ޢައިޝާގެ މަންމަ ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށް ދިއުމަށެވެ.
“ދެން ދަރުސްތަކަށް އަންނާނަން ދޯ.” ޢަޢިޝާއަށް ބަލައިލާފައި ޢައިޝާގެ މަންމަ ބުނެލިއެވެ. މަންމައަށް ބަލައިލާފައި ޢައިޝާ ބޯޖަހާލިއެވެ. އަދި ހިނިތުންވެލިއެވެ.
-ނިމުނީ-
*ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ކިޔުންތެރިންނަށް އަރިސް ކުރަން. އަޅުގަނޑުގެ އުންމީދަކީ ހުރިހާ ކުދިންނަކީވެސް މި ރަމަޟާންމަހުގެ ހެޔޮ ދަރުމައާއި ޘަވާބު އެންމެ ފުރިހަމައަށް ހޯދުމަށް މަސައްކަތްކުރާނެ ކުދިންތަކަކަށްވުން!*
11 Comments!
Comments are closed.




!ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އާޔާ
ވަރަށް ރީތި އަދި އެހާމެ އިބްރަތްތެރި ވާހަކައެވެ
މާޝާ ﷲ
މިރަމަޟާން މަހަކީ އުފާވެރި އަދި ބަރަކާތް ތެރި މަހެ ކަމުގައި.
ލައްވާށިއެވެ.
އާމީން
!ޝުކުރިއްޔާ އަލީޝާ
Ramadan mubarak ayaa
Vaahaka reethi
Thank you Unknown gurll!
Vrh iburaitheri vhk eh aayaa .. Masha Allah 😍 …….. Ramadan Mubarak
Thank you Ghost girl👻! 🌝
Asluves varah reethi aaya shukuriyy
Hey aayaa
Vaahaka varah reethi
Why aren’t you writing the other story
Plssssssss avahah next part up kohladhy bala🥺🥺🥺
Thank you Repunzil!
I’m busy preparing for SSC & IGCSE exam nowadays. Dhen evaahaka neren fashaany June medhu thereyga In Sha Allah!
Inthizaaru kollavvaa 。◕‿◕。
vrh iburaiytheri vhk eh
masha allah vrh reethi
ramadan mubarak aayaa
Thank you pumpkin!